Advertisement

25 Jul 2023
ވާހަކަ

ނާކާ | އެފިސޯޑު - 8

ނާކާ | އެފިސޯޑު - 8

ފަތީން ޔުނީފޯމް ބަދަލު ކޮށްލައިގެން ބަދިގެއަށް ދިޔަ އިރު ފައުޒާ އިނީ މޭޒުކައިރީގައި ކާށެވެ. މަންމަ ފާތުމާ ހުރީ ފަތީންއަށް ކާން ހަދައިގެން ފަތީން ނައިސްގެން ލަސްވެފައެވެ. ފަތީން މޭޒު ކައިރީގައި އިށީނދެ ކާންފެށުމުން ފާތުމާ އުނދުން މަތީ ހުރި ތެއްޔެއް ހިފައިގެން ބޭރަށް ނުކުތެވެ. "ކޮއްކޮ ކީއްވެގެންތަ މިހާރު އާނިސް ދެކެ އެހާ އަވަހަށް ރުޅިއަންނަނީ؟" ދަނޑިވަޅު ބަލާފައި ފަތީން ބުނެލިއެވެ.

"ނޭނގެ... އޭނަގެ ވާހަކަ މިހާރު ހުންނަނީ އަހަރެން ވަރަށް ބޮލަށް އުނދަގޫވާ ކަހަލަ ގޮތަކަށް.." ފައުޒާ މޫނު ހަދައިލިއެވެ. "އެކަމަކު އޭނަ ކޮއްކޮ ދެކެ ކިހާ ލޯބިވޭ.. އެހެންވީމަ ކޮއްކޮ ވެސް ވާނެ ކެތްތެރިވާން އޭނައަށް ކޮއްކޮ ހިތްހަމަ ނުޖެހޭކަހަލަ ކަމެއް ކުރެވުނަސް." ފަތީން، ފައުޒާއަށް ވިސްނައިދިނެވެ.

ނަމަވެސް ފައުޒާ އަކީ ގިނަ ފަހަރު މީހުން ދައްކާ ވާހަކަ ގަބޫލު ކުރާ ކުއްޖެއް ނޫނެވެ. ކޮންމެ މީހަކު ބުންޔަސް އޭނާ ކަންތައް ކުރާނީ އޭނާގެ ހިތަށް އައި ގޮތަކަށެވެ. މީހަކު މާގިނައިން އޭނާއަށް ނަސޭހަތް ދެންޔާ އޭނާގެ ގާތަށް އަންނާނީ ރުޅިއެވެ. ކުޑަ އިރުއްސުރެ ވެސް ފައުޒާ އަކީ ސިނގުރުޅިއެއް ގެންގުޅޭ ކުއްޖެކެވެ.

ކައިނިމިގެން ފަތީން ގޮސް ވަނީ ކޮޓަރިއަށެވެ. އަރާމުކޮށްލާށެވެ. އެނދުމަތީގައި އޮތް ފޯނު އަތުގައި ޖެހުމާ އެކު ފަތީން އެންމެ ފުރަތަމަ ވެސް ހުޅުވާލީ ފޭސްބުކެވެ. ޝައިހާ އޮތީ ފަތީންގެ ފްރެންޑް ރިޗުއެސްޓް އެކްސެޕްޓްކޮށްފައެވެ. އެ ވަގުތު ފަތީންއަށް ކުރެވުނީ ބުނެދޭން ނޭނގޭނެފަދަ އުފާވެރި އިހުސާސެކެވެ. އޭނާގެ މެޔަށް ފިނިވިއެވެ. ފަތީން އޭނާއަށް މެސެޖަހުން ގޮވާލިއެވެ. މާގިނައިރުތަކެއް ނުވެ އެ ކޮޅުން ރިޕްލައިގެ މެސެޖެއް އައުވެ.

ފަތީން: "ހިތް ހަމަ ނުޖެހިފަތަ؟

ޝައިހާ: "ހެހެ ނޫން... މިސް ހީކުރީ ފަތީން ހިތްހަމަ ނުޖެހިފަ ކަމަށް."

ފަތީން: "ނޫން.. ކީއްވެ ހިތްހަމަ ނުޖެހެންވީ؟"

ޝައިހާ: "ނޭނގެ. ދެން ނާންނާނަންތަ ޓޯކް ކޮށްލާކަށް ވެސް؟"

ފަތީން: "ނޫން ވަރަށް ބޭނުން ދާން.."

ޝައިހާ: "ހެހެ ކިހާވަރަކަށް ބޭނުން؟"

ފަތީން: "ވަރަށް ބޮޑަށް. ބޮޑު ކަނޑެއް ހުރަސްކޮށް ފަތާފަވިޔަސް ދާހާ ބޮޑަށް. ހެހެ"

ސަމާސާއެއްގެ ގޮތުގައި ފަތީން އޭނާ ޝައިހާއާ ގަޔާވާކަން ހާމަކުރިއެވެ. ނުސީދާ ބަސްތަކަކުންނެވެ. ޝައިހާއަށް އެ ކަން ދެނެގަންނަން އެނގޭތޯ ފަތީންގެ ހިތާހިތުން ދުޢާ ކުރަމުން އޭނާ ގެންދިޔައެވެ.

ޝައިހާ: "އާދޭ މިރޭ ވެސް އެހެންވިއްޔާ.." 

ފަތީން: "ޔާ.. އެކަމް މިރޭ ހިނގާ އެހެންތާކަށް ދާން.. ތިގެއަށް ކޮންމެރެޔަކު ވަންނަތަން މީހުނަށް ފެންނަންޏާ ހަޑި ވާހަކައެއް ފެތުރިދާނެ." 

ޝައިހާ: "ހަމަ އޯކޭ.. އުތުރު ފަރާތު ބްރިޖް ކާރިއަށް ދާންވީނު؟"

ފަތީން: "އޯކޭ.."

ޝައިހާއާ ވާހަކަ ދައްކާލެވުމުން ފަތީންއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. އެ ހިތްހަމަ ޖެހުމުގައި ފަތީން އޮއްވާ އޭނާއަށް ނިދުނެވެ.

އެރޭވެސް 9 ޖެހުމާއެކު ފަތީން ޝައިހާއަށް ގުޅިއެވެ. ޝައިހާ ބޭނުންވީ އެ ވަގުތު ބައްދަލުވާށެވެ. ފަތީން ވަގުތުން ލައިގެންހުރި ގަމީހަށް ސެންޓު ޖަހާލާ، މޫނުމަތީގައި ފުއް ޖަހާލައިގެން ނުކުތެވެ. އެއިރު މަންމަ ފާތުމާ ސިޓިންރޫމްގައި އިނެވެ

"ކޮންތާކަށް މާރީތިވެގެން ދަރިފުޅު ތި ދަނީ؟" ފާތުމާ ސުވަލު ކޮށްލިއެވެ. އެ ވަގުތު ފަތީން ހަދާނެ މޮޅު ދޮގެއް ވިސްނާލިއެވެ. "މި ދަނީ ޝިމާމެން ގެޔަށް ގްރޫޕް އެސައިންމެންޓެއް ނިންމަން." ފަތީން ބުނެލިއެވެ. "ދިހައެއް ޖަހަންވާއިރަށް ގެޔަށް އަންނައްޗޭ.." ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެ ފާތުމާ ބުނެލިއެވެ.

ފަތީން ހިނގާފައި ދިޔައީ ވަރަށް ބާރަށެވެ. ޝައިހާއާ ބައްދަލު ކޮށްލާހިތުން ކެތްމަދުވެފައި ހުރީމައެވެ. ރަށުގެ ބޮޑުމަގާ އަރާ ހަމަވި ވަގުތު ނަޒީހުއާއި އިތުރު ދެ މީހަކު ޖޯލިފައްޗެއްގައި ތިބިތަން ފަތީންއަށް ފެނުނެވެ. ފަތީން ފެނުމާއެކު ނަޒީހު އިންތަނުން ތެދުވެ، ދުވެފައި ފަތީންއާ ދިމާއަށް އައެވެ

"އޭ މަޑުކޮށްބެ.." ނަޒީހު ވާހަކަ ދެއްކީ ފަތީންއާކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވާތީ ފަތީން އިސްއުފުލާ ބަލާވެސް ނުލައި ކުރިއަށް ދިޔައެވެ. "ކަލޭ ހީކުރީ ޕޮލިސް ސަމާހު ކައިރީގަ މަގޭ ވާހަކަ ކުޓުވާލީމަ މަ ބޭނޭނެ ކަމަށް ދޯ؟ ހެހެ ސޮޑު ގޮލާ.. މިހިރީ މަ.. ހައްޔަރެއްވެސް ނުކުރެވޭނެ." 

ނަޒީހުގެ ވާހަކައަށް ފަތީން އެއްވެސް ސަމާލުކަމެއް ނުދީ ކުރިއަށް ދިޔައެވެ. "ހެހެހެ.. ތަޅާލީމަ މިހާރު ބިރުންދޯ ތި ދަނީ އެއްޗެކޭ ނުބުނެ. ހެހެހެ.. މީއޭ މި މީހުންގެ ފެންވަރަކީ ދޯ؟" ނަޒީހު އޭނާގެ ރައްޓެހިންނާ އެކު ފަތީންއަށް މަލާމާތްކޮށް ހެމުންގެންދިޔައެވެ.

ފަތީން ޝައިހާއާ ބައްދަލު ކުރީ އޭނާގެ ގޭގެ ކަންމަތިންނެވެ. އެ ވަގުތު އެ ތަނުގައި އެއްވެސް މީހަކު ވެސް ނެތެވެ. މަޑުމަޑުން ހިނގާލާފައި ޝައިހާއާއި ފަތީން ދިޔައީ އުތުރުފަރާތު ބުރިޖާ ދިމާއަށެވެ. އެ ސަރަހައްދުގެ ހަމަހިމޭން މާޙައުލުން ފަތީންއާއި ޝައިހާ އިށީނީ ވަރަށް ރީތިކޮށް ސިމެންތިން ރާނާ ކުލަލާފައި ހުރި ގޮނޑިއެއްގައެވެ. ރަށު މީހުންގެ ނަމުން ނަމަ އެއީ އެ ސަރަހައްދުގައި ހުންނަ ބެންޗްތަކުގެ ތެރެއިން ބެންޗެކެވެ

ރެއަކީ ފުދޭވަރަކަށް ހަނދުވަރުދޭ އުޑުމަތި ސާފު ރެއެކެވެ. އެރޭގެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކޮށްދެނީ ބިޔަ، ބޯ، ގަސްތަކުގެ ތެރެއިން ފުރޭނިގެން އުދުހެމުން އައިސް ބީހިލާ، ޖައްވުގެ ވައިރޯޅިން ލިއްބައިދޭ އަރާމު ފިނިކަމުންނެވެ. ޝައިހާގެ ރީތިކަމަށް ގެއްލިފައި ފަތީންއަށް އިނދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. އެއްވެސް ބަހެއް ނުބުނެ ޝައިހާ ވެސް ފަތީންގެ ދެ ލޮލަށް ބަލަހައްޓައިގެން އިނެވެ. ޝައިހާގެ ހަމަހިމޭންކަން ފަތީންއަށް ބުނެދެނީ ވަރަށް ފުން ވާހަކަތަކެކެވެ. އެއީ ޝައިހާ ފަތީންދެކެ ގަޔާވާކަމުގެ އިޝާރާތްތަކެވެ. ނަމަވެސް އެއީ ޙަޤީޤަތެއްތޯ ބެލުމަށް ޝައިހާގެ ކުރިމަތީގައި ފަތީންގެ ހިތް ހުޅުވާލަން އޭނާ އިނީ ނުކެރި ފިނޑިވެފައެވެ.

"ކޯއްޗެއް ތި ބަލަނީ؟" ޝައިހާ އަހާލީ ލަދުން އިނދެއެވެ. މިހާތަނަށް އެ ލަދުވެތިކަން ފެނުނީ ފަތީންގެ ފަރާތުންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޝައިހާ، ފަތީން ކުރިމަތީގައި ލަދުރަކިވެފައި އިންކަން ފަތީންއަށް ފާހަގަ ކުރެވުނެވެ.

"ރީތި ކަމުން މި ބަލަނީ.." ފަތީން ލަދުވެތި ކަމުގެ ފަރުދާ ކަހާލާފައި ވާހަކަ ދެއްކިއެވެ. އެ ވަގުތު ޝައިހާ އިށީނދެ އިންތަނުން ތެދުވިއެވެ. އަނގައިން އެއްވެސް އެއްޗެއް ނުބުނެއެވެ. "ކީއްވީ؟" ފަތީން ވެސް ތެދުވިއެވެ. އެ ވަގުތު ފުރަގަސްދީގެން ހުރި ޝައިހާ އެނބުރިލިއެވެ. ނަމަވެސް އޭނާ ހުރީ ފަތީންއާ ހަތަރު ކަޅި ހަމަކުރަން ފަސްޖެހިފައިކަން ފަތީންއަށް ދޭހަވެއެވެ. އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ދެ އަތުން ދެ އަތުގައި ހިފާ ބާރު ކޮށްލައިގެންނެވެ. ދެފައި ކައިރިކޮށް ފިއްތާލައިގެންނެވެ

"ވާހަކައެއް ބުނަންތަ؟" ފަތީން އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ. ޝައިހާ ޖަވާބު ދިނީ ބޮލުގެ އިޝާރާތަކުންނެވެ. ފަތީންއަށް ބަލާލާފައެވެ. "ޝައިހާ ދެކެ އަހަރެން ވަރަށް ގަޔާވަން.." ފަތީން މިހެން ބުނެލީ ލޯ މަރާލާފައެވެ. އެ ވަގުތު ޝައިހާގެ މޫނުމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ދޭހަ ކޮށްދެނީ އުފާވެރިކަމެވެ. ފަތީން ލޯ ހުޅުވާލިވަގުތު ފެނުނު އެ ހިނިތުންވުމުން ފަތީންއަށް އުންމީދެއް ދިނެވެ. ފަތީން ޝައިހާއާ ގާތްވެލިއެވެ. އެ ވަގުތު ޝައިހާ ފަތީންގައިގައި ބައްދާލިއެވެ. ފަތީންއަށް ދުރަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ފަތީން ވެސް ޝައިހާގެ ގައިގައި ބައްދާލިއެވެ. ނަމަވެސް މިއީ އޮޅުމަކުން ކުރެވުނު ކަމެއް ނޫނެވެ. މިއީ ދެފަރާތުގެ އިޚްތިޔާރުގައި ކުރެވުނު ކަމެކެވެ. ފަތީންއަށް އެ ބައްދާލުމުން އޭނާ ބޭނުންވި ޖަވާބު ލިބުނެވެ.

ގައިގޯޅި ވެފައި ތިބެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ. ވަގުތުތައް ހޭދަވަމުން ދިއައީ އިހުސާސް ނުވާހާ އަވަހަށެވެ. ވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ ފަތީން މަސައްކަތް ކުރިއެވެ. ބެންޗްގައި އިށީންނަން ނުވިސްނާ ފަތީން ބޭނުންވީ ގޮނޑުދޮށާ ގާތަށް ދާށެވެ. އޭނާގެ ވިސްނުމުގައި އަބަދު ވެސް އޮންނަ އެންމެ ރޮމޭންޓިކް ހިނދުކޮޅު ޙަޤީޤީ ދިރިއުޅުމަށް ގެންނާށެވެ. އެ ގޮތުގެ މަތިން ޝައިހާ ބިންމަތީގައި އިށީނުމާއެކު ފަތީން ޝައިހާގެ އުނގުގައި ބޯ އަޅާ އޮށޯވެލިއެވެ.

"ޝައިހާގެ އޭޖް ކިހާ ވަރެއްތަ؟" ޝައިހާގެ އުނގުމަތީގައި އޮށޯވެގެން އޮވެ ފަތީން އަހާލިއެވެ. "25 ވާނެ މި އަހަރު!" ޝައިހާ މިހެން ބުނުމުން ފަތީން ފެށީ ހޭށެވެ. ދެ މީހުން އުމުރުގެ ހުރި ތަފާތާއ އެކުވެސް އެކަކު އަނެކަކު ދެކެ ގަޔާވެވުނީތީ ފަތީން އޮތީ ހައިރާންވެފައެވެ. "ކީއްވެ ތިހެނީ.." ޝައިހާ އަހާލިއެވެ. "ދެން އަހަރެންނަށް އަދި 18 އަހަރު. ކިހާ ތަފާތު ދޯ އުމުރުގެ ގޮތުން؟" ފަތީން މިހެން ބުނުމާއެކު ހިނިތުންވެފައި އިން ޝައިހާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. "އާނ.. އަނެއްކޮޅުން ޝައިހާމީ ފަތީންގެ ޓީޗަރު.. އެހެންވީމަ މި ކަން މީހުނަށް އެނގިއްޖެއްޔާ ވަރަށް ސަކަރާތް ވާނެ. ކުލާސް ކުދިން ކައިރީ ވެސް ނުބުނައްޗޭ.." ޝައިހާ މިހެން ބުނުމާއެކު ފަތީން އޭނާގެ އުނގުމަތިން ތެދުވިއެވެ. "އާނ.. މިކަން އޮންނާނީ އަހަރެމެންގެ ދެމެދުގަ އެކަނި." ޝައިހާގެ ދެ ލޮލަށް ބަލަން އިނދެ ފަތީން ބުނެލިއެވެ. "މިކަން އޮންނާނީ އަހަރެމެންގެ ދެމެދުގަ އެކަނި." ޝައިހާ ހިނިތުންވެލިއެވެ. ފަތީންއަށް އިތުބާރު ކުރެވޭތީއެވެ. ފަތީން އެކަން ސިއްރު ކުރާނެކަން ޝައިހާގެ ހިތުން އޭނާ ގަބޫލު ކުރީމައެވެ.

- 8 ވަނަ އެޕިސޯޑު ނިމުނީ -

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.