Advertisement

11 Jul 2024
ޔޫއެފާ ޔޫރޯ
މިފްތާޙް މުޙައްމަދު

ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ފައިނަލުން އިންގްލެންޑު ޖާގަ ހޯދައިފި

ޖެހިޖެހިގެން ޔޫރޯ ޗެމްޕިއަންޝިޕްގެ ފައިނަލުން ދެވަނަ ފަހަރަށް އިންގްލެންޑް ޖާގަ ހޯދައިފިއެވެ. އަދި މިއީ ގައުމުން ބޭރުގައި އެ ޓީމުން ސެމީ ފައިނަލަކުން މޮޅުވެ، ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ގެ ފައިނަލް މެޗު އިންގްލެންޑުގެ ވެމްބްލީގައި ކުޅުނު އިރު، އެ ޓީމު ފައިނަލުން ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. އެ މެޗުގެ ދެވަނަ މިނެޓުގައި އިންގްލެންޑުގެ ޑިފެންޑަރު ލޫކް ޝޯ ގޯލެއް ޖަހާފައި ވަނިކޮށް، އިޓަލީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ 67 ވަނަ މިނެޓުގައި ބޮނުއްޗީ ޖެހި ގޯލަކުންނެވެ. އަދި ޕެނަލްޓީ ޝޫޓް-އައުޓުން އިންގްލެންޑު ބަލިވީ، ރަޝްފޯޑު، ސަންޗޯ އަދި ސަކާއަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެވެ. 

މީގެ ކުރިން ޖެހިޖެހިގެން ޔޫރޯގެ ފައިނަލުން ޖާގަ ހޯދާފައިވާ 3 ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ވެސް ވަނީ ކޮންމެވެސް އެއް މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ޖާރމަނީގެ ޓީމުން ވަނީ 3 ބުރެއްގެ މަތިން ޖެހިޖެހިގެން ދެފަހަރަށް ފައިނަލް ކުޅެފައެވެ. އެހެންކަމުން އެ ހުކުން ހިނގާނެނަމަ، މި ފަހަރުގެ ޔޫރޯ ފައިނަލް ވެގެންދާނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އިންގްލެންޑުން ތައްޓެއް ކާމިޔާބު ކުރާނެ ފުރަތަމަ ފަހަރަށެވެ.

މީގެ ކުރިން މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ޖާގަ ހޯދާފައިވަނީ ޔޫއެސްއެސްއާރު (1960/1964)، ޖާރމަނީ (1972/1976، 1976/1980، 1992/1996) އަދި ސްޕެއިން (2008/2012) އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑުގެ ސްކޮޑާއި ބަލާފައި އެ ޓީމުގެ ކުޅުން ދަށްކަމުންނާއި، ބެންޗުގައި ތިބޭ މޮޅެތި ކުޅުންތެރިން ބޭނުންކޮށް ޓެކްޓިކަލް ބަދަލުތައް ކުޅުމުގެ ތެރެއިން ނުގެންނާތީ، އިންގްލެންޑުގެ ކޯޗު ގެރެތު ސައުތު ގޭޓަށް ދިޔައީ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ. ނަމަވެސް ނޮކް-އައުޓް މެޗުތަކުން ފެށިގެން އިންގްލެންޑުގެ ކުޅުން ރަގަޅު ވަމުން އައިތަން ފާހަގަ ކުރެވުނެވެ.

އެގޮތުން ރޭގެ މެޗުގައި އިންގްލެންޑު މެޗުން މޮޅުވި ގޯލަކީ ވެސް ޓެކްޓިކަލް ބަދަލަކަށްފަހު ކާމިޔާބުކުރި ގޯލެކެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮލީ ވޮޓްކިންސް މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ގޯލެކެވެ. އޭނާ ކުޅެން ނިކުމެފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭންގެ ބަދަލުގައެވެ.

ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ އިންގްލެންޑުން ނެދަލޭންޑްސް އާ ބައްދަލުކުރި މެޗުގެ 7 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ 22 އަހަރުގެ ޒަވީ ސިމޯންސް ވަނީ، ރީތި ގޯލެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ 11 މިނެޓުފަހުން ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރ ބެންޒެލް ޑަމްފްރީޒް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލުގެ ތިރީ ކަނަށް ފޮނުވާލުމަށްފަހު މެޗުގެ ނަތީޖާ ހަމަހަމަކުރީ ކޭންއެވެ.

މެޗުން މޮޅުވި ގޯލަކީ، 81 ވަނަ މިނެޓުގައި ކުޅެން ނިކުތް ކޯލް ޕާމާ އަދި ވޮޓްކިންސްގެ ގުޅުން ފެނިގެން ދިޔަ ގޯލެއް ވެސް މެއެވެ. އެގޮތުން ޕާމާ ދިން ޕާސް، ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ވޮޓްކިންސް ގޯލަކަށް ބަދަލުކޮށްލީ، ބޯޅަ ވާތް ފަރާތައް ރިސީވް ކޮށްލުމަށްފަހު، އެ ފަރާތަށް އެނބުރިލާފައި ގޯލުގެ ދުރު ދަނޑި ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޔޫރޯ ޗެމްޕިއަންޝިޕްގައި މިހާތަނަށް ނެދަލޭންޑްސް ކުޅުނު 6 ސެމީ ފައިނަލް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 1 ސެމީ ފައިނަލުންނެވެ. އެއީ 1988 ގައި ވެސްޓް ޖާރމަނީ ގައި އޮތް މުބާރާތުގައެވެ. އޭގެ ފަހުން 1992، 2000، 2004 އަދި 2024 ގައި ކުޅުނު ސެމީ ފައިނަލްތަކުން އެ ޓީމު ވަނީ ބަލިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.