ނާކާ | އެޕިސޯޑު - 23
ހަފްތާގެ ބުދަ ދުވަހެވެ. މިޑް-ސެމިސްޓާރ ބަންދަށްފަހު ސުކޫލުގެ ކިޔެވުން ފެށުނު ފަހުން މިއީ 4 ވަނަ ދުވަހެވެ. ނަމަވެސް އެއީ ފަތީންގެ މި ސެމިސްޓާރގެ ފުރަތަމަ ދުވަހެވެ.
ފައުޒާ ގެއްލުމުން މަންމަ ކުރާ ހިތާމަ އަޑު އަހައަހަ ފަތީން މިހާރު އެވަނީ ވަރުބަލިވެފައެވެ. ހިތާމަކުރަނީ ހަމައެކަނި ފާތުމާއެއް ނޫނެވެ. ފަތީންގެ ހިތުގައިވެސް ރިހެމުންދަނީ ބުނެދެން ނޭނގޭފަދަ ކެކުޅުންތަކެކެވެ. ފާއިތުވި ތިން ދުވަހު ފަތީން ސުކޫލަށް ނުދިޔައީވެސް އެހެންވެއެވެ. ސުކޫލަށް ދިއަސް ފަތީންގެ ސިކުނޑިއަށް އެއްވެސް އެއްޗެއް ނުވިސްނޭނެއެވެ. ސިކުނޑީގައި އަބަދުވެސް އެނބުރޭނީ ފައުޒާއެވެ.
ފަތީން އަކީ ހިތްވަރުގަދަ ކުއްޖެކެވެ. ފަޒީން މަރުވުމުންވެސް ފަތީން ހިތްވަރު ކުރިއެވެ. ހިތާމައިން ފުރިގެންވާހާލު ހަޔާތް ވަށާލި ސާލު ފަތީން ނަގާ އެއްލާލީ އެ ހިތާމަތައް ފަތީންގެ ނަފްސާނީ ބަލިމަޑުކަމުގެ ފައިދާ ނެގުމުގެ ކުރިންނެވެ. ކަންމިހެންއޮތްއިރު ފައުޒާ ގެއްލުމުން އަދި ފައުޒާއަށް ވީނުވީއެއް ނޭނގުމުން ފަތީންއަށް ކެތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ.
ފެންވަރާލާ ރީތިވެގެން ފަތީން ކޮޓަރިން ނުކުތްއިރު ގަޑިން ހަގަޑި ބައިވަނީއެވެ. ސިޓިންރޫމު ހަރުގަނޑުގައި ހުރި ބޫޓު ނަގައިގެން ގޮސް ގޯތިތެރެއަށް ނުކުތް ވަގުތު ބަދިގޭގައި ހުރި ފާތުމާ ނުކުތެވެ.
"ބުއްތަށި ބޮއެގެން ދާންވާނީ.. އެހެންނޫނީ ރަނގަޅަކަށް ނުވެސް ކިޔެވޭނެ ދަރިފުޅާ.. މޭޒުމަތީ އޮންނާނެ އިންޓޯލަށް ގެންދަން މަންމަ ގަތް ދެ ޕަނީނޯވެސް ކޮތަޅަކަށް ލާފަ. އެއާ އަލަމާރިން މައިލޯ ޕަކެޓެއް ދަބަހަށް ލައިގެން ދައްޗޭ.." ފާތުމާގެ ވާހަކަ ދެއްކުމުން އޭނާގެ ހިތުގެ ރުއިމުގެ އަޑު ފަތީންގެ ކަންފަތަށް އިއްވައިދިނެވެ. ނަމަވެސް އެ ހިތާމަތައް ފޮރުވުމަށް ފާތުމާ ކުރި ހިތްވަރު ފަތީންއަށް ދެނެގަނެވުނީ އިސްދަށަށް ޖަހައިގެން ހުރެ ފާތުމާ ގޮސް ކޮޓާރިއަށް ވަނުމުންނެވެ.
އެއްޗެކޭ ބުނެވޭތޯ ފަތީން އަނގަވެސް ހުޅުވާލިއެވެ. ނަމަވެސް ފަތީން ދެލޯ ބޮޑުކޮށްލާގެން ބަލަން ހުއްޓައި ފާތުމާ ގޮސް ކޮޓަރިއަށް ވަނެވެ. ފަތީން ފުން ނޭވާއަކާއިއެކު ދެލޯ މަރާލިއެވެ. ހިތާމަތައް ހިތުގެ އަޑިއަށް ހިންދާލުމަށްފަހު ސުކޫލަށް ދެވޭތޯ އަވަސްވިއެވެ.
ކިލާހަށް ވަދެވުނުއިރު ކިލާހުގެ އެރޭންޖުމެންޓު ވަނީ ބަދަލުވެފައެވެ. ފަތީން އިށީންނަން ޖެހުނީ އެންމެ ކުރީގައި އަތުރާފައިހުރި މޭޒުބަރީގައެވެ. ކިލާހުގެ މި މާހައުލުގައި ހަމަޖެހިލެވުމާއެކު އެންމެ ފުރަތަމަވެސް ފަތީންގެ ދެލޯ ހޯދާލީ ޝިމާއެވެ.
ޝިމާ އިނީ އެންމެ ފަހަތު ބަރީގައެވެ. ކައިރީގައި އިން އޭނާގެ އެކުވެރި ހަމްޝާގެ އަތުގައި ހިފައިގެން އިނދެ ޝިމާ ހެމުން މަޖާކުރަމުންދެއެވެ. ހިތް ނުތަނަވަސްވެފައި އިނެއް ކަމަކު ފަތީންގެ ހިތް އުފަލުން ހީލިއެވެ. ޝިމާގެ އެ ހިތްވަރު ފެނިފައެވެ.
އެ އަނދިރިރޭ ހިނގި ހުރިހާކަމެއް އަދިވެސް ފަތީންގެ ހިތުގައި ބިންވަޅު ކަނޑާ ނެގިފައި އެބަހުއްޓެވެ. ފަތީންގެ ކުރިމަތީ އޮވެ ޝިމާ ރޮމުން އާދޭސް ކުރަމުން ދިޔައިރު ފަތީންގެ ހިތުގައި އެޅި ކެކުޅުންތަކުގެ ރަހަ އަދިވެސް ފަތީންގެ ކަރުގައި އޭރު ހުރި ހިތިކަމަށް ބަދަލެއްނައިސް ހަރުލާފައި އެބަހުއްޓެވެ.
ޝިމާ ފެންނާނެ ކަމުގެ އުންމީދުގައި ފަތީން މިއަދު ސުކޫލަށް އައެއްކަމަކު އޭނާ ހީކުރީ މިއަދު ޝިމާ ސުކޫލަށް ނާންނާނެ ކަމަށެވެ.
ކުޑަ ހިނދުކޮޅަކު ފަތީން ޝިމާއަށް ބަލަން އިން ފަހުން ޝިމާ އެއްލި ކަޅިއަކުން ޝިމާއާއި ފަތީންގެ ހަތަރުކަޅި ހަމަވިއެވެ. ފަތީން ފެނުމާއެކު ޝިމާގެ މޫނުމަތީގެ ހިނިތުންވުން ފިލައިގެންގޮސް މޫނުމަތި ފުސްވެގެން ދިޔައެވެ.
"އަހަރެން ވާ.." އަނަގައިގެ ހަރަކާތުގެ އިށާރާތުން ފަތީން ޝިމާއަށް ބުނެދެން މަސައްކަތްކުރި ޖުމްލަ ޝިމާއަށް ރައްދުވާގޮތެއް ނުވިއެވެ. ޝިމާގެ ސަމާލުކަމެއް އެކަމަކަށް ނެތެވެ. ފަތީން އަތް ހޫރާލާފައި ބުނަން އުޅުނު ވާހަކަ ބުނުމުގެ ކުރިން ޝިމާ އޭނާގެ މޫނު އަނބުރާލިއެވެ.
އެންމެ ފުރަތަމަ ޖެހި ރަނގަބީލާއެކު ކިލާހަށް ވަދެގެން އައީ ޝައިހާއެވެ. ފިލާވަޅު ނަގާދިނުމަށްފަހު ޝައިހާ ކިލާހަށް މަސައްކަތެއްވެސް ހަވާލު ކުރިއެވެ.
"ފަތީން ހިފާބެ.." ފަތީން ކުއްލިއަކަށް ސިހުނީ މަތިން އައިސް އޭނާގެ މޭޒު މައްޗަށް ކަރުދާސް ބޯޅައެއް ވެއްޓުމުންނެވެ. ސިއްސައިގެންގޮސް ފަތީން އެދިމާލަށް ބަލާލިއިރު އާނިސްއެވެ.
"އާނިސް. މިއަދުވެސް ފެށީދޯ؟" ހިތްހަމަ ނުޖެހިފައި ޝައިހާ ބުނެލިއެވެ. "ފަތީން އަޅާ ނުލައްޗެ. މި ހަފްތާ ނާންނަމެއްނު؟ އެހެންވީމަ ކުއްޖަކު ކައިރިން އަހާގެން ގެއްލުނު ކްލާސްތަކުގެ ފިލާވަޅުތައް ހަމަކުރަންވާނެ އިނގޭ.."
"ފަތީން.." އާނިސް އަނެއްކާވެސް ގޮވާލި އަޑަށް ފަތީން އެނބުރި ބަލާލިއިރު އާނިސް ދެވަނަ ބޯޅަ އެއްލަނީއެވެ.
"އާނިސް!!" ޝައިހާ މިފަހަރު ބުނީ ވަރަށް ހަރުކަށިކޮށެވެ. އަޑަށް ބާރުލާފައެވެ.
"އާނިސް މިއަދު ޖެހޭނެ ސެޝަން ނިންމާފަ މަޑުކުރަން.. މިސް ގުޅާނަން އާނިސްގެ ބެލެނިވެރިޔާއާ... އެހެން ކުދިން އާނިސްއަށް ސަމާލުކަންނުދީ ފިލާވަޅު ހަދާ.." ޝައިހާ ދިޔައީ އާނިސް އިށީނދެގެން އިން މޭޒު ގާތަށެވެ.
ކިލާހުގެ ހުރިހާ ކުދިން ފޮތް ނަގައިގެން މަސައްކަތް ފެށިއިރުވެސް ފަތީން އިނީ ކަޅިޖަހާނުލާ އާނިސްގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާގެ މިޒާޖުގައި ހުރި ތަފާތަށް ގެއްލި ހައިރާންވެފައެވެ.
"މިއަދުވެސް ފިލާވަޅު ނުހަދަންތަ ތިއިނީ؟ ކޮބާތަ ފޮތް؟ ފޮތް ނަގާބަލަ.." ޝައިހާ ގޮސް އޭނާގެ ދެއަތުން އާނިސްގެ ދަބަސް ހުޅުވާ ދިވެހި ފޮތް ނަގާ މޭޒުމަތީގައި ބާއްވާލިއެވެ.
ހަމައެވަގުތު އާނިސް އޭނާގެ އަތުން ޖަހާ ފޮތް ބިންމައްޗަށް ވައްޓާލިއެވެ. "އާނިސް ޕްލީސް.. ތިގޮތަށް ނޫޅެބަލަ. ތިއީ ބޮޑު ކުއްޖެއްނު؟" ޝައިހާ ދެރަވިއެވެ.
އާނިސްގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އޭނާގެ މޫނުމަތިން ފެންނަނީ އެއްވެސް ކަންބޮޑުވުމެއްނެތި އުފަލުން ފޮޅިފައިވާ ހިނިތުންވުމެކެވެ.
ދިވެހި ގަޑި ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. އެއަށްފަހު އައި ގަޑިތަކުގައިވެސް އާނިސްގެ ގާތަށް ދެވޭތޯ ފަތީން މަސައްކަތް ކުރިއެވެ. ނަމަވެސް ފިލާވަޅުތައް ދިޔަގޮތުން ފަތީން އިނީ އިންތަނުން ތެދުވާނެ ވަގުތެއް ނުލިބިފައެވެ.
ޖެހިގެން އައި ގަޑިތަކުގައިވެސް އާނިސް އުޅުނީ ހަމަ އެހެންނެވެ. ފިލާވަޅު ނުހަދާ މުދައްރިސަށް އުނދަގޫކޮށް ޖެއްސުންކުރުމުގައެވެ.
"ކަލޭ ތިއިނީ އެއްޗެއް ބޮއިގެންތަ؟" ފަތީންއަށް އާނިސްގެ ގާތަށް ދެވުނީ އިންޓަވަލްގަޑި ޖެހުމުންނެވެ.
"ހަހަހަ.. ވޮޑްކާތަ؟ އޭގެ ވާހަކަތަ ކަލޭ ތި ދައްކަނީ؟" އާނިސް ހިނިގަނޑެއް ޖަހާލިއެވެ.
"ސީރިއަސްކޮށް މޭން.. ކިހިނެއް ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟" ކައިރީގައި ހުރި ހުސް ގޮނޑިއެއްގައި ފަތީން އިށީނެވެ.
އާނިސް އިސްދަށަށް ޖަހާލައިގެން ކުޑަ އިރުކޮޅަކު އެއްވެސް އެއްޗެއް ނުބުނެ އިނެވެ.
"ކިޔާދީބެ. ތިއްތިބެ ނޫނަސް ތިމީހައަށް އިނގޭނެ މަގޭ ތިމީހަގެ ކަމެއްގަ ހެލްޕު ވާނެކަން. ތިއުޅެނީ މާލެއިން ފެނުނު ކަންތަކާތަ އަދިވެސް؟؟ ނޫނީ ފައޫގެ ކަންތައްތަ؟" އާނިސްގެ ކޮނޑުގައި ފަތީން އަތް ޖައްސާލިއެވެ.
"ނޭނގެ މަށަކަށް.. ތިއިން އެއްވެސް ކަމެއް ހަނދާން ކުރާކަށް ބޭނުމެއް ނޫން.." އާނިސް ބުނެލީ ފޫހި ގޮތަކަށެވެ.
"ނޫން މޭން. ކަންކަން ހައްލު ވާނީ ޓޯކް ކޮށްގެން.. ދިރިއުޅުމުގަ ދިމާވާ މިކަހަލަ އަޑިގަނޑު ތަކުގެ މާނަ އަކީ ލައިފް ގިވްއަޕް ކޮށްލުމެއް ނޫނޭ.. ތީ އެއަށްވުރެ ގަދަ މީހެއްކަން މަށަށް އެނގޭ.. މި ހަފްތާ މުޅިންވެސް ތިއުޅެނީ ތިގޮތަށްތަ؟" ފަތީންގެ ވާހަކަ ދެއްކުމުން ތަސައްރުފު ފުރިފައިހުރި ވިސްނޭ މީހެއްކަން ސާބިތުވެއެވެ.
"ބަލާބަލަ މަގޭ.. ތިއްތި މަރުވިތާ މާގިނަ ދުވަހެއް ނުވެ ބައްޕަ އެހެން އުޅޭކަން އެނގުނީމަވެސް އަދި ކޮއްކޮ ގެއްލުނީމަވެސް މަގޭ ގިވްއަޕް ކޮށްފިންތަ؟ ނުކުރަމެއްނު؟ އެހެންވީމަ ތިމީހައަށް ކީއްވެ ބެއަރ ނުކުރެވެންވީ މިކަންތައް؟" އެއިރު އާނިސްގެ ދެލޯ ފެންކަޅިވަމުން އަންނަތަން ފަތީންގެ ދެލޮލުން ދެކުނެވެ.
"މައްސަލައަކީ މަންމަ ވީމައޭ.. ތިގޮލާގެ ބައްޕަ ދޯ! ފިރިހެނުންނަށް ހުއްދައޭ ދެ އަނބިންވެސް. އެހެންވީމަ ތިގޮލާ ބައްޕައަށް އެހެން މީހަކު ކައިރިއަށް ޖެއްސުމުގެ ޙައްޤު އިންނާނެއޭ.. އެކަމް މަގޭ މަންމައަށް އޮތީ ކޮން ޙައްޤެއް؟ ކީއްވެ އެގޮތަށް އުޅެންވީ؟" އާނިސް ގޮތްދޫކޮށް ވާހަކަ ދެއްކީ ހިތުތެރޭގައި ހިފަހައްޓަމުންދިޔަ އިހުސާސްތައް ފަޅައިގެން ދިޔުމުންނެވެ.
"ތިއީކީ ދޮގެކޭ މަށެއް ނުބުނާނަން.. އެކަމް އެމީހުންގެ މިސްޓޭކްސް ތަކުގެ ސަބަބުން އަހަރެމެން އަމިއްލައަށް އަހަރެމެންގެ ލައިފް ރުއިން ކޮށްލުމުގެ ބޭނުމެއް ކޮބާ؟ އަހަރެމެން ހިނގާށޭ އަހަރެން މިބުނަނީ އެއަށްވުރެ ބެޓާ ބަޔަކަށް ވާން. އެ މިސްޓޭކްސް ރިޕީޓް ނުކުރަން.." ފަތީން ވާހަކަ ދައްކަމުން ދިޔައެވެ. "ހަނދާންކޮށްބަލަ! އަހަރެމެން މިއީ ކިހާ މަޖަލުގަ އުޅުން ބަޔެއް! ކުލާހުގަ ކިތަންމެ ނުލަފާ އެރުވިއަސް ދުވަހަކުވެސް އަހަރެމެން ކޯޓު ވިތަ؟ ޓީޗަރުން ކުރިމަތީ އަހަރެމެން އަބަދުވެސް އަހަރެމެންގެ އަގު ހިފަހައްޓަމެއްނު؟ އެއީކީ ނޫންތަ އަހަރެން އުޅެންވީ ލައިފްއަކީ؟"
އާނިސް އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން އިނެވެ. ލޮލުން ފޮރުވަން މަސައްކަތްކުރާ ކަރުނަތަކާއެކު މެއަށް ކުރާ އަސަރުން މޭގައި ޖަހާ ވިންދު މުޅި ހަށިގަނޑު ގުޑުވާލަމުން ދިޔައިރުވެސް އޭނާ އިނީ ކެތްކޮށްގެންނެވެ. ރޯން ބޭނުން ނުވެފައެވެ.
"ތިއްތި އެއީ އެންމެ ނޯޓީކޮށް އުޅުން ކުއްޖާ.. އެކަމް ތިއްތިވެސް ދުވަހަކުވެސް ޓީޗަރަކާ ދޭތެރޭ މިއަދު އާނިސް ކަންތައް ތި ކުރިގޮތަކަށް ކަންތަކެއް ނުކުރޭ.. ހަނދާންވޭތަ ރާއިމްއާ ތިއްތިއާ ފައިޓެއްދިޔަ ދުވަހު އަހަރެމެން ދެމީހުން ނޫން އެހެން ހުރިހާ ކުދިންހެން ރާއިމް ކޮޅަށް އަރާފަ ހުރިހާ ކަމެއް ތިއްތި ބޮލަށް ބިންދާލި ދުވަހު ތިއްތި އައިއްސަ ހުރި ރުޅި. އެދުވަހުވެސް ހުރިހާ އަދަބެއް ތިއްތިއަށް މިސް ދިނީމަވެސް ތިއްތި ހަމަ ހުރީދޯ އެއްޗެއް ނުބުނެ.. މިސް ބިހޭވް އެއް ނުކުރެދޯ؟ އޭގެ ފަހުންވެސް ހަމަ ފިލާވަޅުވެސް ރަނގަޅަށް ހެދި ދޯ؟؟" ފަތީން މަޑުމަޑުން މާޒީގެ ހަނދާންތަކުގެ ތެރެއަށް ދާން ފެށިއެވެ.
"ކިހިނެއްތަ ވާންވީ؟ އަހަރެންވެސް ބޭނުމެއް ނޫނޭ މިހެން އުޅޭކަށް. އެކަމް ނޭނގެ. އަބަދު ސިފަވަނީ އެ މަންޒަރު. ތިމީހަ ބައްޕަ އައިސް މަންމަ އަތުގަ ހިފާލި ގަޑީގަ އަހަރެން ފަކުރުން ހޮޑު ލަވާގަތް. ހިތަށް އެރި ގޮސް ލަޑަންވެސް." އާނިސްގެ ލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ތިއްކެއް ވެއްޓުނެވެ. "މަގޭ މިހާރު ކިތަންމެ އުޅުނަސް ފިލާވަޅު ހަދާހިތެއް ނުވެ. ގޭގަވެސް އުޅޭ ހިތެއް ނުވެ. ބޭނުން ވަނީ މިތަން ދޫކޮށްފަ ދާން.."
"ބައްޕަ ކާރީ ބުނިންތަ ދެން އެވާހަކަ؟" ފަތީން އަހާލިއެވެ.
"ނޫން.. އޭރުން ބައްޕަ ކިހާ ދެރަވާނެ. މަ ބޭނުމެއް ނޫން މަގޭ ސަބަބުން އެމީހުން ޑިވޯސް ވާކަށްވެސް.." އާނިސްގެ އަޑުން އޭނާގެ ހިތުގެ ކެކުޅުން ބޭރުވަމުންދެއެވެ.
"އިޔޮށް ޖެހީ ބެލްވެސް.. މަދެން ދަނީ.. މިސް ކާރި އަހާފަ އަންނަންތަ މަގޭ މިތާ އިންނަން؟ މި ސީޓުގަ އިންނަނީ ކާކުތަ؟" އާނިސް އިންޓަވަލްތަށި ހިފައިގެން ތެދުވިއެވެ.
"ކަލީމް އިންނާނީ މިތާ.. އޭނަ ނާދެ. މިސް ކާރި އަހާފަ އާދޭ މިކޮޅަށް.." އާނިސް ހިނިތުން ވެލިއެވެ.
އިންޓަވަލް ތަށި ދަބަހަށް ލާފައި ފަތީން ބަލާލީ ޝިމާ ފެނޭތޯއެވެ. ޝިމާއާއި ދިމާލަށް ފަތީން ހިނގައިގަތީ އެއްވެސް އުންމީދެއް ނެތިއެވެ. އެހިނދު އޭނާގެ މޭގެ ތެޅުން ބާރުވަމުން ދިޔައެވެ.
"ޝިމާ އަހަރެން ވާހަކައެއް ބުނަން ބޭނުން.." ފަތީން ވާހަކަ ދެއްކިއަޑު ޝިމާއަށް އިވުނު ނަމަވެސް އޭނާ އިސްއުފުލާ ބަލާވެސް ނުލިއެވެ. ކައިރީގައި ހަމްޝާވެސް ވީނުވީ ނޭނގިފައި ބަލަން އިނެވެ.
"ޝިމާ ވާހަކަ ދައްކަބަލަ.." ފަތީން ބުނެލީ ކިލާހުގައި ތިބި އެހެން ކުދިންގެ ސަމާލުކަން ދަމައި ނުގަންނާނެހާ މަޑުންނެވެ. ނަމަވެސް ޝިމާ އިނީ ވާހަކަ ދައްކާގޮތަކަށް ނޫނެވެ. އޭނާގެ މޫނުމަތިން އަނގުރު އަލިފާން ފާޅުވާން ހުއްޓެވެ. ފަތީން އެނބުރި ދާންޖެހުނީ މާޔޫސްވެގެންނެވެ.
ފަތީންގެ ނަސޭހަތްތައް އާނިސް ގަބޫލުކުރި ކަހަލައެވެ. ފަހުން އައި ގަޑިތަކުގައި އާނިސް އިނީ ވަރަށް މަޑުންނެވެ. ފިލާވަޅު ނުހެދިއެއްކަމަކު މުދައްރިސުންނަށް އުނދަގުލެއް ނުކުރެއެވެ.
ސެޝަން ނިމިގެން ހުރިހާ ކުދިން ނުކުމެގެން ދިޔައިރު އާނިސް އިނީ ކިލާހުގައި މަޑުކޮށްގެންނެވެ. ހުރިހާ ދަރިވަރުން ނުކުމެގެންގޮސް ހުސްވި ވަގުތު ޝިރާނީ ކިލާހަށް ވަދެގެން އަންނަ މަންޒަރު އާނިސްއަށް ފެނުނެވެ. އެހިނދު އޭނާގެ މޫނު ފުސްވިއެވެ.
ޝިރާނީ ގޮސް އާނިސްގެ ކައިރީގައި އިން ހުސް ގޮނޑީގައި އިށީނީ މާޔޫސްވެ ހުރެއެވެ. "ކިހިނެއްވީ މިއަދު ދަރިފުޅާ؟" ޝިރާނީ ދެއްކި ވާހަކަ އަށް އާނިސް ސަމާލުކަމެއް ނުދެއެވެ. އޭނާ އިންގޮތަށް ގަނޑުވެފައި އިނެވެ.
ސުކޫލުގެ ގޭޓުން ނުކުތްވަގުތު ޖިޔާދު ދެ ކުއްޖަކާއެކު ހިނގާފައި ދާތަން ފަތީންއަށް ފެނުނެވެ.
"އޭ.. ކޮބާ ތިމީހަ ހިނގާބެ ދިމާވާން.." ދުވެފައި ގޮސް ފަތީން ޖިޔާދުވެ ކޮނޑަށް އަތްވައްޓާލިއެވެ.
"އޭ.. ޚަބަރެއްވެސް ނުވަމެއްނު؟ ކޮންތާކު ތިއުޅެނީ..؟" ފަތީން ފެނުމުން ޖިޔާދު މަޑުވެލިއެވެ.
"އާނ އިނގެއެއްނު ފައޫ ގެއްލުނީމަ ގޭތެރެ އެހާ ރަނގަޅެއް ނުވާނެކަން. އެކަމް އެބައިނޭ މަގޭ މާލެ ދިއުމުގެ ކުރިން ދައްކަން އުޅުނު ވާހަކަ. މިގަޑި ސަޅިވާނެތަ؟" ފަތީން ކުރިއަށް ހިނގައިގަތެވެ.
"ގެއަށްގޮސް ފެންވަރާލާގެން އަންނަންވީނު؟ އޭނީ މަ ދޮންބެ ބަލާ އައިސް ސައިކަލުގަ." ޖިޔާދު ހިނގައިގަތީ ގަހެއްގެ ހިޔަލުގައި އިން އޭނާގެ ދޮންބެއާ ދިމާލަށެވެ.
ޝިރާނީ ކިލާހަށްވަދެ އިށީންފަހުން މާގިނައިރެއްނުވެ ޝައިހާ އައެވެ.
ކަންތައް ވީގޮތް ޝައިހާ ކިޔައިދެންފެށީ އާނިސްގެ ކުރިމަތީ ކޮޅަށް ހުރެއެވެ. ކައިރީގައި ހުރި ގޮނޑީގައި އިން ޝިރާނިވެސް ދެރަވެލާފައި އިނެވެ.
"މިސް ބޭނުން އާނިސް ކުރިން އުޅުންހެން ރަނގަޅަށް އުޅޭތަން ދެކެން. އާނިސް ތިއީ ކުރިން ވަރަސް ރަނގަޅަށް އުޅުނު ކުއްޖެއް.." ޝައިހާ ވާހަކަ ދެއްކީ ދެރަވެލާފައި ހުރެއެވެ.
އާނިސް ބަހަކުންކުރެ ބަހެއް ނުބުނެއެވެ.
"އަޅުގަނޑަށް ފާހަގަ ކުރެވޭ މިހާރު ގޭގަވެސް އާނިސްގެ އުޅުމަށް ބަދަލުތަކެއް އައިސްފައި ހުންނަކަން. އެކަމް އާނިސް އެއްގޮތަކަށްވެސް ނުބުނެ ވާގޮތެއް.." ޝިރާނީ އިނީ ފެންކަޅިވެފައެވެ.
"އާނިސް ދެން ބަސް އަހާނަންތަ ކުލާހުގައި؟" އެތައް ވާހަކައެއްގެ ތެރެއިން ޝައިހާ އަހާލިއެވެ. މިފަހަރު ފަތީން ބޯ ޖަހާލިއެވެ.
"މިސް މި އުންމީދު ކުރަނީ އާނިސް ދެން އެގޮތަށް ނޫޅޭނެ ކަމަށް. އެހެންމީވަ އޯކޭ ދިޔަސް.." ޝައިހާ ހިނިތުންވެލީ ޝިރާނީގެ މޫނަށް ބަލާލާފައެވެ.
"މަންމަގެ ދޫނި ދެން އެހެނެއް ނޫޅޭނެއޭދޯ؟" ޝިރާނީ އާނިސްގެ ބޮލުގައި ފިރުމާލިއެވެ. ނަމަވެސް އާނިސްއަށް އުނދަގޫވި ކަހަލައެވެ. ޖަވާބެއް ދިނުމުގެ ބަލަދުލައި އާނިސް ގޮނޑިން ތެދުވެ ދަބަސް ނަގައިގެން ހިނގައިގަތެވެ.
ޝައިހާގެ ކުރިމަތީގައި ޝިރާނީ ލަދުގަތެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ޝިރާނީ ތެދުވެގެން ހިނގައިގަތެވެ.
"ދަރިފުޅު ކީއްވެތަ ކުލާހުގަ ބަސްނާހަނީ؟" އާނިސްއާ އެއްވަރަށް ހިނގަމުން ޝިރާނީ އަހާލިއެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އާނިސް އެއް ފިޔަވަޅަށްވުރެ އަނެއް ފިޔަވަޅު ބާރު ކުރަމުން ދިޔައެވެ.
"ދަރިފުޅު މިހާރު ކިހިނެއްތަ ތިއުޅެނީ؟ މަންމަ ކައިރީ ބުނެދީބަލަ ވީގޮތެއް!" އާނިސްއާ އެއްވަރަށް ހިނގޭތޯ ޝިރާނީވެސް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ހަލުއި ކުރަމުން ދިޔައެވެ. އެއިރު އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރު އޭނާގެ ބާރުގެ ދަށުގައި ކޮންޓުރޯލު ކުރެވެނީ ހަމަ ކިރިޔާއެވެ.
"ދަރިފުޅު މަންމަ އަކާ ވާހަކައެއް ނުދައްކާނަންތަ؟" ވަކި ހިސާބަކުން ޝިރާނީއަށް ރޮވުނެވެ. މަގު މެދުގައި ޝިރާނީ ހުއްޓުނެވެ. ވަރުބަލިވީމައެވެ.
އާނިސް ފަސްއެނބުރި ބަލާލިއެވެ. މަންމަގެ މޫނުމަތީގައި ދަމާލެވިފައިވާ ހިތާމައިގެ ސާލު ފެނުމުން އާނިސްގެ ހިތް ކުދިކުދި ނުވީ ހަމަ ކިރިޔާއެވެ. މަންމަގެ މައްޗަށް ހިތް ރަހުމުން ފުރިގެންދިޔައެވެ. ހަމްދަރުދީގެ ހިތި ކަރުނައިން އާނިސްގެ ދެލޯ ތެމިގެންދިޔައެވެ.
'އަހަރެން މަންމަ ދެކެ މިހާ މި ރުޅި އަންނަނީ ކީއްވެ؟ ކޮންމެ ކަމެއް މަންމަ ކުރިއަސް އެއީ އަހަރެންގެ މަންމަ ނޫން މީހަކަށް ނުވާނެ. މަންމަ ކޮންމެ ގޮތަކަށް އުޅުނަސް މަންމަ އަހަރެންނަށް ދެމުންދާ ލޯތްބަށް އެއްވެސް ހާލެއްގަ އެއްވެސް ބަދަލެއް ނާދެ. ވީއިރު އަހަރެން މަންމަ ހިތުގަ މި ޖައްސަނީ ކޮން ޙައްޤެއް އޮވެގެން؟' އާނިސްގެ ހިތް ރޮމުން އާނިސްގެ ނަފްސާ ބަހުސްކުރިއެވެ. ނަމަވެސް އާނިސްގެ ސިކުނޑި އަދިވެސް މަންމައަށް މަޢާފުކުރަން ބޭނުން ނުވާ ކަހަލައެވެ. "އަހަރެން ދެން ނޫޅޭނަމޭ އެގޮތަކަށް. ދެން ހިނގާބަލަ ގެއަށްދާން.." ވަރަށް ހިތްވަރުކޮށްފައި ނަމަވެސް އާނިސް ޖަވާބު ދިނީ ރުންކުރު ގޮތަކަށެވެ.
'އަހަރެން މަންމައަށް މަޢާފު ކުރަންވީބާ؟؟؟ ނޫން!!! މަންމަ ކުރީ އެއަށްވުރެ މާ ދަށުދަރަޖައިގެ ޢަމަލެއް.. އަހަރެން ކިހިނެއް މަންމައަށް މަޢާފު ކުރާނީ؟ އަހަރެން މަންމައަށް މަޢާފުކޮށްފިމަނަ އެއީ ބައްޕައަށް ކުރެވޭ ކިހާބޮޑު ބޭއިންސާފެއް؟ އަހަރެން މަންމައަށް މަޢާފުކޮށްފިނަމަ އަހަރެންވެސް އެ ހަޑި ޢަމަލުގައި ބައިވެރިވިކަމަށް ވާނީ.. އެހެންވީމަ ކިހިނެއް އަހަރެން ގޮތްދޫކުރާނީ؟'
'ނޫން އާނިސް.. އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރި ނުވެބަލަ. މަންމަގެ ހިތުގަ ޖެއްސުމަކީ ކިހާބޮޑު ފާފައެއްކަން ކަލޭ ހަނދާން ނެތުނީތަ؟ އިސްލާމް ގަޑީގައި މުދައްރިސް ނަގާދެއްވާ ފިލާވަޅުތައް ކަލޭ ރަނގަޅަށް ހަނދާންކޮށްބަލަ! ދަރިއެއްގެ ސަބަބުން މަންމައެއްގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓުނަސް އެ ދަރިއަކު ސުވަރުގެ ނުވަންނާނެކަން މި އުންމަތުގެ މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާކަން ކަލޭ ހަނދާން ނެތުނީތަ؟ މަންމަ ކޮންމެ ގޮތަކަށް އުޅުނަސް ދީނުން ބޭރުވާން ނާންގާހާ ހިނދަކު މަންމައަށް ކިޔަމަންވާން މާތް ﷲ އަންގަވާފައިވާކަން ހަނދާންކޮށްބަލަ. އެކަލާނގެއަށް ނުކިޔަމަންތެރިވުމުން ކައްވަޅުގަޔާއި އާޙިރަތުގައި ލިބޭނެ ގަދަފަދަ ޢަޒާބަށް ކަލޭ ބިރުނުގަންނަނީތަ؟' މަގުމަތީގައި ހިނގަމުން ދިޔައިރު އެތައް ވާހައެއް އާނިސްގެ ސިކުނޑިއަށް ވިސްނައިދެވޭތޯ އޭނާގެ ހިތް މަސައްކަތް ކުރަމުން ދިޔައެވެ.
'ނޫން.. އަހަރެން މި ހުރިހާ ދުވަހަކު މިއުޅުނީ ކިހިނެއް؟؟ ކިހާ ފާފައެއް އަހަރެންނަށް ކުރެވިފަ ހުންނާނެ.. އެކަމަކު މިއަދު އަހަރެން މި ދެރަވަނީ މަންމަ ރޯތަން ފެނުނީމަބާ؟ ނޫނީ އެއީ ހަމަ ޙަޤީޤަތުގައިވެސް ދީނުގަ މަނާ ކަމަކަށް ވާތީބާ؟' އާނިސްގެ ސިކުނޑި އޭނާގެ ނަފްސާ ކުރަމުން ދިޔައީ މުޅިން އެހެން ސުވާލުތަކެކެވެ.
ފެންވަރާ ނިމިގެން ފަތީން އަވަސްކޮށްފައި ދިޔައީ ޖިޔާދުމެން ގެއަށެވެ.
"ހަލޯ ނުކުމެބަލަ.." އެގޭގެ ފާރުބިތުގައި އިނގިލީގެ ކުރިން ޖަހާލަ ޖަހާލަ ފަތީން ހުއްޓެވެ.
"އޭ މި ނިކުންނަނީ.."
ޖިޔާދު ނުކުންނާކަށް މާގިނައިރެއް ނުވިއެވެ. ދެ އެކުވެރިން ހިނގާފައި ގޮސް އިށީނީ މާ ދުރުނޫން ހިސާބެއްގައި ހުރި ޖޯއްޔެއްގައެވެ.
"ހްމްމްމް.. ކިޔާބެ! ކިހިނެއް ވެގެންނޭ ތިއުޅެނީ؟ އެރޭ ކިހިނެއްތަވީ؟" ޖިޔާދު ފަތިފައްޗަށް ސުވާލުތައް އަމުނާލިއެވެ.
"އާނ އެރޭ ދޯ؟ ކަލޯގެޔާ ބުނަން މަ މުޅިން ނޮޅައިފިޔޭ އެ އާދަމުގެ ދަރި.. މަށަށް ޖެއްސީ ޝީމާ ގަޔަށް.." ފަތީން އެރޭ ވީގޮތް ކިޔައިދޭން ފެށިއެވެ.
ފަތީންގެ ވާހަކަތައް ކަނުލާ އަޑުއަހަން ޖިޔާދު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެވާހަކަތައް އިވިފައި ޖިޔާދު އިނީ ހައިރާންވެފައެވެ.
"އެހެންވެ މިބުނީ.. ކޮންމެސް ގޮތަކުން.. ސަހާ ލައްވަ އާދޭސް ކުރުވާގެން ވިއަސް ޝިމާ މަށާ ވާހަކަ ދައްކާގޮތް ހަދާދީބަލަ.. ޝިމާ އެގޮތަށް ރުޅިއައިސްގެން ހުންނަތަން ބަލަން މަށަކަށް ކެތެއް ނުކުރެވޭނެ.." ފަތީން ވާހަކަ ނިންމާލިއެވެ.
"ކީކޭ މަ ދެން ބުނާނީ؟ ތި ވާހަކަ މަށަކަށްވެސް ނުކެރޭނެ ދައްދާކަށް.. އަދި ހާއްސަކޮށް ސަހާ ގާތު. އޭނަ ކިހާ ދެރަވާނެ.. އަނެއްކޮޅުން މަގޭވެސް ކިހާ ލަދުގަންނާނެ ސަހާ ކުރިމަތީ އެހެން ބުނަން.." ޖިޔާދުގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ.
"މަށަށް އަންޑަސްޓޭންޑް ވެޔޭ ތިކަން. ބުނެބަލަ ވީގޮތެއް ނޭނގެޔޭ މަބުންޔޭ.. އެކަމްވެސް މަށާ ވާހަކަ ދައްކަ ބަލާށޭ ބުނާށޭ.." ފަތީން އާދޭސް ކުރަން ފެށިއެވެ.
ފަތީންގެ އެ އާދޭސްތަކަށް ބީރު ކަންފަތެއް ދޭކަށް ޖިޔާދު އަކަށް ނުކެރުނެވެ. ޖިޔާދު ފޯނު ނަގާ ސަހާއަށް ގުޅިއެވެ.
"އެބައުޅޭ ތިއްތަ ކޮޓަރީގަ.. ކިހިނެއްވީ؟" ސަހާ އިނީ މައިގެތެރޭގައެވެ.
"ފަތީން ބުނީ މިހާރު ތިއްތަ ފަތީން އަކާ ވާހަކައެއް ނުދައްކަޔޯ.. ބުނެބަލަ ވާހަކަ ދައްކާށޭ.."
"ފަތީން ބުނިތަ ކީއްވެ ކަމެއް ވާހަކަ ނުދައްކަނީ؟" ސަހާ ސޯފާއިން ތެދުވިއެވެ.
"ނޭނގެ.. ފަތީން ބުނީ ނޭނގެއޯ.. ދީބަލަ ތިއްތަ އަތަށް ފޯނު.. ފަތީން އެބަ ހުއްޓޭ މިތާ.."
"ތިއްތާ މި ފޯނުން ވާހަކަ ދައްކަބަލަ.." ސަހާ ކޮޓަރިއަށް ވަތްއިރު ޝިމާ އިނީ ފޯނުން ގޭމް ކުޅޭށެވެ.
"ކާކު؟" ޝިމާ އަހާލިއެވެ.
"ފަތީން.." ސަހާ ހުއްޓިލީ ޝިމާގެ ކުރިމަތީގައެވެ.
"ނޫޅެން.. ބުނޭ މިގަޑީގަ ބިޒީ އޭ.." ޝިމާ މޫނު ހަދާލިއެވެ.
"އަޑު އިވިއްޖެތަ؟" ސަހާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
"ދެން ކިހިނެއް ހަދާނީ؟" ޖިޔާދު ސުވާލު ކުރީ ސަހާއަކާ ނޫނެވެ. ފަތީން އަކާވެސް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސާއެވެ.
"ކީކޯ.." ކައިރީގައި ފަތީން ހުރެ ޖިޔާދުއާ ސުވާލު ކުރަމުން ދިޔައެވެ. ފަތީންގެ ދެފައި އެންމެ ހިނދުކޮޅަކަށްވެސް ހިމޭނެއް ނުވެއެވެ.
"އަހާބަލަ ކިހިނެއް ވީހޭ.. ކީއްވެހޭ މިހާރު ވާހަކަ ނުދައްކަނީ؟" ފަތީން ކުރި ސުވާލުގެ ޖަވާބަކަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލުމަށްފަހު ޖިޔާދު ސަހާއާ ވާހަކަ ދެއްކިއެވެ.
"ތިއްތަ ކީއްވެހޯ މިހާރު ފަތީންއާ ވާހަކަ ނުދައްކަނީ؟"
"ކޮއްކޮ މިކަމުގެ ތެރެއަށް ނުވައްދާށޭ ބުނެބަލަ.. ކޮއްކޮ ތި ކަމަކާ އަޅާނުލާ ދޭބަލަ ފޮތްތައް ކިޔަން.." އަޑުހަރުކޮށް ޝިމާ ޖަވާބުދިނެވެ.
"ހަލޯ.." ސަހާ ދެރަވެލާފައި ބުނެލިއެވެ.
"ދެން އަޅާނުލާ.. އަހަރެން ބުނާނަން ފަތީން ކައިރީ އެހެން ގޮތެއް ހޯދާށޭ.. އިހަށް ބާއްވަނީ.."
"ނުވިއޭ.. ވާހައެއް ނުދައްކާނަމޯ.." ފޯނު ކަނޑާލާފައި ޖިޔާދު ބުނެލިއެވެ.
"އަޅެ.. ކިހާ ދެރަ ކަމެއް މިވީ.. ހިތަށް އަރާ އެ ނުލަފާ މީހާ މަރާލަންވެސް.." ފަތީން ބޮލުގައި އަތް އަޅާލިއެވެ.
"މަށަށް ފެންނަނީ ދެން ތިވާހަކަ ދައްކަންޔާ އެގެޔަށް ދާން.." ޖިޔާދު ހިޔާލެއް ދިނެވެ.
"ތިއްތާ ކިހިނެއްތަ މިވަނީ؟ ކޮން ކަންތައްގަނޑެއްތަ މިއީ؟" ސަހާ ހާސްވެގެން އަހާލިއެވެ.
"އެއްވެސް ކަމެއް ނުވެއޭ.. ކޮއްކޮ ހާސް ނުވެބަލަ." ޝިމާ އިސް އުފުލާ ބަލާވެސް ނުލިއެވެ.
"އަޅާ ނުލައެއް ނުހުރެވޭނެ މިހިސާބަށް ދިޔައިމަކާ.." ސަހާ ރުޅިއައިސްގެ ޝިމާގެ ފޯނު އަތުލިއެވެ. ޝިމާގެ ސަމާލުކަން އަތުލުމަށެވެ.
"ތެދަށް ބުނޭ.. މިދިޔަ ހަފްތާ ތެރޭ ވީ ކަންތަކާ ފަތީންއާ އެއްވެސް ގުޅުމެއް ވޭތަ؟" ސަހާ ހިތް ހަމަނުޖެހިގެން ހުރެ ވާހަކަ ދެއްކިއެވެ.
"މަށަށް ކޮން ކަމެއްތަ އޮޅުވާލަން ތިއުޅެނީ؟ ޖިޔާއާ މަށާ އެންމެ ފަހުން މީޓަށް ދިޔަރޭ ދައްތަ ދިޔަ ތަނެއް ދައްތައަށް ކީއްވެ ނުބުނެވެންވީ؟ އެރޭ ދައްތަ ރޮމުން ރޮމުން އައީ ކީއްވެ ކަމެއް ކީއްވެ ސާފުކޮށް ކިޔާ ނުދެވެންވީ؟ ބުނެބަލަ. ކޮން ސިއްރެއްތަ ތި ފޮރުވަނީ.. މަގޭ ހަނދާން އެބަ ހުއްޓޭ އެރޭ ގެއަށް އައި އިރު ތިއްތަގެ ތުންފަތުގެ ލިޕްސްޓިކްސްތައް ވެސް ހުރީ މުޅި ތުންފަތް މައްޗަށް ފޭޑް ވެފަ.. އެވަރުންވެސް ކަމެއް ނުވެއޭ ބުނީމަ އަހަރެން ވީ ޤަބޫލުކުރަންތަ؟" ސަހާގެ ވާހަކަތައް ނިމެންދެން އޭނާގެ މޫނަށް ބަލަން އިން ޝިމާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައެވެ. ސަހާވެސް ހުރީ ފެންކަޅިވެފައެވެ.
"ތިއްތާ އާދޭސް ކުރަން.. ލެޓް މީ ހެލްޕް ޔޫ.. އެރޭ ވީ ގޮތް ކިޔާދީބަލަ. މީހަކު ތިއްތައާ ގަދަކަމުން ބެހުނީތަ؟" ސަހާގެ އަޑު މަޑުވިއެވެ.
ޝިމާ ދެލޯ މަރާލިއެވެ. އަދި މޫނުގައި އަތް އަޅައިގެން ކުޑަ އިރުކޮޅަކު އިނުމަށްފަހު ތެދުވިއެވެ.
"ތިއް.." ޝިމާ ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު ކޮޓާރީގެ ދޮރު އޭނާގެ މަންމަ މާރިޔާ ހުޅުވާލިއެވެ.
"ދަރިފުޅާ ޝިމާ.. އެބަހުރި ދަރިފުޅު ހޯދަން ފަތީން އައިސް.." މާރިޔާ މިހެން ބުނެފައި ދޮރު ލައްޕަން އުޅެފައި ހުއްޓެލިއެވެ.
"ދަރިފުޅު ރޮނީތަ؟" ޝިމާގެ މޫނުމަތި ރަތްވެ ދެލޯ ތެމިފައި ހުރިތަން މާރިޔާއަށް ފެނުނެވެ.
"ނޫން.. ލޮލަށް ކުނޑިކޮޅެއް ދިޔައީ އަލަމާރި ހުޅުވާލިތަނާހެން.. ބުނޭ އެބަ ދަމޭ.."
މާރިޔާ ހީލާފައި ދޮރު ލައްޕާލިއެވެ.
"މިއީ އަހަރެން ތިއްތަ ކައިރިން އަހާނެ އެންމެ ފަހު ފަހަރު.. ތިއްތަ ކިޔާ ނުދީފިއްޔާ އަހަރެން ދެން އަހާނީ ފަތީން ގާތު!" ސަހާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
ޝިމާ ކުޑައިރުކޮޅަކު ސަހާއާއި ހަތަރުކަޅި ހަމަކޮށްގެން ހުރެލުމަށްފަހު އަނގައިން އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނުކުތެވެ.
"ކޭން ވީ ޓޯކް؟" ޝިމާ ބޭރަށް ނުކުތްއިރު ފަތީން ހުރީ ގޭގެ ފެންޑާގައެވެ.
ޝިމާ ނުރުހުންވެ ހުރެ ބޯ ޖަހާލިއެވެ.
"ރުޅިއައިސްފަ ހުރުމަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެ. މިހެން ބުނާއިރުވެސް އަހަރެންނަށް އިނގޭ އަހަރެން ކޮށްގެން މިހުރީކީ ކޮށްގެން ވާނެ ކަމެއް ނޫންކަން. އެންމެ ކުޑައިރުއްސުރެ ބެސްޓުފުރެންޑެއްގެ މަގާމުގަ ހުރެ ދޭން ޖެހޭ ހިމާޔަތާ ރައްކާތެރިކަން އަހަރެންގެ ފަރާތުން ޝިމާއަށް ނުދެވުނުކަން އަހަރެން މިއަދު ގަބޫލުކުރަން. އަދި އަހަރެން ކުރި ކަމަކީ އިއްފަތްތެރި އަންހެން ކުއްޖަކަށް މާފު ނުކުރެވޭނެ ވަރުގެ ކަމެއްކަންވެސް އަހަރެންނަށް އިނގޭ. އެހެންވީމަ އަހަރެން އެކަމަކަށް މާފަކަށްވެސް ނޭދޭނަން.."
ފަތީން ވާހަކަ ދައްކަމުން ދިޔައިރު ޝިމާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އޭނާގެ މޫނުވެސް ދެކެން ބޭނުން ނުވާތީއެވެ.
"އެކަމަކު ޝިމާ އަށް އިނގޭތަ އަހަރެން ޝިމާއާ ދޭތެރޭ ކެއާ ކުރާވަރު؟ އެރޭ ޝިމާ އެތަނަށް ދިޔަ ނުދޭން އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް އަހަރެން ކުރިން.." ފަތީން ހުރީ ވަރަށް ދެރަވެފައެވެ.
"ކީކޭ؟؟ އަހަރެން އެތަނަށް ދާނެކަން ކުރީއްސުރެ އިނގޭތަ؟ އެނގިހުރެތަ އަހަރެންނަށް މި ލަނޑު ތިދިނީ؟ ތިއީ ކޮންކަހަލަ ރަޙުމަތްތެރިއެއް؟" ޝިމާއަށް ރޮވުނެވެ.
"އަހަރެންނަށް ކޮންމެ އެއްޗެއް ގޮވިއަސް ހެޔޮ.. އެކަމާ އަހަރެންގެ އެއްވެސް ޝަކުވާއެއްވެސް ނެތް. މިއަދު ޝިމާ ކިޔާނެ ހުރިހާ އެއްޗެއްސަކީވެސް އަހަރެންނަށް ހަމަ ޙައްޤު އެއްޗެއްހި.. އެކަމަކު އަހަރެންނަށް ނުވިސްނެނީ ހަމަ އެންމެ ކަމެއް.. އެރޭ ޝިމާ އެތަނަށް ދާންވީ ކީއްވެކަމެއް! އެއީ އަހަރެންނަށް މެސެޖު ކުރާ މީހާކަން އެނގިހުރެ ޝިމާ އޭނަޔާ ކޮންޓެކްޓް ވަމުންދިޔައިރު އަހަރެންނަށް އެކަން ސިއްރުކުރީ ކީއްވެހޭ؟" ފަތީން ގޮސް ޝިމާގެ ކުރިމަތީގައި ހުއްޓުނެވެ.
ޝިމާ ދެލޯ ކުޑަކޮށްލިއެވެ. ޝިމާގެ ސިއްރު ފަތީންއަށް އެނގިފައި ނުވާކަން ޝިމާއަށް ޔަގީންވީ އެވަގުތެވެ. އެ ސިއްރު ވަންހަނާ ކުރުމަށް އަމިއްލަ ނަފުސުގެ ދިފާއުގައި އިތުރަށް ވާހަކަ ދެއްކުމަށް ޝިމާއަށް މަޖުބޫރުވިއެވެ.
"ފަތީން އަހަރެން ކައިރީ ނުބުނެ ތި ސިއްރުކުރަނީ ކިތައް ކަންތައް؟ ފަތީންވެސް ފަހުން އޭނަޔާ ކޮންޓެކްޓު ވިކަން ސިއްރު ކުރީމަދޯ މިކަންތައް މިހިސާބަށް ދާން މިޖެހުނީ.."
ޝިމާ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.
"ފުރަތަމަ ބަލަންވީ އެމީހާގެ ވިސްނުން ހުރީ އަހަރެން ނޮޅާލަންކަން އެނގިހުރެ ފަތީން އެތަނަށް ދާން މަޖުބޫރުވި ސަބަބެއްނު؟ އަހަރެންގެ އިއްފަތްތެރިކަމުގެ ރައްކާތެރިކަމަށްވުރެ މުހިންމު އެހެންކަމެއް ފަތީންގެ އޮތްއިރު، އަހަރެން ތެޅިތެޅި އޮއްވަ އަހަރެން ނޮޅާލީއިރު ފަތީން ސިއްރުކުރަން ތި މަސައްކަތްކުރާ ސިއްރެއް އަހަރެން ކައިރީގައި ބުނެދީބަލަ.. އެއެއް ބަލަން އަހަރެން އަދި މާބޮޑަށް ބޭނުން.."
ޝިމާގެ ވާހަކަ މަޑުމަޑުން ޒުވާބަށް ބަދަލުވާ ކަހަލައެވެ.
"ތެދެއް.. އަހަރެން ސިއްރު ކުރިން ވަރަށް ގިނަ ކަންކަން.. އެކަމަކު އަހަރެން ހިމާޔަތް ކުރެވޭތޯ މަސައްކަތް މިކުރަނީ ކިތައް މީހުންކަން ޝިމާއަށް އެނގޭތަ؟ އަހަރެން އޭނަޔާ ކޮންޓެކްޓް ވާކަން ސިއްރު ކުރަން ޖެހެނީ ކީއްވެގެންކަން ޝިމާއަށް އެނގޭތަ؟"
ފަތީންގެ ދެލޯ ފޯވަމުންދިޔައިރު އޭނާގެ އަޑުވެސް ބޭރުވަނީ ވަރަށް ހިތްވަރުންނެވެ.
"މީހުން ބުނަނީ ތެދެއް.. ހެޔޮކަމެއް ކޮށްދޭ މީހާއަށް އާޚިރުގަ ލިބޭނީ ތެޔޮހަމެއް. އެކަމަކު އަހަރެން ނުބުނާނަން ޝީމާ އަހަރެންނަށް ތެޔޮހަމެއް ދިނެކޭ.. އެއީ ޝިމާއަށް ނޭނގޭ ކިތަންމެ ކަމެއް އަހަރެން ސިއްރު ކޮށްފަ ހުރީމަ. ތިހާ ވަރަށް އެހީތީ ބުނެދީފާނަން. ސުކޫލުގަ ސުޕަވައިޒާސް ރޫމުގެ ހުރިހާ ކޮމްޕެއް ތަޅާލީ މަށާ ޖިޔާދުއާ ވެގެން.. އެއީ ސުނިލް ސާރ ސަހާއާ އަޅައިގަނެގެން އުޅޭތީ.. އޭނައަށް ލަނޑެއް ދޭންވެގެން. އެކަން ކުރަން އަހަރެން ގާތުން އެދުނީ ޖިޔާދު. އަހަރެން އެކަން ކުރަން ނިންމީ އެއީ ސަހާ ވީމަ. ސަހާއަށް އެގޮތަށް ޖިންސީ ގޯނާ ކުރާތީ ޝިމާ ވާދެރަ އަހަރެންނަށް ފެންނާތީ ޝިމާއަށްޓަކާ އަހަރެން ކުރިކަމެއް އެއީ.. އެރޭ މަށާ ޖިޔާދުއާ އެތަނަށްވަދެ ކުރި ހުރިހާ ކަމެއް އެ ނުލަފާ މީހާގެ އަތުގަ ވީޑިއޯ ކޮށްފަ އެބަ އޮތް. އޭތި އޭނަ ލީކު ކޮށްލާފިއްޔާ ގެއްލިގެންދާނީ މަށާ ޖިޔާދުގެ އޭލެވެލް. ފަހަރެއްގަ ސަހާގެ އޯލެވެލްވެސް ނުލިބުން އެކަށީގެންވޭ. ހަނދާންވޭތަ އެ ހަފްތާ ޕުރިންސިޕަލް ހުރިހާ ކުލާހަކަށް ގޮސް އެކަން ކުރި ކުދިން ހޯދާފައި އިމްތިހާންގައި ނީށީނދެވޭގޮތަށް ސަސްޕެންޑް ކުރާނަމޭ ބުނިކަން؟ ދެން ޝިމާ ބުނެބަލަ އަހަރެންނަށް އެރޭ އެހެން ގޮތެއް ހެދެން އެބަ އޮތްތަ؟"
"އެކަމް ތިކަމާ އަޅުވާފަ އަހަރެންނަށް އެހާބޮޑު ލަނޑެއް ދިން އިރު ފަތީން ވިސްނާލިންތަ ފަހުން ވެދާނެ ގޮތަކާމެދު؟ އަހަރެން ބަނޑު ބޮޑު ވިއްޔާ އަހަރެންނަށް ތި ބުނާ އޭ ލެވެލް ލިބޭނެތަ؟ އަހަރެން މައިންބަފައިން ގަންނާނެ ލަދާ މެދު ވިސްނާލިންތަ؟ ދެން އަހަރެން ކިހިނެއް ގަބޫލު ކުރާނީ ތިއީ އަހަރެންނަށް ހެޔޮ އެދޭ މީހެއް ކަމަށް؟" ޝިމާ ރޮމުންހުރެ ވާހަކަ ދެއްކިއެވެ.
"އިނގޭ ޝިމާއަށް މި ދަނޑިވަޅު އަހަރެން ދައްކާ އެއްވެސް ވާހަކައެއް އެކްސެޕްޓް ނުކުރެވޭނެކަން.. ޝިމާއަށް އެކަހަލަ ކަމެއް ދިމާވީމަ އިނގޭނީ އަހަރެންނަށް ވީ ގޮތް.. އަހަރެންނަށް އެރޭ ގޮތް ހުސްވި. ހަދާނެ ގޮތެއް ނޭގުނު އަހަރެންނަކަށް.." ފަތީން ބޮލުގައި ދެއަތް އަޅާލިއެވެ.
"ހުހްހް.. ހުސް ފުލޯކު ވާހަކަ.. އަހަރެން ތިއިން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަން. އަހަރެންނަށް ރަނގަޅީ ފަތީން ދެން ދުވަހަކުވެސް އަހަރެންނާ ވާހަކަ ނުދެއްކިއްޔާ..." ޝިމާ ގޭތެއަށް ވަންނަން ދުއްވައިގަތެވެ.
"އަހަރެން ދައްކަން ބޭނުން ވާހަކަތައް އަޑުއަހާފަ ނޫނީ ޝިމާއަކަށް ނުދެވޭނެ." ފަތީން ޝިމާގެ އަތުގައި ހިފެހެއްޓިއެވެ.
"ނިކަން ބުނެބަލަ! އެއްވެސް ކަމަކާ ނުލާ ގޮތްނޭގޭ މީހަކު ހަމަ ބުނެލާއިރަށް އެއްވެސް ބެކަޕެއް ނެތި އެހާ އެކަހެރި ހިސާބަކަށް ޝިމާ ދާންވީ ކީއްވެ؟ ގައިމު ކޮންމެސް ބޮޑު ސަބަބެއް އޮންނާނެތާ.." ފަތީން ޝިމާގެ ކުރިމަތީގައި ހުއްޓުނެވެ.
ޝިމާ ހުރީ ފަތީންއާ ހަތަރުކަޅި ހަމަކޮށްގެންނެވެ. ޝިމާގެ ދެލޮލުން ހިތާމަ ފަތީންއަށް ފެނުނެވެ. ބުނެދޭން ބޭނުންވާ އެތައް ވާހަކައެއް އެ ހިތުގައި ވާތަން ފަތީން އެ ދެލޮލުން ދެކުނެވެ.
"ކީއްވެ ބަސް ހުއްޓުނީ؟ ޝީމާ މަށަށް ނުކިޔާދެވޭ ވަރުގެ ކޮންކަމެއް ތި ފޮރުވަނީ؟" ފަތީން ހިތްހަމަ ނުޖެހޭގޮތް ވިއެވެ.
"އެއީ ފަތީން ބަލަން ޖެހޭ އެއްޗެއް ނޫން.." ކުޑަ އިރުކޮޅަކު ހުރުމަށްފަހު ޝިމާ ހިނގައި ގަންނަމުން ބުނެލިއެވެ.
މިފަހަރު ފަތީން އޭނާގެ އަތުގައި ހިފެހެއްޓުމުންވެސް ޝިމާ ދިޔައި އެ އަތް ފޮޅާލާފައެވެ.
ޝިމާ ކޮތަރިއަށް ވަތްއިރު ސަހާ ކޮޓަރިއަކު ނެތެވެ. ޝިމާ ރޮމުން ރޮމުން އެނދުމައްޗަށް ވެއްޓިގަތެވެ.
'ޓްރިން ޓްރިން' ޝިމާގެ ފޯނު ރިންގްވާން ފެށިއެވެ. އެއީ ޝިމާގެ ފޯނަށް އާ ނަންބަރެއް ނޫނެވެ. ގުޅަމުން އެދަނީ އެ ނުލަފާ މީހާއެވެ. ފޯނު ކެނޑެންދެން ފޯނަށް ބަލަން ޝިމާ އޮތެވެ.
އެގޮތުގައި އެ ފޯނުކޯލު އެތައް ފަހަރަކު ތަކުރާރުވިއެވެ. އެ ނަންބަރު ބްލޮކް ކޮށްލަންވެސް ޝިމާ ހިތަށް އެރިއެވެ. ނަމަވެސް އޭނަ ނުރުހޭ އެއްވެސް ގޮތެއް ހެދޭކަށް ޝިމާއަކަށް ނެތެވެ. ޝިމާގެ ބޮޑު ސިއްރު ޝިމާ ހިފަހައްޓަން ޝިމާއަށް މަޖުބޫރެވެ.
"ހަލޯ.." އެތައް ފަހަރަކު ރިންގް ވި ފަހުން ޝިމާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ހާދަ ލަހުންނޭ ފޯނު ތި ނެގެނީ.. މަގޭ ގާތަށް ވަރަށް ރުޅި އަންނާނެ އެހެން ވަންޔާ.." އޭނާގެ އަޑުގައި ލޯބީގެ ބަދަލުގައި މިހާރު ހުރީ ރުޅިވެރިކަމެވެ.
"އެބަ އިނިންތަ؟" ޝިމާގެ އަޑެއް ނީވުމުން އޭނާ އަހާލިއެވެ.
"ހްމް.." ޝިމާ ކުރުގޮތަކަށް ޖަވާބު ދިނެވެ.
"މިރޭ ހަތެއް ޖަހާއިރަށް އަހަރެމެންގެ އައްޑާއަށް އާދޭ.. މަލައްވަ މާގިނަ ވާހަކަ ދައްކުވަން ނުހަދާތި.. އެއްވެސް މީހަކު ގެނެސްގެން ނުވާނެ.. ސީދާ ގަޑިއަށް ހުންނަން ޖެހޭނެ. ކަލޭއަށް އެނގޭނެ މަ ކޮންމެ ވައްތަރެއް ޖެއްސިޔަސް ކަލޭ ޖެހޭނީ ހެދިގޮތެއް ހެދިގެން ހުންނަންކަން.. ހަނދާން ކުރާތި މިރޭ ނައިސްފިއްޔާ މާދަމާ މުޅި ރަށުގަ ކަލެޔާ ފަތީންއާ ބޭޒާރު ކޮށްލާނަން. ކަލޭތީ ފިރިހެނަކު ގާތްވާން ހެޔޮވެސް ނުވާވަރުގެ މީހެއްކަން މުޅި ރަށަށް އަންގާލާނަން.." އޭނާ ދައްކަންހުރި ވާހަކަތައް ދައްކާ ނިމުމާއެކު ފޯނު ކެނޑުނެވެ. ފޯނު ކަނޑާލީ ޝިމާ އަށް އެއްޗެސް ބުނާނެ ފުރުސަތެއްވެސް ނުދީއެވެ.
ފޯނު އެނދުމަތީގައި ބޭއްވުނު ކަމެއްވެސް ޝިމާއަކަށް ނޭނގެއެވެ. އެންމެ ކައިރިން އަތުޖެހުނު ބާލީހުގައި އޮޅުލައިގަތީ އަޑުން އަޑުނަގާ ރޯން ފަށަމުންނެވެ. ބިރުން މޭ ތުރުތުރު އަޅަމުން ދިޔައެވެ. ހަދާނެގޮތް ހުސްވިއެވެ. އޭނާގެ ކިބައިން ސަލާމަތް ވެވޭނެ ގޮތެއްވެސް ނެތެވެ. އެހީއަކަށް އެދި އަތެއް ދިއްކޮށްލާނެ މީހަކުވެސް ނެތެވެ. މި ހާލުގައި މޮޔަވުން ނޫން ގޮތެއް ޝިމާއަކަށް ނެތެވެ.
= 23 ވަނަބައި ނިމުނީ =