Advertisement

18 Mar 2024
ވާހަކަ

ނާކާ | އެޕިސޯޑު - 14

"އެއްބަސް ނުވިއެއް ކަމަކު ނަޒީހުއާ އިތުރު ދެޒުވާނަކު ފަޒީންއަށް ކޮށްފައި އެވާ އަނިޔާއަކީ އެ އަނިޔާގެ ގެއްލުމުން ވެސް އިންސާނަކު މަރުވެދާނެ ވަރުގެ ބޮޑު ގެއްލުމެއް. ފަޒީންގެ ބޮލުގައި ވަރަށް ބާރަށް ޖަހާ މަންޒަރު ވީޑިއޯއިން ދައްކައިދޭ.. ފަޒީން މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ބޯވަނީ ފަޅައިގެންގޮސްފައި. މީހާ އެއްކޮށްވަނީ ހުދުވެފައި. އެހެންވީމަ ފަޒީން މަރުވީ ގައިން ލޭ ހުސްވެގެންނޭ ވެސް ބުނެވެން އެބަ އޮތް. މިހުރީ ހައްތަހާ ވެސް ނަޒީހުމެނާ ދެކޮޅަށް ހުރި ފެކްޓްސް.." ޕޮލިސް އޮފިސަރު ސަމާހު ވާހަކަ ދައްކަމުން ދިޔައީ ނަޒީހުގެ ބައްޕަ މަހަމޫދުއާއެވެ.

"ދެން އަޅުގަނޑަށް ކީއްކުރެވޭނީ އޭނަ ސަލާމަތް ކުރަން..." މަހަމޫދު ސުވާލު ކޮށްލިއެވެ. "އަސްލު މަހުމޫދު މިއަދު މި ގެނެވުނީ އެރޭ ހިނގާދިޔަ މާރާމާރީ ހިންގި ތިންމީހުން ތެރެއިން އެކެއްގެ ބަލަދުވެރިޔާ ކަމުގައި ވާތީވެ. މިއަދު އެވަނީ ނަޒީހުގެ ބަންދަށް ފަނަރަ ދުވަސް ޖެހިފައި. ހުކުން ކުރުން އޮންނާނީ މި އަންނަ އަންގާރަ ދުވަހު. އެއީ 09 ޖުލައި. އެހެންވީމަ ލޯޔަރެއް ހޯދުން ރަނގަޅު. ނަޒީހު އެއްބަސް ނުވާހާ ހިނދަކު އެއީ ހަމައެކަނި ސަލާމަތް ކުރުމުގެ އުންމީދެއް އޮތް ގޮތަކީވެސް. ސަލާމަތް ވިއަސް މާރާމާރީ ހިންގި ކަމުގެ މައްޗަށް ހުކުމް އިންވާނެ" ސަމާހު ކިޔައިދިނެވެ.

******************

Advertisement

ފަތީން އިނީ ސިޓިންރޫމުގައި ޓީވީ ބަލާށެވެ. މަންމަ ފާތުމާ އުޅެނީ އަވަސްކޮށްފައި ބޭރަށް ދާށެވެ. މަންމަ ތައްޔާރުވަމުން ދަނީ މިނިވަންދުވަހު އަންހެނުން ކޮމިޓީއިން ބާއްވާ ހަރަކާތްތަކަށެވެ. ގަޑިން ހަތަރެއް ޖަހާކަށް މާގިނަ ވަގުތެއް ނެތެވެ. ފާތުމާ ގޮސް ގޭގެ ދޮރާ އަރާ ހަމަވި ވަގުތު އިބްރާހިމް އައިސް ގޭތެރެޔަށް ވަނެވެ.

"އަންގާރަ ދުވަހު ހުކުން ކުރުން އޮންނާނެ ވާހަކަ ސަމާހު ބުނީ.. ލޯޔަރެއް ހޯދާށޯ.. ފަހަރެއްގަ މާލެދާން ވެސް ޖެހިދާނެޔޯ.." އިބްރާހިމް ގެއަށްވަދެ ސޯފާ މައްޗަށް ޖެހިގަތެވެ. "އެއީ ކިއްވެ މާލެދާން ޖެހެނީ؟" ފާތުމާ ދޮރުކައިރީގައި ހުރެފައި އައިސް އިބްރާހިމް ކައިރީގައި ހުއްޓުނެވެ. "މި ރަށުގަ ނެތެއްނުންތަ ގާޒީއެއް.." އިބްރާހިމް ބުނެލިއެވެ. "ދެން ލޯޔަރެއް ހޯދުމާ އުޅެންވީ ނުންތަ.." ފާތުމާ އުރަށް އަތް ޖަހާލިއެވެ. "އާނނ.. ލޯޔަރެއް ލިބިދާނެއޭ.. އަންނަ އަންގާރަ ދުވަހަށް މާލެ ފުރަން ތައްޔާރު ވާތި." އިބްރާހިމް ބުނެލިއެވެ. "މި ކުދިން ސުކޫލު ބަންދު އަންނަ ހަފްތާ.. މި ކުދިން ގޮވައިގެން ދޯ ދާނީ؟ ދަރިފުޅު ދާނަން ދޯ؟" ފާތުމާ ސުވާލު ކޮށްލީ ފަތީންއާއެވެ. "އާނ މަންމާ.." ފަތީން ޖަވާބު ދިނީ އިބްރާހިމްއަށް ބަލާލާފައެވެ. މިއަދު ބައްޕަ އިނީ ހިނިތުން ވެލާފައެވެ. ރޭގެ ރުޅިގަނޑު ފިލައިގެން ގޮއްސަ ހުރިކަން ފަތީންއަށް އެނގެއެވެ.

ފަތީން އިނީ ދަނޑިވަޅަކަށް ބަލަބަލައެވެ. ފާތުމާ ނުކުމެގެން ދިޔަތާ މާގިނައިރެއް ނުވެ އިބްރާހިމްވެސް ފިހާރަޔަށް ހިނގައްޖެއެވެ. ފަތީން ވަގުތުން ތެދުވެގެންގޮސް މަންމަމެންގެ ކޮޓަރިއަށް ވަދުނެވެ. އަލަމާރީގެ އެތަން މިތަން ހާވާ އެ ތިޖޫރީގެ ތަޅުދަނޑި ފަތީން ހޯދިއެވެ. އެހެންނަމަވެސް އެއްވެސް ތާކުން ފިހާރައިގެ ރަގިސްޓްރީ އެއް ނުފެނުނެވެ.

އިރު އޮއްސި ހަތެއް ޖަހާގެން ދިޔައިރުވެސް ބައްޕަ ގެއަށް ނައުމުން ފަތީން ހުރީ ވަރަށް ކަންބޮޑުވެފައެވެ. "ހަލޯ.. އޭ ހިނގަދާން.. ބައްޕައެއް ނައި.. އެކަމް މިރޭ ނުނަގާފިއްޔާ ވަރަށް ކަޑަވާނެ. ހިގަދާން މިގަޑީގަ.." ފަތީން ޖިޔާދުއަށް ގުޅައިގެންހުރެ ވާހަކަ ދެއްކިއެވެ. "އާނ އާދޭ.. މަ މިހިރީ ގޭ ދޮރުމަތީގަ.." ޖިޔާދު ބުނެލިއެވެ.

ފަތީން ގެއިން ނުކުމެގެން ދިޔައިރު ފައުޒާވެސް، އަދި ފާތުމާވެސް އުޅެނީ ކޮޓަރީގައެވެ. އޭނާ ދިޔައީ އޭނާ އިބްރާހިމްއަށް ފޮރުވައިގެން ގެންގުޅޭ ފިހާރައިގެ ތަޅުދަނޑި އާއި، ފިހާރައިގެ ތަނެއްގައި ރައްކާ ކުރެވިފައިވާ ތިޖޫރީގެ ތަޅުދަނޑީގެ އިތުރުން ފައިސާ ނަގައިގެން އަޅަން ތަންކޮޅެއް ބޮޑު ސިޓީ އުރައެއްވެސް ހިފައިގެންނެވެ.

ފިޔަވަޅަކަށްވުރެ ފިޔަވަޅެއް ބާރު ކުރަމުން އަވަސް އަވަހަށް ފަތީން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ފަތީންގެ ޖީބުގައިއޮތް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން ފޯނު ނެގިއެވެ. ގުޅަނީ ޝައިހާއެވެ. "ހަލޯ.." ފަތީން ފޯނަށް ޖަވާބު ދިނީ ހިނިތުން ވެލާފައެވެ. "މިއަދު ހަބަރެއްވެސް ނުވާތީ މިގުޅީ މިސްވެގެން..." ޝައިހާ ބުނެލީ ލަދުރަކި ގޮތަކަށެވެ. "އޯނނނ... ހާދަ ލޮތްބޭ.. އެކަމަކު އަހަރެން މެސެންޖާއިން މެސެޖު ކުރިން.." ފަތީން އިތުރަށް އުފާވީ ޝައިހާ ގުޅީ ފަތީން މަތިން ހަދާންވެގެންކަން އެނގުމުންނެވެ.

"އަހަރެން ނުވަންނަމޭ އަދި މިއަދު މެސެންޖާއަކަށް.. މިރޭ ނާންނާނަންތަ؟" ޝައިހާ އަހާލިއެވެ. "މިރޭ ދޯ؟ ރޭގަ ބައްޕަ ވަރަށް އެއްޗެހި ގޮވި މާލަހުން ގެޔަށް އައިމަ. މިރޭ އަނެއްކޮޅުން ޓިއުޝަނެއްވެސް ނެތް. ދައްކާނެ ބަހަނާއެއްވެސް ނެތް. އެކަމަކު މަންމަމެން ނިދީމަ ޓްވެލްގެ ފަހުން ދެވިދާނެ.. މާދަމާ ސުކޫލެއްވެސް ނޯންނާނެ އެއްނު" ފަތީން ވިސްނާލާފައި ބުނެލިއެވެ. "ތިގޮތްވެސް އޯކޭ.." ޝައިހާ ހިނިތުން ވެލިއެވެ.

އެއިރު ފަތީން ހުރީ ޖިޔާދު މެންގޭގެ މަގު ކޮޅުގައެވެ. ޖިޔާދު ފެނުމުން ފަތީން ވަގުތުން ފޯނު ބޭއްވިއެވެ. ޝައިހާއާއި އެކު ފަތީން މިބާއްވާ ގާތްކަން ސުކޫލު ކިޔެވުން ނިމެންދެން އެއްވެސް މީހަކަށް އިނގޭކަށް ފަތީން ބޭނުމެއް ނުވެއެވެ. އެކަން އެނގިއްޖެނަމަ ފަތީންއަށްވެސް ވަރަށް ހުތުރެވެ. ރަށުގެ މީހުންގެ ފަރާތުން ހަޑިހުތުރު ބަސްތައްވެސް ރަށްދުވާނެއެވެ. ފަހަރެއްގައި ޝައިހާ ސުކޫލުން ވަކިކޮށް، ފަތީން އާއި ޝައިހާ ދުރުވާން މަޖުބޫރު ކުރުވަނިވި ކަންތަށްތަކަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. މިއިން އެއްވެސް ކަމެއް ވާކަށް ފަތީންގެ ހިތެއް ނޭދެއެވެ. މިހާރު ފަތީންގެ ހިތުގައި ޝައިހާއަށްޓަކައި ވަރަށް ފުން ލޯތްބެއް އެވަނީ އުފެދެން ފަށާފައެވެ. އެ ލޯބި ދެމެހެއްޓުމަށް ފަތީން ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ.

ފަތީންއާއި ޖިޔާދު އެކީގައި ހިނގާފައި ގޮސް ފަތީންގެ ބައްޕަގެ ފިހާރަ މުނިޓްރޭޑް އާއި އަރާ ހަމަވިވަގުތު ބަންގިގޮވަން ފެށި އަޑު އިވުނެވެ. "މަ އެކަނިތަ ވަންނަންވީ؟؟" ފިހާރައިގެ ދޮރު ކައިރީގައި ހުއްޓިލަމުން ފަތީން ސުވާލު ކޮށްލީ ޖިޔާދުއާއެވެ. "މަ ވަންނަންވީތަ؟؟" ޖިޔާދު އަހާލިއެވެ. "އާނ ކަލޭވެސް އާދޭ.." ފަތީން ދޮރުގެ ތަޅު ހުޅުވާލިއެވެ.

ފިހާރަޔަށް ވަނީ ދެކުދިން އެކީގައެވެ. ފިހާރައަށް ވަނުމާއެކު ފިހާރައިގެ ދޮރު ލެއްޕުނެވެ. ފިހާރަތެރެ އޮތީ ވަރަށް އަނދިރި ކޮންނެވެ. އާންމުގޮތެއްގައި ދެނަމާދު ދޭތެރެ ގަޑީގައި ފިހާރަ ބަންދު ކޮށްފައި ދަމުން ބައްޕަ ބަހައްޓާނީ ކޮންމެސް އެއް ހޮޅިބުރިއެއް ދިއްލާފައެވެ. ނަމަވެސް މިރޭ އެއްވެސް ހޮޅިބުރިއެއް ދިއްލާފައެއް ނެތެވެ. ޖިޔާދު ފަތީންގެ ފަހަތުން ހިނގާފައި ދިޔައެވެ. ފިހާރައިގެ ދޮރާވީފަޅިނޫން އަނެއް ފަޅީގައި ހުރި އެ ތިޖޫރީ އިންތަނާ ދިމާލަށެވެ. އެހިސާބަށް ދެވުމާއެކު މީހެއްގެ ފުން ނޭވާއެއްގެ އަޑު އެ ދެކުދިންގެ ކަންފަތުގައި އެއްފަހަރާ ޖެހުނެވެ. "އޭއި.. އެއީ މީހެއްދޯ؟؟" ޖިޔާދު ވައިއަޑުން ފަތީން ކައިރީގައި އަހާލިއެވެ. "އާނ މަށަށްވެސް ހީވަނީ.." ފަތީން ޖިޔާދުގެ ކޮނޑުގައި އަތް އަޅައި އެއްފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އެވަގުތު އަނެއްކާވެސް އެ ފުންނޭވާގެ އަޑު ތަކުރާރުވިއެވެ. "ވަގެއްތަ؟" ޖިޔާދު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. ފަތީން ދެތިން ފިޔަވަޅު ފަހަތަށް އެޅުމަށްފަހު ހުއްޓިލީ ޖެހިގެން ހުރި ހަރުގަނޑުގެ ކޮޅުގައެވެ. އެތާއިން ސްވިޗް އޭނާ އޮން ކޮށްލިއެވެ. އެއީ ކަސްޓަމަރުން ގަންނަ ލައިޓުތައް ޗެކުކުރުމަށް އިންނަ ހޯލްޑަރުގެ ސްވިޗެވެ. ނަސީބު ކަންދިމާކުރިގޮތުން އެވަގުތު ހޯލްޑަރުގައި ހޮޅިބުރިއެއް އިނެވެ.

އެ ހޮޅިބުރި ދިއްލުމާއެކު މުޅި އެސަރަހައްދު އަލިވެގެން ދިޔައެވެ. އެވަގުތު ފަތީންގެ ދެލޮލަށް ފެނުނީ އޭނާ ހީވެސް ނުކުރާފަދަ މަންޒަރެކެވެ. ފަތީންގެ މޫނުމަތީގައި އުފެދުނީ ސުވާލު މާކެކެވެ. ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވީމައެވެ.

ކުރިމަތީގައި ހުރީ އޭނާގެ ބައްޕަ އިބްރާހިމްއެވެ. ހޮޅިބުރި ދިއްލުމާއެކު ބައްޕަގެ އަތުތެރޭގައި ހުރި އަންހެނާ ބައްޕަގެ ފުރަގަހަށް ވަދެ ފިލިއެވެ. އެ ކުޑަ ވަގުތުކޮޅު ތެރޭގައި ފަތީންއަށް އެ އަންހެން މީހާގެ މޫނަށް ބަލާލަންވެސް ހުރީ ހަނދާން ނުވެފައެވެ. ލިބިފައި ހުރި ޝޮކެއްގެ ބޮޑު ކަމުންނެވެ. "ބައްޕާ؟؟" ފަތީންއަށް ބުނެލެވުނެވެ. މަޑުމަޑުންނެވެ. އިބްރާހިމް މޫނުމަތިން ފާޅުވާން ހުރީ އަނގުރު އަލިފާން ފަދަ ރުޅިވެރި ކަމެކެވެ.

ހަތަރު ފޫޓެއްހާ ދުރުގަ ހުރި އިބްރާހިމް ހިނގާފައި އައިސް ފަތީންގެ ކަރުގައި ހިފައިފައި ޖެހިގެން ހުރި ހަރުގަނޑުގައި ޖެއްސިއެވެ. "ކަލޭ ކީއްކުރަން މިތަނަށް ތިވަނީ؟؟ ކަލޭ މަށަށް ފާރަ ލަނީދޯ؟ ބުނޭ ތެދަށް.." އިބްރާހިމް ފަތީންގެ ކޯތާފަތް މަތީގައި ޖެހިއެވެ. ކައިރީގައި ހަދަންވީ ގޮތެއް ނޭނގިފައި ޖިޔާދު ބަލަން ހުއްޓެވެ. "އަދި މީ ކާކުތަ؟" އިބްރާހިމް އައިސްފައި ހުރި ރުޅިގަނޑުގައި ގޮސް ޖިޔާދުގެ މޭމަތީގައި އަތްއަޅާ ކޮށްޕާލިއެވެ. ކޮށްޕާލިލެއް ބާރުކަމުން ޖިޔާދުގޮސް ޖެހުނީ އޭނާގެ ފުރަގަހުގައި ހުރި މޭޒެއްގައެވެ.

ޖިޔާދުއާ ދިމާލަށްދާން އިބްރާހިމް އެއްފަރާތަށް ޖެހިލިވަގުތު އެ އަންހެންމީހާ ހަރުގަނޑެއްގެ ފުރަގަހަށް ދެމިގަތްތަން ފަތީންއަށް ފެނުނެވެ. ނަމަވެސް އެވަގުތުވެސް އެމީހާގެ މޫނު ފެންނަގޮތެއް ނުވިއެވެ. "އޭ ކަލޭ ބުނާށޭ... ކީއްކުރަންހޭ މިތަނަށް ވަދެ ތިއުޅެނީ؟؟" އިބްރާހިމް އަނެއްކާވެސް އައިސް ފަތީން ލައިގެންހުރި ގަމީހުގައި ހިފައި ދަމައިގަތުނެވެ. "އަޅުގަނޑުމެން މިމަގުން ދަނިކޮށް ފިހާރަ ހުޅުވާފަ ހުރިހެން ހީވެގެން މިވަދުނީ.." ފަތީން ސިކުނޑިއަށް އެވަގުތު އައި އެންމެ މޮޅު ދޮގު އޭނާ ހަދާލިއެވެ. "ބުނަން؟؟ ދެންމެ ތި ފެނުނު ކަންތައް މިފިހާރައިން ބޭރަށް ގޮސްފިއްޔާ ނިމުނީ.. މަ ކަލޭ އަމާ ވަރިކުރާނަން.. ހަދާން ކުރާތި!! ރައްކާވޭ.." އިބްރާހިމް އަތުގައި ހުރި ބާރެއްލާފައި ފަތީން ކޮށްޕާލިއެވެ.

އެތަނުގައި އިތުރަށް މަޑު ކުރާކަށް ފަތީންއަކަށް ނުކެރުނެވެ. އެއީ ކޮން އަންހެނެއްތޯ ބަލަން ފިހާރައިގެ އެތެރެޔަށް ވަންނާކަށްވެސް ފަތީންއަކަށް ދެން ނުކެރޭނެއެވެ. އެއަށްވުރެން ބޮޑަށް އިބްރާހިމް އެހުރީ ރުޅިއައިސްފައެވެ. އެ ރުޅިގަނޑުގައި އޭނާ ފަތީންއަށް ކޮންމެ ފަދަ ގޮތެއް ހަދާފާނެކަންވެސް ފަތީންއަށް އެނގެއެވެ. އިބްރާހިމް އަކީ ރުޅި އަތުވެއްޖެނަމަ އެހާވެސް ރުޅި ގަދަ މީހެކެވެ. ފަތީން ބަލަން ނުހުރެ ދުއްވައިގަތުނެވެ. ފިހާރައިގެ ދޮރާ ދިމާލަށެވެ. ޖިޔާދުވެސް އޭނާގެ ފަހަތުން ދުއްވައިގަތުނެވެ.

ފަތީން އާއި ޖިޔާދު ފިހާރައިން ނުކުތުމާއެކު އިބްރާހިމް ފިހާރައިގެ ދޮރު ތަޅުލިއެވެ. އަދި މިފަހަރު ދޮރު ހުރީ ތަޅުލެވިފައިތޯ އޭނާ ދެ ފަހަރަށް ޔަގީންވެސް ކުރިއެވެ.

"އަޅެ ދެން ކިހިނެއް ހަދާނީ؟" އިބްރާހިމްގޮސް އެ އަންހެންމީހާ ހުރި ހަރުގަނޑު ކައިރީގައި ހުއްޓިލި ވަގުތު އޭނާ ބުނެލިއެވެ. "ހާސް ނުވޭ.. ފަތީން އަކަށް ނުކެރޭނެ އެވާހަކަ ދައްކާކަށް. އެއަށްތުރެން ބޮޑަށް ބިރު ގަންނުވާލާފަ ބަހައްޓަނީ.." އިބްރާހިމް ބުނެލީ ހީލަމުންނެވެ. "އެކަމް އަހަރެން ވަރަށް ބިރުގަނޭ އެބަ ފަތީންއަށް އަހަރެންގެ މޫނު ފެނިފަ ހުރެދާނެތީ.. މިއޮއް ހުރިހާ ދުވަހުވެސް އަހަރެމެން މިއުޅުނީ އެކީގަ.. މިކަހަލަ ކަމެއް ދިމަލެއް ނުވޭ.. ދެމަހެއް ހާ ދުވަސްފަހުން އެކުދިންގެ ބޮޑު އިމްތިހާނެއް ފެށޭނެ. މި ދަނޑިވަޅު މިކަހަލަ ކަމަކާ ދިމާވީމަ އެކުދިން ވަރަށް ވިސްނާނެ. އެހެންވީމަ އިމްތިހާންތަށް ނުނިމެނީސް މަބޭނުމެއްނޫން މި ގުޅުން ފަޅާއަރާކަށް. އަނެއްކާ ފަތީން އަހަރެމެނަށް ފާރަ ލަނީ އެއްނޫންތަ؟" އެ އަންހެން މީހާ ވާހަކަ ދައްކަމުން ގެންދިޔައީ ހާސްވެފައި ހުރެގެންނެވެ.

"ދެން ތިކަމާ އެހާ ކަންބޮޑު ނުވެބަލަ. މަށަކަށް ނޭނގެ އޭނަ ފާރަ ލަނީ ކަމެއް. ހަމަ ގައިމުވެސް އަހަރެން ލޯބިއާ ގުޅުމެއް ބާއްވާ ކަމެއް އޭނައަކަށް ނޭނގޭނެ. އަހަރެން ލޯބިއާ ގުޅައިގެން ހުއްޓައެއްވެސް އޭނައަކަށް ނުފެންނާނެ. އަހަރެން އެހީމަ ބުނީ މި މަގުން ދަނިކޮށް ދޮރު ހުޅުވާފަ ހުރިހެން ހީވެގެނޯ ވަނީ.. ވެދާނެ އެއްނު އަހަރެމެން ފޯރީގަ ތަޅުނުލާ ބެހެއްޓުނީކަމަށް.. އެހެން ނޫނަސް ފަތީންއެއް ނުވިސްނާނެ މިކަހަލަ ކަމަކާ. މިއީ މަގޭ އަމިއްލަ ކަމެއް.." އިބްރާހިމް އެ އަންހެނާގެ ކޮނޑުގައި އޭނާގެ އަތް އަޅުވާލައި އިބްރާހިމްގެ ގަޔާއި ގާތްކޮށް އޭނާގެ ގައިގައި ބައްދާލިއެވެ. "އަހަންނަކަށް ނޭނގެ ފަތީންގެ ގޮތެއް. މަށަށް އެނގޭހާވެސް އެއްޗަކީ މަގޭ ދަރި މިކަމާ ވިސްނާނެކަން މިއަޑު އޭނަޔަށް އިވިއްޖެޔާ.." އޭނާ އިބްރާހިމްގެ މޭގައި ބޯއަޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. "ދެން ހާސް ނުވޭ.. މިރޭ އަދި މަ ފަތީން މައިތިރިކޮށްލަން އެއްޗެއް ބުނެލާނަން.." އިބްރާހިމް ބުނެލިއެވެ.

= 14ވަނަ އެޕިސޯޑު ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.
03 May 2024
ޚަބަރު
ބޮޑު ދެ އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށް އެމްޑީޕީން ދިރާސާއެއް ކުރަނީ
އެޕާޓީން ބުނީ، އެގޮތަށް ނިންމާފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެ ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ބުދަ ދުވަހުގެ ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުުުމުގައި ކަމަށެވެ. ޤައުމީ މަޖިލީހުގެ އެބައްދަލުވުުމުގައި، އެމަޖިލީހުގައި ހިމެނޭ 50 ވުރެ ގިނަ މެމްބަރުން ބައިވެރިވިއެވެ.
02 May 2024
ޚަބަރު
ޤައުމަށް ގެއްލިގެން އެދިޔައީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް: ރައީސް
ޑޮކްޓަރ އާމިނަތު ރަމްޝާގެ ވަކިވެދިޔުމާއި އެކު ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އަދި އެއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމާއި، ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
02 May 2024
ޚަބަރު
ވަޢުދު ނުފުއްދޭކަން ފާހަގަވެގެން ފެނާއި ކަރަންޓް ބިލްތަކަށް އަލުން ލުއިދޭން ރައީސް އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައި މިވަނީ، ކަރަންޓާއި ފެންބިލްތައް ބޮޑުވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން ފުރިހަމަ ނުކުރެއްވޭ ކަމުގައި ނޫސްވެރިން ފާހަގަކުރުމުން އާދީއްތަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ސަރުކާރުން އެކަން ދިފާޢުވެސް ކުރިއެވެ.