Advertisement

02 Aug 2024
ނާކާ

ނާކާ | އެޕިސޯޑު - 26 (ފަހު އެޕިސޯޑު)

ފަޒީން މަރުވުމާ ގުޅިގެން މަތިމައްޗަށް ކުރިމަތިވަމުން މި އައި ހައިޖާނުތަކުގެ އަޑިގައި ފޮރުވިފައިވާ ސިއްރުތައް ހާމަވާން ފެށީ އެ ޒުވާނާ އަތުކުރެވުމުންނެވެ. އެ ޒުވާނާ އާނިސްގެ ކިބައިން ސަލާމަތްވެގެން ދާކަށް ވެސް މަސައްކަތެއް ނުކުރެއެވެ. ބަދަލުގައި އެ މީހުންގެ ކިބައިން އެ ޒުވާނާ އެހީތެރިކަން ބޭނުންވާ ކަހަލައެވެ.

ފަތީންއަށް އެ ތަނަށް އާދެވުނު އިރު ޖިޔާދުއާއި އާނިސް އެ ޒުވަނަގެ ދެ ފަރާތުގައި ގޮނޑުދޮށުގައި އިށީދެލައިގެން ތިއްބެވެ. އެ މީހުންގެ ކުރިމައްޗަށް ދެވުނު ވަގުތު ފަތީން ހައިރާންވިއެވެ. ޖިޔާދާއި އާނިސްގެ ކުރިމަތީގައި އެ އިން ޒުވާނާ ފަތީނާ އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެއް ތަންގަނޑެކެވެ.

[ކިހިނެއް ވެގެން މި އުޅެނީ؟] ފަތީން ސުވާލު ކުރީ އެ ޒުވާނާއެވެ. ފަސްޖެހުމެއް ނެތި އެ ޒުވާނާ ވާހަކަފެށިއެވެ. [އަހަންނަށް އެނގޭ މި ވާހަކަތައް ކިޔައިދީގެން ކައެމެންގެ ތެރޭގަ މާ ޕޮޕިއުލާ މީހަކަށް އަހަރެން ނުވާނެކަން. އެކަމަކު ކަންތައް މިހާރު ގޮއްސަ ހުރި ހިސާބުން އަހަރެން އިތުރަށް މި ކަންތައް ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމީ ޝިމާ ސަލާމަތް ކުރަން. އެހެންވީމަ އަހަންނަށް ގަބޫލުކުރެވޭ ކައެމެނަށް މި ވާހަކަތައް ކިޔައިދީގެން ކައެމެން އަހަރެން އެކްސެޕްޓު ނުކުރިއަސް، ތި އެންމެންގެ ވެސް މިއުޗިއަލް އިންޓަރެސްޓެއްކަން ޝިމާގެ ސޭފްޓީއަކީ. ތި އެންމެނާ ޝިމާއާ އޮންނަ ގުޅުން އަހަންނަށް އެނގޭ. އަދި ވީ 4 ވިލް މޭކް އަ ވެރީ ގުޑް ޓީމް ޝިމާ ސަލާމަތް ކުރަން.]

އޭނާގެ ވާހަކަތައް އަޑު އިވިފަ ފަތީން އިތުރަށް ޝައުގުވެރިވިއެވެ. އަދި އެ ކުދިންގެ ކުރިމަތީގައި ފަތީން އިށީނެވެ. ހިތުގައި އުތުރެމުން ދިޔަ ނަފުރަތު އެ ގޮތަށް އޮއްވައި ވެގެން އުޅޭ ގޮތެއް ބެލުމުގެ ޝައުޤުގައި ފަތީން ހަމަޖެހިލިއެވެ. އޭނާ ދެން ފެށީ މީގެ 20 އަހަރު ކުރީގެ ވާހަކައެކެވެ.

ފަތީންގެ ބައްޕަ އިބްރާހިމްއާއި، ޝިމާގެ ބައްޕަ ނަސީރާއި އަދި ޔޫސުފަކީ ކުޑައިރުއްސުރެ އެކުވެރިންނެވެ. އުމުރުން 14 އަހަރުން ފެށިގެން އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން އެ ތިން އެކުވެރިން އެއްކުރި ފައިސާ އަކީ ކާމިޔާބު ވިޔަފާރިއެއް ހުޅުވުމަށް އެއްކުރި ފައިސާއެވެ. އަދި ތަޤުދީރު އެކަމަށް ތަންވެސް ދިނެވެ. އެ ތިން އެކުވެރިން ބޭނުންވި ވަރުގެ ބޮޑު ވިޔަފާރިއެއް މަސައްކަތް ފެށުނުތާ 3 އަހަރުތެރޭގައި އެ އެކުވެރިންނަށް ބިނާކުރެވުނެވެ. ނަމަވެސް ކަންކަން ބޮއްސުންލާން ފެށީ ޔޫސުފް، ފަތީންގެ މަންމަ ފާތިމަތުއާ ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ.

އިބްރާހިމް އަކީ އެއް އިރެއްގައި ވެސް ގޮތްދޫކުރާ ކަހަލަ މިޒާޖެއް ހުރި މީހެއް ނޫނެވެ. އިބްރާހިމް ބޭނުންވީ ފާތިމަތުއާ ކައިވެނި ކުރާށެވެ. އެތައް ގޮތަކުން ފާތިމަތު ހާސިލުކުރުމަށް އިބްރާހިމް މަސައްކަތް ކުރިއެވެ. ނަމަވެސް އިބްރާހިމްއާ ކައިވެނި ކުރާކަށް ފާތިމަތުއެއް ބޭނުމެއް ނުވެއެވެ. އެންމެ ފަހުން އިބްރާހިމް އޭނާގެ އެދުން ފުއްދީ ފާތިމަތުގެ އާއިލާއަށް ފައިސާ ދީގެންނެވެ. މި މައްސަލައިގައި ޔޫސުފާއި އިބްރާހިމް ތަޅާފޮޅުމަކަށް ދިޔައެވެ.

ދެން ހުރީ ނަސީރުއެވެ. ޔޫސުފްއަށް މި ވިޔަފާރީގައި އޭނާގެ މަގާމު ރައްކާކުރުމަށް ވާންވީ މިންވަރަށް ހުށިޔާރެއް ނުވެވުނެވެ. މައްސަލަގަނޑު ނިމުނީ ޔޫސުފް ވިޔަފާރިން ބޭރުކޮށްލުމަށް، މި ވިޔަފާރީގައި ހިއްސާވާ އެހެން މެންބަރުން ނިންމި ހިސާބުންނެވެ. އިބްރާހިމްގެ މޮޅެތި ވާހަކަތަކުން ނަސީރުގެ ބޯކާލީއެވެ. ވިޔަފާރީގެ 55 އިންސައްތަ ދޭން އެއްބަސްވެ އިބްރާހިމްގެ ކޮންމެ ނިންމުމަކަށް ކިޔަމަންވާ މިންވަރަށް ނަސީރު ހުރި ދަށުކޮށްލާފައެވެ. އެ ހިސާބުން ކަންކަން ނިމުނީކީ ނޫނެވެ. އެތައް ދޮގު ތުހުމަތެއްގައި ލޯޔަރެއްގެ ބޭނުންކޮސްގެން އެ މީހުން ޔޫސުފް އަރުވާލީއެވެ.

މިހާރު ހިނގަމުން މިދާ ހުރިހާ ކަމެއްގެ ފެށުމަކީ މި ކަންތައްތަކެވެ. މި ކަންކަމުގެ އަޑީގައި ހުރި މޭސްތިރިއަކީ ޔޫސުފްއެވެ. އަދި އިބްރާހިމާއި ނަސީރުގެ އާއިލާގެ ދިރިއުޅުން ޖަހަންނަމައަކަށް ހަދާލުމަށް ފަހު މެނުވީ ޔޫސުފް ދުލެއް ނުކުރާނެއެވެ.

[އެހެންވީމަ އަހަރެންގެ ބޭބެ މަރާލީ ޔޫސުފް ދޯ؟] ވާހަކައިގެ އެ ހިސާބުން ފަތީން ސުވާލު އުފެއްދިއެވެ.

[އެހާ ހިސާބަށް އަދި އަހަރެން ދާނަން. މަޑުކުރޭ؟] އެ ޒުވާނަ އިސްދަށަށް ޖަހާލިއެވެ.

[ދެން... ދެން ކާކު ތިއްތި މަރާލާނީ؟ ކައެ ތި ދެއްކި ވާހަކައިންވެސް އެބަ އެނގޭ އޭނަކަން އަހަރެމެންގެ ދުޝްމަނަކީ. ދެން ހުރީ ނަޒީހު. އޭނަ އެ ބުނަނީ އޭނަ މަރައެއް ނުލަމޭ. ދެން ނުހުންނާނެ ތިއްތި މަރާލާވެ ވަރުގެ އިތުރު މީހަކު. މިއީ ހުސް ރޭވުން. ކަލޭ ތި އުޅެނީ އެ ޔޫސުފް ފޮނުވާގެން މިތާ އެހެން ޑްރާމައެއް ކުޅެއް. ރަނގަޅަށް ބުނޭ..] ފަތީން ރުޅިއައިސްގެން އެ ޒުވާނާއަށް ހަމަލާދިނެވެ. ފަތީން ހުއްޓުވީ ޖިޔާދުއާއި އާނިސްއެވެ.

[ކަލެއަށް ކިޔަނީ ކޮން ނަމެއް. ކަލޭ ކިއްވެ މަށާ ވައްތަރީ. ކަލެއަށް ލާހިކެއް ނޫން މި ތަނުން މި ރޭ ދާކަށް މި ވެގެން އުޅޭ ގޮތެއް ކިޔާ ނުދީ. ކިހާ ތެޅުވުމެއް ތަޅުވައިފިން. ކިހާ އަނިޔާއެއް ދީފިން. ނުވިތާކަށް މަގޭ އެންމެ ގާތް އެކުވެރިޔާ ގަޔަށް މަ ލައްވަ އަރުވާފައޭ އެ ޔޫސުފް އެހެރީ. ކޮބާތަ އަހަރެމެންގެ ކުށަކީ. ވީ ކަމެއް ވެފަ އެ އޮތީ އަހަރެމެން އުފަން ވެސް ނުވަނީސް. ދެން އައިސް އަހަރެން ނޮޅާލަން ދިމާކުރާ އިރު ކޮބާތަ މި ބުރާންތީގެ ހަމަ ބުއްދި؟] ފަތީން ރުޅިއައިސް އިނދެ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް އޭނާގެ ރުޅި ދާން ފެށިއެވެ.

[އަހަރެން ގަބޫލު ކުރަން ފަތީން ވަރަށް ރުޅި އަންނާނެކަން. ފަތީންގެ މަގާމުގަ އަހަރެން ހުރި ނަމަ ތި ނަފުރަތު އަހަރެންގެ ނަފްސަށް އަހަރެން ވެސް ކުރީން. އެކަމަކު އަހަންނާ ދޭތެރޭގަ ވެސް ކަންތައް ވެފަ ހުރީކީ މާ ސްމޫތްކޮނެއް ނޫނޭ. ކުޑަ ކުއްޖެއްގެ ހައިސިއްޔަތުން ތަހައްމަލް ކުރަން ނުޖެހޭ އެތައް ކަމެއް ހުދު އަހަރެން ވެސް ތަހައްމަލް ކުރީމޭ. އެއީ ފަތީންގެ ބައްޕަގެ އަނިޔާ ވެރިކަމުން. އަހަންނަށް ވިސްނޭނީ އަހަންނަށް ލަވާދޭ އެއްޗެއް. އެއީ ކޮންމެ ކުޑަކުއްޖަކަށް ވެސް ވާނެ ގޮތް. އަހަރެން ބަލާ ބޮޑުކުރީ ޔޫސުފް. އަހަރެންގެ ހިތުގަ ތި އެންމެނާ ދޭތެރޭ ނަފުރަތު އުފެއްދުވީ ވެސް ހަމަ ޔޫސުފް. މި ކަމުގެ ތެރެއަށް އަހަރެން ވަނީ އަހަރެންގެ ޅަ އުމުރުގަ އަހަރެންގެ ކިބައިން ނިގުޅައިގަނެވުނު ކަންކަމަށް އިންސާފު ހޯދަން. އެކަމަކު ޔޫސުފްގެ ގޭމް މާ ޑާޓީ. އަހަންނަށް މިހާރު ވިސްނޭ ފަތީންއާ، ޝިމާއާ، ފައުޒާ އަދި ފަޒީން ސަފާވާން ނުޖެހޭކަން. ޔޫސުފްގެ ޕްލޭންސް އެބަހުރި ކުރިއަށް އޮތްތާ ސަހާ ވެސް ފުނޑާލަން. ވެ ދިޔަތަން އަހަންނަކަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު ވާން އޮތް ކަންތައް ބަދަލު ކުރަން އަހަންނަކަށް އެހީއެއް ނުވާނަންތަ؟] އެ ޒުވާނާ ސުވާލުކުރީ ކުރިމަތީގައި ތިބި ތިން ކުދިންގެ ކައިރިންނެވެ.

[ސާފެއް ނުވެ ކަލޭ ތި ކިޔާ އެއްޗެއް. ޑައިލޮގު ތަކެއްހެން ނުކިޔާ ސާފު ބަހުން ވާހަކަދައްކަބެ. ބައްޔެއްނު.؟] ފަތީން ބަވަމުން ދިޔައެވެ. [ކަލެއަށް ކިޔާ ނަމެއް ވެސް ގައިމު އޮންނަން ވާނެ އެއްނު...]

[އަހަންނަށް ކިޔަނީ ފައުޒާން.] އެ ޒުވާނާގެ ޖަވާބު ކުރިމަތީގައި ތިބި ތިން ކުދިން ހައިރާން ކޮށްލިއެވެ. [އަހަރެން މިއީ ފަތީންގެ ކޮއްކޮ. ތި ދެމީހުނާ އެކީ މަންމަގެ ބަނޑުގަ އަހަރެން ވެސް އޮތިން. މި ކަންކަމެއް ކިޔައެއް ނުދޭ ދޯ؟]

އެ ވާހަކަތައް އިވިފައި ތިން ކުދިން ތިބީ ބަސްހުއްޓިފައެވެ.

ރާއްޖޭގެ ތާރީޚުގައި އެއްމާބަނޑު ތިން ކުދިން ލިބުނު އަންހެނުން ވަރަށް މަދެވެ. ފާތުމަތަކީ އޭގެން އެކަކެވެ. ފަތީންމެން ދުނިޔެއަށް އުފަންވީ ދުވަހު އިބްރާހިމްގެ ވަރަށް ގާތް ރައްޓެއްސެއްގެ އެކުވެރިއަކު ވެސް ވިހިއެވެ. ނަމަވެސް އެ ކުއްޖާ ވީ މަރެވެ. އެއް މާބަނޑު ތިން ބެއިން ލިބުމަކީ އުފުލަން ޖެހޭނެ ބޮޑު ބުރައެއް ކަމުން އިބްރާހިމް އެ ތަނުން އެއް ކުއްޖަކު އެ އެކުވެރިޔާއަށް ދިނީއެވެ. ފާތުމަތުގެ ހުއްދަ ވެސް ނެތިއެވެ.

ޙަޤީޤަތުގައި އެއި ވެސް ރޭވުމެކެވެ. އެ ދެ މީހުން ވިހަން އެ ރަށަށް ފޮނުވުމާ ކުއްޖާ މަރުވީކަމުގައި ބުނެ ދޮގު ހަދައިގެން އިބްރާހިމްގެ ދަރިއަކު ހޯދުމަކީ ޔޫސުފްގެ ރޭވުމެކެވެ. އެ ރޭވުން ކަމިޔާބު ކުރުމަށް އިތުރަށް ފަސޭހަވީ ފާތުމަތަށް 3 ކުދިން ލިބުނީމައެވެ. 2 ކުދިން ލިބުނު ނަމަވެސް އެކަން ވާނީ ނާކާމިޔާބެވެ.

އެ ދުވަހުން ފެށިގެން ފައުޒާން ބަލާ ބޮޑުކުރީ ޔޫސުފްއެވެ. އަދި އެކި ފަހަރު މަތިން އިބްރަހިމްގެ އަނިޔާވެރިކަން ކިޔައިދީ ފައުޒަންގެ ހިތުގައި އެ އައިލާތަކުގެ މައްޗަށް ނަފުރަތު އުފެއްދުވިއެވެ.

[އައިމް ސޮރީ. ކޮއްކޮ ތި ހިންގި ޖަރީމާއަށް އަހަންނަށް މާފެއް ނުކުރެވޭނެ ކަންނޭގެ. އެކަމަކު އަހަރެންގެ ކޮއްކޮއެއް ހުންނަކަން އެނގުން ހިތަށް ފިނިކަމެއް ލިބިއްޖެ. ތިއްތި ރިޕްލޭސް ކުރެވޭ ކަހަލަ ފީލިންގްއެއް އަންނަނީ. އެކަމަކު ދެން ނޭނގެ. ފައުޒާން ދެކެ އަހަންނަކަށް ރުޅިއެއް ނާދެވެ.] ފަތީން ދެރަވެ ފެންކަޅިވިއެވެ. މަޑުމަޑުން އެންމެންގެ ހިތް ފައުޒާންގެ މައްޗަށް ސާފުވާން ފެށިއެވެ. [ދެން ބުނެބަލަ. ކާކު އަހަރެމެންގެ ބޭބެ މަރާލީ؟]

ފަޒީން މަރުވިރޭ 11 ޖެހި އިރު ފަޒީން އޮތީ އާނިސްމެންގެ ފިހާރަ ކައިރިއަށް ވެއްޓިފައެވެ. އޭނާއަށް ތެދުވެވޭ ވަރުވީ ނަޒީހުމެން ތަޅާފައި ދިޔަތާ ބައިގަޑީރެއްހާ އިރު ފަހުންނެވެ. އެ ވަރުން ވެސް ގެއަށް ދިއުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުނެވެ. އެއަށްވުރެ ބޮޑަށް ފަޒީން ހުރީ އިބްރާހިމް ދެކެ ރުޅިއައިސްފައެވެ.

ފަޒީން ދިޔައީ ތުނޑިމައްޗަށެވެ. އިބްރާހިމް ދެކެ ރުޅިއައިސްފައި ހުއްޓައި ފަޒީންއަށް ފެނުނީ އިބްރާހިމަށް އިންޒާރުދީ ބިރުދައްކަން ރަނގަޅު މަންޒަރެކެވެ. ފަޒީންއަށް ގޮސް ހުއްޓެވުނީ އިބްރާހިމާއި ޝިރާނީ ގަހެއްގެ ކައިރީގައި ލޯބިކުރަން ތިއްބައި އެތާ ކައިރިއަށެވެ. އެ މީހުން ކުރި ހުރިހާ ކަމެއް ފަޒީން ފޯނުން ރިކޯށު ކުރިއެވެ. އަދި ޝިރާނީ ފޮނުވާލުމުން ގޮސް އިބްރާހިމްގެ ކުރިމައްޗަށް އަރައި މަންމަ ކައިރީގައި ބުނާނެ ކަމަށް ބުނެ އިބްރާހިމަށް ބިރުދެއްކިއެވެ.

ރުޅިއަންނަ ހިނދު އަތް އިސްކުރުމަކީ އިބްރަހިމަށް ދާދި ފަސޭހަ ކަމެކެވެ. ހަމަ ބުއްދީގެ މައްޗަށް ރުޅިއަރައި އިބްރާހިމް ފަޒީންއަށް އިންތިހާއަށް އަނިޔާކުރިއެވެ. ނަޒީހުމެން އަނިޔާ ކުރުމުގެ ސަބަބުން ފަޒީން ހުރީ އަމިއްލަ ނަފްސު ދިފާއުކުރަން އެއްވެސް ކަމެއް ނުކުރެވޭހާ ބަލިކަށިވެފައެވެ. ދެ ފަހަރަކަށް ރުކެއްގައި ބޯ ޖެއްސުމުން ފަޒީން ހޭނެތިގެން ވެއްޓުނެވެ. ހޭ އަރާތޯ އިންރާހިމް ދެ ފަހަރަކަށް ގޮވިއެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ނެތެވެ. އިބްރާހިމް ހީކުރީ ފަޒީން މަރުވީ ކަމަށެވެ. ނޭވާއެއް ވެސް ނުލައެވެ. ދެ ފައިގައި ހިފާ ދަމާފައި ގެންގޮސް އިބްރާހިމް ފަޒީން ރާޅުޖަހާ ހިސާބުގައި ބޭއްވިއެވެ. އަދި މީހަކަށް ފެނުނުތޯ ކަށަވަރުކޮށްލަން ހަތަރެސް ފަރާތް ހޯދާ ބަލާލިއެވެ. އެ ހުރިހާ މަންޒަރެއް ފައުޒާންއާއި ޔޫސުފް ގެންދިޔައީ ރެކޯޑް ކުރަމުންނެވެ. ނަމަވެސް އެ ދެ މީހުނެއް އެކަކަށް ވެސް ނުފެނެއެވެ.

ފަޒީން އިރުކޮޅެއް ފަހުން ހޭ އެރިއެވެ. ފަޒީންގެ ފައި އޮތީ ނުހިނގޭ ވަރަށް އަނިޔާވެފައެވެ. ފަޒީން ގުޅީ ޝިމާއަށެވެ. ޝިމާ ހުރީ ބުރިޖުގެ އަނެއް ފަރާތުގައެވެ. ސަހާ ގޮވައިގެން ޖިޔާދުއާ މީޓްވާން އައިހެވެ. ފަޒީން ގުޅާފައި ވެގެން އުޅޭގޮތް ބުނުމުން ޝިމާ ދުވެފައި އެ ތަނަށް ދިޔައެވެ. ފަޒީން އޮތް ހާލު ފެނިފައި ޝިމާއަށް ރޮވުނެވެ. ޝިމާ ބޭނުންވީ ވަގުތުން ފަޒީން ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. ނަމަވެސް ފަޒީން އެ ގޮތެއް ބޭނުމެއް ނުވިއެވެ. އެހެންކަމުން އެ ދެ ކުދިން މިސްރާބުޖެހީ ބުރިޖުގެ އަނެއް ފަރާތުން ސަހާމެން ތިބި ދިމާއަށް ދެވޭތޯއެވެ. ބްރިޖަށް ހަމަ އެރުމާއެކު ރަށާ ދިމާއަށް ހިނގާފައި އައި ސުފިޔާންގެ ކުރިމައްޗަށް އެ ދެ ކުދިން ޖެހުނެވެ. ފަޒީނަކީ ސުފިޔާންގެ ދުޝްމަނެކެވެ. އެ ނަފުރަތު އުފެދުނީ ސުފިޔާން ވިއްކަން ގެންގުޅުނު ވޭޕްތަކެއް ފޮރުވަން ފައުޒާން އަތަށް ދިނުމުން އެ އެއްޗެހި ފައުޒާން ރައްޓެހިންތަކަކަށް ބަހާލި ހިސާބުންނެވެ. އެ ތަކެއްޗަށް ވާ ފައިސާ ރައްދުކޮށްދެން ބުނުމުން ވެސް ފައުޒާން އެ ކަމެއް ނުކުރިއެވެ. އެހެންކަމުން އެ ތަނުގައި އެ ދެ މީހުންގެ މެދުގައި ތަޅާފޮޅުމެއް ހިނގިއެވެ.

ޝިމާ ހަޅޭ ލެވިއެވެ. ސިފުޔާން ހުއްޓުވަން މަސައްކަތް ކުރިއެވެ. ފަޒީން ގައިގައި އަމިއްލަ ނަފްސު ދިފާއު ކުރާނެ ބާރެއް އެ އިރަކު ނެތެވެ. ސުފިޔާން ހަދާނެ އެއްޗެއް ހަދާފައި ފަޒީމް މޫދަށް އެއްލާލި އިރު ވެސް ފަޒީން މާނޭވާ ލެވިލެވި އޮތީއެވެ.

އިސްކޮޅު ނުކާ ހިސާބަކަށް އެއްލާލުމުން ގައިގެ ވާގި ނެތި ފަޒީން ގެނބެން ފެށިއެވެ. ފަޒީން ނަގަން ޝިމާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ސުފިޔާން އޭނާ ދަމާފައި އެއްގަމަށް ގެންދިޔައެވެ. އެ އިރު ފަޒީން ގެނބެމުން ފެނުން މައްޗަށް އެރޭ ވަގުތު އެހީއަށް އެދި ގޮވާ އަޑު ޝިމާއަށް އިވެއެވެ. [އެއަށް ވުރެ މާ ރަނގަޅު މީހުން ޝިމައްކޮއަށް ވާނެ. އޭނަ މަތިން ހަނދާން ނައްތާލާ..] ގަސްތަކު ތެރެއިން ޝިމާ ދަމަމުން ސުފިޔާން ބުންޔެވެ.

[މިހާރު ވިސްނިއްނިއްޖެ. އެހެންވެ ދޯ ޔޫސުފް ބުނާހާ ގިތެއް ހަދާގެން ޝިމާ އެ އުޅެނީ؟] ވާހަކައިގެ އެ ހިސާބުން ފަތީން ސުވާލު އުފެއްދިއެވެ.

[އާނ.. ޝިމާ ބޭނުމެއް ނުވޭ ސުފިޔާން ހައްޔަރު ކުރާކަށް. އެހެންމެ ޝިމާ އެކަން ސިއްރު ކުރަނީ. އެ ތަނުގަ ސުފިޔާންއާއި ފަޒީން ތެޅި ވީޑިއޯ ވެސް ޔޫސުފް އަތުގަ ހުންނާނެ. ޔޫސުފް ނުބުނާ ގޮތަކަށް ޝިމާ އެންމެ ކަމެއް ކުރިއަސް ޔޫސުފް ސުފިޔާން ބާނުވާލާނެ.] ފައުޒާން އިތުރު ތަފްސީލަށް ދިޔައެވެ.

[އެ ރޭ އަހަރެމެން އައި އިރު ޝިމާ ހުރި ކުރިން ހަމަ ބެހެއްޓި ތަނުގަ. ތިކަހަލަ އެއްވެސް ވާހަކައެއް ވެސް ނުދައްކާ. ޝިމާ ކީއްވެބާ އަހަރެމެންނަށް ސިއްރު ކުރީ؟؟] ޖިޔާދު ބުންޔެވެ.

[ތިއެއް އެނގޭނީ ޝިމާއަށް. އަދިވެސް ޔޫސުފް ޝިމާ ގެންނާނެ. އޭނާ ރޮލާ ކާ ވެސް ލާނެ.] އަސަރުގަދަ ރާގަކަށް ފައުޒާން ވާހަކަ ދެއްކިއެވެ.

ފަޒީން ވަރަށް މަސައްކަތުން އެއްގަމަށް އެރިއެވެ. އެއީ ފަޒީންއަށް ޔޫސުފް ފެނުނު ފަހަރެވެ. ހިނގާ ދިޔަ ހުރިހާ ކަމެއްގެ ނާޖައިސް ފައިދާ ނަގަން ޔޫސުފް މަސައްކަތް ކުރިއެވެ. ފަޒީން ގޮވައިގެން އެކަހެރި ހިސާބަކަށް ދިޔައެވެ. އަދި ފަޒީންގެ ހިތުގައި އިބްރާހިމްގެ މައްޗަށް އުފެދިފައިވާ ނަފުރަތުގެ ހުޅުގަނޑު ބޮޑުކުރަން ޔޫސުފް މަސައްކަތް ކުރިއެވެ. އަދި އިބްރާހިމް އޭނައާ ދޭތެރޭ ކަންތައް ކުރި ގޮތް ކިޔައިދީ އިބްރާހިމްގެ ކިބައިން ބަދަލު ހިފުމަށް އެއްބާރުލުން ދިނުމަށް ޔޫސުފް ފަޒީންގެ ކިބައިން އެދުނެވެ. ނަމަވެސް ފަޒީން އެކަމަށް ހެދީ ދެކޮޅެވެ. އެންމެ ފަހުން މި ހާދިސާތައް އެ މީހުނާ ދެކޮޅަށް ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ ފަޒީން މަރާލުން ކަމަށް ވާތީ ޔޫސުފް ފަޒީން މޫދަށް ގެންގޮސް މަރާލިއެވެ.

ޔޫސުފް ޕޮލިހަށް ގެންދެވުނެވެ. އިބްރާޙިމް ވެސް ހައްޔަރު ކުރެވުނެ. ޝިމާ ސަލާމަތް ކުރެވުނެވެ. އެއީ އެ 4 ކުދިންގެ މަސައްކަތުންނެވެ. ނާކާ ސާފުވީ އެ ހިސާބުންނެވެ. މަޑުމަޑުން އެކަކު އަނެކަކަށް ސިއްރު ކުރަމުން އައި ކަންކަމަށް ޝިމާއާއި ފަތީން މާފުކުރިއެވެ. ކުރީގެ ދިރިއުޅުމަށް އެނބުރި ދިޔައެވެ. ފައުޒާން ޝިމާގެ ލޯބި ހާސިލްކުރިއެވެ. އަދި އެތައް ހުވަފެނަކަށް ފަހު އުފަން މަންމަގެ ގާތުގައި އުޅުމުގެ ނަސީބު ފައުޒާނަށް ލިބުނެވެ.

= ވާހަކަ ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
20 Nov 2024
ޚަބަރު
އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.
20 Nov 2024
ޚަބަރު
12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްލައިފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައެވެ. އަދި ހެނދުނު 11:50ގައި ބިލް މަޖިލީހަށް ބަލައި ގަތުމަށާއި ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނެގި އިރު، މަޖިލީހުގެ ޖަލްސާ ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ފެށީ 12:30ގައެވެ. އަދި މެންދުރުފަހު 1:30ގައި ކޮމިޓީން ބިލް ފާސްކޮށް، ހަވީރު 5:30ގައި މަޖިލީހުގެ ޖަލްސާ ބާއްވައި ބިލް ވަނީ ފާސްކޮށްފައެވެ. އަދި މިރޭ 20:30ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިލްތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައެވެ.
17 Nov 2024
ޚަބަރު
ާދާލަން ކެރިއަރ އެކްސްޕޯ 2024 ގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ބޮޑުތަރުހީބެއް
މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައި ކަމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފު ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
17 Nov 2024
ޚަބަރު
މިއީ އުއްމީދެއް އަމާޒެއް ނެތް ސަރުކާރެއް: ކުރީގެ ރައީސް އިބޫ
އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 1 އަހަރު ފުރުމާއި ދިމާކޮށް، ރާއްޖޭގެ އަމިއްލަ ޓީީވީ ސްޓޭޝަނެއް ކަމުގައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ކަމަށެެވެ.