ރީ-ރެޖިސްޓްރޭޝަނާއި ގުޅޭ ކަންކަން ސާފުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ---
ރީ-ރެޖިސްޓްރޭޝަނާއި ގުޅޭ ގޮތުން އިދިކޮޅުންކުރާ ތުހުމަތުތަކަށް އީސީއިން ޖަވާބު ދެއްވީ ތަފާސް ހިސާބުން
ރިޔާސީ އިންތިޚާބު އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުމުގެ ޘަޤާފަތަކާއި ތާރީޚެއް އޮތީ އިދިކޮޅު ޕީޕީއެމަށެވެ. އެކަން ނިމިދިޔަ އިންތިޚާބުތަކުގައި އަމަލުކުރި ގޮތްތަކާއި އަދި މިހާރު ޢަމަލުކުރާ ގޮތްތަކުން އަންނަނީ ވަރަށް ރަނގަޅަށް ހާމަވެ ބޭޒާރު ވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ރީރެޖިސްޓްރޭޝަނަށް 2 ދުވަހުގެ ތެރޭގައި 25000 ވުރެ ގިނަ މީހުން އޮންލައިންކޮށާއި ފިޒިކަލްފޯމް ހުށައަޅާފައިވާ ކަމަށް ކޮމިޝަނުން ހާމަކުރުމާއި އެކު އިދިކޮޅު ކެންޑީޑޭޓް ވަނީ އެކަމާއި މެދު ޝައްކު އުފައްދަވައި ޓްވީޓް ކުރައްވާފައެވެ.
ރީ-ރެޖިސްޓްރޭޝަނާއި މެދު ކަންބޮޑުވެ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެންމެ 2 ދުވަހުގެ ތެރޭގައި 25000 މީހުން ރީރަޖިސްޓްރީ ކޮށްދިނުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެކަން ސިޔާސީ ޕާޓީތަކާއި ބައިނަލްއަގްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ސީރިއަސްކޮށް ބެލުމަށް މުޢިއްޒު ގޮވާލެއްވިއެވެ.
އިދިކޮޅު ކެންޑިޑޭޓް މުޢިއްޒު އުފެއްދެވި ކަންބޮޑުވުމާއި ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުންނާއި، ޕާޓީގެ އިސްބައެއް ބޭފުޅުންވެސް ވަނީ އެކަމާއި މެދު ވާހަކަދައްކައި، އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި މެދު ސުވާލު އުފައްދާފައެވެ. އެހެން ނަމަވެސް އެވާހަކަތަކުން އެނގި ހާމަވީ، އިންތިޚާބުތަކުގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް ހިނގާ ގޮތާއި، މީހުން ރީރެޖިސްޓްރީ ކުރާ ސަބަބުތައް، ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވާއިރު، ޚުދު މުޢިއްޒަށްވެސް އެނގިވަޑައި ނުގަންނަވާކަމެވެ.
އިދިކޮޅު ކެންޑިޑޭޓް ސޯޝަލް މީޑިއާގައި އުފެއްދި ޝައްކުތަކަށް ޖަވާބުދިން އާއްމުންގެ ގިނަ މީހުންވެސް ފާހަގަކޮށްފައި ވަނީ އިންތިޚާބުތަކުގައި އެއަށްވުރެ މާގިނަ އަދަދަކަށް މީހުން ރީ-ރެޖިސްޓްރީ ކުރާ ކަމާއި، އަދި ފުރަތަމަ ބުރުގައި 70 ހާހަށްވުރެ ގިނަ މީހުން ވޯޓުނުލައި ތިބި ކަމެވެ.
ރީ- ރެޖިސްޓްރޭޝަން ކުރިޔަށްދާ ގޮތާއި މެދު އިދިކޮޅު ކެންޑީޑޭޓަށް ތާއީދު ކުރާ ނޫސްތަކާއި ޓީވީތަކުން ވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ދޮގުވާހަކަތައް ފަތުރާފައެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް ރީ ރެޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވި އިރު، 47000 ވުރެ ގިނަ މީހުން ރީރެޖިސްޓްރޭޝަން ފޯމް ހުށައަޅާފައިވެއެވެ. އެހެން ނަމަވެސް މިއީވެސް ޕީޕިއެމްއިން އޮޅުވާލަން އުޅެ އޮޅުވައި ނުލެވުނު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މީހުން ރީރެޖިސްޓްރީ ކުރި އަދަދަށް ވުރެ މަދު އަދަދެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް، 103047 މީހުން ރީ-ރަޖިސްޓަރީކުރި އިރު، 2023ގެ ރިޔާސީ އިންތިޚާބުގެ، ދެވަނަ ބުރަށް ރަޖިސްޓްރީކޮށްފައި ވަނީ ޖުމުލަ، 89,867 މީހުންނެވެ. މިއީ 2018 ވަނަ އަހަރު ރީރެޖިސްޓްރީ ކުރި މީހުންނަށްވުރެ ވެސް 13،180 މީހުން މަދު އަދަދެކެވެ. މީހުންގެ ދިރިއުޅުމާއި ހާލަތާއި އާބާދީއަށް އައި ބަދަލުތަކާއި އެކުވެސް 2018 ވަނަ އަހަރަށް ވުރެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރީ-ރެޖިސްޓްރީ ކުރުމަށް ހުށައެޅި މީހުންގެ އަދަދު މަދުވުމުން، އިދިކޮޅުން ކުރާ ތުހުމަތުތަކުގެ ބުރަދަނެއް ނެތްކަން ހާމަވެއެވެ، މިކަން އިތުރަށް ހާމަކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހުން ބޭއްވި ހުރިހާ އިންތިޚާބުތަކުގައި މީހުން ރީ-ރެޖިސްޓްރީކޮށްފައިވާ ތަފާސް ހިސާބު އަދަދުތައް ހާމަކޮށްދެއްވާފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރީރެޖިސްޓްރީ ކުރި މީހުންގެ އަދަދަކީ، 103047 އެވެ.
2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ރީރެޖިސްޓްރީ ކުރި މީހުންގެ އަދަދަކީ، 20848 އެވެ.
2022 ވަނަ އަހަރު ބޭވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ރީރެޖިސްޓްރީ ކުރި މީހުންގެ އަދަދަކީ، 29672 އެވެ.
ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލާ އިންތިޚާބަކީ ރިޔާސީ އިންތިޚާބެވެ. އަދި ޚާއްސަކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަތިވެއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުނުކުމެ 70000ވުރެ ގިނަ މީހުން ތިއްބެވެ. އެކި ސަބަބުތަކާއި ހުރެ ވޯޓުލާން ނުނުކުމެ ތިބި މީހުންގެ ތެރޭގައި ރީރެޖިސްޓްރީ ވެފައި ނެތް މީހުންވެސް ހިމެނެއެވެ.
ރިޔާސީ އިންތިޚާބަށް ރީރެޖިސްޓްރީ ކުރި އަދަދުތަކާއި މެދު އިދިކޮޅު ކެންޑިޑޭޓާއި އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާފައިވާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން، އިންތިޚާބުތަކުގައި އެމީހުންގެ އުފަންރަށަށް ވޯޓުލާންދާން ބޭނުންވެ ރަށަށް ރީ-ރެޖިސްޓްރީ ކުރެއެވެ. ރީ-ރެޖިސްޓްރޭޝަންގެ މި އޮއެވަރު ހިނގަނީ އިންތިޚާބާއި ގުޅިގެން އާއްމުންނަށް ލިބޭ ފައިދާގެ މައްޗަށްކަން ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެސް ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރަންޖެހެނީ، އެންމެ ފަހުގެ އިންތިޚާބުގައި ވޯޓުލިއިރު ހުރިތަން ފިޔަވައި އެހެންތަނެއްގައި ތިބި ފަރާތްތަކަށެވެ. ރާއްޖެއަކީ ދަތުރުފަތުރާއި އެކި ބޭނުންތަކުގައި އަބަދުވެސް މީހުން އެރަށުން އަނެއްރަށަށް ގޮސް އުޅޭ ޖަޒީރާ ޤައުމަކަށްވާތީ އެބަދަލުތައް އަބަދުވެސް އިންތިޚާބުތަކުގައި ފެނެއެވެ.
މީގެ އިތުރުން، އިންތިޚާބުތަކުގައި ވޯޓުލާދުވަހާއި އޭގެ ކުރީ ދުވަހު ކެންޑިޑޭޓުންނާއި، ޕާޓީތަކުން އަތޮޅުތެރެއަށް ގިނަ ދަތުރުތަކެއް ހިލޭ ކޮށްދެއެވެ. އެއީ ވޯޓުލާން ރަށަށްދާން ބޭނުންވާ މީހުންނަށް އެފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުންނެވެ. ވޯޓު އިތުރުކުރުމުގެ ގޮތުންނެވެ. މިގޮތުން ޗާޓަރު ފްލައިޓްތަކާއި، ޗާޓަރު ލޯންޗުތައް ބާއްވައިދީ އާއްމުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތް އޮންނަނީ ހަދާފައެވެ. އެހެންކަމުން ދަތުރުފަތުރުގެ ޓިކެޓްގެ އަގު ބޮޑު ކަމާއި ނުވަތަ އެނޫން ސަބަބުތަކާއި ހެދިވެސް އާއިލާގާތަށް ދާން ބޭނުންވެފައި ތިބޭ މީހުންނަށް އެކަން ވަނީ ވަރަށް ބޮޑު ފުރުޞަތަކަށެވެ. އަދި އެއީ އެކެންޑިޑޭޓުންނާއި ޕާޓީތަކަށް އާއްމުން ޑިމާންޑް ކުރާކަމެއްވެސް މެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، 30 ސެޕްޓެމްބަރު 2023ވާ ހޮނިހިރު ދުވަހުގައެވެ. އެހެން ނަމަވެސް ސެޕްޓެމްބަރު 27ވާ ބުދަ ދުވަހުން ފެށިގެން، އޮކްޓޫބަރު މަހުގެ 1 ނުވަތަ 2 ވަނަ ދުވަހާއި ހަމައަށް 5 ނުވަތަ 6 ދުވަސް ސަރުކާރު ބަންދުވާނެއެވެ. ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަކީ، ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަހެވެ. އަތޮޅުތަކުގެ ރަށްރަށުގައި މީގެ ކުރިން މިދުވަހަކީ ވަރަށް ބޮޑަށް ފާހަގަކުރި ދުވަހެކެވެ. އަދިވެސް ބައެއް ރަށްރަށުގައި މިއާދަ ކޮންމެވެސް ވަރަކަށް އޮވެއެވެ. ވޯޓުލާ ދުވަހަކީ، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމުގައި ވީނަމަވެސް، ހަފްތާ ބަންދާއިއެކު، 6 ދުވަހުގެ ޗުއްޓީއެއް ލިބޭތީ، ގިނަ މީހުން އެމީހުންގެ އަމިއްލަ ރަށްރަށަށް ރީރެޖިސްޓްރީކޮށްފައިވާނަމަ، އެއީ އަދި އިދިކޮޅު ކެންޑިޑޭޓް ތަލިންކުޅު ހިކި ސޮނިވެއްޓޭންޖެހޭވަރުެ ކަމެއް ނޫނެވެ.
ރީ-ރެޖިސްޓްްރޭޝަނާއި ގުޅޭ ގޮތުން ޝައްކު އުފައްދައި އިދިކޮޅު ކެންޑީޑޭޓާއި ސަޕޯޓަރުން ދެއްކި ވާހަކައި އެނގެނީ، އިންތިޚާބުތަކާއި ބެހޭ ކަންކަމުގައި އެފަރާތްތަކަށް ތަންދޮރު ފިލާފައި ނެތް މިންވަރެވެ. ޕީޕީއެމްއަކީ، ދުވާ ފާހަގަ އަކާއި، ފާހަގަ ޖެހޭ އަނގޮޓިއެއްގެ ވާހަކަދައްކައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމުން، އިންތިޚާބު ބާޠިލްކުރުމަށް ކޯޓަށްވެސް ދިޔަ ޕާޓީއެވެ. އެހެންވީމާ، ރީރެޖިސްޓްރޭޝަނާއި މެދު، ޝައްކު އުފައްދައި، އިންތިޚާބުގެ ސައްޙަކަން ގެއްލުވާލުމަށް އިދިކޮޅުން ވާހަކަ ދެއްކުމަކީވެސް، ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.