ފޮޓޯ: ނޫން މީޑިއާ ޓީމް
އިންތިހާބުތައް ބާއްވަނީ އިންތިހާބުކުރުމަށް، ނަމަވެސް ގިނަ ދިވެހިން ވޯޓު ދެނީ އިންތިހާބު ނުކުރުމަށް
ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރަކީ، އަދުގެ ޖީލު ހަނދާން ނެތޭނެ ކަންތައްތަކެއް ނޫނެވެ. އެއީ ގިނަ ސަބަބުތަކަކާއި ހެދިއެވެ. ދިވެހި ރައްޔިތުން ބޭނުންވީ ސަރުކާރު ހިންގުމުގައި ރައްޔިތުން ބަސް ބުނާށެވެ، އަދި އެ އަޑު ސަރުކާރުން އަހާށެވެ. ނަމަވެސް ފުރަތަމަ އެކުލަވައިލި ޤާނޫނުން ފެށިގެން ސަރުކާރާއި އިދިކޮޅު ވާހަކަ ދެއްކުމަކީ ރައްޔިތަކު ކުރާނެ އެންމެ ބޮޑު ކުށަށް އޮތީ ވެފައެވެ. އެއީ ރައްޔިތުން ނިމުމަކަށް ގެނައުމަށް ބޭނުންވި އެއް ކަންތަކެވެ. ދެން އެންމެ ބޮޑަށް ބޭނުންވި އެއްކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.
ޒަމާނީ ޑިމޮކްރަސީއާއެކީ މިހާރު އެ ބިރު ފަހަނައަޅާ ހިނގައްޖެއެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ސަތާރަ އަހަރުން އިސްލާހުކޮށް އަމަލުކުރަންފެށި ޤާނޫނު އަސާސީ އަލުން އިސްލާހު ކުރުމަށް އެމަނިކުފާނު ނިންމެވީ، އޭރުގެ ސިޔާސީ ހަލަބޮލި ކަމާއި އެކު ކުރިމަތިވި އެކިއެކި ފިއްތުންތަކުގެ ސަބަބުން 2004 ވަނަ އަހަރުއެވެ. އެހެންކަމުން، ޤާނޫނަކުން ދިވެހި ރައްޔިތުން ބޭނުންވި ބަދަލު ގެނަސް އެ ބާރު ރައްޔިތުންނަށް ލިބުނީ ފެހި ޤާނޫނު އަސާސީ ތަސްދީޤު ކުރުމާއި އެކު 07 އޯގަސްޓް 2008 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ދިވެހިންނަށް އެ މިނިވަންކަން އެންމެ ބޮޑަށް ލިބިދިނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންނެވެ.
ޤާނޫނު އަސާސީއަށް ގެނައި ބަދަލާއެކު، ސިޔާސީ ޕާޓީތައް އުފައްދާ، ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތަށް އެންމެ ފުރަތަމަ ރާއްޖޭގައި އިންތިހާބެއް ބޭއްވީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވުނު ހަތަރު ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާފައިވަނީ ތަފާތު ހަތަރު ބޭފުޅެކެވެ.
މި ހުރިހާ އިންތިހާބުތަކުން ވެސް މިހާރު އެނގެން އޮތް އެއް ހަޤީގަތަކީ، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ވޯޓުލުމަށް ނިކުންނަނީ ވަކި ކެނޑިޑޭޓަކު ރައީސަކަށް އިންތިހާބު ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި، ނަމަވެސް ވަކި ކެނޑިޑޭޓަކު ރައީސްކަމަށް އިންތިހާބު ނުކުރުމަށެވެ. މިސާލަކަށް، 2008 ވަނަ އަހަރު ނިކުތީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އެއަށްފަހު ދެން ރައީސް ޔާމީނުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށެވެ. އަދި ދެން މި އަހަރު ރައީސް ޞާލިޙް ނޫން ގޮތެއް ހޯދުމަށެވެ. އެހެންކަމުން އެއްވެސް ކެނޑިޑޭޓަކަށް މިހާތަނަށް ދެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ރައްޔިތުން ދީފައެއް ނުވެއެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު
މިއީ ގިނަ ޕާޓީތަކެއް އެކުލެވޭހެން ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވި އިންތިހާބެވެ. މި އިންތިހާބުގައި 6 ކެނޑިޑޭޓަކު ވާދަކުރިއެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ބޭނުންވާ މިންވަރަށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ނުލިބުމުން، އެންމެ ގިނައިން ވޯޓު ހޯއްދެވި ދެ ކެނޑީޑޭޓުންގެ މެދުގައި ވޯޓުގެ ދެވަނަ ބުރެއް ބޭއްވުނެވެ. އިންތިހާބުގެ ފުރަތަމަ ބުރު 8 އޮކްޓޯބަރ 2008 ގައި ބޭއްވުނު އިރު، ދެވަނަ ބުރު ބޭއްވުނީ 8 އޮކްޓޯބަރ 2008 ގައެވެ.
މި އިންތިހާބުގައި ހިނގި ތަފާތު ކަމަކަށް ބަލާލާއިރު، 1978 ވަނަ އަހަރުން ފެށިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ޤައްޔޫމް މަގާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވުމުން، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބަހުސްކުރެވުނެވެ. ސަބަބަކީ ފެހި ޤާނޫނު އަސާސީ ބުނާ ގޮތުން ރައީސްކަމުގެ ދެ ދައުރަށް ވުރެން ދިގު މުއްދަތެއް އެއްވެސް ބޭފުޅަކަށް އަދާނުކުރެވޭނެތީއެވެ. ނަމަވެސް ސްޕްރީމްކޯޓުން ނިންމީ، އެ ޤާނޫނަށް އަމަލުކުރަން ފަށާނީ ޤާނޫނު ތަސްދީޤު ކުރެވުނު ހިސާބުންކަމުން، ރައީސް މައުމޫނަށް ވާދަކުރެވޭނެ ގޮތަށެވެ. އަދި އެ އިންތިހާބުން ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރިހޯއްދެވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދެވެ.
އިންތިހާބުގެ ފުރަތަމަ ބުރު ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގެ ނަތީޖާ
އިންތިހާބުގެ ދެވަނަ ބުރު ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
2008 ވަނަ އަހަރުގެ ދެވަނަ ބުރުގެ ނަތީޖާ
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު
މިއީ ފަހަރުގާ އިންތިހާބެއް ބާތިލް ކުރި ފުރަތަމަ ފަހަރުކަމަށް ވެދާނެއެވެ. މި އިންތިހާބުގެ ފުރަތަމަ ބުރު 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު އިރު، ރާއްޖޭގެ ސްޕްރީމް ކޯޓުން އެ އިންތިހާބު ބާތިލް ކުރިއެވެ. ސްޕްރީމް ކޯޓުން އިންތިހާބު ބާތިލް ކުރަން ނިންމީ ވޯޓު ލުމުގެ ޝަރުތު ހަމަނުވާ 5،623 ފަރާތަކުން ވޯޓުލާފައިވާކަމަށް ފާހަގަ ކުރެވިގެންނެވެ. އޭގެ ތެރޭގައި މަރުވެފައި ތިބި މީހުން ވެސް ހިމެނެއެވެ.
މި އިންތިހާބުގައި އޭރު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއިން ވާދަކުރެއްވީ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއެވެ. އެއީ އެ ޕާޓީގެ ލީޑަރ މައުމޫން އަބްދުލް ޤައްޔޫމް އިންތިހާބުގައި ވާދަ ނުކުރުމަށް ނިންމެވުމާ ގުޅިގެން ބޭއްވި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރާއި ވާދަކޮށް %63 ން ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.
ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަޣާވާތަކުން ވައްޓާލާފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، 2013 ވަނަ އަހަރުގެ އިންތިހާބު ވެގެންދިޔައީ މައްސަލަ ގިނަ، އަދި ވަރަށް ވާދަވެރި އިންތިހާބަކަށެވެ. މި އިންތިހާބުގެ ފުރަތަމަ ބުރުގައި ތަފާތު ބޮޑުކޮށް އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ނަޝީދު ކުރި ހޯއްދެވި ނަމަވެސް، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭ މިންވަރަށް މަދުވީ ގާތްތަނޑަކަށް %3 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ޖުމްހޫރީ ޕާޓީ ކޯލިޝަން ހަދާ، ދެވަނަ ބުރުގެ ނަތީޖާ އެއްކޮށް ބަދަލު ކޮށްލިއެވެ. އެ ބުރުގައި އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ފުރަތަމަ ބުރަށް ވުރެން ގާތްގަނޑަކަށް 50،000 ވޯޓު އިތުރަށް ހޯއްދެވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރު ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
2013 ވަނަ އަހަރުގެ ފުރަތަމަ ބުރުގެ ނަތީޖާ
އިންތިހާބުގެ ދެވަނަ ބުރު ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
2013 ވަނަ އަހަރުގެ ދެވަނަ ބުރުގެ ނަތީޖާ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު
މި އިންތިހާބު ކުރިމަތިވިއިރު، 2013 ގައި ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށް އެންމެ ބޮޑަށް އެހީތެރިވެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ހިމެނޭހެން، ޖުމްލަ ގޮތެއްގައި އިދިކޮޅުގެ ހުރިހާ ލީޑަރުންހެން ޖަލުގައި ނުވަތަ ބަންދެއްގައި ތިބެން ޖެހުމުގެ ސަބަބުން، ރައީސް ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ހުރިހާ އިދިކޮޅު ލީޑަރުންގެ ފަރާތުން ނިކުންނެވީ އެއް ކެނޑިޑޭޓެވެ. އަދި އޭގެ ކުރިން ބޭއްވުނު އިންތިހާބުތަކާ ޚިލާފަށް، ގިނަ ސިޔާސީ ލީޑަރުންނަށް ކުރިމަތިލެވޭނެ ހާލަތެއް ނެތުމުން، މި އިންތިހާބުގައި ވާދަކުރެއްވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން އޭރުގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އާއި، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓު، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.
އިންތިހާބުގައި ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
2018 ވަނަ އަހަރު ބޭއްވުނު އިންތިހާބުގެ ނަތީޖާ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު
މިދިޔަ ސެޕްޓެމްބަރ މަހު ބޭއްވުނު ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެނޑިޑޭޓުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބެވެ. އެގޮތުން ޖުމްލަ 8 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރެއްވި 3 ކެނޑިޑޭޓެއް ވެސް ހިމެނެއެވެ.
އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތްކުރީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތެއް ހޯދައިދިނުމަށެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި އެ މަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާތީ ޖަލު ހުކުމެއްގައި ހުންނަން ޖެހުމުގެ ސަބަބުން އެކަން ހާސިލްވާގޮތް ނުވީއެވެ. އެހެންކަމުން އިދިކޮޅުން ވާދަކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއެވެ.
އިންތިހާބުގެ ފުރަތަމަ ބުރު ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ
އިންތިހާބުގެ ދެވަނަ ބުރު ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއި އިންސައްތަ
އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ
މަލްޓިޕާޓީ އިންތިހާބުތަކުގެ ނަތީޖާގެ ނަންބަރުތަކުން ފާހަގަ ކުރެވުނު ބައެއް ކަންކަން
* ވެރިކަމުގައި ހުންނަވަނިކޮށް އެންމެ މަދު ވޯޓު ލިބިލެއްވީ 2013 ވަނަ އަހަރު ރައީސް މުޙައްމަދު ވަޙީދު ޙަސަންމަނިކަށެވެ. އަދި އެ މަނިކުފާނަކީ ރައީސްކަން ކުރައްވައި، ޖެހިގެން އައި އިންތިހާބުގައި ދެވަނަ ބުރަކަށް ދެވޭ ވަރަށް ވޯޓު ނުލިބުނު ހަމައެކަނި ރައީސެވެ.
* 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ފަރަގު ކުޑަކޮށް ނިމިގެން ދިޔަ އިންތިހާބެވެ. އެ އިންތިހާބު ރައީސް ޔާމިން ކާމިޔާބު ކުރެއްވީ 6،022 ވޯޓުގެ ތަފާތުންނެވެ.
* 2018 ވަނަ އަހަރު އޮތް އިންތިހާބު އިބްރާޙިމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ މިހާތަނަށް ރިޔާސީ އިންތިހާބެއްގައި ކެނޑިޑޭޓަކު ހޯއްދެވި އެންމެ ބޮޑު އަގުލަބިއްޔަތު ހޯއްދަވައިގެން، ވޯޓުލީ މީހުންގެ %58 ރުހުމާއެކުއެވެ.
* މިހާތަނަށް އެންމެ ބޮޑު އަގުލަބިއްޔަތަކުން ބަލިވެފައިވަނީ ރައީސް ޔާމީން، 2018 ގައެވެ. އެއީ 38،653 ވޯޓުގެ ތަފާތަކުންނެވެ.
* އެހެން ރިޔާސީ އިންތިހާބުތަކާ ޚިލާފަށް 2023ގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ކުރިހޯއްދެވީ އިދިކޮޅުގެ ކެނޑިޑޭޓެވެ. މިއީ ތާރީޙުގައި މިކަން މިގޮތަށް ހިނގި ފުރަތަމަ ފަހަރެވެ. އަދި ދެވަނަ ބުރުގައި ޑރ. މުޙައްމަދު މުއިއްޒު ވަނީ އެކަން ތަކުރާރު ވެސް ކުރައްވާފައެވެ.
* މިހާތަނަށް ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް ވާދަކޮށްފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ.
މިހާތަނަށް ބޭއްވުނު މަލްޓިޕާޓީ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ