ނާކާ | އެފިސޯޑު - 6
ނާކާ | އެފިސޯޑު - 6
"ފަތީން އެކަނިދޯ އަދިވެސް އެހެރީ؟ ކޮބާބާ އެ ބުނާ މީހާ؟" އެ މީހާ ފެންނަން ނެތުމުން ޝިމާ، އާނިސްއަށް ބުނެލިއެވެ. "އަދި ނާންނަނީ ކަންނޭގެ." އާނިސް ވައިއަޑުން ބުނެލިއެވެ. އެ ދެ ކުދިން ނިވާވެގެން ހުރި ގަސް ކައިރިން ފަތީން ހުއްޓިގެން ހުރި ހިސާބު ސާފުކޮށް ފެނެއެވެ.
ފަތީން އެ ބުރިޖު މަތީ ހުންނަތާ ކުޑަ އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް އެ މީހާގެ އެއްވެސް އިޝާރާތެއް ނުވިއެވެ. ފަތީން އެނބުރި ޝިމާމެން ފެނޭތޯ ގަސްތަކުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އަނދިރިކަމުން ތަންތަން ވަކި ކުރަން ވަރަށް އުނދަގުލެވެ.
ބައި ގަޑީރެއްހާ އިރު އެތާ ހުރުމަށްފަހު އޭނާ ނާންނާނެ ކަމަށް ނިންމާފައި ފަތީން އެނބުރި ހިނގައިގަތެވެ. ޝިމާއާއި އާނިސް ފެނޭތޯއެވެ. ފަތީން އަންނަތަން ފެނުމުން ޝިމާއާއި އާނިސް ގަސްގަނޑުތެރެއިން ނުކުތެވެ. އެ ކުދިން ސުވާލު ކުރުމުން ފަތީން ކިޔައިދިނެވެ. ހީވާގޮތުން އެ ކުދިން އައިކަން އޭނާއަށް އެނގުނީއެވެ. އެހެންކަމުން އޭނާ ނައިސް ހުރީއެވެ. ނުވަތަ އެ މީހާ އެ ހެދީ ދޮގެކެވެ. ތިންކުދިންގެ ހިތުގައިވެސް އުފެދުނީ ވަރަށް ބޮޑު ސުވާލެކެވެ.
ޝިމާ ގެޔަށްލާފައި ފަތީންއާއި އާނިސްއަށް ފަތީންގެ ގެއާ ހަމައަށް އާދެވުނުއިރު 10 ޖަހައިފިއެވެ. "ކޮބާ ފައޫ؟ މަ ވަދެލަންތަ؟" އާނިސް މިހެން ބުނުމާއެކު ފަތީން ކުއްލިއަކަށް ހަނދާންވީ މިރޭ ޝައިހާ މިސް ކައިރިއަށް ވާހަކަ ދައްކާލަން އަންނަން މިސް ބުނެފައި އޮތްކަމެވެ. "އޭ މީ ކަޑަ ގަޑިއެކޭ މޭން.. ފަހުން ދޯ.. މަ ދެންމެވެސް މި ދިޔައީ ގްރޫޕް މަސައްކަތެކޭ ކިޔާފަ މަންމަމެން ކާރީ.. މި ފަހަރު ކިޔާނެ އެއްޗެއް ނޯންނާނެ." ފަތީން މަސައްކަތް ކުރީ އޭނާ ތާކަށް ދާން އުޅޭކަން އާނިސްއަށް ނޭންގުމަށެވެ. ކުލާހުގެ ދިވެހި ޓީޗަރާ މިކަހަލަ ގަޑިއަކު ބައްދަލުކުރަން އުޅޭކަން އެނގިއްޖެނަމަ ފަހަރެއްގައި އާނިސް ނުބައި މާނައެއް ނަގައިފާނެތީއެވެ. "އޯކޭ އޯކޭ.. ސަލާމް ބުނައްޖެ ފައޫއަށް.. ބުނައްޖެ މަ ވަރަށް ލޯބިވެއޭ.." އާނިސް ސަމާސާ ރާގަކަށް މިހެން ބުނުމަށްފަހު ގެއާދިމާއަށް ދާން ހިނގައި ގަތުނެވެ. ފަތީން ވެސް ހިނިގަނޑެއް ޖަހާލައިފައި އާނިސް ދަންދެން ފޯނާ ކުޅެން މަގުމަތީގައި ހުއްޓެވެ.
އާނިސް މަގުގެ ކޮޅުން އޮބާލުމުން ފަތީން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ސިޓިންރޫމްގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފަތީން ވަގުތުން އޭނާގެ ފޯނަށް އޮބަން ފެށިއެވެ. އަދި މިއަދު ޝައިހާމިސް ދިން ކުޑަ ކަރުދާސް ކޮޅު އޭނާގެ ގަމީހުގެ ޖީބުން ނަގައި މިސްގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު ރިންގްވީ އެންމެ ފަހަރެކެވެ. އެ ކޮޅުން ފޯނު ނެގީ ޝައިހާމިސްއެވެ. "މިސް.. މިއީ ފަތީން.. މިސް ފްރީތަ؟" ފަތީން ވަރަށް ލަދުން ހުރެ ވާހަކަ ދެއްކިއެވެ. "ހެހެ.. އާނ ވަރަށް ފްރީ.." އާދައިގެ ހިތްހެޔޮ ހިނިތުން ވުމަކާއެކު އެކޮޅުން މިސް ޖަވާބު ދިނެވެ. "އަހ އަހ... އަނެއް.. ތިގެހްހް.." ފަތީން އެ ގެއަށް ދާން ބޭނުންވާ ވާހަކަ ބުނަން އޭނާއަށް ހުރީ އުނދަގޫ ވެފައެވެ. "ހެހެހެހެ..... މިސް މިއަދު އަންނާށޭ ބުނީމަދޯ ތި ގުޅީ؟؟ ނާންނަނީތަ؟" ޝައިހާ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. "އަޅުގަނޑު މި ދަނީ ތި ގެއަށް އިނގޭ.." ފަތީން ބުނަން ބޭނުންވެގެން އުޅުނު ވާހަކަ އޭނާގެ ދުލުން ބޭރުކުރުމަށް އެހީވެދިނީ ޝައިހާގެ ހިތްހެޔޮކަމެވެ.
ފަތީންއަށް އެ ގެއާ ހަމައަށް ދެވުނީ ފަސްވަރަކަށް މިނެޓުންނެވެ. އެގޭ ދޮރު ހުރީ ލައްޕާފައެވެ. ފަތީން މަގުގެ ދެ ފަރާތަށް ރަނގަޅަށް ބަލާލުމަށްފަހު ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ގޭތެރެއިން ދޮރު ހުޅުވާލިއެވެ. "އާދޭ އެތެރެއަށް.." ޝައިހާ ބުނެލިއެވެ. ފަތީން އަވަސްއަވަހަށް ގޭތެރެއަށް ވަނެވެ. މީހަކަށް ފެނިދާނެތީއެވެ. "ހިނގާ ކޮޓަރިއަށް ވާހަކަ ދައްކާލަން.." ޝައިހާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަތީން ވެސް އޭނާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. ޝައިހާއާ ދިމާއަށް ފަތީންއަށް ރަނގަޅަށް ބަލާލެވުނީ އެ ވަގުތެވެ. ތިރިން ފެށިގެން މައްޗަށެވެ. އެއީ އޮމާން ދޮން ފައެކެވެ. އެ އުމުރުގެ ޒުވާނަކާ ބަލާފައި ހެޔޮވަރުގެ ބައްޓަމެއް ލިބިފައި ހުރި ރީތި ޒުވާނެކެވެ. އޭނާ ލައިގެން ހުރީ ފައިގެ ފަލަމަސްގަނޑު ފެންނަ ވަރުގެ ކުރު ސޯޓަކާއި ކުޑަ ޓޮޕްކޮޅެކެވެ. ޓޮޕްކޮޅުގެ ކުރުކަމުން ސޯޓާއި ޓޮޕްކޮޅާ ދެމެދުން އޭނާގެ ބަނޑުގެ ވަރަށް ބޮޑު ބައެއް ހާމަވެއެވެ. ޝައިހާގެ ރީތިކަމަށް ގެއްލިފައި ފަތީންއަށް ހުއްޓިގެން ހުރެވުނެވެ. "އިށީނދެބަލަ.." ޝައިހާ އިޝާރަތް ކުރީ އެނދަށެވެ. ފަތީން އެނދުމަތީގައި އިށީނުމާއެކު ޝައިހާވެސް ފަތީންގެ ގާތުގައި އިށީނެވެ.
ޝައިހާ: "އެއްވެސް ވާހަކައެއް ވެސް ނުދައްކާ ތި އިންނަނީ ކީއްވެ؟"
ފަތީން: "ހެހެ. ކޮންވާހަކައެއް ދައްކަންވީ؟"
ޝައިހާ: "ފަތީން ބޭނުން ވާހަކައެއް."
ފަތީން: "މިސް އެކަނިތަ މި ގޭގަ އުޅެނީ؟ ކޮބާ މިގޭ މީހުން؟"
ޝައިހާ: "ހެހެ. އާނ މި ވަގުތު މި އުޅެނީ މިސް އެކަނި. މިސްގެ އާއިލާގެ މީހަކު މިހާރު ދުނިޔެއަކު ނެތް. މާލޭގަ އުޅެފަ މި ބަދަލުވީ މި މަންތްގަ. ޖޮބެއް ލިބުނީމަ ދެން ހަމަ އައީ..."
ޝައިހާގެ ހިތްހެޔޮ މިޒާޖާއެކު ފަތީންގެ ލަދުރަކިކަން މަޑުމަޑުން ފިލައިގެންގޮސް ހަމަޖެހިގެން ވާހަކަ ދައްކަން ކެރޭވަރަށް އޭނާ ހަމަޖެހިލިއެވެ. ފަތީން އިނީ އެ ކޮޓަރީގެ ރީތިކަމާ މެދު އާގަމަ ވެފައެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގާލަހިންގާލައެވެ.
ޝައިހާ: "ދެން އެ ވާހަކަ ދައްކަބަލަ."
ފަތީން: "ތި ބުނީ ކޮން ވާހަކައެއް؟"
ޝައިހާ: "ފަތީން އެންމެ ދައްކަން ބޭނުންވާ ވާހަކައެއް. މިސްއަށް އެނގޭ ފަތީން ތަފާތުކަން ތި ކްލާސް ހުރިހާ ކުދިންނާ އަޅާ ބަލާލިއިރު. އެކަމް ނޭނގެނީ ކިއްވެކަން އެ ތަފާތު އެ ފެންނަނީ."
ފަތީން: "އެއީ ކޮން ވާހަކައެއް؟"
ޝައިހާ: "ހެހެ. ފަތީން ތި ނޭނގޭ ކަމަށް ހަދަނީ.. މިސްއަށް ކިޔާދީބަލަ ފަތީންގެ ބޭބެ ނެތުމުން އެންމެ މިސްވަނީ ކޮން ކަމެއްކަން؟"
ފަތީން: "ބޭބެ ނެތީމަދޯ؟ ބޭބެއާ ނުލާ އައިމް ޔޫޒްލެސް. އައި މިސް މައިސެލްފް ނައު. ބޭބެ ހުރި އިރު ކަމަކާ ވިސްނާކަށް ނުޖެހެ. މީހަކު އަޅުގަނޑާ ދިމާއަށް ބާރަށް އެއްޗެއް ބުންޔަސް ބޭބެ އެ މީހަކު ހުރިތަނަށް ތިރިވާވަރު ކޮށްލާނެ. އަޅުގަނޑަކީ ބޭބެގެ އެއްމާބަނޑު ކުއްޖަކަސް މިޒާޖު ވަރަށް ތަފާތުވާނެ. އަޅުގަނޑާ ދިމާއަށް މީހަކު އެއްޗެކޭ ބުންޔަސް އަޅުގަނޑަކަށް ނުކެރެ ރައްދު ދޭކަށް. އެކަމް ބޭނެ އޭގެ އިދިކޮޅު. މީހުން ބުނޭ ވަލުތެރޭގެ ޖަނަވާރުން އެ އެއްޗެހީގެ ދަރިން ބޭރުން އަންނަ ހަމަލާތަކުން ހިމާޔަތް ކުރާހެން އިންސާނުންވެސް އެ މީހުންގެ ދަރިން ބޭރުން އަންނަ ހަމަލާތަކުން ހިމާޔަތް ކުރާނެއޭ.. އެކަމަކު އަޅުގަނޑަށް އެ ހިމާޔަތްތެރިކަން އިހުސާސް ކުރެވުނީ އަޅުގަނޑުގެ ބޭބެއާ އެކު. އެކަމަކު އެ ހިމާޔަތްތެރިކަން ނިގުޅައިގަތް މީހަކު އެ ނިގުޅައިގަތީ. އެއީ އެއްވެސް ރަހުމެއް ނެތް މީހެއް. ހިތެއް ނެތް މީހެއް. އަޅުގަނޑު ދުވަހަކުވެސް އެ މީހަކަށް މައާފެއް ނުކުރާނަން."
ބޭބެގެ ވާހަކަތަކުން މާޒީގެ ހަނދާންތައް ސިކުނޑިއަށް ވެރިވެ ފަތީންއަށް ރޮވުނެވެ. ޝައިހާ ފަތީންއާ ގާތަށްޖެހިލިއެވެ. އަދި ފަތީންގެ ކޮނޑުގައި އޭނާގެ އަތް ބާއްވާލިއެވެ. އިސްދަށަށް ޖަހައިގެންއިން ފަތީން، ޝައިހާއާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ފަތީންގެ އިހުތިޔާރުން އޭނާގެ ވިސްނުން ބޭރުވިފަދައެވެ. ޝައިހާގެ ގައިގައި ފަތީންއަށް ވަރަށް ބާރަށް ބައްދައިލެވުނެވެ. އަދި އަޑުންއަޑުނަގާ ރޯން ފެށުނެވެ. ޝައިހާ ފަތީންގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. ފަތީންގެ އެ އުދާސްތައް ބޭރުކުރެވޭނީ ހިތް ފުރޭވަރަށް ރޮއިލީމަކަން ޝައިހާއަށް އެނގެއެވެ.
ފަތީން ވަރަށް ގިނައިރު ވަންދެން އެގޮތުގައި ރުއެވެ. ޝައިހާމިސް ގައިގައި ބައްދާލެވިފައި ވާކަން ފަތީންއަށް އިހުސާސް ކުރެވުނީ އެތަށް އިރަކު ރުއި ފަހުންނެވެ. ފަތީން މަޑުމަޑުން މިސްއާ ދުރަށް ޖެހިލިއެވެ. އެއީ ކޮށްގެން ނުވާނެ ކަމެއްހެން ފަތީންއަށް އިހުސާސް ކުރެވުނީމައެވެ. ފަތީންގެ މުޅި ހަށިގަނޑަށްވެސް ހަމަޖެހުމެއް އިހުސާސް ކުރެވުނީ އެ ވަގުތެވެ. ހަފްތާއެއްހާ ދުވަސް ހިތުގައި ރައްކާކޮށްގެން ގެންގުޅުނު އުދާސްތައް ހިތުން ނުކުމެގެން ދިޔައީ ހިތް ފުރޭވަރަށް ރޮއިލީމައެވެ. "އޯކޭތަ؟" ފަތީންގެ ބޮލުގައި ފިރުމާލަމުން ޝައިހާމިސް އަހައިލިއެވެ. އެ ވަގުތު ފަތީން ޝައިހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޝައިހާ އިނީ މާޔޫސްވެފައެވެ. އެއީ ކަޅިރަވަ ރީތި ޖާދުވީ ލޮލެކެވެ. ފަތީންއަށް އެ ދެލޮލުގެ ތެރެޔަށް ވަދެވުނީ ނޭނގި އިންދާ ކުއްލިއަކަށެވެ. އެ ދެ ލޮލުން އޯގާތެރިކަމާއި ހަމްދަރުދީގެ އިތުރުން އެހެން އެއްޗެއް ފަތީންއަށް ފެންނަ ފަދައެވެ. ޝައިހާގެ ދެ ލޯ ފަތީންއާ ވާހަކަ ދައްކާފަދައެވެ. އެ ދެ ލޯ ފަތީންގެ ހިތަށް ބުނެދެނީ ޝައިހާގެ ހިތުތެރެޔަށް ވަނުމަށެވެ. އެ ހިތުގައި ފަތީންއަށްޓަކައި ތައްޔާރު ކުރެވިފައި އޮތް ޖާގައެއް އޮތް ވާހަކައެވެ. ނަމަވެސް ފަތީން ބިރުގަތެވެ. އެއީ ބިލާހަކަށް ވެދާނެތީއެވެ. ފަތީން ވަގުތުން އިންތަނުން ތެދުވިއެވެ. ކުރެވުނީ ކުރެވިގެން ނުވާނެ އިހުސާސްތަކެއްހެން ފަތީންއަށް ހީވުމުންނެވެ.
"ކީއްވެ ތި ތެދުވީ؟ މިސްއަށް ފަތީން ދެރަވާ ކަހަލަ ކަމެއް ކުރެވުނީތަ؟" ޝައިހާގެ ހިތުގައި އުފެދުނު ސުވާލުތައް އޭނާ ފަތީންއާ ކުރިއެވެ. އެ ވަގުތު ފަތީން ދިނީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ބޯ ދެފަރާތަށް ހޫރާލިއެވެ. އިސްދަށަށް ޖަހައިގެން ހުރެއެވެ. "މިރޭ ގޮސްލާނަން!" އެކޮޓަރިން ނުކުތުމަށް ހިނގައިގަންނަމުން ފަތީން ބުނެލިއެވެ. ޝައިހާ އިތުރު އެއްވެސް އެއްޗެއް ނުބުނެ އެނދުމަތީގައި އިނެވެ.
ފަތީން ނުކުމެގެން ދިޔަތަން ބަލަން ޝައިހާއަށް އިނދެވުނީ ލަދުވެތި ވެވުނީމައެވެ. ފަތީންއަށް އެހީވާން ޝައިހާ ކިތަންމެ ބޭނުންވިއަސް ވަކިވަރެއްގެ ދުރުމިނެއް އެ ދެމެދުގައި ވާންޖެހޭނެކަން ޝައިހާ ހަނދާން ނެތުނީއެވެ. އެ ކަމާ ޝައިހާ އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރިއެވެ.
ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގެއާދިމާއަށް އަޅަމުން ދިޔަ އިރު އެތަކެއް ވާހަކަތަކެއް ފަތީންގެ ހިތް އޭނާއާ ދައްކަމުން ދިޔައެވެ. ޝައިހާގެ ދެ ލޮލުން ދެންމެ ފެނުނު ވާހަކަތަކަކީ ޙަޤީޤަތެއް ބާއެވެ؟ އެއީ ޙަޤީޤަތަކަށް ވުމަށް ފަތީންގެ ހިތް އެދި ގޮވާކަހަލައެވެ. ޝައިހާ ފަތީންގެ ހިތުން ޖާގައެއް ހޯދާހެން ފަތީންއަށް އިހުސާސް ކުރެވެން ފެށިއެވެ.
- 6 ވަނަ އެޕިސޯޑް ނިމުނީ -