Advertisement

29 Apr 2024
ނާކާ

ނާކާ | އެޕިސޯޑު - 19

ގަޑިން އަށްގަޑި ބައިވިއިރު އާނިސް ހުރީ ފެން ވަރައިގެން ނުކުމެ ރީތިވާށެވެ. "ދަރިފުޅާ ކޮންތާކަށް ދާންތަ ތިހާވަރަކަށް ތި ރީތިވަނީ؟" ލޯގަނޑު ކައިރީގައިހުރި އާނިސް ގާތުގައި އުޒައިރު އަހާލިއެވެ.

"ބައްޕާ.. މިއުޅެނީ ފަތީންއާ މީޓްކޮށްލަން ދާންކަމަށް.." އުނަގަނޑުގައި އަޅުވާފައި އޮތް ފެހިކުލައިގެ ރޮނގުދެމި ތުވާލި ނަގާ އަލަމާރީގެ ދޮރުފަތުގައި އަޅުވާލަމުން އާނިސް ބުނެލިއެވެ.

"މިއޮއް ރޭގަނޑު؟ ލަސްނުކޮށް އަންނާތި އިނގޭ.. އަނެއްކާ ދަރިފުޅަށް އިނގޭނެތަ އެމީހުން އުޅޭ ގެޔަށް ދާން؟" އުޒައިރު ވާހަކަ ދެއްކި ނަމަވެސް އޭނާ އެނދުމަތީގައި އިނދެ ލެޕްޓޮޕުން ކުރަމުންދާ މަސައްކަތަށް އެއްވެސް ބުރުލެއް ނާރައެވެ.

"އާނއެކޭ ބައްޕާ.. ދެން މިދަނީ އިނގޭ. މަންމަ ކައިރީ ބުނާތި.." އަވަސް އަވަހަށް ގަމީހާއި ޖިންސު ލައިގެން އާނިސް ތެޅެމުން ފޮޅެމުން ދުއްވައިގަތީ ކޮޓަރިން ބޭރަށް ދާށެވެ.

"ދަރިފުޅާ. އޭއި.. ކޮންތާކަށް؟" ފާޚާނާއިން ނުކުތް ޝިރާނީ، އާނިސް ފެނުމުން އަހާލިއެވެ.

"މަންމާ މި އަންނަނީ ފަތީން ގާތަށް ގޮސްލާފަ." ކޮޓަރިން ނުކުންނަމުން އާނިސް ބުނެލިއެވެ.

ބޮލުގައި އޮޅާފައި އޮތް ތުވާލި ނިއުޅާލަމުން ޝިރާނީ ގޮސް ހުއްޓުނީ ޑްރެސިންގް ޓޭބަލް ކައިރީގައެވެ. "ޝިރާނީވެސް ތާކަށް ދާންތަ ތިއުޅެނީ؟" މާގަދަޔަށް ފެންވަރާލާގެން ނުކުމެހުރި ޝިރާނީ ފެނިފައި އުޒައިރު އަހާލިއެވެ.

"އާނ އޭނަ ގުޅާގެން މިއުޅެނީ ދާން.." ޝިރާނީ ހާސްވެފައިހުރި މިންވަރު އޭނާގެ އަޑުން ހާމަވެއެވެ. އުޒައިރު ދެލޯ ބޮޑުކޮށްލާފައި ޝިރާނިއަށް ބަލާލިއެވެ. މާޔޫސް ވެފައިވާ ހިތުގެ ޖަޒުބާތުތަކުން މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލު ކޮށްލާފައެވެ.

އުޒައިރު އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލިއެވެ. އަދި އުނގުމަތީގައި އޮތް ލެޕްޓޮޕް ނަގާ އެނދުމަތީގައި ބާއްވާލާފައި ގޮސް ޝިރާނީގެ ކައިރީގައި ހުއްޓުނެވެ.

"އަހަންނަށް މާފު ކުރޭ." ލޯގަނޑުން ޝިރާނީގެ މޫނަށް ބަލަންހުރެ ހިތާމަތަކުން ފުރިފައިވާ އެ އަޑުން އުޒައިރު ވާހަކަ ދެއްކިއިރު އޭނާގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުމަތައް އެއްވެސް ފަނޑުކަމެއްނެތި ޝިރާނީއަށް ފެނުނެވެ. ނަމަވެސް އެ ދެލޮލަށް ބަލާކަށް ޝިރާނީ ބޭނުމެއް ނުވިއެވެ. އޭނާ އިސްދަށަށް ޖަހާލީ ދެލޯ މަރާލަމުންނެވެ.

"އުޒައިރު.. ނޫން.. ތިވާހަކަ ދެން އިތުރަށް ނުދައްކާ.. ތި ދުލުން ދެން އިތުރު އެއްވެސް އެއްޗެކޭ ނުބުނޭ.. އަހަންނަށް ހިތްވަރު ނުލިބިދާނެ." ޝިރާނީ ވާހަކަ ދެއްކިއިރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ޚުދު އުޒައިރަށްވެސް ކެތެއް ނުކުރެވުނެވެ. އޭނާ ޝިރާނީ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވީއިރު ފޯނާ ކުޅެން ކަމަށް ހަދައިގެން ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ފަތީންގެ ޙަޤީޤީ ސަމާލުކަން ހުއްޓިފައި ވަނީ މައިގެތެރޭގައި އޮތް އިބްރާހިމްއަށެވެ. ޓީވީއިން އަންނަ ފޯރިގަދަ ލަވައާ އެއްވަރަށް ފައިގެ ފަލަމަސްގަނޑުގައި އަތުގައި އޮތް ރިމޯޓުން ޖަހާލަ ޖަހާލަ އަރިއަކަށް އޮށޯވެގެން އޭނާ އޮތީ ސޯފާގައި އަތުގެ މުލައްދަނި ލައްގާލައިގެން ކަނދުރާގައި އެ އަތުގެ ހުދުހަން އަޅުވާލައިގެންނެވެ.

އެއިރު ފައުޒާ ކޮޓަރީގައި އުޅެނީ ރީތިވާށެވެ. "އަވަސް ކޮށްބަލަ.." ފަތީން ކޮޓަރިއަށް ބަލާލާފައި ވައިއަޑުން ފައުޒާއަށް ގޮވާލިއެވެ. "މި ނިމެނީއޭ. ޕިސްޕިސް." ފައުޒާ ފަތީންއަށް ބަލާލާފައި ދެލޯ އަޅާލާފައި ތުން ތަޅުވާލިއެވެ.

ފަތީން ހިނިތުން ވެލާފައި އަނެއްކާވެސް މައިގެތެރެއަށް ބަލާލިއެވެ. އެއިރު އިބްރާހިމް ބޭރަށް ނުކުންނަނީއެވެ. ފާތުމާ އޮތީ ފަތީން ނިދާ ގޮދަޑި މަތީގައި ފޯނާ ކުޅޭށެވެ.

އިބްރާހިމް އެ އިމާރާތުން ބޭރަށް ނުކުތްއިރު އާނިސް ހުރީ އެ ގޯޅިގަނޑުގެ ކަންމަތީގައެވެ. އިބްރާހިމް ފެނުމާއެކު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ނިވަލަށްވަދެ އާނިސް އިބްރާހިމްގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.

މަގުގެ ދެފަރާތަށް ބަލާލުމަށްފަހު އިބްރާހިމް ހިނގައިގަތީ އިރުމަތީ ފަރާށެވެ. ދުރުދުރުން އޭނާއަށް ފާރަލަމުން އާނިސް އޭނާގެ ފަހަތުން ދިޔައެވެ.

"އަވަސް އަވަސް ހިނގަދާން." ފައުޒާ އައިސް ފަތީންއާ އަރާހަމަވެފައި ބުނެލިއެވެ. "މަންމާ އަންނާނަން މެގްނަމެއް ގަނެގެން." ގެއިން ނުކުންނަމުން ފަތީން މޮޅު ދޮގެއް ހަދާލިއެވެ. "އާނ ދެކުދިން ލަސްނުވެ އަންނާތި." ފާތުމާ ބުނެލީ ފޯނަށް ބަލަން އޮވެފައެވެ.

ގެއިން ނުކުތުމާއެކު ފައުޒާ ކުރިއަށް ހިނގައިގަތެވެ. ފަތީން ހުރީ ފައުޒާއަށްވުރެ ދިހަވަރަކަށް ފޫޓު ފަހަތުގައެވެ. ހަލުވި ހިނގުމެއްގައި ދެފަރާތުން ދުއްވާ އުޅަނދުތަކަށް ބެލުމެއްނެތި ފައުޒާ ހިނގަމުންގޮސް އަޅާލާ ކޮންމެ ގޯޅިއަކަށް އަޅާލުމުގެ ކުރިން ފައުޒާ ފަސްއެނބުރި ފަތީންއަށް ބަލާލައެވެ. އަޅަންވީ މަގު ޔަގީންކޮށްލުމަށެވެ. ކޮންމެ ފަހަރަކުވެސް ފަތީން އަތުގެ އިޝާރާތުން ކުރިއަށް ދާންވީ މަގު ދައްކައެވެ.

އިބްރާހިމް ގޮސް ހުއްޓުނީ ގެސްޓް ހައުސްއެއް ކައިރީގައެވެ. ވަންވޭއަށް އުޅަނދުފަހަރު ދަތުރުކުރާ މި ހަނި މަގުގައި ނިވާވެލަން ވަންނާނެ ތަނެއްވެސްނެތެވެ. އެހެންކަމުން އާނިސް ގޮސް ވަނީ ގެސްޓްހައުސްއާ ކައިރީގައި ކުރިމަތިންހުރި ކުޑަ ފިހާރައަކަށެވެ. އެއިރު އިބްރާހިމް ހުރީ ގެސްޓް ހައުސްގެ ދޮރުމަތީގައި ފޯނެއްގައެވެ.

މާގިނަ އިރުތަކެއްނުވެ އާނިސްއަށް ފެނުނީ އޭނާގެ މަންމަ ޝިރާނީ އައިސް އިބްރާހިމްގެ ކައިރީގައި ހުއްޓުނު މަންޒަރެވެ. ވެގެން އުޅޭގޮތެއް އާނިސްއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އޭނާގެ މަންމައާ އިބްރާހިމްގެ ދެމެދުގައި އެކުވެރިކަމެއް އޮންނަ ކަމެއްވެސް އާނިސްއަށް ކުރިއަކުން ނޭނގެއެވެ.

"ކޮބާ.. ހާދަ ލަހުން ތިއައީ.." އިބްރާހިމް ހިނިތުންވެލާފައި ޝިރާނީއާ ވާހަކަ ދެއްކިއެވެ. "އާނ.. ފިލައިގެން އަންނައިރު ވާނީ މިކަހަލަ ގޮތެއްނު.." ޝިރާނީ މަގުގެ ދެކޮޅަށް ބަލާލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން އިބްރާހިމް ދެނެގަތެވެ.

"ވަރަށް ބިރުންދޯ ތިހުރީ؟ ހިނގާ އަވަހަށް ވަންނަން މީހަކަށް ފެންނަން ވާއިރަށް." ޝިރާނީގެ އަތުގައި ހިފާލަމުން އިބްރާހިމް ގެސްޓް ހައުސްގެ ދޮރު ހުޅުވާލިއެވެ.

ފިހާރައިގެ ލޯގަނޑުން ބަލަން ހުރި އާނިސްގެ ދެފައިން ވާގި ދޫވިފަދައެވެ. އޭނާއަށް ކުރެވުނު އިހުސާސްތައް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ފަތީން ބުނި އަންހެނާއަކީ އާނިސްގެ މަންމަކަން އާނިސްއަށް ޔަގީންވީ އިބްރާހިމްއާއެކު ޝިރާނީ އެ ގެސްޓްހައުސްއަށް ވަނުމުންނެވެ. އިންތިހާއަށް ވީ ދެރައެކޭ އެއްފަދައިން އާނިސްގެ ހިތުތެރޭގައި ނަފްރަތާއި ރުޅިވެރިކަންވެސް އުފެދިގެން ދިޔައެވެ.

ފައުޒާއަށް އޭނާ ދިން އެޑުރެހަށް ނުދެވެނީސް ގަޑިން ނުވައެއް ޖަހައިފިއެވެ. ހަމަ އެވަގުތު ފައުޒާ ފޯނު ނަގާ ބަލާލިއެވެ. 'ގޮސް އެ ގެސްޓް ހައުސްއަށް ވަންނަ އިރު ކަނާތްފަޅީގަ އިންނާނެ ރިސެޕްޝަން. އެ މޭޒު ކައިރީގަ ގޮސް ހުއްޓިލާ. އޭރުން އެތާ އިންނަ މީހާ ދޭނެ ތަޅުގަނޑިއެއް. އެއްވެސް ވާހަކައެއް ނުދައްކާ ގޮސް އެ ދަޅުދަނޑީގަ ޖަހާފަ އިން ރޫމް ހޯދާގެން ގޮސް ވަދޭ.' އެއީ ރެއިންސްޓޯމްގެ މެސެޖެކެވެ. މެސެޖު ލިބުނު އިރު ފައުޒާ ހުރީ ގެސްޓްހައުސް ހުންނަ ގޯޅިގަނޑުގައެވެ.

އެތަނަށް ވަނުމަށް ހިނގައިގަތުމުގެ ކުރިން ފައުޒާ ފަތީންއަށް ބަލާލިއެވެ. ފަތީން ހުރީ މަގުގެ ކޮޅުގައެވެ. ފައުޒާއަށް ފާރަލަމުން އެދާ ރެއިންސްޓޯމްއަށް ފައުޒާއާ އެކުގައި ފަތީން އައިކަން ޝައްކުވެސް ނުކުރެވޭހާ ދުރުގައެވެ. ފަތީން އަތުގެ ބޮޑުވައި އިނގިލި ހިއްލާލަމުން ފައުޒާއަށް އެމޫނުން ހިނިތުންވުން ދައްކާލިއެވެ.

ފައުޒާ ގޮސް ގެސްޓްހައުސްގެ ދޮރާ ހިސާބަށް އަރާ ހަމަވިވަގުތު ފިހާރައިގައި ހުރި އާނިސްއަށް ފައުޒާ ފެނުނެވެ. އެ ގެސްޓްހައުސްއަށް ފައުޒާ ވަންނަން އުޅުނު ވަގުތު އާނިސްއަށް ބަލާކަށް ނުހުރެވުނެވެ. ފައުޒާ ގާތަށް ދިޔުމަށް އާނިސް ފިހާރައިން ނުކުތެވެ. އެއިރު ފަތީން ހިނގާފައި އައިސް އެ ގޯޅިއާ އަރާ ހަމަކުރަނީއެވެ.

ފަތީންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އާނިސްއެވެ. އޭނާގެ މިސްރާބު ހުރީ އެ ގެސްޓްހައުސް އާއި ދިމާލަށްކަން އެނގުމުން ފަތީން އޭނާގެ ފަހަތުން ދުއްވައިގަތީ އޭނާ ހުއްޓުވުމަށެވެ. އެއިރު ފައުޒާ ގެސްޓްހައުސްއަށް ވަދެގެން ދިޔަތާ ކުޑަ ހިނދުކޮޅެއް ވެއްޖެއެވެ.

"އޭ މޭން.. މިތާ ކިއް ތިކުރަނީ؟ މަގޭ ބައްބަ އަށް ފާރައެއް ނުލަންތަ؟" ފަތީންއަށް އާނިސް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އާނިސް އެއްވެސް އެއްޗެއް ނުބުނެ ފަތީންގެ މޫނަށް ބަލާލުމަށްފަހު އިސްދަށަށް ޖަހާލިއެވެ.

"އޭ ކިހިނެއް ވީ؟ ކޮބާ މަގޭ ބައްޕަ؟ ބައްޕަ އައީ މިތަނަށްތަ؟" އާނިސްގެ މޫނުމަތީގައި ދަމާލެވިފައިވާ ނަފުރަތުގެ ސާލު ފަތީންގެ ދެލޮލުން ދުށީ ސުވާލުން ފުރިގެންވާ ހާލުގައެވެ.

ރެއިންސްޓޯމްގެ އެންގުމާ އެއްގޮތަށް ފައުޒާ ގޮސް ހުއްޓުނީ ރިސެޕްޝަން ކައިރީގައެވެ. އެތާ އިން ބިދޭސީ ފިރިހެނާ ދިއްކޮށްލި ތަޅުދަނޑީގައި ޖަހާފައިވަނީ 404 ކެވެ. "ހަތަރުވަނަ ފުލޯ.." ފައުޒާ އެ ތަޅުދަނޑިއަށް ބަލާލި ވަގުތު އެ ބިދޭސީ ފިރިހެނާ ބުނެލިއެވެ.

އެ ރޫމު ހޯދަން ފައުޒާ ގޮސް އެރީ ލިފްޓަށެވެ. ލިފްޓުގެ ދޮރު ލެއްޕުމާއެކު ވައިސޫރިއެއްހެން އޭތި މައްޗަށް ދެމިގަތީ ފައުޒާގެ ހިތްވެސް އެއާއެކު ގުޑުވާލަމުންނެވެ. ފައުޒާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ އެ ކޮޓަރީގައި ފައުޒާއަށްޓަކާ އިންތިޒާރު ކުރަމުން އެދަނީ ކޮން އެއްޗެއްކަން ނުވަތަ ކޮން މީހެއްކަން ނޭނގޭތީއެވެ.

ލިފްޓުން ނުކުތްއިރު ކުރިމަތީގައި ހުރީ އެ ކޮޓަރިއެވެ. އެއްވެސް މީހަކު ނެތް އެ މާހައުލުގައި ފިޔަވަޅުގެ އަޑު ނީވޭހާ ހަމަހިމޭން ހިނގުމެއްގައި ފައުޒާ ގޮސް އެ ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލީ ބިރުން ހުރެއެވެ.

އަތުގައި އޮތް ތަޅުދަނޑި އެ ދޮރުފަތަށް ޖަހާލުމުގެ ކުރިން ފައުޒާ ފުން ނޭވާއެއް ލިއެވެ. ހިތްވަރު ކޮށްފައި ދެތިން ފަހަރަކަށް ތަޅުދަނޑި ކޮށްޕާލެވޭތޯ މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. ހިތް ތެޅޭވަރުން ހިމޭން ނުވެއެވެ. ނޭވާވެސް އަވަސް ވެފައިވަނީ އިންތިހާއަށެވެ.

ހަތަރުވަނަ ފަހަރަށް ތަޅުދަނޑި ދޮރުގެ ތަޅާ ދިމާކޮށްލި ވަގުތު އަންހެނެއްގެ އަޑު އެ ކޮޓަރިން ފައުޒާއަށް އިވުނެވެ. ތާކަށް ތަދުވެގެން މީހަކު އައްދޯއިއޭ ބުނާފަދަ ގޮތަކަށެވެ.

އިތުރަށް ވިސްނަން ނުހަދާ ފައުޒާ އަވަސް އަވަހަށް އެދޮރު ހުޅުވާލިއެވެ. ތުރުތުރު އަޅުމުންދާ މުޅިހަޑިގަނޑުގެ މައްޗަށް އަމިލްޒަ ނަފުސުގެ ހިތްވަރު އިސްކޮށްފައެވެ.

ދޮރު ހުޅުވާލުމާއެކު ފައުޒާގެ މޫނުމައްޗަށް ފުސްވެގެން ދިޔައެވެ. ގައިވާގި ދޫވި ކަހަލައެވެ. ހަމަބުއްދީގެ އަސަރު ސިކުނޑިން ފިލައިގެންގޮސް ކަންފަތް ބައްވިފަދައެވެ. ހުއްޓުން އަރާފައި ބަލަން ހުރެވުނީ އެނދުމަތީގައި ބަރަހަމާކޮށް ތިބި އޭނާގެ ބައްޕައާއި ޝިރާނީއަށެވެ.

"ފައުޒާ.." ފައުޒާ ވަތް މަންޒަރު ފެނިފައި އިބްރާހިމް އޭނާއާއި ދިމާލަށް ހަޅޭލަވައިގަތީ ވައިއަޑުންވެ. އެއިރު ޝިރާނީ އެނދުމަތީގައި އޮތް ރަޖާގަނޑުން އެދެމީހުންގެ ހަށިގަނޑު ނިވާ ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

އިބްރާހިމް ތެދުވެ ތަޅުން މަތީގައި އޮތް އޭނާގެ ފަޓުލޫނުން އޭނާގެ އުނަގަނޑު ނިވާކޮށްލި ވަގުތު ފައުޒާ އެ ކޮޓަރީގެ ދޮރު ލައްޕާފައި ދުއްވައިގަތެވެ. ފައުޒާ ހުއްޓުވޭތޯ އިބްރާހިމް ގޮވާލިއެވެ. ނަމަވެސް އިބްރާހިމް ހުރީ އޭނާގެ ފަހަތުން ދެވޭނެ ފަދަ ހާލެއްގައެއް ނޫނެވެ.

"އާނ.. ކައޭ ބައްޕަ އައީ މިތަނަށް.. އިނގޭތަ ކާކު ކަރިއަށް ވަންނަންކަން؟ މަގޭ މަންމަ." ހިތާމަވެރިކަމާއި ރުޅިވެރިކަމުން ފުރިގެންވާ އެދުލުން ފަތީންއަށް ބަލަން ހުރެ އާނިސް ވާހަކަ ދެއްކިއެވެ.

"އޭ ކީކޭ؟؟ އޯނޯ ފައޫ ވީ މިތާ އަޑީގަ. އޭނައަށް ބައްޕަ ފެނިދާނެ." ފަތީން ވަގުތުން ގެސްޓްހައުސްގެ ތެރެއަށް ދެމިގަތެވެ.

"އޭ ދެންމެ މިތަނަށް ވަނެއްނު އަންހެން ކުއްޖެއް؟ އޭނަ ދިޔައީ ކޮން ފްލޯއަކަށް؟" ފަތީން ގޮސް އަހާލީ ރިސެޕްޝަނުގައި އިން މީހާ ކައިރީގައެވެ. "ބޭބެ އަހަރެން ނޭނގެނީ.." އޭނާ މަސައްކަތް ކުރީ ދޮގުހަދާށެވެ.

"ބަލާއެއްނު.. ކަލެއަށް އެނގޭނެ. މަމީ އެ ކުއްޖާ ބޭބެއޭ.. ބުނޭ ހަމަމިހާރު.." ފަތީން ރުޅިއައިސްގެން މޭޒުމަތީގައި އަތުގައި ހުރި ބާރަކަށް ޖެހިއެވެ.

"ބޭބެ ރުޅި ނާދެ. އަހަރެން ނުބުނެވެނީނު އޭނަ ދިޔަތަން.." އޭނާ އަދިވެސް މަސައްކަތް ކުރީ ސިއްރު ކުރެވޭތޯއެވެ. އެވަގުތު ސިޑިން ވަރަށް ބާރަށް މީހަކު ދުވެފައި އަންނަ އަޑު އިވުނެވެ. ފަތީން ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ.

ފަތީންއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ފައިބައިގެން އެއައީ ފައުޒާއެވެ. "ކޮއްކޮ މަޑުކޮށްބަލަ. ކިހިނެއްވީ؟" ރޮމުން ރޮމުން ދުވެފައި އައި ފައުޒާ ހުއްޓުވަންވެގެން ފަތީން އޭނާގެ އަތުގައި ހިފަހައްޓަން އުޅެނިކޮށް ފަތީންގެ އަތް ފޮޅާލާފައި ފައުޒާ ގޮސް ނުކުތީ އެތަނުން ބޭރަށެވެ. ފަތީންވެސް ފައުޒާ ފަހަތުން ދިޔައެވެ.

"ފައޫ.." ފައުޒާ ނުކުތް ވަގުތު އާނިސް ގޮވާލިއެވެ. ނަމަވެސް އެއަޑަށް ސަމާލުކަން ނުދީ ފައުޒާ ގައިގައި ހުރި ބާރެއްލާފައި ދުވެފައި ދިޔައެވެ. ފަތީންއަށް ބޭރަށް ނުކުމެވުނުއިރު ފައުޒާ އެ މަގުގެ ކޮޅުން އޮބާލަނީއެވެ.

"މަޑުކޮށްބަލަ. ކަލޭމެނަށްވެސް އެނގިގެންތަ މިކަމެއް މި ހިނގަނީ؟" އޭރުވެސް އާނިސްގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ.

ފައުޒާ ހޯދަން ދާން އުޅެފައިވެސް ފަތީން މަޑުކޮށްލިއެވެ. "ނޫން. އަހަރެމެން މިތަނަށް އައުމާ އެމީހުން މިތަނަށް އައުމާ މިއީ މުޅިން ތަފާތު ދެކަމެއް!" ފަތީން ބުނެލީ އާނިސްގެ ދެލޮލަށް ބަލަލާފައެވެ. އެދެލޮލުގައި ހުރި ނަފްރަތުގެ އަސަރުތައް ފަތީންގެ ސިކުނޑިއަށް ވާސިލް ކޮށްދެނީ އެ މޫނުމަތީގައި ފެންނަން ހުރި ނުތަނަވަސް ކަމާ އެކުގައެވެ.

"ދެން އެހެންވިއްޔާ ކިހިނެއްތަ މި ވަނީ؟ ކަލޭ މަށަށް ކިޔާދީބަލަ.." ފަތީންގެ މޭމަތީގައި އަތްއަޅާ ކޮށްޕާލިއިރު އާނިސް ހުރީ އޭނާގެ ހަމަ ބުއްދިން ބޭރުގައެވެ. ކުރެވެނީ ކީއްކަން ނޭނގޭ ފަދަ ހާލެއްގައެވެ.

" މޭން ހަމަޖެހިބަލަ. މަށަކަށް ނޭނގެ ބައްޕަ އަންނަނީ މިތަނަށް ކަމެއް. އަދި ބައްޕަ ކައިރިއަށް ވަންނަނީ ތިމީހަ މަންމަ ކަމެއްވެސް. އަހަރެމެން މިތަނަށް މި އައީ ފައުޒާ އަށް ކޮންމެސް ނުދަންނަ ނަންބަރަކުން މެސެޖު ކުރާތީ އެމީހާ ބުނެގެން. " އާނިސްގެ ކޮނޑުގައި އަތްއަޅައިގެން ހުރެ ފަތީން މަސައްކަތްކުރީ އޭނާގެ ރުޅި މަޑުކުރެވޭތޯއެވެ.

"އޭ ބަލާބެ.." ކުއްލިއަކަށް އެއްލި ކަޅިއަކާއެކު އާނިސްގެ ލޮލުގައި އަޅައިގަތީ އެމީހުންތިބި ގޯޅީގެ ކޮޅުގައި ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެން ކުއްޖެކެވެ. އޭނާގެ މޫނުމަތި އާނިސްއަށް ސާފުކޮށް ފެނުނީ މަގުން ދިޔަ ސައިކަލެއްގެ އަލި އޭނާގެ މޫނުމައްޗަށް އެޅުމުންނެވެ. އާނިސްއަށް ފެނުމާއެކު އޭނާ ބަލަން ހުރެފައި އެ މަގުގެ ކަނާތް ފަރާތަށް ހިނގައިގަތެވެ.

"ކޯއްޗެއް؟" ފަތީންވެސް އެދިމާލަށް ބަލާލިއެވެ. "އާދެބެ މަށާ އެކީގަ.." ފަތީންގެ އަތުގައި ހިފައި އާނިސް ދުއްވައިގަތެވެ. އެމަގަށް ނުކުމެ ބެލިއިރު އެ ރަތް ކުލައިގެ ޓީޝާޓު ލައިގެން ހުރި ކުއްޖާ ފެންނާކަށް ނެތެވެ.

"ކިހިނެއް ވީތަ ބްރޯ؟ ކޯއްޗެއް ތި ހޯދަނީ؟؟" ފަތީން ހާސްވެފައި އަހާލިއެވެ.

"ދެންމެ މިތާހުރި ފިރިހެން ގޮލައެއް.. ހަމަ ކަލެއާ ވައްތަރީ. އެއްވެސް ތަފާތެއް ނެތް." އާނިސްވެސް ހުރީ ވާނުވާ ނޭނގިފައެވެ.

"އަސްލުތަ؟ ތި ހީވި ގޮތް ކަންނޭނގެ.. މަށާ ވައްތަރު މީހަކަށް ހުންނާނީ ތިއްތިބެ އެކަނި. ހަމަ ގައިމުވެސް ތިއްތިބެއެއް ނުފެންނާނެ.." ފަތީން ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.

"ނޫނެކޭ. ހަމަ ހުވާކޮށްފަ މިބުނީ. މިއީކީ އަހަރެމެން ތިބި ތަނާ މާ ދުރެއްވެސް ނޫނެއްނު. އޭނަ ހަމަ މިތާ ހުރީ އަހަރެމެންނަށް ބަލަން.. ހުރެފަ މަށަށް ބަލާލެވުނީމަ ބެޗީ. ސައިކެއްވެސް އައި އެގަޑީގަ. ހަމަ ވަރަށް ސާފުކޮށް މޫނު ފެނުނޭ.." އޭނާ ހުރިތަނަށް އިޝާރަތްކުރަމުން އާނިސް ވާހަކަ ދެއްކިއެވެ.

"ދެން ތިއެއް ނޫނޭ.. ހިނގާބެ ފައޫ އެދިޔަ ތަނެއް ހޯދަން ދާން. މަންމަ ބުންޔޭ ވަރަށް އަވަހަށް ގެއަށް އަންނާށޭވެސް." ފައުޒާ ދުވެފައި ދިޔަ ދިމާލަށް ހިނގައިގަންނަމުން ފަތީން ބުނެލިއެވެ.

"މޭން ވަރަށް ބޮޑަށް ސޮރީ މިރޭ މިވީ ކަންތަކާ.." ފަތީން ބުނެލީ އާނިސް އިސްދަށަށް ޖަހައިގެން ހުރުމުންނެވެ. "މަށަށް އެނގޭ ތިގޮލާ ނައްޓާނެ ވަރު މިކަމާ.."

"އާނނ މީގަ ކައޭގެ ކުށެއް ނެތެއްނު. ފައޫގެ ނަންބަރަށް ގުޅާލަބަލަ.." އާނިސް ވާހަކަ ދެއްކީ މޫނު އަނބުރާލާގެން ހުރެއެވެ.

"އެކަމް މަގޭ ބައްޕަދެކެ ކައޭ ގާތަށް ކިހާ ނައްޓާނެ އެގޮތަށް ހެދީމަ.." ފަތީން ދެރަވެލާފައި ބުނެލިއެވެ.

"އާނ.. ދޮގުނުލާ ބުނަންޔާ ވަރަށް ނައްޓާފަ މިހިރީ. މަގޭ މަންމަ ދެކެވެސް. މަގޭ ހިޔެއް ނުކުރަން މަންމަ އެކަހަލަ ގަނޑެއް ގަންނާނެ ކަމަކަށް." އަނިސްގެ ވާހަކަދެއްކުމުން އޭނާ އެކަމާ ދެރަވެފައި ހުރި މިންވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ.

"ފޯނު ނިވާލާފައޭ މިއޮތީ ފައޫގެ. ޖަވާބެއް ނުދެޔޯ ބުނަނީ.." ފަތީން ބޮލުގައި އަތުން ޖަހާލިއެވެ.

"މަގޭ އަސްލު ސޮރީއޭ މިބުނީ މަށަށް އެކަން އެނގިހުރެ ތިގޮލާއަށް ސިއްރު ކުރެވުނީމަ." ދެފަރާތަށް ބަލަމުން ހިނގަމުންދިޔަ ފަތީން ބުނެލިއެވެ.

"ކީކޭ ތިބުނީ؟ އެކަމް ކައޭ ބުނީމެއްނު ކައޭ އައީ އެކަން ނޭނގިހުރެއޭ.." އާނިސް ދެބުމަ ގާތް ކޮށްލާފައި ފަތީންއަށް ބަލާލިއެވެ.

"މިބުނީ ރަށުންވެސް މަށަށް ފެނުނޭ އެދެމީހުން. މަގޭ އެއްރޭ ދެނަމާދު ދޭތެރެގަޑީ ކުޑަ ކަމަކު ބައްޕަ ފިހާރައަށް ވަގަށް ވަތްގަޑީގަ އެދެމީހުން ތިބީ ފިހާރަ ތެރޭގަ. އެރޭ މަށަށް ތިގޮލާ މަންމަ މޫނެއް ނުފެނެ. މަށަށް އެކަމް ކުޑަކޮށް ޝައްކުވި ތިގޮލާ މަންމަ އަޅާފަ ހުއްޓަ ފެންނަ ބުރުގާއެއް ފެނުނީމަ. އެކަމް ތިގޮލާއާ އެވާހަކަ ދައްކަން ނުކެރިފަ މަމިހުރީ. ވަރަށް ބޮޑަށް ސޮރީ.." ފަތީން ބުނެލިއެވެ.

"ހުވާތަ؟ ޕިސްޕިސް.." އާނިސްގެ ރުޅިގަނޑު އިތުރަށް ގަދަވި ކަހަލައެވެ.

ދިހަވަރަކަސް މިނެޓު ފައުޒާ ފެނޭތޯ އެދެކުދިން އެއަވަށުގައި ހިނގިއެވެ. "އޭ ފައޫ ހުރެދާނެ މިހާރު ގޭގަވެސް. މަށަށް ހީވަނީ މަދެން ނައްޓާލަންވީހެން ގެޔާދިމާލަށް." ފަތީން ބުނެލިއެވެ.

"ހްމްމް.." އާނިސް ކުރުގޮތަކަށް ނިންމާލިއެވެ.

"އޭ ތިމީހަ ކަޑަ ކަމެއް ނުކުރައްޗެ ރުޅިއައިސްގެން ގޮސް.." ފަތީން އާނިސްގެ ކޮނޑުގައި ޖަހާލިއެވެ.

"އާނނ މަގޭ ނުބުނާނަން ބައްޕަ ކައިރީވެސް.." އާނިސް ނިއްއަރުވާލިއެވެ.

ފަތީން ގެއަށް ގޮސް ދޮރު ހުޅުވާލިއިރު ގަޑިން ނުވަގަޑި ސާޅިސް ހިނގަނީއެވެ.

"ދަރިފުޅާ ހާދަ ލަސްވީ.. ކޮބާތަ ކޮއްކޮ؟" ފަތީންގެ ދެލޯ ބޮޑު ވިއެވެ.

"ކޮއްކޮ ނާދޭތަ؟" އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން ފަތީން އަހާލިއެވެ.

"އާނ.. ދަރިފުޅުމެން ދިޔައީ އެކީގައެއް ނޫންތަ؟ އަޅެ ކޮބާތަ ކޮއްކޮ؟" އާދައެކޭ އެއްފަދައިން ފާތުމާ ކަންބޮޑުވީ އިންތިހާ ދަރަޖައަށެވެ.

"ކޮއްކޮ ފިހާރައަށް ވަތް ގޮތަށް ނުނުކުމެގެން އަޅުގަނޑު ފިހާރައަށް ވަދެ ހޯދަހޯދާވެސް ނުފެނުނު. ދެން މިތާ ކައިރީގަ ހިނގަހިނގާފަ ނުފެނިގެން މި އައީ ކޮބާތޯ ބަލަން. ގޭގަ ހުރެދާނެ ކަމަށް." ފަތީން އެހެން ބުނި ވަގުތު ދޮރު ހުޅުވާލިއަޑު އިވުނެވެ. ފާތުމާއާ ފަތީންއަށް އެދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ.

އެތެރެއަށް ވަނީ އިބްރާހިމްއެވެ. އޭނާގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ފަތީންއަށް އޭނާ ފެނުނު ފުރަތަމަ ހިނދުކޮޅުވެސް ފެނުނެވެ. ފަތީންގެ މޭ ބިރުން ޖެހިލާގޮތްވިއެވެ.

"އަޅެ ފައުޒާ ގެންލިގެން މިއުޅެނީ އިބުރާހިމާ.. ހިނގާބަލަ ފުލުހުންނަށް ގުޅަން.." ސޯފާގައި އިން ފާތުމާ ދުވެފައިގޮސް އިބްރާހިމްގެ ގައިގައި ޖެހިގަތެވެ. އެވަގުތު އިބްރާހިމް ބަލާލީ ފަތީންއަށެވެ. ޝައްކުގެ ނަޒަރަކުންނެވެ. އެހެންނަމަވެސް ފަތީންއަކަށް އެކަމެއް ނޭނގެއެވެ.

"އަޅެ ހިނގާބަލަ ފުލުހުންނަށް ގުޅަން." ފާތުމާ އަނެއްކާވެސް ރޮއިގަނެފައި ބުނީ އިބްރާހިމް އަނގައިން ނުބުނެ ހުރީމައެވެ.

"ދެން ތި ރުއިން ހުއްޓާލާފަ ހިނގާބަލަ މިތާ އިށީނދެލަން. ކޮންތާކަށް ދާންތަ އެފައުޒާ ނުކުތީ؟" ރުންކުރު ގޮތަކަށް އިބްރާހިމް އަހާލީ ފާތުމާގެ އަތުގައި ހިފައިގެންގޮސް ސޯފާގައި ބައިންދަމުންނެވެ.

"ފަތީނުއާ ދެމީހުން ނުކުތީ ބޭރަށް މެގުނަމު ބޯށޯ ކިޔާފަ. ދެން ފަތީންއަށް ނުފެނުނޯ ފިހާރައިން ހޯދަ ހޯދަ.." އިބްރާހިމް ކުއްލިއަކަށް ފަތީންއަށް ބަލާލިއެވެ. އޭނާގެ ދެލޯ ރަތްވެ ކެކެމުންދަނީއެވެ. މޫނުމަތީގައި ރުޅިވެރިކަމުގެ ސާލެއް ފަތުރާލެވިފައިވާފަދައެވެ.

ފަތީން އިސްދަށަށް ޖަހާލީ ބިރުންނެވެ. މިކަމުގެ ރޯޅި ކޮންމެސް ގޮތަކުން އޭނާއަށް އަންނާނެކަން އެނގޭތީއެވެ. "ހްމްމް.. ޕޮލިހަށް ގުޅާކަށް އަދި ނުވޭ. ހިނގާބަލަ އަދި ފެނޭތޯ ނުކުމެލަން. މަގު އޮޅިގެންވެސް އުޅެދާނެ." އިބްރާހިމް ބިރުގަތީ އޭނާގެ ސިއްރު ހާމަވެދާނެތީއެވެ.

"އަޅުގަނޑު މިއައީ ވަރަށް ހޯދާފައި. ނުފެނުނު." އިބްރާހިމްގެ އަނގައިގައި ބަސް އޮއްވައި ފަތީން ބުނެލިއެވެ. އިބްރާހިމްއާއެކު ބޭރަށް ގޮސްފިނަމަ އިބްރާހިމްގެ ރުޅިގަނޑު ފަތީންއަށް ބާލާނުލާނެ އެއްވެސް ގޮތެއް ނޯންނާނެކަން ފަތީންއަށް ޔަގީންވާތީއެވެ.

"އެކަމްވެސް ހިނގާބަލަ ދާން. ތި ރަނގަޅަށް ބުނެލެނީއޭ.." އިބްރާހިމް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލީ ޙިކްމަތަކުންނެވެ.

"ދެން އެކަމްވެސް އަހަރެން މިގުޅަނީ ޕޮލިހަށް. ކަލޭމެން ދޭ ހޯދަން.." އިބްރާހިމް ސޯފާއިން ތެދުވިވަގުތު ދެލޮލުން ކަރުމަތައް ފޮހެލަމުން ފާތުމާ ބުނެލިއެވެ.

އިބްރާހިމް ހިނގައިގަތީ މޫނުމަތި ފުސްކޮށްލަމުންނެވެ. ފާތުމާގެ ކަންތައް ފަލަކަމުން ބޮލަށް އުނދަގޫވެގެންނެވެ. ފަތީން އޭނާގެ ފަހަތުން ހިނގާފައި ނުކުތީ ވަރަށް ބިރުން ހުރެއެވެ. ނަމަވެސް އޭނާގެ ފަރާތުން ކޮންމެފަދަ އަމަލެއް ފެނުނަސް އެކަންކަމާ ކެރިގެން ކުރިމަތިލުމުގެ ނިޔަތުގައެވެ.

ކޮޓަރިއަށް ވަތްގޮތަށް އާނިސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ކައިރީގައި ލެޕްޓޮޕް އުނގަށް ލައިގެންއިން އޭނާގެ ބައްޕަ އުޒައިރުގެ އުނގުގައި އޭނާގެ އަތުން ބައްދާލަމުން އުޒައިރާ ގާތަށް ޖެހިލިއެވެ.

"އަހާ.. ކިހިނެއްވީ ދަރިފުޅާ؟" އުޒައިރު ޝައްކުގެ ރާގަކަށް އަހާލިއެވެ.

"ކަމެއް ނުވެ!" އާނިސް ކުރުގޮތަކަށް ނިންމާލީ އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުމައިގެ އަސަރު އޭނާގެ އަޑުން ބައްޕައަށް ހާމަވެދާނެތީއެވެ.

ޝިރާނީގެ ޙަޤީޤަތް އުޒައިރުއަށް ކިޔައިދެން އާނިސް ކިތަންމެ ބޭނުންވިއަސް، އެ ވާހަކައިގެ ސަބަބުން އެ ދެމަފިރިންގެ ގުޅުން ވަކިވެގެންދާތަން ބަލާކަށްވެސް އާނިސްއަކަށް ކެތެއް ނުކުރެވޭނެއެވެ. ނަމަވެސް މިހާރު ޝިރާނީއާ ދޭތެރޭގައި އާނިސް ދެކޭގޮތް އެއްކޮށް ބަދަލުވެއްޖެއެވެ. ޝިރާނީއަކީ މިހާރު ކުރިން އާނިސް ދެކެމުންއައި މާތް ތެދުވެރި މަންމައެއް ނޫނެވެ.

އާނިސް އައިތާ މާގިނަ އިރުތަކެއްނުވެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭއަޑު އިވުނެވެ. އާނިސް ވަދެފައި ދޮރު ތަޅުލެވުނީ އޮޅިގެންނެވެ.

"ދަރިފުޅު ދޭބަލަ ދޮރު ހުޅުވާލަން." އުޒައިރު އާނިސްގެ ބޮލުގައި ފިރުމާލިއެވެ.

އާނިސް ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލަފައި އޭނާގެ ދެލޯ ފޮހެލިއެވެ. ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ޝިރާނީއެވެ.

"ދަރިފުޅު އައިއްސިތަ؟ މަންމަ ހީކުރީ އަދި ނާންނާނެ ކަމަށް." ޝިރާނީގެ މޫނުމަތީގައި ވަނީ ގިރިޓީ ކުރެވިފައިވާ ހިނިތުންވުމެކެވެ. ނަމަވެސް އެކަމެއް އާނިސްއަކަށް ނޭނގެއެވެ. އޭނާ މޫނު ފުސްކޮށްލާފައި އިސްދަށަށް ޖަހާލިއެވެ. އެ މޫނުން ފެނުނު ކިލަނބުކަން ޝިރާނީގެ ހިތުގެ އެންމެ އަޑީގެ އިހުސާސްތަކާ ކުޅެލިއެވެ.

އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށްވަދެ އަތުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލާލާފައި ގޮސް ޝިރާނީ ވަނީ ފާޚާނާއަށެވެ. އޭނާއަށް ފާޚާނާގެ ދޮރު ލެއްޕުނީ ކިރިއާއެވެ. ދެލޮލުން ކަރުނަތައް ހޯސްލާފައި އޮހޮރެން ފެށިއެވެ. މުޅި އުމުރުގައިވެސް އޭނާ މިހާ ލަދުގަންނަން ޖެހޭކަމެއް އަދި ދިމައެއް ނުވެއެވެ. އޭނާގެ ދަރިއެއްވަރުގެ ކުއްޖެއްގެ ކުރިމަތީގައި އޭނާގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެވުނީއެވެ. އިއްފަތް ފުނޑުފުނޑުވެ އަޅިއަށްވެގެން ދިޔައީއެވެ.

އެއްވެސް އެއްޗެއް ނުބުނެ އިބްރާހިމްއާ އެއްވަރަށް ހިނގާފައި ފަތީން އޭނާގެ ފަހަތުން ދިޔައެވެ. އިބްރާހިމްވެސް ބަހަކުން ކުރެ ބަހެއް ނުބުނެއެވެ. އިބްރާހިމް ހިނގަމުންގޮސް ހުއްޓުނީ ރަސްފަންނު ސަރަހައްދުގައި ހުރި ކުޑަ ފުޓުސެލް ދަނޑެއް ކައިރީގައެވެ.

ވަށައިގެން ސައިކަލުތައް ޕާކު ކުރެވިފައި ހުރިއިރު ދަނޑުގައި މަދު އަދަދަކަށް ކުދިން ތިބެ ފުޓުބޯޅަ ކުޅެމުން ދިޔައެވެ. ވަރަށް ދުރުން ނޫނީ މީހެއްގެ ހިލަންވެސް ނުފެނެއެވެ.

"ބުނޭ ތެދަށް! ކޮންތާކަށް ފައުޒާ ވައްދައިގެން ތިއުޅެނީ؟" އިބްރާހިމް އަތުގެ ޝަހާދަތް އިނގިލިން ފަތީންގެ ނިއްކުރީގައި އަޅުވާ ކޮށްޕާލިއެވެ.

"މަށަކަށް ނޭނގެ އޭނަ ދިޔަތަނެއް." ފަތީން ބިރު ނުގަންނަންވެގެން ދެލޯ އަޅާލިއެވެ.

"ދޮގު ތިހަދަނީ. މަ އަތުން ބޮނޑިއެއް ބޯން ބޭނުން ނުވަންޔާ ބުނޭ.." ފަތީންގެ އަތުގައި ހިފައިގެން ގެނަސް ކައިރީގައި ހުރި ސައިކަލަކާއި ދިމާލަށް ފަތީން ކޮށްޕާލީ އިބްރާހިމްގެ އަތުގައި ހުރި ބާރެއް ލާފައެވެ. ފަތީން އޭގައި ޖެހުމާއެކު އޭތި ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

"އަޅެ ހަމަ ހުވާ މިބުނީ.. މަށަކަށް އޭނައެއް ނުފެނުނޭ.." ފަތީންގެ ދެފައި ތުރުތުރު އަޅަމުން ދިޔައެވެ.

"ދެން އެހެންވިއްޔާ މަށަށް ފާރަލީ ކީއްވެ ދޭތިން؟ ކަލޭއަށް އިނގޭނެ ކީއްވެކަން. ބުނޭ! ކީއްކުރަން އެތަނަށް ދިޔައީ؟ ކަލޭ މަ އުޅޭވައްތަރު ބަލާކަށް ނުޖެހޭ." އިބްރާހިމްގެ އަޑު ބާރުވަމުން ދިޔައެވެ.

"މަށަކަށް ނޭނގެ. މަނުދަން ތިބުނާ ތާކަށް.." ފަތީން ހުރީ ގޮތްހުސްވެފައެވެ.

"ދޮގު ނުހަދާށޭ.. ދެން ކާކާ އެކީ ފައުޒާ އެތަނަށް ދިޔައީ؟ ކަލޭއަށް ހަމަ ރަނގަޅަށް އެނގޭނެ. ބުނޭ ރަނގަޅަށް. އެހެންނޫނީ ކަލޭ ބޭބެއަށް ހަދާލ.." އިބްރާހިމްގެ ވާހަކަ ވަކި ހިސާބަކުން ހުއްޓުނެވެ.

"ކީއްވެ ތި ހުއްޓާލީ؟ ކިޔާބަލަ! ބޭބެ މަރާލީވެސް ކަލޭ ދޯ؟ މަށަށް މިހާރު ޝައްކޭ.." ފަތީން ގާތަށް ރުޅިއަންނަން ފެށިއެވެ.

"ނާ އެހެންޔަ. އަހަރެމެން ސުކޫލު ކަމަކު ބައިރުފިޔާގަނޑެއް ޚަރަދުކޮށްލަން ނުކެރޭއިރު ތިއްތިގެ މަރު އެހެންމީހެއްގެ ބޮލަށް ބިންދާލަން ކަލޭ ލައްކައެއްހާ ރުފިޔާ ޚަރަދު ކޮށްލާފި! މިދެން އަޖައިބެއް!" އިބްރާހިމްގެ އަނގައިން ބަހެއް ނުބުނެ އިސްދަށަށް ޖަހައިގެން ހުއްޓާ ފަތީން ވާހަކަ ދެއްކިއެވެ. އޭނާގެ ދެބުމަ ހުރީ ގޮށްޖަހާލެވިފައެވެ.

"މަށަށް އިނގޭ ބޭބެ މަރުވިރޭ ކަލޭ އެތަނުގަ ހުރިކަންވެސް. މިއަށް ނިކަން ޖަވާބެއް ދީބަލަ ތިހެން ނުހުރެ މިހިރަ ބީތާޔާ.." ފަތީންގެ އަޑު ގަދަވާން ފެށިއެވެ.

"އޭ ކަލޭ މަ ކުރިމަތީގަ ޒުވާބު ކުރަން ނޫޅޭތި އިނގޭ.." ފަތީންގެ މޫނުމަތީގައި އިބްރާހިމް ޖެހިއެވެ.

"އައްދިއްޔޯއި. އަދިވެސް ކިޔާނަން. ކަލެއަށް ކީއް ކުރެވޭނީ؟ ތިހިރީ ރަނގަޅަށް ބޭނިފަ." ފަތީން ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ.

"ލަދެއް ނުގަނޭތަ މޫނުމަތީ ޒުވާބު ކުރާކަށް؟ މަމީ ކަލޭ ބައްޕައޭ.." އިބްރާހިމް ދެލޯ އަޅާލިއެވެ.

"އާނ ލަދެއް ނުގަނެ. ދެންވެސް ކަލޭ މަގޭގައިގަ އަތް ނުލާތި. މާތާހިރެއް ނުވާނެ އެންމެނަށް ޙަޤީޤަތް ފަޅާއެރީމަކާ.. މަ ކަލެއަށް ފާރަލިއަސް ނުލިއަސް ކަލޭ ޖެހޭނީ ހައްޕު ކިޔައިގެން ހުންނަން.." ފަތީން މޭފުއްޕާލިއެވެ.

"އޭއި ކަލޭ ހޭބަލި ނުވެބަލަ. މަށެއް ނޫނޭ ކަލޭ ބޭބެ މަރާލީ. އެއީ ކަލޭ ބޭބެއަށް ވަންޔާ އެއީ މަގޭ ދަރި. ހަމަ އެއް ކުލުނެއް މިތަނުގަ ހިނގާނީ." މޭމަތީގައި އަތް އަޅާލަމުން އިބްރާހިމް ބުނެލިއެވެ.

"ކަލޭއަކަށް ނޭނގޭނެ ކުލުނަކީ ކޯޗެއްކަމެއް! ދުވަހަކުވެސް ނޭނގޭނެ! ތިއްތި މަރާލީ ހަމަ ކަލޭ.." ފަތީން ހިނގައިގަތީ ހުރިތަނުން ދުރަށް ދާށެވެ.

"އަޅެ! ކޮބައިހޭ ފައުޒާ؟" އިބްރާހިމް ވާހަކަ އޮޅުވާލަމުން ފަތީންގެ ފަހަތުން ހިނގައިގަތެވެ.

" ނޭނގެ މަށަކަށް. އެތަނަށް ގޮއްސަ ކަލެޔާ ޝިރާނީއާ ތި ގަތްގަނޑެއް ފެނިގެން ކަންނޭގެ މަ ގޮވަގޮވާ އޮއްވަ އޭނަ ދުވެފަ ހިނގައްޖެ. ދެން ދޭ އަވަހަށް އޭނަ މަރާލަން. އެހެން ނޫނީ އަނެއްކާވެސް ލަދެއްގަ ބެދެން ޖެހިދާނެ. " ފަތީން ކުރިއަށް ދިޔައެވެ.

އިބްރާހިމްއަށް ރައްދުގައި މާގިނަ ވާހަކައެއް ނުދެއްކުނެވެ. ފަތީންގޮސް އޮބާލަންދެން އޭނާ ބަލަން ހުއްޓެވެ.

= 19 ވަނަ އެޕިސޯޑު ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
14 Nov 2024
ޚަބަރު
މިހާރު ގުރޭޑް 9ގައި ތިބި ދަރިވަރުން ދޮޅުއަހަރު ގްރޭޑް 10ގައި ތިބެން ޖެހިދާނެ
2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައި ވާއިރު، މިސަރުކާރުން ކުރިން ޕްލޭން ކުރި ގޮތަށް، އޮކްޓޫބަރު ނޮވެމްބަރު މަހުގައި ކެމްބްރިޖް އޯލެވެލް އިމްތިހާނު އޮންނާނެކަމަށް ކަލަންޑަރުގައި ހިމަނާފައެއް ނުވެއެވެ. ދިރާސީ އަހަރު ބަދަލު ކުރުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުރީ ސަރުކާރުގައި، އޯލެވެލް އިމްތިހާނު މެއިޖޫންއަށް ބަދަލުކޮށްފައި އޮތް އޮތުން 2025 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު ނޮވެމްބަރަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.
14 Nov 2024
ޚަބަރު
ލޯބިވެރިޔާ ބްލެކްމެއިލް ކުރުމުގެ ކުށުގައި 19 އަހަރުގެ ފުލުހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ހައްޔަރުކޮށްފައި ވަނީ، އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުން އައި، އެރަށު ފަޒާ ޒައިދާން މުޙައްމަދު ކަމަށެވެ. އަދި އޭނާއަކީ ފުލުހުންގެ އަސާސީ ތަމްރީން ނުހަދައިހުރި ރެކްރޫޓް ފުލުހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.
14 Nov 2024
ޚަބަރު
އުއްޗު ސަރުކާރާ ދެކޮޅަށް ނުކުންނަވައި، ޑޮލަރު މާރުކުރުމުގެ ޤަވައިދަށް ޢަމަލުކުރެވެން ނެތްކަމަށް އަންގައިފި
އެޤަވާއިދަށް ޢަމަލުކުރެވެން ނެތްކަމަށް އަންގައި އުއްޗު އެމްއެމްއޭއަށް ފޮނުއްވި ސިޓީގެ ކޮޕީ މީހާރު ވަނީ ސޯޝަލްމީޑިއާގައި ދައުރުކުރަން ފަށާފައެވެ. އެސިޓީގައި ވަނީ، ފައިސާ މާރުކުރުމަށް އެމްއެމްއޭއިން އެކުލަވާލު ޤަވާއިދަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލާއި ލަފާ ނުހޯދައި، އަދި ސިނާޢަތަށް ގެއްލުންވާ ގޮތަށް އެކުލަވާލާފައިވާ ޤަވާއިދެއް ކަމަށެވެ. އެހެންކަމުން އެ ޤަވާއިދު ވަގުތުން އުވާލަންޖެހޭ ކަމަށްވެސް އެސިޓީގައި ވަނީ ބުނެފައެވެ.
14 Nov 2024
ޚަބަރު
މީކާއީލް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެ ހުށައެޅުއްވުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަ ނުވާތީ ބަލައިގަނެވެން ނެތްކަމުގައި ވިދާޅުވެފައެވެ. މިގޮތުން، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ އ. އަދި މ. ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާކަމުގައި މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.