ނާކާ | އެޕިސޯޑު - 20
ފާޚާނާގައި ރޯން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ޝިރާނީއަކަށް ނޭނގެއެވެ. ނޭފަތުން ފައިބަމުންދިޔަ ފެންތައް ފޮހެމުން ލޮލުން ކަރުނަތައް ފޮހެމުން ދިޔައިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ.
ވަރަށް ހިތްވަރުކޮށްފައި މޫނު ދޮވެލާގެން ޝިރާނީ ނުކުތީ އުޖާލާ މޫނެއް އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ދައްކާށެވެ.
" ކަމެއް ގޯސްވީތަ؟ " ޝިރާނީ ފާޚާނާއިން ނުކުތް ވަގުތު އުޒައިރު ދެލޯ ބޮޑު ކޮށްލާފައި ވައިއަޑުން އަހާލިއެވެ. އެއިރު އެނދުމަތީގައި އޮތް އާނިސްއަށް އޮތީ ނިދިފައެވެ.
ޝިރާނީ ފުން ނޭވާއެއް ލާފައި ދެލޯ މަރާލިއެވެ. އަދި އަނގައިން އެއްވެސް އެއްޗެއް ނުބުނެ ގޮސް ބެލްކަންޔަށް ނުކުތެވެ.
" ކިހިނެއްވީ؟ އާނިސް ވަރަށް ފާޑަކަށް އެއުޅެނީ.. އޭނައަށް ފެނުނީތަ އަނެއްކާ؟ " އުޒައިރު ޝިރާނީގެ ފަހަތުން ބެލްކަންޔަށް ނުކުތެވެ.
" ނޭނގެ.. މަށަކަށް ނޭނގެ! " ޝިރާނީގެ ހިތުގެ އުދާސްތައް ފަޅައިގެންގޮސް ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެންފެށިއެވެ.
" އޭއި އޭއި. ކިހިނެއްތަ ވީ؟ ހުއްޓާލަބަލަ! " ޝިރާނީގެ ކޮނޑުގައި އަތް އަޅާލަމުން އުޒައިރު ބުނެލިއެވެ. " ބުނެބަލަ ވީގޮތެއް! "
" ކޮ.. ކޮޓަރީގަ ތިއްބަ އޭނަގެ އަންހެން ދަރި އައިސް ވަނީ ކޮޓަރިއަށް. " ޝިރާނީ ރޮމުން ވާހަކަ ދެއްކިއެވެ. "އާނ.. މިހާރު އެނގިއްޖެ ތިވާގޮތް.. ކޮންމެސް ގޮތަކުން އެކަންތައް އާނިސްއަށް އެ އެނގުނީ.." އުޒައިރު ވިސްނަލާފައި ބުންޔެވެ.
"އަޅެ އަހަރެން ކިހިނެއް ދެން ހަދާނީ؟ އާނިސްދެން އަހަންނަކަށް މާފެއް ނުކުރާނެ." އުޒައިރު ގައިގައި ޝިރާނީ އޮޅުލައިގަތީ ރޮމުންނެވެ.
ފަތީން ލިފްޓުން މައްޗަށް އެރިއިރު ފާތުމާ ހުރީ ކޮޓަރީގެ ދޮރު ހުޅުވައިގެން ދޮރުމަތީގައެވެ. "ދަރިފުޅާ! ކޮއްކޮ ފެނިއްޖެތަ؟ ކޮބާތަ ބައްޕަ؟" ފަތީން ފެނުމާއެކު ފާތުމާ ތެޅިގަތެވެ.
" ނޫން.. " އިސްދަށަށް ޖަހައިގެންހުރެ ކުރުގޮތަކަށް ފާތުމާއަށް ޖަވާބުދީފައި ފަތީން ގޮސް ކޮޓަރިއަށްވަދެ ގޮދަޑި މައްޗަށް ވެއްޓިގަތެވެ. ފާތުމާ ވަދެ ވާހަކަ ދައްކަން އުޅުމުންވެސް އޭނާ އޮތީ އަޅާނުލައެވެ.
އިބްރާހިމްއަށް އާދެވުނުއިރު ފަތީން އޮތީ ނިދާފައެވެ. " އަޅެ ނުފެނުނުތަ؟ " އިބްރާހިމް ކޮޓަރިއަށް ވަދެގެން އައި ވަގުތު ފާތުމާ އަހާލިއެވެ.
"އާނ.. ވަރަށް ހޯދިއްޖެ!" އިބްރާހިމް ގޮސް ސޯފާ މައްޗަށް ޖެހިގަތެވެ. ފާތުމާ ފެށީ ރޯށެވެ.
"ދެން ތި ރުއިން ހުއްޓާލަބަލަ.. ބޮލަށް ނުކުޅަދާނައޭ. ރުއިއްޔާ އޭނަ އަންނާނެތަ؟" ކައިރީގައި އިން ފާތުމާއާއި ދިމާލަށް އިބްރާހިމް ހަޅޭލަވައިގަތެވެ. "މިއޮތީ އަނެނަކު! މީނައަށް އެބަ ހީވޭތަ ކަމެއް ވެގެން އުޅޭހެންވެސް؟" ފަތީން އޮތީ ނިދާފައިކަމެއް އިބްރާހިމް އަކަށް ނޭނގެއެވެ.
ގަޑިން މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. އާދައެކޭ އެއްފަދައިން އަފްސަލް އޭނާގެ ދެ ރައްޓެހިންނާއެކު ބުރުޖަހާލަން އުޅެފައި ދިޔައީ އާޓިފިޝަލް ބީޗުގެ މޫދުކައިރިއަށް ޖައްސާލާށެވެ.
"ކަލޭ މާދަން ޑިއުޓީއެއް ނެތްތަ؟" އަރުމަން އަހާލީ އަފްސަލްގެ ކޮނޑުގައި ޖަހާލަމުންނެ.
"ނޫން. މަގޭ އޮފްވާނީ ދެން ފްރައިޑޭގަ.." އަފްސަލް ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. އެ ދެ ޒުވާނުން އެއްތަން ވެއްޖެއްޔާ އަބަދުވެސް އޮންނާނީ އެކަކު އަނެކަކާ ސަމާސާ ކުރުމެވެ.
"އޭ ބަލާބެ އޭނީ އަންހެން ކުއްޖެއް.." މަގުމަތީގައި ދިއްލާފައި ހުރި ބައްތިތަކުގެ އަލިން ފޯރާ ފަނޑުއަލީގެ ތެރޭގައި ގާތައް މަތީގައި އިށީނދެގެންއިން އަންހެން ކުއްޖެއް ދައްކާލަމުން ތަސްނީފް ބުނެލިއެވެ. އެއަޑަށް އަފްސަލްއާއި އަރުމަން އެއްފަހަރާ އެދިމާލަށް ބަލާލިއެވެ.
އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރުގައި އިން ކުއްޖަކު އެމީހުނަށްވެސް ފެނުނެވެ. "އޭ ހިނގާބެ އެ މަންޖެ ކައިރިއަށްދާން.. ގެއިން ނެރެލާފަ އިން ކުއްޖެއް ކަންނޭގެ." އަފްސަލް ވަގުތުން ތެޅިގަތެވެ.
"އޭ އޭ ހާދަ ވަރެއް ތިވަނީ! އެ ވެދާނެ ޖިންނި ކުއްޖަކަށްވެސް.." އަރުމަން މިހެން ބުނުމާއެކު ތަސްނީފް ފެށީ ހޭށެވެ. އަރުމަންވެސް ހިނިގަނޑު ފަޅައިލިއެވެ.
"ހެވޭ.. މަ ގޮސްފާނަން ކަލޭމެން ނުދަންޔާ.. އެއީ ޖިންނިއެއް ވިއްޔާ މަ މިރޭ ދާނަން ކަލޭމެން ނިދާފަ ތިއްބަ އުނދަގޫކުރަން އޭނަ މަށާ އަވަލިއްޔާ.." އެމީހުންގެ ވާހަކަ އަޑުއަހަން ނުހަދާ އަފްސަލް އެދިމާލަށް ހިނގައިގަތެވެ. އެދެމީހުންވެސް އަފްސަލް ފަހަތުން މަލާމާތްކުރަމުން އައެވެ.
އަފްސަލް ގޮސް އޭނާގެ ކުރިމަތީގައި ހުއްޓުނު ވަގުތު ފައުޒާ އަފްސަލްނެ މޫނަށް ބަލާލިއެވެ. އަފްސަލްގެ މޫނު ފައުޒާއަށް ރީއްޗަށް ފެނުނެވެ. "ކޮން ކުއްޖެއްތަ؟" ދެލޯ ކުޑަ ކޮށްލާފައި ފައުޒާގެ މޫނު ބަލާލެވޭތޯ އަފްސަލް ކައިރިވިއެވެ. ނަމަވެސް މަގުމަތީގެ އައްޔަށް ފުރަގަސްދީގެން އިނުމުން ފައުޒާގެ މޫނުމަތިވަނީ އޭނާގެ ހިޔަނިން އަނދިރިވެފައެވެ.
އަފްސަލް އޭނާގެ ފޯނު ނެގީ އެ ފޯނުން ފައުޒާގެ މޫނަށް އަލިކޮށްލުމަށެވެ. އެއިރު އަރުމަންއާއި ތަސްނީފް އައިސް އަފްސަލްއާ އަރާ ހަމަވަނީއެވެ. "ފައްކާ ބަޑިއެއް ކަންނޭނގެ.." އަރުމަން ވައިއަޑުން ތަސްނީފްގެ ކަންފަތްދޮށުގައި ބުނެލިއެވެ. "ހަހަ.. ހިނގާ ގެންގޮސް ތަޅާލަން." ތަސްނީފްވެސް ބުނީ ވައިއަޑުންނެވެ.
ވަގުތުތައް ހޭދަވަމުންދަނީއެވެ. ގަޑިން ދެގަޑި ބައިވިއިރު ސޯފާ މަތީގައިއޮތް އިބްރާހިމްއަށްވެސް އޮތީ ނިދިޖެހިފައެވެ. ނަމަވެސް ފާތުމާގެ ދެލޮލަށް ނިދީގެ އަސަރެއްވެސް ނުކުރެއެވެ. އެ ދެލޮލުން އެންމެ ހިނދުކޮޅަކަށްވެސް ކަރުނަ ނުހިކެއެވެ.
ކެތް ކުރެވޭތޯ ފާތުމާ ހިތްވަރެއް ނުކުރެއެވެ. ލޮލަށް ޖަމާވާ ކޮންމެ ކަރުނަ ތިއްކަކަށް މަރުޙަބާ ކިޔަނީ ދެއަތުންނެވެ. އޭނާއަށް ހިތްވަރުދޭނެ އެއްވެސް މީހަކު މިއަދަކު ނެތެވެ. ހިތް ކުދިކުދި ވާވަރުވިއަސް ހާލު އަހާލާނެ މީހަކުވެސް ނެތެވެ. އޭނާގެ ހިތުގެ ކެކުޅުންތަކާ އުދާސްތަކަކީ އިބްރާހިމްގެ ކުރިމަތީގައި ބޭކާރު ޑުރާމާތަކެކެވެ. އޭނާގެ ރުއިމަކީ އިބްރާހިމްގެ ބޮލަށް އުނދަގޫވާ އަޑުތަކެކެވެ. މުޅި ރޭ ފާތުމާ ހޭދަކުރީ ނުނިދާ ރުއިމުގައެވެ.
ސައިބޮއިގެން ސަހާ ކާގެއިން ނުކުމެ ގަޑިބަލައިލިއިރު ނުވައެއް ޖަހަނީއެވެ. އެއިރުވެސް ޝިމާ ނުނުކުމެއެވެ. ސަހާ ގޮސް ވަނީ ކޮޓަރިއަށެވެ.
"ދައްތާ.. އަދިވެސް ނިދާފަތަ؟" އެނދުމަތީގައި ބިއްދޮށަށް އެނބުރިގެން އޮތް ޝިމާގެ ކޮނޑުގައި އަތް ޖައްސާލަމުން ސަހާ އަހާލިއެވެ.
"ނުން.." ޝިމާގެ ޖަވާބު ވަރަށް ކުރެވެ. ޝިމާ އޮތީ ރޯންކަން ސަހާއަށް ރަނގަޅަށް އެނގުނެވެ. އެ އަޑުން ވަރަށް ސާފުކޮށް އެކަން އެބަ ދޭހަކޮށްދެއެވެ.
"އަޅެ ތިއްތާ.. ކިހިނެއްތަ މިވަނީ؟ ދެދުވަސް މިވަނީ ތިއްތަ ތިހެން ނުކައި އޮންނަތާ.. އަހަރެން ކަންބޮޑުވާނެވަރު ތިއްތައަށް ނޭނގެނީތަ؟ " ސަހާ ވާހަކަ ދެއްކީ ވަރަށް ދެރަވެފައެވެ. ޝިމާ އަނގައިންނެއް ނުބުންޏެވެ.
"ތިއްތަ ހެޔޮނުވާނެ ވާހަކަ ދައްކަބަލަ! އެންމެ ފަހުން މީޓަށް ދިޔަރޭ އެތަނުގަ ވީ ކީއްތަ؟" ޝިމާ އެއްވެސް އެއްޗެއް ނުބުނެ އެނދުމަތިން އޭނާގެ ހަށިގަނޑު ހިއްލާލިއެވެ. އަދި އެނދުގެ ފަޑީގައި ލެނގިލިއެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްކަން އޭނާގެ ހަރަކާތްތަކުން އެނގެއެވެ. ބުރަކަށި ޖައްސާލާފައި ދެލޯ މަރާލިވަގުތު ޝިމާގެ ދެލޯ ވަށައިގެން ރަތްވެފައިވާތަން ސަހާގެ ދެލޮލަށް ފެނުނެވެ. އެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. ދެލޮލުގައި ކަރުނަތައް ފުނިޖެހިލިއެވެ.
"ޕިސް ޕިސް.. ތިއްތާ.. އާދޭސްކޮށްފަ މިބުނީ.. ތިއްތައަށް އެވާހަކަ ކިޔާ ނުދެވެންޔާ އެތަނުގަ އެހެންމީހަކު ހުރިއްޔާ އެމީހެއްގެ ނަންވެސް އެންމެ ކުޑަމިނުން ބުނެލަބަލަ. އަހަރެން އެމީހަކު ކައިރިއަށްވެސް ގޮސްފާނަން.. އަހަރެން ވަރަށް ވަރަށް ބިރުގަނޭ އެބަ" ސަހާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.
"ތިވާހަކަ ދެން ނުދައްކާ.." ޝިމާގެ އަޑު ނުކުންނަނީވެސް ކިރިޔާއެވެ.
"ނޫން.. މިދަނީ މަންމަ ކައިރީގަ ބުނަން." ރޮވެން ފެށުމުން ސަހާ އަނގަމަތީގައި އަތް އަޅާފައި ދުއްވައިގަތެވެ.
"ކޮއްކޮ މަޑުކޮށްބަލަ." ސަހާ ހުއްޓުވޭތޯ ޝިމާ ގޮވާލިއެވެ. ނަމަވެސް އޭނާއަށް އަޑުއިވޭވަރަށް ގޮވާލާނެހާ ހިތްވަރެއް ޝިމާ ގަޔަކުނެތެވެ.
ސަހާ ދުވެފައިގޮސް ކާގެއަށް ވަތްއިރު މާރިޔާ ހުރީ ކުނިކަހާށެވެ. ސަހާ ދުވެފައި އައިގޮތުން މާރިޔާ ކުއްލިއަކަށް ބަލާލިއެވެ. "ދަރިފުޅު ކިހިނެއްވީ ދެރަވެފަ ތިހިރީ؟" ސަހާގެ ދެލޮލުން ކަރުނަތައް ވިދަވިދާ ހުރިތަން މާރިޔާއަށް ފެނުނެވެ.
"މަންމާ.. ތިއްތަ އޭނީ މިއަދުވެސް ކާން ނާންނަން.. މިހާރު ތިއްތަ ގަޔަކު ނެތް ވަރެއްވެސް. މަންމަ ގޮސް ބުނެބަލަ ތިއްތަ ކައިރީގަ އެއްޗެއް ކާން އަންނާށޭ. އެހެން އިންދަ މަރުވެސް ވެދާނެނުންތަ." ސަހާ އަސަރާއެކު ރޮމުންދިޔައިރު އޭނާގެ ހިތުގައި ޝިމާގެ މައްޗަށް ޖެހިފައިވާ ކުލުނާއި ހަމްދަރުދީ ސިފަވެގެންދެއެވެ.
އެއަޑު އަހާފައި މާރިއާއަކަށް ނުހުރެވުނެވެ. މާރިޔާ ދުއްވައިގަތީ އެދެކުދިންގެ ކޮޓަރިއާ ދިމާލަށެވެ.
"އަޅެ ދަރިފުޅާ.. ބަލާލަބަލަ ދެލޮލަށް ވެފަ ހުރިގޮތް. މަންމަގެ ދަރިފުޅާ.. ހެޔޮނުވާނެ ކިހިނެއް ވެފަތަ މީނީ މަގޭ ދަރިފުޅަށް.." މާރިޔާ ގޮސް ޝިމާގެ ގައިގައި ހިފާ ތަޅުވާލިއެވެ. ޝިމާއަކަށް ކެތެއް ނުކުރެވުނެވެ. "މަންމާ.." ޝިމާގެ އެތެރެހަށި އެއްކޮށް ފަޅައިގެން ދިޔަ ކަހަލައެވެ. މާރިޔާގެ ގައިގައި ޝިމާ އޮޅުލައިގަތްއިރު ހީވަނީ އެ މަންމަ ނުފެންނަތާ އެތައް ގަރުނަކަށްފަހު ފެނުނުހެންނެވެ.
ޝިމާގެ އެ އަސަރުގަދަ ކެކުޅުންތަކުގެ އަޑުން އޭނާގެ ހަށިގަނޑުތެރޭގައި ވީރާނާވެ ކުދިކުދިވެފައިވާ ފުރާނައިގެ ބައިތައް މާރިޔާގެ އޯގާތެރި އެދެއަތުން ފަރުވާދީ އެއްތަން ކޮށްދިނުމަށް އެދެމުންދިޔައެވެ. ނަމަވެސް އެއީ މަންމަން ވެފައިވާ ކެކުޅުންތަކެކެވެ. އެ ކެކުޅުންތަކުގައި ހުރި އަސަރު ފިޔަވާ އިތުރު އެއްވެސް އިޝާރާތެއް އެ ކެކުޅުމަކުން ބޭރެއް ނުވެއެވެ.
"މަގޭ ދަރިފުޅާ.. ދަރިފުޅަށް މީހަކު ކަމެއް ކޮށްގެންތަ ދަރިފުޅު ތިހެން ތި އިންނަނީ؟ މަންމަ ކައިރީ ބުނެބަލަ. ދަރިފުޅު ބޭނުން ކަމެއް މި މަންމަ ދަރިފުޅަށް ކޮށްދޭނަން. އެކަމަކު ދަރިފުޅު ތިގޮތަށް އިންނަތަން ބަލާކަށް މަންމަގެ ހިތަކަށް ކެތެއް ނުކުރެވޭނެ." މާރިޔާގެ ފަހަތުގައި އިނދެ ސަހާވެސް ރޮމުންދިޔައެވެ.
"މަނ.. މަންމްމް" ރޮމުން އިނދެ ޝިމާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އެ ހިތްވަރެއްނެތެވެ.
"ބުނޭ ދަރިފުޅާ.. ބުނޭ.. ކިހިނެއްވީ؟ ކާކު ކީއްކުރީ މަގޭދަރިއަށް؟" މާރިޔާ އަޑުން އަޑުނަގާ ރޮނީއެވެ. "މަންމާ ހުއްޓާލާ.." ކެތްނުވެގެން ސަހާ ތެދުވެ މާރިޔާ ނެގޭތޯ މަސައްކަތްކުރިއެވެ.
"ކާން.." ޝިމާ ވަރަށް ހިތްވަރުން ވާހަކަ ދެއްކިއެވެ. "އާނ ހިނގާ ދަރިފުޅާ ކާން. އަވަހަށް އާދޭ.." މާރިޔާ ޝިމާގެ އަތުގައި ހިފާލިއެވެ.
މާރިޔާ އާއި ސަހާގެ ހަށިގަނޑުގެ ބާރުގައި ޝިމާ ހިނގާފައި ކާގެއާ ހަމައަށް ދިޔައެވެ.
"ދެން އުޅެބަލަ ކާލެވޭތޯ ދަރިފުޅާ.." ޝީމާގެ ކައިރީގައި އިނދެ މާރިޔާ އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެއިރުވެސް ޝިމާގެ ހިތް ގިސްލަމުންދެއެވެ. ނަމަވެސް ވީ ހުރިހާކަމެއް ސިއްރުކުރަން ބޭނުންނަމަ ބޭރުފުށުން ހުރިހާ ކަމެއް ރަނގަޅުކަމަށް ދެއްކުންނޫން ގޮތެއް ޝިމާއަކަށް ނެތެވެ. އެހެންކަމުން އޭނާ ކަހަނބުން ރޮށްޓެއް ނެގިއެވެ.
"ދަރިފުޅާ ސަހާ.. ހިނގާ ދައްތަ ކެއީމަ ހޮސްޕިޓަލަށް ދާން.. ދޭ އެމްބިއުލައިންސަށް ގުޅަން. މަންމަ ފޯނު އިންނާނެ ސިޓިންރޫމުގަ." ޝީމާ އިށީނދެގެން އިން ގޮނޑީގެ ފަހަތުގައި ހުރި ސަހާ ހިނގައިގަތެވެ.
"ނޫން ނުދާނަން. ކޮއްކޮ މަޑުކުރޭ.. މަންމާ މިއީ މާބޮޑު ކަމެއް ނޫނޭ. އަހަރެން މާ ބޮޑަށް ބްލީޑް ވީއޭ މިދެދުވަހު. އެހެންވެ ބަނޑަށް ތަދުވާތީ މިއުޅެނީ.." ޝިމާ ވާހަކަދެއްކީ ވަރަށް އުނދަގުލުންނެވެ. ކާގޭގެ ދޮރާ ހިސާބުގައި ހުރި ސަހާ ދެލޯ ބޮޑުކޮށްލިއެވެ. ޝިމާ ބުނި ވާހަކަ ގަބޫލުކުރަން ދަތިވީމައެވެ. މީގެ ދެރޭ ކުރިން ގޮނޑުދޮށުން ޝިމާއަށް އައި ބަދަލުތައް ހަނދާންވީމައެވެ.
"ދެން އެހެންވިއްޔާ މަންމަގެ ދަރިފުޅު ކައިގެން ބޭސް ކާނީދޯ؟" ޝިމާގެ ބޮލުގައި ފިރުމާލަމުން މާރިޔާ ބުނެލިއެވެ. އެވަގުތު ޝިމާގެ ހިތް ވަކިވަކިވި ކަހަލައެވެ. ކުއްލިއަކަށް ދެލޯ ފުރާ ހޯސްލާފައި އޮހިގަތް ކަރުނަތަކާއެކު ނޭވާ ހިނދި ރޮވެން ފެށުނެވެ. ޝިމާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އަނދިރި ރޭގައި ޝިމާގެ ނަފްސާއި ފުރާނައިގައި އެޅިގެންދިޔަ ވަކިތަކުގެ ހިކިފައިވާ ފާރުކޮޅެއްގެ އަސަރު ފެނުނަސް މާރިޔާގެ ހިތަށް ކުރާނެ އަސަރު އެ ފިރުމުމުން ރަނގަޅަށް ހާމަވެގެން ދިޔައީމައެވެ.
މާރިޔާއަށްޓަކާ ހިތްވަރުކުރަން ޝިމާ ބޭނުންވިއެވެ. ވަރަށް މަސައްކަތުން އަރުތެރެއަށް ކާއެއްޗެއް ލައިގެން ޕެނަޑޯލު ގުޅައެއް ކައިލައިގެން ޝީމާ ކޮޓަރިއާ ހަމައަށް ދިޔައީ އެކަނި ހިނގާލާފައެވެ. ޝީމާގެ ފަހަތުން ސަހާ ކޮޓަރިއަށް ވަނީ މާރިޔާ ބަދިގޭގެ މަސައްކަތްތަކުގައި އުޅޭތީއެވެ.
"ދައްތަ ދޮގު ނުލާ ބުނެބަލަ. ދެންމެ ތި ހެދީ ތެދެއްތަ؟" ޝިމާ އެނދުމަތީގައި ޖައްސާލި ވަގުތު ސަހާ އަހާލިއެވެ.
"ކޮންކަމެއްގަ؟" އެނދުމަތީގައި ހަމަޖެހިލަމުން ޝިމާ އަހާލިއެވެ.
"ދައްތަ ބުނެފީމެއްނު ބްލީޑް ވަނިއްޔޭ.. އެކަމް ކީއްވެ މަށާ ޖިޔާއާ މީޓަށް ދިޔަރޭ އެތަނުގަ ދައްތަ ރުއީ؟ އަޅެ ބުނެބަލަ.." ސަހާ ގޮސް ޝިމާގެ ކައިރީގައި އިށީނެވެ.
"ހެހެ. ދައްތަ މާބޮޑަށް ފަޒީން މަތިން މިސްވީ. އެކަމާ މިކަމަކާ ނެތެއްނު ގުޅުމެއް. ހަމަ ރަނގަޅަށޭ މިބުނީ. ދައްތަ ވަރަށް ބޮޑަށް ބްލީޑް ވާތީއޭ މިއުޅެނީ." ޝީމާ މޮޅު ވާހަކައެއް ހަދާލިއެވެ.
'ދޮގު. އަހަރެން ޤަބޫލެއް ނުކުރާނަން. އެރޭ ދައްތަގެ އިސްތަށިގަނޑު ހުރީ ހާވާލާފަ. ތުންފަތުގެ ލިޕްސްޓިކްސްތައްވެސް ފޭޑްވެފަ ހުރީ. އަހަރެން ހަނދާން އެބަހުރި. ކޮންމެސް ނުބައެއް އެބައުޅޭ. އަހަރެން އަދި ހޯދާނަން.' ސަހާ ހިތާހިތުން ކިޔާލިއެވެ. ނަމަވެސް އެވާހަކަ އަލުން ދައްކަން ސަހާ ބޭނުންނުވީ ޝިމާގެ ހިތަށް އަނެއްކާ މާބޮޑަށް އަސަރުކޮށްފާނެތީއެވެ.
"ދެން އެންމެ ރަނގަޅު. އެކަމް ޑޮކްޓަރަށް ދައްކަން ޖެހޭނެ ނުންތަ ތިވަރަށް ތަދުވަންޔާ. ތީ ނޯމަލްއެއް ނޫނެއްނު؟" ސަހާ އިނީ ޝިމާ ދެއްކި ވާހަކަ ޤަބޫލުކޮށްގެންކަމަށް ހެދިގެނެވެ.
"ނޫނެކޭ ކޮއްކޯ.. ދެން ތިހާ ކަންބޮޑު ނުވެބަލަ. މިހާރު ބަނޑަކަށް ތަދެއްވެސް ނުވެއޭ.." ޝިމާ ހިނިތުން ވެލިއެވެ.
ރޭ ހަތަރުދަމު ނުނިދާ އިނުމުގެ ސަބަނުން ފާތުމާގެ ދެލޮލަށް ވަނީ އިންތިހާއަށް ނިދި ޖަމާވެފައެވެ. ނަމަވެސް ފައުޒާގެ ޙަބަރެއް ނުލިބެނީސް ނިދާކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. އެކާމާ ވިސްނާ ވިސްނާ މިހާރު ފާތުމާގެ ބޮލުގައިވެސް ވަރަށް ގަދަޔަށް އެބަ ރިއްސައެވެ.
"ހިނގާ ސައިބޯން.." ގަޑިން އަށްގަޑި ބައިވާން އުޅެނިކޮށް ބޭރުން ކާއެއްޗެހި ހިފައިގެން އައިސް އިބްރާހިމް ބުނެލިއެވެ. އެއިރު ފަތީންވެސް އިނީ ފާތުމާއެކޭ އެއްފަދައިން ސޯފާގައި ގަނޑުވެފައެވެ. ފެންވެސް ނުވަރައެވެ.
"ފުލުހުން ނުގުޅާތަ؟" މޭޒުމަތީގައި ޕާރުސަލްތައް ބަހައްޓާފައި އައިސް އިބްރާހިމް ހުއްޓުނީ ފާތުމާ ކައިރީގައެވެ. ފާތުމާ ބޯޖަހާލިއެވެ.
"މާދަމާ ފުރަން ޓިކެޓު ނަގައިފިން.." ސޯފާގައި އިށީންނަމުން އިބްރާހިމް ބުނެލިއެވެ.
ފާތުމާއާއި ފަތީން އެއްފަހަރާ އިބްރާހިމްއަށް ބަލާލިއެވެ. ހައިރާންކަމާއެކުގައެވެ. ފަތީންގެ ބަލާލުމުގައި ރުޅިވެރިކަންވެސް އެކުލެވެއެވެ.
"މަގޭ ދަރި މާލެތެރެއަށް ގެއްލިގެން އުޅެނިކޮށް މަގޭ ލަގޮނޑިއަށް ކެތްވާނެތަ ފުރައިގެންދާން؟ ހެޔޮނުވާނެ އިބުރާހިމްފުޅާ. މި ހިތްދަތި ވަގުތުކޮޅަށްޓަކާ ނަމަވެސް އެންމެ ފަހަރަކުވެސް ހިތުގައި އެއްޗެއް ނުލައި އަތުން ބޮޑު ލާރިފޮށްޗެއް ޚަރަދު ކޮށްލައިބަލަ.." ފާތުމާ ރޮމުން ވާހަކަ ދެއްކިއިރު ފަތީން އިނީ ރުޅިގަނޑު ހިފަހައްޓާލައިގެންނެވެ.
"ބަލަ ކަލޭ ތި ހީކުރަނީ މަމިއުޅެނީ މަގޭ އަތުން ފައިސާ ހުސްވެދާނެތީ ކަމަށްތަ؟" އިބްރާހިމްގެ ގާތަށް އައީ ރުޅިއެވެ. "ބަލަ ކަލޭ މަންމަ އެކަނި ގޭގަ ބައިންދާފަ އައީމަ ދޯ މަމިއުޅެނީ ނުދެވިގެން. ކަލޭ އާ މަށާ މިތާ ތިބީއޭ ކިޔާފަ އެމަންޖެ ފެންނާނެތަ؟ އޭނަ ހޯދަން އެއޮތީ ފުލުހުންނާ ހަވާލުކޮށްފަ. އެމީހުން އޭނަ ހޯދާނެ."
ފަތީންގެ ކެތްތެރިކަން ކޮޅުން ލައިގެންގޮސް ރުޅިގަނޑު ފަޅައިގެންދިޔައެވެ. "ހުއްޓާލާ.. މީގެ ފަހުން ކަލޭ މަގޭ މަންމައާ ތިވައްތަރަށް ވާހަކަ ނުދައްކާތި!" ފަތީން ތެދުވެ އިބްރާހިމްއާ ދިމާލަށް އިނގިލި ދިއްކޮށްފައި ބުންޔެވެ.
"މަމީ ކަލޭ ބައްޕައޭ ހިތުހުރިހާ އެއްޗެއް ތިގޮވަނީ.. ކޮބާ މަ ކަލޭއަށް ދަސްކޮށްދިން ލަދުހަޔާން؟" އިބްރާހިމް ތެދުވެ ފަތީންގެ މޭމަތީގައި އަތްއަޅުވާ ކޮށްޕާލިއެވެ.
"ކަލޭ މަށަށް ދަސްކޮށްދިމީ ލަދުހަޔާތެއް ނޫނޭ.." "ހުއްޓާލަބަލަ.. ކިހިނެއްތަ ތިއުޅެނީ؟" ފަތީން ހުއްޓުވީ ފާތުމާއެވެ.
"މަގޭ ބޯފަޅައިގެން ހިނގައިދާނެ. އާދޭސްކޮށްފަ މިބުނީ. ކޮންމެސް އެކަކު މިތާ މަޑުކުރަންވީ ނުންތަ އަނެއް ބަޔަކު ރަށަށް ފޮނުވާފަ." ފާތުމާ ހުރީ ފަތީންގެ އަތުގައި ހިފަހައްޓައިގެންނެވެ.
"މަ މަޑުކުރާނީ.." ފަތީން އަޑަށް ބާރުލާފައި ބުންޔެވެ.
"ނޫން ކަލެއެއް ނޫން މަޑުކުރާނީ. މަށޭ މީ އޭނަ ބައްޕައަކީ. ދެމީހުން މާދަމާ ފުރަން ތައްޔާރުވޭ. މަ މަޑުކުރާނީ." އިބްރާހިމް ދެލޯ އަޅާލާފައި ބުނެލިއެވެ.
"ތެދެއް ދަރިފުޅާ.. ދަރިފުޅު ޖެހޭނެ ނުންތަ ސުކޫލައް ދާން ތައްޔާރުވާންވެސް. ބައްޕަ އަންނާނީ ކޮއްކޮ ގޮވައިގެން.." ފަތީންއަށް ވިސްނަދެވޭތޯ ފާތުމާ މަސައްކަތް ކުރިއެވެ.
ފަތީން ބަލާލީ ފާތުމާގެ މޫނަށެވެ. އެ ދެލޮލުން އެ ހިތުގައި އުތުރެމުންދާ ހުރިހާ އުދާސްތަކެއް ރަނގަޅަށް ފެންނަން ހުއްޓެވެ. އިތުރަށް ޖަދަލު ކުރާނެ ހިތްވަރެއް ފަތީންއަކަށް ނުލިބުނެވެ. އެއްވެސް އެއްޗެއް ނުބުނެ ގޮސް ފަތީން ކަމޭޒު ކައިރީގައި އިށީނެވެ.
"ހިނގާ ފާތުމާވެސް ކާން ތިވައްތަރަށް ނޫޅެ. ތިހެން ހުއްޓަ ބަލިވީމަ މަށަށޭ ހުރިހާ އުނދަގުލެއް ޖެހޭނީ.." އިބްރާހިމް ބުނެލީ ކާމޭޒާ ދިމާލަށް ހިނގައިގަންނަމުންނެވެ.
ފާތުމާ ދެލޯ ފޮހެލިއެވެ. ހިތަށް ހަމަޖެހުމެއް ލިބިގެނެއް ނޫނެވެ. އިބްރާހިމްގެ އަނިޔާއަކަށް ބިރުންނެވެ. "އަހަރެން އަންނާނަން ފާޚާނާއަށް ވަދެލާފަ." އިބްރާހިމް އިށީނދުނު ވަގުތު ފާތުމާ ހިނގައިގަތެވެ.
"ހަނދަން ކުރާތި ފައޫއަށް ކަމެއް ކޮށްފިއްޔާ ނިމުނީ. މަމީ ކަލޭގެ ދަރިއެއްކަން ކަލެއަށް އަންގާލާނަން.." ފާތުމާގޮސް ކުޑަ ކޮޓަރިއަށް ވަތްވަގުތު ފަތީން ބުނެލިއެވެ.
"އަދި އެބައުޅެއެއްނު ވާހަކަ ދައްކަން.. ކަލޭ އަމައި ވަރިކޮށްލާފަ ތިން އެތިން ގެއިން ނެރެލީމަ ތި ވައްތަރު ވައްތަރު ކުރެވޭކަމެއް އިނގޭނެ." ކޮތަޅުން ޕާރުސަލެއް ނަގާ ފަތީންއާ ދިމަލަށް އެއްލަމުން އިބްރާހިމް ބުނެލީ ވައިއަޑުންނެވެ.
"މަންމައަށް ވިސްނާލާފަ މަ އެވާހަ މި ސިއްރ.." ފަތީންގެ ވާހަކަ ނުނިމެނީސް އިބްރާހިމް ގޮށްމުށް މަޅާފައި ފަތީންގެ އަނގަމަތީގައި ޖެހިއެވެ. "އާރރ.."
"މާގިނަ ވާހަކަ ނުދައްކާ. ކަލޭ އެވާހަ ބުނެފިއްޔާ މަ ކަލޭ މަންމަ ވަރިކުރާނަން." ފަތީންގެ ބޮލުގައި އަތް އަޅުވާލާފައި އިބްރާހިމް ކޮށްޕާލިއެވެ. ދިފާއުގައި އެއްޗެއް ބުނާނެ ހިތްވަރެއް ފަތީންއަކަށް ނުލިބުނެވެ.
ގަޑިން ނުވަގަޑި ބައިވަނީއެވެ. ޝިރާނީ އަވަދިނެތި ފޮށްޓަށް އެއްޗެހި އަޅަން އުޅުނީ 11 ޖަހާއިރު ފުރަން ހަމަޖެހިފައިއޮތް ލޯންޗުން ފުރަންދާށެވެ.
"ދަރިފުޅާ އާނިސް.. ބެލްކަނީގަ ހުރި އެއްޗެހިތަށް މިތަނަށް ގެނެސްދީބަލަ." އެނދުމަތީގައި ފޯނާ ކުޅެލަ ކުޅެލާ އޮތް އާނިސްއަށް ގޮވާލަމުން ޝިރާނީ ބުންޔެވެ.
އާނިސް އެނދުމަތިން ތެދުވީ ކަންނެތް ކަމާއެކުގައެވެ. ބެލްކަންޔަށް ނުކުމެ އެތަނުގައި އަޅުވާފައި ހުރި އުޒައިރުގެ ދެ ފަޓުލޫނަކާ ޖަންގިޔާއެއް ގެނެސް އެނމުމައްޗަށް ހޫރާލާފައި އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ.
"ދަރިފުޅު ތިހިރީ ކަމަކާ ހިތްހަމަ ނުޖެހިފަތަ؟" ޝިރާނީގެ ހިތަށް ކުރި އަސަރު ފޮރުވާލަމުން އޭނާ އަހާލިއެވެ.
"ކަމެއް ނުވެ!" އާނިސް އޮތީ ޝިރާނީއާ ހަތަރުކަޅި ހަމަކުރަންވެސް ބޭނުން ނުވެފައެވެ.
ޝިރާނީގެ ދެލޯ ފޯވިއެވެ. އެކަން އާނިސްގެ ކަންފަތަށް އިވިފައި އޮވެދާނެކަމާމެދު ޝިރާނީއަށް މާބޮޑަށް ޔަގީން ކުރެވެނީއެވެ. އަދި އެ ޔަގީންކަން ޝިރާނީ ބަލިކަށިކުރެއެވެ.
= ވިހިވަނަ ބައި ނިމުނީ =