ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އެޕާޓީން ބުނީ އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.