Advertisement

27 May 2024
ކޮލަމް

އަހަރެންނާއި އަހަރެމެންނާއި މަ ވެސް މަރުވީތަ!؟

އަޙްމަދު ހާޝިމް

"ޒީއަކަށް ނޭނގެ ޒީ ދެން ހަދަން ވީ ގޮތެއް. ޒީ އެކަމާ ވިސްނާ ވިސްނާ ބޯ ގޮވައިފި"

"ދީމާމެން ނަމަ އިތުރަށް އެންމެ ދުވަހަކު ވެސް ނޫޅޭނަން. ކެނޑިގެން ހުންނާނީ ގޭގައި ދޯ"

އެ ކޮފީ މޭޒުގައި ތިބި ހަތަރު ކުދިން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ނުދޭން އުޅުނު ވަރަކަށް ސަމާލުކަން ދެވޭ މިންވަރު އިތުރު ވިއެވެ. ދެތިން ފަހަރު ބަލައި ވެސް ލީމެވެ. އަހަރެން ގާތުގައި އިން މިތުރަށް އެކަން ފާހަގަވެގެން ބުނެލިއެވެ. އެގޮތަށް ވާހަކަދެއްކުމަކީ އައު "ޓްރެންޑަކީ" ހެއްޔެވެ؟ އޭނާގެ ސުވާލަށް އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟

މިއީ ހަމަ ކޮންމެ މީހަކު ވެސް ވިސްނައިލަން މުހިންމު ކަމެއް ނޫން ބާވައެވެ. ބަސް ކުރިއެރުވުމަށް ޓަކައި، މާދަރީބަހުގެ ދުވަހާއި ދިވެހިބަހުގެ ދުވަސް ފާހަގަކުރެވެއެވެ. ރީތިރީތި ނަލަ ދިވެހި ހެދުންލައި ތަފާތު ޙަރަކާތްތައް ބާއްވައެވެ. ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދެވެއެވެ. އިމްތިހާނުތަކުގައި ދިވެހިބަހުން "އޭނުވަތަ "އޭ ސްޓާރ" އެއް ނުލިބިގެން ހެސްކިޔާފައި ކިޔަވައެވެ. މަތީ ތައުލީމު އުނގެނޭ އިރުގައްޔާއި އޮފީހުގައި އުޅޭ އިރު ވެސް ދިވެހިބަހުގެ އެކިއެކި ތަމްރީނުތައް ފުރިހަމަކުރެއެވެ. އެކަމަކު، ތިމާގެ ވާހަކަދެއްކުމާއި ލިޔާ ލިޔުންތަކުން ބޭނުންވާ ބަދަލު ފެނޭ ބާވައެވެ!

ބަހަވީ ގޮތުން ބަލާ އިރު، ބަހަކީ ބަދަލުވާ އެއްޗެކެވެ. ޒަމާނާ އެކު ބަދަލު އަންނަން ޖެހޭ ވެސްމެއެވެ. ދިރާސާތަކުގެ އަލީގައި އެ ބަދަލުތައް ހޯދަން ވެސް ޖެހެއެވެ. ފެންނަ ކަންކަމުގެ އަލީގައި، އެކަށައަޅާ ގަވާއިދަށް ބަދަލުތަކެއް ގެނައުމަކީ ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަންނަން ޖެހޭނީ، ގެންނަން ޖެހޭނީ ހެޔޮ ބަދަލުތަކެކެވެ. ބަސްވާރުންނާއި ބަހަވީޢިލްމުވެރިންނާއި މުދައްރިބުންނާއި ބަހަށް ލޯބިކުރާ ހަމަ ކޮންމެ މީހަކުމެ ވިސްނާނީ އެގޮތަށް ކަމަށް ވެދާނެއެވެ. ކޮންމެ ގޮތެއް ވަރިހަމަ މީހުން ވެސް ތިބެދާނެއެވެ. ދައްކަން މިއުޅޭ އަސްލު ވާހަކައަށް ޖެހިލާނަމެވެ.

ދިވެހިބަހުން ވާހަކަދައްކާ އިރު ތިމާގެ އަމިއްލަ ނަފުސާ މެދު އެއްޗެއް ބުނާ ނަމަ އަމިއްލަ ނަން ބޭނުންކުރުމަކީ އިހުގައި އަޑު އިވެމުން އައި ގޮތެއް ނޫނެވެ. އެކަމަކު، މިއަދު ވަރަށް ގިނައިން އަޑުއިވޭ ގޮތެކެވެ. މިއީ ވެސް ޒަމާނާ އެކު ދިވެހިބަހަށް އައި ބަދަލެއް ބާވައެވެ؟ "ޓްރެންޑް" އެއް ހެއްޔެވެ؟ މައްސަލައެއް ހެއްޔެވެ؟ ހުތުރު ގޮތެއް ހެއްޔެވެ؟ ނުވަތަ ހަމަ އެންމެ ރަނގަޅު ގޮތެއް ބާވައެވެ؟

ދިވެހިބަހުގެ ގަވާޢިދުގައި މީހުންނާއި ތަންތަނާއި ތަކެއްޗަށް ވެސް ނަން ބޭނުންކުރެވެއެވެ. އެގޮތުން ޚާއްޞަ ނަމާއި ޢާންމުނަމުގެ ގޮތުގައި ނަން ގިންތި ކުރެވިފައި ވެއެވެ. "އަމިއްލަ ނަމަކީ، މީހަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ޚާއްޞަކުރެވިގެން، އެއަށް ގޮވޭ ނަން" ތަޤްވީމުއްލިސާނުގެ ޝަރަހައިގައި ޙުސެން ރަޝީދު އަޙްމަދު ބަޔާންކުރައްވާފައިވެއެވެ. މިސާލުގެ ގޮތުގައި ބަޔާންކުރައްވާފައި ވަނީ، ފާތިމާ، ކަތްދަ، ޖިބުރީލް، މިފަދަ ނަންނަމެވެ.  "މީހުންނަށް ކިޔާ ނަމުގެ ބަދަލުގައި ބޭނުންކުރާ މައިގަނޑު ބަދަލުނަންތަކަކީ، މަ، އަހަރެން، އަޅުގަނޑު، ތިމަން، ތަ، ކަލޭ، އިބަ، އޭނާ." ދިވެހި އަދަބީ އުދަރެހުގައި މަޝްހޫރު އުސްތާޒުލް ޖީލް، މުޙައްމަދު ޖަމީލު ދީދީ އޮޅުންފިލުވައިދެއްވާފައި ވެއެވެ. ގިނަބަޔަކަށް މުޚާޠަބުކޮށް ބޭނުންކުރާ ނަމަ، މެން، މި މޯފީމް އިތުރުކުރެވޭ ކަމަށް ފާހަގަކޮށްލަން ޖެހެއެވެ. އެއީ މަމެން، އަހަރެމެން، އަޅުގަނޑުމެން، ތިމަންމެން، ތަމެން، ކަލޭމެން، އިބަމެން، އޭނަމެން، މިގޮތަށެވެ.  ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ ދިވެހިބަހުގެ ގަވާޢިދު ފޮތުގައިވާ ގޮތުގައި، ބަދަލުނަމަކީ، މީސްމީހުންގެ ނަމުގެ ބަދަލުގައި ބޭނުންކުރާ ނަންތަކެވެ. އެގޮތުން، މަ، އަހަރެން، އަޅުގަނޑު، ކަލޭ، އޭނާ، އަހަރެމެން، ކަލޭމެން، އަޅުގަނޑުމެން ފަދަ ނަންނަން ބަދަލުނަމުގެ ގޮތުގައި ހިމެނޭ ކަމަށް ވެސް މި ފޮތުގައި ވެއެވެ.

"ބަދަލުނަން ބެހޭ ފުރަތަމަ ބަޔަކީ ފުރަތަމަ ފަރާތަށް މުޚާޠަބު ކުރެވޭ ބަދަލުނަންތަކުގެ ގިންތި. އެގޮތުން ބޭނުންކުރެވޭ "މަ"، "އަހަރެން"، "އަޅުގަނޑު"، "އަހަރެމެން"، "އަޅުގަނޑުމެން" ފަދަ ނަންތަކަކީ ބަދަލުނަން ބެހޭ ފުރަތަމަ ބައިގައި ހިމެނޭ ބަދަލުނަންތައް." މުހައްމަދު ޖަމީލް ދީދީ އިތުރަށް ހާމަކުރައްވާފައިވެއެވެ. އަދި މި ނަންތައް ރައްދު ވަނީ ބަސްބުނާ ފަރާތަށް ކަމަށް ވެސް ޖަމީލް ދީދީ ލިޔުއްވާފައި ވެއެވެ.  

ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި ބަހުގެ އެދުރުންގެ އޮޅުންފިލުވައިދިނުންތަކަށް ބަލާ އިރު، ފުރަތަމަ ފަރާތަށް މުޚާޠަބުކުރެވޭ އިރު، ތިމާގެ އަމިއްލަ ނަން ބޭނުންކުރުމަކީ އޮންނަ ގޮތެއް ކަމަކަށް ނުފެނެއެވެ. އެހެންވީމާ، "ޓްރެންޑް" ހަގީގަތުގައި ވެސް "ހަމަ" އަކަށް ވީ ބާވައެވެ؟ "މަ"، "އަހަރެން"، "އަޅުގަނޑު"، "އަހަރެމެން"، "އަޅުގަނޑުމެން" ބޭނުންކޮށްގެން ވާހަކަދެއްކުމަކީ ހުތުރުގޮތަކަށްވީ ބާވައެވެ؟ ނަތީއްޖާއެއްގެ ގޮތުން، އަހަރެންނާއި އަހަރެމެންނާއި މަ ވެސް މަރުވީ ބާވައެވެ؟ ތިޔަ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައި ހެއްޔެވެ؟

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.