ވެލާނާ އެއާޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއާއި، އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި
މިރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ހިނގަމުންދާ މަސައްކަތްތަކާ އެކުއެކީގައި މިރޭ އިފްތިތާހް ކުރެވުނު މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މިގޮތުން، މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.