Advertisement

26 Jun 2024
ސިއްޙަތު
މިފްތާޙް މުޙައްމަދު

ތިން އިންޗީގެ ދަތުރަށް ފަރުވާތެރިވުމަކީ ހަށިގަނޑު ބައްޓަން ކުރެވޭނެ އެންމެ ފަސޭހަ ގޮތް

ރަގަޅު ސިއްހަތެއްގައި ދެމި ތިބުމަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ. މި ޖުމްލައަށް ޒަމާނީ ބަދަލެއް ގެންނާނަމަ ބުނަންޖެހޭނީ، ލޫޅާފަތި، ބައްޓަން ރީތި އަންހެން ކުއްޖަކަށްވުމަކީ ކޮންމެ އަންހެން ކުއްޖަކު ވެސް ދެކޭ ހުވަފެނެއް ކަމަށެވެ. ފިރިހެނެއް ނަމަ، ބައިސެޕާއި ބަނޑުގެ މަސްތައް ރީތިކޮށް ބެހެއްޓުމަކީ ކާމިޔާބު ފިރިހެނަކަށް ވުމަށް މުހިންމު ޝަރުތެއްކަމަށެވެ. ފިޓްކޮށް ހުރުމަކީ މިހާރުގެ ފެޝަނެކޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.

ތިމާގެ ހަށިގަނޑު ބައްޓަން ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ކަމަކީ ކަސްރަތު ކުރުމާއި ރަގަޅު ކާނާ ކެއުމެވެ. މި ދެ ކަންތައް އެއް ފަހަރާ ކުރިޔަށް ނުގެންގޮސްފިނަމަ، ހަށިގަނޑަށް އެނގޭ ވަރުގެ ރަގަޅު ބަދަލުތަކެއް ގެނެވުނަސް، ތިމާ އެންމެ ގެންނަން ބޭނުންވާ ބަދަލުތަކުގެ ހަގީގީ ކުލަވަރު ނުފެނިދާނެއެވެ. ނަމަވެސް މިއީ ރަގަޅު މިންވަރަކަށް އެ އުއްމިދު ހާސިލް ކުރެވޭނެ ކަމެއް ވެސް މެއެވެ.

އަނެއްކޮޅުން ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް، ހިތުހުރި އެއްޗެއް ކަމުން ގެންދާނަމަ، ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް ވަރަށް ގިނަ ދުވަސް ހޭދަވާނެއެވެ. ނޫންނަމަ ގިނަ ފަހަރަށް އެންމެ ބޭނުންވާ ބަދަލާ ހިސާބަށް ވާސިލް ނުވެވި، ދެކެމުން އަންނަ ހުވަފެން ބިލާހަކަށް ހަދައި، ކަސްރަތުކުރުން ހުއްޓާލާ މީހުން ވެސް މަދެއް ނޫނެވެ. އެންމެނަށް ވެސް އުނދަގޫވާ ކަމަކީ، ކެއުމުގެ ނުރަނގަޅު އާދަތައް ދޫކޮށްލުމެވެ.

އިނގިރޭސީން ބުނެއުޅޭ ހަރު ބަހެއް އޮވެއެވެ.

"ޔޫ އާ ވަޓް ޔޫ އީޓް" (ތިމާއަކީ ތިމާ ކާ އެއްޗެކެވެ).

މިއީ ވަރަށް ބޮޑު ހަގީގަތެކެވެ. ކަސްރަތު ނުކުރިޔަސް ކެއުމަށް ބަދަލު ގެނަސްގެން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވޭނެއެވެ. މިސާލަކަށް ބުނާނަމަ، ކަޅު ކޮފީއަށް ލުނބޮއި ހުތް ޖަހައިގެން ބުއިމަކީ ދިވެހީންގެ ތެރޭގައި މަޝްހޫރު ބުއިމެކެވެ. ނަމަވެސް މި ބުއިމާއެކީ ކެއުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަންޖެހެއެވެ. ކާ މިންވަރު ވެސް މަދުކުރަން ޖެހޭނެއެވެ. ހެނދުނު ހުސްބަނޑާ ހުރެ މި ބުއިން ބޮއެގެން ބަނޑުގެ ލޮކި މަސްތައް ދުއްވާލުމުގައި ނަތީޖާ ނެރެފައިވާ މީހުނާއި އަޅުގަނޑާއި ވެސް ދިމާވެފައި އެބަހުއްޓެވެ.

ހަށިގަނޑު ބައްޓަން ކުރުމުގައި "ޝޯޓު ކަޓެއް" ވެސް އެބައޮތެވެ. މިއީ މީގެ ކުރިން އަޑުއަހާފައި ނުވާ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް މިއީ ހަގީގަތުގައިވެސް ނަތިޖާ ނެރެން ބޭނުންވެއްޖެ ނަމަ، މުޖައްރިބު ފޮމިއުލާއަކަށް ވާނެކަން ހަމަޔަގީނެވެ.

އަހަރެމެން އަބަދުވެސް ކާހިތްވަނީ ރަހަމީރު ތަކެއްޗެވެ. މިކަމުގައި އޮތް ހިތާމައަކީ ގިނަ ފަހަރަށް ކާހިތްވާ ތަކެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި ތަކެއްޗަށް ވުރެން ހަށިގަނޑުގައި ސަރުބީޖަހާ ތަކެއްޗަށްވުމެވެ. ނަމަވެސް ކުޑަކުޑަ ހިތްވަރަކުން މިކަން ބަދަލުކުރެވިދާނެއެވެ.

ބުނެދޭން މި އުޅެނީ ކެއުން ކޮންޓްރޯލް ކުރަން އޮތް ފަސޭހަ މަގެއްގެ ވާހަކައެވެ. ވިސްނާށެވެ. ކާއެއްޗެއްގެ މީރުކަން ނުވަތަ ނުބައިކަން އަހަރެމެންނަށް ބުނެދެނީ ދުލެވެ. ދުލަށް މީރު ކާއެއްޗެއްނަމަ، އެއީ އަހަރެމެން ކާން ބޭނުންވާނެ އެއްޗެކެވެ. އަދި އިތުރަށް ވިސްނާށެވެ. ދުލަކީ ގާތްގަނޑަކަށް ތިން އިންޗިއެއްހާ ދިގުމިނެއް ހުންނަ ގުނަވަނެކެވެ. ދޫ ފަހަނަ އަޅާ ދިއުމަށްފަހު ކާއެއްޗެހީގެ ރަހަ އަހަރެމެންނަށް އެނގޭ ހެއްޔެވެ. އަނގަޔަށް ލާ އެއްޗެއް ދިރުވާލުމަށްފަހު ދެން އެކަމަކާ އަހަރެމެން ނޫޅެމެއްނޫން ހެއްޔެވެ.

މި މޭރުމުން ވިސްނާނަމަ، ކެއުން ރަގަޅު ކުރުމަށް އަހަރެމެން މި ވިސްނާލަން ޖެހެނީ އެންމެ ތިން އިންޗީގެ ދުރުމިނަށެވެ. އެއީ ގާތް ގަނޑަކަށް އަތުގެ އިނގިއްޔެއްގެ ދިގުމިނެވެ. ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް މިވަރުގެ ކުޑަކަމެއް ކުރުމަށް ފަސްޖެހެންވީ ސަބަބެއް ނެތެއްނޫން ހެއްޔެވެ.  

ބުނަން މިއުޅޭ ވާހަކައަކީ، ކެއުމަށްޓަކައި ދުލަށް މީރު ތަކެއްޗަށް ބެލުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމުގެ މުހިންމު ވާހަކައެވެ. އެކަމުން ތިމާއަށް ހާސިލް ކުރެވިދާނެ ފައިދާތައް އެތައް ގޮތަކުން ގިނަ ކަމުގެ ވާހަކައެވެ. ކާ އެއްޗެތި އަނގަޔަށްލުމަށްފަހު އެ އެއްޗެތި ހަށިގަނޑުގެ ތެރޭގައި ފުރަތަމަ ދަތުރުކުރާ ތިން އިންޗީގެ ކުޑަ ކުޑަ ރާސްތާއަށް ސަމާލުކަންދީފިނަމަ، ތިމާ އުއްމީދުކުރަމުންދާ ލޫޅާފަތިކަން ނުވަތަ ފިޓްކަން ހާސިލް ކުރުމަށް ފަސޭހަވާނެ މިންވަރުގެ ވާހަކައެވެ.

މިބަދަލުގެ ފައިދާ ހަމަޔަގީނުންވެސް ދެ ހަފްތާ ތެރޭގައި ފެންނަން ފަށާނެއެވެ. ނަމަވެސް މި ކަމުގައި ވެސް ވިސްނަންޖެހޭނެ ކަމަކީ، ކާ މިންވަރު ކޮންޓްރޯލް ކުރުމަށެވެ. ނަތީޖާ ފެންނަން ފެށުމުން މި އާދައަށް ހޭނުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެކަން ވެސް ދަންނާށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Oct 2024
ޚަބަރު
ދުންފަތުގެ ބާވަތްތައް އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
21 Oct 2024
ޚަބަރު
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ބީލަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
21 Oct 2024
ޚަބަރު
ބެލަރޫސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވި ފަތުރުވެރިޔާއަކީ، ބެލަރޫސްއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، ފަޅުތެރެއަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
20 Oct 2024
ޚަބަރު
އިންޑިއާގެ، ޔޫ.ޕީ.އައި ރާއްޖެއަށް ތަޢާރަފްކުރުމަށް ކޮންސޯޓިއަމްއެއް ޤާއިމްކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެނިންމުން ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި، އެމަޖިލީހުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތީންނެވެ. ވަޒީރުންގެ މަޖިލީހަށް އެކަން ހުށައެޅުއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.