Advertisement

04 Aug 2023
ވާހަކަ

ނާކާ | އެޕިސޯޑު - 9

ނާކާ | އެޕިސޯޑު 9

ފަތީނަށް ކުއްލިއަކަށް އޭނާގެ އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލާލެވުނެވެ. ދިހައެއް ޖަހަންވާއިރަށް ގެއަށް އަންނާށޭ މަންމަ ބުނިކަން ހަނދާންވީ އެ ވަގުތެވެ. ފަތީން ފުންމައިގެން ތެދުވިއެވެ. "އޭ... މަންމަ ބުންޔޭ ދިހައެއް ޖަހަން ވާއިރަށް ގެއަށް އަންނައްޗޭ.." ފަތީން ވަރަށް ހާސްވެފައި ބުނެލިއެވެ. "އެހެންވިއްޔާ ހިނގާ ދާން.." ޝައިހާ ވެސް އިންތަނުން ތެދުވެ ހިނގައިގަތެވެ.

ފަތީން ގެއަށް ދިއައީ ޝައިހާ ގެއަށް ލާފައެވެ. ގެއާ ދިމާއަށް ފަތީން ހިނގާފައި ދިއަ އިރު އޭނާއަށްވުރެން އުފާވެރި މީހަކު މި ދުނިޔެމަތީގައި ނެތްހެން އޭނާ ފެންނަ ކޮންމެ މީހަކަށް ވެސް ހީވާނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާ ފުންމާލާފައި ތެޅިގަނެއެވެ. އެ މޫނުމަތިން އެންމެ ހިނދުކޮޅަކަށް ވެސް ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. ޝައިހާ ހާސިލް ވުމުން ދިރިއުޅުމަށްޓަކާ ފަތީންއަށް އާ ހިތްވަރެއް ލިބުނެވެ.

Advertisement

ފަތީން ގެއައް ވަތް އިރު މަންމަ ފާތުމާ އޮތީ ސޯފާމަތީގައި ނިދިގެން ވެއްޓިފައެވެ. އެ އިރު ގަޑިން ދިހަގަޑި ބައިވެގެން އެތައް މިނެޓެއް ހިނގައިފިއެވެ. ފަތީން އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

****************

"އަވަސް ކޮށްބެއަ އަހޭ..." ގުޑްސް ޓްރޭޑް ފިހާރައިގެ ފުރާޅުގެ ޓިނުގަނޑަށް ޖަހާފައި އިން އިސްކުރެއް ދޫކުރަން އިން އަތޫފްއާ ދިމާއަށް ނަޒީހު ވައިއަޑުން ހަޅޭ ލަވައިގަތެވެ. ނަޒީހު ހުރީ ފިހާރައިގެ ސަރަހައްދަށް މީހަކު އާދޭތޯ ވަރަށް ސިއްރުން ތިރި ބަލާށެވެ. ފިހާރައިގެ ކަންމަތީގައި ނަޒީހުގެ އެކުވެރި ޝައްފާނު މީހަކު އާދޭތޯ ބަލަން ހުއްޓެވެ. އަތޫފް ޓިނުގަނޑުގެ ތިންތަނަކުން އިސްކުރު ދޫކޮށްފައި ދެމީހުނަށް ވަދެވޭހާ ޖާގަ ހެދުމަށްފަހު އިސްކުރުތަކާއި، އިސްކުރުތައް ދޫކުރަން ގެންގުޅުނު އިސްކުރު ދޫކުރާ ކަށިގަނޑު ޖީބަށްލިއެވެ.

އަތޫފް ޓިނުގަނޑު ހިއްލާލުމާއެކު ނަޒީހު އެތެރެއަށް ވަނެވެ. ނަޒީހުގެ ފަހަތުން އަތޫފް ވެސް އެތެރެޔަށް ވަނެވެ. ފިހާރައިގެ މުދާތައް ރައްކާކޮށްފައި ހުރި ގުދަނުގެ ހަރުގަނޑުގެ އެހީގައި ދެމީހުން ތިރިއަށް ފެއިބިއެވެ. ނަޒީހުގެ ކޮނޑުގައި އަޅުވަފައި އޮތް ދަބަހަށް އެންމެ އަވަހަށް ފެނުނު ދެ ލެޕްޓޮޕް އަތޫފް ލިއެވެ.

އުޒައިރު އިނީ ފިހާރައިގެ ސޭލްސް ނިމްމާލާށެވެ. ފިހާރައިގެ ގުދަނުން އެއްޗެހި މަދުވާކަން ފާހަގަ ކުރެވޭތީ އެއީ އޭނާއަށް ހީވާގޮތްތޯ ނުވަތަ ޙަޤީޤަތެއްތޯ ބެލުމަށް އޭނާ އިނީ ފިހާރަ ބަންދުކޮށް ފިހާރައިގެ ހުރިހާ ހޮޅިބުރިއެއް ވެސް ނިވާލައިގެންނެވެ. މިހެން އިންދައި ގުދަނުގެ ތެރެއިން އެއްޗެއް ތެޅޭ އަޑު އިވޭހެން އުޒައިރުއަށް ހީވިއެވެ. މޭޒުމަތީ އޮތް ގުދަނުގެ ތަޅުދަނޑި އުޒައިރު ނެގިއެވެ. އަދި ގުދަނާ ދިމާއަށް ހިނގައިގަތެވެ.

އެ ވަގުތު ފިހާރަ ތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވޭހެން އަތޫފަށް ހީވިއެވެ. "އޭ އެއީ މީހަކު ހިނގާ އަޑު ދޯ؟" އަތޫފް އަހާލިއެވެ. "އާނ ކަލޯ އަވަސް އަވަސް އަވަސް އަރާ.." ދެ މީހުން އެކީގައި އިސްކުރުތައް ނެއްޓުވިފައިވާ ޓިނުގަނޑާ ދިމާގައި ހުރި ހަރުގަނޑަށް އެރިއެވެ.

"ސްސް ސްސް" ފުރާޅު މައްޗަށް އަރައިގެން ނަޒީހު ގޮސް ބިންމަތީގައި ހުރި ޝައްފާނަށް ގޮވާލީ އަޑެއް ލައްވާލާފައެވެ. އެ ވަގުތު ޝައްފާނު ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝައްފާނު ނަޒީހު ބޯ ދިއްކޮށްގެން އޮތް ހިސާބާ ގާތްވެލިއެވެ. އެ ވަގުތު ނަޒީހު އޭނާގެ ކޮނޑުގައި އޮތް ދަބަސް ޝައްފާނު އަތަށް ވައްޓާލިއެވެ. "ހިނގަ ދާން އަވަހަށް.." ފުރާޅުގައި ނައްޓުވާފައި ހުރި ހުރިހާ އިސްކުރެއް ރަނގަޅަށް ޖަހާ ބާރުކޮށްލުމަށް ފަހު އަތޫފް ވައި އަޑުން ބުނެލިއެވެ.

އުޒައިރުއަށް ގުދަނަށް ވަދެވުނު އިރު އެއްވެސް މީހެއްގެ ހިލަން ވެސް ނެތެވެ. އުޒައިރު ސޭލްސް ނިންމާލާފައި ގެއަށް ދިއައީ ސީސީޓީވީ ކެމެރާތަކުގެ ސްޓޯރޭޖް ހިފައިގެންނެވެ. އެއްވެސް މީހެއްގެ ހިއްސާ ނުވާގޮތަށް އުޒައިރު މި ފިހާރަ ހިންގާތާ މިއީ 15 ވަނަ އަހަރެވެ. މި ވީހާތަނަށް ދުވަހަކު ވެސް ފިހާރައިން އެއްޗެހި ގެއްލޭކަން ފާހަގަވެފައެއް ނުވެއެވެ.

*****************

"މިހާރު ރުޅިގަނޑު މައިތި ވީތަ؟" އާނިސް އޮތީ އޭނާގެ ކޮޓަރި އެނދުމަތީގައި ފައުޒާއަށް ގުޅައިގެންނެވެ. "އެއީ އަސްލު ރުޅިއެއް ނޫނޭ.. ރުޅިއެއް ނާންނަމޭ.." ފައުޒާ މިހެން ބުނުމުން އާނިސް ފެށީ ހޭށެވެ.

އުޒައިރު ގެއަށް ވަތްއިރު އަނބިމީހާ ޝިރާނީ އޭނާ ނައިސްގެން ނުނިދާ ޓީވީ ބަލަން އިނެވެ. "ކޮބާތަ އާނިސް؟" ޝިރާނީ ގާތުގައި އިށީންނަމުން އުޒައިރު އަހާލިއެވެ. "ދެންމެ މިތާ އަނގަ ތަޅަން އިނދެފަ އެ ދިއައީ ކޮޓަރިއަށް.. މިއަދު ސޭލްސް ރަނގަޅުތަ؟ އެއްކަލަ ގުދަނުން އެއްޗެހި ގެއްލޭ ކަންތައް ކިހިނެއްވީ؟" ޝިރާނީ ސުވާލު ކޮށްލިއެވެ. "މިރޭވެސް ބަޔަކު ވަދެގެން އުޅޭހެން ހީވެގެން މަ ގޮސް ވަތް އިރު ނެތް އެކަކުވެސް. މަގޭ ހިތަށް މި އަރަނީ ކިހިނެއް ބާއޭ އެ ތަނަށް ބަޔަކު ވަންނަންޔާ އެ ވަންނަނީ..." އުޒައިރު ބުނެލިއެވެ. "ދެން އެ ތަނުގަ ބިދޭސީއަކު ބަހައްޓަން ހިނގާބަލަ ދަންވަރަށް!". ޝިރާނީ ހިޔާލު ދިނެވެ. "ހްމްމްމްމް... މާދަމާ ތި ކަމާ އުޅޭނަން."

"ދަރިފުޅާ..... ދަރިފުޅާ އާނިސް.." އުޒައިރު ގޮވާލިއެވެ.

"އޭ ފައޫ... މަޑުކޮށްލައްޗެ.. ބައްޕަ އެބަ ގޮވާކަންނެ.. މަ އެބަ އަންނަން ބޭރަށް ނުކުމެލާފަ." އަތުގައި އޮތް ފޯނު އެނދުމަތީގައި ބާއްވާފައި އާނިސް ކޮޓަރިން ބޭރަށް ނުތެވެ.

"ކީކޭ ބައްޕާ؟" އާނިސް ކޮޓަރީގެ ދޮރުން ބޭރަށް ބޯ ދިއްކޮށްލާފައި އަހާލިއެވެ. "އާސްބަލަ މި ކޮޅަށް ދަރިފުޅާ.." އުޒައިރު އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

"މި ކާޑުތަކުގަ ހުންނާނެ މިދިޔަ ހަފްތާގެ ސީސީޓީވީ ކެމެރާގެ ފޫޓޭޖްތައް. ދަރިފުޅު ލެޕުން މީތި ބަލާ ދީބަލަ." އުޒައިރު ބުނި ވާހަކައިން އާނިސް ހިތުގައި ސުވާލުތަކެއް އުފެދުނެވެ. "ކީއްވީ ބައްޕާ؟ ފިހާރައިން އެއްޗެއް ގެއްލުނީތަ؟" އާނިސް ސުވާލު ކޮށްލިއެވެ. "އާނ ދަރިފުޅާ.... މި އުޅެނީ ގުދަނުން އެއްޗެހި ގެއްލޭތީ.. ގުދަނުގެ ފުޓޭޖާ ދޮރު މަތީގަ ބެހެއްޓިފަ ހުރި ކެމެރާގެ ފުޓޭޖު އޮންނާނެ ތީގަ... މިރޭ ދެން ދަރިފުޅު ދޭ ނިދަން. މާދަމާ ސުކޫލުން އައިސް ވަގުތެއް ހޯދައިގެން ބަލާލާ.." އުޒައިރު މިހެން ބުނުމުން އާނިސް ބޯ ޖަހާލާފައި ދިއައީ ކޮޓަރިއަށެވެ.

ގަޑިން ބާރަގަޑި ބައިވީއިރު ފަތީން އޮތީ އޭނާގެ ލެޕްޓޮޕުން އިނގިރޭސި ސީރީޒެއް ކަމަށްވާ 'ރިވަޑޭލް' ބަލާށެވެ. ބޭބެގެ މަރަށްފަހު އޭނާއަށް ލެޕްޓޮޕުގައި އަތް ލެވުނު މިއީ ފުރަތަމަ ފަހަރެވެ. ކުއްލިއަކަށް އޭނާގެ ފޯނު އެލާމްވާން ފެށިއެވެ. ސީރިޒް ބަލަން އޮއްވައި ނިދިދާނެތީ އޭނާ އޮތީ އޭނާގެ ފޯނު ބާރަގަޑި ބަޔަށް އެލާމް ކޮށްގެންނެވެ. ވައިބްރޭޓު ވަމުންދިޔަ ފޯނުގެ އެލާމް ކަނޑާލުމަށްފަހު ފަތީން ލެޕްޓޮޕް ވެސް ނިއްވާލާފައި އެނދުމަތިން ތެދުވިއެވެ. ގޭތެރެއިން އެއްވެސް މީހެއްގެ އަޑެއް ނީވެއެވެ. މި ގަޑީގައި ދޮރުހުޅުވައިގެން ބޭރަށް ދާން އުޅެފިނަމަ ގޭތެރެއިން މީހަކަށް އަޑު އިވިދާނެކަން ފަތީންއަށް އެނގެއެވެ. ފަތީން ވިސްނާލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރު ހުޅުވާލުމަށް ފަހު މަގުމައްޗަށް ނުކުތެވެ.

މަގުމަތި ވަރަށް އަމާނެވެ. އެއްވެސް މީހަކު ފެންނާކަށްވެސް ނެތެވެ. ފަތީން ބްރިޖާ ދިމާއަށް ހިނގައިގަތެވެ. އެކެއް ޖެހި އިރު ފަތީން ހުރީ ބުރިޖު މަތީގައެވެ. އޭނާ ފެނޭތޯ ގަސްބޯ އެ މާހައުލުގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލުމަށްފަހު ފަތީން އެނބުރުނު ވަގުތު ފަތީން ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު، ގާތްގަނޑަކަށް ދެބައި އުމުރަށް ދާވަރުގެ ބާމަތިފުޅާ އާދައިގެ ފަލަމިނެއްގައި ހުރި މީހެކެވެ. އޭނާގެ މޫނުމަތި ފޮރުވިފައިވަނީ ބޮލަށް ވައްދާފައި ހުރި ކަޅުކުލައިގެ ފޮތިގަނޑުންނެވެ. ނަމަވެސް އެ ފޮތިގަނޑުގައި އޭނާގެ ލޮލާދިމާއިން ލޯވަޅު ކެނޑިފައި ހުއްޓެވެ. ބުރިޖުގައި ދިއްލާފައި ހުރި ބައްތީގެ މަޑު އަލިން ފަތީންއަށް އޭނާގެ ދެ ލޯ ރަނގަޅަށް ފެނެއެވެ. އޭނާ ހުރީ ފަތީންއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެއީ ފިރިހެނެއްކަން ދޭހަ ކޮށްދެނީ އޭނާ ލައިގެންހުރި ކަޅުކުލައިގެ ގަމީހާއި ފަޓުލޫނުންނެވެ. އޭނާގެ ދެ އަތްތިލަ ވެސް ވަނީ ފޮރުވިފައެވެ. "ކާކު؟" ތެޅިތެޅި އޮތް މެއަކާ އެކު ފަތީން ވާހަކަ ދެއްކިއެވެ.

"ހަމަ ނޭނގިގެންތަ ތި އެހީ؟" އޭނާ ވާހަކަ ދެއްކީ ވަރަށް ބަރު އަޑަކުންނެވެ. އެއީ ގުދުރަތުން ލިބިފައި ހުރި އަޑުނޫންކަން ދޭހަވާވަރަށް އޭނާގެ އަޑު އައިބެވެ. "އާނ.. ކަލޭ މޫނުމަތީގަ ތި އޮތީ މާސްކެއް އަޅާފަ. ދެން ކިހިނެއް ތީ ކާކުކަން އެނގޭނީ.." ފަތީން ކުޑަކޮށް ބިރުގަންނަން ފެށިއެވެ.

"މަމީ ކާކުކަން ނުބަލާ ވެސް ކަލޭ ތި ކުރަން އައި ކަންތައް ކޮށްލައިގެން ކަލެއަށް ދެވިދާނެ ދޯ؟" އެ މީހާ ފަތީންއާ ގާތްވާންފެށިއެވެ.

ފަތީން: "ހްމްމްމް.. ކަލޭ ތި ދޭން ބުނި އެތި ދީބަލަ. މަށައް ވަގުތެއްނެތް."

އޭނާ: "ހާދަ އަވަހަށް ދާން ތި އުޅެނީ. މަ ކުރިން ވެސް ބުނިންދޯ މި ޒަމާނުގަ މީހަކު އެދުމެއްނެތި ވެދުމެއް ނުކުރާނެއޭ.."

ފަތީން: "ހްމްމްމް.. ކަލޭ ބުނާ ކަމެއް ވެސް މަ ކޮށްދީފާނަމޭ.. އަދިވެސް ތި ދޭން އުޅޭ އެއްޗެއް ނުދެވެއެންނު!"

އެ ވަގުތު އޭނާ އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އެ ފޯނު އޭނާ ފަތީންއާ ދިމާއަށް ދިއްކޮށްލީ ވީޑިއޯއެއް އަޅުވާފައެވެ. ފަތީން އެ ވީޑިއޯއަށް ބަލައިލިއެވެ. އެ ވީޑިއޯއިން ދައްކުވައިދެނީ ދެ ކުއްޖަކު ކޮންޕިއުޓަރުތަކެއްގައި ދަގަނޑު ގަނޑަކުން ތަޅަމުން ގެންދާ މަންޒަރެވެ. ހަމަ އެ ވަގުތު ފަތީންއަށް އެއީ އޭނާއާއި އޭނާގެ އެކުވެރި ޖިޔާދުކަން އެނގުނެވެ. އެއީ މީގެ ދެ ހަފްތާ ކުރިން ފަތީންއާއި ޖިޔާދު ސުކޫލުގެ ސުޕަވައިޒާރސް ރޫމުގައި ހުރި ހަތް ކޮންޕިއުޓަރު ދަގަނޑުގަނޑަކުން ތަޅާ ހަލާކު ކޮށްލާ މަންޒަރުކަން ފަތީންއަށް އެނގެއެވެ. އެ ވީޑިއޯ ނެގިފައިވަނީ ސުކޫލުން ބޭރާވީ ފަޅީގައި ހުރި ކިޑިކީ ދޮރާ ދިމާއިންނެވެ. އެތަން ކޮންމެވެސް ވަރަކަށް އަނދިރި ކަމުގައިވިއަސް އެ ވީޑިއޯއިން ފެންނަނީ ފާތީންއާއި ޖިޔާދުކަން ވަރަށް ސާފުކޮށް އެނގެއެވެ. ނަމަވެސް އެއީ ކޮންބައެއްކަން ފަތީންއަށް އެނގޭކަން އެ މީހާއަށް އަންގަން ފަތީން ބޭނުމެއް ނުވިއެވެ.

ފަތީން: "ތީ ކޮން ވީޑިއޯއެއްތަ؟"

އޭނާ: "ހަހަހަ.. ކަލޭއަށް މީ ކޮން ވީޑިއޯއެއްކަން ހަމަ ނޭނގެ؟"

ފަތީން: "އާނ... ނޭނގޭތީދޯ މި އަހަނީ.."

އޭނާ: "ކަލޭ ދެލޯ ކަނީތަ؟ ކީއްވެގެންތަ އަސްލު ސުކޫލުގެ އަގުބޮޑެތި އެއްޗެއްސައް ތިހެން ތިހެދީ؟"

ފަތީން: "އެއީކީ ކަލޭއަކާ ބެހެވޭ ކަމެއް ނޫން.."

ފަތީންގެ ވާހަކަ ފަތީންއަށް ދިފާއު ކުރެވޭކަށް ނެތެވެ. އޭނަގެ ވާހަކަ ދެއްކުންތެރިކަން ހުރީ ފަތީންއަށް ވުރެން މާ ކުރީގައެވެ.

އޭނާ: "ހައްހައްހައް... ކަލޭ ދެންމެ ބުނީ މީ ކޮން ވީޑިއޯއެއްކަން ކަލެއަކަށް ނޭނގެއޭ.. މިހާރު ތި ކިޔަނީ ކީކޭ؟"

ފަތީން: "ހެވޭ ދެން.. ތީތި ދައްކަންތަ މަ ތި ގެނައީ މި ތަނަށް؟ ކޮބާ މަ ބޭބެގެ ތަހުގީގަށް އެހީވާން ކަލޭ ތިޔަ ދޭން އުޅޭ އެތި. އެއެއްވެސް ނެތްދޯ؟؟ މުޅިން ދޮގޭ މި މީހާގަނޑު ހަދަނީ.."

އޭނާ: "އެވެސް ލިބޭނެ އަދި.. ކަލޭ ޖެހޭނީ ކުޑަ މަސައްކަތެއް ކޮށްލަން.."

ފަތީން: "ތިޔައެއްޗެއް ކަލޭ ނުދިނަސް މަށަށް ދެން ހެޔޮ. ކަލޭ ތިޔައެއްޗެއް ނުދިނަސް ޕޮލިހުން ބޭބެގެ ގާތިލު އަދި ހޯދާނެ އިރާދަ ކުރެއްވިއްޔާ.."

ފަތީން މިހެން ބުނުމަށްފަހު އެ މީހާއަށް ފުރަގަސްދީ ހިނގައިގަތުނެވެ.

އޭނާ: "އޭ އަދި މަޑޫކޮށްބަލަ.. ދެން މި ވީޑިއޯއަށް ކިހިނެއް ހަދަނީ؟ މަ މީތި އެފްބީއަށް ލާންތަ؟"

އޭނާ މިހެން ބުނުމާއެކު ފަތީން ވަގުތުން ހުއްޓުނެވެ. އެ ވީޑިއޯ އެއްވެސް މީހަކަށް ފެންނާކަށް ފަތީން ބޭނުމެއް ނޫނެވެ.

އޭނާ: "އޭރުން ވަރަށް ސަޅި ވާނެއެއްނު. ފަހަރެއްގަ ކަލޭ ސުކޫލުން ވެސް ވަކިކޮށްފާނެ. އަދި ކަލޭ މަންމައާއި ބައްޕައާ ވަރަށް ރުޅި އަންނާނެ ދޯ؟"

ފަތީން ފަސްއެބުރި އޭނާއާ ދިމާއަށް ބަލައިލިއެވެ.

ފަތީން: "ކަލޭ ތި ވީޑިއޯ ލީކް ނުކޮށްލާނީ ކިހިނެއް ހެދިއްޔާ؟"

އޭނާ: "ހެހެހެ.. ކަލޭ ޖެހޭނީ ކުޑަކުޑަ މަސައްކަތެއް ކޮއްލަން.. ކަލޭ ބައްޕަގެ ކޭޝްކާޑާއި ފިހާރައިގެ ރެޖިސްޓްރީ ގެނެސްދީ. އޭރުން މަ މީތި ޑިލިޓް ކޮށްލާނަން.."

ފަތީން: "މަގޭ އަކަށް ނޭނގެ ބައްޕަގެ ކާޑު އޮންނަ ތަނެއް. އަދި އެ ފޯމު ވީތަނެއްވެސް"

އޭނާ: "އެހެންވީމަ މަ މީތި ލީކް ކޮށްލަންވީދޯ؟ މައްސަލައެއްނެތް."

ފަތީން: "ނޫން. މަޑުކުރޭ.. އަހަރެން ހޯދަފާނަން"

އޭނާ: "ހެހެ.. ކޮބާ.. މާ އުނދަގޫ ކަމެއް ނޫނެއްނު.. މަ ކަލޭޔަށް ދޭނަން ތިން ދުވަސް. ތިން ދުވަސްތެރޭ ފައިސާ ރައްދު ނުކޮށްދީފިއްޔާ އަހަރެން މި ވީޑިއޯ އާންމު ކޮށްލާނަން."

އޭނާ މިހެން ބުނެފައި ރަށުގެ އަނެއްފަރާތުގެ ގަސްގަނޑާ ދިމާއަށް ހިނގައިގަތެވެ.

ފަތީންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާގެ ބޮލަށް އުނދަގޫވިއެވެ. ބައްޕަގެ ކާޑުގެ ނަންބަރު ހޯދާނީ ކިހިނެއްބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ކޮންމެ ގޮތެއްވިއަސް އެ ވީޑިއޯ އާންމު ކޮށްލުމުގެ ފުރުސަތު އެ މީހާއަށް ދެވޭކަށް ނެތެވެ. އޭތި ލީކު ވެއްޖެޔާމު ފަތީންއަށް ސުކޫލުން ވަކިވާން ވެސް ޖެހިދާނެއެވެ. ނޫނީ ބޮޑު ޖޫރިމަނާއެއް ވެސް އައިސްފާނެއެވެ. ނުވަތަ ސަސްޕެންޑް ވެސް ކޮށްފާނެއެވެ. އެ ގޮތަށް ކަންތައް ވެއްޖެނަމަ ފަތީންގެ މުޅި މުސްތަގްބަލަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތި ވާނެއެވެ.

- 9 ވަނަ އެޕިސޯޑު ނިމުނީ -

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.
03 May 2024
ޚަބަރު
ބޮޑު ދެ އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށް އެމްޑީޕީން ދިރާސާއެއް ކުރަނީ
އެޕާޓީން ބުނީ، އެގޮތަށް ނިންމާފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެ ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ބުދަ ދުވަހުގެ ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުުުމުގައި ކަމަށެވެ. ޤައުމީ މަޖިލީހުގެ އެބައްދަލުވުުމުގައި، އެމަޖިލީހުގައި ހިމެނޭ 50 ވުރެ ގިނަ މެމްބަރުން ބައިވެރިވިއެވެ.
02 May 2024
ޚަބަރު
ޤައުމަށް ގެއްލިގެން އެދިޔައީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް: ރައީސް
ޑޮކްޓަރ އާމިނަތު ރަމްޝާގެ ވަކިވެދިޔުމާއި އެކު ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އަދި އެއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމާއި، ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
02 May 2024
ޚަބަރު
ވަޢުދު ނުފުއްދޭކަން ފާހަގަވެގެން ފެނާއި ކަރަންޓް ބިލްތަކަށް އަލުން ލުއިދޭން ރައީސް އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައި މިވަނީ، ކަރަންޓާއި ފެންބިލްތައް ބޮޑުވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން ފުރިހަމަ ނުކުރެއްވޭ ކަމުގައި ނޫސްވެރިން ފާހަގަކުރުމުން އާދީއްތަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ސަރުކާރުން އެކަން ދިފާޢުވެސް ކުރިއެވެ.