Advertisement

22 Apr 2024
ވާހަކަ

ނާކާ | އެޕިސޯޑު - 18

ތަޅުންމަތިން ތެދުވެ ކަރުގައި އަތް އަޅައިގެންހުރެ ގޮސް ފަތީން ފޯނު ނަގާ ޝިމާގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ޝިމާ ފޯނެއް ނުނެގިއެވެ. ދެވަނަ ފަހަރަށްވެސް ގުޅިއެވެ. ނަމަވެސް އިވެނީ ޖަވާބެއް ނުދިނޭ ބުނާއަޑެވެ.

ރީތިވެލައިގެން އަލަމާރިމަތީގައި އޮތް ކިލަލުން ހަފުސްވެފައިވާ ކޮތަޅު ނަގާ އޭގެ އެތެރޭގައި އޮތް ދަބަސް އެނދުމައްޗަށް އެއްލާލީ އަވަސް ހަރަކާތްތަކެއްގައެވެ. އަލަމާރީގެ ދޮރު ހުޅުވާލާ އަންނައުނުތައް އަޅުވާފައިހުރި ކޮނޑުތައް ދެކޮޅަށް ދެކޮޅަށް ކަހާލުމަށްފަހު އެންމެ ރީތިކަމަށް ފެނުނު ދެތިން ގަމީހެއް ނަގާ އެނދުމައްޗަށް އެއްލާލީ ގަޑިއަށް ބަލާލަމުންނެވެ. ރީތި ލަވައެއްގެ ރާގު ތުނބުން ގޮއްވާލަމުން އަވަސްއަވަހަށް ފަތީން ތައްޔާރުވަމުން ދިޔައީ 11 ޖަހާއިރު ފުރަން ހަމަޖެހިފައިއޮތް ލޯންޗަށް ދިޔުމަށް ގެއިން ނައްޓާލުމުގެ ކުރިން ސައިބޮއިލާނެ ވަގުތު އޮއްވައި ކޮޓަރިން ނުކުމެވޭތޯއެވެ.

ގެއިން ނުކުތްއިރު ފަތީންގެ ފޯނުން ޝިމާގެ ނަންބަރަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ވީ އެންމެ އަވަހަކަށް ފަތީންއަށް ގުޅަންބުނެ މެސެޖުވެސް ކުރިއެވެ. ނަމަވެސް ފަތީންމެން ދަތުރުކުރި ލޯންޗް ތިން ގަޑިއިރުގެ ދިގު ދަތުރަކަށްފަހު މާލޭގެ ބަނދަރަށް ގާތްކުރިއިރުވެސް ޝިމާގެ ޚަބަރެއް ނުވެއެވެ.

Advertisement

"ދަރިފުޅާ.. ބައްޕައާ އެކީ އެފޮށީގަ ހިފާބަލަ." އެމްއެމްއޭ ބިލްޑިންގުގެ ހަލަބޮލި ސަރަހައްދުން ކާރެއް ލިބޭތޯ އަތްހޫރަން ހުރި ފާތުމާ ބުނެލީ އޭނާގެ ބޮޑުފޮށި ހިފައިގެން ލޯންޗުން ފައިބަންއައި އިބްރާހިމް ފެނުމުންނެވެ.

މާ ދުރުނޫން ހިސާބެއްގައި ފޯނާ ކުޅެން ހުރެފައި އެއަޑަށް ފޯނު ޖީބަށް ލައިގެން ލޯންޗު ކައިރިއަށް ފަތީން ދިޔައީ ދާން ބޭނުންވެގެންނެއް ނޫނެވެ. އިބްރާހިމް ލޯންޗުން ފައިބަންއައި ވަގުތު ފޮށީގައި ހިފުމަށް ފަތީން އަތް ދިއްކޮށްލިއެވެ. ނަމަވެސް އޭނާ ފަތީން ފެންނަކަމަށް ނުހަދާ ފާލަން މަތީގައި ފޮށި ބެހެއްޓުމަށްފަހު ލޯންޗުން ފެއިބިއެވެ. އެވަގުތު ފޮށި ހިއްލާލުމަށްޓަކާ ފަތީން ފޮށީގެ އަތްގަނޑުގައި ހިފައިލިއެވެ. ފޮށި ހިއްލާނުލެވެނީސް އިބްރާހިމް ފަތީންގެ އަތް ފޮޅާލިއެވެ. ފަތީންއަށް އޭނާގެ ބައްޕަގެ މޫނަށް ބަލާލެވުނީ އެވަގުތެވެ. އެ މޫނުމަތިން އަދިވެސް ފެންނަނީ އަނގުރު އަލިފާންފަދަ ރުޅިވެރިކަމެކެވެ.

މާގިނަ އިރުތަކެއްނުވެ ގެސްޓުހައުސްއަށް ދެވިއްޖެއެވެ. އެމީހުން ދިރިއުޅެން އިބްރާހިމް ކުއްޔަށް ހިފާފައި ހުރީ ހިތްފަސޭހަ ސިޓިންގްރޫމަކާއި އެކީގައި ފަރުމާކުރެވިފައިވާ ބޮޑު ކޮޓަރިއެކެވެ. ސިޓިންގްރޫމުގައި ބޮޑު ސޯފާއަކާއި ޓީވީ ރެކެއް ބެހެއްޓިފައި ހުރިއިރު އެ ތަނަވަސް ޖާގައިގައި ގޮދަޑި އަޅައިގެން ނިދާނެހާ ޖާގަވެސް އެބައޮތެވެ.

"ބައްޕާ. އަޅުގަނޑުމެން ނިދަންވީ މިތާތަ؟" އެތެރެއަށް ވަތްއިރު ކުރިމަތީގައިހުރި ދެގޮދަޑި ފެނުމުން ފައުޒާ އަހާލިއެވެ.

"އާނ.. ދަރިފުޅަށް ކަމުނުދަނީތަ؟" ފާތުމާ ގޮސް ކޮޓަރިއަށް ވަންނަނިކޮށް އިބްރާހިމް ބުނެލީ ޓީވީ ރެކުކައިރީގައި ހުރެފައެވެ. އިބްރާހިމްގެ މޫނުން ފައުޒާއަށް ދިން ހިތްހެޔޮ ހިނިތުންވުން ފެނިފައި ފަތީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ތަންޑު އަޅުވާލަމުން ފަތީން ފައުޒާއަށް ބަލާލި ވަގުތު އޭނާގެ މޫނުމަތިން ހަމަޖެހުމުގެ އިހުސާސްތައް ފެނުމުން ފަތީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފަޒީން މަރުވިފަހުން ފައުޒާގެ މޫނުމަތިން ތާޒާކަން ފެނުނު ފުރަތަމަ ފަހަރަކީ މިއީއެވެ.

އާއިލާގެ ތެރޭގައި ހަމަޖެހިލައިގެން އެންމެން އެކީގައި ޓީވީ ބަލާލާ، ކަންތައްތައް މަޝްވަރާކޮށްލުމުގެ ފުރުސަތު މި އާއިލާއަށް ލިބުނީ މާލޭގެ މި މާޙައުލަށް އާދެވި ދާނެ ތަނެއްނެތި އެންމެން މި ކޮޓަރީގައި ބަނދުވެފައި ތިބެން ޖެހުމުންނެވެ

ސޯފާގެ ކަނާތްފަރާތުގައި ބެހެއްޓިފައި ހުރި ކާމޭޒު ދޮށުގައި ފަތީންއާއި އާއިލާ ކާންތިބިއިރު ދެކެވޭ މަޖާ ވާހަކަތަކުން ފާތުމާގެ މޫނަށް އަންނަ އުފާވެރި ކުލަތަކުން ފަތީންގެ ހިތްހަމަ ޖެހުން އިތުރުކޮށްދެއެވެ. ބައްޕަ އިބްރާހިމްވެސް އެކިއެކި ސަކަރާތުގެ ބަސްތައް އޭނާގެ ދެދަރިންނަށް ރައްދުކޮށް ކިޔަމުން ދިޔައީ އޭނާގެ ހިތުގައި ފަތީންއަށް އޮތް ރުޅިވެރިކަމުގައި ނިވާފަތްގަނޑެއް އަޅާލާގެންނެވެ. ބައްޕަގެ ވާހަކަތަކަށް ހިނިތުންވަމުން ރައްދުދެމުން ފަތީން ދިޔައީ ފައުޒާ އާއި ފާތުމާގެ މޫނުމަތީގެ ހިނިތުންވުން ފެނުމުން ލިބޭ ހިތްހަމަޖެހުމުގެ ސަބަބުންނެވެ.

ކައިނިމިގެން ފަތީންގޮސް ސޯފާގައި ޖައްސާލި ވަގުތު އޭނާގެ ފޯނަށް ކޯލެއް އައެވެ. ފަތީން ޖީބުން ފޯނު ނެގި ވަގުތު ފައުޒާވެސް އައިސް އެތަނުގައި އިށީނެވެ. "މިއޮށް ގުޅަނީ ފައޫގެ އަންބޮޑި." މޭޒުދޮށުގައި ތިބި އިބްރާހިމްއާއި ފާތުމާއަށް ނީވޭވަރަށް ވައިއަޑުން ފައުޒާގެ ކަންފަތްދޮށުގައި ފަތީން ބުނެލީ އާނިސްގެ ފޯނުކޯލު ދައްކާލަމުންނެވެ. ފައުޒާ ހީލީ ލަދުރަކި ގޮތަކަށެވެ.

"އާނނ ކީކޭ މޭން؟" ސޯފާއިން ތެދުވެ ފަތީން ހިނގައިގަތީ ދޮރާދިމާލަށެވެ. "އޭ ކޮބާ ކޮންތާކު؟ މާލޭގަތަ؟" ދޮރު ހުޅުވާލާފައި ފަތީން ބޭރަށް ނުކުތް ވަގުތު އާނިސް އަހާލިއެވެ.

"އާނ.. މިއަދު މިއައީ! ކިހިނެއްވީ؟ ތިގޮލާވެސް މާލޭގަތަ؟" ފަތީންގޮސް އެ ފުލޯގެ ކަނާތް ފަޅީގައި ހުރި ކުޑަދޮރުތަކުން ކުޑަދޮރެއް ކައިރީގައި ހުއްޓުނެވެ.

"އާނ.. މިއުޅެނީ މާދަން އަހަރުންވެސް ކޯޓަށްދާން. މަ ބުނީމެއްނު ބަޔަކު ވައްކަން ކުރި ވާހަކަ އަހަރެމެންގެ ފިހާރައިން؟" އާނިސް ވާހަކަ ދައްކަމުން ދިޔައިރު ފަތީންގެ ޝައުގުވެރިކަން ދަމައިގަންނަގޮތް ހުއްޓެވެ. "އެއީވެސް އެ ނަޒީހު ކިޔާ ގޮލަ ހިންގާލި ކަމެކޭ. މިހާރު އެކަމުގެ ދަޢުވާވެސް އެބަ ކުރޭ އޭނަގެ މައްޗަށް. ލާހިކެއްނޫން މިފަހަރު އޭނައަށް ސަލާމަތް ވާކަށް." 

"އަސްލުތަ؟ އެކަމް އަދިވެސް ތިއްތިބެ މަރާލިކަން ސާބިތެއް ނުވެއެއްނު؟ ދެން ކިހިނެއް..؟" "ނޫނެކޭ.. ސާބިތު ނުވިއަސް އޭނައަށް ސަލާމަތް ވެވޭނެހެނެއް މަށަކަށް ހިއެއްނުވެ. ކޮންމެ ގޮތެއްވިއަސް އަށާރަ އަހަރުނުވާ ކުއްޖަކަށް އަނިޔާ ކުރުމާ މާރާމާރީ ހިންގުމާ މިހުރިހާކަމަކަށް ފުދޭވަރަށް ހެކި އެބަހުރި. އެހެންވީމަ އެކަންކަމަށް ހުކުން އަންނާނެކަން މަށަށް ޔަގީން!" ފަތީންގެ ވާހަކަ ނުނިމެނީސް އާނިސް ވާހަކަ ދައްކަން ފެށިއެވެ.

އެންމެން ކެއި ތަށިތައް ދޮވެ ނިމިގެން ފާތުމާ ވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން އިބްރާހިމްވެސް ގޮސް ކޮޓަރިއަށް ވަނެވެ. ފައުޒާ އިނީ ޓީވީއިން އަޅުވާފައި ހުރި ހިންދީ ޑުރާމާއެއް ބަލާށެވެ.

'ޓްރިން ޓްރިން' ރިންގުވާންފެށީ ކުރިމަތީހުރި ކުޑަ ވަށް މޭޒުމަތީގައި އޮތް ފޯނެވެ. ފައުޒާ އޭނާގެ ފޯނު ނަގާ ބަލާލިއެވެ. ގުޅަމުންދަނީ ނުދަންނަ ނަމްބަރަކުންނެވެ. "ހަލޯ.." ކުޑަކޮށް ޖެހިލުންވެ އިނދެ ފައުޒާ ފޯނު ނެގިއެވެ.

"ކޮބާ މާލެ އާދެވިއްޖެ ދޯ؟" ފައުޒާ ހައިރާންވީ ފަތީންގެ އަޑުން ވާހަކަ ދައްކާ ޒުވާނާގެ ފޯނެއްކަން އެނގުމުންނެވެ. "ދިމާވެވޭނެތަ؟" ފައުޒާގެ އަނގައިން ބަހެއް ނުބުނެވި އުޅެނިކޮށް އޭނާ ސުވާލު ކޮށްލިއެވެ.

"ކޯއްޗެއް ބޭނުން ވެގެންތަ ކަލޭ ތިއުޅެނީ؟" ފައުޒާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ. "ދެން އެއްބަސްވެބަލަ!" ފައުޒާ ކުރި ސުވާލަށް އޭނާ ޖަވާބެއް ނުދިނެވެ. "އަހަރެން ނޫޅެން." ފައުޒާ ތުން ދަމާލިއެވެ.

"އޭ ދެން ކޮބާތަ ފައޫ؟ އިއްޔައިންސުރެ އަދި ފޯނު ނުނަގާ!" ކުޑަ ދޮރުގެ ތެރެއިން ޖެހެމުންއަންނަ މަޑު ވައިރޯޅީގެ އަރާމުގައި ހުރެ ފަތީން އާނިސްއާ ވާހަކަ ދައްކަމުން ދިޔައެވެ. "އެބައިން ސޯފާގަ. މަގޭ މިއައީ ބޭރަށް ކައޭ ގުޅީމަ! ދެން މަގޭ އޭނައާ ވާހަކަ ދައްކަންވީތަ ތިކަމާ؟" ކުޑަދޮރުގައި އަޅާފައިހުރި ޗެންޗޭނުގައި އަތް އަޅުވާލަމުން ފަތީން އަހާލިއެވެ.

"އަސްލު ބުނަންތަ ވާހަކަ އެއް؟ އަހަރެން އަދިވެސް ވަރަށް ލޯބިވޭ ފައޫ ދެކެ. އެކަމަކު އަހަންނަކަށް ހިއެއްނުވޭ މިހާރު ފައޫ އަހަރެންދެކެ ލޯބިވާހެނެއް. ވަރަށް ދެރަވޭ އޭނަ އަސްލު މިހާރު އެ ކަންތައް ކުރާ ގޮތުން. އޭނައާ ރުޅިވިއަސް އަހަރެން އުޅެންޖެހޭނީ ޑިޕްރެޝަންގަ. އެކަމަކު މިކަހަލަ ދުވަސްކޮޅަކު ރުޅިވާކަށްވެސް ބޭނުމެއް ނޫން." އާނިސް ދެރަވެގެންހުރެ ކިޔާދިނެވެ.

"އޭ އާނ.. ތިމީހަ ރުޅިވާކަށް މަށެއް ބޭނުމެއް ނޫން. ތިއްތިބެ ކިހާ ބޭނުން ތިދެމީހުން މެރީ ކުރަން. މަގޭ އަދި ވާހަކަ ދައްކާނަން އިނގޭ ފައޫއާ." ފަތީން ބުނެލިއެވެ. "ދެން މާދަން ކޯޓުން ދިމާވެލަން ހިނގާބަ!" "އާނ.. މަ އެބަދަން ތިވާހަކަ ދައްކަން އޭނައާ" ފަތީން ފޯނު ކަނޑާލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

"އެންމެ ރަނގަޅު! ފައޫ ވަރަށް ބޭނުންވާ އެއްޗެއް މަ ދީފާނަން ފައ..." ފަތީން ކޮޓަރީގެ ދޮރު ހުޅުވާލިވަގުތު އޭނާ ވާހަކަ ދައްކަދައްކާ ހުއްޓައި ފައުޒާ ފޯނު ކަނޑާލިއެވެ. އޭނާ އެދައްކާ އެއްވެސް ވާހަކައަކަށް ޝައުގުވެރިކަން ނެތީމައެވެ

"ކާކާ ގުޅާގެންތަ ތިއިނީ؟" ފަތީން އައިސް ފައުޒާ ކައިރީގައި ޖައްސާލަމުން އަހާލިއެވެ. "ނޭނގެ ނުދަންނަ ނަންބަރަކުން ގުޅާފަ ބުނަނީ ސޮރީއޯ.. އޮޅިގެނޯ.. ހަމަ ޖެއްސުމަށް.." ސޯފާ މަތީގައި ފޯނު ބާއްވާލަމުން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެ ފައުޒާ ބުނެލިއެވެ

"ކޮއްކޮ ގައިމު މިހާރު އާނިސް ގުޅީމަ ފޯނެއް ނުނަގަޔޯ.. އެއީ ކީއްވެތަ؟" ފަތީން ފައުޒާގެ މޫނަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.

"ޕިސް ޕިސް ޕިސް.. އަނެއްކާ އަނެކަކު އެއީ.. އަބަދު މަށޭ ކިޔައިގެން ކުޓުވަ ކުޓުވައޭ އެހުންނަނީ.. ބޮޑު އުނދަގުލެއް.." ފައުޒާ ވާހަކަ ދެއްކިއިރު އޭނާގެ މޫނަށް އަރަމުންދިޔަ ރުޅިވެރިކަމުގެ ކުލަތައް ފަތީންއަށް ފެންނަމުންދިޔައެވެ.

"އަޅެ.. ކޮއްކޮ މިހާރު އޭނަ ދެކެ ލޮތްބެއް ނުވޭތަ؟ ކީއްވެ ތިހާ ރުޅި ތި އަންނަނީ؟" ފަތީން ކުރި ސުވާލާއެކު ފައުޒާ ފަތީންއަށް ބަލާލިއެވެ. "އަޅެ ތިހިރީ އޭނަގެ ކަންތައް ހުންނަ ގޮތް.. ވަރަށް ފޫހިވޭ. އަހަރެން ވަރަށް ބޭނުން އޭނަދެކެ ލޯބިވާންވެސް. އެކަމަކު އޭނަ މާ ޑްރާމާ ޖައްސާތީ ފޯނު ނަގާ ހިތެއް ނުވެ. އަބަދު ދައްކާނީ އޭނަގެ އަމިއްލަ ވާހަކަ. އަހަރެންގެ ހާލުވެސް އަހާ ނުލާނެ." އެވަގުތު އަނެއްކާވެސް ފައުޒާގެ ފޯނަށް އެ ނަންބަރުން ގުޅަން ފެށިއެވެ. ފައުޒާ އެ ފޯނު ނަގާ ކަނޑާލިއެވެ.

"އެކަމަކު މާދަން ކޯޓަށް ގޮސް ވާނެ އޭނައާ ޓޯކް ކޮށްލަން.. ތި މައްސަލަ ހައްލު ވެދާނެ އޭރުން." އެކަމާ ދެކޮޅު ހަދާކަށް ފައުޒާއަކަށް ނުކެރުނެވެ. އާނިސް ފެންނަ ހިސާބަށް ދާންވެސް ފައުޒާ މިހާރު ބޭނުން ނުވާ ސަބަބެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ފައުޒާއަށް ހިވާގޮތުގައި އާނިސްއާއި ރައްޓެހިވުން އެއީ އޭނާއަށް ވިސްނާނުލާ ކުރެވުނު ކަމެކެވެ

ފަތީން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ފައުޒާ ފޯނުނަގާ ހުޅުވާލީ ވައިބާއެވެ. އެ ނުދަންނަ ނަންބަރު ޖަހާ ސާޗުކޮށްލުމުން އައީ އިނގިރޭސި ނަމެކެވެ. އެއީ ކަޅުކުލައިގެ ތަސްވީރަކާއި އެކުގައި 'ރެއިންސްޓޯމް' ޖަހާފައިއިން ނަންބަރެކެވެ.

އިރު އަރައިގެން އައީ ފަތީން ކުޑަދޮރު ކައިރީގައި ބަލަން ހުއްޓައެވެ. މިއަދު އަށެއް ޖަހާއިރު ކޯޓަށް ހާޒިރުވާން ޖެހޭތީ ފަތީންގެ ހިތް އަވަސްވަމުންދިޔައެވެ. ފަޒީންއަށް ލިބިފައި ހުރި އަނިޔާތަކަށް އިންސާފު ލިބޭނެ ކަމުގެ އުންމީދު އޭނާގެ ހިތުގައި އާވާތީ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެލާފައި ފައިބާއިރު ދެލޮލުން ކަރުނައިގެ ތެތްކަން ވިދަވިދާ ހުރީ ފަޒީންގެ ހަނދާންތަކުން ހިތަށް ވެރިކޮށްދޭ ފަޅުކަން އިހުސާސް ކުރެވެމުން ދާތީއެވެ.

އެންމެން ފެންވަރައިގެން ތައްޔާރުވީއިރުވެސް ފަތީން ހުރީ އެތަނުގައެވެ. "ދޭ ފެންވަރަން.." މަޑުމައިތިރި ރާގަކަށް ކޮޓަރިން ނުކުމެފައި އިބްރާހިމް ސިޑިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

ފެންވަރާލާ ރީތިވެގެން ނުކުތްއިރު ފާތުމާ ސިޓިންގުރޫމުގައި އިނީ އިބްރާހިމް ނައިސްގެން ލަސްވެފައެވެ. "ދަރިފުޅާ ދޭބަލަ ބައްޕަ ކޮބައިތޯ ބަލާލަން. މިތާ ތިރީގަ އިންނަ ރެސްޓޯރެންޓަށް ސައި ބަލާ ގޮއްސަ އަދި ނާދެ." ފަތީން ބަލާލީ އަތުކުރީގައި އޮތް ގަޑިއަށެވެ. އެއިރު ގަޑިން ހަތްގަޑި ފަނަރަ ހިނގަނީއެވެ. ކޮޓަރިން ބޭރަށްދާން ފަތީން ހިނގައިގަތްއިރު ފައުޒާ ތުންފަތުގައި ކުލަހާކަން ސޯފާގައި އިނެވެ.

ސިޑިން ތިރިއަށް ފައިބަންވެގެން ފަތީން ހިނގައިގަތް ވަގުތު އިބްރާހިމް މީހަކާ ވާހަކަ ދައްކާއަޑު އިވުނެވެ. "ދެން މިރޭ ފުރީ ވާނެދޯ އެހެންވީމަ؟" އޭނާ ވާހަކަ ދައްކަމުންދިއައީ ފަތީންމެން އުޅޭ ފްލޯގެ ތިރިއަށް ހުންނަ ފްލޯގެ ސިޑި ކައިރީގައި ހުރެގެންނެވެ. "ލޯބިއަށް އާދެވެންޔާ މެންދުރުން ކޮޓަރިއެއް ބުކް ކުރާނަން.." އިބްރާހިމް ފޯނެއްގައި ހުރެ ދައްކަމުންދިޔަ ވާހަކަ ޝައުގުވެރިކަމާއެކު އަޑުއަހަން ފަތީން މަޑުކޮށްލިއެވެ.

"އެހެންވީމަ ނުވައެއް ޖަހާއިރަށް ދޯ ހަދާނީ؟" "ހްމްމްމް.. ދެމް ފަހުން ހަބަރެއް ވާނަން. މިއުޅެނީ މިހާރު ލަސްވެގެން." އިބްރާހިމް ހިނގައިގަތް އަޑު އިވިފައި ފަތީން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

"ކޮބާތަ ބައްޕަ؟" ފާތުމާ ސުވާލު ކޮށްލިއެވެ. "އެބަ އާދޭ.." ފަތީން ގޮސް އިށީނީ ފާތުމާ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އޭނާ ވަރަށް ފުންކޮށް ވިސްނާލިއެވެ. އޭނާގެ ބައްޕަ މިރޭ ދާން އެއުޅޭ ތަނެއް ބަލަން އޭނާ ބޭނުންވިއެވެ.

"ފަތީންވެސް ގޮސްފަ އެއައީ އިބްރާހިމް ލަސްވެގެން ކޮބައިތޯ ބަލާލަން ދޯ؟" އިބްރާހިމް ގެއަށް ވަތް ވަގުތު ފާތުމާ ބުނެލީ ފަތީންއަށް ބަލާލަމުންނެވެ. ފަތީންގެ މޭ ތެޅިގަތެވެ. އެވަގުތު އިބްރާހިމް ޝައްކުގެ ނަޒަރަކުން ފަތީންއަށް ބަލާލީ އަތުގައި އޮތް ކޮތަޅު ފާތުމާ އަތަށް ދެމުންނެވެ. އިސްދަށަށް ޖަހައިގެން ކާމޭޒު ކައިރީގައި އިނެއްކަމަކު ފަތީންގެ ދެލޯ ހުއްޓިފައި ހުރީ އިބްރާހިމްއަށެވެ. ފަތީންއަށް އޭނާ ދެއްކި ވާހަކަތައް އަޑުއިވުންކަން އޭނާއަށް އެނގިދާނެތީ ފަތީން އިނީ ވަރަށް ބިރުންނެވެ.

ކޯޓަށް އާދެވުނުއިރު ގަޑިން އަށެއް ޖަހަން ބާކީ އޮތީ ފަނަރަ މިނެޓެވެ. ޖަސްޓިސް ބިލްޑިންގްގެ ތަޅުމަށް ވަދެވުނުއިރު އެތަނުގައި ކޯޓުފަޓުލޫނުލީ މީހުން ހަރަކާތްތެރިވަމުންދާތަން ފަތީންއަށް ފެނުނެވެ. ދެފަރާތަށް ނަޒަރު ހިންގާ ބަލާލީ އާނިސް ފެނޭތޯއެވެ. "ކޮއްކޮ.. އެހެރީ އާނިސް." އިބްރާހިމްއާއި ފާތުމާގެ ފަހަތުންގޮސް އެދެކުދިންވެސް ހުއްޓުނީ އިބްރާހިމް ހޯދާފައިހުރި ގާނޫނީ ވަކީލު ފާރިޝް ގާތުގައެވެ.

އާނިސް ފެނުމުން ފަތީން ހިނގައިގަތީ އެދިމާލަށެވެ. ފައުޒާވެސް ފަހަތުން ހިނގައިގަތެވެ. "ދަރިފުޅުމެން އާދޭ ވަންނަން.." ދެތިން ފިޔަވަޅު ކުރިއަށް އެޅިވަގުތު ފާތުމާ ގޮވާލިއެވެ. އެއަޑަށް އެދެކުދިން ފަހަތަށް އެނބުރުނުއިރު ފާރިޝްއާއެކު ފާތުމާއާއި އިބްރާހިމް އެތެރެއަށް ވަންނަނީއެވެ.

"ކަޑައެއްނު.." ފާތުމާމެންގެ ފަހަތުން ހިނގައިގަންނަމުން ފަތީން ފަހަތަށް ބަލާލާފައި ވައިއަޑުން އާނިސްއަށް ބުނެލިއެވެ. އެވަގުތު އާނިސް ބޯ ކަހާލި މަންޒަރު ފަތީންއަށް ފެނުނެވެ.

މަޖިލީސް ކުރިއަށްދާ ތަޅުމުގެ އެތެރެއަށް ވަދެގެން އަންނައިރު އެންމެ ފުރަތަމަ ހުރީ އާންމުން އިށީންނަން ދެފަރާތުގައި އަތުރާފައި ހުރި ގޮނޑިތަކެވެ. އެ ގޮނޑިތަކަށް އިށާރާތް ކުރަމުން ފާރިޝްގެ ފަހަތުން އިބްރާހިމް ހިނގައިގަތީ އެ ތިންމައިންނަށް އިށީންނަން އަންގަމުންނެވެ.

އިބްރާހިމް ގޮސް އިށީނީ ފާރިޝްގެ ގާތުގައި ތަޅުމުގެ ކަނާތް ފަރާތުގައި ބަހައްޓާފައި ހުރި މޭޒު ދޮށުގައެވެ. އެއިރު އެތަނުގައި ފުދޭވަރަކަށް ނޫސްވެރިންވެސް ޖަމާވެފައި ތިއްބެވެ. ހިތް އަވަސް ވެފައި އިން ފަތީންގެ ދެލޯ ހޯދާލީ ނަޒީހުއެވެ.

ޝަރީއަތުގެ އަޑުއިވުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެއްޖެއެވެ. ޤާޟީ ވަދެގެންއައި ވަގުތު ފާތުމާ ރޯން ފެށިއެވެ. އޭނާ ހުއްޓުވޭތޯ ފަތީންއާއި ފައުޒާ މަސައްކަތް ކުރިއެވެ

ފާތުމާ ގޮވައިގެން އެތަނުން ބޭރަށް ނުކުންނަން ފަތީން ހިނގައިގަތް ވަގުތު ފައުޒާވެސް އެމީހުންގެ ފަހަތުން އައެވެ

"މަންމާ ހުއްޓާލަބަލަ.." ޖަސްޓިސް ބިލްޑީންގްގެ ދޮރުމަތީގައި ހުރެފައި ފަތީން ބުނެލީ ބޭރު މަގުން ދާ ސައިކަލުތަކުން ދަތުރުކުރާ މީހުންގެ ނަޒަރުވެސް އެދިމާލަށް ހުންނަތަން ފެންނަން ފެށުމުންނެވެ.

"މަންމަގެ ހިތަކަށް ކެތެއް ނުކުރެވޭނެއޭ އެ އަޑުތައް އަހާކަށް. މަންމަ ހާދަ ލޯބިވެއޭ ދަރިފުޅުމެން ދެކެ." ފާތުމާ ރޮމުންހުރެ ވާހަކަ ދެއްކީ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުންނެވެ. އެ އަޑު އަހާކަށް ފައުޒާ އަކަށް ކެތެއް ނުކުރެވުނެވެ. އޭނާވެސް ރޯންފެށިއެވެ. ޚުދު ފަތީންގެ ދެލޮލުންވެސް ކަރުނައިގެ ތެތްކަން ވިދަވިދާ ހުއްޓެވެ.

ބައިގަޑީރު ފާއިތުވެގެން ހިނގައްޖެއެވެ. އަދިވެސް އެ ތިންމައިން ތިބީ އެތަނުގައެވެ. "ހާދަ ލަސްވެއްޖެއޭދޯ ބައްޕަ؟ ހިނގާ ވަންނަން އަނެއްކާ." ފަތީންގެ މޫނަށް ބަލާލަމުން ފައުޒާ ބުނެލިއެވެ. އެއިރު ފާތުމާވެސް ހުރީ ކޮންމެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.

"ނޫން. މިހާރު ވަދިއްޖެޔާ ކަމަކު ނުދާނެ ކަންނޭނގެ. އެހެންނޫނަސް މިހާރު އުޅޭނީ ނިމެން ކަންނޭގެ." މައިދޮރުން އެތެރެއަށް ބަލާލަމުން ފަތީން ބުނެލިއެވެ. އެވަގުތު އިބްރާހިމް އަންނަތަން ފެނުނެވެ.

މައިދޮރާ ދިހަވަރަކަށް ފޫޓު ދުރުގައި ހުރި މާގަސްތަކެއް ކައިރީގައި ހުއްޓިލައިގެން ހުރި ފާތުމާ އިބްރާހިމް ފެނުމާއެކު ދުވެފައި ގޮސް އޭނާ ގެކުރިމަތީގައި ހުއްޓުނެވެ. "ކިހިނެއްވީ؟ ސާބިތުވިތަ؟ އޭނަ ޖަލަށް ލާތަ؟ ކިހިނެއް ނިމުނީ؟" އެއް ނޭވައިން ހިތުގައި ހުރި ހުރިހާ ސުވާލެއް ފާތުމާ ބޭރުކޮށްލިއެވެ.

"ނޫން. ފަޒީން މަރާލިކަމަށް ސާބިތެއް ނުކުރެވުނު. ހެއްކެއްނެތް." ފާތުމާގެ ފަހަތުން އައިސް އެހިސާބަށް އަރާ ހަމަކުރި ފަތީން އާއި ފައުޒާއަށް ބަލާލަމުން އިބްރާހިމް ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީ. އޭނަވެސް ދޫކޮށްލާނީތަ؟" ފާތުމާ ދެލޯ ބޮޑުކޮށްލާފައި އިބްރާހިމްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ފަތީންއާއި ފައުޒާވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލީ މޮޅިވެރިކަމާ އެކުގައެވެ.

"ނޫން އޭނަ ދުލެއް ނުކޮށްލާނެ. މާރާމާރީއާ ވައްކަމުގެ ދައުވާވެސް ކުރެވުނު. އެހެންވެ 3 އަހަރަށް ޖަލަށް ލާނެ." ފާތުމާގެ ދެކޮނޑުގައި އަތް ބާއްވާލަމުން އިބްރާހިމް ބުނެލި ޖުމުލައިން އޭނާގެ ހިތުގައި ފާތުމާގެ މައްޗަށް އޮންނަ ހަމްދަރުދީއާއި ލޯބި ކައިރީގައި ތިބި އެދެމީހުންގެ ދެދަރިންނަށް އޭނާގެ ލޮލުން ފެނިގެންދިޔައެވެ

"މަންމާ ދެން ދެރަނުވޭ. ތިއްތިގެ މަރަށް އިންސާފު ނުލިބުނަސް އެންމެ ކުޑަމިނުން ތިއްތިއަށް ކުރި އަނިޔާއަށް އިންސާފު އެލިބުނީ. އިރާދަކުރެއްވިއްޔާ އަދި ކުރިއަށްއޮތްތަނުގައި ގާތިލްވެސް ފެންނާނެ." ފާތުމާއަށް ހިތްވަރުދޭން ފަތީން ބުނެލީ ހިތަށް ލިބުނު ކުޑަ ފިނިކަމުގެ އެހީގައެވެ. ފައުޒާވެސް ދެލޯ ފޮހެލީ ހިނިތުން ވެލަމުންނެވެ.

ގެއަށް އާދެވުމާއެކު ފަތީން ވަނީ ފާޚާނާއަށެވެ. އިބްރާހިމް އާއި ފާތުމާވެސް ކޮޓަރިއަށްވަދެ އެނދުމަތީގައި ޖައްސާލިއެވެ. ފައުޒާ ޖައްސާލީ ބޭރު ސޯފާގައެވެ. 'ޓްރިން ޓްރިން' 'ޓްރިން ޓްރިން' ޓީވީ ހުޅުވާލަން ރިމޯޓު ނެގި ވަގުތު ފައުޒާގެ ފޯނު ރިންގްވާން ފެށިއެވެ. އެއީ ފައުޒާ އިއްޔެ ފޯނަށް ސޭވްކުރި ރެއިންސްޓޯމްގެ ނަމްބަރެވެ

"ހަލޯ.." ޖެހިލުންވެ އިނދެ ފައުޒާ ފޯނަށް ޖަވާބު ދިނެވެ. "ކޮބާ ހިނގާ ދިމާވެލަންދޯ؟" ހިތްހެޔޮ ރާގަކަށް ވާހަކަދެއްކި އޭނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ކުއްލިއަކަށް ފައުޒާގެ ހިތަށް އައީ ފަޒީންގެ ހަނދާނެވެ. ފައުޒާ ރަނގަޅަށް ވިސްނާލުމުން ފަތީންގެ އަޑަށްވުރެ ބޮޑަށް އެ އަޑު ފަޒީންގެ އަޑާ ވައްތަރުކަން ފައުޒާއަށް އެނގުނެވެ. އޭނާގެ ވާހަކަ ދެއްކުމުގައި އެ ގެންގުޅޭ ރާގަކީވެސް ފަޒީންގެ ވާހަކަ ދެއްކުމުގެ ރާގާ އެއްވެސް ތަފާތެއްނެތް ރާގެކެވެ. ފައުޒާ ދެލޯ ބޮޑުކޮށްލީ އެހެން ވެގެންނެވެ.

"ކީއްކުރަންތަ މަގޭ ގެންދަން ތިއުޅެނީ؟ މަ ނެތް އިންޓަރެސްޓެއް ކަލޭ ތި ޖައްސާ ގޭމް ކުޅޭކަށް. ކޮންމެސް އެހެންކުއްޖަކު ބޮއްވަބަލަ." ފައުޒާގެ އަޑުގައި ރުޅިވެރިކަން ހުރިނަމަވެސް އެ އަޑުގެ ވެރިއަކީ ކާކުތޯ ބަލާލަން ފައުޒާގެ ހިތް އެދެމުންދިޔައެވެ.

"ފައޫ ރުޅި ނާދެބަލަ. ފައޫ އައިސްފިއްޔާމު ފައޫ ވަރަށް ބޭނުންވާ އެއްޗެއް ދީފާނަން.." ފަޒީންގެ ސަކަ މިޒާޖާ އޭނާގެ ބަސްމަގާ އެއްވެސް ތަފާތެއް ނެތެވެ. ފައުޒާގެ ހިތް އަވަސްވާން ފެށިއެވެ.

"ކިހާދެރަވެއްޖެ ކަމެއްތަ؟ ކަލޭއަށް ތިކުޅެވެނީ ކާކާކަން ނޭނގިގެން ތިއުޅެނީ އިނގޭ. މަގޭ އަތުގަ ނެތްއެއްޗެއް ކަލެއަކަށް ނުދެވޭނެ. މަ ބޭނުންވާ ވަރަކަށް މަގޭ ބައްޕަ މަށަށް ފައިސާ ދޭނެ. މަ މިއުޅެނީ މަ ބޭނުން ހުރިހާ ކަމެއް ކޮށްގެން." ހުއްޓުމެއްނެތި އަވަސްވަމުންދިޔަ ހިތުގެ ވިންދުގެ އަޑު ފައުޒާ ބޭރެއް ނުކުރިއެވެ. ރުޅިއައިސްގެން އިނދެ އޭނާ ވާހަކަދެއްކީ ހިތާ ދެކޮޅަށެވެ. ގޮތް ދޫކުރުމަކީ އޭނާގެ ޟަމީރު ޖާގަދޭ ކަމެއް ނޫނެވެ.

"މައްސަލައެއްނެތް. ތި ފައިސާއިންވެސް ނުގަނެވޭނެ އަދި ނުވެސް ހޯދޭނެ އެއްޗެއް އަހަރެން ދީފިއްޔާ ފައޫ އަންނާނަންތަ؟" ފައުޒާގެ ހިތަށް އުނދަގޫ ކުރުވަމުން ދިޔައީ ފަޒީން އޭނާއަށް ގޮވާ ނަމުން އެ ފިރިހެނާ ވާހަކަ ދައްކަމުން ދިޔައީމައެވެ.

"އެންމެ ރަނގަޅު. ސީދާ ޕޮއިންޓަށް އާދެބަލަ. ސީދާކޮށް ބުނެބަލަ ލަސްނުކޮށް ތި ބުނަން އުޅޭ އެއްޗެއް." ފައުޒާ ރުޅި މަޑުކޮށްލާފައި ސުވާލުކޮށްލިއެވެ.

"މާތް ގަންދީ ހުވާކޮށްފަ މިބުނަނީ އެއްވެސް ދޮގަކާ ނުލާ ފައޫ މިރޭ އަހަރެން ބުނާ ތާކަށް ގޮސްފިއްޔާމު އަހަރެން ދައްކާނަން ފައޫގެ ބޭބެ ފަޒީން މަރާލި މީހާ. ހަމަ ހުވާ.." އޭނާގެ އަޑުގައި ސީރިއަސްކަން ހުރިކަން ފައުޒާއަށް ފާހަގަ ކުރެވުނެވެ. އަނެއްކާވެސް ފައުޒާގެ ހިތް އަވަސްވާން ފެށިއެވެ.

"އޯކޭ.. އަހަރެން ގޮސްފާނަން. އެކަމް ކަލޭ ބަދަލުގަ ބޭނުންވަނީ ކޯއްޗެއް؟" ފައުޒާވެސް ސީރިއަސްވިއެވެ

"އެއެއްވެސް އިނގޭނެ މިރޭ. އަހަރެން ނުބުންޔަސް ފައޫގެ ލޮލަށް އެމީހާ ފެނުމުން އަހަރެން ބޭނުންވެގެން މިއުޅޭ ކަންތައް ވާނެ އޮޓޯއިން." އޭނާ ފޯނު ކަނޑާލީ ފައުޒާ އެއްޗެއް ބުނުމުގެ ފުރުސަތުވެސް ނުދީއެވެ.

ފަތީން ކޮޓަރިން ނުކުތްއިރު ފައުޒާ އިނީ ސޯފާގައި އެކަމާ ވިސްނާށެވެ. "ކުޑަބެ އާދެބަލަ މިތަނަށް." ފައުޒާ ބޭނުންވީ އެތަނަށް ފަތީން ގޮވައިގެންދާށެވެ. އެކަނިދާން ޖެހިލުން ވާތީއެވެ.

"ވަރަށް ބޮޑު ކަމެއް ޖެހިއްޖެ.." ފަތީން އިށީނީ ފައުޒާގެ ކައިރީގައެވެ. "ކިހިނެއްވީ؟" ފައުޒާއަށް ކުރިމަތިލައިގެން އެއްފައި ސޯފާ މަތީގައި ވައްކޮށްލައިގެން އިނދެ ފަތީން އަހާލިއެވެ.

"އަހަންނަށް އެބަ ގުޅާ ފާޑެއްގެ ނަންބަރަކުން. ބުނަނީ މިރޭ އޭނާ ބުނާތާކަށް ދާށޯ.. ކުޑަބެ ހިނގާބަ މިރޭ އަހަރެންގެ ފަހަތުން އަހަންނަށް ފާރަލާން." ފައުޒާ އެހެން ބުނި ވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ.

"ކޮންތާކަށްތަ ދާން ޖެހެނީ؟ އެއީ އަނެއްކާ ބޮޑު ފިރިހެނެއްތަ؟ ރަނގަޅަށް ބުނެބަލަ.." ފަތީން ޔަގީންކުރަން ބޭނުންވީ އެއީ ފަތީންއަށް ފުރައްސާރަކުރާ ނުލަފާ މީހާތޯއެވެ.

"ނޫން ހީވަނީ އަހަރެމެން ވަރުގެ ކުއްޖެއްހެން. އަދި އިނގޭތަ؟ އޭނަގެ އަޑު ހާދަ ވައްތަރޭ ތިއްތިބެ އަޑާ.. ހަމަ ހީވަނީ ތިއްތިބެހެން ވާހަކަ ދައްކާއިރު. މިއޮއް މެސެޖު ކުރީ އޭނަ." ފޯނަށް ބަލާލަމުން ފައުޒާ ބުންޔެވެ.

"ކީކޯ؟" ފަތީން ސުވާލު ކޮށްލީ ހާސްވެފައި އިނދެއެވެ. ފައުޒާއަށް އެ މެސެޖު ކުރީ ފަތީންއަށް އުނދަގޫކުރާ މީހާ ނޫންކަމުގައި ވާނަމަ އެއީ ކާކުބާއޭ އޭނާ ހިތާހިތުން ސުވާލު ކުރަމުންދިޔައެވެ.

"މިއޮތީ އެޑްރެހެއް. މަގަކާ އެކީގަ. ނުވަގަޑި ފަނަރައަށް އެތާ ހުންނާށޯ.." ފަތީން އަތަށް ފޯނު ދިއްކޮށްލަމުން ފައުޒާ ބުނެލިއެވެ.

"އާނނ.. ކުޑަބެއަށް އިނގޭ މިތަން. އެކަމް ކީއްވެގެންތަ ކޮއްކޮ އެތަނަން ދާން ތިއުޅެނީ؟ ނުދިޔަސް އޭނައަށް ކީއް ކުރެވޭނީ؟" ފަތީން އެ މެސެޖަށް ބަލާލުމަށްފަހު ސުވާލު ކޮށްލިއެވެ.

"ދެން ކުޑަބޭ.. މަޑުކޮށްބަލަ. މިރޭ އެތަނަށް ގޮސްފަ އައިސް ބުނާނަން." ޙަޤީޤަތުގައި އޭނާ ބުނި ވާހަކަ ފަތީން ޤަބޫލު ކުރާނެކަމާމެދު ފައުޒާ އިނީ ޝައްކެއްގައެވެ. އެހެންކަމުން އެކަން ފަތީންއަށް ސިއްރުކުރަން ފައުޒާއަށް މަޖުބޫރުވިއެވެ.

ފައުޒާ އެތަނުން ތެދުވެގެން ދިޔަވަގުތު ފަތީން ވިސްނާލިއެވެ. އެއް ފަހަރާ ދެކަންތައް ލައިގަތުމުން ކަންތައް ކުރަންވީގޮތް ފަތީންގެ ސިކުނޑިއަށް ގެންނަން އުނދަގޫވިއެވެ.

އާނިސް އޮތީ ފަހުގެ އިނގިރޭސި ލަވައެއް ޖަހައިގެން އެނދުމަތީގައި ޚިޔާލީ ދުނިޔެއެއްގައެވެ. މަންމަ ޝިރާނީ އޭނާގެ ކައިރީގައި އޮވެފައި ފޯނެއް އައިތަނާ ބެލްކަންޔަށް ނުކުތްތާ ކުޑައިރުކޮޅެއް ވެއްޖެއެވެ. ބައްޕަ އުޒައިރު ލެޕްޓޮޕް އުނގުމައްޗަށް ލައިގެން ކޮޓަރީގެ ކަނާތްފަޅީގައި ބެހެއްޓިފައި ހުރި ސޯފާއެއްގައި އިނެވެ. ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށުމުން އޭނާ ބަލައިލިއިރު އެއީ ފަތީންއެވެ.

"ހަލޯ." އާނިސް ފޯނު ނަގާ ޖަވާބު ދިނެވެ. "އޭ ކައޭ އެކަނިތަ ތިއޮތީ؟" ފަތީން އަހާލިއެވެ. "ނޫނޭ ކިހިނެއްވީ؟" އާނިސްވެސް ކޮށްލީ ސުވާލެކެވެ. "އޭ މީހަކު ކައިރީ ހުރިއްޔާ ދުރަށް ދޭބަލަ. ވަރަށް ބޮޑު ވާހަކައެއް އެބަ އޮތޭ.."

"އާނ ކިހިނެއްވިއްޔޭ؟" އެނދުމަތިން ތެދުވެގެންގޮސް އާނިސް ނުކުތީ ކޮޓަރިން ބޭރަށެވެ.

"މަބުނީ މަ ވަރަށް ޓްރަސްޓް ކޮށްފަ އިނގޭ މިކަމު މިބުނަނީ. މިރޭ ވަރަށް ބޮޑު ކަމެއް މަށަށް ކޮށްދީބަލަ.." ފަތީން ބުނެލީ ބޯ ކަހާލަމުންނެވެ.

"އާނ.. ބުނެބެ. ކިހިނެއްތަ ހަދަންވީ؟" އާނިސް ހައިރާންވެފައި އަހާލިއެވެ.

"މިރޭ ނުވައެއް ޖަހާއިރު ކައޭ ހަދަންވީ ގޮތަކީ މަގޭ ބައްޕައަށް ފާރަލާންވީ. މަށަކަށްނެތް ދެވޭކަށް. އެކަމް މިރޭ އެގަޑީގަ މަގޭ ބައްޕަ ދާތަނެއް ބަލަން މަ ވަރަށަ ބޭނުން. އެހެންވީމަ ތިމީހަ ކޮށްދޭންވި ކަމަކީ ބައްޕައަށް ނޭނގޭގޮތަށް ބައްޕަ ދާތާކަށް އޭނަ ފަހަތުން ގޮސް ވަންނަ ތާކަށް ވަންނަނީ ކާކާ އެކީގަތޯ ބަލާލަ ދޭންވީ.." ފަތީން އޭނާގެ އެދުން ހުށަހެޅިއެވެ.

"އޭ ރޭގަނޑު ވީމަދޯ.. ދެން މައްސަލައެއް ނެތް. މަގޭ ނުކުންނާނަން މަންމަމެން ކައިރީގައި މޮޅު ދޮގެއް ހަދާފައި." އާނިސް ބުނީ ނޫނެކޭ ބުނަން ނުކެރިގެންނެވެ.

"އޭ ތޭންކްސް މޭން. ހަނދާންކޮށް ނުވައެއް ޖެހުމުގެ ކުރިން މިތާ ހުންނައްޗެ. މަމި ފޮނުވާލަނީ އެޑްރެސް." ފަތީން ފޯނު ކަނޑާލަމުން ބުނެލިއެވެ.

= އަށާރަވަނަ އެޕިސޯޑު ނިމުނީ = 

ކޮމެންޓް
އިތުރު އާޓިކަލް
05 May 2024
ޚަބަރު
އެމެރިކާ ސިފައިންނާއި އެކު ދިވެހި ސިފައިން ތަމްރީންތަކެއް ފަށައިފި
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މި އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް ބައިވެރިވެވަޑައިގެންނެވިއެވެ.
05 May 2024
ޚަބަރު
ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި 5 ދުވަހުގެ ދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، އެ ދަތުރުފުޅާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ.
05 May 2024
ބެޔާން ލެވަކޫސެން
ބޮޑު ތަފާތަކުން ފްރެންކްފާޓް ބަލިކޮށް، ލެވަކޫސެން ބަލިނުވެ 48 މެޗު ހަމަކޮށްފި
ޖަރުމަން ބުންޑެސް ލީގާގެ ޗެމްޕިއަން، ބެޔާ ލެވަކޫސެން އިން އެއިންޓްރެޗް ފްރެންކްފާޓު 5-1 އިން ބަލިކޮށް، އެ ޓީމުން އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އައުކޮށްފިއެވެ. ފްރެންކްފާޓުގައި ކުޅުނު މި މެޗުގެ ނަތީޖާއާއެކު، ލެވަކޫސެން މިހާރު މިވަނީ ބަލިނުވެ 48 މެޗު ހަމަކޮށްފައެވެ.
05 May 2024
ޚަބަރު
އަތޮޅުތަކުން 790 ދަރިވަރަކު މާލޭގެ ސްކޫލްތަކަށް ބަދަލުކުރުމަށް ހުށައަޅާފައިވާ ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ
އެމިނިސްޓްރީން ވިދާޅުވީ، މާލޭގެ ސަރަހައްދުތަކުގެ ސްކޫލުތަކުގެ ގްރޭޑް 1އަށް ވެއްދުމަށް، 2290 ފޯމް ހުށައަޅާފައި ވާކަމަށާއި، އަދި ގްރޭޑް 1 ފިޔަވައި އެހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށައަޅާފައި ވާކަމަށެވެ. މީގ އިތުުރުން މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށްވެސް 660 ފޯމު ހުށައަޅާފައި ވާކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.