Advertisement

ނާކާ - ޕްރޮފައިލް

28 Aug 2023
ވާހަކަ

ނާކާ | އެޕިސޯޑު - 12

ފަތީންއާއި ފައުޒާ ދުވެފައި އައިސް ގެއަށް ވަތްއިރު މަންމަ ފާތުމާ އުޅެނީ ކޮޓަރީގައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ފާތުމާ ދޮރު ހުޅުވާލިއެވެ. "މިއޮތީ ތިއްތި މަރުވިރޭ ތިއްތި ގައިގަ އެ ނަޒީހުމެން ތަޅާ ވީޑިއޯ.. އާނިސް މެންގެ ފިހާރަ ދޮރުމަތީގަ ތަޅަނިކޮށް އެ ފިހާރަ ކެމެރާއަށް އަރާފަ އޮތީ.." ފަތީން މާނޭވާލަމުން ފާތުމާއަށް ކިޔައިދިނެވެ. "އަސްލުތަ؟ ދައްކަބަލަ މަންމަ ބަލާލަން. ދަރިފުޅާ ގުޅާބަލަ ބައްޕައަށް." ފާތުމާ އެ ވީޑިއޯ ބަލަން ތެޅިގަނެފައި ފައުޒާ ކައިރީގައި ބުނެލިއެވެ. އެއިރު ވެސް ފައުޒާގެ ދެލޮލުން ކަރުނަ ނުހިކެއެވެ.

އިބްރާހިމަށް އާދެވުނު އިރު އެ ތިންމައިން ތިބީ ފަތީންގެ ކޮޓަރީގައި އޭނާގެ ލެޕްޓޮޕުން އެ ވީޑިއޯ އަޅުވައިގެންނެވެ. އެ ވީޑިއޯ ބަލާފައި ފާތުމާ ވެސް ފެށީ ރޯށެވެ. "އެހެންވީމަ އެ ތަނުގަ އެ މީހުންނަކަށް މަގޭ ދަރި މަރައެއް ނުލެވުނެއްނު. ދެން ކާކު އެ މަރާލީ؟" ފާތުމާ ރޮމުން އިބުރާހިމާ ދިމާއަށް ބުނެލިއެވެ. "ކިހާ ބާރަކަށް އެ ޖެހީ. ވެދާނެދޯ ފަޒީން ތެދުވެގެން ގޮސް އެ ފަރާތު ބްރިޖު މައްޗަށް އެރިފަހުން މަރުވީކަމަށް. ނޫނިއްޔާ ވެދާނެ ފަހުން ވެސް ތެޅީކަމަށް. ނޭގޭނެ އެއްގޮތަކަށް ވެސް. ހިނގާ މީތި ޕޮލިހާ ހަވާލުކުރަން. މީ ހަމަގައިމުވެސް އެ ނަޒީހުއާ ދެކޮޅަށް ދެވޭނެ ވަރަށް ބޮޑު ހެތްކެއް." އިބްރާހިމް މިހެން ބުނެފައި ތެދުވިއެވެ. "އަހަރެންވެސް ދާނަން." ފާތުމާ އޭނާގެ ފަހަތުން ހިނގައިގަތެވެ.

ފައުޒާގެ ފޯނު ކުއްލިއަކަށް ވައިބްރޭޓް ވާން ފެށިއެވެ. ގުޅަނީ އާނިސްއެވެ. ފައުޒާ ފޯނު ނަގާ ކަންފަތުގައި ޖައްސާލި ވަގުތު ފަތީން ތެދުވެގެން ކޮޓަރިން ނުކުތެވެ.

Advertisement

އާނިސް: "މަންމަމެން ކިހިނެއް ރިއެކްޓް ކުރީ؟"

ފައުޒާ: "ވަރަށް ދެރަވެފަ ތިބީ. މިހާރު ހިނގައްޖެ ޕޮލިހަށް އޭތި ހިފައިގެން."

އާނިސް: "މަގޭ ހިތަށް މި އަރަނީ އެ ތަނުން ފަޒީން ވައްޓާލާފަ އެ މީހުން ދިޔާމަ ފަޒީން ތެދުވީމަ އެ މީހުން އަތަކުން ނޫންބާއޭ އޭނަ މަރުވީ؟"

ފައުޒާ: "ނޭނގެ ދެން. ތި ވާހަކަ ދެއްކިޔަސް ނޭނގެ ވާގޮތެއްވެސް."

*****************************

ފަތީން ގޮސް ވަނީ ޖިޔާދުމެންގެއަށެވެ. ފަތީން ފެނުމުން ޖިޔާދު ނުކުތީ ބޭރަށެވެ. ވާހަކަ ދައްކަމުން ދެ ކުދިން އިށީނީ ޖިޔާދުމެންގޭ ދޮރުމަތީގައިހުރި އުނދޯލީގައެވެ.

ޖިޔާދު: "ހްމްމް.. ކިޔާބެ.. ކިހިނެކޭ ވަނީ؟ ކޮންތާކަށްތަ ކޮއްކޮ ގޮވައިގެން ގޮސްފަ ތި އައީ މާ އަވަސްއަރުވާލާފަ؟"

ފަތީން: "އާނ އެއީ އާނިސް ގުޅާގެން ދިޔައީ. ތިއްތި ގައިގަ މިއުޅޭ ނަޒީހުމެން ތަޅާ މަންޒަރު އެގޭ ސީސީ ކެމެރާއަށް އަރާފަ އޮތީމަ އޭތި ދައްކަން އޭނަ ގުޅީމަ ދިޔައީ."

ޖިޔާދު: "އަސްލުތަ؟ ދެން ކީއްވެގެންތަ އޭނަ ހައްޔަރު ނުކޮށް ޕޮލިހުން އެ އުޅެނީ؟"

ފަތީން: "އަދި މިއަދު އެއްނު އެ ވީޑިއޯ ޕޮލިހުންނަށް ލިބޭނީ.. ދެން މަށަށް ހީވަނީ ހައްޔަރު ކޮށްފާނެހެން. އެކަމަކު އެއަކަށް ވެސް އަރާފައެއް ނެތޭ މަރާލާތަނެއް. ހަމައެކަނި ފެންނަނީ ތަޅާތަން."

ޖިޔާދު: "އެހެންތަ. ކަލޭއަށް ޔަގީންތަ ނަޒީހުކަން މަރާލީ.."

ފަތީން: "ޝައްކެއްދޯ މި ކުރެވެނީ.. އަދިވެސް ޔަގީނެއްނުވޭ.. ދެންނޭނގެ.. ބޯފަޅައިގެން ދާވަރުވޭ. މިއުޅެނީ އެ ކޮންޕުތައް ހަލާކު ކޮށްލާ ވީޑިއޯއާހެދިވެސް ބޯގޮވާވަރުން."

ޖިޔާދު: "އާނ.. ކާކޭ އޭތި ފޮނުވީ؟"

ފަތީން: "ނޭނގެ މަށަކަށް. މިހާރު އޭނަ މަށަށް ބްލެކްމޭލް ކުރަން ފަށާފި. މާދަމާރޭ ނޫން އަނެއްރޭ ފަންސާސްހާސް ރުފިޔާއާ މަގޭ ބައްޕަގެ ފިހާރާގެ ރެޖިސްޓްރީ ނުދީފިއްޔާ އޭތި ލީކު ކޮށްލާނަމޯ."

ޖިޔާދު: "އައްޗީޑި. ހާދަ ކަޑައޭ.. ކޮންމެ ގޮތެއްވިއަސް ތި ފައިސާ ދާނެ މި ފަހަރު. އޭނައަށް ތިފައިސާ ނުދިނަސް އޭތި ލީކުވެއްޖެޔާ ޖެހޭނެ ސުކޫލަށް ތިއަށް ވުރެ ބޮޑު އަދަދެއް އަހަރެމެން ދޭން."

ފަތީން: "އާނ.. ލީކް ވެއްޖެއްޔާ ސުކޫލަށް ފައިސާ ދައްކަން އެކަންޔެއްނޫންދޯ ޖެހޭނީ.. އަހަރެމެންގެ ލީވިންގްވެސް ހަޑިވާނެދޯ؟ އެހެންވީމަ ކަލޭ ޖެހޭނެ މަށަށް މި ކަމުގަ އެހީވާން. މިކަން މިހާހިސާބަކަށް ނުދިޔައިސް އަސްލު ކަލޭ އެރޭ އެކަން ކުރަން ނުދިޔަނަމަ. ކަލެޔާ ހެދި އަސްލު މަ މި ކަމަށް މި ބޭނެން ޖެހުނީ."

ޖިޔާދު: "މަ ކިހިނެއް އެހީވާނީ؟ މަށަކަށް ނުލިބޭނެ ތި ފައިސާއެއް ވެސް. މަގޭ ބައްޕަ މަހަށް ނުދާތާވެސް ދެ މަސް ވެއްޖެ. ކަލޭއަށްދޯ ލިބުނަސް ލިބޭނީ. ކަލޭ ބައްޕަ އަތުގަ ދޯ ފިހާރައެއް ވެސް ހުރީދޯ؟"

ޖިޔާދު މިހެން ބުނުމާއެކު ފަތީންގެ ގާތަށް އައީ ރުޅިއެވެ.

ފަތީން: "ދެން ކަލޭ ތި ބުނަނީ މަ އެކަނި މިކަމާ އުޅޭށޭތަ؟"

ޖިޔާދު: "ނޫން.. މަށަށް ހެލްޕް ވެވިދާނެ. އެކަމް ފައިސާއެއް ނުލިބޭނެ."

ފަތީން: "ފައިސާ ނުލިބެންޔާ ދެން ކޮން ހެލްޕެއް ވެވޭނީ؟ ދެން އެ ބުނީ ފިހާރާގެ ރެޖިސްޓްރީ ދޭށޭ... އެކަމުގަ ހަމަ ގައިމުވެސް އުޅެންޖެހޭނީ މަ އެކަނި. ދެން ކޮން ހެލްޕެއްވާ ވާހަކަ ތި ދައްކަނީ؟ ތި ވަރު މީހުން ބިޓުންނަށް ދެއްކެން ގައްޑާވެފަ ކަންކަން ނުކޮށްބަލަދޯ.."

އެ ވަގުތު ޖިޔާދު ގާތަށްވެސް ރުޅިއަންނަން ފެށިއެވެ.

ޖިޔާދު: "މިހާރު ހީވަނީ މަ އެކަނި ކުރި ކަމެއްހެން. ކަލޭކައިރީ މަ އާދޭސް ކޮށްގެން ދިޔައީހެން. ކަލޭވެސް ބޭނުންވެގެންދޯ ދިޔައީ. އެހެންނޫނަސް ސަހާޔަކީ ކަލެޔާ މާ ދުރު މީހެއްވެސް ނޫން. މިހާރުދެން ކަލޭ މާ ނޫންކަމަށް ހެދެން އުޅުނަސް"

ފަތީން: "އެހެންވިއްޔާ ކަލޭ ހުރޭ ތި ގޮތުގަ. މަ އެ ފައިސާއެއް މަގޭ އާއިލާ ފެލާގެނެއް ނުދޭނަން. ލީކު ވަންޔާ ވެދާނެއެންނު. އޭރުން ހަމަގައިމުވެސް ކަލެޔަށް ޖެހޭނެ މި ކަމުގަ މަ ހިއްސާވާވަރަށް ހިއްސާވާން ސުކޫލަށް ފައިސާ ދައްކަން ޖެހުނަސް. ސުކޫލުން ކަނޑާލިއަސް ހަމަ ކަލޭވެސް ކަނޑާލާނެ. އެހެންނޫނަސް މަށަށް ބުނެވިދާނެދޯ އެކަން ކުރީ މަގޭ ބޭބެއޭ ވެސް. މަގޭ ރެޕިއުޓޭޝަން ހަމަ ގައިމުވެސް އޭރުން ހިފެހެއްޓޭނެ. އެކަމް ކަލޭ ދައްކާނެ ބަހަނާއެއްވެސް ނެތް."

ޖިޔާދު: "އައްޗި.. ކަލޭ ތި އުޅެނީ ކަލޭގެ ބޭބެ ކައްވަޅުގަވެސް ހަމަޖެހިގެން އޮތަ ނުދެންތަ؟"

ފަތީން: "އެއީ ކަލެއާ ބެހޭ ކަމެއްނޫން.. ކަލޭގެ ފެންވަރު ވަރަށް ރަނގަޅަށް މަށަށް ފެނިއްޖެ.."

ޖިޔާދު: "ކަލޭ ތި ބުނާހާ ފެންވަރު ރަނގަޅިއްޔާ ކަލޭ ބޭބެ ބޮލަށް ތިކަން ޖަހާނެތަ؟"

ދެމީހުންގެ މެދުގައި ޒުވާބެއް އުފެދެން އުޅޭހެން ހީވުމުން ފަތީން އެތާ އިނދެފައި ގެޔާ ދިމާއަށް ދާން ހިނގައިގަތެވެ. ޖިޔާދުގެ ފަރާތުން އެހީތެރިކަމެއް ލިބޭނެ ކަމުގެ އުންމީދެއް ނެތީމައެވެ.

މީގެ ދެ ހަފްތާކުރިން ފަތީންއާއި ޖިޔާދު ގޮސް ސުކޫލުގެ ސުޕަވައިޒާސް ރޫމުގެ ކޮންޕިއުޓަރުތައް ތަޅާ ފިސްކޮށްލީ ޖިޔާދުގެ ލޯބިވެރިޔާ ސަހާއަށް ސުކޫލުގެ ސުޕަވައިޒަރެއްގެ ފަރާތުން ފުރައްސާރަތަކެއް ކުރަމުން ދާތީއެވެ. އެކަމުގައި ފަތީން ބައިވެރިވީ ސަހާ އަކީ ޝިމާގެ ކޮށްކޮއަށް ވެފައި ޝިމާގެ އާއިލާއަށް އޭނާ އޯގާތެރިވާތީއެވެ. އަދިއަދަށް ދާންދެންވެސް އެދެކުދިންގެ ފަރާތުން އެކަންކުރީ އެދެކުދިންކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ.

ފަތީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދެން ކަންތަށް ކުރަންވީގޮތެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ފުން ވިސްނުމެއްގައި ހުރެ އޭނާ ފޯނު ނަގާ ވައިފައި ޖައްސާލިއެވެ. އެއިރު މެސެންޖާއިން މެސެޖުތަކެއް އައިސްފައި ހުއްޓެވެ. ފަތީން މެސެންޖާ ހުޅުވާލިއިރު އެއީ ޝައިހާއެވެ. "ކީއްކުރަނީ؟" "ބިޒީތަ؟" ޝައިހާ ހުރީ ދެ ފަހަރެއްގެ މަތިން ފަތީންއަށް މެސެޖު ފޮނުވާފައެވެ. "ހިނގާބަ ދިމާވާން.. އައި ނީޑް ޓު ޓޯކް" ޝައިހާ އިނީ އޮންލައިންގަކަން ނޭނގި ފަތީން މެސެޖު ކޮށްލިއެވެ. މާ ގިނަ އިރުތަކެއްނުވެ ރިޕްލައި އައެވެ. "ހިނގާ މިރޭ މީޓްވާން." އެ ވަގުތު ފަތީން، ޝައިހާއަށް ގުޅާލިއެވެ.

ޝައިހާ: "ހަލޯ"

ފަތީން: "ކީއްކުރަނީ؟"

ޝައިހާ: "ފަތީން މަތިން ހަނދާން ކުރަނީ!"

ފަތީން: "ހެހެހެ.. މިރޭ ދެން ކޮންތާކަށް ދާނީ؟"

ޝައިހާ: "ރޭގަ ދިޔަތަން ސަޅިއެއްނު؟"

ފަތީން: "އާނ.. ބޭބް ބޭނުން ގޮތެއް މަށަށް އޯކޭ"

ޝައިހާއާއި ގުޅައިގެން އޮއްވާ ފަތީންއަށް ގޭތެރޭގައި ފާތުމާ އާއި އިބްރާހިމް ވާހަކަ ދައްކާ އަޑު އިވުނެވެ. ފަތީން ފޯނު ބާއްވާފައި ބޭރަށް ނުކުމެލިއެވެ. އެއިރު ފާތުމާއާއި އިބްރާހިމް ތިބީ ގޭގައެވެ. "ކިހިނެއްވީ މަންމާ؟" ފަތީން އަހާލިއެވެ. "އެމައްސަލަ ބަލަން އުޅޭ ސަމާހު އެއާ ހަވާލު ވެއްޖެ. ބުނީ ކުރިއަށް ގެންދާނަމޯ މައްސަލަ." ފާތުމާ އަދިވެސް ހުރީ ދެލޯ ފެންކަޅިވެފައެވެ.

ގަޑިން ދިހަގަޑި ބައިވިއިރު ފަތީން އޮތީ އެނދުމަތީގައި އޭނާގެ ލެޕްޓޮޕާ ކުޅޭށެވެ. ޝައިހާގެ ހަބަރެއްނުވާތީ އޭނާ ފޯނު ނަގާ ޝައިހާއަށް ގުޅާލިއެވެ. އެއިރު ޝައިހާ ހުރީ ބޭރަށް ދާން ތައްޔާރު ވެގެންނެވެ.

ފަތީން ތެދުވެ ރީތިވެލާ ހަދައިގެން ބޭރަށް ނުކުތްއިރު މަންމަ ފެންނާކަށް ނެތެވެ. ސިޓިންރޫމްގައި އިނީ ފައުޒާއެވެ. "އަބަދު ތިނޫންވަރެއް ނުވޭ ދޯ މިހާރު. ދޭބަލަ ނިކަން ފޮތެއް ކިޔާލަން." ފައުޒާ ފޯނެއްގައި އިންތަން ފެނުމުން ފަޒީން ބުނެލިއެވެ. "މި ކުޑަބެއާ ނުބެހެވޭ ކަމެއްވެސް ނޯންނާނެ." ފައުޒާ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. "ހެހެ ކޮބާތަ މަންމަ؟" ފަތީން އަހާލިއެވެ. "ވެއްޖެ އަންހެނުން ކޮމިޓީގެ ޖަލްސާއަކަށް ގޮސް." ފައުޒާ ބުނެލިއެވެ. "ބޭބެ މިދަނީ ޖިޔާ މެންގެޔަށް މަންމަ އައިސް އަހައިފިއްޔާ ބުނައްޗޭ އިނގޭ.." ފަތީން މޮޅު ދޮގެއް ހަދާފައި ނުކުމެގެން ހިނގައިގަތުނެވެ.

ގޭގެ ގޯޅިގަނޑުން ނުކުމެ ބޮޑުމަގާއި ހަމަވީވަގުތު ޖެހިގެންއޮތް ގޯޅީގެ ކަންމަތީ ޕޮލިސް ޖިޕް އޮއްވައި ފަތީންއަށް ފެނުނެވެ. ފަތީން އެހިސާބުގައި ކަމެއް ވެގެން އުޅޭތޯ ބަލައިލިއެވެ. އެވަގުތު ފަތީންއަށް ފެނުނީ ޕޮލިސް ޖިޕަށް ނަޒީހުއާއި އޭނާގެ ދެ އެކުވެރިން އަރުވާމަންޒަރެވެ. ފަތީން އަވަސްއަވަހަށް އެމަންޒަރު ނުފެންނަ ކަމަށް ހަދާފައި ހިނގައިގަތުނެވެ.

= އެޕިސޯޑް 12 ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޚަބަރު
ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާިއން ވިދާޅުވީ، އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 May 2024
ޚަބަރު
ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނޫން.އެމްވީއަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައި ވަނީ، ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
03 May 2024
ޚަބަރު
ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.