Advertisement

26 Jun 2025
ޚަބަރު

ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ޙާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.

ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

މި ޖަނާޒާގައި، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު، ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. މަސްޖިދުއް ޒައިދު ބިން ޘާބިތުގައި ކުރެވުނު ކަށުނަމާދަށް ފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. އަދި، ސަންދޯއް ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި، މި ޖަނާޒާގައި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި، ރަސްމީ ކުރުނީސް އަރުވާފައެވެ.

ޤައުމީ ޚިދުމަތުގައި، ސިފައިންގެ ޑިއުޓީއެއްގައި އުޅުއްވަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު އަވަހާރަވިއިރު، ސިފައިންގެ ޚިދުމަތުގައި ޝަރަފުވެރިކަމާއެކު ޚިދުމަތް ކުރައްވާތާ 27 އަހަރު ވަނީ ވެފައެވެ.

ތ. ހިރިލަންދޫއަށް އުފަން ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1998 އެޕްރީލު 21 ވަނަ ދުވަހުއެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުއަށް އަސްކަރީ ޚިދުމަތުގައި ވަނީ، ފަސް މެޑެއްޔާއި، ހަތަރު ޝަރަފުގެ ކުލަ ލިބިލައްވާފައެވެ.

އެގޮތުން ލިބިލައްވާފައިވާ ކުލަޔާއި މެޑެލިތަކުގެ ތެރޭގައި، 17ވަނަ ސާކްސަމިޓް މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، އަޚްލާގީ ކުލަ ތިންވަނަ ފަހަރަށް، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި ކާމިޔާބުގެ ކުލަ ހިމެނެއެވެ.

ހުޅުމާލެ ސަހަރާ މިސްކިތުގައި ރޭ ބޭއްވި ޖަނާޒާގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިންނާއި، އާންމުން ވަނީ ބައިވެރިވެލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.