Advertisement

05 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

ރައީސް ޔާމީންގެ ކެނޑިޑެސީ މައްސަލައިގައި ދެން އޮތީ ހުކުމް ކުރުން

ރައީސް ޔާމީންގެ ކެންޑިޑަސީއާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ރޭ ނިންމާފައިވާއިރު ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވަމުން ގެންދެވީ ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ނުގެއްލޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅާދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުމަށް ފުރުޞަތު ދިނުމަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވަކީލުން ނިހާއީ ހުކުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ނިހާއީ ހުކުމެއް ނާންނަ މީހަކަށް ރައީސްކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނޫ އަސާސީ މާނަކޮށްފިނަމަ، ރައީސްގެ މަޤާމާއި ދައުލަތުގެ އެހެން މަޤާމުތަކުގައި ބޮޑެތި ކުށްވެރިން ތިބުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވަކި މުއްދަތަކަށް ވުރެ ދިގު ހުކުމެއް އައިސްފައި ނެތުމަކީ އެ މަގާމުގެ ޝަރުތެއްގެ ގޮތުގައި އޮންނައިރު، ހުކުމް ނިހާއީ ނުވާތީ ކަމަށް ބުނެ މަގާމުގައި ތިބުމުގެ ފުރުސަތު އޭރުން އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ޕީޕީއެމަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން އިތުރު މުއްދަތެއް ދީފިނަމަ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގައި ނުބޭއްވެނެކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެގޮތުން ވޯޓަރސް ލިސްޓް ބަދަލުކުރަންޖެހުމާއި އެނޫންވެސް ކަންކަން ކުރަން ޖެހޭނެކަން އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލާގެ ތެރެއަށް ތަދައްހުލް ކުރުވާފައިވާ ދައުލަތުގެ ބަންޑާރަ ނައިބުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑަސީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށެވެ. އެގޮތުން ޤާނޫނު އަސާސީގައި ވަކިގޮތަކަށް ކަނޑައަޅާފައިވަނީ ހުކުމެއްގައި ހުރި މީހަކަށް އެ މަޤާމު ނުދިނުމުގެ ބޭނުމުގައިކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއްގެ އިތުރުން ސާބިތު ދަރަންޏެއްވެސް އޮތުމުން ރައީސްކަމުގެ ޝަރުތެއް ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ކޯޓްގައި ވަނީ ވިދާޅުވެއެވެ. ދަރަނީގެ ބަހުސްގައި ޔާމީންގެ ފަރާތްޕުޅުން ވަކީލުން ވިދާޅުވަމުން ގެންދެވީ އެއީ ސާބިތު ދަރަންޏެއްކަމުގައި ނުދޭކަމަށެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ހުށައެޅުއްވި ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. މިގޮތުން ނިހާއީ ހުކުމް މާނަކުރާ ގޮތާއި ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކު އިންތިޚާބުގައި ވާދަކޮށްގެން ހޮވިއްޖެނަމަ އެމީހާގެ ހުކުމް ނިމުނީތޯ ނޫނީ ދެންވާނީ ކިހެންތޯ ފަދަ ސުވާލުތައް ވަނީ އުފައްދަވާފައެވެ.

މި މައްސަލައިގެ ހުލާސާ ބަޔާން އިއްވަން ދެއްވި ފުރުޞަތުގައި ބަންޑާރަ ނައިބުގެ ވަކީލުންގެ ފަރާތުން ވަނީ ޖޫރިމަނާ ފައިސާގެ މައްސަލައިގައި މީރާގެ ފަރާތުން 3 ޖުލައި 2023 ގައި ރައީސް ޔާމީނަށް ނޯޓިސް ފޮނުވާފައިވާކަން ހާމަކުރައްވާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ވަނީ ދޮގުކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެެއްވިކަމާއި، މި މައްސަލައިގައި އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ ހުކުމް ކުރުންކަން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ އިޢުލާންކުރައްވާފައެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓްގައި ހިމެނިވަޑައިގަންނަވާ 7 ފަނޑިޔާރުންގެ ބެންޗުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.