އެމްޑީޕީގެ ކެމްޕޭން ތެރެއިން ---
މިއީ އަސްލު އެމްޑީޕީގެ ވެރިކަމެއް ހޯދަން ލިބޭނެ ހަމައެކަނި ފުރުޞަތު
ދިވެހިރާއްޖެއަށް އިސްލާޙީ ބަދަލުތައް ގެނެސް ދިމިޤުރާތީ ވެއްޓެއް ޤާއިމްކުރުމަށް އެންމެ ބުރަ އަދި އެންމެ އަގުހުރި މަސައްކަތްތަކެއްކުރީ، އަދި ޤުރުބާނީތައް ވީ، އެމްޑީޕީގެ އާއްމު މެމްބަރުންނެވެ. އެމީހުންގެ އާއިލާތަކުންނެވެ. އެމަސައްކަތުގެ ތެރެއިން ފުރާނަ ގެއްލި ދިޔައީ، ޖިސްމާނީ އަނިޔާތަކާއިކުރިމަތިވެ ނުކުޅެދޭ މީހުންނަށްވެ އުމުރުދުވަހުގެ ހިތާމަތައް އުފުލަންޖެހުނު ބަޔަކީވެސް އެމްޑީޕީގެ އާއްމު މެމްބަރުންނެވެ.
މާލީ ގޮތުންނާއި ނަފްސާނީގޮތުން އަދި އެހެނިހެން ގޮތްގޮތުންވެސް ނިހާއީ ދެރަޔާއި ހިތާމަތަކާއި ގިލަންވެރިކަން އުފުލައި ތަޙައްމަލު ކުރަންޖެހުނީވެސް އެމްޑީޕީގެ އާއްމު މެމްބަރުންނަށެވެ. އެމްޑީޕީގެ ޙަޔާތުން ފާއިތުވި 18 އަހަރުގެ ތެރޭގައި އެޕާޓީއަށް ހޯދުނު ކާމިޔާބީއާ އެޕާޓީން ކުރި ހިއްވަރަށް ޝުކުރު ޙައްޤު ބަޔަކީވެސް އެމްޑީޕީގެ އާއްމު މެމްބަރުންނެވެ. މުޅި އެމްޑީޕީގެ މަސައްކަތުގެ ރީތިނަމަކީ އެކަކަށް ހައްޤުވާ އެއްޗެއް ނޫނެވެ. އެކަމަކު އެމްޑީޕީގެ އާއްމު މެމްބަރުންނަށް ލިބުނު ކޮންމެ ދެރައެއް، އުފުލަން ޖެހުނު ކޮންމެ ގިލަންވެރިކަމެއްގެ ޒިންމާ އޮތީ އެކެއްގެ ބޮލުގައެވެ. އެމީހަކީ، މިހާރު އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ކަރުން ނާރުނަންގަވައި، ހަޅޭފުޅު ލައްވަމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ކޮންމެ ޖަމާޢަތަކަށްވެސް ޕާޓީއަކަށްވެސް ކުރިޔަށް ދިޔުމުގައި މިސްރާބެއް ހިފުމަށް ލީޑަރަކު ބޭނުންވެއެވެ. އެފަދައިން އެމްޑީޕީގެ އިސް މަޤާމުތަކަށް އެކިފަހަރު އެކި ބޭފުޅުން ވަޑައިގެންނެވިއެވެ. އެހުރިހާ ބޭފުޅުންވެސް ރައީސް މުޙައްމަދު ނަޝީދަށް ނުހަނު އިޙްތިރާމާއި ލޯބިދިނެވެ. އެހެން ނަމަވެސް މިއަދު ރައީސް ނަޝީދުވެފައި ވަނީ އެމަނިކުފާނަށްޓަކައި އެމްޑީޕީގެ އާއްމު މެމްބަރުން ލެޔާއި ފުރާނައިން އަގު އަދާކުރި އާއްމު މެމްބަރުންގެ ދުޝްމަނަކަށެވެ. މީޑިއާއަށް ކުރިމައްޗަށް ނުކުންނަވާ ކޮންމެ ފަހަރަކު ހަރު އަޑުފުޅުން ގޮވައިލައްވަނީ، އެމްޑީޕީ ރޫޅައިލާނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަން ވައްޓައިލާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ހަތަރުމަސް ނުނިމެނީސް، ވެރިކަން ފުރޮޅައިލުމުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވައިފިއެވެ. ބޮޑު ކޯލިޝަނެއް ބައިވެރިވެ، ރައީސް ޔާމީނުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމުން، ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ނުނިމެނީސް ރައީސް ނަޝީދު އެދިވަޑައިގެންނެވީ ކޯލިޝަން ރޫޅައިލައްވާށެވެ. މަޖިލިސް އިންތިޚާބަށް ކޯލިޝަންތައް ހަދައިގެން ނުކުންނެވުމަށް ދެކޮޅު ހައްދަވައި، ރައީސް ނަޝީދު މަޖިލީހަށް ވަޑައިގެންނެވީ ބޮޑުވަޒީރުކަމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވަމުންނެވެ. މަޖިލީހުގެ ތެރެއިން އެކަން ކުރެވޭނެ އެއްވެސް މަގެއް ފެނިވަޑައިނުގަތުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ރައީސް ނަޝީދަށް ޤަބޫލުފުޅެއް ނުކުރެއްވުނެވެ. އެންމެ ފަހުން ޕާޓީގެ ތެރޭގައި ވަކިފެކްޝަނެއް އުފައްދަވައި، އޭގެ ފަހުން ދަޑިމޮކްރެޓްސްގެ ނަމުގައި އައުޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިޚާބަށް އިލްޔާސް ލަބީބު ނެރުއްވިއެވެ.
އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ގެއްލުނު ބާރާއި، ރާއްޖޭގެ ވެރިކަން ހޯއްދެވުމަށް އެމަނިކުފާނު ކުރެއްވި އެތައް މަސައްކަތެއް ނާކާމިޔާބުވެގެން ދިޔުމަށްފަހުގައި މިއަދުވެސް އެމަނިކުފާނު ގޮތެއް ދުލެއް ނުކުރެއްވިއެވެ.
ސިޔާސީ މަސައްކަތަށް ރައީސް ނަޝީދު ނުކުންނެވި ފަހުން، 40 އަހަރު ވެއްޖެއެވެ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި އަމަލުކުރައްވާ ގޮތްތައް ދިވެހިން އަޑުއަހައި ދެކޭތާ 40 އަހަރު ވެއްޖެއެވެ. މި 40 އަހަރުގެ ތެރޭގައި އެތައް ޖީލެއްގެ ދަރީން ބޮޑެތި ވެއްޖެއެވެ. އެހެންވީމާ ރައީސް ނަޝީދަށް ޤަބޫލު ނުކުރެއްވިގެން އުޅޭ ޙަޤީޤަތަކީ، އެމަނިކުފާނަށް ތާއީދާއި ލޯބިދިން މީހުންނާއި، އެވަގުތު ޒަމާނާއެކު ފަސްދީ ހިނގައްޖެކަމެވެ. އައުޖީލުތަކަށް ރައީސް ނަޝީދުގެ ޝަޚްސިއްޔަތާއި އެމަނިކުފާނު ގެންގުޅުއްވާ އުކުޅުތަކާއި ކުޅުއްވާ ސިޔާސީ ޑްރާމާތައް ބައުވެ ފޫހިއެއްޗަކަށް ވެއްޖެކަމެވެ.
2008 ވަނަ އަހަރު، އެމްޑީޕީއަށް ވެރިކަން ލިބުނީ ކޯލިޝަނަކުންނެވެ. އެއީ މީގެ 15 އަހަރު ކުރިއެވެ. 2008 ރިޔާސީ އިންތިޚާބުގެ ފުރަތަަމަ ބުރުގައި ރައީސް ނަޝީދާއެކު އެމްޑީޕީއަށް ލިބުނީ، 44،293 ވޯޓެވެ. އެއީ ވޯޓުގެ 25.09 އިންސައްތައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޤާސިމް އިބްރާހީމާއި، ޑރ ޙަސަން ސަޢީދާއި، އެކު އެމްޑީޕީން ކޯލިޝަން ހަދައި، 97،222 މީހުންގެ ވޯޓާއި އެެކު، 54.2 އިންސައްތަ ވޯޓު ހޯއްދަވައިގެން ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވުނު އިރު، ވޯޓުދިން މީހުންގެ ދެބައިކުޅަ އެއްބަޔަކީ، ފުރަތަމަ ބުރުގައި އެމްޑީޕީއަށް ތާއީދު ނުކުރި މީހުންނެވެ. ފުރަތަމަ ބުރުގައި، އެމްޑީޕީއަށް 44،293 މީހުން ވޯޓުލިއިރު، ކޯލިޝަން ހެދުމުން 52،929 މީހުންގެ ވޯޓު އިތުރަށް ލިބުނެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބާޠިލްކުރި ބުރުގައި، އެމްޑީޕީއަށް ލިބުނީ، 96،764 ވޯޓެވެ. އެއީ ވޯޓުލީމީހުންގެ 45.4 އިންސައްތައެވެ. ޕީޕީއެމްއަށް ލިބުނީ، 53،099 ވޯޓެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އޮތީ އެއްވަނައިގައި ކަމުން، އެމްޑީޕީން ކޯލިޝަނެއް ހަދަން ބޭނުން ނުވީ، ކޯލިޝަން ސަރުކާރެއް ހިންގުމުގައި ރައީސް ނަޝީދު ފެއިލްވުމުންނެވެ. އެެހެން ނަމަވެސް ދެވަނަ ބުރުގައި އިތުރަށް އެމްޑީޕީއަށް ހޯދުނީ، 8،417 ވޯޓެވެ. 2013ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 61،278 ވޯޓު ލިބިވަޑައިގެންނެވި ރައީސް ޔާމީނަށް، ކޯލިޝަން ހެދުމުން ދެވަނަ ބުރުގައި އިތުރަށް 49،925 ވޯޓު ލިބިވަޑައިގަތެވެ. އެއާއެކު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު 111,203 މީހުންގެ ވޯޓާއި އެކު ކާމިޔާބު ކުރައްވައި 17 ނޮވެމްބަރު 2013ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކޯލިޝަން ހެއްދެވުމާއި ދެކޮޅު ހެއްދެވީ، ރައީސް ނަޝީދެވެ. ޕާޓީގެ އެހެން ބޭފުޅުން ކޯލިޝަން ހެދުމަށް މަޝްވަރާދެއްވި ނަމަވެސް އެކަން ބޮލާލައި ޖެއްސެވި ބޭފުޅަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދުގެ އެ ނިންމެވުމުގެ ސަބަބުން، 7 ފެބުރުއަރީ 2012ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، މުޒާހަރާތަކާއި އިހްތިޖާޖުތަކުގައި ދޮޅުއަހަރަށްވުރެ ގިނަ ދުވަހު ތިބި އެމްޑީޕީގެ އާއްމު މެމްބަރުން އިތުރު 5 އަހަރަށް މަގުމަތިވެގެން ދިޔައީއެވެ. ރައީސް ނަޝީދުގެ އެންމެ ނިންމެވުމެއްގެ އަގު އަދާކުރުމަށް ހިތިކަމާއި ހިތާމަޔާއި ވޭނާއި ކެކުކުޅުމުގައި 6 އަހަރާއި 11 މަސްދުވަހު، އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ މަގުމަތީގައެވެ. ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަަމުގައި އެންމެ ބޮޑު އަނިޔާތަކާއި ހިތާމަތައް އުފުލަން ޖެހުނީވެސް އެމްޑީޕީގެ އާއްމު މެމްބަރުންނަށެވެ. ފުރާނައިން އަގު އަދާކުރަން ޖެހުނީ އާއްމު މެމްބަރުނަށެވެ. އެ ހިތާމަ އުފުލަން ޖެހުނީ އާއްމު މެމްބަރުންގެ އާއިލާތަކުންނެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟުވާނު ވަގަށް ނަގައި މަރައިލިއެވެ. ބްލޮގަރު ޔާމީން ރަޝީދު އޭނާގެ ގޭގެ ސިޑިގޮޅީގެ ތެރޭގައި މަރައިލިއެވެ. އަދި ޤާނޫނީ ވަކީލު މަޙްފޫޒު ސަޢީދު މަރާލުމަށް ހަމަލާދިނެވެ. އޭނާއަށްދިން ހަމަލާއިން ފުރާނަ ސަލާމަތްވީ، މުޢުޖިޒާތެއް ފަދަ ގޮތަކަށެވެ.
ރައީސް ޔާމީނުގެ ވެރިކަމަކީ، މިރާއްޖެދުށް އެންމެ އަނިޔާވެރި ވެރިކަމެވެ. އެވެރިކަމުގެ އަނިޔާވެރިކަމާއި، މީހުންނަށް ދީފައިވާ އަނިޔާތަކުގެ ވާހަކަލިޔެ ހުސްވާކަށް ނެތެވެ.
2018 ވަނަ އަހަރުުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެއްބައެއްގެ ގޮތުގައި ނުކުތީ ރައީސް ޔާމީނުވެރިކަމުން ބޭލުމަށެވެ. ވަކިޕާޓީއެއް ވަކިރަށެއް ވަކި އަތޮޅެއް ތަފާތެއް ނެތި އެންމެން އެކައްޗެއް ކިޔައިގެންނެވެ. އޭގެ ނަތީޖާފެނުނީ އެއްބުރުން ރިޔާސީ އިންތިޚާބު ނިންމައި ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނީ 95,631 ވޯޓެވެ. އެއީ ވޯޓުލީމީހުންގެ 41.6 އިންސައްތައެވެ. ކޯލިޝަނާއިއެކު ނުކުތް އެމްޑީޕީއަށް 134,128 ވޯޓުލިބި، 58.4 އިންސަތައިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ، ރައީސް ޔާމީނުގެ ސަރުކާރުގެ އަނިޔާ އާއި ދެކޮޅަށް އެތައް ބަޔަކު އެކުވެ ހެދި ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަން ދަމަހައްޓާނެ ކަމުގެ ވަޢުދަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދެވެ. އެހެންކަމުން ރައީސް ޞާލިހްގެ ވެރިކަމުގެ ދައުރުގައި އެންމެ އިސްކަމެއް ދެއްވާފައި ވަނީ ކޯލިޝަން ދެމެހެއްޓެވުމަށެވެ.
ރައީސް ނަޝީދަށް 2008ގައި ވެރިކަމަށް ވަޑައިގެންނެވުނީ، ކޯލިޝަނަކުންނެވެ. ކޯލިޝަން ޕާޓްނަރު ޤައުމީ ޕާޓީގެ ކެންޑިޑޭޓް ޑރ. ޙަސަން ސަޢީދާއެކު އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަޢުދުވެ ވަޑައިގެންނެވީ، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަށެވެ. އެހެން ނަމަވެސް ފަހުން ވިދާޅުވީ އެއީ ހަސަން ސަޢީދު ޕްރެޝަރުކުރައްވާތީ، އައްޑޫ ރައްޔިތުންގެ ވޯޓު ހޯއްދެވުމަށް ސިޔާސީގޮތުން ވިދާޅުވި އެއްޗެއް ކަމަށެވެ. 2008ގައި އެމްޑީޕީއަށް ލިބުނު ވެރިކަން 2012ގައި ވެއްޓިދިޔުމުގެ މައިގަނޑު ސަބަބަކީވެސް، ކޯލިޝަން ޕާޓީތައް ވެރިކަމުގެ ތެރެއިން ބޭރުކޮށްލެއްވުމެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް ޞާލިޙަށް ކާމިޔާބު ވުމުންވެސް ރައީސް ނަޝީދު ބޭނުންވީ ކޯލިޝަން ރޫޅާލައި، އެމްޑީޕީން ވެރިކަން އަމިއްލަކޮށްލާށެވެ. ވެރިކަމުގެ ފުރަތަމަ ހަތަރުމަސްދުވަހުން ފެށިގެން މިއަދާއި ހަމައަށް ރައީސް ނަޝީދު ކުރައްވަމުން އައީ އެމަސައްކަތެވެ. ވެރިކަން އަލުން ހޯއްދެވުމުގެ މަސައްކަތުގައި އެތައް ރަތްރޮނގެއްވެސް ރައީސް ނަޝީދު ހުރަސްކުރައްވައިފިއެވެ.
ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެންނާއި، އޭގެފަހުންވެސް ދީނީ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ސަބަބުން، ހަރުކަށި ދީނީ ފިކުރުގެ މީހުންގެ އަމާޒުފަތްގަނޑަކަށް އެމަނިކުފާނު ވެވަޑައިގެންފައިވެއެވެ. އެމަނިކުފާނު އަވަހާރަކޮށްލުމަށް އެފަރާތްތަކުން ރާވަމުން ދިޔައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ތަކުރާރުކޮށް ހަރުކަށި ދީނީފިކުރުގެ މީހުން ރާވަމުން އައި ރޭވުންތަކުގެ ތެރެއިން 6 މެއި 2022ގައި އެމަނިކުފާނަށް އަމާޒުކޮށްދިން ހަމަލާއަކީ އެންމެ ނުރައްކާތެރި ހަމަލާއެވެ. އެހެންނަމަވެސް އެމްޑީޕީގެ ބާރުތައް ހޯއްދަވައި އަލުންވެރިކަމަށް އައުމުގެ މަސައްކަތުގައި ރައީސް ނަޝީދަށް ދެވުނު ޙަމަލާ އެޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ އިސްތަށިފުޅުގައެވެ. އެ ހަމަލާގެ ވާހަކަ ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ގާތް ބޭފުޅުން ދައްކަވަނީ، އަލުން ރައީސް ނަޝީދަށް ވެރިކަން ހޯދުމަށް ރައްޔިތުންގެ ޙަމްދަރްދީ ހޯދުމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައިވެސް ރައީސް ނަޝީދު ނުކުންނެވީ، ރައީސް ޞާލިހްގެ ސަރުކާރާއި ދެކޮޅަށެވެ. ނަތީޖާއަކަށްވީ، މާލޭގެ ގޮނޑިތައް ގެއްލި، މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ޑރ މުޙައްމަދު މުޢިއްޒަށް ކާމިޔާބު ވުމެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15,641 ވޯޓެވެ. އެހެންނަމަވެސް ނާކާމިޔާބީ ޤަބޫލުފުޅު ނުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ވޯޓުދޭން ތިބި 39,000 މެމްބަރުން ޕާޓީން ކަނޑާލެއްވީ ޗެއަރޕަރަސަން ފައްޔާޒު އިސްމާޢީލް ކަމަށެވެ. އެމްޑީޕީގެ ބާރުތައް އަލުން ހޯދައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް އައުމަށް ރައީސް ނަޝީދަށް ދެންފެނިވަޑައިގަތީ، އެމްޑީޕީއަށް ޕްރެޝަރު ކުރެއްވުމަށް އައު ޕާޓީއެއް އުފެއްދެވުމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ފަހަތަށް އެމްޑީޕީގެ އާއްމު މެމްބަރުންނެއް ނޭރިއެވެ. ދަ ޑިމޮކްރެޓްސް އުފައްދައި އެޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު އެންޑޯޒް ކުރައްވައި، ނެރުއްވީ އިލްޔާސް ލަބީބެެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އިލްޔާސް ލަބީބަށް ލިބުނީ، 15,839 ވޯޓެވެ. ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ލިބުނު ވޯޓަށް ވުރެ އިލްޔާސް ލަބީބަށް އިތުރަށް ލިބުނީ އެންމެ 198 ވޯޓެވެ. އެހެންކަމުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުގެ އެއްވެސް އަސާސެއް ނެތްކަން ހާމަވިއެވެ. އަދި ނިޒާމީ ވޯޓަކަށް ދިޔުމަށް ރައީސް ނަޝީދާއި ދަ ޑިިމޮކްރެޓްސްއިން ގޮވާލާ ގޮވާލުމަށް ތާއީދެއް ނެތްކަން ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއަށް %7 ލިބުމުންވެސް އެނގިހާމަވިއެވެ.
ކޯލިޝަނަކުން ސަރުކާރު ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވެ އެމްޑީޕީގެ އެކަނިވެރިކަމެއް ހޯދުމަކީ، ޕާޓީގެ އާއްމު މެމްބަރުންވެސް އެދި ތިބި ކަމެކެވެ. ޕާޓީއަށް މުހިއްމީ ވަކި މީހެއް ނޫންކަމާއި ޕާޓީއަށް ވެރިކަން އޮތުންކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެނގެއެވެ. ދަޑިމޮކްރެޓްސްއަށް އެންމެ 15,839 ވޯޓު ލިބުނު އިރު އެމްޑީޕީއަށް 86,161 ވޯޓު ލިބުނެވެ. މިބޮޑު ފަރަޤުން ދޭހަކޮށްދެނީ، ރައީސް ނަޝީދަށް ވެރިކަމާއި ބާރުތައް ހޯއްދެވޭނެ ގޮތެއް ނެތްކަމެވެ. އެހެން ނަމަވެސް އެމްޑީޕީ ބައިބައިކޮށްލައި، އެމަނިކުފާނުގެ އަމިއްލަ އެދުންފުޅަށް ނިންމާ ގޮތެއްގެ ސަބަބުން އަނެއްކާވެސް 2013 އެކޭ އެއްފަދައިން އެމްޑީޕީއަށް ވެރިކަން ގެއްލި އަނެއް ފަސް އަހަރު އެމްޑީޕީގެ މެމްބަރުން މަގުމަތީގައި ތިބެން ޖެހިދާނެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ފެނުނީ، ރައީސް ނަޝީދު އެމްޑީޕީގެ ބާރުތައް ހޯއްދެވުމަށް އުފެއްދެވި ނަފުރަތާއި ފިތުނަތައް ނުއުފެއްދެވި ނަމަ، އަދި އެމްޑީޕީ ރޫޅާލައްވަން ނުނިކުންނެވި ނަމަ ފަސޭހަ މޮޅެއް އެމްޑީޕީއަށް ހޯދޭނެ ކަމެވެ. ރައީސް ނަޝީދުގެ ސަބަބުން އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނާކާމިޔާބުވެ އަނެއް ފަސްއަހަރަށް އެމްޑީޕީ މެމްބަރުން މަގުމަތިވެއްޖެ ނަމަ، ރައީސް ނަޝީދަށް އެމްޑީޕީއަށް ތާއީދު ކުރާ 86،000 މެމްބަރުންގެ ވޯޓެއް ނުހޯއްދެވޭނެއެވެ. އަދި އެ މެމްބަރުން ރައީސް ނަޝީދުގެ ފަހަތަށް ފަހުން އަރައިފާނެކަމަށް ރައީސް ނަޝީދަށް އުއްމީދު ކުރެވޭނަމަ އެއީވެސް ކުށްހީއަކަށް ވާނެކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއޮޮތީ އެނގިފައެވެ.
އެމްޑީޕީގެ މެމްބަރުން ޤަބޫލުކުރާ ގޮތުގައި، ރައީސް ނަޝީދުގެ އަމިއްލަ އެދުންފުޅަށް ޕާޓީ ބައިބައި ނުކޮށްލެވިނަމަ، 2023 އިން 2028 އޮންނަ ރިޔާސީ ދައުރަކީ، އެމްޑީޕީއަށް އެކަނި ވެރިކަންކުރަން ލިބޭ ދައުރަކަށް ވެގެން ދިޔައީހެވެ. އެހެންވެ އެމްޑީޕީގެ މެމްބަރުން މިއަދު އަތުކުރި އޮޅާލަން ޖެހިފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށެވެ.
ރައީސް ނަޝީދުގެ ސަބަބުން މިފަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިއްޖެ ނަމަ އެމަނިކުފާނުވާނީ، ތިންފަހަރަށް އެމްޑީޕީގެ އާއްމު މެމްބަރުން މަގުމައްޗަށް އުއްކަވައިލައްވާ ބޭފުޅާއަށެވެ. ފުރަތަމަ ފަހަރު 7 ފެބުރުއަރީ 2012ގައި އަމިއްލަފުޅަށް އިސްތިއުފާދެއްވައިގެންނެވެ. ދެވަނަ ފަހަރަށް 2013 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހެދުމަށް ދެކޮޅުހައްދަވައިގެންނެވެ. އެއީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިން އެތައްޖީލެއްގެ މީހުންވީ ޤުރުބާނީގެ ޙައްޤު މިންވަރެއް ނޫނެވެ. ވަކިމީހަކަށް ވުރެ ޕާޓީގެ އާއްމު މެމްބަރުންގެ ހައްޤު މާބޮޑެވެ. އެހެންވެ މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ އެމްޑީޕީން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.