Advertisement

28 Jan 2024
ކޮލަމް
މިފްތާޙް މުޙައްމަދު

ފައިސާ ނޫނިއްޔާ ފަހަށް ރައްކާ ކުރާނީ ފޮނި އުއްމީދު ހެއްޔެވެ؟

އަހަރެމެންގެ ދުނިޔަވީ ބޭނުންތައް ފުއްދުމަށް ފައިސާއަކީ މުހިންމު އެއްޗެކެވެ. މިއީ ހުރިހާ ޒަމާނެއްގައިވެސް މިކަން އޮތް ގޮތެވެ. މި ޒަމާނުގައި އަހަރެމެން މި ގެންގުޅޭ ބާވަތުގެ ފައިސާގެ ނޫޓު ނޫނަސް، ކުރިން ފައިސާއެކޭ އެއްގޮތަށް ބޭނުންކޮށްފައިވަނީ ފަރުން ނަގާ ބޮއްޔެވެ. މިކަން ތާރީހީ ލިޔުންތަކުން އެނގެން އެބައޮތެވެ. އެ ޒަމާނާ ގުޅިގެން މީހުންގެ ބޭނުންތައް ފުއްދުމަށް ބޮއްޔަކީ މުހިންމު އެއްޗަކަށް އޭރު އޮތީ ވެފައެވެ.

މިއަދަކީ އިއްޔެގެ މާދަމާއަށް ވީތީ، މިއަދު ހޯދަން އަހަރެމެން އިއްޔެ މަސައްކަތް ކުރިފަދައިން، މާދަމާގެ ދުނިޔަވީ މުސްތަގުބަލު އަހަރެމެންނަށް ހޯދޭނީ، މިއަދު ގަދައަޅާ މަސައްކަތްކޮށްގެންނެވެ. އެހެންކަމުން، ފަހަށް ފައިސާ ރައްކާކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ އުއްމީދެކެވެ. ނަމަވެސް އޭގެތެރޭގައި ގިނައީ އެ އުއްމީދު ހަގީގަތަކަށް ނުހެދި، މާދަމާ އެކަން ކުރަން މަޑުކޮށްގެން ތިބެން ޖެހިފައިވާ މީހުންނެވެ.

ފަހަށް ފައިސާ ރައްކާ ކުރުމަކީ އަހަރެމެންގެ ތެރޭގައި އާންމު ވާހަކައަކަށް ވީ ނަމަވެސް، މި ކަމަކީ އަހަރެމެންނަށް ބީރަށްޓެހި ކަމެކެވެ. ގިނަ ބަޔަކު ބުނާގޮތުން، ފަހަށް ފައިސާ ރައްކާ ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުން ދިއުމެވެ. އަނެއް ބަޔަކު ބުނާގޮތުން، އެމީހުނަށް ފައިސާ ރައްކާނުކުރުރެވެނީ ލިބޭ އާމްދަނީ ކުޑަވުމުންނެވެ. އަދި މަދު ބަޔަކު ގަބޫލުކުރާ ގޮތުގައި، ފައިސާ ގެންގުޅުމުގައި "ޕާޓޭ އުސޫލު" ގެންގުޅުމަކީ ވެސް ރަގަޅު ގޮތެކެވެ. އެއީ މިއަދު ހޯދާ ފައިސާ މިއަދު ބޭނުން ކޮށްލުމެވެ. މާދަމާއަށް ބޭނުންވާ ފައިސާ ހޯދާނީ މާދަމާއެވެ.

ކޮންމެއަކަސް، ފަހަށް ފައިސާ ރައްކާކުރުމަކީ ދިރިއުޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ދުނިޔަވީ ދިރިއުޅުމުގެ ފޮނިމީރުކަން ލިބިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ދުނިޔަވީ ކަންކަމަށް ނަޒަރު ހިންގާ ފަރާތްތަކަށް މިކަން ފަހުމުވާނޭކަން ޔަގީނެވެ. މިސާލަކަށް އަތޮޅު ތެރޭގައި ދިރިއުޅެމުންދާ ފަރާތަކަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ރަށުން ފުރައިގެން މާލެ ދާންޖެހެއެވެ. ޖެހިގެން އަންނަ ދުވަހު ރާއްޖެއިން ބޭރަށް ފުރުމަށް ދަތުރު ހަދަން ޖެހުމަކީވެސް ދުރުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން، މިފަދަ ހާދިސާއަކުން "އަލާފިލާއިރު" މީހާ ހުންނަނީ ހަފުސްވެފައެވެ. އެއްކުރެވުނު މަދު ފައިސާކޮޅާއި، ސަރުކާރުން ލިބުނު އެހީގެ އިތުރުން، ރަހްމަތްތެރިންގެ ދީލަތި އެހީއާ ނުލައި މިފަދަ ކަމަކުން އަރައިގަތުމަކީ އުނދަގޫ ކަމެކެވެ. މި ޒަމާނަށް ބަލާއިރު، މިފަދަ ހާލަތްތަކުގެ މާލީ ހައްލަކަށް އިންޝިއުރެންސް ކުންފުނިތައް ވީ ނަމަވެސް، އަހަރަކު އިންޝުއަރެންސް ކުންފުންޏަށް ދައްކަންޖެހޭ އަދަދަށް ފައިސާ ރައްކާ ކުރުމަށް ހިތުނިޔަތް ގަނެގެން ތިއްބާ، އެއަށްވުރެން މުހިންމު ކަމަކަށް އެ ފައިސާކޮޅު ހަރަދުކޮށްލެވެއެވެ. ނަމަވެސް ރަގަޅު ސިއްހަތެއްގައި ހުރުމަށް ވުރެން ވަކި މޮޅު ފައިދާއެއް އޮންނާނެ ހެއްޔެވެ.

ހަމައެގޮތަށް، ރަށެއްގައި ދިރިއުޅޭ މީހަކު ސްކޫލު ޗުއްޓީގައި ޑޮކްޓަރަށް ދައްކާލުމަށާއި، ދެން ހުރި މަރުކަޒީ އެހެން ބޭނުންތައް ފުއްދުމަށް ވެރިރަށް މާލެއަށް ދެތިން ދުވަހަށް ޖައްސާލިޔަސް، އެމީހަކަށް ލިބޭ މުސާރައިގެ ބޭރުން އިތުރު ފައިސާކޮޅަކާ ނުލާ ދަތުރުގެ ހަރަދުތައް ހަމަޖައްސައެއް ނުލެވޭނެއެވެ. މިފަދަ ވަގުތުތައް ކުރިމަތިވާއިރު ފައިސާ ފޮއްޗެއް ރައްކާކުރެވިފަ ނެތްތަނަމަ ޖެހެނީ ދަރަނިވެރިވާށެވެ. އެބައި ހަމަޖެއްސޭނީ ޖެހިގެން އަންނަ މަހު މުސާރައިންނެވެ. އަދި ޖެހިގެން އަންނަ މަހުގެ މުސާރައިން އެބައި ހަމަޖެއްސުމުން، އެ މަހުގެ ހަރަދުތައް ހަމަޖެއްސޭނީ ވަރަށް މުއްބާރުވެގެނެވެ. އެހެންކަމުން އެފަދަ ދަތުރުތަކުން އަރައިގަތުމަށް ދެތިން މަސް ހޭދަވެއެވެ. ނަމަވެސް ފައިސާ ރައްކާކޮށް، ހަރަދުތަކުގެ ރަގަޅު ހިސާބެއް ޖަހާނަމަ ދިރިއުޅުން އެއަށްވުރެން ފަސޭހަވެފައި ބޮލުގަ ރިހުން ކުޑަވީހެވެ.

އަހަރެމެންގެ އާންމު ދިރިއުޅުމަށް ބަލާލާއިރު، ގޭތެރޭގެ ގިނަ ހަރަދުތަކުގެ ތަފްސީލު ހަގީގަތުގައި އެނގޭނީ އަނބިމީހާއަށެވެ. ފިރިމީހާ ބިލުތައް ދައްކައިދީ ގޭތެރޭގެ ވިޔަފާރިތައް ކުރުމަށް އެހީތެރިވެދިނަސް، ގަންނަ ތަކެތި ބޭނުންކުރާ ގޮތާއި، ގޭތެރެޔާއި ބަދިގެއަށް ކޮންމެހެން ބޭނުންވާ ތަކެތި ކަނޑައެޅުމުގެ ބާރު އެންމެ ރަގަޅުވާނީ އަނބިމީހާގެ އަތުގައި އޮތުމެވެ.

އާންމު ހަރަދުތަކާ ފައިސާ ރައްކާ ކުރުމާ އޮތް ގުޅުން ދިރާސާކޮށްލުމަށް، ގޭތެރޭގެ ކަންތައްތައް ބަލަހައްޓަމުން ސަރުކާރު އޮފީހެއްގައި ވަޒީފާ އަދާކުރާ އަންހެނަކާއި ވާހަކަ ދައްކާލީމެވެ. ފައިސާ ރައްކާ ކުރެވޭތޯ ކުރި ސުވާލަށް އޭނާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ބޮޑު ވަމުން ދިއުމެވެ. އޭނާ ފާހަގަކުރި ގޮތުން، މީގެ މަދު އަހަރެއް ކުރިން 100ރ. ހިފައިގެން ގޮސް ކުރި ވިޔަފާރި މިހާރު ކުރެވެނީ 500ރ. ހިފައިގެން ގޮހެވެ. އަދި ކޮންމެ ދުވަހަކުމެ ބޭނުން ކުރަންޖެހޭ ބިހާއި ފިޔާފަދަތަކެތީގެ އަގަށް އަންނަ ބަދަލަކީ، އާންމު ހަރަދުތައް ކުޑަކުރުމަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެކެވެ. މިސާލަކަށް ކުރިން 2ރ. އަށް ގަތް ބިސް، މިހާރު 3ރ. ނޫނީ 4ރ. އަށް ގަންނަން ޖެހުމަކީ ގާތްގަނޑަކަށް ހަރަދުތައް ދެގުނަ ވުން ފަދަކަމެކެވެ. ހަމައެގޮތަށް ފިޔާގެ އަގު ވެސް ދޭތެރެއަކުން ދެގުނަ ވެގެން ދެއެވެ. އެހެންކަމުން ގޭތެރޭގެ ކަންކަންކޮށް ނިމޭއިރު، މަސް ނިންމާލަން ޖެހެނީ މުޅި މުސާރަ ހުސްކޮށްލައިގެންކަމުން، ފަހަށް ރައްކާކުރާނެ އެންމެ ފައިސާ ފޮއްޗެއް ވެސް ނޯންނަކަމަށް އޭނާ ފާހަގަ ކުރިއެވެ. މިހެން ކަންތައްތައް ދިމާވަމުން ދިއުމުގެ ސަބަބުން، އަމިއްލަ ގިނަ ބޭނުންތަކުން މަހުރޫމުވާންޖެހޭކަމަށް އޭނާ އަސަރާއެކު ހިއްސާކުރިއެވެ

އާއެކެވެ. ކަން އޮތީ މިހެންނެވެ. އެހެން ނަމަވެސް މަހުން މަހަށް ކުރާ ހަރަދުތަކުގެ ހިސާބެއް ބެލެހެއްޓުމެއްނެތި، ލިބޭ މުސާރަ ހުސްވަންދެން ހަރަދުކުރަންޖެހިފައި އޮތް އޮތުމަކީ ތިމާގެ ހާލަތުކަމުގައި ދެކި އެގޮތަށް ކުރިޔަށް ދިއުމަކީ، ކަމުގެ ދެކޮޅު ނުބަލާ ގޮތް ނިންމުން ފަދަ ކަމެކެވެ. ރެކޯޑުތައް ލިޔެ ނުބަލަހައްޓާނަމަ އެންމެ ބޮޑެތި ހަރަދު ކުރެވެނީ ސީދާ ކޮންކަންތައްތަކަކަށްކަން ބުނެދޭކަށެއް ނޭންގެއެވެ. އެހެންނޫންނަމަ، ހަރަދުތަކުގެ ރަގަޅު ތަފްސީލެއް ލިބި، ހަރަދުތައް ކުޑަކުރުމަށް ގެނެވޭނެ ބަދަލެއް އޮތްތޯ އެންމެ ކުޑަމިނުން ބަލާލެވުނީހެވެ

ހަމައެގޮތަށް، ވަޒީފާއަށްދާ ފިރިހެނަކާ ވެސް ހަރަދުތަކާ ގުޅޭ ގޮތުން ސުވާލުކޮށްލީމެވެ. އޭނާއަކީ އާންމު ގޮތެއްގައި ހޮޓާތަކުން ކައިގެން މާލޭގައި ދިރިއުޅެމުން ދިޔަ ފަރާތެކެވެ. އޭނާ ބުނި ގޮތުން، މަހުގެ ހަރަދުތައް އަންދާޒާކޮށް، މަސް ފެށުމުގެ ކުރިން އެކި ކަންކަމަށް ހަރަދު ކުރާނެ މިންވަރު އޭނާ ކަނޑައަޅައެވެ. މިސާލަކަށް އަނބިދަރިންނަށް ހަރަދު ކުރާނެ މިންވަރާއި، އޭނާގެ ކެއުމުގެ ކަންކަމަށް މަހެއްގެ މައްޗަށް ކުރާނެ ހަރަދު މަސް ފަށާއިރު ކަނޑައަޅައެވެ. ނަމަވެސް މަހުގެ މެދަކަށް ދާއިރު، ހެދި ހިސާބުތައް ބޮއްސުންލައި، ފައިސާކޮޅު ހުސްވެ، އެގޮތް މިގޮތުން މަހުގެ ބާކީ އޮތްބައި ހޭދަކުރަން ޖެހެއެވެ. އެހެންކަމުން ބަޖެޓު ހެދުމުގައި އޭނާއަށް މި ހެދޭ ގޯސްތައް ބަލާލުމަށް އިތުރަށް ސުވާލުކޮށްލީމެވެ

މިކަން އިތުރަށް ބެލިބެލުމުން ފާހަގަވިކަމަކީ، ބަޖެޓު ހެދުމުގައި ގޯހެއް ނެތްކަމެވެ. ނަމަވެސް އޭނާ ގޯސް ހަދަނީ ހަރަދު ކުރުމުގައެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑަށް އެކަން ފާހަގަ ކުރެވުނީ، އޭނާގެ ކެއުމުގެ ހަރަދުތައް އަންދާޒާ ކުރުމުގައި ހަދާފައިވާ ގޯސްތަކެވެ. ލިބޭ އާމްދަނީއަށް ބަލައި އާންމު ގޮތެއްގައި މަހަކު 2،000ރ. ކެއުމަށް ހަރަދުވާނެކަމަށް އޭނާ އަންދާޒާ ކުރިނަމަވެސް، ދެތިން ދުވަހު ކެއުމަށް ހަރަދު ކުރާވަރު ބަލާ، އެ އަދަދުތަކުން މަހެއްގެ މައްޗަށް އެވަރެޖްކޮށް ހޭދަވާނެ ހަރަދުގެ ހިސާބު ޖަހާލިއިރު އޭނާ ކެއުމަށް ހެދި ބަޖެޓުގެ ދެގުނައަށް ހަރަދު ކުރެއެވެ. މިކަން އޭނާއަށް އިހުސާސް ނުވީ ހަގީގަތުގައި އެކަމަށް އެހާފަރުވާތެރިނުވެ، ކެއުމުގެ ހަރަދުތައް ކުރެވޭ ގޮތުގެ ހިސާބަށް ބެލުމެއްނެތުމުންނެވެ. ގެންގުޅެނީ ހިޔާލީ އަންދާޒާއެކެވެ. މިއީ ބިލާހެއްފަދަކަމެއްކަމެއް އޭނާ ނުދަނެއެވެ

މި ކުޑަކުޑަ ދިރާސާއިން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ، އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެމީހަކު ކުރާ ޚަރަދުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ މީހުންކަމެވެ. އެމީހުން ގެންގުޅެނީ ހިޔާލީ އަންދާޒާއެއް ކަމެވެ. ނަމަވެސް އެ އަންދާޒާއަކީ އެއާ އެއްގޮތަށް ނަތީޖާ ނެރެވޭނެ އަންދާޒާއެއް ނޫންކަމެއް އޭގެ ތެރެއިން ގިނަ ބަޔަކަށް ނޭންގެއެވެ. ސަބަބަކީ އެމީހަކު ކުރާ ހަރަދުތައް ހަގީގަތުގައި އެމީހަކަށް ސާފުކޮށް ނޭންގުމެވެ. ހިސާބުތައް ލިޔެ ނުބެލެހެއްޓުމެވެ. ނޫންނަމަ ކުރާ ހަރަދުތައް ރެކޯޑުކޮށް، އެ ހިސާބުތަކުގެ މައްޗަށް އަންދާޒާ ބިނާނުކުރުމެވެ. މިއީ ހަމައެކަނި ހިސާބު އިލްމަށް މާ މޮޅު ބަޔަކަށް ނޫނީ ނުކުރެވޭނެ ކަމެއް ނޫނެވެ. މިއީ އަހަރެމެންގެ ތެރެއިން ލިޔަން ކިޔަން ދަންނަ ކޮންމެ މީހަކަށް ވެސް ކުރެވޭނެކަމެކެވެ. އަދި ސްމާޓު ފޯނެއް ގެންގުޅޭ ނަމަ މިކަން އެތައް ގޮތަކުން ފަސޭހަވީއެވެ. މިކަމަށް ހާއްސަ ގިނަ އެޕްލިކޭޝަންތަކެއް މިހާރު ހުރެއެވެ. ހަމައެކަނި ކުރަންވީ ކަމަކީ، ތިމާ ކުރާ ހަރަދުތަކަކީ ކޮބައިކަން ތިމާ އަމިއްލައަށް ހޯދުމެވެ. އިނގިލި ބިނދެގެން ހިސާބު ޖަހައިގެން މި ކަމެއް ނުވާނެއެވެ. ޖެހޭނީ ނޯޓު ކުރާށެވެ. އޭރުން ވަކިކަންކަމަށް ކުރެވޭ ހަރަދުތައް ވަކިން ދެނެގަނެވި، ހަރަދުތައް ކުޑަކުރެވޭނެ ކަންކަން ފެންނާނެކަން ޔަގީނެވެ.

މީގެ ދުވަސްތަކެއް ކުރިން އަހަރެންނަކީ ވެސް އެ މަހަކަށް އަންދާޒާކުރާ ހަރަދުތައް ބެލެންސް ކުރުމުގައި، އޮޅިފައިވާ ކަންވާރެއް ފިލުވުމަށް އުޅޭހެން އުޅުނު މީހެކެވެ. މަހުގެ މެދުތެރެއިން އެ މަހެއްގައި ކުރެވުނު ހަރަދުތައް ނޭންގިގެން ގިނަ ވަގުތުތަކެއް ބޭކާރު ކުރެވުނެވެ. އަންދާޒާ ބަޖެޓާއި، ކުރެވޭ ހަރަދުތައް ދިމާނުވުމުން އެކަން ހޯދަން އޭރު ކުރެވެން އޮތްހާވެސް ކަމަކީ، ކުރެވުނު ހަރަދުތަކާއި އޭގެ ބޭނުންތައް ހަނދާންވެތޯ ފުންކޮށް ވިސްނާލުމެވެ. އެވަރުން ނުވެއްޖެނަމަ އިންޓަނެޓް ބޭންކިންގ މޯބައިލް އެޕްލިކޭޝަނުން ޗެކުކުރުމެވެ. ނަމަވެސް އެ ގޮތުންވެސް، ވަކިވަކި ހަރަދުތަކާއި އެ ހަރަދުގެ ބޭނުން ދެނެގަނެވުން އެއީ ވަރަށް އުނދަގޫ ކަމެކެވެ. މި މައްސަލައަށް ހައްލު ހޯދީ ފޯނަށް އެޕްލިކޭޝަނެއް ޑައުންލޯޑުކޮށް، ކުރެވޭ ހުރިހާ ހަރަދުތަކެއް ނޯޓު ކޮށްގެންނެވެ. މަހެއް ފެށިގެން ނިމެންދެން ކުރެވުނު ހުރިހާ ހަރަދުތަކެއް ސާފުކޮށް އެނގެން އޮތުމުން، އާންމު ދިރިއުޅުމުގައި ކުރާ ހަރަދުތަކުގެ ތެރެއިން ހަރަދު ކުޑަ ކުރެވޭނެ ދިމާތައް އަހަރެންނަށް އެނގުނެވެ. ނަތީޖާއަކަށްވީ، ފަހަށް ރައްކާކުރާނެ ފައިސާ އަހަރެންގެ އަތުގައި ހުރުމެވެ

ހަގީގަތުގައި އަހަރެމެންގެ ތެރެއިން ގިނަ މީހުން ފަހަށް ފައިސާ ރައްކާކުރުމަށް ބޭނުންވިޔަސް، އެމީހުނަށް މަޑުކުރެވެނީ ބޭނުންކޮށްފައި ބާކީވާ ފައިސާ ރައްކާކުރުމަށެވެ. މި ޒަމާނުގައި ކޮންމެ ކަމަކަށް ފައިސާ ބޭނުންވާއިރު، އެ ފޮމިއުލާއަށް މަސައްކަތްކޮށްފިނަމަ، ފޮނި އުއްމީދު ނޫން އެއްޗެއް ފަހަށް ރައްކާ ކުރެވޭނެ ހެއްޔެވެ. ބޭނުންވަނީ ކުރެވޭ ހަރަދުތައް އެނގި، ހަރަދު ކުރުމުގައި ކޮންޓްރޯލް ކުރެވޭނެ ދިމާތައް ދެނެގަތުމެވެ. އަދި އެ ހޯދުމުގެ މައްޗަށް ބިނާކޮށް، ހަރަދު ކޮންޓްރޯލްކުރަން ދަސްކުރުމެވެ. އޭރުން ފަހަށް ފައިސާ ރައްކާ ކުރެވޭނެއެވެ. މަހަކު 100ރ. އިން ފެށުމަކީ ވެސް ބޮޑު ކުރިއެރުމެކެވެ

ކޮމެންޓް
އިތުރު އާޓިކަލް
10 Dec 2024
ޚަބަރު
ފަހަތަށް ނުޖެހި ސަރުކާރާއި ދެކޮޅަށް ނުކުތުމަށް ކުރީގެ ރައީސް ޞާލިޙް ގޮވާލައްވައިފި
ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ކުރަންވީ ކަމަކީ ފަހަތަށް ނުޖެހި ނުކުތުން ކަމަށާއި، ރައްޔިތުން ނުކުތީމާ، ރައްޔިތުންގެ އަޑު އަހަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.
10 Dec 2024
ޚަބަރު
މިސަރުކާރުން ސްޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ: ރައީސް ޞާލިޙް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުން ވަނީ މިނިވަން މުއައްސަސާތައް މުށުތެރެއަށް ލައި، ރައްޔިތުންގެ މަޖިލިސްވެސް ޙިޞާރުކޮށްފައި ކަމަށެވެ. އަދި ބޭންކުގެ ތެރެއަށް އަތްބާނައި ކޯޓުތަކުގެ މިނިވަންކަންވެސް ސަރުކާރުން ނިގުޅައިގެންފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
10 Dec 2024
ޚަބަރު
ކޮޕީ ރައިޓް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ކުރައްވައިފި
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގެ މަގުސަދަކީ، ކޮޕީރައިޓުގެ ޙިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ޙައްޤުތަކާގުޅޭ ކަންކަން އިތުރަށް ތަފްޞީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައެޅުމާއި، ކޮޕީރައިޓްގެ ޙައްޤުތަކަށް ޙިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާގުޅޭ ޙައްޤުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ޓަކައި، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
10 Dec 2024
ޚަބަރު
ދިވެހިރާއްޖެއިން އަބަދުވެސް އިންސާނީ ޙައްޤުތަކަށް އެއްބާރުލުން ދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ޙައްޤުތަކަކީ، ގުޅިލާމެހިފައިވާ ޙައްޤުތަކެއްކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ. އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ، ކަރާމާތާއި ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމްކުރުން ކަމުގައި ވާހިނދު، އެފަދަ މުޖުތަމަޢެއް ބިނާކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.