Advertisement

ކުރުވާަހަކަ: ނަސީބު

03 Apr 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ކުރުވާހަކަ: ނަސީބު

ސެޝަން ނިމޭ ރަނގަބީލު ޖެހުމާއި އެކު އެންމެ ހިނދުކޮޅަކަށްވެސް މަޑުކޮށް ނުލައި ދަބަސް ހިފައިގެން ރާމީ ދުއްވައިގަތީ ގެއަށްދާށެވެ. އޭނާ މިއަދު ސްކޫލަށް އައީވެސް މަންމަ ކުރި އާދޭހަށެވެ. އެހެން ނޫނަމަ މަންމަ އެހާ ބަލިވެ އުޅެނިކޮށް ސްކޫލަށް އަންނާކަށް އޭނާއަކަށް ނުކެރުނީއެވެ. މިދުނިޔޭގައި މަންމަ ފިޔަވައި ރާމީގެ އެކަކުވެސް ނެތެވެ. މަންމަގެ އާއިލާގެ މީހުންވެސް ދެކެނީ ރާމީއާއި ރާމީގެ މަންމައަކީ އެމީހުންގެ އަބުރުވެރި ދިރިއުޅުން ކިލަނބުކޮއްލި ބައެއްގެ ގޮތުގައެވެ. އެހެން ކަމުން ރާމީ އާއި ރާމީގެ މަންމަ ޝާއިރާ ދިރިއުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. މަންމަ އަކީ ކިޔަވައިގެން ހުރިމީހަކަށްވިޔަސް ޤާނޫނުތަކުގައި ހުރި ފޫނުބެދުންތަކުގެ ތެރޭގައި ރާމީގެ މަންމަގެ ދިރިއުޅުން ހަލާކުވީއެވެ. އެހެން ކަމުން އެދެމައިން ދިރިއުޅުނީ ގޯތިތެރޭގައި ހުރި އަނބުގަހާއި ބަނބުކެޔޮގަހާއި ސައްކެޔޮގަހުން ލިބޭ އާމުދަނީގެ އިތުރުން މަންމަ ކުރާ ފޭލި ވިޔުމުގެ މަސައްކަތުން ލިބޭ އެއްޗަކުންނެވެ.

ރާމީ އަކީ އެންމެ ނުވަ އަހަރުގެ ކުއްޖެއް ނަމަވެސް އޭނާ ވަނީ ދުނިޔެއަށް ލޯހުޅުވިފައެވެ. ކަންކަންވަނީ ދަސްކޮށްފައެވެ. މީހުން ދައްކާވާހަކައިން މޭރުންވާ މަޤުޞަދުތައް އޭނާއަށް ދެނެ ގަންނަ އެނގެއެވެ. ރާމީ ދުވެފައި ކަހަލަ ގޮތަކަށް އައިސް ގޯތިތެރެއަށް ވަނެއެވެ. ރާމީއަށް ހުއްޓެވުނީ ގޭގެ ދޮރުމަތީގައި ބޭރަށް ފުރަގަސްދީގެން ހުރި ފިރިހެނަކު އަންހެނަކު ފެނިފައެވެ. ރާމީ މަޑުމަޑުން ހިނގައި ގަތެވެ. އެއީ ކީއްކުރާ ބައެއްތޯ އޮޅުން ފިލުވާހިތްވެގެންނެވެ.

އެމީހުންގެ ވާހަކަ އަޑު އިވިފައި ރާމީގެ ކަންފަތް ދިޔައީ ކޮޅަށް ޖެހިގެންނެވެ. އެތެރޭގައި ހުރި ރާމީގެ މަންމަ ޝާއިރާއާއި ދިމާއަށް އެއަންހެން މީހާ ބުނާ އަޑު އިވުނެވެ. " ރާމީ އަކީ އަހަރެންގެ ދަރިއެއް، އަހަރެން މިއައީ އޭނާ ބަލާ. ރުހުމުގައި ނުދިނިއްޔާ ކަލޭ އެކުއްޖާ ވަގަށް ނެގީކަމުގައި އަހަރެން ޝަރީއަތުގައި ބުނާނަން."

ރާމީއަށް އެމީހުންނާއި ވާހަކަދައްކަން ހުރި މަންމަ ފެނުނެވެ. މަންމައަށްވެސް ރާމީފެނުމުން ރާމީއަށް ފަހަތަށް ޖެހެވުނެވެ. ބިރުން އަޅައިތިކޮށް ދުއްވައިގަތް ވަގުތު ބަނބުކެޔޮގަހުގެ މޫގަނޑެއްގައި އަޅައިގެންފައި ވެއްޓުނެވެ. އެކަމަކުވެސް ގަތް ބިރެއްގެ ބޮޑުކަމުން ތެދުވެގެން ރާމީ ދުއްވައިގެންފިއެވެ. ބަރު ފޮތްދަބަސް ކޮނޑުގައި އަޅުވައިގެން ރާމީ ދުއްވައިގަތީ ވަކިދިމާއަކަށް ނޫނެވެ. ގެއާއި ދުރަށެވެ. އޭނާ ބަލައި އައިސްތިބި މީހުންނަށް ފިލާށެވެ.

ދުވަމުންގޮސް ރާމީއަށް ނުކުމެވުނީ ގޮނޑު ދޮށަށެވެ. އޭނާ އެތާނގައި ހުރި ބޮޑު ކާނިގަސްދަށުގައި އިށީނެވެ. ބިރުވެރި ހުވަފެނެއްގެ މަންޒަރެއްހެން އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވަނީ އޭނާބަލައި އައިސްތިބިމީހުންގެ ސޫރައެވެ. ކަންފަތަށް އިވެމުންދަނީ އެއަޑެވެ. ރާމީ އަކަށް ނުވިސްނުނެވެ. އޭނާގެ މަންމަ އަކަށް އެހެން މީހަކު ވާނެ ގޮތަކާއި މެދުގައެވެ.

ރާމީއަށް އެނގެއެވެ. މަންމަގެ ރާމީ ފިޔަވައި އެހެން އެއްވެސް ކުއްޖަކު ނެތެވެ. މަންމައަށް ރާމީ ލިބުނީ މާލޭގައި ކިޔަވަން އުޅުނިކޮށެވެ. އާއިލާގެ ސިއްޚީ އެހީތެރިކަން ކިޔަވައި ނިމި ސަނަދު ލިބުނުތަނާ ރާމީ ލިބުމުން ވަޒީފާ ލިބުމުގެ ފުރުޞަތު މަންމައަށް ގެއްލުނީއެވެ. މަންމަގެ ގައިގައި ހައްދުޖަހައި ގޭބަންދު ކުރިކަމާއި ރާމީއަކީ ނަހަލާލު ދަރިއެއްކަން އޭނާއަށް އެނގެއެވެ. އެކުގައި އުޅޭކުދިން އޭނާއާއި އެހެން ކިޔާފައި ދިމާވެސް ކުރެއެވެ. މައިންބަފައިން ކުރިކުށުގެ އަމާޒުފަތްގަނޑަކަށް އޭނާވެފައިވިއެއް ކަމަކު އެކަމާއި މެދު ރާމީ މަންމަދެކެ ރުޅިއެއް ނާދެއެވެ. އޭނާވަނީ މަންމަދެކެ އިންތިހާއަށް ލޯތްބެވެ.

ޒިނޭގެ އަމަލުތައް ފޮރުވުމަށް ނަހަލާލަށް ވިހާކުދިން މަރާލުމުގެ ހާދިސާއެއް ފެންމަތިވެ އެފަދަ ޚަބަރެއް ލިބޭ ކޮންމެ ދުވަހަކު ރާމީ ރޮއެވެ. އޭނާގެ މަންމަގެ އޯގާތެރި ކަމާއި ރަނގަޅުކަން އިހްސާސް ކޮށްފައެވެ.  ރާމީއަށް އެފަދަ ގޮތެއް ނުހެދީތީއެވެ. ދުނިޔޭގެ އަބުރާއި ޤަދަރާއި އިންނާނެ މީހަކާއި ވަޒިފާއާއި އާއިލާއަށްވުރެ މަންމައަށް ރާމީ މުހިއްމު ވިޔަތީއެވެ. މަންމަ އެހުރިހާއެއްޗެއް ޤުރުބާން ކުރީ ރާމީއަށް ޓަކައެވެ. ވީއިރު ނުވެސް ދަންނަ ބަޔަކު ރާމީ ބަލައި އެއައީ ކީއްވެހެއްޔެވެ؟ ރާމީ އަކަށް އެކައްޗެއްވެސް ނުވިސްނެއެވެ.

ރާމީ ހަނދާންކުރަންފެށިއެވެ. ކޮންމެވެސް ކަމަކާއި މަންމަ ހިތާމަކުރާކަމެވެ. މަންމައަށް ނުކެވޭ ކަމެވެ. އަބަދު ފުންވިސްނުމެއްގެ ތެރޭގައި އިންނަކަމެވެ. އެކަމާއި ހެދި މަންމަ ބަލިވާކަމެވެ. މިފަހަކަށް އައިސް މަންމައާއި ވަކިން އެކަނިވެސް ދިރިއުޅެންޖެހޭ ދުވަސް އަންނާނެއޭ ބުނެ މަންމަ ރާމީއަށް ނަޞޭހަތްދޭކަމެވެ. ހަނދާން ހުންނަންފެށީއްސުރެ މިއަދާއި ހަމައަށް ވީ ކޮންމެ ކަމެއް ހަނދާން ކުރެވޭތޯ ރާމީ ބެލިއެވެ. އެކަމަކުވެސް ވެގެން މިއުޅޭގޮތެއް ރާމިއަކަށް ނުވިސްނުނެވެ.

ރާމީއަށް ރޮވެންފެށިއެވެ. މޫނުގައި އަތްއަޅައި ފޮރުވިއެވެ. އެވަގުތު ފުރަގަހުން މަންމަ ގޮވާލި އަޑުއިވިފައި ރާމީއަވަހަށް ދެލޯފުހެލާފައި ބަލާލިއެވެ. ވަރުދެރަ ބަލި ހިނގުމުގައި މަންމަ އައިސް ރާމީގާތަށް ހުއްޓުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރާމީގެ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުމުން ރާމީ ގުޑައި ނުލާހުއްޓެވެ.

"ދަރިފުޅާ! ގެއަށް ހިނގާ". މަންމަގެ ޖުމުލަ އަޑުއަހާފައި ރާމީ ބަލާލީ މަންމަގެ މޫނަށެވެ. އެމޫނުގައި އެތައް ހިތާމައަކާއި ޝަކުވާއެއް ފޮރުވިފައި ވާތީ ރާމީއަށް ފެނުނެވެ. އެއީ ކޮންބައެއްކަން ނުބުނަނީސް ގެއަށް ނުދާން ރާމީ އިންކާރު ކުރިއެވެ. އެމީހުންނާއި އެކު ނުދާނެކަމުގައި ބުންޏެވެ.

އެންމެފަހުން އެހެން ގޮތެއް ނެތިގެން ޝާއިރާއަށްޖެހުނީ ރާމީއަށް އެވާހަކަތައް ކިޔައިދޭށެވެ.  ރާމީއަކީ ޝާއިރާގެ ދަރިއެއް ނޫންކަމެވެ. ފެމެލީ ހެލްތުވޯކަރު ކޯހުގެ ސަނަދުލިބި އެޖަލްސާ ނިންމާފައި ގެއަށް އައިރޭ ވިހޭ ގޮތަށް އެއްލާލާފައި އޮއްވައި ހޮވިކުއްޖެއްކަމެވެ. ރާމީ އޮތީ ޝާއިރާ އުޅޭގެ ކައިރީގައި ސަރުކާރުން ކުނިއަޅަން ބަހައްޓާފައި ހުރި ބޮޑު ޑަސްބިނެއްގެ ތެރެއަށް ކޮތަޅަކަށްލާފައި އެއްލާލާފައިކަމެވެ. މަގުމަތިން ދަނިކޮށް ތުއްތުކުއްޖެއްގެ ރުއިމުގެ އަޑަށް ކުނިތައް ހާވައި ހޯދައިގެން ޝާއިރާ ރާމީ ނެގީކަމެވެ.

ރާމީ ނަގައިގެން ގޮސް ފޫޅުދަނޑި ކަނޑައި ފެންއަޅައި ހެދީ ޝާއިރާގެ އަތުންނެވެ. ފާޚާނާތެރެއިން ރާމީގޮވައިގެން ނުކުތްތައް ފެނުމާއި ފާޚާނާގެ ތެރޭގައި މަސްވެސް އޮތްތަން ފެނުމުން ޝާއިރާގެ ބޮލުގައި އޭނާ އުޅުނު ގޭގެ މީހުން އެޅުވީ ނަހަލާލަށް ދަރިއަކު ވިހޭކަމުގެ ތުހުމަތެވެ. އެކަމަކު އެއީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތެއްކަމުގައި ބުނެދޭން ޝާއިރާ ބޭނުން ނުވީއެވެ. ރާމީއަށްޓަކައި އޭނާގެ ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.

އޭނާ ފުލުހަށް ހާޟިރުކޮށް ބަޔާން ނެގިއެވެ. ޝަރީއަތުގައި ޝާއިރާ އެއްވެސް ވާހަކައެއް ނުދެއްކިއަސް ތުއްތު ކުއްޖަކު އޭނާގެ އުނގުގައި އޮތަތީ ޒިނޭގެ އަދަބު ލިބުނެވެ. ކޯހުން މަތީ ދަރަޖައިގައި ފާސްވިޔަސް ނަހަލާލު ދަރިޔަކު އޮތަތީ ސަރުކާރުގެ ވަޒީފާއެއް ނުލިބުނެވެ. ސަރުކާރުން ޕޮކެޓްމަނީގެ ގޮތުގައި ކޯސްހެދިއިރު އޭނާއަށްދިން ފައިސާ އަނބުރާ ސަރުކާރަށް ދައްކަންޖެހުނެވެ.

ރާމީ ގޮވައިގެން ރަށަށް އައުމުން އޭނާގެ އެއްބަނޑު ތިމާގެ މީހުންވެސް ޝާއިރާއަށް ދިނީ ލަޢުނަތެވެ. ކުރީ ފުރައްސާރައެވެ.

އެތައް އުނދަގުލަކާއި ތުރާލެއް އުފުލައި ރާމީ ބޮޑުވެ 9 އަހަރުވީ ފަހުން އޭނާ ބަލައި އެ އައީ އޭނާގެ ހަޤީޤީ މައިން ބަފައިންނެވެ. އެމީހުންނަށް ލިބިފައިވާ ލޭއަޅާކުއްޖަކު ރަނގަޅު ކުރުމަށް ބޯންމެރޯ ޓްރާންސް ޕްލާންޓް ހެދުމަށް ރާމީގެ ބޭނުންޖެހިގެންނެވެ. ޝާއިރާ ރާމީ ނުދީފިނަމަ ޝަރީއަތަށް ގޮސްގެންވެސް އެމީހުންތިބީ ރާމީ ގެންދާށެވެ. ތެދެކެވެ. އެމީހުންނަށް ރާމީ އަކީ އެމީހުންގެ ދަރިއެއްކަމުގެ ހެކި ދެއްކިދާނެއެވެ. ޑީއެންއޭ ހެދިދާނެއެވެ. ދަރިފުޅު ވަގަށްނެގީ ކަމުގެ ތުހުމަތު ޝާއިރާގެ ބޮލުގައި އެޅުވިދާނެއެވެ. އެހެނީ ރާމީއަކީ ޝާއިރާ ހޮވިކުއްޖެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި އެފުރާނަ ހަލްޤު ކުރެއްވި ފަރާތާއި ޝާއިރާއެވެ.

ޝާއިރާއާއި އެކު ރާމީގެއަށް ހިނގައިގަތެވެ. އޭނާ ބަލައި އައި މައިން ބަފައިންނަށް ޖަވާބުދޭނެ ގޮތް ހިތުގައި ރާވަމުންނެވެ. އޭނާ އެއްލާލި އުފަންމަންމައަށް އޭގެ ހިތުގައި އޮތް ނަފްރަތާއި އެތައް ޤުރުބާނެއްވެގެން އޭނާ ބަލައި ބޮޑުކުރި މަންމައަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރުމަށެވެ. ގެންގުޅޭ ކުއްޖެއްގެ ގޮތުގައި އެމީހުންނާއި އެކު ދާކަށް ރާމީ ބޭނުމެއް ނޫނެވެ.

ގެއަށް އާދެވުނު އިރު އޭނާބަލައި އައިސްތިބި އޭނާގެ މަންމަ އާއި ބައްޕަ ގޭގެ ދޮރުމަތީގައި ތިއްބެވެ. މަންމަ ފެނުމާއި އެކު އޭނާގެ ހިތުގައި އުފެދުނު ޖަޒްބާތަކުން އެންމެ ލަފުޒެއްވެސް ދުލުން ބޭރުކުރާނެހައި ހިއްވަރެއް ރާމީއަކަށް ނުލިބުނެވެ. އެހެންކަމުން ޝާއިރާ ރާމީގެ އަންނައުނު ދަބަސް ނެރެދިނުމުން އެމީހުންނާއި އެކު ދިޔުމަށް ރާމީ ހިނގައިގަތެވެ. އެޅަހިތުގައި އަޅަމުންދިޔަ އެތައް ވޭނަކާއި އެކުގައެވެ. އޭނާ ބަލައިބޮޑުކުރި މަންމައަށް އޭނާގެ ސަބަބުން އިތުރު ގެއްލުމެއް ލިބެން ނޭދޭތީއެވެ. އެކަމަކު އޭނާގެ ހިތުގައި އަޒުމެއް އޮތެވެ. އެނބުރި މިގެއަށް ޝާއިރާގެ ގާތަށް އައުމަށެވެ. ބަނޑުއަޅައި ނުވިހެޔަސް އޭނާގެ މަންމައަކީ ޝާއިރާކަމުގައި ރާމީވެސް އަދި ދުނިޔެވެސް ޤަބޫލު ކުރާތީއެވެ.

ރާމީ ނުކުމެގެންދާތަން ބަލަން ޝާއިރާހުއްޓެވެ. ހިތުގައި އަތްއަޅައިގެންނެވެ. ލޯބިބަލާބޮޑުކުރި ދަރިފުޅު އޭނާގެ ލޯމަތިން ގެއްލެމުންދާތީއެވެ. ދަރިފުޅު ހިލޭބަޔަކަށް ދިންކަމުގެ ބަދުނާމު އޭނާގެ ބޮލުގައި އެޅޭނެތީއެވެ. އޭނާއަކަށް ފިރިއެއް ދަރިއެއް ލިބުމެއް ނެތެވެ. އެހެނީ އޭނާއަކީ ޖިންސެއްނެތް މީހެކެވެ. އެކަން ދުނިޔެއަކަށް ނޭނގޭނެއެވެ. އެހަޤީޤަތްތައް ޝާއިރާފާޅުކުރަން ބޭނުން ނުވަނީވެސް އެހެންވެގެންނެވެ. އެކަމުންވެސް ލިބޭނީ އިތުރު މަލާމާތަކާއި ހިތްދަތިކަމަކާއި އެކަނިވެރިކަމެއް ކަމުގައި ވާތީއެވެ. އެއީ އޭނާގެ ނަސީބުގައި މިންވަރު ކުރެވިގެންވާ ގޮތްކަމުގައިވާތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.