Advertisement

06 May 2023
ވާހަކަ

ނާކާ | އެފިސޯޑު - 1

ނާކާ | އެފިސޯޑު - 1

ފަޒީން މަރުވި ފަހުން މިއަދަކީ ތިންވަނަ ދުވަހެވެ. ފަޒީންގެ މަރާއެކު އެ އާއިލާގެ ދިރުން އެއްކޮށް ނެތިގެން ދިޔައެވެ. ގޭގައި މީހުން އުޅުނަސް، ގޭތެރެ ހީވަނީ ފަޅު ތަނެއްހެންނެވެ.

ފަތީން ދުވަސް ފެށީ އާ އަޒުމަކާ އެކުގައެވެ. މި ހިތްދަތިކަމުން އަރައިގަނެ އާދައިގެ ދިރިއުޅުމެއް އަލުންބަލުން ފެށުމުގެ ނިޔަތުގައެވެ. ސުކޫލަށްދާން ތައްޔާރުވެ ޔުނީފޯމު އަޅައިގެން ގޭތެރެއަށް ނުކުތް އިރު ކޮއްކޮ ފައުޒާ އިނީ ސިޓިންގްރޫމް މޭޒު ކައިރީގައި ސައިތަށްޓެއް ހިފައިގެންނެވެ. ކުރިމަތީގައި އަޅުވާފައި ހުރި ޓީވީން ދައްކަމުން ދިޔައީ ހިތާމަވެރި ލަވައެކެވެ. "ކޮއްކޮ މިއަދު ވެސް ސުކޫލަކަށް ނުދާނަންތަ؟" ފަތީން ކޮށްލި ސުވާލަށް ފައުޒާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ނަމަވެސް ފަތީން އޭނާއަށް ފުރަގަސްދީގެން އިން ފައުޒާއާ ގާތްވެލިއެވެ. އަދި އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. "ކޮއްކޯ... ކުޑަބެ ވާހަކަ ދެއްކި އަޑު ނީވެނީތަ؟" ފުން ޙިޔާލަކަށް ގެއްލިފައި އިން ފައުޒާ ސިއްސައިގެންގޮސް ފަތީންއާ ދިމާއަށް ބަލާލިއެވެ

Advertisement

އެ ދެލޮލުން ފައުޒާ ކުރަމުންދާ ހިތާމަ ފާޅުވާން ހުއްޓެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން އެ ދެލޯ ވަނީ އެއްކޮށް ފުސްވެ ވަޅަވަދެފައެވެ. ދެ ލޯ ފުރާ ޖަމާވެފައި ހުރީ ކަރުނައެވެ. "ކީކޭ ކުޑަބޭ؟" ދެ އަތް މޫނުގައި އަޅާ، ދެ ލޯ ފޮހެލަމުން ފައުޒާ އެހިއެވެ. "ބޭބެ ބުނީ ކޮއްކޮ ކީއްވެހޭ ސުކޫލަށްދާން ތައްޔާރު ނުވެ ތި އިނީ؟" ފަތީން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. "މިއަދު ނުދެވޭނެ ސުކޫލަކަށް.. ހިތްވަރެއް ނެތް.." އިސްދަށަށް ޖަހާލަމުން ފައުޒާ ބުނެލިއެވެ. އެ ވަގުތު ފަތީންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ފަތީން ފައުޒާ އިށީނދެ އިން ގޮނޑީގެ ގާތުގައި ކުޑަކަކޫ ޖައްސާ އިށީނެވެ. އަދި ފައުޒާގެ ކަނދުރާގައި އޭނާގެ ކަނާތް އަޅުވާލިއެވެ. "ކޮއްކޯ.. ކޮއްކޮ ބޭނުންތަ މަންމައާއި ބައްޕަ ހިތާމަ ކޮށްކޮށް ބަލިވާން؟" ފަތީން ކުރި ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ފައުޒާ ބޯ ހޫރާލިއެވެ. "އެހެންވިއްޔާ ކުޑަބެ ދައްކާ ވާހަކަ ކޮއްކޮ އަޑުއަހާ.. އަހަރެމެން މިއަދު ކިތަންމެ ހިތާމައެއް ކުރިއަސް ތިއްތިބެއެއް ދެން އެނބުރިއެއް ނާންނާނެ. މިއަދު ކޮއްކޮ ތިގޮތަށް ހިތާމަ ކުރަން އިންނަތަން ފެންނަންޔާ މަންމަމެނަށް ވެސް ހިތްވަރެއް ނުލިބޭނެ. އެ މީހުނަށް ހިތްވަރު ލިބޭނީ އަހަރެމެން ދެ މީހުން ހިތްވަރު ދިނީމަ. އެހެންވީމަ ކޮއްކޮ ވެސް ތިގޮތަށް ފިކުރު ކުރަން ނީނދެ ނިކަން އަޅެ ހިތްވަރު ކޮށްފަ ކުރިން އުޅުނުކޮތަށް އުޅެވޭތޯ ހިނގާބަލަ." ފަޒީންގެ ވާހަކަތައް އަޑުއަހަން އިން ފައުޒާގެ ދެލޮލުން ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް ފައިބަންފެށިއެވެ

"ދަރިފުޅާ ސައި ތައްޔާރު ވެއްޖެ." ސިޓިންރޫމާ އަރާ ހަމަވެފައި ފަތީންގެ މަންމަ ފާތުމާ ބުނެލިއެވެ. އެ އަޑަށް ފަތީން އިންތަނުން ތެދުވިއެވެ. "ކުޑަބެ މި ދެއްކި ވާހަކަތަކާ ކޮއްކޮ ވިސްނައްޗެ" ފައުޒާގެ ބޮލުގައި ފިރުމާލަމުން ފަތީން މިހެން ބުނުމަށްފަހު ބަދިގެއަށް ދިޔައެވެ.

ބައްޕަ އިނީ ކާމޭޒު ކައިރީގައި ސައިތައްޓެއް ހިފައިގެންނެވެ. ފަތީން ފެނުމުން ވެސް އެއްވެސް ބަހެއް ނުބުނެއެވެ. ބަދިގޭގެ މަސައްކަތްތަކުގައި އަވަދިނެތި ފާތުމާ އުޅެމުން ދިއައެވެ. މީގެ ކުރިން މަންމައާއި ބައްޕަ ބަދިގޭގައި އުޅޭނަމަ އެންމެ ހިނދުކޮޅަކަށް ވެސް ބަދިގެތެރެއިން އަޑު ކަނޑައިގެން ނުދާނެއެވެ.

"ބައްޕަ މިއަދު ފިހާރައަށް ނުދަންތަ؟" ފަތީން މަސައްކަތްކުރީ ބަދިގޭގެ މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނެތިކޮށްލެވޭތޯއެވެ. "މި އުޅެނީ ދާން." އާދައިގެ މަތިން ބައްޕަގެ ޖަވާބު ކުރުވެފައި ރުންކުރު ގޮތެއް ހުއްޓެވެ.

އެއްޗެކޭ ބުނެލަން ފަތީން އަނގަހުޅުވާލި ވަގުތު ފާތުމާ ކުއްލިއަކަށް އަޑުންއަޑުނަގައި ރޯން ފެށިއެވެ. ފަޒީން މަރުވި ފަހުން ފާތުމާ ވަރަށް ގިނައިން އެ ގޮތަށް ރޯންފަށައެވެ. ހަމަ ކުއްލިއަކަށެވެ. ވީ ކީއްކަމެއް ވެސް ނޭނގިއެވެ. ފަތީން އިންތަނުން ތެދުވެގެން މަންމަ ގާތަށް ދިއައެވެ.

"އާނ... އަނެއްކާ މިއަދު ވެސް ފެށުނީއޭ. މިތާ ތެރޭގަ ކަސޯޓީ ކުޅޭނެ ކަމެއް ނެތް. ފަތީން ކަލޭ ވެސް ސައި ބޮއެގެން އަވަހަށް ސުކޫލަށް ދެވޭތޯ ބަލާ." ބައްޕަގެ ރަހުމުކުޑަ ބަސްތައް އިވިފައި ފަތީންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މަންމަގެ ދިފާއުގައި ބައްޕައާ ދިމާއަށް އެއްޗެއް ބުނަން ވެސް ފަތީން ބޭނުންވިއެވެ. ނަމަވެސް އެ ހިތްވަރެއް ފަތީންގެ ނެތެވެ. މާގިނައިން ވާހަކަ ދެއްކުމަކީ ބައްޕަގެ ގޮތެއް ނޫނެވެ. ދެތިން އެއްޗެއް ބުނުމަށް ފަހު ދެން އިސްކުރާނީ އަތެވެ.

އިބްރާހިމްގެ ހަޅޭކުގެ އަޑަށް ފާތުމާ ދެލޯ ފޮހެލާފައި ހުއްޓާލިއެވެ. "ދަރިފުޅު ދޭ ދެން." ފަތީންގެ ކޮށޑުގައި ފާތުމާ ފިރުމާލިއެވެ. "ދެން އެކަމް މަންމަ.." ފަތީން ދެރަވެލާފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ވަގުތު ކުރެވުނު އިހުސާސް އޭނާއަކަށް ނޭނގުނެވެ. މަންމަ ދެރަވެދާނެ އެއްޗެއް ބުނެވިދާނެތީ ފަތީން ހިނގައިގަތެވެ.

ސުކޫލުގެ ލޯބިވާ އެކުވެރިންގެ އެކުވެރި މާހައުލުން ފަތީންއަށް މަރުޙަބާކީ ވަރަށް އޯގާވެރިކަމާއި ހަމްދަރުދީއާ އެކުގައެވެ. ހީވަނީ ބައްދަލު ނުވާތާ އަހަރު ތަކަކަށްފަހު ބައްދަލުވެގެން އުޅޭހެންނެވެ. އެންމެންވެސް ބޭނުންވީ ފަތީން އެމީހެއްގެ ގާތުގައި ބައިންދާށެވެ.

ސުކޫލުގައި ހޭދަވަމުންދިޔަ ކޮންމެ ހިނދުކޮޅަކީ ވެސް ފަތީންގެ ހިތުގައި ބޭބެގެ ހަނދާންތައް އާލާކުރުވި ހިނދުކޮޅެކެވެ. ބޭބެއާ އެކީ ކުލާސް ތެރޭ ޖެހުނު ސަކަރާތާއި ކުރެވުނު މަޖަލުގެ ހަނދާންތައް ފަތީން މާޒީގެ ތެރެއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދިއައެވެ. ނަމަވެސް ފަތީން ހިތްވަރު ކުރިއެވެ.

45 މިނެޓުގެ ތިން ގަޑިއަށްފަހު ދެން ލިބުނީ އިންޓަވަލް ގަޑިއެވެ. އިންޓަވަލް ގަޑިއަށް ރަނގަބީލު ގޮއްވާލުމާއެކު ކޮންމެ ކުއްޖަކު ވެސް ދަބަހަށް ފޮތްތައް ލުމަށްފަހު ގުރޫޕްތަކަށް ބެހިލިއެވެ. ނަމަވެސް ފަތީން އޭނާ އިށީނދެގެން އިން ގޮނޑީގައި އިންގޮތަށް އިނެވެ. އެކުވެރިންނާއެކު ސަކަރާތްގަތުމުގެ މޫޑު ނެތީމައެވެ.

"މިތާ އިށީނދެލަންތަ؟" ފަތީންގެ ގާތުގައި އިން ހުސް ގޮނޑިއަށް އިޝާރާތްކޮށްލަމުން ޝިމާ އައިސް ބުނެލިއެވެ. ފަތީން އޭނާގެ މޫނަށް ބަލާލުމަށް ފަހު ބޯޖަހާލިއެވެ. "މަންމަމެން ކިހިނެއް؟" ފަތީންގެ މޫނަށް ބަލަން އިނދެ ޝިމާ ވާހަކަ ދެއްކިއެވެ. "ވަރަށް ސަކަރާތްކޮށް އަދި އުޅެނީ.. އެކަކުވެސް ވާހަކައެއް ނުދައްކާ.. އެންމެ ކަޑަވަނީ މަންމައަށް ސަޕޯޓިވް ބައްޕަ ނުވާތީ. ދެންމެ ވެސް މަންމަ ރޯން ފެށީމަ ބައްޕަ ފެށީ ހަޅޭލަވަން. އެއަށް ވުރެ ދޮންބައްޕައެއް ވެސް ރަނގަޅުވާނެ ކަންނޭގެ އަހަރެމެންނަށް." ފަތީންގެ ހިތަށް އަރާފައިބަމުންދިޔަ އިހުސާސްތައް އޭނާ ފުރަތަމަ ފަހަރަށް މީހެއްގެ ކުރިމަތީ ހާމަ ކުރިއެވެ. ސަބަބަކީ ޝިމާއަކީ އެ އިހުސާސްތައް އެންމެ ބޮޑަށް ދަންނާނެ މީހާކަމަށް ފަތީންއަށް ގަބޫލު ކުރެވޭތީއެވެ. "އެނގޭ ތީ ވަރަށް ޕެއިންފުލް ކަމެއް ކަން.. އީވެން ފޯ މީ. ހަމަޖެހިލައިގެން އެންމެ ހިނދުކޮޅެއް ވެސް ނުލިބެ. އެކަމް މިއީ އަހަރެމެންގެ ތަޤުދީރު." ފެންކަޅިވެފައި އިނދެ ޝިމާ ވާހަކަ ދެއްކިއެވެ. "އަހަރެން ވަރަށް މަސައްކަތް ކުރަން އެބަ ހިތްވަރު ކުރެވޭތޯ.. އެކަމް ސުކޫލަށް އަޔަސް ކޮޓަރީގަ އޮތަސް ބޮލުގަ އަބަދު އޮންނަނީ ތިއްތި.. މި ކަން މި ގޮތަށް ދިމާވީމަ މި ރިއަލައިޒްވީ ތިއްތިއަކީ ހަމައެކަނި ޓްވިންއެއް ނޫންކަން. އެއީ އަހަރެންގެ ބެސްޓް ފްރެންޑްކަން." ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ފަތީން ވާހަކަ ދެއްކިއެވެ. "ފަތީން އެކޭ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އަހަރެންވެސް ފަޒީން ދެކެ ލޯބިވަން. ފަޒީން ނުލާ ފިއުޗާއެއް އަހަރެން އިމޭޖިން ވެސް ނުކުރަން. އެކަމް ދެން..." ޝިމާގެ ވާހަކަ އިތުރަށް ކުރިއަށް ގެންދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ އަނގައިން އިތުރު ބަހެއް ނުނުކުތެވެ.

"ދެ މީހުން ކޮން ވާހަކައެއްގަ؟" އާނިސް ހިނގާފައި އައިސް އެ ދެކުދިންނާ އަރާ ހަމަވެފައި އަހާލިއެވެ. "މި ދައްކަނީ ތިއްތިގެ ވާހަކަ!" ފަތީން ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ. "ކޮބާތަ ފައުޒާ؟ އަހަރެން ވަރަށް ބޭނުން އޭނަ ކައިރިއަށް ގޮސް ހަގް ކޮށްލަން. އަދި އައިމް ދެއާ ފޯ ހާ އޭ ބުނެލަން. އެކަމަކު ނުކެރެނީ. ވަރަށް ގުޅަންވެސް ގުޅާފިން. މިތިން ދުވަހު ފޯނުންވެސް ދިމައެއް ނުވޭ. އަހަރެން މި ހުންނަނީ ވަރަށް ކަންބޮޑުވެފަ." ވަރަށް ހާސްވެފައި ހުރެ އެ ކުދިން ކައިރީ އިށީންނަމުން އާނިސް ވާހަކަ ދެއްކިއެވެ

"އޭނަ އެބަ އިން ގޭގަ އަހަރެން ސުކޫލަށް އައި އިރު.. ބުނީ ސުކޫލަށް އަންނާނެ ހިތްވަރެއް ނެތޯ.. އަބަދު އިންނަނީ ހުއްޓުން އަރާފަ. އާނިސް ނިކަން އޭނަ ގާތަށް ގޮސް ހިތްވަރު ދީބަލަ.. ތިއްތިބެ ނެތީމަ އޭނަ އޭނީ ދުނިޔެ މަތިން ފޫހިވެފަ. އެއްވެސް ކަމެއް ކުރާހިތް ނުވެފަ.." ފަތީން ގޮތް ހުސްވެފައިވާކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. އާނިސް އަކީ ފައުޒާގެ ލޯބިވެރިޔާއެވެ. އަދި އޭނާއަކީ ފަޒީން ދުނިޔޭގައި ހުރި އިރު ފަޒީންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އެ ދެކުދިންގެ ލޯބީގެ ގުޅުމަށް ފައުޒާއަށް ޚިޔާލު ދިން މީހަކީވެސް ފަޒީންއެވެ. ފަތީންއާއި ފައުޒާގެ އިހުސާސްތައް މަންމައާއި ބައްޕައަށް ވުރެ ވެސް ބޮޑަށް ދެނެގަންނަ މީހަކީ ފަޒީންއެވެ. ވީއިރު ފައުޒާ ކޮއްކޮގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ފަޒީން ޙިޔާރު ކުރާނީ ފަޒީން ނެތް ދުވަހަކުވެސް އެކަން ފޫބައްދާ ދެވޭނެ ވަރުގެ ކުއްޖެއްކަން ފަތީންއަށް ޔަގީންވެއެވެ. "ތިއީ ހަމަ އަހަރެންގެވެސް ހާލު. އަހަންނަކަށް ނޭނގެ ފަޒީން ނެތީމަ އަހަންނަށް މި ކުރެވޭ އިހުސާސްތައް ބުނެދޭކަށްވެސް. އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އަހަރެންގެ ދިރިއުޅުމުން ވަރަށް ބޮޑު ބައެއް މިސްވާކަން. ގްރޭޑް އަށަކުން ފެށިގެން މިއަދާ ހަމައަށް ވެސް އަހަރެން ކުރާ ކޮންމެ ކަމެއް ކުރަނީ ފަޒީންއާ އެކީގަ.. ދެން އަހަންނަކަށް ނޭނގެ އޭނަ ނުލާ އުޅޭނެ ގޮތެއްވެސް. އަސްލު މިއަދު ކައެމެނާ އެކީ މަ އޭ ލެވެލްގަ ވެސް ނީންނާގެ އޭނަ އެ ދުވަހު ނެތްނަމަ. އަހަރެން އޯ ލެވެލް އިން ގިނަ އެއްޗެހިން ފާސްވީ ވެސް އޭނަ ޓެސްޓްގަ އިނދެގެން ޖަވާބުތައް ފޮނުވީމަ."

މިފަދަ ވާހަކަތަކެއްގައި އިންޓަވަލްގަޑި ނިމެންދެން އެ ތިން ކުދިން ތިއްބެވެ. ފަޒީން ނެތުމުން އެ ކަމުގެ ފަޅުކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނެ ބަޔަކަށް ކުލާހުގައި ތިބޭނީ އެ ތިން ކުދިންނެވެ. ފަޒީންގެ ކޮއްކޮއާއި އެންމެގާތް އެކުވެރިޔާއާއި އޭނާގެ ލޯބިވެރިޔާއެވެ.

-ފުރަތަމަ އެޕިސޯޑް ނިމުނީ-

އިތުރު އާޓިކަލް
29 Mar 2024
ކުޅިވަރު
ޖުމްލަ 1.6 މިލިއަންގެ ދަރަންޏެއް ދެއްކުމަށް އެފްއޭއެމްއަށް ހުކުމްކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން، އެ ހޮޓެލް ނިސްބަތްވާ ކުންފުނިން ކުރި ދައުވާއަކަށް ބިނާކޮށް، އެފްއޭއެމްގެ މައްޗަށް ބޮޑު ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
28 Mar 2024
ޚަބަރު
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމާއި ގުޅޭ ފަހުމުނާމާގައި ސޮއެކޮށްފި
ހިޔާގެ 8ވަނަ ޓަވަރުގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައި ވާކަމަށާއި، އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސ އެޗްޑީސީން ވަނީ ބުނެފައެވެ.
28 Mar 2024
ޚަބަރު
ވީބީ ހަސަން އެމްޑީޕީގެ ކެންޑިޑޭޓަަށް ތާޢީދުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވީބީ ޙަސަން އަމިއްލަ ގޮތުން ކުރިމަތިލެއްވީ، މެދު ހެންވޭރު ދާއިރާއަށެެވެ. އެހެން ނަމަވެސް އޭނާގެ ކެންޑިޑެންސްީ ބާޠިލްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިއަދު ހުކުމް ކުރުމާއިއެކު، އެދާއިރާއަށް ވާދަކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު)އަށް ތާޢީދުކުރުމަށް ނިންމަވައި ޙަސަން ވަނީ އޭނާ އާއި އަދި އެމްޑީޕީގެ އިސްބޭފުޅުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
28 Mar 2024
ޚަބަރު
ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓް ހޯދުމާއިގުޅޭ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއެކޮށްފި
މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.