ނާކާ | އެޕިސޯޑު - 25
އާދުވަހަކަށް އިރު އެއީ ސުކޫލަށް ދިއުމުގެ ތައްޔާރީ ތަކުގައި އާނިސް އުޅެނިކޮށެވެ. މިހާރު ޝިރާނީއަކަށް އާނިސް ހޭލައްވާކަށް ނުޖެހެއެވެ. ޝިރާނީ އެ ކޮޓަރިއަށް ވަނަސް މިހާރު އާނިސް ހުންނަނީ ރުޅިއައިސްފައެވެ.
ދަބަސްގަނޑު ކޮނޑުގައި އަޅުވައިގެން ނުކުމެ ބަދިގެއަށް ވަތްއިރު ޝިރާނީ ހުރީ އާނިސްއަށް ސައިހަދާފައެވެ. އެހެންނަމަވެސް ވަތްގަނޑު ހުޅުވާލާފައި ކިރުދަޅާއި ހަކުރުފުޅި ނަގައިގެން އާނިސް އަމިއްލައަށް ސައި ގިރާލިއެވެ.
ޝިރާނީއަށް ބަދިގެއަށް ވަދެވުނީ އާނިސް އޭނާ އަމިއްލަ އަތުން ގިރި ކިރުތަށި ބޯން އިންދައެވެ.
"މަންމަ މިހިރީ ދަރިފުޅަށޭ ސައި ހަދާފަ! ކީއްވެ އަމިއްލައަށް ތި ގިރީ؟" ޝިރާނީ އަހާލިއެވެ.
އެއްޗެކޭ ބުނުމުގެ ބަދަލުގައި އާނިސް އެއްނޭވާއިން ކިރުތަށި ހުސްކޮށްލާފައި ތެދުވެގެން ބަދިގެއިން ނުކުތެވެ. އެ މަންޒަރު ބަލަން ޝިރާނީ ހުރީ ފެންކަޅިވެފައެވެ. އޭނާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ނުރޮއެ ކެތްކޮށްލެވޭތޯ ދެލޯ މަރާލުމަށްފަހު ދެލޯ ފޮހެލިއެވެ.
އާނިސްގެ ދިރިއުޅުން ބަދަލުވި ގޮތާއިމެދު ޝިރާނީ މިހާރު އަބަދުވެސް ފިކުރު ކުރެއެވެ. ޝިރާނީ ގަބޫލުކުރާގޮތުގައި ވީނުވީއެއް ނޭނގި ކުއްލިއަކަށް އެ ދަރިފުޅު ބަދަލުވީ އޭނާއަށް ކުރެވުނު ކުށެއްގެ ސަބަބުންނެވެ. ނަމަވެސް އޭނާގެ ހިތް ހުއްޓުމެއްނެތި ކުރާ ސުވާލަކީ އާނިސްއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
ފަތީންއަށް ސުކޫލަށް ދެވުނީ ކުޑަކޮށް ގަޑިޖެހިގެންނެވެ. ކިލާހަށް ވަދެގެން ދިޔަ ވަގުތު ފަތީންގެ ކަޅި ޝިމާއަށް ހުއްޓުނެވެ. ޝިމާގެ ސަމާލުކަމެއް ފަތީން އަކަށް ނެތެވެ. އޭނާ އިނީ ހަމްޝާއާއި ވާހަކަ ދައްކާށެވެ. ފަތީން ފެނުމުންވެސް އޭނާ މޫނު އަނބުރާލީއެވެ.
ކަންތައް ވީކީ ފަތީން ހީކުރި ގޮތަކަށް ނޫނެވެ. މިއަދުވެސް އާނިސް ފިލާވަޅެއް ނުހަދައެވެ. ފަތީން އިއްޔެގައި ދިން އެއްވެސް ނަސޭހަތެއް މިހާރު އާނިސްގެ ސިކުނޑީގައި ނެތްފަދައެވެ. އެހެން މުދައްރިސުންގެ ގަޑީގައި ފިލާވަޅު ނުހެދިއެއް ކަމަކު އާނިސް މުދައްރިސުންނަށް އުނދަގުލެއް ނުކުރެއެވެ. އެހެންނަމަވެސް ޝައިހާގެ ގަޑީގައި އާނިސް އޭނާއަށް ވަރަށް އުނދަގޫކުރިއެވެ. އޭނާ ކިޔަވާދޭން ހުއްޓައި ބޯޑަށް ކަރުދާސްވެސް އުކިއެވެ. ހީވަނީ އޭނައާ އަޅައިގަނެގެން އުޅޭހެންނެވެ.
ފަތީން އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެއީ އާނިސް ޝައިހާއަށް ޖެއްސުން ކުރީތީއެއް ނޫނެވެ. އާނިސްގެ ވިޔާނުދާ އުޅުމުގެ ސަބަބުންނެވެ. ނަމަވެސް ފަތީންއަށް އާނިސްއަށް ނަސޭހަތެއް ދިނުމުގެ ފުރުސަތެއް މިއަދަކު ނުލިބުނެވެ. ޝައިހާ ގަޑި ނިންމާފައި ދަމުން ދިޔައީ އާނިސް ސެޝަން ނިމިގެން މަޑުކުރަން އަންގާފައެވެ.
ގަޑިން 12 ޖެހިއިރު ހުރިހާކުދިން ކިލާހުން ނިކުމެއްޖެއެވެ. ކިލާހުގައި ތިބީ އާނިސްއާއި ޝައިހާއެވެ.
"މިސް އަށް ކިޔާދީބަ އާނިސްއަށް ތިވާ ގޮތް. މިސް ބޭނުން އާނިސް ރަނގަޅު ކުއްޖަކަށް ވާން. ތިގޮތަށް އުޅޭކަށް މިސް ބޭނުމެއް ނޫން.." ޝައިހާ އިނީ އާނިސްގެ ކައިރީގައި އިށީނދެގެންނެވެ.
އެކި ގޮތްގޮތުން ތަފާތު އެތައް ވާހަކަ ދައްކައިގެންވެސް އާނިސްގެ އެއްބާރުލުމެއް ޝައިހާގެ މަސައްކަތަކަށް ނުލިބުނެވެ. ގިނައީ ޝައިހާ ދައްކާ ވާހަކައަށް އަޅާނުލާ އާނިސް އިންނަ ފަހަރެވެ.
އެތައް އިރެއްގެ މަސައްކަތުން ޝައިހާއަށް އާނިސްއާ ވާހަކަ ދެއްކުނެވެ. އޭނާގެ ބޮލުތެރޭގައި އެނބުރެމުންދާ އުދާސްތަކުގެ ކުޑަ މިންވަރެއް އޭނާ ޝައިހާއާ ހިއްސާކުރިއެވެ. "ނުބުނެވޭ ކަހަލަ ވާހަކަ ހުންނާނެ.. މަންމަ ދެކެ ހިތްހަމަ ނުޖެހެވުނީމަ އެގޮތަށް އުޅެވުނީ. އެކަމް އެގޮތް މާ ސަޅި. ދެން އުޅޭނީ އެގޮތަށް.."
"ތިހެން ނުބުނޭ.. މަންމަ އަށް ކުރެވުނު އެންމެ ކަމެއްގެ ސަބަބުން އާނިސްގެ މުޅި ސުކޫލް ލައިފް ހަލާކުކޮށްލާކަށް ނުވާނެދޯ؟" ޝައިހާގެ މަސައްކަތް މިސްރާބު ޖަހާފައި ހުރީ ކާމިޔާބުގެ މަންޒިލަކަށް ނޫނެވެ.
"މިހާރު އެއުޅެނީ ބަންގި ގޮވަން. ބަންގި ގޮވަން ވާއިރަށް ހުރިހާ ކުދިން ގެއަށް ފޮނުވަންވެސް ޖެހޭނެ. މިރޭ ފްރީ ގަޑިއަކުން އަންނަން ވީނު މިސްމެން ގެއަށް ތިކަމާ ޓޯކް ކޮށްލަން؟ އޭރުން މިސް ރަނގަޅު ހިޔާލެއް ދޭނަން ތިކަމުގަ. މިސް ބުނީތީވެސް އެއް ފަހަރު މިސް ބުނާ ގޮތް ހަދާލަބަ.."
ޝައިހާ ވާހަކަ ދެއްކީ ވަރަށް އުންމީދާއެކުގައެވެ. ނަސީބު ކަންދިމާކުރިގޮތުން އާނިސް އެކަމަށް އެއްބަސްވިއެވެ. އާނިސް ގެއަށް ދިއައީ އެރޭ 7 ޖަހާއިރު އެގެއަށް ދާން އެއްބަސްވެގެންނެވެ.
ސައިބޮއި ނިމިގެން ފަތީން އިނީ ސޯފާގައި ޓީވީ ބަލާށެވެ. އެއިރު ގޭތެރޭގައި އިބްރާހިމް ކޮންމެސް މަސައްކަތެއްގައި އުޅެއެވެ. ޓީވީ ބަލަން ފަތީން އިން އިރު އޭނާ ހީވަނީ ޖެއްސުމެއް ކުރާހެންނެވެ. އިރުއިރުކޮޅާ ކުރިމަތިން ހުރަސްކުރެއެވެ. އިބްރާހިމް ފެނުނަސް މިހާރު ފަތީންގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ފަތީން ތެދުވެގެން ގޮސް ކޮޓަރިއަސް ވަނެވެ.
"ހަލޯ.." ފަތީން ގުޅީ ޝައިހާއަށެވެ. "މިސް ވެގެން މި ގުޅީ.. ހިނގާބަ މިރޭ މީޓް ވަން.."
"މިރޭ ދަންވަރު އަންނަން ވީއެއްނު؟ މާދަން ހުކުރެއްނު.. އަނެއްކޮޅުން 7 ގަ ޓިއުޝަންވެސް އިނދެއެއްނު.." ޝައިހާ ވާހަކަ ދެއްކިއެވެ.
ދެމީހުން މާފޮޅުވާލަން ވާހަކަ ދައްކަން އޮއްވައި ފަތީންއަށް ނިދުނެވެ.
ގަޑިން ހަތެއް ޖަހާކަށް މާގިނައިރެއް ނެތެވެ. ޝިމާ އުޅުނީ ރީތިވާށެވެ. ސަހާވެސް އަވަދިނެތި ތައްޔާރުވަމުން ދިޔައީ ޓިއުޝަނަށް ދާށެވެ.
ޑުރެސިންގް ޓޭބަލް މަތީގައި ހުރި ސްޕްރޭފުޅި ނަގާ ޝިމާ އޭނާގެ ގަޔަށް ޖަހާލިއެވެ. އެވަގުތު އޭނާ މޭ ނުބައިކުރަން ފެށިއެވެ.
ދުވެފައި ގޮސް ޝިމާ ފާޚާނާއަށް ވަތް ގޮތުން ސަހާވެސް ފަހަތުން އައެވެ.
އެތައް އިރަކު ޝިމާއަށް އޯކާދެމެވުނެވެ. ނަމަވެސް ހޮޑެއް ނުލެވެއެވެ.
"ތިއްތާ ކިހިނެއްވީ؟"
ވީ ގޮތެއް ޝިމާ އަކަށްވެސް ނޭނގެއެވެ. ބޮލަށް އެނބުރުން އަރަން ފެށިގޮތުން ޝިމާ ފާޚާނާ ތެރެއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
"ދެން މިރޭ ޓިއުޝަނަށް ނުގޮސް ތިއްތަ މަޑުކުރޭ ގޭގަ.." ސަހާގެ ކޮނޑުގައި ލެނގިގެންއޮވެ ޝިމާ ގޮސް އެނދުމަތީގައި އޮށޯތެވެ.
ގަޑިން 7 ޖެހިއިރު އާނިސް ހުރީ ޝައިހާ ދިން އެޑްރެހުގައެވެ. ޒަމާނީ ގޮތަކަށް ހަދާފައި ހުރި އެ ރީތި ގޭގެ ދޮރުގައި އާނިސް ޓަކިޖަހާލީ ޖެހިލުންވެ ހުރެއެވެ. މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއިރު މަގުގެ އެއްވެސް ފަރާތަކުން މީހަކު ފެންނާކަށް ނެތެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގޭތެރެއިން ދޮރުގެ ތަޅު ހުޅުވާލިއަޑު އިވުނެވެ. އާނިސް ހުރީ ކުޑަކޮށް ބިރުންނެވެ.
ދޮރު ހުޅުވާލީ ޝައިހާއެވެ. އޭނާ ފެނުމާއެކު އާނިސް އާޝޯހުވިއެވެ. ފޫޅު ކަޝްފު ވާހާ ކުރު ތުނި ފޮތީގެ ޓޮޕް ކޮޅެއް ލައިގެން އޭނާ ހުރިއިރު އޭގެ ކަރު ބޮޑުކަމުން މޭމަތިވެސް އޮތީ ހާމައަށެވެ. ފައިގެ ފަލަމަސްގަނޑު އެއްކޮށް ފެންނަހާ ކުރު ސޯޓުން އޭނާގެ ފައިގެ ޒީނަތްތެރިކަން އާނިސްގެ ހިތާ ކުޅެލިއެވެ.
"ވަދޭ އެތެރެއަށް.." ހިތްހެޔޮ ރާގަކަށް ދިން ދައުވަތުގައި މީގެ ކުރިން ސުކޫލުން ނުފެންނަ ފަދަ މަސްތީ އަސަރެއް ހުއްޓެވެ.
އާނިސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަނޑު ހިނިތުން ވުމެއް މޫނުމަތިން ހަދިޔާ ކޮށްލަމުން އާނިސް ގޮސް ގޭތެރޭގައި މަޑު ކޮށްލިއެވެ.
"އިށީންނަން އާދޭ.." ގޭގެ ދޮރު ތަޅުލާފައި ގޮސް ޝައިހާ އިށީނީ ސޯފާގައެވެ.
އާނިސް ވެސް ގޮސް އޭނާ ގާތުގައި އިށީނެވެ.
ޝައިހާ ދައްކަން ފެށީ ސުކޫލުގެ ވާހަކައެވެ. އާނިސްގެ އުޅުމަށް އަންނަމުންދާ ބަދަލު ތަކުގެ ވާހަކައެވެ. ޝައިހާގެ މޮޅު އުކުޅުތަކުގެ ބާރުގައި އާނިސް އެއްކޮށް ލަންބުވާލިއެވެ. ހިތުގައި ފޮރުވައިގެން އާނިސް ގެންގުޅެމުން އެދާ ހުރިހާ އުދާސްތަކެއް އާނިސްގެ ދުލުން ބޭރުވާންފެށީ އެއްވެސް އިޙުތިޔާރަކާ ނުލައެވެ.
ފަޒީންގެ ވާހަކައިން ފެށިގެން ގޮސް އޭނާގެ މަންމަގެ ވާހަކަވެސް އާނިސް ކިޔައިދިނެވެ. ފައުޒާ އާއި އާނިސްގެ މެދުގައި އޮތް ގުޅުމުގެ ވާހަކަވެސްމެއެވެ.
އެއިން ކޮންމެ ވާހަކަ އެއްވެސް ޝައިހާ އަޑުއެހީ ވަރަށް ގާތުންނެވެ. އެ އިހުސާސްތައް އަމިއްލަ ހިތުން ތަޖުރިބާ ކުރަމުންނެވެ. ވާހަކަ ދައްކާ ނިމުނު އިރު އާނިސް އިނީ މޫނުމަތި މޮޅިވެ އިސްދަށަށް ޖެހިފައެވެ. ޝައިހާ އޭނާގެ ގާތަށް ޖެހި ކޮނޑުގައި ފިރުމާލި ވަގުތު އާނިސްއަށް ޝައިހާގެ ގައިގައި ބައްދާލެވުނެވެ. އިޙުތިޔާރަކާ ނުލައެވެ.
***************
ހުކުރު ދުވަސް ފެށުނީ އާދައެކޭ އެއްފަދައިން ގޭތެރޭގައި މަސައްކަތް ބުރަކޮށްލައިގެން މާރިޔާ އުޅެނިކޮށެވެ. ގޭގައި މާގިނަ މީހުން ނޫޅުނެއް ކަމަކު މެންދުރަށް މީރު އެއްޗެއް ތައްޔާރު ކުރުމަކީ އަބަދުވެސް މާރިޔާ ކުރާ ކަމެކެވެ. ޝިމާ އާއި ސަހާވެސް މާރިޔާއަށް އަތްގާތްކޮށްދެން އުޅެނީ ސުކޫލު ބަންދު ދުވަހަކަށް ވާތީއެވެ.
މެންދުރަށް ބޭނުންވާ ސާމާނު ގަނެގެން ގެނެސް ބަދިގެއަށް ލާފައި ޝިމާ ވަނީ ކޮޓަރިއަށެވެ. ކައްކަން ފެށުމުގެ ކުރިން އަރާމު ކޮށްލާށެވެ. އެވަގުތު ޝިމާގެ ފޯނަށް ކޯލެއް އައެވެ. ސޭވް ނުކޮށް އިނަސް މިހާރު އެ ނަންބަރަކީ ޝިމާ ހިތުދަސް ނަންބަރެކެވެ. މިއަދުވެސް ޝިމާގެ ފޯނަށް އެ ނަންބަރުން ގުޅާ މިއީ ފަސްވަނަ ފަހަރެވެ.
ކުރިން ޝިމާއަށް ފޯނު ނުނެގުނީ މަންމަމެން ކައިރީގައި ތިބުމުންނެވެ. "ހަލޯ"
"ހާދަ އިރެއް ވެއްޖެއޭ ގުޅާތާ.. މަ ބުނިން ދޯ މަގޭ ރުޅި ނާރުވާށޭ.." ޔޫސުފް ހުރީ ރުޅިއައިސްފައެވެ.
މިއަދުވެސް އޭނާ އެ ގުޅީ ހަމަ އެއް ބޭނުމެއްގައެވެ. މިރޭވެސް ޝިމާ އެ ގެގަނޑަށް ދާންވީޔޯލައެވެ. ޝިމާ ވަކި ބުނާނީވެސް ކީކޭހެއްޔެވެ. ނުދާނަމޭ ބުނެގެން ރެކެވޭނެ އެއްވެސް ގޮތެއް ނީންނާނެއެވެ. ހަމަ ރަނގަޅަށްވެސް ޝިމާ ހުރީ އެ އަނިޔާވެރިޔާގެ މަޅީގައި ޖެހި ވަރަ ވެއްޓިފައެވެ. މިރޭވެސް އެތަނަށް ދާންޖެހޭ ގަޑިއަކީ ހަތެއް ޖަހާއިރެވެ.
***************
ސުކޫލު ބަންދު ދުވަހެއް ކަމުގައިވާނަމަ ފަތީންގެ ދެލޮލުން ދޮންވަމުން އަންނަ އިރުގެ އަލިކަން ދުށުމަކީ ނާދިރުކަމެކެވެ. ގަޑިން އެގާރަގަޑި ބައިވެގެން ދިޔައިރުވެސް ފަތީން އޮތީ ގުގުރީގައި އަޑުލައްވާލާފައެވެ. ހޭލެވުނީ ފާތުމާ އައިސް ގޮވުމުންނެވެ.
ހޭލެވުމާއެކު ފަތީން އެންމެ ފުރަތަމަވެސް ގުޅީ ޝައިހާ އަށެވެ.
މިރެއަކީ ޓިއުޝަން ނެތް ރެއެއްކަމުން ޝައިހާ ބޭނުންވީ ދެނަމާދު ދޭތެރޭގައި ބައްދަލު ކުރާށެވެ. ފަތީންގެ ޓިއުޝަންވެސް ނީންނާނެތީއެވެ.
ގަޑިން ހަގަޑި ބައިވި އިރު ފަތީން ހުރީ އުތުރު ފަރާތު އަތިރިމަތީގައެވެ. ޝައިހާ އަށް އެތަނަށް އާދެވުނީ ފަތީން އިންތިޒާރުގައި އިންނަތާ ދެތިން މިނެޓު ވީ ފަހުންނެވެ.
އަތިރި މަތީގައި ޖަހާފައި ހުރި ކުދި ބެންޗު ތަކުން ބެންޗެއްގައި އެ ޖޯޑު އިށީނދެލާގެންތިބެ ވާހަކަ ދައްކަމުން ދިޔައެވެ. ފައުޒާ ނުފެންނާތީ ވާ ދެރައިގެ އިތުރަށް މިހާރު ފަތީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޝިމާއެވެ. އޭނާގެ އެކުވެރިކަމެވެ. ނަމަވެސް އެވާހަކައިގެ އެއްވެސް ތަންކޮޅެއް ޝައިހާއާއި ހިއްސާކުރެވޭކަށް ނެތެވެ. އެރޭ ކުރެވުނު ޢަމަލުތަކުގެ ވާހަކަ ކިޔައިދެން ފަތީން ލަދުވެސް ގަނެވެ.
ގަޑިން ހަތެއް ޖަހަން ގާތްވަނީއެވެ. ފަތީން އެއްލި ކަޅިއަކުން އަންހެން ކުއްޖަކު ފާލަން މަތިންލާފައި ކުރިމަތީގައި އޮތް ފަޅު ރަށާ ދިމާލަށް ދާމަންޒަރު ފެނުނެވެ. ހަމަ އެވަގުތު ޝައިހާ އަށްވެސް އެ ކުއްޖަކު ފެނުނެވެ. އޭނާގެ ހިނގުމުން ޔަގީނާ ގާތަށް އެއީ ޝިމާކަން ފަތީންއަށް އިނގުނެވެ.
ފަތީން އިންތަނުން ތެދުވިއެވެ. "ކިހިނެއް ވީ؟ އެއީ ކާކުކަން އެނގޭތަ؟" ޝައިހާވެސް ތެދުވިއެވެ.
"ޝައީ މިތާ މަޑުކޮށްފާނަންތަ؟ އަހަރެން އެބަ އަންނަން އެކޮޅަށް ގޮސްލާފަ.." ފަތީން ފަޔަށް ބާރުލާފައި ހިނގައިގަތެވެ.
ފަތީންގެ ފަހަތުން ޝައިހާ ދިޔައީ ގަސްތަކުގެ ނިވަލުން ފިލަމުންނެވެ. ފަތީން ފާލަމުގެ މައްޗަށް އެރުމުން ޝައިހާ އެންމެ ކައިރިން ހުރި ނިކަގަހުގެ ނިވަލަށް ވަދެ މަޑުކޮށްލީ ޖީބު ގައި އޮތް ފޯނު ނަގަމުންނެވެ. އެއިރުވެސް ފަތީންގެ ހަރަކާތްތަކުން ޝައިހާގެ ނަރަޒު ބޭރެއްނުވެއެވެ.
"ހަލޯ.." ޝައިހާ ޑައިލް ކޮށްލި ނަންބަރުން ފޯނު ނަގާކަށް މާގިނަ އިރުތަކެއް ނުވިއެވެ.
"ޔޫބޭ... ޝިމާ ގެންދަންތަ އެބަ؟" ޝައިހާ އަހާލިއެވެ.
"އާނ.. ކިހިނެއްވީ؟ ފެނުނީތަ؟" އެކޮޅުން ވާހަކަ ދެއްކީ ޔޫސުފް ރަފީއުއެވެ.
"އާނ.. ކީއްވެ މަށަށް އަންގާނުލީ.. މަގޭ އަދި ފަތީން ގޮވައިގެން އައިސް މީނީ މިތާ.. ފަތީން އަށް ޝިމާ ދާތަން ފެނިގެން އިޔޮށް ދިޔައީ އޭނަ ފަހަތުން..." ޝައިހާ ހުރީ ދެލޯ ކުޑަކޮށްލައިގެން ފަތީންއަށް ބަލާށެވެ.
"ބަ*އެކޭ.... ޔޫބެ ހަނދާން ނެތުނިއްޔޭ ޝައިހާއަށް އަންގާލަން. ނަމަނަމަ ފައުޒާން ކައިރީ ނުބުނާތި ޔޫބެ އޭނަ ގެންނަ ވާހަކަ... ޔޫބެ އެބަ ތިކަންތައް ހަމަޔަކަށް އަޅުވާލަން. ޝައިހާ ބަލާތި ފަތީން ހިފެހެއްޓޭތޯ..." ޔޫސުފް ރަފީއު ފޯނު ކަނޑާލިއެވެ.
ގައިގައި ހުރި ހިތްވަރެއްލާފައި ހިނގަމުން ދަނިކޮށް ޝިމާ ހުއްޓުވީ އޭނަގެ ފަހަތުން އިވެމުންއައި ފިޔަވަޅުތަކުގެ އަޑެވެ. ޝިމާ ހުއްޓިލާފައި ފަހަތަށް ބަލާލިއެވެ. ފަތީން ހުރީ ވަރަށް ގާތުގައެވެ.
"ޝީމާ ކޮން.." ފަތީން ދައްކަން މަސައްކަތްކުރި ވާހަކަ އަޑުއެހުމަށް ޝިމާގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އެނގުނީ ފަތީން ދެއްކި ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދީ ޝިމާ އައިސް ވާހަކަ ދައްކަން ފެށުމުންނެވެ.
"ކިހާ ދެރަކަމެއްތަ ފަތީން.. ކަލޭ މިހާރު މަށަށް ފާރަލާންވެސް ފެށީތަ؟" ޝިމާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
"އަހަރެން ފާރަލާކަށް ނޫން މިތަނަށް އައީ.. ޝިމާ ފެނުނީމަ އަހަރެން މި އައީ ޝިމާތޯ ޔަގީން ކޮށްލަން.. ކޮންތާކަށްތަ ޝިމާ ތި ދަނީ؟" ފަތީން ވާހަކަ ދެއްކީ ވަރަށް ރީތިކޮންނެވެ.
"ހެވޭ.. ފަތީން ނުޖެހޭނެ އަހަރެންނަށް ފާރަލާކަށް.. އަހަރެން ދާތަނެއް ބަލާކަށްވެސް ފަތީން ނުޖެހޭނެ."
"ތިހެން ނުބުނެބަލަ ޝިމާ.. އަހަރެން ޝިމާ އަށް ހެލްޕް ވާން ބޭނުންވާތީއޭ މިތަނަށް މި އައީ.. އޭނަ ކާރިއަށްތަ ތި ދަނީ؟" ފަތީން ހުރީ ދެރަވެފައެވެ.
"ހެވޭ.. ބުނެފިންދޯ މި ދެމެދުގަ މިހާރު އެއްވެސް ގުޅުމެއް ނޯން.." ޝިމާގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ.
'ކޮންމެ ގޮތެއް ހަދާފަވެސް އަންނަން ޖެހޭނީ އެކަނި. އެހެން ނޫނީ ހޭ އަރުވާލާނަން.'
"އަޅެ ހެޔޮނުވާނެ ފަތީން... މިހާރު އެ އެނގުނީ ފަތީން އަންނަކަން... ދުވަހަކުވެސް މަށަށް ހެވެއް އެދޭނަމަ އޭނަ މަށަށް އިތުރު ކަމެއް ކުރަން ނުވިސްނަނީސް މިތަނުން ރައްކާވެބަލަ. އާދޭސްކުރަން.." ޝިމާ ހިނގައިގަތެވެ.
އެއްޗެކޭ ބުނަން ނުކުޅެދިފައި ފަތީން އަށް ބަލަން ހުރެވުނީއެވެ. ޝިމާގެ ފަހަތުން ދާންވެސް އޭނާ ބޭނުންވިއެވެ. ނަމަވެސް އެއީވެސް އެންމެ ރައްކާތެރި ގޮތް ކަމުގައެއް ނުވާނެއެވެ.
ޝައިހާ ބަހައްޓާފައި އައި ތަނަށް ދާން ފަތީން ހިނގައިގަތެވެ. އެއްގޮތަކަށް ފަހު އަނެއް ގޮތެއް ވިސްނަމުންނެވެ.
ދެން މިކަމުގައި އެންމެ އިތުބާރު ކުރެވޭ މީހަކަށް ހުންނާނީ ޖިޔާދުއެވެ. ޝިމާއަށް އެންމެ ބޮޑަށް ބަލާނީވެސް ހަމަ ޖިޔާދުއެވެ. ފަތީން ފޯނު ނަގާ ޖިޔާދުގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ޖިޔާދު ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރަށްވެސް ގުޅިއެވެ. ނަމަވެސް ބުނަނީ ޖަވާބެއް ނުދޭކަމަށެވެ.
ފަތީން ގޮތްހުސްވާން ފެށިއެވެ. ދެން ހުރީ ހަމައެކަނި އާނިސްއެވެ. ޝިމާއަށް ވާނުވާ ބަލާދީ، އެކަން ސިއްރުކޮށްދޭނެ މީހަކަށް ދެން ހުންނާނީ އާނިސްއެވެ.
ފަތީން އާނިސްގެ ފޯނަށްވެސް ގުޅިއެވެ. ނަސީބު ކަންދިމާކުރިގޮތުން އާނިސް ވަގުތުން ފޯނު ނެގިއެވެ.
"މޭން.. އޯ ތޭންކް ގޯޑް.. ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ..."
"އޭ ކިހިނެއްވީ؟" ފަތީން ހުރީ ވަރަށް ހާސްވެފައިކަން އާނިސްއަށް އެނގުނެވެ.
"ދޭބަލަ މީނީނު އަހަރެމެން ދަތުރުދާ ފަޅުރަށް. ބްރިޖް މަތިން ލާފަ އެތަނަށް ދޭބަލަ. ވަރަށް އަވަސް އިނގޭ.." ފަތީން ބުންޔެވެ.
"އޭ ކިހިނެއް ވީ؟" އާނިސްވެސް ހާސްވިއެވެ.
"ފަހުން މަ ކިޔާދޭނަން.." ޝިމާގެ ވާހަކަ ދެއްކުމުގެ ކުރިން ފަތީންއަށް ފާލަމުގެ މަތިން ފޭބުނެވެ. އެއިރު ޝައިހާ ހުރީ ފަތީންގެ ކުރިމަތީގައެވެ. ފަތީން ވަގުތުން ފޯނު ކަނޑާލިއެވެ.
"ކިހިނެއްވީ؟ ކޮން ކުއްޖެއް އެ ދިޔައީ؟" ޝައިހާ އަހާލިއެވެ.
"އެއީ ޝިމާ.. އެގޭ މީހުން އެކޮޅުގަ ބާބަކިއު ހަދަނީއޯ.." ފަތީން ވިސްނާލާފައި މޮޅު ދޮގެއް ހަދާލިއެވެ.
"ހިނގަ ދާން.. މިހާރު ވަރަށް ލަސް ވެއްޖެ އެއްނު؟؟" ކުޑަ އިރުކޮޅަކު ހުރެލާފައި ފަތީން ބުނެލިއެވެ.
"ނޫން.. އަދި ހިނގާ މަޑުކޮށްލަން.. އަހަރެން އަދި ބޭނުން ވާހަކަ ދައްކާލަން..." ފަތީން ހެދީ ދޮގުކަން ޝައިހާއަށް އެނގުމުން ފަތީންގެ ރޭވުން ބަލަން ޝައިހާ ބޭނުންވިއެވެ.
"އާދެވިއްޖެ ދޯ.. އެ ފަތީނު ކިޔާ*** އެ ހުންނަނީ މޮޔަވެފަތަ؟" މިރޭ ޔޫސުފް އެހެން ރޭރެއާ ތަފާތެވެ. އޭނާގެ މޫނުމަތީގައި މިރޭ މާސްކެއް ނެތެވެ. އެހެންޔާ ލައިގެން ހުންނަ ކަޅުކުލައިގެ ކޯޓު މިހާރު ބަދަލު ވެއްޖެއެވެ. ފަހަރެއްގައި ޝިމާގެ ހިތް އަތުލަން މަސައްކަތް ކުރަނީ ކަމަށްވެސް ވެދާނެއެވެ.
"ބުނޭ.. ކޮބާ އެ ފަތީނު މިހާރު؟ އޭނަ އައިތަ ކަލޭ ފަހަތުން؟" ޔޫސުފް ޝިމާގެ ކައިރީގައި ހުއްޓުނެވެ. އޭނާ ހުރީ ވަރަށް ރުޅިއައިސްފައެވެ.
"ނޫން.. އަހަރެން އޭނަ ފޮނުވާލާފިން.. ހަމަ ހުވާ.." ޝިމާ ވާހަކަ ދެއްކީ ޖެހިލުންވެ ހުރެއެވެ.
ޔޫސުފްގެ މޫނަށް ހިނިތުންވުން ވެރިވީ އެވަގުތެވެ. "ހިނގާ އިށީންނަން.." ޔޫސުފް ޝިމާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޝީނާގެ މޭ ގުޑުގުޑު ލަމުން ދިޔައެވެ.
އެ ހިތި ހަނދާންތަކުން ފުރިގެންވާ އެނދުމަތީގައި ޝިމާ ބައިންދައިގެން ޔޫސުފް ޝިމާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަތް ފޯރުކުރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"ދެން ދެކޮޅު ނުހަދަބަލަ.. ޝިމާއަށް އިނގޭތަ ކިހާ މަސައްކަތެއް ކޮށްގެންކަން ޝިމާ މިތަނަށް މި ގެނެވެނީ މަށަށް؟ މަގޭ އަސްލު ބޭނުމެއްވެސް ނޫނޭ ޝިމާ ދެކެ ރުޅި އަންނާކަށް. އެކަމް ޝީމާ ކަންތައް ކުރާގޮތުން ރުޅިވެސް އާދެވޭނެދޯ.." ޔޫސުފް ގެންދިޔައީ ޝިމާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ފިރުމަމުންނެވެ.
*************
"ދެން ބުނެބަލަ.. ކޮން އިރަކުންތަ ޝައީ ދާން ބޭނުންވާނީ؟" ފަތީން މަސައްކަތް ކުރީ މޫނުމަތިން އޭނާގެ ހިތުގެ ހާސްކަން ނުދައްކާށެވެ.
އެ ގޮނޑީގައި ފަތީން އާއި ޝައިހާ ތިބޭތާ ފަސް ވަރަކަށް މިނެޓު ފަހުން އާނިސް ފާލަން މަތިން ދުވެފައި ދާމަންޒަރު ޝައިހާއަށް ފެނުނެވެ. އާނިސް ފެނުނީ ޝައިހާއަށް އެކަންޔެވެ. ފަތީން އިނީ އެހެން ދިމާލަކަށް ބަލާށެވެ.
"ދެން ހަމަ މިހާރުވެސް ދާންވީ.." ޝައިހާ ހިނިތުންވެލިއެވެ.
"އާނ ހިނގާބަލަ ދާން. އަހަރެން ވަރަށް ބޮޑަށް ފާޚާނާއަށްވެސް ވަންނަން ޖެހޭ އެބަ.."
"ފަތީން ފުރަތަމަ ދާންވީނު އެހެންވިއްޔާ.. އަހަރެން ދާނަން ފަތީން ދިޔައިމަ.." ޝައިހާ ކޮޅަށް ތެދުވިއެވެ.
"އޯކޭ.. ލަވް ޔޫ.." ފަތީން ހިނގައިގަތީ ޝައިހާއަށް ދޮނެއް ދިނުމަށްފަހުގައެވެ.
ޝައިހާ ދުއްވައިގަތީ އޭނާ ކުރިން ހުއްޓިގެން ހުރި ގަސް ކައިރިއަށެވެ. އެއިރު އާނިސް ފާލަން ހުރަސް ކޮށްފައި ދާމަންޒަރު ފެނެއެވެ.
ޔޫސުފްގެ އަތްދަށުން ސަލާމަތް ވެވޭތޯ ޝިމާ ދެކޮޅު ހަދަމުން ދިޔައެވެ. ޝިމާއަށް ނޭވާލާނެ ފުރުސަތެއް ލިބުނީ ޔޫސުފްގެ ފޯނު ރިންގްވާން ފެށުމުންނެވެ.
"ހަލޯ.." ފޯނު ކަންފަތުގައި ޖައްސައިގެން ޔޫސުފް ގޮސް ހުއްޓުނީ ގޭގެ ދޮރު ކައިރީގައެވެ.
"ޔޫބޭ.. އަނެއްކާ އާނިސް އެބަދޭ ތިދިމާލަށް.. ފަތީން ބުނީ ކަންނޭގެ އޭނަ ކައިރީގަ.. ކޮބާތަ ޝިމާ؟" ޔޫސުފް އާ ގުޅީ ޝައިހާއެވެ.
"ބަލ***ކޭ ތި ފަތީންއާ ހެދި.. މަގޭ އަތުން އޭނަ އަނެއް ބޮނޑި ބޯން އެ އުޅެނީ.. ކޮއްކޮ ދެން ދޭ ގެޔަށް. ބޭބެ ހޭންޑަލް ކޮށްލާނަން.." ޔޫސުފްގެ މޫޑު އެއްކޮށް ބަދަލު ވެއްޖެއެވެ.
"ކިހާ ދެރަކަމެއްތަ މިއީ.. ބުނޭ ފަތީން ކައިރީގަ ހަނާވާން ތައްޔާރުވާށޭ.." ޔޫސުފް ރުޅިއައިސްގެން ގޮސް ޝިމާގެ ދަތްދޮޅީގައި ހިފިއެވެ.
އާނިސް ގޮސް ހުއްޓުނީ އެ ގެގަނޑު ކައިރީގައެވެ. މީހެއްގެ ހިލަން ވޭތޯ ދެފަރާތް ހޯދާލިއެވެ. އެވަގުތު އެ ގޭގެ އަނެއް ކޮޅުގައި މާސްކެއް އަޅާގެންހުރި މީހަކު ފެނުނެވެ. އޭނާ ހުރީ ފާރާ ނިވައިވެގެންނެވެ. އާނިސްއަށް ފެނުނުކަން އެނގުމާއެކު އޭނާ އެފަރާތަށް ވަދެ ނިވާވެލިއެވެ.
'އަނެއްކާ ފަތީން އެ ބުނަނީ މި މީހަކަށް ފާރަލާށޭބާ؟' އާނިސް ހިތާހިތުން ކިޔާލިއެވެ. ވިސްނަން ނުހުރެ އާނިސް އެދިމާލަށް ހިނގައިތެވެ. ގެގަނޑުގެ ފުރަގަހުން ލާފައެވެ. އާނިސް ހައިރާންވީ މާސްކު އަޅައިގެންހުރި އެ މީހާ ދުވެފައި ގަސްތަކު ތެރެއަށް ވަދެގެން ދާތަން ފެނުމުންނެވެ. އޭނާ އެ ދުވަނީ އާނިސްއަށް ފިލަންކަން އާނިސްއަށް އެނގުނެވެ. އެއީ ކާކުތޯ ބެލުމަށް އާނިސްގެ ހިތުގައި ޝައުގުވެރިކަން އިތުރެވެގެން ދިޔައެވެ.
އޭނާ ދިޔަ ދިމާލަށް އާނިސް ދުއްވައިގަތެވެ. އޭނާ ފަހަތް ބަލާލާ ކޮންމެ ފަހަރަކު އާނިސް ދުވެފައި އަންނަތަން ފެނުމުން އޭނާގެ ދުވެލި އަވަސް ކޮށްލައެވެ. އާނިސްވެސް ހަށިގަނޑަށް ލެވުނު ބާރެއް ލާފައި ދުވަންފެށިއެވެ.
ވަރަށް މަސައްކަތުން އާނިސްއަށް އޭނާ އަތުކުރެވުނެވެ. އާނިސް ގޮސް އޭނާގެ ގައިމައްޗަށް ފުއްމާލުމާއެކު އޭނާވެސް އާނިސްއާ އެކު ވެއްޓުނެވެ.
"ފަތީން؟" އޭނާގެ މޫނުގައި އޮތް މާސްކު ދަމައިގަތް ވަގުތު އާނިސް ހައިރާންވިއެވެ.
"ކޮން ސަކަރާތެއް މިއޮއް ފަދަ ރޭގަނޑު ތި ގަންނަނީ؟" އާނިސް ހީކުރީ އެއީ ފަތީން ކަމަށެވެ.
އެއްވެސް ތަފާތެއް ނެތެވެ. ހަމުގެ ކުލަވެސް، މޫނުމަތީގެ ސިފަވެސް އެއްވެސް ތަފާތެއް ނެތެވެ. އޭނާ ވާހަކައެއް ނުދައްކައެވެ. އޭނާ މަސައްކަތް ކުރީ ތެދުވެގެން އެތަނުން ދެވޭތޯއެވެ.
"މަޑު ކުރޭ.. ކިހިނެއް ވެގެންތަ ތިއުޅެނީ ފަތީން؟" އާނިސް އޭނާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.
އޭނާ ގަދަދައްކަން ފެށުމުން އާނިސް އޭނަ ގައިގައި ހިފަހައްޓައިގެން ބިންމައްޗަށް ވެއްޓިގަތެވެ.
[މަށަށް ކަލޭ ފެނުނު މާލެއިން ވެސް. ތިއީ ކާކު؟] އޭނާ ގަދަދައްކަމުންދިޔައެވެ.
އެ ވަގުތު ޖިޔާދު ދުވެފައި އެތަނަށް އައެވެ. ފަތީންގެ މެސެޖު ލިބުމުންނެވެ.
[ފަތީން ކޮން ސަކަރާތެއް ތި ޖަހަނީ؟ މަ އަދި ސަހާ ގޮވާގެން އޮވެފަ ވަރަށް އާޖެންޓް ކަމެއް ކަމަށް ހީކޮށްފަ މި އައީ މި ތަނަށް.] ޖިޔާދު ހިތްހަމަ ނުޖެހުނެވެ.
[މިއީ ފަތީންއެއް ނޫން. ފަތީން މެންގެ ސިފައިގަ އުޅޭ އެހެން ގޮލައެއް. ބުނޭ ފަތީން ކައިރީ ހަމަ މިހާރު މިތަކަށް އަންނާށޭ. މި ގޮލާ ދުލެއް ނުކުރާނަން މިފަހަރު. ވަރަށް ތަޅުވާފީމެއްނު އަހަރެމެން. މިރޭ ކަލޭ އަނގައިން ހުރިހާ އެއްޗެއް ނެރުވާނަން.] އާނިސް ހުރީ ވަރަށް ސީރިއަސްވެފައެވެ.
= 25 ވަނަ އެޕިސޯޑު ނިމުނީ =