Advertisement

އެމްޑީޕީން ވަކިވެ ރޭ ޕީއެންސީއަށް ދިޔަ މެމްބަރުން --

29 Dec 2023
ކޮލަމް

އެމްޑީޕީގެ 13 މަޖިލިސް މެމްބަރުން، ޕީއެންސީއަށް ފޮނުވައި، ގެއްލުނު ވެރިކަން އެމްޑީޕީގެ މުށުތެރެއަށްލީތަ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވުމަކީ، ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އައު ކަމެއް ނޫނެވެ. އެންމެ ފުރަތަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެހެން ޕާޓީއެއްގައި ހުއްޓައި ގެނައީވެސް އެމްޑީޕީއަށެވެ. ރައީސް މައުމޫނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމަށް ފަހުގައި، އޭރު މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް، ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދު އެމްޑީޕީއަށް ސޮއެކުރެއްވުމަކީ، މެމްބަރުން އިންތިޚާބުވި ޕާޓީފިޔަވައި އެހެންޕާޓީތަކަށް ބަދަލުވުމުގެ ފެށުމެވެ. އެހެން ނަމަވެސް، މެމްބަރުން ޕާޓީ ބަދަލުކުރެއްވުމުގެ ސަބަބުން ސިޔާސީ މަޝްރަހަށް އަންނަ ބަދަލު އެކިދައުރުގައި ތަފާތެވެ. ޚާއްޞަކޮށް މިދައުރުގައި މިފެނުނީ މުޅިން ތަފާތުކޮށެވެ.

ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި، އަލަށް ޕާޓީއަކާ ގުޅުނު މަޖިލިސް މެމްބަރުން އެ ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށްވުރެ ގިނައެއް ނުވެއެވެ. އެހެން ނަމަވެސް ރޭގައި އެމްޑީޕީ ދޫކުރައްވައި އެއްފަހަރާ 13 މެމްބަރުން ގޮސް ޕީއެންސީއަށް ސޮއެކުރުމާއި އެކު، ސިޔާސީ ގޮތުން ޕީއެންސީގެ މުޅި އަސްލާއި ނަސްލާއި އޮޅި، އެންމެ ފަހުން، މަޖިލީހާއި ސަރުކާރުގެ ބާރުތައް ފާޑަކަށް އެ މެމްބަރުންގެ އަތްމައްޗަށް ފުރޮޅުނީއެވެ. އެހެންވީމާ ދިމާއަށް ފެންނަ މަންޒަރަކީ ޕީއެންސީއަށް ލިބުނު ކާމިޔާބެއް ކަމުގައި ވިނަމަވެސް، އެއީ ސިޔާސީ ގޮތުން އެމްޑީޕީން ޕީއެންސީގެ ވެރިކަން އެޕާޓީގެ މުށުތެރެއަށްލުން ކަމުގައި ބުނެވިދާނެއެވެ. އޭގެ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގައި ދެން ޕީއެންސީގެ ނަމުގައި ނިންމާ ނިންމުންތައް ބިނާވާނީ އަލަށް ގުޅުނު މެމްބަރުން ނިންމާގޮތެއްގެ މައްޗަށެވެ. އެމެމްބަރުންގެ އަޑުއެހުމަށް ޕާޓީގެ ލީޑަރޝިޕަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށްވެސް މަޖުބޫރުވާނެއެވެ. މީގެ އިތުރުން އެމެމްބަރުންގެ އިތުރު ޑިމާންޑްތަކާއިވެސް ކުރިމަތިލާންޖެހޭނެއެވެ.

ޕީއެންސީއާ ގުޅުނު މެމްބަރުން ރައީސް ޑރ. މުހައްމަދު މުޢިއްޒާއި، އަބްދުއްރަހީމާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެކު ފޮޓޯއަަކަށް ހުއްޓިގެން --

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތުމާއި އެކު ސިޔާސީ ގޮތުން ދުރަށް ވިސްނުން ހިންގުމެއް ނެތި، ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުން ގޮނޑިތައް ދޫކޮށް، ސަރުކާރާއި ގުޅުމަކީ ހެދުނު ގޯހެއްކަން ސަރުކާރަށާއި، ސަރުކާރު ހިންގާޕާޓީއަށް ރޭކާލީ، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދު 80އަށް ތިރިވުމުން މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނެސް މަޖިލީހުގެ ވޯޓުގައި އަދަދު ކަނޑައަޅާގޮތް ބަދަލުކުރުމުންނެވެ. ޕީޕީއެމް ޕިއެންސީގެ 6 މެމްބަރަކު މަޖިލީހުގެ ގޮނޑި ދޫކޮށްލެއްވުމާއި، އަދި ޤާނޫނީ ގޮތުން އެދާއިރާތަކުގެ ބައިއިލެކްޝަން ބާއްވަން ނުޖެހުމާއިއެކު، މަޖިލީހުގެ ތިންބައިކުޅަ އެއްބައި ކަމުގައި ކަނޑައެޅިގެން ދިޔައީ 54 އެވެ. އޭރު އެމްޑީޕީގައި 56 މެމްބަރުން ތިއްބެވުމާއިއެކު، ސަރުކާރު ހިންގާޕާޓީއާ ރައީސުލްޖުމްހޫރިއްޔާއަށް، އެމްޑީޕީން ދިން ނުސީދާކޮށް ދެއްކި ބިރަކީ، ޕީޕީއެމް ޕީއެންސީން ވިސްނާލުމެއްނެތި ހެދި ގޯހުގެ ސަބަބުން އެމްޑީޕީއަށް ލިބުނު ފުރުޞަތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކޮށްފާނެ ކަމުގެ ބިރެވެ.

ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރީ ކޮންމެހެން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރާކަށް ނޫނެވެ. އެކަމަކު އެބިރު އުފައްދައިގެން ސިޔާސީ ގޮތުން ސަރުކާރު ހިންގާޕާޓީ އާ ސަރުކާރު ލައްވައި ސިޔާސީ ގޯސްތަކެއް ހެއްދުވުމެވެ. މިގޮތުން އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއާ ގުޅުމަކީ ސަރުކާރަށް ހޯދުނު ކާމިޔާބަކަށް ވުރެ، ބޮޑަށް އެއީ ސިޔާސީ ގޮތުން ހެދުނު ގޯހަކުން ސަލާމަތްވާން ހެދި އެއަށް ވުރެ ބޮޑު ގޯހެކެވެ. އަދި އެއީ ސިޔާސީ ބަހުރުވައި ބުނާނަމަ އެމްޑީޕީން ދެމި ގުއިރޯނުގައި ސަރުކާރު ޖެއްސުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމަށް ރެއާ ހަމައަށް އެމްޑީޕީން ރައްޔިތުންނަށް ދައްކާނެ ސާބިތު ހުއްޖަތެއް ނެތެވެ. އެހެންވެ އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމުގެ މައްސަލަ މަޖިލީހަށް ހުށައެޅި ނަމަވެސް، އެކަމާއި ދެކޮޅަށް ރައްޔިތުން ކެކިއަރައިގަންނާނެއެވެ. އެމްޑީޕީގެ އާއްމު މެމްބަރުންވެސް އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް، އެހެން ހާލަތު އޮއްވައި، އެމްޑީޕީންއަށް މަޖިލީހުގައި މެޖޯރިޓީ އޮތްނަމަވެސް، މަޖިލީހުގައި ވޯޓެއް ނަގައިގެން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރިޔަ ނުދޭނެކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށްވެސް އެނގެއެވެ. އެހެންވެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަޤުޞަދަކަށްވީ، ފަހަރެއްގައި، ސަރުކާރުގެ ތެރެއަށް މެމްބަރުން ފޮނުވައިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ ސިޔާސީ ގޮތުން ހައިޖެކްކުރުން ކަމަށްވުން އެކަށީގެންވެއެވެ.

އެމްޑީޕީން މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމުގެ މައްސަލަ ހުށަނާޅަނީސްވެސް އެމައްސަލަ ހުށައަޅައިފާނެ ކަމަށް ބަލައިގެން، ޕީއެންސީއަށް އައި މެމްބަރުންނަށް އެޕާޓިން މަރުހަބާކީ އިރު، މިހާރު ތިބި މެމްބަރުންނާއިއެކުވެސް، ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުން ހުއްޓުވޭނޭ ވަރަށް ވޯޓެއް ހަމައެއް ނުކުރެވެއެވެ. ޕީއެންސީގެ 15 މެމްބަރުންނާއި، ޕީޕިއެމް އަދި އެމްޑީއޭގެ މެމްބަރުންނާއި އެކު ސަރުކާރަށް މަޖިލީހުން ލިބެނީ 19 މެމްބަރުންގެ ތާއީދެވެ. އެހެންވެ އަދިވެސް ސަރުކާރާއި އިދިކޮޅު 61 މެމްބަރުން މަޖިލީހުގައި އެބަތިއްބެވެ. އެމްޑީޕީއާ އެޕާޓީން މެމްބަރުން ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސްއާ ދެޕާޓީގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރެވޭނެ ސާފު އަޤުލަބިއްޔަތު އެބައޮތެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމަށް 54 ވޯޓު ބޭނުން ވާއިރު، އެދެޕާޓީގެ މެމްބަރުންގެ އަދަދަކީ 56 އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކޮށްގެން ސިޔާސީ ގޮތުން އެމްޑީޕީއަށް ފައިދާއެއް ނެތްކަމާއި އެކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ހިތުގައި އެމްޑީޕީއާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ޤައުމުގެ އެތެރޭގެ ހަމަޖެހުމާއި މަސްލަޙަތު ގެއްލިގެންދާނެކަން އެމްޑީޕީގެ މެމްބަރުން ތިބީ ވިސްނައިގެންނެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމަކީ ސަރުކާރުން ގޯސްތަކެއް ހަދައިފިކަމަށް އާއްމު ރައްޔިތުންނަށް ޤަބޫލު ނުކުރެވޭހައި ހިނދަކު އެޕާޓީން ކުރާނެ ކަމެއް ނޫނެވެ.

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއާ ގުޅުނީ، ޤައުމަށްޓަކައި، ދާއިރާގެ ރައްޔިތުންނަށްޓަކައި އަމިއްލަ އެއްވެސް ޒާތީ މަންފާއެއް ނެތްގޮތަށް ކަމުގައި މެމްބަރުން ވިދާޅުވި ނަމަވެސް އެކަން، ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި ސަރުކާރަށް ތާއީދު ނުކުރާ މެމްބަރުންވެސް ޤަބޫލެއް ނުކުރެއެވެ. ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުންނާއި މީޑިއާތަކުންވެސް ތުހުމަތުކޮށްފައިވާ ގޮތުގައި، ޕީއެންސީއާ ގުޅުނު މެމްބަރުންނަށް ސަރުކާރުން ވަނީ ރިޝްވަތު ދީފައެވެ. ސޯޝަލްމީޑިއާގައި ސަރުކާރަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި، 13 މެމްބަރުން ޕީއެންސީއަށް "ގަތުމަށް" އެމެމްބަރުންނަށް ޖުމުލަ 53 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ އިތުރުން އެ މެމްބަރުންގެ ކުންފުނިތަކަށް ސަރުކާރުގެ ޕްރޮޖެކްޓްތައް ދިނުމާއި، އެމެމްބަރުންގެ އާއިލާތަކަށް ވަޒީފާ އާއި އެހެނިހެން މަންފާތައް ހޯދައިދިނުންވެސް ހިމެނޭނެއެވެ. މީޑިއާތަކުގައި މިހާރުވެސް އާއްމުވެފައިވާ މައުލޫމާތަށް ބަލާއިރު، އެމްޑީޕީން ވަކިވެ ޕީއެންސީއަށް ސޮއެކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ދަރިކަނބަލުން ކުރީ ސަރުކާރުގައި ހުންނެވި ސިޔާސީ މަޤާމުގެ މުއްދަތު މިސަރުކާރުން ވަނީ އިތުރުކޮށްދީފައެވެ. އެހެންވެ، އެމްޑީޕީގެ މެމްބަރުން ޕީއެންސީއަށް ސޮއެކުރުމުން އެމެމްބަރުންނަށް ލިބުނު މަންފާތަކުގެ ވާހަކަތައް ކުރިޔަށް އޮތްތަނުގައި ހާމަވަމުންދާނޭ ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް --

ޕީއެންސީއަށް މަޖިލީހުގެ 13 މެމްބަރުން ގެނެވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ޕީއެންސީގެ ލީޑަރޝިޕުން ފާހަގަކުރި ނަމަވެސް ސިޔާސީގޮތުން އެމަންޒަރު ފެންނަގޮތް ތަފާތެވެ. އެއީ، އަބުރުވެރި ކަމާއެކު ރެއާ ހަމައަށް އޮތް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ޖެހުނު، ރިޝްވަތާއި ފަސާދައިގެ ތުހުމަތުވާ ކަޅު ހުތުރު ލައްގަނޑެކެވެ. ޕީޕިއެމް ޕީއެންސީގެ ސަރުކާރު ގެނައުމަށް ދާ އޮހޮރުވި، މެމްބަރުންގެ މައްޗަށް ބަސްކިޔަން ފެށުމުން، ޕާޓީގެ އެތެރޭގެ ހަމަޖެހުން ގެއްލި، ވަފާތެރިކަމާއި ތެދުވެރިކަމާއި އެކު ޕީޕީއެމް ޕީއެންސީގައި ތިބި މެމްބަރުންގެ ހިތް ކަޅުވެގެންދާނެއެވެ. ސަރުކާރާއި ސަރުކާރު ހިންގާޕާޓީ ތެރޭގައި އުފެދޭ އެހަމަނުޖެހުންތައް އެންމެ ބޮޑަށް ފެންމަތިވާނީ، ޕާޓީގެ ޕްރައިމަރީންނެވެ. ޕީއެންސީގެ މަޖިލިސް ޓިކެޓްތައް ދޭން ފަށާ ހިސާބުންނެވެ. ސަރުކާރު ގެނައުމަށް ބުރަ މަސައްކަތް ކުރި، ޕީޕީއެމް ޕީއެންސީގެ މެމްބަރުންނަށް އޮތް ފުރުޞަތުތަކުގެ މައްޗަށް އެމްޑީޕީން އައިސް ޕާޓީއަށްވަތް މީހުން ވެރިވެ އޭގެ ފޮނިމީރުކަން އެމީހުންނަށް ލިބޭތަން ފެންނަންފެށުމުން ސަރުކާރަށާއި، ސަރުކާރު ހިންގާޕާޓީއަށް ލޮޅުންތައް އަރަންފަށާނެއެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ސޮއިކުރުމުން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވ ބޭފުޅުން އެކަމާއި މެދު މާބޮޑަށް ކަންބޮޑުވެގެން އުޅޭތީއެއް ނުފެނެއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަކިވެ ދިޔަ މެމްބަރުންނަށް ޝުކުރު އަދާކުރައްވައި ލިޔުއްވީ މާނަފުން ޢިބާރާތެކެވެ. އެމްޑީޕީ މެމްބަރުންގެ ސާބިތުކަން ބަޔާންކޮށްދެއްވައި ޢަބުދުﷲ ޝާހިދު ލިޔުއްވީ، ދެމާނަ އެކުލެވޭ ދެ ޅެންބައިތެވެ. އެމްޑީޕީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަމަށް ބަސްފުޅެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ 13 މެމްބަރަކު ޕާޓީދޫކޮށް އެމްޑީޕީއާ ގުޅުމުން، އެކަމާއި އެންމެ ބޮޑަށް ކަންބޮޑުވެ ނުރުހުންތެރިވާތަން ސޯޝަލްމީޑިއާގައި ފެންނަމުން ދަނީ، އެމްޑީޕީން ވަކިވެ މަޖިލީހުގެ 13 މެމްބަރަކުވެގެން އުފެއްދެވި، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުންނެވެ. އެމެމްބަރުންނަކީ އެމްޑީޕީއަށް ރިޔާސީއިންތިޚާބު ނާކާމިޔާބުކޮށްލުމުގައި، އިދިކޮޅު ފަރާތްކަށްވުރެ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅުންނެވެ. އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ސޮއެކުރެއްވުމާއިއެކު، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު 15އަށް އަރައި އެޕާޓީއަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމު ލިބި މިހާރު އެމަޤާމު އޮތް ދަ ޑިމޮކްރެޓްސްއަށް އެމަޤާމު ގެއްލިގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް --

ސިޔާސީ ނަޒަރަކުން ބަލައި ދުރުމި އަޅާއިރު، އެމްޑީޕީގެ 13 މެމްބަރުން ޕީއެންސީއާ ގުޅުމަކީ ޕީއެންސީއަށް ލިބުނު ކާމިޔާބަކަށް ވުރެ ބޮޑަށް ސިޔާސީ ގޮތުން ލިބުނު ގެއްލުމެކެވެ. އޭގެ ސަބަބަކީ މެމްބަރުން ގެނައީ،ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުން ހުއްޓުވުމަށް ނަމަ އެކަން ހާސިލްވާން އަދި ނެތުމެވެ. އެކަން ހުއްޓުވޭނީ އަދިވެސް އިތުރު މެމްބަރުން އެޕާޓީއަށް ހޯދިގެންނެވެ. އަނެއް ސަބަބަކީ، ޕާޓީއާ ގުޅުނު މެމްބަރުންގެ އަތްމައްޗަށް މަޖިލީހާއި ސަރުކާރުގެ ކޮންޓްރޯލް ފުރޮޅި މިހާރު، ޕާޓީއަށް ވަފާތެރިކަމާއި އެކު ތިބި މެމްބަރުންގެ ބާރު ކެނޑިގެން ދިޔުމެވެ. އެހުރިހާ ކަމަކަށްވުރެވެސް އެންމެ ބޮޑު ގެއްލުމަކީ، ސަރުކާރަށް މިހާރު އުފުލަން ޖެހުނު، ރިޝްވަތު ދިނުމުގެ ތުހުމަތުގެ ބަދުނާމެވެ. މިހުރިހާކަމެއް އެކީ އެކުލަވައި ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލި ކުރިޔަށް އޮތްތަނުގައި ޕީއެންސީއާ ސަރުކާރަށް ކުރިމަތިވާ ސިޔާސީ ގޮންޖެހުންތައް އިތުރުވެގެންދާނެއެވެ.

އެހެންވީމާ، ސިޔާސީ ދުރުމިއަޅައި ބަލާލާއިރު ފެންނަނީ، އިނގިރޭސި މުހާވިރާއެއްގައި ބުނެފައިވާފަދައިން، އެބަޔަކު ބަލި ނުކުރެވޭނެ ނަމަކަ އެބައެއްގެ ތެރެއަށް ވަދެ އެކުވެގެން ބަލިކުރާށޭ ބުނާ ބުނުމާއި އެއްގޮތަށް އެމްޑީޕީން އަމަލު ކުރީ ކަމަށެވެ. އެމްޑީޕީގެ މެމްބަރުންނަކީ، ކޮންމެ މާހައުލެއްގައި ކޮންމެ ތަނެއްގައި ތިބޭއިރުވެސް ތިލަފަތުގެ ރަމްޒު ހަނދާން ނައްތާލާ ބައެއް ނޫނެވެ. އެހެންވީމާ، 13 މެމްބަރުންގެ ނިންމުގައި ފޮރުވިފައިވާ ސިއްރުތަކާއި، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ދެން ހިނގާނޭ ކަންކަން އޮތީ އަންދާޒާކޮށްލުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.