Advertisement

ފޮޓޯ: ނޫން.އެމްވީ

25 Aug 2023
ރިޕޯޓް

މިއަދު މަންމަ ދުނިޔޭގައި ނެތަސް، މަންމައަށް ވީ ވައުދު ފުއްދައިދީފި

"ލޯބިވާ މަންމާއެވެ،

އެންމެފަހުން އަޅުގަނޑުމެން އާއިލާއަށް ބިމެއް ލިބިއްޖެއެވެ. ރައީސް ނަޝީދު ދެއްކި ހުވަފެނުގައި ކުލަ ޖައްސާދިނީ @ibusolih އެވެ.

މަންމައަށް އެމް.ޑީ.ޕީ އިން ވީ ވައުދު ފުއްދާދީފިއެވެ!

ބަޔާން ކޮށްދޭން ނޭންގޭހާ އުފާވެރިއެވެ."

ޝުއާއު "އެކްސް" ގައި ލިޔެފައިވާ އޭނާގެ ޝުއޫރު

މިއީ މި އަހަރުގެ އޯގަސްޓު 18 ވަނަ ދުވަހު އަޙްމަދު ޝުއާއު "އެކްސް" (@obofili) ގައި ޝާއިއުކޮށްފައިވާ އޭނާގެ ފުން އިޙްސާސްތަކެކެވެ. މިއަދު މަންމަ ދުނިޔޭގައި ނެތަސް، މަންމަ ދެކެމުން އައި ބޯހިޔާވަހިކަމުގެ ހުވަފެނުގައި ކުލަޖެހުން ވެގެން ދިޔައީ އޭނާއަށް ފުން ހަނދާންތަކެއް ގެނުވި ކަމަކަށެވެ. ހިތާމައަކީ، މި އުފާވެރި ވަގުތު އައިސް ޖެހުނު އިރު މަންމަ ކައިރީގައި ނެތުމެވެ. މަންމަ ކައިރީގައި ނެތަސް، މަންމަމެންގެ ހެޔޮ ދުއާ އަބަދުވެސް ދަރީންނާއި އެކުގައި ވާނެކަމަށް ބުނޭ ނޫންހެއްޔެވެ.

"ފްރީލޭންސް" ކޮށް ފޮޓޯ ނެގުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރާ އަޙްމަދު ޝުއާއު (ޝުއާއު)ގެ މި ސޯޝަލް މީޑިއާ ޕޯސްޓް ފެނިފައި "ނޫން" އިން އޭނާއާއި ބައްދަލުކޮށް، އެ އިހްސާސްތައް ކިޔުންތެރިންނަށް ގެނަސްދިނުމުގެ ބޭނުމުގައި ރަގަޅަށް އޮޅުން ފިލުވީމެވެ.

ބޯހިޔާވަހިކަމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި އޮތް އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި މިހާރު އެންމެ ހަރުއަޑުން ދެކެވޭ ވާހަކައަކީ މިއީއެވެ. ބިމުގެ ދަތިކަމުގެ ސަބަބުން، މި މައްސަލަ ހައްލު ކުރުމަކީ ބޮޑު ގޮންޖެހުމަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދައިދޭނެކަމަށް ގައުމުގެ ވަލިއްޔުލް އަމްރުގެ މަގާމަށް އައިސްފައިވާ ގިނަ ބޭފުޅުން ވަނީ ވައުދު ވެފައެވެ. މިހާތަނަށް އައިއިރު، ފުލެޓް އަޅައިގެން މަދު ބަޔަކަށް ހެޔޮއަގުގައި ބޯހިޔާވަހިކަމެއް ބައެއް ރައީސުންނަށް ހޯދައިދެވިފައިވީ ނަމަވެސް، މާލޭގެ ރައްޔިތުންނަށް މި ފަހަކާޖެހެންދެން ވެސް އިންސާފުވެރި ހައްލެއް ވަނީ ހޯދައިނުދެވިއެވެ.  މާލޭގެ ރައްޔިތުންގެ އާދޭހަކީ، އެހެން ރަށްރަށުގައި ވެސް އެ ރަށެއްގެ ރައްޔިތުންނަށް ބިން ލިބޭހެން، އެމީހުންނަށް ވެސް ބިން ލިބިގެންދިއުމެވެ. އަދި ހަމއެކަނި ފްލެޓް ދިނުމަކީ މާލޭގެ ރައްޔިތުން ހައްގު މިންވަރު ހޯދައިދެވުނީ ނޫން ކަމަށެވެ.

ޝުއާއު އަކީ ވެސް މާލޭ ރައްޔިތެކެވެ. އޭނާގެ އާއިލާގެ ބޯހިޔާވަހިކަމުގެ ހާލަތު ސިފަކޮށްދެމުން ބުނެފައިވަނީ، މާލޭގެ ރައްޔިތެއްގެ ހައިސިއްޔަތުން މިއަދާއި ހަމައަށް ވެސް ދިރިއުޅެމުން އައީ ބޯހިޔާވަހިކަމެއް ޔަގީންނުވެ ކަމަށެވެ.

މާލޭ ރައްޔިތެއްގެ ގޮތުން ބަލައިފިއްޔާ އުމުރުން މިވީހާ ދުވަހެއް މިވީ ވަންނާނެ ތަނެއް ޔަގީންނުވެ.

"ނޫން" އަށް ދިން އިންޓަވިއުގައި ޝުއާއު

ޝުއާއު ހިއްސާކޮށްފައިވާ ގޮތުގައި 2013 ވަނަ އަހަރު، އޭނާގެ މަންމައާއި ބައްދަލުކޮށް ރައީސް ނަޝީދުވަނީ އެ އާއިލާއަށް ބޯހިޔާވަހިކަމެއް ހޯދައިދޭނެކަމަށް ވައުދުވެފައެވެ. އޭގެ ހަތް އަހަރު ފަހުން 2020 ވަނަ އަހަރު އައިއިރު ވެސް އެކަން ނުވެއޮތުމުން، ޝުއާއުވަނީ ރައީސް ނަޝީދުގެ މި ވައުދުގެ މަތިން ސޯޝަލް މީޑިއާގައި ހަނދާންކޮށްދީފައެވެ.

ޝުއާއު "އެކްސް" ގައި، 1 ޖުލައި 2020

އެންމެ ފަހުން ޝުއާއުގެ މަންމަގެ ހުވަފެނުގައި ކުލަ ޖެހިގެން މި ދިޔައީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކުރިޔަށް މި ގެންދާ ބިންވެރިޔާ ސްކީމްގެ ތެރެއިންނެވެ. މި އުފާވެރިކަން "ނޫން" ގެ ޓީމާ ހިއްސާކުރަމުން ޝުއާއު ހިނިތުންވެލާފައި ބުނީ މިހާރު އޭނާއަކީ ބިންވެރިއެއް ކަމަށެވެ.

ގެދޮރުވެރިންގެ ޕްރޮގްރާމްގެ ދަށުން އެމް.ޑީ.ޕީ. އިން ވީ ވައުދު ފުއްދައިފި. މިއަދު އަހަންނަކީ ބިންވެރިއެއް

"ނޫން" އަށް ދިން އިންޓަވިއުގައި ޝުއާއު

ޝުއާއު އާއި އެކު ހޭދަކޮށްލި ވަގުތު ކޮޅުގައި، އޭނާ އެހެން ވާހަކައެއްވެސް ހިއްސާ ކުރިއެވެ. އެއީ އޭނާއަކީ "ފްރީލޭންސް" ކޮށް މަސައްކަތް ކުރަމުން އަންނަ ޒުވާނަކަށް ވީތީ، ކޮވިޑްގެ އާލަމީ ވަބާ ދުނިޔެއަށް ކުރިމަތިވެ، ލިބެމުންދިޔަ އާމްދަނީ ހުއްޓުމުން ދެން ކަންތައްތައް ވީގޮތުގެ ވާހަކައެވެ.

"ފްރީލޭންސް" ކޮށް މަސައްކަތްކުރާ އެހެން މީހުންނެކޭ އެއްގޮތަށް، ކޮވިޑް ވެގެން ދިޔައީ ޝުއާއުއަށް ވެސް ލިބެމުން ދިޔަ އާންދަނީއަށް ހުއްޓުން އައި ކަމަކަށެވެ. ނަމަވެސް ޝުއާއުމެންފަދަ، "ފްރީލޭންސް" ކޮށް މަސައްކަތްކުރަމުންދިޔަ ޒުވާނުންގެ ހިތަށް އެދުވަހު ލިބުން މޮޅިވެރިކަމަށް ނިމުމެއް ގެނަސް، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިޔަނުދީ، އެމީހުންގެ އަތުގައި އެ ދުވަހު ހިފީ ދިވެހި ސަރުކާރުން ކަމުގައި އޭނާ ކިޔައިދިނެވެ. އެއީ އެ ދުވަސްވަރު ސަރުކާރުން ދޫކުރި ކޮވިޑް ރިލީފް އެހީގެ ވާހަކައެވެ.

އަހަރެމެންގެ ކުދިންކޮޅު އަހަރެމެންގެ ސަރުކާރުން ބެލި

ކޮވިޑް ރިލީފްގެ މަންފާ ސިފަކުރަމުން ޝުއާއު

ޝުއާއު އިތުރަށް ކިޔައިދިން ގޮތުގައި، އެ ވަގުތު ސަރުކާރުގެ އެފަދަ އެހީއެއް ނުލިބުނުނަމަ ވަރަށް ގިނަ މަސައްކަތްތެރީންތަކެއް މަގުމަތިވެ، ދިރިއުޅުމުގެ ހާލަތު ހިތަށް ވެސް ނުގެނެވޭހާ ދަށަށް ދިޔައީހެވެ. އެއީ "ފްރީލޭންސް" ކޮށް މަސައްކަތްކުރާ ގިނަ ކުދިންނަކީ މާލޭގައި ކުއްޔަށް އުޅެމުން، އާއިލާ ބަލަހައްޓަމުންދާ ބަޔަކަށް ވީތީއެވެ.

ކޮންމެއަކަސް، ޕަބްލިކް ސެކްޓަރގެ މަސައްކަތްތެރީންގެ މުސާރައަށް ކޮވިޑާ ގުޅިގެން މެދުކެނޑުމެއް ނުގެނަސް، ޕްރައިވެޓް ސެކްޓާގެ މަސައްކަތްތެރީންގެ ހައްގުގައި ސަރުކާރުން މި ބުރަ ނޫފުލިނަމަ، ގިނަ އާއިލާތަކަކަށް ކޮވިޑުގެ ސަބަބުން އެތައް ގެއްލުންތަކެއް ވީސްކަން ކަށަވަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.