ނާކާ | އެޕިސޯޑު - 21
އެއީ ޖާގައިގައި އަށްފޫޓު ދިހަފޫޓު ހުރި ކޮޓަރިއެކެވެ. ކޮޓަރިއަށް ވަންނައިރު ކަނާތްފަޅިން ޖެހިގެން އެހުރީ ފާޚާނާއެވެ. ކުޑަ ތަންކޮޅެއް ކުރިއަށް ހިނގާލުމުން މުޅި ކޮޓަރި އެއްކޮށް ފެންނާނެއެވެ. ދެމީހަކަށް ނިދާލެވޭވަރުގެ ފުޅާ ޑަބަލް އެނދެއް ފާޚާނާގެ ބިތުގައި ޖެހޭގޮތަށް ބަހައްޓާފައިހުރިއިރު ކަނާތްފަޅީގައި ޑުރެސިންގް ޓޭބަލަކާއި އަލަމާރިއެއްވެސް ހުއްޓެވެ. އެނދާ އަލަމާރިއާ ދެމެދު އޮތް ޖާގަ ކޮޅަކީ މާލޭގެ ގެއެއްގެ ކޮޓަރިއަކާ ބަލާފައި ފުދޭވަރެއްގެ ތަންކޮޅެކެވެ.
އެނދުގެ ކަނަށް ގުޅަވެފައި ދެފައި ލަންބާލައިގެން ދެކަކުލުގައި ދެއަތުން ބައްދާލައިގެން ފައުޒާ އިނީ ކޮޓަރީގެ ސީލިންގުގައިވާ އޭނާގެ ޚިޔާލީ ދުނިޔޭގެ ދިރުންތަކަށް ގެއްލިފައެވެ. މީގެ އެއްރޭ ކުރިން ދިމާވި ކަންކަން ފައުޒާގެ ދެލޮލަށް ސިފަވަމުންދިޔައެވެ.
***********
"ވާހަކަ ދައްކަބަލަ.." އަފްސަލް އޭނާގެ ކަނާތުން ފައުޒާގެ މޫނުމައްޗަށް ޓޮއް ގޮއްވާލިއެވެ.
"ކީއްވެފަ ތިއިނީ؟ ބުނެބަލަ! އަހަރެން ހެލްޕް ވެދޭނަމޭ.." އަފްސަލް ވާހަކަ ދެއްކީ ވަރަށް އޯގާތެރިކަމާއެކުގައެވެ.
އިސްދަށަށް ޖަހައިގެން އެތައް އިރަކު އިނުމަށްފަހު ފައުޒާ އިސްއުފުލާ އަފްސަލްއަށް ބަލާލިއެވެ. އެ މޫނު ވަރަށް ސާފުކޮށް ފައުޒާއަށް ފެނުނެވެ. މަގުމަތީގައި ދިއްލާފައިހުރި އަލި އެއްވެސް ފަނޑުކަމެއްނެތި އަފްސަލްގެ މޫނަށް އެޅިފައި ހުއްޓެވެ.
"އަހަންނަށް ކިޔަނީ އަފްސަލް." ސަލާމް ކޮށްލުމަސް އަފްސަލް އަތް ދިއްކޮށްލިއެވެ. "ތި އުމުރުގެ އަންހެން ކުއްޖަކު މިތާ ބައިންދާފަ ދާކަށް އަހަރެންނަކަށް ނުކެރޭނެ. އެހެންވެ މި އައީވެސް. ދެން ނިކަން އަނގައިން ބުނެބަލަ."
"ފައުޒާ.." އަފްސަލްގެ އަތުގައި ހިފާ ސަލާމްކޮށްލުމަށްފަހު ފައުޒާ އެތަނުން ތެދުވިއެވެ. އެއިރުވެސް ލިބިފައިވާ ޝޮކެއްގެ ސަބަބުން ފައުޒާގެ އަތް ތުރުތުރު އަޅަމުންދިޔައެވެ.
"ކޮންތާކަށް ލާދެންވީ؟" ފައުޒާ ތެދުވުމުން އަފްސަލް ހީކުރީ ފައުޒާ ދާން ބޭނުންވީކަމަށެވެ.
"ބުނެބަލަ.." އަފްސަލްގެ ފަހަތުގައި ތިބި އަރުމަންއާއި ތަސްނީފްވެސް މިހާރު ތިބީ ސީރިއަސްވެފައެވެ.
"އަހަ. ނެނ... ދާނެތަނެއް ނެތް.." ފައުޒާގެ ހިތަށް ކެތް ނުވެގެން ފައުޒާއަށް ރޮވުނެވެ.
"އާއ.. އާއ.. ނުރޯ ނުރޯ.. ހުއްޓާލާ.." ފައުޒާ ކަރުނަތައް ފޮހެލީ އަފްސަލް އެހެން ނުވެސް ބުނަނީހެވެ.
"ހިނގަދާން އަހަރެންނާއެކީ.. ފައުޒާ ބޭނުން އިރެއް ވަންދެން އަހަރެމެންގެ އެޕާޓްމެންޓްގަ ހުރެވޭނެ." އަފްސަލް ވާހަކަ ދެއްކިއެވެ.
ފައުޒާ ފަސްޖެހޭގޮތްވިއެވެ. އެހެންނަމަވެސް ދާން ބޭނުންވެސްވިއެވެ. އާނއެކޭ ބުނަން އަނގަ ހުޅުވާލަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ފައުޒާގެ އަނގަ ބަންދުވަނީ ކާކުކަން ނޭގޭ ނުދަންނަ މީހަކާއެކު ދިޔުމުން ފައުޒާއަށް ވެދާނެ ގޮތަކާމެދު ވިސްނިފައެވެ.
"ހިނގާބަލަ ދާން.. އަހަރެންގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭނެ.. ޔަގީންކުރޭ.." އަފްސަލްގެ ވާހަކަ މަޑުމަޑުން އާދޭހަށް ބަދަލުވާކަހަލައެވެ. "ތިހާބޮޑަށް ތުރުތުރު އަޅާފަ ތިހުރީ ވަރަށް ބިރުންކަން އެނގޭ. އެކަމަކު އަހަރެންގެ ފަރާތުން އެއްވެސް ހާމް އެއް ނުލިބޭނެ."
ފައުޒާ އިސް އުފުލާ އަފްސަލްއަށް ބަލާލިއެވެ. "ކޮންތާކަށް ދާނީ؟"
"އަހަރެމެންގެ އެޕާޓްމެންޓަށް ހިނގާ. އެއްވެސް މީހަކު ގެއްލުމެއް ނުދޭނެ. ސޭފް ވާނެ." އަފްސަލްގެ ނޭވާ ހުރީ އަވަސްވެފައެވެ.
ފައުޒާ އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތީ މޫދާ ދިމާލަށެވެ. ލޮނުގަނޑު ފައިގައި ބީއްސާލާ ހިސާބަށް މޫދާ ގާތަށް ގޮސް ފައުޒާ އޭނާގެ ފޯނު މޫދަށް އެއްލާލިއެވެ. ކައިރީގައި ބަލަންތިބި އަފްސަލްއާއި އޭނާގެ ދެ އެކުވެރިންނަށް އެއީ ފައުޒާގެ ފޯނުކަން އެނގުނެވެ. ނަމަވެސް ހައިރާންވެފައި އެމީހުނަށް ބަލަން ތިބެވުނީއެވެ.
ފައުޒާ އެނބުރި އަފްސަލްގެ ގާތަށް އައިސް ހުއްޓުނެވެ. "ހިނގާ.." އަފްސަލް ބުނީ އެއްވެސް ޔަގީންކަމެއް ނެތިއެވެ. ނަމަވެސް ފައުޒާ ބޯޖަހާލިއެވެ.
އަފްސަލްގެ ސައިކަލު ފަހަތުގައި އިސްދަށަށް ޖަހައިލައިގެން ފައުޒާ އިންއިރު އޭގެ މަންޒިލަށް އަފްސަލް ދުއްވަމުން ދިޔައީ އަނގައިން އެންމެ ބަހެއްވެސް ނުބުނެ އިނދެއެވެ. ދާދި އެއްވަރަކަށް އަފްސަލްގެ ދެ ރަޙުމަތްތެރިން އެމީހުންގެ ސައިކަލުގައި ދުއްވާފައި އައީވެސް ބަސްހުއްޓިފައި ތިބެއެވެ. ފައުޒާގެ ހިތާމައިގައި ބައިވެރިވާފަދަ ގޮތަކަށެވެ.
އަފްސަލްގެ އެޕާޓްމެންޓަށް ދެވުނުއިރު ގަޑިން 2 ޖަހަނީއެވެ. އަފްސަލްގެ ފަހަތުން ފައުޒާ އެތެރެއަށް ވަނީ ބިރުންހުރެއެވެ.
"މިއީ އަހަރެމެންގެ އެޕާޓްމެންޓް. މިގޭގަ އުޅޭނީ ހުސް ބޯއީޒް.." ފައުޒާގެ ކުރިމަތީގައި ހުއްޓިލާފައި އަފްސަލް ހިނިތުންވެލާފައި ބުނެލިއެވެ. ފަހަތުން އައި އަރުމަންއާއި ތަސްނީފް އެތެރެއަށް ވަދެގެންގޮސް މަޑުކޮށްލީ ކަނާތްފަޅީގަ ހުރި ކޮޓަރީގެ ދޮރުމަތީގައެވެ.
"ލެފްޓުން މިހިރި ކޮޓްރީގަ އުޅެނީ އަހަރެންނާ އެހެން ބޯއީއެއް. އެކަމް އޭނަވީ އޮފީސް ދަތުރެއްގަ ރާއްޖެ ތެރެއަށް ގޮސް.. ދެން އެ ރޫމްގަ އުޅޭނީ އެ ދެ ބޯއީޒް." އަފްސަލް ދެ އެކުވެރިންނަށް އިޝާރާތްކޮށް ބުނެލިއެވެ. "އަހ.. އަދި ހަނދާންނެތިފައޭ މިހުރީ.. މިއީ އަރުމަން. ދެން މިއީ ތަސްނީފް." އެ ދެ ޒުވާނުންނަށް އިޝާރާތްކޮށް އަފްސަލް ބުނެލިއެވެ. ފައުޒާ ފުރަތަމަ ފަހަރަށް އިސްއުފުލާ އެކުދިންނަށް ބަލާލީ އެވަގުތެވެ.
"ދެން ފައުޒާ ހުންނާނީ އަހަރެން ރޫމްގަ ދޯ؟" ފައުޒާ ލަދުން ހީލިއެވެ. އެ ހިނިތުންވުން ފެނިފައި އަފްސަލްގެ މޫނަށްވެސް އުފާވެރިކަން ވެރިވެގެންދިޔައެވެ. "ހޭންވެސް އެބަ އެނގޭދޯ؟" ސަމާސާ ރާގަކަށް އަފްސަލް ބުނެލިއެވެ.
ފައުޒާގެ ރީތިކަމަށް އަފްސަލްގެ ހިތް ތެޅިލީ އެވަގުތެވެ. ފައުޒާ ބަލާލިގޮތުން އެ ކަޅިރަވައިގެ ޖާދޫ އަފްސަލްގެ ހިތަށް ލިސާންވީ ތޫނު ވަޒަނެއްހާ އަސަރު ގަދަކޮށެވެ. ނަމަވެސް އަފްސަލް އެ ޖަޒުބާތުތައް ފޮރުވާލީ ފައުޒާ މިގެއަށް ގެނައި މަޤްޞަދު އޮޅުވާލަން ބޭނުން ނުވާތީއެވެ.
******************
މެންދުރު ނަމާދުގެ ބައްގި ހުރަހެއްނެތި ކޮޓަރިއަށް އިވެމުންދިޔައިރު އަފްސަލް އުޅުނީ ހުކުރަށްދާން ފެންވަރައިގެން ނުކުމެ ރީތިވާށެވެ. ޚިޔާލީ ދުނިޔެއަށް ގެއްލިފައި ފައުޒާއަށް އިނދެވުނީ އެއްވެސް ފިކުރެއް ނެތިއެވެ.
"އޭ.. އަހަރެންދަނީ.. ހުންނާނެ ވަރަށް މީރު ބަތްގަނޑެއް ހަދާލާފަ. އަހަރެން އައިސް ދެމީހުން އެކީދޯ ކާނީ؟" ޚިޔާލީ ދުނިޔެއިން ފައުޒާ ނެރެދިނީ އަފްސަލްއެވެ.
ސިއްސައިގެންގޮސް ފައުޒާ އަފްސަލްގެ މޫނަށް ބަލާލިއެވެ. އެހެން ފަހަރުތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. އެ މޫނުމަތީގައި ވަނީ ހިތްހެޔޮކަމުގެ ލާމަސީލު ހިނިތުންވުމެކެވެ. އެހާމެ އޯގާތެރި ރާގަކުން އެ ބުނެލި ޖުމްލަ އަނބުރާ ރައްދުކުރަން ފައުޒާއަށް ކެރޭނީ ކިހިނެއްހެއްޔެވެ؟
ހިތުގައިވާ އުދާސްތައް ފަނޑުވާވަރުގެ ހިތްވަރެއްލާފައި ފައުޒާ އެ މޫނުން އަފްސަލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. "އަހާ.. ހާދަ ލޮތްބޭ.. ތިގޮތަށް ހެވިލާފަ އިނދެބަލަ އަބަދު." އަފްސަލް ފައުޒާގެ ކޮލުގައި ހިފާލިއެވެ. ހުކުރަށް ދާން ތައްޔާރުވެގެން ހުރިކަން އަފްސަލް ހަނދާންވީ އެވަގުތެވެ. "އޯނޯ.. އަނެއްކާ މިޖެހުނީ ވުޟޫ ކުރަން.. ފައުޒައްކޮގެ ކަންތައް. މޫނުމަތީގެ ކްރީމްކޮޅުވެސް ދާނެ މިފަހަރު." އަފްސަލް ބޯ ކަހާލިއެވެ. ލަދުންގޮސް ފައުޒާގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ފައުޒާ ވަގުތުން މޫނުމަތީގައި އަތް އަޅާލިއެވެ. މޫނުމައްޗަށް ޖަމާވި ހިނިތުންވުން ފޮރުވާލުމަށެވެ.
"އައްދެ. ބަލާބަލަ ޝައިވި ވަރު.. އަދި އަންނާނަން ޝައިކޮށްލަން. ތިގޮތަށް އަބަދަކު ނީނދެވޭނެ." އެތަނުން ދަނުން އަފްސަލް ބުނެލިއެވެ.
އަފްސަލް ކޮޓަރިން ނުކުތް ވަގުތު ތަފާތު ގޮތަކަށް އެކަނިވެރިކަން ފައުޒާއަށް އިހުސާސްކުރެވުނެވެ. ހިތަށް އުނދަގޫވާގޮތްވިއެވެ.
އެނދުމަތިން ތެދުވެގެން ދުވެފައިގޮސް ފައުޒާ ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. އަދި އަފްސަލް ފެނޭތޯ ބޭރުތެރެއަށް ލޯހޫރާލިއެވެ.
އަފްސަލް ގެއިން ނުކުމެގެންގޮސް ސައިކަލު ކައިރީގައި ހުއްޓިލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރާ ދިމާލަށް ބަލާލީ ފައުޒާ ފެންނާނެ ކަމަކަށް ނޫނެވެ. ފައުޒާ ކުޑަ ދޮރުން އަފްސަލްއަށް ބަލަން ހުރިތަން ފެނުމުން އަފްސަލް ވަރަށް ބޮޑަށް ހިނިތުންވެލިއެވެ. ފައުޒާގެ އެ ރީތި ސިފައަށް ބަލަން ކިތަންމެ ހުންނަ ހިތްވިއަސް ފައުޒާއަށް އޭނާގެ ހިތް އެދޭކަން ޤަބޫލުކުރަން އަފްސަލް އަދިވެސް ބޭނުމެއް ނުވެއެވެ.
އަފްސަލް ސައިކަލަށް އަރާ ދުއްވާލީ ފައުޒާ ބަލަން ހުއްޓައެވެ. އަފްސަލް މަގުން އޮބާލަންދެން ކަޅިޖަހާނުލާ އެދިމާލަށް ބަލަން ފައުޒާ ހުއްޓެވެ.
"އަފްސަލް.." "އަފްސަލް.." ފައުޒާގެ ދުލުން އެ ނަން ކިޔެން ފެށުނެވެ. ފުން ނޭވާއަކާއިއެކު ލޯ މަރާލިވަގުތު ލޮލުގެ އަނދިރިކަމުގެ ތެރެއިން އަފްސަލްގެ މޫނު ވިދާލާފައި ހުރިތަން ފައުޒާއަށް ފެނުނެވެ. އެ ރީތި މޫނާއި ދެލޯ ފެނިފައި ފައުޒާގެ ހިތުގެ އެންމެ އަޑިން ވަރަށް ބާރަށް ވިންދެއް ޖަހާލިއެވެ.
އަފްސަލް ހުކުރުން ފައިބައިގެން ގެއަށް އައީ 2 ޖަހަން އުޅެނިކޮންނެވެ. "ކޮބާ ހިނގާ ކާން.. އެބައުޅޭ އަރުމަންމެން ކާން ހަދަން.. ބުނީ ފައުޒާ ގޮވާގެން އަންނާށޯ.." ގަމީސް ބާލާފައި އަލަމާރި ދޮރުގައި އިން ގޮބުގައި އަޅުވާލަމުން އަފްސަލް ބުނެލިއެވެ.
"މިހާރު ކިހާއިރެއް ތިވަނީ ތިތާ އިންނަތާ. ތިހެން ނީނދެ ޖެހޭނެ ކުޑަކޮށް އެކްޓިވްވެލާ ޓޯކް ކޮށްލާ ހަދާލަން." އެނދުމަތީގައި އިން ފައުޒާގެ ކައިރިއަށް ވެއްޓިގަންނަމުން އަފްސަލް ބުނެލިއެވެ. "މިގެއަށް އައިފަހުން އަދި އޮއްޓަރުހުރި އެއްވެސް އެއްޗެއް ނުކައި. ތިހެން އިންދަ ބަލިވެއްޖެޔާ ހޮސްޕިޓަލަށްދޯ ގެންދަންޖެހޭނީ.. އޭރުން އެމީހުން މަ ކޮޕުންނާދޯ ހަވާލު ކުރާނީ.. ފައުޒާ ފޮރުވާގެން ގެންގުޅުނީމަ.؟"
އެއްވެސް އެއްޗެއް ނުބުނެ ފައުޒާ އެނދުން ފޭބިއެވެ. އަފްސަލް ދެއްކި ވާހަކައިގެ ބުރަދަނާމެދު ވިސްނާލާފައެވެ. އެއިރު ބަނޑުފައިވެގެން ބަނޑު ހީވަނީ ވިރޭހެންނެވެ.
"ހާދަ ރަނގަޅޭ.." އަފްސަލް ގޮސް ފައުޒާ ނުކުތުމަށް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
"ވެލްކަމް ވެލްކަމް.. އަވަހަށް އާދޭ ކާން. ވަރަށް މީރުކޮށް މިހިރީ ހަމަ ފައުޒާއަށް ހާއްސަކޮށް ކައްކާފަ. ބިރިޔާނީއާ ޕުޑިންއާ.." ފައުޒާ ނުކުތް ވަގުތު ބޮޑު ތައްޓެއް ހިފައިގެން އައިސް ކާމޭޒުމަތީގައި ބަހައްޓާލަމުން އަރުމަން ބުނެލިއެވެ. އެއިރު ތަސްނީފް ހުރީ މޭޒުދޮށުގައި ޖޫސް ގިރާށެވެ.
ފައުޒާ އަށްޓަކާ އެ ތިން ފިރިހެނުން އެއުޅޭގޮތުން ފައުޒާގެ ހިތް އުފަލުން ފޮޅުނެވެ. ފުރަތަމަ ފަހަރަށް އަފްސަލްގެ އެއްވެސް އިޝާރާތެއް ނެތި ހިނިތުންވެލާފައި އަފްސަލްއަށް ބަލާލެވުނެވެ. އަފްސަލްވެސް ހުރީ ފައުޒާ ކާން ނުކުތުމުން ވަރަށް އުފާވެފައެވެ.
"ވަރަށް ގަދަޔަށް ކާލަންވާނެ އިނގޭ.." ތަސްނީފް ގޮސް ފައުޒާ އިށީނުމަށް ފައުޒާއާ އެންމެ ކައިރީގައި ހުރި ގޮނޑި ދަމާލިއެވެ. ހީވަނީ ފައުޒާއަކީ ތަނެއްގެ އިސް ވެރިއެއްހެންނެވެ. އެމީހުން އުޅޭގޮތުން ހީވަނީ އެމީހުންނަކީ ފައުޒާއަށް ޚިދުމަތްކުރަން ކުލިދީފައި ބައިތިއްބާފައި ތިބި ބައެއްހެންނެވެ.
އެ މޭޒުދޮށުގައި އެންމެން އިށީނދުނު ވަގުތުން ފެށިގެން ފާއިތުވި ދެދުވަހު އެގޭތެރެއިން ނުފެންނަ އެތައް ބަދަލެއް ފެނިގެންދިޔައެވެ. ފައުޒާ އެގެއަށް އައިފަހުން ފުރަތަމަ ފަހަރަށް އެގޭތެރެއިން ހިނިގަނޑުތައް ގުގުމާލިއެވެ. އެންމެ ބޮޑު ތަފާތަކީ ފައުޒާގެ މޫނުމަތީގެ އަނދިރިކަން މަޑުމަޑުން ފިލައިގެންދާތަން ފެނުމެވެ. އެ މޫނުމަތިން ހިނިތުންވުމާއި އުފަލުގެ އަސަރު އެ ތިން އެކުވެރިންނަށް ފެންނަންފެށި ކަމެވެ.
އަރުމަންއާ ތަސްނީފްގެ ސަކަ މިޒާޖުގެ އެކި ޖެއްސުންތަކާއި ސަކަރާތްތަކުން މުޅި މާޙައުލުވަނީ އުފާވެރިކޮށްލާފައެވެ. ފައުޒާވެސް ލަދުރަކިކަމުގެ ބޯ ފަރުދާ ކަހާލާ ކުޑަކޮށް އެ ސަކަރާތްތަކުގައި ބައިވެރިވެ ހީލާ ހަދަމުންދިޔައެވެ.
އެ ސަކަރާތުގެ ތެރެއިން އެންމެން އެކީގައި ހަމަހިމޭންކޮށްލީ ޓީވީއިން ކިޔަމުންދިޔަ ޚަބަރެވެ. 'އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފިއެ. ހޯދަމުންދަނީ ޅ މާފިލާފުށި، ކިރިހިލާގޭ ފައުޒާ އަލީ އިބްރާހިމް ނަމަކަށް ކިޔާ އަންހެން ކުއްޖެއްކަމުގައި މަޢުލޫމާތު ލިބޭ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 10 ޖުލައި 2019 ވީ ބުދަދުވަހުގެރޭ ދިހަގަޑި ބައިހާއިރު ކަމަށް ފުލުހުންބުނޭ. މި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭނާގެ ފޯނު މިވަނީ އިއްޔެގެ ވަގުތެއްގައި އާޓިފިޝަލް ބީޗު ސަރަހައްދުގެ މޫދުން ފުލުހުން ހޯދާފަ. މި ކުއްޖާޔާބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ މީހަކު ވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން އިލްތިމާސްކުރޭ.'
އެ ޚަބަރު ކިޔާ ނިމެންދެން އެންމެނަށް ގަނޑުވެފައި ޓީވީއަށް ބަލަން ތިބެވުނެވެ. މުޅި މާޙައުލު ބަދަލުވެއްޖެއެވެ. އެއްވެސް މީހަކަށް ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ.
"މަޑުކޮށްބަލަ.." ކާންއިން ބަތްތަށީގައި ބާކީހުރިބައި ހުރިގޮތަށް ބަހައްޓާފައި ފައުޒާ ތެދުވެގެން ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. އަފްސަލް އޭނާ ހިފެހެއްޓުމަށް ކުރި މަސައްކަތްވީ ބޭކާރެވެ.
"ހިނގާބަލަ އެ ބަތްތަށި ހުސްކޮށްލަން.." ކައިނިމިގެން އަފްސަލް ގޮސް ކޮޓަރިއަށް ވަތްއިރު ފައުޒާ އިނީ އެނދުމަތީގައި ރޯށެވެ. އެއަޑު އިވިފައި ފައުޒާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޔެވެ. ނަމަވެސް އާދައެކޭ އެއްފަދައިން އެވަރަކުން އަފްސަލް ދުލެއް ނުކުރިއެވެ.
އަފްސަލްގޮސް ފައުޒާގެ ކަކުލުގައި އަތް އަޅުވާލައި އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖައްސާލިއެވެ.
"އަހަރެންނަށް އަންޑަސްޓޭންޑްވޭ ފައުޒާ ތި ކެރީ ކުރާ ޓެންޝަން. އެކަމަކު ތިހެން ހެދީމަ އެމީހުން ހީކުރާނެ ގޮތަކާމެދު ފައުޒާ ވިސްނާލިންތަ؟" އަފްސަލް ވާހަކަ ދެއްކީ ވަރަށް ދެރަވެފަ އިނދެއެވެ. "ފައުޒާއަށްޓަކާ އެމީހުން އެ ހުރިހާ އެއްޗެއް ގަނެ އެ ހުރިހާއެއްޗެއް ކައްކާ ހެދީމަ އެކަންކަމުގެ އެއްވެސް އަގެއް ފައުޒާގެ ކުރިމަތީގަ ނެތްތަ؟ ތިގޮތަށް ހެދީމަ އެމީހުން ކަޑަވާނެވަރު ފައުޒާއަށް ނުވިސްނޭތަ؟"
އެހިސާބަށް އަފްސަލްގެ ވާހަކަ ދިޔައިރު ފައުޒާގެ ގިސްލުން ކޮޓަރިތެރެއަށް ބޭރުވާން ފެށިއެވެ.
"އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ. އަހަރެން އެންމެ ފުރަތަމަ ރޭވެސް ފައުޒާ މިގެއަށް ގެނައީ ވަރަށް ބޮޑު ޕްރޮމިސްއެއް އަމިއްލަ ނަފްސަށް ކޮށްގެން. އެއީ ފައުޒާއަށް ބޭނުންވާ ހުރިހާ ޕްރޮޓެކްޝަންއެއް ފައުޒާއަށް ދޭން. އަހަރެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ހެދިޔަސް އަހަރެން ހިތަށް އެއްވެސް އެއްޗެއް ނާރުވަ އަހަރެން ހުރެދާނަން. ފައުޒާ ހިތްހަމަ ޖެއްސޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގަ އަހަރެން ގިވްއަޕްއެއްވެސް ނުކުރާނަން." ވާހަކަ ދައްކަމުންދިޔައިރު އަފްސަލްގެ ދެލޯ ފެންކަޅިވެފައިވާކަމެއް ލޯމަރައިގެންއިނދެ ރޮމުންދާ ފައުޒާއަކަށް ނޭނގެއެވެ. ނަމަވެސް އެ ކޮންމެ ޖުމްލައަކުން ފައުޒާގެ ހިތާ ކުޅެމުންދިޔައެވެ.
"އެކަމް އެގޮތަށް އެމީހުނަށް ނުވިސްނިދާނެދޯ؟ އެމީހުން ފައުޒާއަށްޓަކާ އެ ހުރިހާ ކަމެއް ކުރީމަ ފައުޒާ ތިގޮތަށް ނުކާ އައީމަ އެމީހުން ދެކޭގޮތްވެސް ބަދަލުވާނެދޯ؟ އެހާ ލޯބިން އެމީހުންވެސް އެ ކަންކަން ކޮށްދެނީ ފައުޒާ ތިހާ ދެރަވެފަ އިންނާތީ ފައުޒާ އުފާކޮށްދެވޭތޯ.." އަފްސަލްގެ ވާހަކަ ނުނިމެނީ އަފްސަލްގެ އަތް ފޮޅާލާފައި ފައުޒާ ތެދުވެގެން ގޮސް ބިތުގައި ޖެހިގަތެވެ.
އޭނާ އަޑުން އަޑުނަގާ ރޯންފެށީ އެވަގުތެވެ. އަފްސަލްއަށް ދުރުގައި ބަލަން ހުރެވެނީ ކިރިޔާއެވެ. ފައުޒާގެ އެ އަސަރުގަދަ ގިސްލުމުން އަފްސަލްގެ ހިތަށް ވަރަށް އަސަރުކުރުވައިފިއެވެ.
"ފައުޒާ އަޅެ ބުނެބަލަ އަހަރެން ދެން ހަދަންވީ ގޮތެއް! ވީ ގޮތެއް އިނގެނީކީ ނޫން. ބޮލުގަ ތި އެނބުރެނީ ކޮން ހާދިސާއެއްކަން އެނގެނީކީނޫން. އަހަރެންނަށް މި ފެންނަނީ މުޅިންވެސް ތި ދެލޮލުން މާޔޫސްކަމާ ހިތްދަތިކަން. އަހަރެން ކިހިނެއް ފައުޒާއަށް އެހީ ވާނީ؟ އަހަރެން ކީއް ކުރާނީ؟" އަފްސަލް ހުރީ ގޮތްހުސްވެފައެވެ.
"އެންމެ ފަހަރަކުވެސް ތި ވެގެން އުޅޭގޮތެއް އަހަރެންނަށް ކިޔާދީބަލަ. ހުއްޓާލާފަ ތި ހުރިހާ އިހުސާސްތަކެއް އަހަރެންނާ ހިއްސާކޮށްލަބަލަ. ހިތަށް ވަރަށް ލުއިވާނެ." އަފްސަލް ގޮސް ފައުޒާގެ މުލައްދަނޑީގައި މަޑުމަޑުން އަތް ޖައްސާލިއެވެ.
ފައުޒާ އެދެލޮލުން އަފްސަލްގެ ދެލޮލަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު އަފްސަލްގެ ދެލޯ ރަތްވެފައިވާތަން ފައުޒާއަށް ފެނުނެވެ.
"އަހަރެން ބޭނުމެއް ނޫން ދާކަށް. އެއްވެސް ތާކަށް ދާކަށް ބޭނުމެއްނޫން. އަހަރެން ޕޮލިހާ ހަވާލު ނުކުރައްޗޭ.. އާދޭސްކުރަން.." ފައުޒާ ރޮމުން ވާހަކަ ދެއްކިއިރު ގައިން ވާގި ދޫވެގެން އަފްސަލްގެ އަތުތެރެއަށް ލޫދެމުން ދިޔައެވެ.
"ހުއްޓާލަބަލަ! ހުއްޓާލަބަލަ! ކާކު ބުނީ ފައުޒާ އެމީހުނާ ހަވާލު ކުރާނެއޭ. އެއްވެސް މީހަކު ނާންނާނެ ފައުޒާ މިގެއިން ނެރޭކަށް." އަފްސަލް އޭނާގެ އަތުން ފައުޒާގެ އަތަށް ބާރު ކޮށްލިއެވެ.
"އަހަރެން ވަރަށް ބިރުގަނޭ އެބަ. ވަރަށް ބޮޑަށް. އަހަރެން ސަލާމަތް ކޮށްދެއްޗޭ.." ފައުޒާގެ ހަމަބުއްދިވެސް ފިލައިގެން ދާންއުޅޭހެން މިހާރު އެބަ ހީވެއެވެ.
"ދެން ނުރޮއި ހުއްޓާލާ. އިރާދަ ކުރެއްވިއްޔާ ފައުޒާއަށް އެއްވެސް ގޮތެއް ނުވާނެ. އަހަރެން މިހިރީނުން. އަހަރެން ހުއްޓަކާ ފައުޒައަށް އެއްވެސް ގޮތެއް ވިއަކަ ނުދޭނަން." އަފްސަލްގެ ދެލޯ ފެންކަޅިވާން ފެށުމުން އޭނާ ފައުޒާ އޭނާގެ މޭތެރެއަށްލާ ބައްދާލިއެވެ.
'ޓޮކްޓޮކް' ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލިއަޑު އިވުމުން ފައުޒާ ވަގުތުން އަފްސަލްއާ ދުރަށްޖެހިލިއެވެ. "ލޯ ފޮހެލާ.." ދޮރާދިމާލަށް އަފްސަލް ހިނގައިގަތީ އޭނާގެ ލޯވެސް ފޮހެލާފައެވެ.
"ކޮބާ ތަށިތައް ނަގަންވީތަ؟" ދޮރުމަތީގައި ހުރީ ތަސްނީފްއެވެ.
"ނޫން. ފައޫ އެ އަންނަނީދޯ ކާން؟" ފައުޒާއަށް ބަލާލާފައި އަފްސަލް ބުނެލިއެވެ.
"އޯކޭ.. އަހަރެމެން މަޑުކޮށްލާނަން.." ތަސްނީފް ހިނިތުންވެލިއެވެ.
"އަހަރެންނަށްޓަކާ ހިނގާ އެ ބަތްތަށި ކާލަން ދާން.." ދޮރު ލައްޕާލާފައިގޮސް އަފްސަލް ހުއްޓުނީ ފައުޒާގެ ގާތުގައެވެ.
"ހްމްމް.." ފައުޒާ ބޯޖަހާލިއެވެ.
"ހްމްމް އޭ؟ ހާދަ ރަނގަޅޭ.. އަހަރެން ބުނީމެއްނު އެ ވާހަކަތައް ކިޔާދިނީމަ ހިތަށް ވަރަށް ލުއި ވާނެއޭ.. ދެން ތިގޮތަށް އަބަދު ވާހަކަ ދައްކައްޗެ އިނގޭ!!" އަފްސަލް ހިނުތުންވެލިއެވެ.
"އެކަމް ކިހިނެއް ދެން؟ އެ ގޮވީނު ޓީވީއިންވެސް އަހަރެން އުޅޭ ތަނެއް އެނގެންޔާ އަންގާށޭ.. މިރޭ ކަންނޭގެ ދާން ޖެހޭނީ.." ފައުޒާ އެނބުރުނީ ކުޑަދޮރާ ދިމާލަށެވެ.
"އެހެން ކިހިނެއް ގެންދެވޭނީ؟ ކާކަށް އެނގޭނީ ފައުޒާ މިގޭގަ ހުރިކަމެއް؟ އެކަކަށްވެސް ނޭނގޭނެ."
"އަފްސަލްގެ އެކުވެރިން އަންގަފާނެ އެއްނު؟" ފައުޒާ އަދިވެސް ވާހަކަދައްކަނީ ކުޑަކޮށް ލަދުން ހުރެއެވެ.
"ހެހް. އެހެން ނުވާނެ. އަހަރެން ބުނާނަން އެމީހުން ކައިރީ މީހަކަށް ނާންގައްޗޭ.. އެހެންނޫނަސް އަހަރެން ފައުޒާ ގެނައީ ވަރަށް ކެއާކޮށްގެން ބަލަން. ފައުޒާ ބޭނުން ދުވަހެއް ވަންދެން މިގޭގަ ބަހައްޓަން.." އަފްސަލް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ.
ފައުޒާ ފަސްއެނބުރި ބަލާލިއެވެ. އަފްސަލްގެ ދެލޮލާ ހަތަރުކަޅި ހަމަވުމުން ހިނުތުންވެލިއެވެ. "ހިނގާ.." ފައުޒާގެ މޫނުން ފުރަތަމަ ފަހަރަށް އުފާވެރިކަމުގެ ހިނިތުންވުމެއް އަފްސަލްއަށް ފެނުމުން އޭނާވެސް އުފަލުން ހީލިއެވެ.
ކޮޓަރިން ބޭރަށް ނުކުތްއިރު ފައުޒާ ހުރީ ވަރަށް ހަމަޖެހިފައެވެ. މޫނުމަތި ވަނީ އުޖާލާކޮށެވެ.
"އަނހާ. އާދޭ އަވަހަށް ބަތްތަށި ކާލަން." ފައުޒާ ފެނުމާއެކު އަރުމަން ހެވިލާފައި ބުންޔެވެ. ޓިވީ ކައިރީގައި ތަސްނީފްވެސް ހިނިތުންވެލާފައި އިނެވެ. ފައުޒާ އެވެރިންނަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ގޮސް މޭޒުދޮށުގައި އިށީނެވެ.
މޭޒުމަތީގައި ހުރީ ފައުޒާ ކެއި ތަށި އެކަންޔެވެ. "ހުރިހާ ތަށްޓެއް ދޮވުނީތަ؟" އަފްސަލް އިށީން ވަގުތު ފައުޒާ ހެވިލާފައި އަހާލިއެވެ. އަފްސަލް ބޯ ޖަހާލިއެވެ. އުފަލުން ފޮޅިފައި އިނދެއެވެ.
"މޭން އާދެބެ. ވާހަކައެއް އެބައިނޭ.." އަރުމަން ގޮވާލީ އަފްސަލްއަށެވެ. އަފްސަލް ބަލާލިއިރު އަރުމަން ބެލްކަންޔަށް ނުކުންނަނީއެވެ.
"އެބަ އަންނަން އިނގޭ؟ އެކަނި އިންނަން ކެރޭނެތަ؟" އަފްސަލް ސުވާލުކޮށްލީ ފައުޒާއާއެވެ.
"އްންހްހްހް.. އޯކޭ.." ނޫން ގޮތަކަށް އިނދެ ފައުޒާ ހީލާފައި ބޯޖަހާލިއެވެ.
"ކިހިނެއް ވީއޭ؟" އަފްސަލް ނުކުތީ ބެލްކަންޔަށެވެ.
"މަގޭ މިހެން ބުނީމަ ތިމީހަ އަނެއްކާ ހިތްހަމަ ނުޖެހިފަ ނުހުންނައްޗޭ.." "އާނ.. ބުނެބަލަ." އަފްސަލް ހުރީ ބިއްލޫރި ދޮރުން ކާމޭޒުގައި ކާންއިން ފައުޒާއަށް ބަލާށެވެ.
"މަށަށް ފެންނަނީ ފައުޒާ ފުލުހުންނާ ހަވާލުކުރަން.." އަފްސަލް ކުއްލިއަކަށް އަރުމަންއަށް ބަލާލިއެވެ. އަފްސަލްގެ ދެލޯ ބޮޑުވިއެވެ.
= 21 ވަނަ އެޕިސޯޑު ނިމުނީ =