އިންޑިއާ ސިފައިން ރާއްޖޭގައި ބޭނުން ކުރި ހެލިކޮޕްޓަރު --
ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ހެލިކޮޕްޓަރު ތިމަރަފުއްޓަށް ޖެއްސި: ޑިފެންސް މިނިސްޓަރ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އިރު، ދިވެހި ސަރުކާރުގެ ހުއްދަ ނެތި އިންޑިއާ ހެލިކޮޕްޓަރު ރާއްޖޭގައި ދުއްވާފައިވާ ކަމުގައި ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އިރު ދިވެހި ސަރުކާރުގެ ހުއްދަ ނެތި ހެލިކޮޕްޓަރު އޮޕަރޭޓް ކުރި ކަމަށާއި، އެމަނިކުފާނު މަޖިލީހުގެ މެމްބަރު ކަމުގައި ހުންނެވި އިރު އެފަދަ މައްސަަލައެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތެރެއިން ބަލާފައިވާ ކަމަށެވެ. މިގޮތުން ޣައްސާނު ވިދާޅުވީ، ދިވެހި ސަރުކާރުގެ ހުއްދަ ނެތި، އިންޑިއާ ހެލިކޮޕްޓަރުގައި އިންޑިއާ ސިފައިން، ކޮޅުމަޑުލު ތިމަރަފުށީ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާދިސާ އާއި ގުޅޭ ގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް މިނިސްޓަރ ޣައްސާނު ނުދެއްވައެވެ.
އެހެންނަމަވެސް އިންޑިއާ ސިފައިން ފޮނުވާލައި، އިންޑިއާގެ ސިވިލިއަނުން ރާއްޖެއަށް ގެނައުމަށްފަހުގައި އެފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ޣައްސާނު ވަނީ ދެއްވާފެއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ޤައުމަށް ގެންގޮސްފައި ވާއިރު، އޭގެ ބަދަލުގައި ވަނީ އިންޑިއާގެ މަދަނީ މީހުން ރާއްޖެއަށް ގެނެސްފައެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާނީ އެމީހުންނެވެ. އަދި އެމީހުން ރިޕޯޓްކުރަން ޖެހޭނީ ޑިފެންސް މިނިސްޓްރީއަށާއި، އެމްއެންޑީއެފަށެވެ.