Advertisement

އިދިކޮޅު ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު --

17 Sep 2023
ރިޕޯޓް

ދެކޮޅު ނުޖެހޭ ވާހަކަތަކާއި ހޮޅި ވަޢުދުތަކުން އިދިކޮޅު ކެންޑިޑޭޓަށް ކާމިޔާބު ހޯދޭނެތަ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާރު ވެރިކަން ކުރަމުން އަންނަ އެމްޑީޕީ އާއި، އިދިކޮޅު ކޯލިޝަން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރައްވަމުން ދާއިރު، އިދިކޮޅު ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުތައްވެސް ވަނީ މިހާރު އިންސާނީ ބުއްދި ޤަބޫލުނުކުރެވޭ ހިސާބަށް ގޮސްފައެވެ. ބައެއް ވަޢުދުތަކުގެ އަޑު އަހާލާފައި، ތާއީދުކުރާ މީހުންނާއި ނުކުރާ މީހުންވެސް ކުރަނީ ހަމައެއް ސުވާލެކެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ ޤައުމު އޮތީ ބަނގުރޫޓުވާ ހާލަތުގައި ކަަމަށް ވިދާޅުވެފައި، އެއާވިދިގެން އެވަނީ ކޮން "ހޮޅި" ވަޢުދުތަކެއް ހެއްޔެވެ؟

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނަށް ނެރުނު، ޕީއެންސީގެ މެނިފެސްޓޯގައި، ބޯހިޔާވަހިކަމުގެ ދާއިރާއިން ފިޔަވައި، މާބޮޑެތި ބިޔަ މަޝްރޫޢުތަކެއްގެ ވާހަކައެއް ނެތެވެ. އިޤުތިޞާދީ ދާއިރާއިން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކުރާނެ ކަމެއްގެ ވާހަކައެއް ބުނެފައެއް ނެތެވެ. އެކަމުގެ ތަޞައްވަރެއްވެސް ނެތެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ފެށުމާއި އެކު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މިހާރު ގެންދަވަނީ، މެނިފެސްޓޯގައި ނުވެސް ހިމަނާހުރި އައު ވަޢުދުތައް ވެވަޑައިގަންނަވަމުންނެވެ.

މިގޮތުން، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުން ފްލެޓްތަކުގެ ފިނިޝިންގއަށް ކޮށްފައިވާ ޚަރަދު ދައުލަތުން އަނބުރާ ދިނުން ހިމެނެއެވެ. މިގޮތުން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައި ވަނީ، އެވްރެޖް އަދަދެއްގެ ގޮތުގައި މަދުވެގެން ދެލައްކަ ރުފިޔާ ދެއްވާނެކަމަށެވެ. ހިޔާގެ 6720 ފްލެޓުން ކޮންމެ ފްލެޓަކަށް 2 ލައްކަ ރުފިޔާ ދޭނަމަ އެއީ، 1.34 ބިލިއަން ރުފިޔާއެވެ. އެއީ ތަޢުލީމީ ދާއިރާއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި އަދަދުގެވެސް ހަތަރުބައިކުޅަ އެއްބަޔާއި އެއްވަރު އަދަދެކެވެ. އަދި އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ވަގަށް ނެގި ފައިސާއާ އެއްވަރު އަދަދެކެވެ. 

މީގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ، ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑު ކުރައްވާނެ ކަމުގައިވެސް ވިދާޅުވެފައެވެ. މިއީ ފުރަތަމަ ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައި ނުވާ އަދަދެކެވެ. ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑު ކުރާނަމަ، ހަމައެކަނި އެމުއައްސަސާއަށްވެސް ދައުލަތުގެ ބަޖެޓުން ކުރާ ހޭދައަށް އިތުރު 40 މިލިޔަން ރުފިޔާ އިތުރުވާނެއެވެ.

މީގެ އިތުރުން، އިންފްރާސްޓްރަކްޗަރގެ ދާއިރާއިން ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރޭގައި، ކޫއްޑޫ އެއާޕޯޓަށް ފަސް މިނިޓުން ދެވޭހައި ކައިރީގައި އޮތް ވިލިގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުން ހިމެނެއެވެ. އަދި ތ.ގުރައިދޫ ފަޅުތެރޭގައި އޮތް ތިމަރަފުށީ އެއާޕޯޓު އޮށްވައި، ގުރައިދޫގައި އައު އެއާޕޯޓެއް އެޅުމުގެ ވަޢުދު ހިމެނެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ވަޢުދުގެ ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކައި އެތަނުން ގޯތިދީ، ފުލެޓާއި ރޯހައުސް އަޅައި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤިކުރުމުގެ ވަޢުދު ހިމެނެއެވެ. މިއީ އަދި ވަޢުދުތަކުގެ ކުޑަ މިންވަރެކެވެ.

"އަޅުގަނޑުމެންގެ އިކޮނޮމީ މިއޮތީ މުޅިން ހަލާކުވެފައި." ރިޔާސީ ބަހުސްގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ޕީއެންސީގެ ވެރިކަމެއްގައި އިތުރު ޓެކްސްއެއް ތަޢާރަފް ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ދަރަނިވެސް ހުރީ 32 ބިލިއަން ރުފިޔާގައިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން 2026 ވަނަ އަހަރު 800 މިލިއަން ޑޮލަރު ލޯނުތަކަށް އަނބުރާ ދައްކަންޖެހޭކަމަށާއި ޤައުމު އޮތީ ބަނގުރޫޓްވާ ހާލަތުގައި ކަމަށް ވިދާޅުވެ، ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރައްވާނެ ކަމުގައި އެމަނިކުފާނު އޮތީ ވިދާޅުވެފައެވެ. 

އެހެންވީމާ، އާއްމުން ކުރަނީ މިސުވާލެވެ. އެބުނާ ވަރަށް ދަރާފައި އޮތް ޤައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަންނަން އުޅޭ ކެންޑިޑޭޓަކު މިވަނީ ކޮން "ހޮޅި" ވަޢުދުތަކެއް ހެއްޔެވެ؟ 

އެބަބުނޭ ދައުލަތް ދަރާފައޭ. ބަނގުރޫޓްވަނިއްޔޭ. އެކަމަކު އެ ބުނަނީ، އެވެނިކަމެއް ހިލޭ، މިވެނިކަމެއް ހިލެޔޭ. މުސާރަ ދެގުނައޭ. ދައްކާވާހަކަ ދެކޮޅެއް ނުޖެހެއެއްނު. އެވަރުގެ ބޮޑެތި ވަޢުދުތައް ފުއްދޭނެކަމަށް ބުނަންޏާ، ދައުލަތް ދަރާފައޭ ކިޔާފައި އެހަދަނީ ބޮޑު ދޮގެއްނު. ނޫނީ އެބުނާވަރަށް ދައުލަތް ދަރާފައި އޮތިއްޔާ، ހަމައެކަނި ރައްޔިތުންގެ ބޯކާލައިގެން ވޯޓު ހޯދަށް އެވަނީ ހޮޅި ވައުދުތަކެއްނު.

އިޤުތިޞާދީ ދާއިރާއިން ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރަކު ސޯޝަލް މީޑިއާގައި

އިދިކޮޅު ކެންޑިޑޭޓުގެ ވާހަކައިގައި އިޤުތިޞާދު އޮތީ ހަލާކުވެފައެވެ. އަދި އިޤުތިޞާދު ރަނގަޅުކުރުމަށް ބޭރުގެ އިންވެސްޓަރުންވެސް ގެނެސް އިތުރު ފުރުޞަތުތައް ހުޅުވައިލާނެކަމަށްވެސް ވަނީ ބުނެފައެވެ. 

ރައީސް ޔާމީނުގެ ސަރުކާރުގައި އިޤުތިޞާދު ރަނގަޅުކުރުމަށް އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމަށް އެސްއީޒެޑްތަކެއްވެސް ކަނޑައެޅުމަށް ވަރަށް އަވަސް އަރުވާލައިގެން ޤާނޫނުތަކަށް ބަދަލުގެނެސް ޤާނޫނުތަކެއް އެކުލަވާލިއިރު، ހީވީ، އެސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ދޮރުމަތީގައި ފޮރިން އިންވެސްޓަރުން ކިޔޫއެއް ހަަދާފައި އޮތްހެނެވެ. އެހެން ނަމަވެސް 5 އަހަރުގެ ދައުރެއް ނިންމާލީ، އެންމެ ފޮރިން އިންވެސްޓްމެންޓެއްވެސް ނުހޯދިއެވެ. އެހެންކަމުން އިދިކޮޅު ކެންޑިޑޭޓް ރާއްޖޭގެ އިޤުތިޞާދު އޮތީ މުޅިން ހަލާކުވެފައި ކަމަށް ވިދާޅުވެފައި، ތިންމަހުން ހަމަހުން ނުވަތަ ނުވަމަހުން ރާއްޖޭގެ އިޤުތިޞާދު ރަނގަޅުކޮށް ވައުދުތައް ފުއްދަން ފެށޭނެކަމަށް ރައްޔިތުންނަށް ވިސްނައިދެއްވާނަމަ އެކަންވާނީ، ރައްޔިތުން މޮޔަހައްދަން ދައްކަވާ އަސްލެއް ނެތް ވާހަކައަކަށެވެ. ހަމައެކަނި ހިޔާގެ ފްލެޓްތަކަށް ދެއްވަން އެވިދާޅުވި 1.34 ބިިލިޔަން ރުފިޔާއަކީ، 5 އަހަރުގެ ދައުރެއްގެ ތެރޭގައި ދީ ނިންމޭނެ އެއްޗަކަށްވެސް ނުވެއެވެ.

އެހެންވެ ގިނަ ބަޔަކު މިހާރު ދެކެނީ، ޕޯޑިއަމްތަކުގައި އިދިކޮޅު ކެންޑިޑޭޓް ވާ ވަޢުދުތަކަކީ ދެކޮޅު ނުޖެހޭ އަދި ހަޤީޤަތަަކަށް ވުން ދުރު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ޕީޕީއެމް ސަރުކާރުގެ ބެޔަސް ނުބެޔަސް 10000ގެ ވަޢުދާއި ކޮންމެ ދަނޑުވެރިއަކަށް 8000ގެ ވަޢުދާއި، އާއިލީ ޑޮކްޓަރުގެ ވަޢުދުފަދަ ސިޔާސީ، އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެވަޢުދުތަކުން ކާމިޔާބެއް ލިބުމަށްވުރެ، ތަންދޮރު ފިލާފައި ތިބި މީހުން ކުރާ މަލާމަތް މާބޮޑެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.