Advertisement

02 Apr 2024
ވާހަކަ

ނާކާ | އެޕިސޯޑު - 16

އެމީހާ ހިނގައިގަތީ މޫދުން އެފަރާތުގައި އޮތް ފަޅު ރަށާދިމާލަށެވެ. [މަޑުކޮށްބަލަ!] ފަތީން އޭނާއާއި ދިމާލަށް އެނބުރުނެވެ. [ކަލޭ ތީ މާ ރަނގަޅު މީހެއްތަ؟ ކަލޭތީ ވަރަށް ދޮގު ހަދާ މީހެއް! ކަލޭ މަށަށް އޮޅުވާލީ!] ފަތީން ހުރީ ދެރައެކޭ އެއްވަރަށް ރުޅިވެސްއައިސްފައެވެ.

[ކީކޭ ކިޔަން ތިއުޅެނީ؟] އާދައެކޭ އެއްފަދައިން އޭނާގެ ބަރު އަޑުން އޭނާ ބުނެލިއެވެ

[މަގޭ މިކަމުގެ ތެރެޔަށް ޖިޔާދު ވެއްދީއޭ ކަލޭ ކިޔާއިރު، ކަލޭ މަށަށް އޮޅުވައެއް ނުލަންތަ؟ މަ ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އެންމެ ފުރަތަމަ މަ މިތަނަށް ގެންނަން ކަލޭ ޖެއްސި ޑްރާމާ.. ކަލޭ ބުނީމެއްނު ފަޒީންބެގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަން ވަރަށް ބޭނުންތެރި އެއްޗެއް ކަލޭ ދޭނަމޭ؟ އަދިވެސް ކަލޭ އެޔެއް ނުދޭ.. އެހެންވީމަ ކާކު ފުރަތަމަ ބުނާ ބަހާ ޚިލާފުވީ؟ ހްންން؟؟] ފަތީން ރުޅިއައިސްގެން ހުރެ ވާހަކަ ދެއްކިއެވެ.

Advertisement

އެމީހާ އައިސް ފަތީންގެ ކައިރީގައި ހުއްޓުނެވެ. [މަ ކަލޭއަށް އޭތި ނުދިނަސް ކަލެއަށް ދެން ކުރެވޭނީ ކީއް؟ އެއްކަމެއްވެސް ނުކުރެވޭނެ! ހެއް! ތިހިރީ ރަނގަޅަށް ފީކުދާން ހެދިފަ. ހައްހައްހައް!] އޭނާ އަނެއްކާވެސް ހިނގައިގަތެވެ. ނަމަވެސް ފަތީން ހުރީ ގޮތްދޫކުރާވަރަށްވުރެން ރުޅިއައިސްފައެވެ.

[އަސްލު ކަލޭ އަތަކު ނެތް އެކަމާ ބެހޭ އެއްވެސް އެއްޗެއް. ކަލޭ ހެދީ ރޯމަރު ދޮގު. ނޫންތަ؟ ތީ ތިކަހަލަ ޖާހިލު ޖައްބާރުންގެ ގޮތޭ..] ފަތީން އަޑަށް ބާރުލާފައި ބުންޔެވެ

[އޭއޭއޭއި....] އޭނާ އެނބުރިލީ އަޑުގައި ހުރި ބާރެއް ލާފައި ހަޅޭލަވައިގަންނަމުންނެވެ. ފަތީން ދިޔައީ ސިއްސައިގެންނެވެ. ފަތީން ބުނި އެ ޖުމްލައިން އޭނާ ރުޅިއައީއެވެ. އޭނާ އަނެއްކާވެސް އައިސް ފަތީންގެ ކައިރީގައި ހުއްޓުނެވެ. [އަދިވެސް މަތަ ޖާހިލީ؟ ނޫނީ ކަލޭގެ ބަފާތަ؟ ކަލޭގޮސް ކަލޭ ބަފާ ކައިރީ އަހާބަލަ ފަޒީން މަރުވިރޭ އޭނަ މިތާ ކުރީ ކީއްތޯ.. ކީއްވެގެންތޯ އަމިއްލަ ދަރިޔަކު މިކަހަލަ ތަނަކަށް އެ ދަންވަރު ގަޑީގަ ދޫކޮށްލާފަ ދިޔައީ.. އަހާބަލަ ގޮސް.. ވަރަށް ތާހިރު އަޑެއް އިވޭނެ. އަހާބަލަ ގޮސް އަތުގެ ކޮޅަށް ހޫރާލީއިރު އެ ދަރީގެ ފުރާނަ ހުރިތޯ ބަލާލިންހޭ. އޭރުން ކަލޭއަށް އެނގޭނެ ހަޤީޤީ ޖާހިލުންނަކީ ކޮބައިކަން. ދެންވެސް މަގޭ އަތުންފައިން ގޯހެއް ނުހެދެނީސް މިތަނުން ރައްކާވެގެންދޭ...] އެމީހާ ފަތީންގެ އަނގަ ބަންދުކޮށްލާފިއެވެ.

ފަތީން ގަބުވެފައި ހުރީއެވެ. އެމީހާ އެބުނި ވާހަކަ ޤަބޫލުކުރަން ފަތީންއަށް ދަތިވިއެވެ. އެ ވާހަކައަކީ ތެދު ހަޤީޤަތެއްނަމަ ބައްޕަ އެކަން އެ ސިއްރު ކުރަނީ ކީއްވެގެން ބާއެވެ؟ ތިއްތިބެ މަރުވިރޭ ބައްޕަ މިތާ ކުރީ ކީއްބާއެވެ؟ ރުޅި އަންނަ ވަގުތު ތިއްތިބެއަށް އަނިޔާކޮށް ހެދިނަމަވެސް ކިތަންމެ ރުޅިއަޔަސް ބައްޕަ ތިއްތިބެ މަރައެއް ނުލާނެއެވެ. ފަތީން އެވާހަކަ ގަބޫލެއް ނުކުރިއެވެ. އެހެނަސް ބައްޕަ އެރޭ އެތަނުގައި ހުރި ކަމުގައިވާނަމަ ބައްޕަ ސިއްރު ކުރާ ކޮންމެސް ކަންތައްތަކެއް ވާނެކަން ފަތީންއަށް ޔަގީންކުރެވެއެވެ. އިތުރަށް މިވާހަކަ ތަކާއެކީ އަނގަ ހުޅުވާލުމަށް ފަތީންއަށް ހަމައެކަނި ބޭނުންވަނީ އާރުލާ ހެއްކެކެވެ. އެކަން ކުރުމަށް ފަތީން އަޒުމް ކަނޑައެޅިއެވެ.

ހެނދުނު ހޭލައިގެން ފަތީން ނުކުތީ ސައިބޯށެވެ. ފައުޒާ އިނީ ޓީވީ ބަލާށެވެ. ފަތީން ގޮސް ބަދިގެއަށް ވަތްއިރު ފާތުމާ ހުރީ ސައިހަދާފައެވެ. ފަތީން މޭޒުދޮށުގައި އިށީނިއިރު ފާތުމާ ބަދިގޭގައި އުޅޭ އަޑު އިވެއެވެ. އިބްރާހިމް އައިސް މޭޒު ދޮށުގައި އިށީނީ ފަތީން ކާން އިންދައެވެ. އެމީހާ ރޭގަ ދެއްކި ވާހަކަ އަކީ ތެދެއްތޯ އަހަން ފަތީން އެތައް ފަހަރަކު އަނގަ ހުޅުވިއެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. އެވާހަކަ ފަށާނެ ގޮތެއްވެސް ފަތީން އަކަށް ނޭނގެއެވެ.

[މާދަމާ މެންދުރުފަހު ލޯންޗުން މާލެދާން ތައްޔާރުވޭ..] ކާން އިނދެފައި އިބްރާހިމް ބުނެލިއެވެ. [މިހާރު ޓިކެޓު ނެގީތަ؟] ބަދިގޭގައި ހުރެފައި ފާތުމާ އަހާލިއެވެ. އިބްރާހިމް މޭޒުމަތީގައި ހުރި ހޫނު ސައިތަށި ނަގާ އަނގައިގައި ޖައްސާލަމުން 'ހްމްމް' އަޅުވާލިއެވެ.

ހޭދަ ވެގެންދާ ކޮންމެ ވަގުތަކާއެކު ފަތީންގެ ހިތް އަވަސް ވަމުން ދިޔައެވެ. ހިތަށް އަރަނީ އޭނާ މިރޭ ކަންތައް ކުރާނެ ގޮތަކާމެދުގައެވެ. މިނޫން އިތުރު ގޮތެއް ހޯދާނެ ގޮތަކާއި މެދުގައެވެ. ވިސްނެނީ ޝިމާގެ އެކުވެރިކަމާ މެދުގައެވެ.

'ޓްރިން ޓްރިން' އެނދުމަތީގައި ވާހަކަ ފޮތެއް ކިޔަން އޮތް ޝިމާ އޭނާގެ ރިންގްވަމުންދާ ފޯނު ނެގިއެވެ. ގުޅަނީ ފަތީންއެވެ.

ޝިމާ: [ހަލޯ.. ކިހިނެއްވީ މާ ހެނދުނަކާ ހިއްލާލާގެން ތިއުޅެނީ؟]

ފަތީން: [މިއަދު ނުނިދުނޭ.. ދިމާނުވާތީ މިސްވެގެން މި ގުޅާލީ..]

ޝިމާ: [އަހަހަ.. އަސްލުތަ؟ ހިގާބަ ކަމެއް ރާވަން..]

ފަތީން: [މިރޭ ހިނގާ ބާބަކިއުއެއް ހަދަން..]

ފަތީން ބޭނުންވީ ޝިމާ ކަމެއްގައި މަސްއޫލު ކުރުވާށެވެ.

ޝިމާ: [މިރޭތަ؟ މާދަމާ ހެނދުނު ކިހިނެއް ވާނީ؟]

ފަތީން: [މާދަން މިއުޅެނީ މާލެ ފުރާށޭ.. ތިއްތިބޭގެ މައްސަލައިގެ ޝަރިއަތުގެ އަޑުއެހުމަށް ދާން.]

ޝިމާ: [އަޅެ އެކަމް މިރޭ މިގޭގަ ކަމެއް އެބަ ރާވައޭ.. މާ ލަހުންނެއްނު ތި އުޅުނީ ތިކަމާ..]

ދައްކާނެ ބަހަނާއެއް ފަތީންއަކަށް ނުވިސްނުނެވެ. ފަތީން ޖެހުނީ އެއްބަސް ވާށެވެ. ނަމަވެސް އެވަރުންވެސް ފަތީން އުންމީދު ކަނޑާލާކަށް ބޭނުމެއް ނުވިއެވެ. ފަތީން ދެން ގުޅީ ޖިޔާދުއާއެވެ.

ޖިޔާދު: [އާނނ ކީކޭ؟؟ ކިހިނެއް ދިޔައީ ރޭގަ؟]

ފަތީން: [ދެން އޯކޭ.. ވީޑިއޯ ސަލާމަތް ކުރިން..]

ޖިޔާދު: [އަސްލުތަ؟ ގަދަ! ބަދަލުގަ ކޮންކަމެއް އޭނަ އެދުނީ؟]

ފަތީން: [އެކަމާ މަ ޒިންމާވާނަން. ދެން ތިއެއް ނޫނޭ.. ކަލޭ މަށަށް ކަމެއް ކޮށްދީބަލަ.] 

ރޭގަ ފަތީންއާ ހަވާލުވި މަސައްކަތުގެ ވާހަކަ ދައްކަން ފަތީން ބޭނުމެއް ނުވިއެވެ.

ޖިޔާދު: [ކިހިނެއް ހަދަންވީ؟]

ފަތީން: [މިރޭ ސަހާ ގޮވައިގެން މީޓަށް ދޭބަލަ.. އެގާރަ ޖެހުމުގެ ކުރިން.. ހަނދާންކޮށް ބްރިޖް ބީޗަށް ނުދާތި. އެހެން ތާކަށް ދާނީ..]

ޖިޔާދު: [ކިހިނެއް ވެގެންތަ ތިއުޅެނީ؟]

ފަތީން: [މަށަކަށް ނެތޭ ކިޔާ ދެވޭކަށް. ކަލޭ ކައިރިން މަމި އެދޭ ކަންތައް ކޮށްދީބަލަ. ހީކޮށްލާ މީހަމަ އަހަރެމެން އެންމެނަށް ރަނގަޅަކަށް ކުރާ ކަމެކޭ. ސަހާއާ ޝިމާއާ ބިޒީ ކޮށްފަ މިރޭ ބަހައްޓަދީބަލަ. މަ ކިޔާދޭނަން ފަހުން.. ނަމަނަމަ މަ ބުންޔޭ ނުބުނާތި.]

ފަތީން މާގިނަ ވާހަކަ ދައްކަން ނުހަދާ ފޯނު ބޭއްވިއެވެ. ޝިމާ މިރޭ އަތިރިމަތީގެ ފާލަމަށް ދާނެކަން ފަތީންއަށް އެނގެއެވެ. ނަމަވެސް ޝިމާ އެތަނަށް ދާންވީ ސަބަބެއް ފަތީންއަކަށް ނޭނގެއެވެ.

*****************

ޝިމާ އުޅުނީ ދާވެފައި ހުރި އެއްޗެހި ދޮންނަން އަޅާށެވެ. ގިފިލީގައި ހުރެގެން ފަހުގެ ހިންދީ ލަވައެއްގެ ރާގު ކަރުން ލައްވާލަމުން ޝިމާ ގެންދިޔައިރު ސިކުނޑީގައި އެނބުރެނީ އަދިވެސް އިއްޔަ ނުދަންނަ މީހެއްގެ ފަރާތުން ލިބުނު ފޮޓޯއެވެ. މިރޭ ޝިމާ އެތަނަށް ދިއުން ނޫން ގޮތެއް ނެތެވެ. އެހެންނޫންނަމަ ފަހުން ކުރިމަތިވާން އޮތް ކަންތައްގަނޑު މާބޮޑެވެ. އެ ޙަޤީޤަތް ފަތީންއަށް ފަޅާއަރާފިނަމަ ޝިމާ ޖެހޭނީ ފަތީންއާ މޫނު ކެނޑޭށެވެ. ފަޒީންގެ ލޯބިވެރިޔެއްގެ ގޮތުގައި ހުރެ ޝިމާއަށް ކުރެވުނީ ވަރަށް ފިނޑި އަމަލެއްކަން ޝިމާއަށް އިނގެއެވެ. މިއަދު އެ ބޮޑު ސިއްރު ރައްކާތެރިކޮށްގެން ނޫނީ ޝިމާއަށް ހަމަޖެހިގެން ދިރިއެއް ނޫޅެވޭނެއެވެ.

[ދައްތާ.. ހިނގާބަލަ މިރޭ މީޓަށް ދާން.. ޖިޔާ ހަމަ ކުރެއް ނުކުރި..] ސަހާ އައިސް ގިފިއްޔަށް ވަދެފައި ބުނެލިއެވެ. ޝިމާ ވިސްނާލިއެވެ. ސަހާ ކައިރީ ވެގެން މިއުޅޭގޮތް ކިޔާދެވޭކަށް ނެތެވެ. ސަހާ ކުރިމަތީގައި ދައްކާނެ ބަހަނާއެއްވެސް ނެތެވެ. [އާނނ.. ދެން ދާނީދޯ.. ކިހާއިރަކު؟] ޝިމާ ސުވާލު ކޮށްލިއެވެ. [ޖިޔާ ބުނީ 11 ޖަހާއިރުއޭ..]

ހައްތަހާވެސް ޝިމާގެ ބޯ ގޮވާފަދަ ކަންކަމެވެ. [އެންމެ ރަނގަޅު.. އެކަމަކު ބްރިޖް ބީޗުގެ އަނެއް ކޮޅަށްދޯ ދާނީ..؟] ދެކަންތައް އެއްފަހަރާ ޖެހުމުން ޝިމާ ބުނެލީ އޭނާއަށް އެންމެ ފަސޭހަ ގޮތެވެ.

******************

މެންދުރު ފަހުގެ އަވިގަދަ ވަގުތު ބަނދަރު މައްޗަށް މީހުން އެއްވަމުން ދިޔައެވެ. މާލެ ފުރަންއޮތް ލޯންޗް ފުރާކަށް ދެން މާގިނަ ވަގުތެއް ނެތެވެ. އުޒައިރުގެ ވިޔަފާރީގެ ދަތުރުގައި އެއާއިލާ މާލެ އެދަނީ އާނިސްގެ ސުކޫލު ބަންދުވެފައި އޮތީމައެވެ.

އާނިސް އޭނާގެ މަންމައާއި ބައްޕައާއި އެއްވަރަށް ހިނގަމުންގޮސް ބަނދަރުމަތީގައި ހުއްޓިލާފައި ފަހަތް ބަލާލިއެވެ. ފައުޒާ ފެނޭތޯއެވެ. މާލޭގައި ހޭދަވެގެންދާ ދުވަސްތަކުގައި ފައުޒާއާއި ދިމާނުވާނެތީ މިއަދު ހެނދުނު ބައްދަލު ކުރަން އުޅުމުންވެސް ފައުޒާ ބަހަނާ ދެއްކިއެވެ. އެކެއް ޖެހުމުގެ ކުރިން ބަނދަރަށް އަންނާށޭ ކިޔާފައި ވައިބާއިން ފޮނުވާލި މެސެޖު އޭނާ ވަނީ ބަލާފައެވެ. ނަމަވެސް އެ މެސެޖަށް ފައުޒާ ރިޕްލައެއް ނުކުރެއެވެ.

ފައުޒާ ފެނޭތޯ ކުޑަ އިރުކޮޅަކު އާނިސް އިންތިޒާރު ކޮށްލިއެވެ. ފައުޒާ އަންނާނެ ކަމަށް އާނިސްއަށް އުންމީދު ކުރެވޭތީއެވެ. [ދަރިފުޅާ އާދޭ އަރަން] އުޒައިރު ގޮވާލިއެވެ. އާނިސް ހިނގައިގަތީ ލޯންޗަށް އަރާށެވެ.

މަންމައާއި ބައްޕަގެ މެދުގައި ކުޑަ ކުއްޖެއް ފަދައިން އިށީނދެލާގެން އިންއިރު އާނިސްގެ ހިތުގައި އުތުރެމުން ދިޔައީ ނަފުރަތާ ރުޅިވެރިކަމެވެ. ފައުޒާގެ މިޒާޖަށް އަންނަމުން އެދާ ބަދަލުގެ ސަބަބުން ފުރަތަމަކޮޅު އާނިސް ކިތަންމެ ދެރަވިއެއްކަމަކު މިހާރު މަޑުމަޑުން އާނިސް ފޫހިވާން ފަށައިފިއެވެ. ފައުޒާ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އާނިސްގެ ހިތް އޭނާދެކެ ރުޅި އަންނާކަށް ބޭނުމެއް ނުވެއެވެ. ފަޒީން ދުނިޔޭގައި ހުރިއިރު އާނިސްއާއި ފައުޒާގެ މުސްތަޤުބަލު ތަސައްވުރު ކުރިގޮތަށް ލޯބިން އުފަލުގައި އެތައް ދުވަހެއް ހޭދަކުރަން އާނިސްގެ ހިތް ހިމޭންކަމެއްނެތި އެދެމުން ދިޔައެވެ. ނަމަވެސް މިހާރު އާނިސްގެ ހިތް މަޑުމަޑުން ބަދަލުވާކަހަލައެވެ. ލޯބީގެ ގުޅުމަކުން ލިބެންޖެހޭ އުފާވެރި އިހުސާސްތައް މިގުޅުމުން ނުލިބޭތީ އާނިސްގެ ހިތް އެހެން އުފަލަކަށް އެދޭ ފަދައެވެ.

އެނދުމަތީގައި ޗިޕުސްދަޅެއް ހިފައިގެން ލެޕްޓޮޕަށް ގެއްލިފައި އިންއިރު އާނިސް ކުރި މެސެޖުގެ މަތިން ފައުޒާ ހަނދާނެއްވެސް ނެތެވެ. ޙަޤީޤަތުގައި އާނިސް ބުނިކަމުގައިވިއަސް ބަނދަރުގެ އެ ހަލަބޮލި މާޙައުލަށް ފައުޒާ ދާނީ ކިހިނެއް ހެއްޔެވެ. މީހުންގެ ލޯތަކުން ސަލާމަތް ވުމަކީ ވާނެކަމެއް ނޫނެވެ. އާނިސް އަބަދުވެސް ފައުޒާގެ ކިބައިން އެދެނީ ފައުޒާއަށް ކޮށްދެން އުނދަގޫ ކަންކަމެވެ. ފައުޒާގެ ހިތުގައި އާނިސްގެ މައްޗަށް ކުރިން އޮތް ލޯބި ފަނޑުވުމަށް މަގުފަހިވި އެއް ސަބަބަކީވެސް އެއީއެވެ.

'ޓްރިން ޓްރިން' ފޯނު ރިންގްވާން ފެށުމާއެކު ކަންފަތަށް ޖަހާފައިއޮތް ހެޑުސެޓު ނައްޓުވާލާފައި ފައުޒާ ފޯނު ނެގިއެވެ. "ހަލޯ" ފައުޒާ ފޯނު ނެގުމާއެކު އެކޮޅުން ވާހަކަ ދެއްކިއެވެ.

"ކުޑަބޭ؟ ކާކު ނަންބަރަކުން ތި ގުޅީ؟" ފައުޒާ ހީކުރީ ފޯނުން ވާހަކަ ދެއްކީ ފަތީން ކަމަށެވެ. "ހާދަ ލޯބި އަޑެކޭ.. ދިމާކޮށްލާ ހިތުން މި ގުޅާލީވެސް.." އޭނާ ވާހަކަ ދެއްކީ ފަތީން ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ. އެއަށްވުރެން ޖާހިލުކޮށްނެވެ. "ތީކާކު؟" ފައުޒާއަށް އެއީ ފަތީން ނޫންކަން އެނގުމުން އަހާލިއެވެ. އޭނާގެ އަޑު ފަތީންގެ އަޑާ އެއްގޮތްވުމުން ފައުޒާ އިނީ ހައިރާންވެފައެވެ.

"މިއީ ފައޫދެކެ ވަރަށް ލޯބިވާ ކުއްޖެއް. ފައޫ މާލެ އަންނަން އުޅޭކަން އެނގިގެނޭ މި ގުޅީ." އޭނާ ވާހަކަ ދެއްކީ ހިތްހެޔޮކޮށެވެ. "ހްންން.. ދެން ކިހިނެއްތަވީ؟" ފައުޒާގެ އާދައެކޭ އެއްފަދައިން ރުންކުރުގޮތަކަށް އޭނާއާ ވާހަކަދެއްކިއެވެ. "ހިނގާބަދޯ މާލެ އައިސް ދިމާވާން؟" އޭނާ ސުވާލު ކޮށްލިއެވެ. "އަހަރެން ތިހެން އަދި މީހަކު ގުޅާއިރަށް ބައްދަލުކޮށެއް ނަހަދަން. މަމީ ތިހާ ގޮތްކުޑަ މީހެއް ނޫން. ދެން މިނަންބަރަށް ނުގުޅާތި." ފައުޒާ ފޯނު ކަނޑާލިއެވެ.

ކުޑަ އިރުކޮޅެއް ފަހުން ފައުޒާގެ ފޯނަށް އަނެއްކާވެސް އެ ނަންބަރުން ގުޅަން ފެށިއެވެ. ނަމަވެސް އެ ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ފައުޒާ ފޯނު ކަނޑާލިއެވެ. އޭނާ ދެވަނަ ފަހަރަށް އެ ކޯލު ތަކުރާރު ކުރުމުންވެސް ފައުޒާ ފޯނު ކަނޑާލިއެވެ.

*******************

 [ދައްތާ... އަވަސްކޮށްބާ..] ލޯގަނޑު ކުރިމަތީގައި ފަރިބަލަން ހުރި ޝިމާއާއި ދިމާލަށް ސަހާ ބުނެލިއެވެ. [ހިނގަ ދާން އަވަހަށް..] ޝިމާ ކުޑަދޮރާ ދިމާލަށް ހިނގައިގަތް ވަގުތު ސަހާ ދޮރު ހުޅުވާލިއެވެ. އެއިރު ގަޑިން ދިހަގަޑި ސާޅިސްވަނީއެވެ.

ޖައްވުން އަންނަ ހަމަހިމޭން ވައިރޯޅިން ގަސްތަކުގެ ފަތްތައް ހެލިލާއަޑު މުޅި ސަރަހައްދު އަޅުދާސްތުކޮށްފައި ވެއެވެ. ހިރޭ ސުތްޕެއް އަދި ދިރޭ ޖަނަވާރެއްގެ އަޑުވެސް މިތަނުން ނީވެއެވެ. ޝިމާއާއި ސަހާގޮސް ހުއްޓިލީ މޫދާ މާދުރުނޫން ހިސާބެއްގައި ހުރި ހޮޅުވައްޓެއް ކައިރީގައެވެ. މިއީ އަބަދުވެސް ސަހާއާއި ޖިޔާދު ބައްދަލު ކުރާ ތަނެވެ.

އެދެބެން ފެނުމާއެކު ހޮޅުވަށީގެ ކޮޅުގައި ހުއްޓިލައިގެންހުރި ޖިޔާދު އެތަނަށް އައެވެ. [ދައްތަ މަޑު ކުރާނަން އެހެރަ ގަސް ކައިރީގަ. ކޮއްކޮ ނިމިގެން އާދޭ..] ޝިމާ މިހެން ބުނެފައި ހިނގައިގަތެވެ.

ޖިޔާދު ސަހާގެ އަތުގައި ހިފައިގެންގޮސް ހޮޅުވަށީގައި އިށީނެވެ. 'ޓޫންންންން..' ޖިޔާދުގެ ފޯނަށް މެސެޖެއް އައުމާއެކު އޭނާ ފޯނު ނަގާ ބަލާލިއެވެ. 'ކޮބާ ކޮންތާކު؟' ފަތީން ކުރި މެސެޖުގައި ލިޔެފައިއޮތެވެ. 'ބީޗްގަ މިތިބީ.. އެކަމު ހޮޅުވަށި ސައިޑުގަ. ތިމީހަ އޭނަޔާ މީޓް ކުރަނީތަ އަނެއްކާ މާވަރަކުން ތިއަހަނީ؟' ޖިޔާދު މެސެޖަށް ރިޕްލައި ދީފައި ފޯނު ޖީބަށް ލިއެވެ.

'އޭ މަބުނީމެއްނު އެތަނަށް ނުދާށޭ... ކޮބާ ޝިމާ؟' ފަތީންގެ މެސެޖެއް އަނެއްކާވެސް ޖިޔާދުއަށް އައެވެ. ނަމަވެސް ޖިޔާދު އޮތީ ސަހާގޮވައިގެން ހޮޅުވަށީގައި އޮށޯވެއެވެ. އޭނާގެ ޖީބުގައި އޮވެ ފޯނު ވައިބްރޭޓް ވީއިރުވެސް އޭނާއަކަށް ނޭނގުނެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ފަތީން، ޖިޔާދުގެ ރިޕްލައި އަކަށް އިންތިޒާރު ކުރަން ހުރުމުގެ ބަދަލުގައި ކުޑަދޮރުން ފުންމާލިއެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު ފަތީން ދުއްވައިގަތީ ފާލަމާ ދިމާލަށެވެ.

ބިޔަބޯ ގަސްތަކު ތެރެއިންލާފައި ޝިމާ ހިނގާފައި ދިޔައީ މަގުގެ ދެފަރާތަށް ބަލަމުންނެވެ. އޭނާގެ މޭ ވަރަށް ބާރަށް ތެޅެމުންދިޔައެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އަންނަ ވައިރޯޅިތައް ޝިމާގެ ކަންފަތުގައި ޖެހުމާއެކު އެއިވޭ ބިރުވެރި އަޑު އޭނާގެ ހިތް ވިރުވާލާ ކަހަލައެވެ

ޝިމާގޮސް އެ ބުރިޖު ކައިރީގައި ހުއްޓިލިއެވެ. ދެފަރާތަށް ބަލާލުމަށްފަހު ފޯނުނަގާ ގަޑިބަލާލިއެވެ. ގަޑިން 11 ޖަހައި ފަސްމިނެޓު ހިނގައިފިއެވެ. "ގަޑި ޖެހިގެން ތިއައީ.." ޝިމާގެ ފަހަތުން އިވުނު ބަރު އަޑާއެކެ އޭނާ ފަހަތަށް ބަލާލިއެވެ. އެއީ ބާމަތިފުޅާ ބޮޑު ފިރިހެނެކެވެ. އިސްކޮޅުން ދިގު މީހެކެވެ. އޭނާ ހުރީ މޫނުމަތީގައި ފޮތިގަނޑެއް އޮޅައިގެންނެވެ.

ޝިމާ އަނގައިން ބަހެއް ނުބުނެ ހުރީ ހިތުގައި އުފެދިފައިވާ ބިރެއްގެ ސަބަބުންނެވެ. އެމީހާ ޝިމާގެ ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ޝިމާގެ ހިތުގެ ތެޅުން ބާރުވެއެވެ.

[ކޮން ކަމެއް ކަލޭ ބޭނުން ވަނީ؟] ޝިމާ ބިރު ކަނޑާލާފައި ބުނެލިއެވެ.

ޝިމާ ބަލަން ހުއްޓައި އެމީހާ ހިނގާފައި އައިސް ޝިމާގެ ކަނާތް ފަޅީގައި ހުއްޓުނެވެ. އަދި އޭނާގެ ވާއަތުން ޝިމާގެ ފޫކޮޅުގައި ޖަހާލިއެވެ. "ދޮންވި ކެޔޮގަނޑުގެ ބޯށި ކަނޑާލަން ބޭނުމީ!" ޝިމާގެ ކަންފަތް ދޮށުގައި އޭނާ ވައިއަޑުން ބުނެލިއެވެ. ޝިމާގެ ދެލޯ ބޮޑުވިއެވެ. ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ނަފްރަތާއި ރުޅިވެރިކަމާއެކު އެމީހާއަށް ބަލާލެވުނެވެ. ނުސީދާ ގޮތެއްގައި އެމީހާ އެބުނި ބަހުގެ މާނަ ވަރަށް ރަނގަޅަށްވެސް ޝިމާއަށް ސާފުވިއެވެ.

"އައްޗީޑި. ލަދެއް ނުގަނޭތަ ތިކަހަލަ ހަޑި ވާހަކަ ދައްކާކަށް." ޝިމާ ވަރަށް ރުޅިއައިސްފައި ބުނެލިއެވެ. "ކަލޭ ލަދެއް ނުގަނޭތަ ލޯބީގަ ތިހާ ފިނޑި މީހަކަށް ވާކަށް؟" ޝިމާގެ ވާހަކަ ރަނގަޅަށް ނުނިމެނީސް އޭނާ ޝިމާއާ ދިމާއަށް ބުންޔެވެ. ރައްދުގައި ޝިމާއަށް ބުނެވޭނެ އެއްވެސް އެއްޗެއް ނެތެވެ. އެ ޙަޤީޤަތާ ޝިމާއަކަށް ދެކޮޅެއް ނުހެދޭނެއެވެ.

"ހެހެ. އެހެންވީމަ ނެތެއްނު އިތުރު ގޮތެއްވެސް ދޯ؟ ފަތީންއަށް އެވާހަކަ އެނގުނިއްޔާ ކަލޭދެކެ ކިހާ ރުޅިއަންނާނެ. އަނެއްކާ މީގަ ދެރަކަމަކީ ވީނުވީ ބަލާލަންވެސް ކަލޭ އެރޭ ނައީމައޭ." އޭނާ ވާހަކަ ދައްކަމުން ދިޔައިރު ދެލޯ ފުރާ ޖަމާވެފައި ހުރި ކަރުނަތައް ފޮހެލަންވެސް ޝިމާ ހުރީ ބިރުންނެވެ. ބިޔަބޮޑު ފިރިހެނެއްގެ ހީލަތްތެރި އަނދަވަޅުގައި ބެދި ޝިމާ ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ދެން ކުރަންވީ ކީއްކަމެއް ނޭނގޭތީއެވެ.

"ދެން އެންމެ ރަނގަޅޭ.. މިފަހަރު ޝިމާ ސަލާމަތް ކޮށްދިނުމުގެ ހުރިހާ ބާރެއް މިއޮތީ މަގޭ އަތްމަތީގަ. އެހެންނޫނަސް އަހަރެން މިއީ މީހުނަށް ލަނޑު ދޭހިތްވާ މީހެއް ނޫން. އެހެންވީމަ ހިނގާ އެފަރާތަށް ދާން. އޮންނާނެ ޝިމާއަށް ވަރަށް ރީތި ބެޑެއްވެސް ތައްޔާރު ކޮށްލާފައި. ގޮސް ކުޑަކޮށް މަޖާކޮށްލާފައި ދިޔައީމަ ހުންނާނީ ރަނގަޅަށް. އޭރުން ޝިމާވެސް ހިތްހަމަ ޖެހުނީ.. އަހަރެންވެސް ހިތްހަމަ ޖެހުނީ.." އެވާހަކަތައް އަހާފައި ޝިމާގެ ދެފައިން ވާގި ދޫވިއެވެ. ހަދާނެ ގޮތެއް ނޭނގިގެން އަނެއްކާވެސް ހިތްވަރު ކޮށްފައި އޭނާގެ ކިބައިން ސަލާމަތް ވެވޭތޯ ވާހަކަ ދައްކަން ފެށިއެވެ. "މީއަދި ކާކުތަ؟ ދައްކާ މުޑުދާރު ވާހަކަ. މަނޫޅެން ތިކަން ކުރާކަށް." 

ޝިމާ ހިނގައިގަތީ އެއްވެސް ވަރަކަށް ވިސްނާ ނުލައެވެ. މިތަނަށް އައި މަޤްޞަދުވެސް ހަނދާން ނެތިފައި ހުރިފަދައެވެ. ކޮންމެއަކަސް އެ ނުލަފާ މީހާގެ ވިސްނުން މާ ތޫނެވެ. ހަމައެވަގުތު އޭނާ ޝިމާގެ ފަހަރުން ގޮސް ޝިމާގެ ނޭފަތްމަތީ ރުމާލެއް އެޅިއެވެ. ދެން ވީގޮތެއް ޝިމާއަކަށް ނޭނގެއެވެ. ޝިމާ ޚަބަރު ހުސްވެގެން އެމީހާގެ އަތްދަނޑި މައްޗަށް ތިރިވީއެވެ.

ފައިގައި ހުރި ބާރެއް ލާފައި ފަތީން ހިނގާފައި ދިޔައީ ފާލަން ސަހައްދުގެ އިރުމަތީފަރާތުން އެންމެ އުތުރަށެވެ. ޝިމާއަށް ވެދާނެ ގޮތަކާއިމެދުގައި އޭނާގެ ސިކުނޑި އެންމެ ހިނދުކޮޅަކަށްވެސް ހިމޭންނުވެ ފިކުރުކުރަމުން ދިޔައެވެ.

'ޓްރީން ޓްރީން' ރިންގްވާން ފެށީ ފަތީންގެ ފޯނެވެ. އަވަސް އަވަސް ކޮށްލާފައި ފަތީން ފޯނު ނެގީ އެ ނުލަފާ މީހާއާއި ދިމާލަށް ހަޅޭލަވައިގަންނަން ބޭނުންވެފައި ހުރި ވަރުންނެވެ. ނަމަވެސް އެއީ ޝައިހާގެ ފޯނު ކޯލެކެވެ

"ހަލޯ.." ފަތީން މަޑުކޮށްލީ ދިއްގާ ގަހެއްގެ ކައިރީގައެވެ

"ހަލޯ.. ކީއްވެތަ ރިޕްލައި ނުކުރަނީ؟ ހާދަ ވަރަކަށް މެސެޖް ކޮށްފީމޭ މެސެންޖާއިން.." ޝިމާ ވަރަށް ދެރަވެލާފައި ބުނެލިއެވެ

"އަނެއް.. މީ... މިއަދު ވަރަށް ބިޒީއޭ.. މާދަން މާލެ ފުރަން ޖެހޭތީ ޕެކިންގަ މިއުޅެނީ.. ވަރަށް ބޭނުން މީޓް ކޮށްލަންވެސް.." ފަތީން ވާހަކަ ދެއްކީ ހަމަޖެހިލާފައެވެ. ހާސްކަމުގެ އެއްވެސް އަސަރެއް ޝައިހާއަށް ނުކުރެވޭހާވެސް ރީތިކޮށެވެ. "އަޅެ.. އެހެންވިއްޔާ މިރޭ ނާދެވޭނެތަ؟" އަންހެންވަންތަ ތުއި އަޑަކުން ޝައިހާ އަނެއްކާވެސް ވާހަކަ ދެއްކީ ވަރަށް ދެރަވެލާފައެވެ.

"މަންމަމެން ނިދީމަ ދާނަން އިނގޭ.. 12 ހާއިރު.." ފަތީން ބުނެލިއެވެ. "ހާނނނ.. އިންތިޒާރު ކުރާނަން.."

ގަޑިން އެގާރަގަޑި ބައިވާން މާގިނައިރެއް ނެތެވެ. ފަތީންގޮސް ފާލަން ކައިރީގައި ހުއްޓުނުއިރު އެއްވެސް މީހެއްގެ ހިލަންވެސް ފެންނާކަށް ނެތެވެ. އެހެންކަމުން ފޯނުނަގާ އެ މީހާގެ ނަންބަރަށް ގުޅާލިއެވެ. އެހެން ނަމަވެސް ޖަވާބެއް ނުދެއެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް ފަތީން ޑައިލް ކޮށްލިއެވެ.

ޝިމާއަށް ހޭވެރިކަމެއްވީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ހޭއެރުމާއެކު ޝިމާ ބިރުން ތެޅިގަތެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޝިމާ ބޭއްވިފައި އޮތް އެނދުގެ ހަތަރު ފަޔަށް ޝިމާގެ ހަތަރެސްފައިވަނީ ބަނދެވިފައެވެ.

"ކޮބާ.. ހޭލެވުނީތަ ދޫނީ؟" ޝިމާ ބޭއްވިފައި އޮތް އެނދުގެ ކައިރީގައި ގޮނޑިއެއްގައި އިށީނދެގެންއިން އެ ނުލަފާ މީހާ ބަރުއަޑަކުން ބުނެލިއެވެ. ޝިމާއަށް ރޮވެން ފެށުނެވެ. ބިރުންނެވެ. ސަލާމަތްވާނެ އެއްވެސް ގޮތެއް ފެންނަން ނެތީމައެވެ.

އެވަގުތު އޭނާ އިންތަނުން ތެދުވިއެވެ. "ކުޑަކޮށް ބަލާލާފިން. ބޯށި އޮތީ ކަނޑާލާފަދޯ؟" އޭނާ އެހެންބުނި ވަގުތު ރިންގްވަމުންދިޔަ އޭނާގެ ފޯން ކެނޑުނެވެ. "ކާކުތަ ކަނޑާލީ؟ ފަޒީންތަ؟" އެ ނުލަފާ މީހާ ބޮޑާކަމާއެކު ވާހަކަ ދައްކަމުންދިޔައިރު ޝިމާގެ ހިތުގެ ވިންދު ބާރުވެ ނޭވާ ހާސްވަމުންދިޔައެވެ. އަނގައިން ބަހެއް ބުނާނެހާ ހިތްވަރުވެސް މިހާރު ޝިމާގެ ގަޔަކު ނެތެވެ. އެއަށްވުރެން ބޮޑަށް ޝިމާ އޮތީ ބިރުގަނެފައެވެ.

އެވަގުތު އަނެއްކާވެސް އެމީހާގެ ފޯނު ރިންގްވާން ފެށިއެވެ. "ހަލޯ" އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. "ހްންންންން... މިއޮތީ ވަރުގަދަ ކަމެކޭ.. އާދެބެއަ ތި ބުރިޖުން އަރާގެން މިތާ މިފަރާތަށް. މި ގެގަނޑަށް ވަދޭ އަންނަގޮތަށް." އޭނާ ވާހަކަ ދެއްކީ ފަތީންއާއި ކަމެއް ޝިމާއަކަށް ނޭނގޭނެއެވެ

ފޯނު ކަނޑާލުމަށްފަހު އޭނާ ފޯނު ލީ ޖީބަށެވެ. އެއަށްފަހު ޝީމާގެ ގާތަށް އޭނާ ޖެހިލިއެވެ. "މަގޭ އަސްލު އެންމެ ބޭނުންވި ގޮތެއް ނުވި. ކަލޭތީ މަ ހީކުރިވަރަށްވުރެ މާ ކޮލިޓީ ގޮލައެއް. އެހެންވީމަ މިޖެހެނީ ޕްލޭންސް ޗޭންޖް ކޮށްލަން." އޭނާގެ އެ ބަރު އަޑުން އެއްވެސް ރަހުމެއްނެތި އޭނާ ބުނެލިއެވެ. ބިރުން ވިރިވިރި އޮތް ހިތަކާއިއެކު އަދިވެސް ޝިމާ އޮތީ އެމީހާއަށް ބަލާށެވެ.

ހިތުގައި ކިތަންމެ ބޮޑު ބިރެއް އުތުރި އަރަމުން ދިޔަނަމަވެސް ފަތީން ފަސްޖެހޭކަށް ބޭނުމެއް ނުވިއެވެ. ކުޑައިރުއްސުރެ އެންމެ އެކީގައި އުޅުނު ރަޙުމަތްތެރިޔާ އެނުލަފާ މީހާގެ ގާތަށް ދޫކޮށްލާފައި ދުރުގައި ބަލަން ހުންނަހާ ފިނޑި މީހަކަށްވާން ފަތީން ބޭނުންނުވީއެވެ.

ފައިގައިހުރި ބާރެއްލާފައި ފާލަންމަތިން ދުވެފައި ފަތީން ދިޔައީ އޭނާ އެބުނި ގެގަނޑާ ދިމާލަށެވެ. އެއީ މީގެ ކުރިންވެސް ފަތީން އޭނާގެ ރައްޓެހިންނާއެކު މޫދަށް އައިސް އުޅޭއިރު ކުޅިވަރުކުޅެން ވަދެ އުޅޭ ގެއެކެވެ. ތެޅިގަލުން ރާނާފައިހުރި ދުވަސްވީ މިގެއަކީ މިސަރަހައްދަށް މޫދަށްއެރެން އަންނަ އަންހެނުން ހުދުން ބަދަލުކުރަން ބޭނުންކުރާ ގެއެކެވެ. އެހެންކަމުން މިގޭގެ ފާރުތަކުގައިހުރި ވީރާނާވެ ހަލާކުވެފައިވާ ކުޑަދޮރުތައްވެސް ވަނީ ބާ ކަރުދާހާ ފިލައިން ބައްދާލެވިފައެވެ. އެގޭގައި ކަރަންޓް ނެތްކަމަކު އެގޭތެރެ އާދަޔާ ޚިލާފަށް ދިއްލާލެވި އަލިކޮށްލެވިފައިވާކަން އެގެ ފެނުނު ވަގުތުވެސް ފަތީންއަށް ފާހަގަ ކުރެވުނެވެ.

ފަތީންއަށް އެގެއަށް ވަދެވުނު އިރު އެމީހާ ހުރީ ކުރިމަތީގައެވެ. ޖެހިގެން ހުރި އެނދުގެ މަތީގައި ޝިމާ ބަނދެފައި އޮތްތަން ފެނުމުން ފަތީންގެ ރުޅި އިރުތުވެގެން ދިޔައެވެ. ފަތީން ވަތްތަން ފެނުމުން ޝިމާގެ ދެލޯ ބޮޑުވިއެވެ.

ގޭތެރެ މިހާބޮޑަށް އަލިކޮށްލާފައި އެވަނީ ބެޓެރީގެ ބާރުން ދިއްލާފައިވާ ބޮޑު ބައްތިއެއްގެ އެހީގައެވެ. ފަތީންއަށް އަނެއްކާވެސް ބަލާލެވުނީ ޝިމާއާއި ދިމާލަށެވެ. ގޮތްހުސްވެ މާޔޫސްވެފައި ޝިމާ ފަތީންއަށް ބަލަން އޮތްއިރު އޭނާގެ ދެލޮލުން ކަރުމަތައް ފައިބަމުން ދެއެވެ. ފަތީންގެ ހިތަށް ކެތް ނުކުރެވޭހާ އަސަރު ކުރިއެވެ. ރުޅިއައިސްގެން ފަޅައިގެންދާވަރުވިއެވެ. ނަފްރަތުގެ ލޮލަކުން އެ ނުލަފާ އިންސާނާއަށް ފަތީން ބަލާލިއެވެ.

"ބަލާއެއްނު. ކަލޭ ތިކުރާ ކަމެއް މަށަށް ކޮށްބަލަ. ކީއްކުރަންތަ މަގޭ ރައްޓެހިންނާ ތިބެހެނީ؟" ފަތީން ހަޅޭ ލަވައިގަތެވެ

"ހައް ހައް ހައް.." އޭނާ ޖަހާލީ ވަރަށް ބާރު ހިނިގަނޑެކެވެ. "ޝިމާއަށް ކަމެއް ކޮށްފިއްޔާ ކަލޭ ހަނދާންކުރާތި. ހޭއަރުވާ.." ފަތީންގެ ވާހަކަ ނުނިމެނީސް އޭނާ ފަތީން ހުއްޓުވީ އޭނާގެ ކަނާއަތުގެ އިޝާރާތަކާއިވެސް އެކުގައެވެ. "އައް! އައް! އައް! މަޑުކުރޭ..." 

އޭނާ ފަތީންއާއި ދިމާލަން މަޑުމަޑުން ހިނގަން ފެށިއެވެ. "މަށެއް ނޫނޭ ކަމެއް ކުރާނީ މިރޭވެސް. ތިކުދިންތީ އެންމެ އެކްޓިވްކޮށް އުޅޭ ކުދިން. އެހެންވީމަ މިރޭވެސް ޝިމާއަށް ކުރާކަމެއް ކުރާނީ ފަތީން ކަލޭ.. މަށެއްނޫން." އޭނާ އެބުނި އެއްޗެއްގެ މާނައެއް ފަތީންއަކަށް ނުވިސްނުނެވެ. ނަމަވެސް އިތުރަށް ޖެހިލުންވާގޮތްވިއެވެ. އޭނާ އެދޭނީ އާދައިގެ ކަމަކަށް ނޫންކަން ފަތީންއަށް ޔަގީނެވެ.

އަނގައިން ބަހެއް ނުބުނެ ބަސްހުއްޓިފައި ފަތީން ހުއްޓައި އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ކޮބާ ތައްޔާރުތަ ޓާސްކަށް؟" އޭނާ ބުނެލީ ޝީމާއަށްވެސް ބަލާލާފައެވެ. އެއިރު ޝިމާގެ ދެލޯ ވަނީ އެއްކޮށް ރަތްވެފައެވެ. "ރެޑީހޭ؟" ފަތީން އެއްޗެކޭ ނުބުނެ ހުރުމުން އޭނާ ފަތީންގެ ކަންފަތާއި ގާތްވެލާފައި އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ފަތީން އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ

"ކިހިނެއްތަ ހަދަންވީ؟ އޭނަ ކުދިކޮށް ކޮށާލަންވީތަ؟" ފަތީން ވާހަކަ ދެއްކިއިރު ރުޅިއައިސްގެން އޭނާގެ އަޑުގައި ހުރީ ކޫރުންއެޅިފައެވެ. "ހައްހައްހައް.." އެ ނުލަފާ އިންސާނާ އަނެއްކާވެސް ހޭންފެށިއެވެ. ހަމައެވަގުތު އޭނާ ފަތީންގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ފަތީންގެ ފުރަގަހާވީ ފަރާތަށް ހިނގައިގަންނަމުންނެވެ. ފަތީންގެ ކޮނޑުން އޭނާގެ އަތް ފަތީން ފޮޅާލީ އެންމެ ސިކުންތެއްގެ ތެރޭގައެވެ. "ހަމަޖެހިބަލަ. ހަމަޖެހިބަލަ. ރުޅިމަޑުކޮށްބަލަ.. ހިނގާބަލަ.." ފަތީންގެ ކޮނޑުގައި އޭނާގެ އެއް އަތް އަޅުވާލާގެން އޭނާ ދިޔައީ ޝިމާ ބޭއްވިފައި އޮތް އެނދުގެ ކައިރިއަށެވެ.

"އޯކޭ.. ހިނގާދޯ ލަސްނުކޮށް މިކަންތައް އަވަހަށް ނިންމާލަން..؟" އޭނާ ފުންނޭވާއެއް ލިއެވެ. "ފަތީން! މައި ފްރެންޑް! ކަލޭ ކޮށްލަންވީ ކަމަކީ މިއޮތީނުން ލޯބި ލޯބި މަންޖެއެއް. އޭނާއާ އެކީ އެކަން ކޮށްލަދޭންވީ." ފަތީން ވަގުތުން އޭނާގެ މޫނަށް ބަލާލިއެވެ. އެތައް ޖަޒުބާތުތަކެއް އެމޫނުގައި ހުއްޓެވެ. ނަފުރަތެވެ. ރުޅިއެވެ. ހައިރާންވެ ކޮޅުގެ ކޮޅަށް ގޮތްހުސްވެފައިވާ ކަމުގެ އިހުސާސްތަކެވެ. އެނދުމަތީގައި އޮތް ޝިމާގެ ހާލަކީވެސް ހަމައެއީއެވެ.

"ކޯއްޗެކޭ؟ ކޮން ކަމެއް؟" އޭނާ އެބުނީ ކޮން ކަމެއްގެ ވާހަކަކަން ފަތީންއަށް ހަމަ ރަނގަޅަށް އެނގުނެވެ. އެހެންނަމަވެސް އެކަން ނޭނގޭކަމަށް ހެދުންނޫން ގޮތެއް އެވަގުތު ފަތީންގެ ސިކުނޑިއަކަށް ނައެވެ.

"ކަމްއޮން ފަތީން... މިސްޓާ ވައްކަންބޯ.. ތަންކޮޅެއް ފުންކޮށް ވިސްނާލަބަލަ. އެއްކަލަ ފައިސާތައް ނެގިރޭ ވިސްނިހެން ސްމާޓްކޮށް ވިސްނާލަބަލަ. ކައިވެނީގެ ފުރަތަމަރޭ ދެމަފިރިން... ހްމްމް ހްމްމް؟؟ އެބަ ގެޓުވޭދޯ؟" އެ އަޑު އަހާފައި ޝިމާގެ ރުއިމުގެ އަޑު ބޭރުވާން ފެށިއެވެ. "އަޅެ ނޫން!" ޝިމާ އާދޭސް ކުރަންފެށިއެވެ.

ފަތީން ފަހަތަށް ޖެހިލިއެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. "ހެޔޮނުވާނެ! ކަލޭ އަހަރެން މަރާލާ." އާދޭހުގެ ރާގަކަށް ފަތީން ދެލޯ މަރާލާފައި ބުންޔެވެ. "ނޫން.. އަދި ނުވޭ ކަލޭ މަރުވާކަށް. އަދި ކަލޭ މަށަށް ކޮށްދެންޖެހޭ ބައިވަރު ކަންތައް އެބަހުރި. ދެންވެސް މާގިނަ ވާހަކަ ނުދައްކާ މިކަންތައް ނިންމާލާ. ވަގުތެއް ނެތް." އޭނާ މިފަހަރު ވާހަކަދެއްކީ ހަރުކަށި ގޮތަކަށެވެ.

"އަޅެ! ހެޔޮނުވާނެ. މަށަށް ތިހެން ނުހަދަބަލަ!" ރޮވިފައި ހުރި ފަތީން ހަޅޭލަވައިގަތުނެވެ. "މާ ބާރަށް ހަޅޭނުލަވާ. މަ ބުނާގޮތް ނޫން އެހެން ގޮތެއް މިހާރު ކަލޭއަކަށް ނުހެދޭނެ. މިރޭ މިކަން ނުކޮއްފިއްޔާ ކަލޭ ބައްޕައަށް ކަލޭ އޭނަ އަތުން ވަގަށްނެގި ފަންސާސްހާސް ރުފިޔާގެ ވާހަކަ އަޑު އިއްވާލުމަކީ މާ ދުރުގަ އޮތް ކަމެއް ނޫން." އޭނާގެ އަޑުގެ ހަރުކަށިކަން ކުޑަކޮށް މަޑުވެލިއެވެ. "އޭރުން ކިހިނެއްބާ ވާނީ؟ އޭރުން ކަލޭ ގެއިންވެސް ނެރެލަފާނެދޯ؟ އެހާ ވަރުގަދަ ބައްޕައެއްވިއްޔަ މިހިރީ ލިބިފަ. ހެހެހެ." އޭނާ މަޑުމަޑުން ގޮސް ފަތީންގެ ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ.

"ދޭ..." އޭނާ ފަތީންގެ ބުރަކަށީގައި އަތް އަޅުވާލުމަށްފަހު ޝިމާ އޮތް އެނދާއި ދިމާލަށް ކޮށްޕާލިއެވެ.

ފަތީންއަށް އިތުރު ގޮތެއް ނެތެވެ. ކައިރި ފިޔަވަޅު ތަކެއްގައި ހުރެ އެ އެނދާއި ދިމާލަށް ފަތީން ދިޔައީ ޝިމާގެ މޫނަށް ބަލަމުންނެވެ. ޝިމާގެ ދެލޯ ހުއްޓިފައި ހުރީ ފަތީންއަށެވެ. ޝިމާގެ ދެލޯ ފުރާ އޮހެމުންދާ ކަރުމަތައް ފަތީން ގާތުގައި އެކަން ނުކުރާށޭ ބުނާފަދައެވެ.

ފަތީންގޮސް އެ އެނދު ކައިރީގައި ހުއްޓުނު ވަގުތު ފަތީންގެ ފުރަގަހުން ކުއްލިއަކަށް ދިއްލުނު ފޯނެއްގެ ފްލޭޝްއާއި އެކު ޝިމާ އެދިމާލަށް ބަލާލުމަށްފަހު ދެލޯ ބޮޑުވިއެވެ. "ދެން އަވަހަށް އަރާ!" ފަތީން ފަހަތަށް ބަލާލިއިރު އޭނާގެ ފޯނު ހުރީ ފަތީންއާއި ދިމާލަށް ދިއްލިފައެވެ. އެވަގުތު ޝިމާގެ ގިސްލުމުގެ އަޑުވެސް ފަތީންއަށް އިވުނެވެ

"ވަރަށް ވަރަށް ބޮޑަށް ސޮރީ ޝީމާ.." އެނދުމައްޗަށް އަރަމުން ފަތީން ބުނެލީ އިސްދަށަށް ޖަހާލަމުންނެވެ. ޝިމާއާއި ހަތަރުކަޅި ހަމަކުރަން ނުކެރުނީމައެވެ.

"އާނ ރަނގަޅު. ކުރިއަށް ގެންދޭ.." އޭނާ ފޯނު ދިއްކޮށްގެންހުރެ އެކުދިންނާއި ގާތަށް އައެވެ

ޝިމާގެ ފައި ކައިރީގައި އިށީނދެލާފައި ފަތީން ވަރަށް ހިތްވަރު ކޮށްފައި ޝިމާގެ މޫނަށް ބަލާލިއެވެ. "ނޫން.." ގިސްލަމުން ޝިމާ ބުނެލީ ބޮލުންވެސް އެކަމަށް އިންކާރު ކުރަމުންނެވެ. "އަވަސް އަވަސް" އެ ނުލަފާ އިންސާނާ ހެމުން ހުރެ ބުނެލިއެވެ

ފަތީން އިތުރަށް އެންމެ ފަހަރަކުވެސް އެ މީހާއަށް ބަލައެއް ނުލައެވެ. ޝިމާ ލައިގެން އޮތް ޖިންސުގެ ގޮށް ފަތީން އޭނާގެ ދެއަތުން ނައްޓުވާލިއެވެ. އެއިރު ސަލާމަތްވާންވެގެން ޝިމާ އޭނާގެ ހަތަރެސްފައި ގުޑުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޝިމާއަށް ސަލާމަތް ވެވޭވަރަށްވުރެ ބާރަށް އެވާތައް ވަނީ ޝިމާގެ ހަތަރެސްފަޔަށް އޮޅާލެވި ބަނދެވިފައެވެ

_ 16 ވަނަ އެޕިސޯޑް ނިމުނީ _

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޚަބަރު
ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާިއން ވިދާޅުވީ، އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 May 2024
ޚަބަރު
ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނޫން.އެމްވީއަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައި ވަނީ، ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
03 May 2024
ޚަބަރު
ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.