ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
ތޯރިގުގެ ނަމުގައި ޕީއެންސީން ވަގު ފޯމެއް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ފުލުހުން ބަލައި އެ މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ވާގޮތުން، އެ ފޯމަކީ ސައްހަ ފޯމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އަދި އެކަން ފުލުހުންގެ މުއައްސަސާއިން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
ނަމަވެސް އެ ލިޔުން ނިންމައިލަމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ޖިނައީ ދައުވާއެއް އުފުލޭ ވަރުގެ ހެކި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ޕީއެންސީން ހުށަހެޅި ފޯމުގައި ޖަހާފައިވާ އިނގިލީގެ ނިޝާނާއި ތޯރިގުގެ އިނގިލީގެ ނިޝާނާއި ދިމާ ނުވާކަމަށެވެ. އަދި އެ ފޯމުގައިވާ އިނގިލީގެ ނިޝާން ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާ ނުވާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑީއެންއާރު ތެރޭގައި ޕީއެންސީ އަށް މެމްބަރުން ވެއްދުމަށް ފޯމު ފުރައި، ފޮޓޯތައް ޖަހައި އަދި އެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ.
އެ ފޮޓޯ ތަކުގައި މިނިސްޓަރު އިޙުސާންގެ އިތުރުން، ހޯމް މިނިސްޓްރީގެ އެހެން ސިޔާސީ ވެރިން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު ވެސް އިންނެވިއެވެ.