Advertisement

ގަދަ ވިއްސާރަ -- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

22 May 2024
ރިޕޯޓް
ޢަލީ ސުލައިމާން

މޫސުމް ވަރަށް ގޯސް، އެކަމަކު އެތައް ބަޔަކު ފުރާނަ އަތް މައްޗަށް ލައިގެން ދަތުރުކުރަން މަޖުބޫރުވެފައި!

ހުޅަނގު މޫސުމުގެ ވިއްސާރައާއި އެކު ރާއްޖޭގެ ސަރަހައްދަށް މޫސުމް ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުން ދަނީ ކަނޑު ދަތުރުފަތުރު މަޑު ޖައްސާލުމަށެވެ. ކަނޑުމަތީގެ ހާދިސާތައް މަދު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، މޫސުމް ރީތިވާންދެން އެބަޔަކު ތިބި ހިކިފަސްތަނެއްގައި ތިބުން ކަމުގައިި ވީނަމަވެސް، ގަދަވަޔާއި ވިއްސާރައިގައިވެސް އެތައް ބަޔަކު ފުރާނަ އަތްމައްޗަށް ލައިގެން ދަތުރު ކުރަން ވަނީ މަޖުބޫރުވެފައެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު އެންމެ ބޮޑަށް ބިނާވެފައި އޮތީ މާލެ އާއި އަތޮޅުތަކުގެ މެދުގައި ކުރާ ފެރީ ލޯންޗު ދަތުރުތަކަށެވެ. ކަނޑުގަދަވެ ވިއްސާރަކަމުން މާލެ އާއި އަތޮޅުތަކުގެ ރަށްތަކާއި ދެމެދު ކުރާ ފެރީ ލޯންޗު ދަތުރުތަކުގެ ޝެޑިއުލްއަށްވެސް ވަނީ ބުރޫ އަރާފައެވެ.

މިދުވަސްވަރަކީ ސްކޫލު ބޮޑު ޗުއްޓީގެ ދުވަސް ވަރަށް ވުމާއި އެކު އަތޮޅުތަކުން މާލެއަށް އެކި ބޭނުންތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ އައިސްފައެވެ. އެހެން ނަމަވެސް ވިއްސާރަ އާއި ދިމާވެ ކަނޑުދަތުރު ފަތުރަށް، ޚާއްޞަކޮށް ލޯންޗު ފެރީ ތަކުގެ ދަތުރުފަތުރަށް ހުރަސް އެޅެމުންދާތީ، މާލޭގައި އެތައް ބަޔަކު ތާށިވެއްޖެއެވެ.

އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވޭއިރު، މިއަދަކީ މުދައްރިސުން ސްކޫލުތަކަށް ނުކުންނަށް ޖެހޭ ދުވަހެވެ. އެހެން ނަމަވެސް ވިއްސާރައިގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އެޅިފައިވާތީ ގިނަ ސްކޫލުތަކުގެ ޓީޗަރުންނަށް އެނބުރި ރަށަކަށް ނުދެވެއެވެ.

ވިއްސާރައިގެ ސަބަބުން އިއްޔެވެސް މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކުރަމުން އައި ޝެޑިއުލް ފެރީ ލޯންޗު ދަތުރުތަކުގެ ގިނަ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ގަދައިގައިވެސް ލޯންޗު ދަތުރުތައް ބާއްވަން ފެރީ ޚިދުމަތްދޭ ލޯންޗުތަކަށް މަޖުބޫރުވެފައި ވަނީ ސްކޫލުތައް ހުޅުވެން ވާއިރަށް، ރަށަށްދާން ޓިކެޓް ނަގާފައިވާ ފަރާތްތައް ރަށާއި ހަަމައަށް ގެންގޮސްދިނުމަށެވެ.

"ކަނޑު ވަރަށް ގަދަ! އެކަމަކުވެސް ދަތުރުތައް ބާއްވަން މަޖުބޫރު އެބަވޭ އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވޭތީ! މިހާރުވެސް މިހަފްތާގެ ދަތުރުތައް ހުރީ ޝެޑިއުލްއަށްވުރެ ދެތިން ދުވަސް ފަހަތަށް ޖެހިފައި. ހޮނިހިރު ދުވަހު ބާއްވަން ޝެޑިއުލްކޮށްފައި ހުރި ދަތުރުތައް ކުރެވޭނީ އަންގާރަ ދުވަހު. އެހެންވީމާ އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވެން ވާއިރަށް ރަށަކަށް ނުދެވޭނެ އެމީހުންނަކަށް!"

ލޯންޗު ފެރީއެއްގެ ކެޕްޓަން

ލޯންޗު ފެރީގެ ޚިދުމަތްދޭ ފަރާތްތަކުންވެސް އެޚިދުމަތް ދެނީ ކަސްޓަމަރުންގެ އަތުން ލިބޭ ޓިކެޓް ފީގެ މައްޗަށް ބަރޯސާވެގެން ކަމަށްވާތީ، ނަގާފައިވާަ ޓިކެޓްތައް އެއްފަހަރާ ގިނަ ބަޔަކު ކެންސަލް ކުރާ ނަމަ ރިފަންޑް ދިނުމަށް އެފަރާތްތަކަށްވެސް ދަތިވާކަން އެފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ލޯންޗު ފެރީ ޓިކެޓްތަކުގެ ދަތުރުތަކުގައި ޓިކެޓް ރިފަންޑްކޮށްދެނީ، ދަތުރުކުރަން އޮތް ގަޑީގެ 24 ގަޑިއިރު ކުރިން، ޓިކެޓް ކެންސަލްކޮށް ރިފަންޑްކޮށްދޭން އެދުމުންނެވެ.

"މޫސުމް މިހާރު މިއޮތް ގޮތުން ހަމަ ފުރަން އޮންނަ ގަޑީގައިވެސް ވަރަށް ގަދަވެ އެބަ ވިއްސާރަވޭ! އެހެންވީމާ 24 ގަޑި އިރު ކުރިން ކިހިނެއް އެނގޭނީ ބުނަން. ކުޑަކުދިންނާއި އަންހެނުން ގޮވައިގެން މިގަދައިގައި ކަނޑުމައްޗަށް އަރަން ނުކެރުނަސް، ރިފަންޑް ނުލިބެންޏާ ޖެހޭނީ ފުރާނަ އަތްމައްޗަށް ލައިގެން ހަމަ ދަތުރަށް ފަށަން. ތިން ހަތަރުހާސް ރުފިޔާ ދީފައި އަނެއްކާ ދެވަނަ ފަހަރަށް ޓިކެޓް ނަގައިގެން ކަނޑު މަޑުވީމާ ދަތުރު ކުރާކަން މަޑެއް ނުކުރެވޭނެ އެއްނު."

މާލޭގައި ހުރި މެދުރާއްޖެ ތެރޭގެ ރަށެއްގެ ޓީޗަރެއް --

ބައެއް ދަތުރުވެރިންވެސް ފާހަގަކުރާ ގޮތުގައި ގަދައިގައިވެސް ދަތުރަށް އަރަން ޖެހެނީ ކޮންމެހެން ދަތުރު ކުރާން ބޭނުން ވެގެނެއް ނޫނެވެ، ޓިކެޓް ރިފަންޑް ނުލިބޭނެ ހާލަތު މެދުވެރިވާތީ ކޮންމެހެން ދަތުރުކުރަން މަޖުބޫރުވަނީއެވެ.

އަތޮޅުތެރޭގެ ލޯންޗުފެރީގެ ދަތުރުތައް އުޅެނީ ކޮޅަކަށް، ބޮލަކަށް 300ރ އާއި 1000ރ އާއި ދެމެދުގައެވެ. ތ އަތޮޅަށް ލޯންޗު ފެރީތައް ދަތުރު ކުރަނީ ކޮޅަކަށް 900ރ އަށެވެ. ށ. އަތޮޅަށް ލޯންޗު ފެރީތައް ދަތުރުކުރަނީ، ކޮޅަކަށް 1050ރ އެވެ. އެހެންކަމުން 3 މީހުންގެ އާއިލާއެއްވެސް ޓިކެޓަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ.

ރާއްޖެއަށް މޫސުމް ވަރަށް ގޯސް ވެފައި ވާއިރު، މިއަދު މެންދުރު 12:00 އާއި ހަމައަށް މާލެ ސަރަހައްދު އޮތީ އޮރެންޖް އެލާޓުގައެވެ. އަދި މާލެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮތީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދަށް ނެރެފައިވާ އޮރެންޖް އެލާޓްގެ ވަގުތު މިއަދުގެ ހަވީރު 4:00 އާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިތުރުކޮށްފައެވެ. މިގޮތުން މެންދުރު 12:00 އިން ހަވީރު 4:00އަށް އޮރެންޖް އެލާޓް ނެރެފައި ވަނީ ވ އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުންވެސް މިއަދު ވަނީ، މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރަން. ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުމް ގޯސްވާނެއެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހެދި ގަދަ ވިއްސާރައިގައިވެސް ކަނޑު ދަތުރުކުރުން ނޫންގޮތެއް ނެތި، ފުރާނަ އަތްމައްޗަށްލައިގެން އެތައް ބަޔަކު ދަނީ ދަތުރަށް އަރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.