ނާކާ | އެފިސޯޑު - 7
ނާކާ | އެފިސޯޑު - 7
ޝައިހާގެ ގެއިން ނުކުމެގެން ފަތީން އައިސް ގެއަށް ވަތް އިރު ފައުޒާ ސިޓިންގްރޫމް ސޯފާގައި ފޯނެއްގައި އިނެވެ. ފަތީން ކޮޓަރިއަށް ދިއައީ ފައުޒާއާ ސަމާސާކޮށްލުމުގެ ގޮތުން އޭނާގެ އިސްތަށިގަނޑަށް ދަމާލާފައެވެ.
"ދެން މަ ދާހިތްވީމަ ދާނަމޭ ސުކޫލަށް. އާނިސް ދެން ހުރިހާ ކަމަކާ ނުބެހި އޮވެބަލަ." ފައުޒާ، އާނިސްއާ ވާހަކަ ދެއްކީ ވަރަށް ރުންކުރު ގޮތަކަށެވެ.
މި ފަހަކަށް އައިސް އާނިސް ކޮންމެ އެއްޗެއް ބުންޔަސް ފައުޒާ ވަރަށް ފަސޭހައިން ރުޅިއަންނަކަން އާނިސްއަށް ފާހަގަ ކުރެވެއެވެ. "ބޭބީ ކީއްވެތަ މިހާރު ތި ރުޅި އައީ؟ މި ތާކު ރުޅިއަންނަ ވަރުގެ ވާހަކައެއް މަ ނުބުނަމެއްނު. ބޭބީއަށް ރަނގަޅަކަށް ދޯ ސުކޫލަށް ދާންވެސް މަ މި ބުނަނީ.." އާނިސް ވަރަށް ދެރަވެލާފައި ބުންޔެވެ.
"ހްމްމްމްމް... ދެންހެވޭ.. އަބަދު ފަތުވާ ނުދިނަސް ވެދާނެދޯ.." ފައުޒާ ބުނިގޮތުން އޭނާ ހުރީ ބޮލަށް އުނދަގޫވެފައިކަން އާނިސްއަށް އެނގުނެވެ. "ދެން... ތި ވައްތަރަށް ވާހަކަ ދައްކާތީއޭ މަ ނައްޓަނީ.. ފައޫ ތިއްތިބެ ނެތީމަ ދެރަވެފަ ހުންނަވަރުން މަ މި ހުންނަނީ ކެތްކޮށްގެން އެއްޗެކޭ ނުބުނަން.. މަކުރާ މެސެޖުތަކަށް ރިޕްލައެއް ނުދޭ.. ފޯނު ނަގަނީ ހިތަށް އެރިއްޔާ.. އެކަމަކު ފޯނު ނަގާ ފަހަރަކު ވެސް ތި އިންނަނީ އެއްޗެކޭ ބުނެލާއިރަށް ރުޅިއައިސްފަ. ތި ގޮތަށް ހެދީމަ އަހަރެން ވަރަށް ދެރަވޭ. ތިހެން ނުހަދާ ރީއްޗަށް ބުނީމަ މަ ފޯނު ބާއްވަފާނަމޭ.." އާނިސްއަށް ކެތް ނުކުރެވުމުން އޭނާ ފައުޒާއާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިގެންނެވެ. "އެހެންވީރު ބާއްވަންވީއެންނު." ފައުޒާ މިހެން ބުނެފައި ފޯނު ސޯފާ މައްޗަށް އެއްލާލިއެވެ. އެ ވަގުތު އާނިސް ފޯނު ކަނޑައިލިއެވެ.
ފައުޒާ އެހާ ބަދަލުވީ ކީއްވެގެންބާއޭ އާނިސްގެ ހިތަށް އެރިއެވެ. އާނިސް ދެކެ މިހާރު ފައުޒާ ލޯބި ނުވަނީ ބާއެވެ؟ ނޫނީ މި ހުރިހާ ދުވަހު އާނިސްއާ އެކީގައި ފައުޒާ އުޅުނީ، އެއީ ފަޒީން އެދޭގޮތް ވީމަބާއެވެ؟ މި ފަދަ ޖަވާބު ނޭނގޭ އެތައް ސުވާލުތަކަކާއިމެދު އާނިސް އެރޭ ވަރަށް ބޮޑަށް ވިސްނިއެވެ. އަދި އެ ވާހަކަ ފަތީންއާ ހިއްސާ ކުރަން އާނިސް ބޭނުންވިއެވެ.
ފަތީން ދަތް އުނގުޅާ، މޫނުދޮވެލާ ހަދައިގެން ފާހަނައިން ނުކުމެ އެނދުމައްޗަށް ވެއްޓިގަތީ ވަރަށް ވަރުބަލިވެފައި ހުރީމައެވެ. އެ ވަގުތު އޭނާގެ ހިތަށް މިރޭ މި ހިނގާދިޔަ ކަންތައްތައް އަންނަން ފެށިއެވެ. ޝައިހާގެ ވިސްނުން އެންމެ ހިނދުކޮޅަކަށްވެސް ފަތީންގެ ހިތަކުން ނުދިޔައެވެ. އެ ޙިޔާލުތަކުގައި ފަތީން އޮތީ ނިދިނައިސްފައެވެ.
ދެ ފަރާތަށް ފުރޮޅިފުރޮޅި އެތައް އިރަކު އޮތުމަށްފަހު ފަތީން އޭނާގެ ފޯނު ނެގިއެވެ. ފޭސްބުކަށްވަދެ ހާވަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ފޭސްބުކުގެ 'ސަޖެސްޝަން ލިސްޓް' ގައި ޝައިހާގެ ފޮޓޯއަކާ އެކު އޭނާގެ ނަން ޖަހައިފައިއިން އައިޑީއެކެވެ. ފަތީން ވަގުތުން އެ އައިޑީ ހުޅުވާލިއެވެ. އެއީ ޝައިހާގެ ފޭސްބުކް އައިޑީއެވެ. ފަތީން ފްރެންޑް ރިކުއެސްޓް ފޮނުވާލީ ލަދުން އޮވެއެވެ.
'ކަލެޔަށް އަދި އެއްފުރުސަތު ލިބިދާނެ.' ކުއްލިއަކަށް ފަތީންގެ ފޯނަށް އައި މެސެޖް ފަތީން ހުޅުވާލި އިރު އެއީ އެ ގޮތްނޭގޭ މީހާގެ ފަރާތުން އައި މެސެޖެކެވެ. އޭނާ އެ ދައްކަނީ ކޮން ފުރުސަތެއްގެ ވާހަކަކަން ފަތީންއަށް ހަމަ ރަނގަޅަށް އެނގެއެވެ. ނަމަވެސް ފަތީން އެ މެސެޖަށް ރަށްދެއް ނުފޮނުވައި މަޑުކޮށްލިއެވެ. އެ މީހާގެ ދެވަނަ އިޝާރާތެއް ލިބޭތޯއެވެ.
ފަތީންއަށް ހީކުރެވުނީ ރަނގަޅަށެވެ. ދެތިން މިނެޓު ފަހުން އެ ނަމްބަރުން ފަތީންއަށް ގުޅަން ފެށިއެވެ.
ފަތީން: "ހަލޯ.."
އޭނާ: "އަހަރެން ކަލެޔަށް އަދި އެއްފުރުސަތު ދީފާނަން. މި ކަމުން ފައިދާ ވާނީ ހަމަ ކަލެޔަށް. އަހަރެން ކަލެޔަށް ދޭން މިއުޅެނީ ކަލޭ ބޭބެގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރުމަށް ކަލެޔަށް ވެސް އަދި ފުލުހުންނަށް ވެސް ވަރަށް ފަސޭހަ ވާނެ އެއްޗެއް."
ފަތީން: "އެއީ ކޯއްޗެއް؟"
އޭނާ: "އިހަށް އަޑުއަހާބަލަ. އެއީ ކޯޗެއްކަން އެނގޭނީ ކަލޭ އައީމަ. އެކަމަކު މިރޭ ކަލޭ ތިކުރި ކަހަލަ ކަޑަ ކަމެއް ތަކުރާރު ވެއްޖެޔާ އޭގެ މަތިން ހަނދާން ނައްތާލާ.."
ފަތީން: "ކޮންމެހެން މަތާކަށް ނުގެންދިޔަސް ކަލޭ ތި ދޭންއުޅޭ އެއްޗެއް މިގޭ ކައިރިއަށް އައިސް ވެސް ދެވިދާނެދޯ.."
އޭނާ: "ހަހަހަހަހާ... ބަލަ މޮޔަޔާ.. މި ޒަމާނުގަ އެއްވެސް މީހަކު އެދުމެއް މެތި ވެދުމެއް ކުރޭތަ؟ މަ ކަލޭއަށް އެހާ ބޭނުންތެރި އެއްޗެއް ދޭއިރު ކަލޭގެ ފަރާތުން މަ ބޭނުންވާ އެއްޗެއް ލިބެންވާނެދޯ. އެ ވާހަކަ ރަނގަޅަށް ދައްކާލެވޭނީ ކަލޭމެންގޭ ދޮރުމަތީތަ ނޫނީ އެކަހެރި ތަނެއްގަތަ؟"
ފަތީން: "ހްމްމްމްމް... އެކަހެރި ތަނެއްގަޔޯ.. ކޮންތާކައްތަ ދެން ދާންވީ؟"
އޭނާ: "ހަމަ މިރޭވެސް ދިޔަތަނަށް. އެކަމަކު މާދަމާރޭ ދަންވަރު 1 ޖަހާއިރު. ނަމަނަމަ ސުކޫލުން ވެސް މީހަކު ކައިރީ ނުބުނާތި. ބުނެފިއްޔާ ޑީލް ނިމުނީ.."
އޭނާ މިހެން ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.
ޖެހިގެންއައި ދުވަހު ފަތީން ސުކޫލަށް ދާން ނުކުތްއިރު ފަތީންއަށް ފެނުނީ ވަރަށް އުފާވެރި މަންޒަރެކެވެ. ފައުޒާ އިނީ ސުކޫލަށް ދާން ތައްޔާރުވެ ޔުނީފޯމު އަޅާލައިގެންނެވެ. "ހާދަ ރަނގަޅު ކުއްޖެކޭދޯ މީނީ؟" އެއަޑު އަހާފައި ފައުޒާ ޖަހާލީ ހިނިގަނޑެކެވެ.
"ތި ކަހަލަ ރަނގަޅު ބޭބެއެއް ލިބުނީތީ ވެސް ރަނގަޅަށް އުޅެވޭތޯ ބަލަން ވާނެއެއްނު؟" ފައުޒާގެ މޫނުމަތީގެ އުފާވެރިކަން ފެނިފައި ފަތީންގެ އުންމީދު އާލާވިއެވެ. ގޭތެރެއަށް ގެންނަން ބޭނުންވާ ދިރުމުގެ ކޮޅުމަތި ފެނުނު ފަދައެވެ. ބަދިގެއަށް ވަތްއިރު ބައްޕަވެސް އިނީ ފިހާރަޔަށްދާން ތައްޔާރުވެގެންނެވެ. ފަތީންގެ ބައްޕަ އިބްރާހިމްގެ ވިޔަފާރިއަކީ ރަށުގައި އެންމެ ފުޅާކޮށް ހިންގާ ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިއެވެ. އިބްރާހިމްއަކީ މިހާރު މިރަށުގައި ހުރި އެންމެ މުއްސަނދި ފަސް މީހުންގެ ތެރޭގައި ހިމެނޭނެ އެކަކެވެ. ނަމަވެސް އޭނާ އެ ފައިސާ ގެންގުޅެނީ ވަރަށް ފިއްތައިގެންނެވެ. އޭނާގެ ދަރިން ކަމަކު ބުންޔަސް އޭނާ ބަލަނީ އެކަމެއް ނުކޮށްދީ ވޭތޯއެވެ. އެ ފައިސާ މަދުވެދާނެތީއެވެ.
މިއަދުވެސް ކުލާހުން ފަތީންއަށް ޝައިހާއާ ދިމާވިއެވެ. ނަމަވެސް މިއަދު އޭނާގެ މިޒާޖު ތަފާތެވެ. އެ މޫނުން ފެންނަ ހިނިތުންވުމާއި ހިތްހެޔޮކަން މިއަދު ނުފެންނަކަން ކުލާހުގައި ކިޔަވަންތިބި ހުރިހާ ކުދިންނަށްވެސް އެނގޭނެއެވެ. ދިވެހިގަޑި ފެށިގެން ނިމެންދެންވެސް ފަތީންއަށް އިނދެވުނީ ކަޅިޖަހާނުލައި އެރީތިކަމަށް ބަލާށެވެ. ފަތީންގެ ހިތުގައި ޝައިހާއަށްޓަކާ ލޯބި އުތުރެމުން ދިޔައެވެ. ނަމަވެސް އޮޅުމަކުންވެސް މިއަދު ޝައިހާ، ފަތީންއާ ދިމާއަށް ބަލައެއް ނުލައެވެ.
އާދައެކޭ އެއްފަދައިން ކުލާސް ނިންމާފައި ފަތީން ސުކޫލުން ނުކުތީ އާނިސްއާއި ޝިމާއާ އެކުގައެވެ. "އެއްކަލަ މީހާގެ ޙަބަރެއް ނުވޭތަ؟" ޝިމާ އަހާލިއެވެ. "އާނ ނުވޭ.. އެއީ މީހަކު އަހަރެން ތަޅުވަން ދެއްކި ވާހަކައެއް ކަންނޭގެ.." ފަތީން ހެދީ ދޮގެކެވެ. ސަބަބަކީ އެ މީހާއާއެކު ފަތީންވި އެއްބަސްވުމާ ޙިލާފުވާން ފަތީން ބޭނުން ނުވީމައެވެ.
"އޭ ތިއެއް ނޫނޭ.. ވަރަށް ސަކަރާތޭ މިހާރު. ފައޫ ވަރަށް ޗޭންޖް. ގުޅާގެން ރީތިކޮށް ވާހަކަ ދައްކަން އުޅުނަސް ފަތުވާ ދެނީއޭ ކިޔާފަ ރުޅިއަންނަނީ.. އޭނަ ރުޅި ނާންނަ ކަހަލަ އެއްވެސް އެއްޗެއް މިހާރު މަށަކަށް ނުބުނެވެ." އާނިސް ވަރަށް ކަންބޮޑުވެފައި ހުރެ ފަތީން ކައިރީ ބުނެލިއެވެ. "އެހެންތަ؟ މަ ވާހަކަ ދައްކާލާނަން އޭނައާ އިނގޭ.."
އެކިއެކި ވާހަކަތަކުގައި ތިން ކުދިން ހިނގަމުން އައިސް ޕޮލިސް ސްޓޭޝަންއާ އަރާ ހަމަވިވަގުތެވެ. ފުލުހުންގެ އުޅަނދު އައިސް ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ހުއްޓާލިއެވެ. އޭގެން ފެއިބީ ނަޒީހުއެވެ. ނަޒީހު އެ ތިންކުދިންނާ ދިމާއަށް ބަލައިލި ވަގުތު އެ ތިން ކުދިން ނުލަފާ ގޮތަކަށް ހިނިގަނޑެއް ޖަހައިލިއެވެ. ޕޮލިސް އޮފިސަރު ސަމާހުއާ އެކުގައި ނަޒީހު ޕޮލިސް ސްޓޭޝަންއަށް ވަނީ އެ ކުދިންނާ ދިމާއަށް ދެ ލޯ އަޅައިގެން ހުރެއެވެ.
"ފަޒީން އަލީ އިބްރާހިމްގެ އާއިލާއިން އެބަ ބުނޭ ނަޒީހު އޭނަ މަރާލަން ތަކުރާރުކޮށް އިންޒާރު ދިން ވާހަކަ! މީ ކިހާވަރެއްގެ ތެދު ވާހަކައެއް؟" ސަމާހު ސުވާލު ކޮށްލިއެވެ.
"އަހަރެން އޭނައާ ދިމާއަށް ބުނިން މަރާލާނަމޭ.. އެކަމަކު އަހަރެން މީންކޮށް ބުނި އެއްޗެއް ނޫން އެއީކީ..." ނަޒީހު ޖަވާބުދިނެވެ. "އެހެންވިއްޔާ 28 ޖޫން 2019 ވީ ހުކުރު ދުވަހުގެރޭ ނުވައެއްގެ ފަހުން ނަޒީހުއަށް ފަތީންއާ ދިމާވިތަ؟" ސަމާހު ސުވާލު ކޮށްލިއެވެ. ނަޒީހު ނޫނެކޭ ބުނުމުގެގޮތުން ބޯ ހޫރާލިއެވެ.
"ކޮބާ އަސްލު ނަޒީހުއާ ފަޒީނުގެ ދެމެދުގައި ޖެހިފައިއޮތް މައްސަލައަކީ؟" އެ ކުޑަ ކޮޓަރީގައި ތިބީ ނަޒީހުއާ ސަމާހު އެކަންޔެވެ.
"އަނެއްހެން މައްސަލައެއް ނުޖެހެ. އަހަރެން އޭނަ ކައިރީގަ ބުނަނީ އަހަރެން ޝިމާ ދެކެ ލޯބިވެޔޭ. ބުނީމަ އޭނަ ނައްޓާގެން ގަޔަށް ބޮލަށް އަރަނީ.." ކުރިމަތީގައި ހުރި ކެމެރާއަށް ބަލާލަމުން ނަޒީހު ބުނެލިއެވެ.
"ދެންކީއްވެ މަރާލާނަމޭ ބުނަން ޖެހުނީ؟" ސަމާހު ދެލޯ އަޅާލިއެވެ.
"އެއީ އެ ގޮތަށް އޭނަ އަހަރެން ފްރެންޑުންނާއެކު އުޅޭ ގަޑިތަކުގަ ވެސް އައިސް ބޮލަށް އަރާތީ ރުޅިއައިސްގެން ބުނެވޭ އެއްޗެއް. އެކަމަކު ރުޅި މަޑުވީމަ އަހަރެން އަޅައެއް ނުލަން ފަހަކުން. އޭނަ މަރާލަން ވިސްނުމެއްވެސް އަހަރެން ނުގެންގުޅެން." ނަޒީހު އިނީ ވަރަށް ހަމަޖެހިފައެވެ.
ނަޒީހުގެ ބަޔާނަށްފަހު ސަމާހުއަށް އެނގުނު ގޮތުގައި ނަޒީހުގެ ހިތުގައި ފަޒީންއާ މެދު މާބޮޑު ރުޅިވެރިކަމެއް އުފެދިފައެއް ނެތެވެ. އަދި އެރޭ ފަޒީންއާ ނަޒީހު އެއްވެސްތާކުން ބައްދަލުވެފައި ވާކަމުގެ ހެއްކެއް ފެންނާކަށް ވެސް ނެތެވެ. އެހެންކަމުން އިތުރަށް މައްސަލަ ތަޚުޤީޤު ކުރުމަށް ނަޒީހު ދޫކޮށްލެވުނެވެ.
- 7 ވަނަ އެޕިސޯޑު ނިމުނީ -