Advertisement

ކޮޅުމަޑުލުގެ ވޭމަންޑޫ ރައްޔިތުން --- ފޮޓޯ: ރައީސް އޮފީސް

09 Feb 2024
ރިޕޯޓް
ޢަލީ ސުލައިމާން

ސަރުކާރުން ބުނަނީ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް!

ބަނޑުހައި ހޫނުކަމާއި ތަދު މަޑުކަމުގެ ޒަމާނެއް ތަޙައްމަލު ކުރަން ޖެހުނު، ދިވެހިންގެ އިސްރަށްވެހިންގެ ޖީލުތައް އަދި ދިރި ދުނިޔޭގައި އެބަތިއްބެވެ. އެމީހުން ކިޔައިދޭ ވާހަކަތަކާއި ފޮތް ފޮތުގައި ލިޔެފައި ހުރި ވާހަކަތަކުން ރާއްޖޭގެ އޭރުގެ ޙާލަތު ސިފަވެއެވެ. އެމީހުން ތަހައްމަލު ކުރި އެދަތި ދުވަސްތައް އެމީހުންގެ ދަރީންގެ ޙަޔާތުގައި އިޢާދަވުމަކީ އެމީހުން އެދޭ ކަމެއް ނޫނެވެ.

1914 ވަނަ އަހަރު ފެށުނު ފުރަތަމަ ބޮޑު ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް މާބޮޑު އަސަރެއް ނުކުރެއެވެ. އެހެން ނަމަވެސް 1939 ވަނަ އަހަރު ފެށުނު 2 ވަނަ ބޮޑު ހަނގުރާމަ 6 އަހަރުފަހުން 1945 ވަނަ އަހަރު ނިމުނު ރާއްޖެ އޮތީ އިންތިހާއަށް ތަދުމަޑުކަމުގެ ތެރޭގައެވެ. މަސްވެރި ބައެއް ރަށްރަށުގައި މީހުން ބަނޑުހައި ހޫނުކަމުގައި މަރުވިއެވެ. އުނު އޮރިޔާން ނިވާވާނެ ފަދަ ނެތި، މީހުން މޫދަށް އެރި ތިބެން ޖެހުނެވެ. މަގޫ ފަތުން ހިތިފިލުވައިގެން ކާށިހުނިކޮޅަކާއި ފަރުމަހު ގަރުދިޔަ ކޮޅަކާއި އެކު ކައިގެން އުޅެން ޖެހުނެވެ. އޭރުވެސް ދިވެހި ސަރުކާރު އޮތެވެ. ބޮޑުގަނޑުވަރުގެ ބަދިގޭގައި ހަތަރު އިރަށް ފަރިއްކޮޅު ތައްޔާރުވެއެވެ. ރައްޔިތުން ހައިހޫނު ކަމުގައި ހަނާވަމުން ދިޔަނަމަވެސް ދައުލަތުގެ ވެރިން ތިބީ ހަތަރުއިރުގެ ކޮއްތުން ބަނޑުފުރައިގެންނެވެ. އެހެންވީމާ، ޤައުމު ބަނޑަށްޖެހިދާނޭ ބުނާ އަޑު އިވޭ ކޮންމެ ފަހަރަކު، އެކަމުގެ އެންމެ ފުން އަސަރެއް ކުރާނެ ބަޔަކީ، ޅަފަތުގައި އެދުވަސްދުށް މިއަދު މުސްކުޅިވެ ލޯބޯކޮށިވެފައި ތިބި އިސްރަށްވެހީންނެވެ.

2019 ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދު އިނދަޖައްސާލީ ކޯވިޑެވެ. އެ އަޑިގަނޑުގެ ތެރޭގައި ޔޫރަޕް އޮއްވައި، 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއި އެކު، އިރުމަތީ ޔޫރަޕްގައި ހަނގުރާމަ ފެށިއްޖެއެވެ. އޮކްޓޫބަރު 7، 2023ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާއެކު، މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅު ރޯވެއްޖެއެވެ. އަދި މިއަހަރު ފެށުނު އރު ޗައިނާ އާއި އިންޑިއާގެ އިޤުތިޞާދީ އަދި ސަރަހައްދީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ދިވެހިރާއްޖެ ފިތިއްޖެއެވެ. 

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހަނގުރާމަތަކާއި، ހަމަނުޖެހުންތައް ހިނގި ނަމަވެސް އެކަންކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރު ދިވެހިރާއްޖެއަށްވެސް ކުރެއެވެ. ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދު ފުނޑުފުނޑުވެ ދިޔަ ނަމަވެސް އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ރާއްޖޭގެ ހާލަތު މާބޮޑަށްވެސް ރަނގަޅެވެ.

ކޯވިޑް-19އިގެ ވަޅުގަނޑުން އަރައިގަނެ، ހިންދަމާލެވުނީ ކަމަށް، ދިވެހިން ހީކޮށްގެން ތިއްބައި އައު ސަރުކާރުން ގޮވާލީ އިޤުތިޞާދީ ދަތިތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު ނާޒުކު ހިސާބަކަށް ހިނގައިދާނެ ވާހަކައެވެ. ދަރަނި ބޮޑުވެ އިޤުތިޞާދު މެނޭޖް ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހޭ ވާހަކައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައިވެސް، ރާއްޖޭގެ އިޤުތިޞާދީ ދަތިކަމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވިއެވެ. އެހެން ނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވިތާ ދެ މަސްތެރޭގައި އިޤުތިޞާދު ފާލުން ނެއްޓިދާނެ ފަދަ އެތައްކަމެއް ފެނިގެން ހިނގައްޖެއެވެ.

ލޯނުތައް ނަގައިގެން ހިންގާފައިވާ، ހައުސިންގ މަޝްރޫޢުތަކުން ކުލި ކުޑަކުރެއްވި އިރު، އޭގެ ބުރަ އުފުލަން ޖެހުނީ ސަރުކާރުގެ ކުންފުނިތަކަށެވެ. މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރެއްވި އިރު، އެކުންފުނީގެ ހާލަތު ކުރިޔަށް ވުރެވެސް ގޯސްވެ މަސްވެރިންނަށް މަސްކިރުވާފައި ފައިސާ ދެވޭނެ ގޮތެއް ނެތި ތާށިވެއްޖެއެވެ. 

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހިނގަހިނގާ ހުރިކަންކަން ހުއްޓަވާލައްވާއިފައި އެއް ބިލިޔަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ހިނގާނެކަމަށް އަންދާޒާކުރެވިފައިވާ ރަސްމާލެ މަޝްރޫއެއް ބަޖެޓްގެ ބޭރުން ރައީސް ވަނީ ފައްޓަވާފައެވެ. އަދި 2015 ވަނަ އަހަރު ފެށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު މުޅިން ނުނިމެނީސް، 25 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއެއް މިދިޔަ މަހު ރައީސް ވަނީ ޢިއުލާނުކުރައްވާފައެވެ. މީގެ އިތުރުން ޗައިނާގެ ދަތުރުފުޅަށް ފަހުގައި ރައީސް މާލެވަޑައިގެން ވިދާޅުވީ، ޔޫއޭއީ އާ ތައިލެންޑުން ދިވެހިންނަށް އާސަންދައިގެ ތެރޭން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި މާރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއާ އެމްބިއުލާންސް ޚިދުމަތް ފައްޓަވާނެކަން އިޢުލާނު ކުރެއްވިއެވެ. މީގެ އިތުރުން 1 ޖެނުއަރީ 2023 އިން ފެށިގެން ފުލުހުންނާއި ސިފައިންގެެ މުސާރަ ބޮޑުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 1 މާރިޗު 2023އަށް އޮތީ ބަދަލުކުރައްވާފައެވެ.

ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތަކެއް އިއުލާނު ކުރެއްވުމަށްފަހުގައި، އަތޮޅު ތެރެއަށް ފެއްޓެވި ފުރަތަމަ ދަތުރުފުޅުގައިވެސް ރައީސް ދެއްކެވީ ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިތަކުގެ ވާހަކައެވެ. 

"ހުރިހާ ރަށެއްގެ ރައްޔިތުންވެސް މިވަގުތު ގަބޫލުކުރަންވީ މި ޙަޤީޤަތް. ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަސް، ދެތިން މަސްދުވަސް އެންމެ އުނދަގުލީ، ކަންދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީ ހޯދުމުގެ ކަންތައްތައް ވަރުގަދަކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި، އެންމެ ޙައްޞާޞް ވަގުތު މިއީ." 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤުތިޞާދު ހަރުދަނާ ކުރެއްވުމަށާއި، އާމްދަނީ އިތުރު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށެެވެ. އެހެން ނަމަވެސް ސަރުކާރަށް މިވީ ދެމަސްދުވަހުގެ ތެރޭގައި، ދައުލަތަށް އާމްދަނީ އިތުރުވާނޭ ގޮތަށް އެޅި ފިޔަވަޅެއް ފެންނާން ނެތަސް، ދައުލަތުން ކުރާ ޚަރަދުތައް އިންތިހާއަށް އިތުރުވެގެންދާ ގޮތަށް އެޅި އެތައް ފިޔަވަޅެއްގެ ސަބަބުން އިޤުތިޞާދަށް އޭގެ އަސަރުތައް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ މިވަގުުތުގެ ބަހަކީ، އިޤުތިޞާދީ އަޑިގަނޑުން އަރައިގަނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމެވެ. އެހެންވެ ރަސްމީ ދަތުރުތަކުގައި، ރައްޔިތުންގެ ގާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ، މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ކަމުގައި އިދިކޮޅު ފަރާތްތަކުން ދެކެވެ. އަދި މި ނިމުނު ހަފްތާގައި ރައިސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލަށް ކުރެއްވި ރަސްމީ ދަތުރުފުުޅުގައި އަރިހުގައި ދައުލަތުގެ އިސްވެރިން ގެންދެވި އިރު، އެބޭފުޅުން ޕޯޑިއަމްތަކުގައި މުޅިންވެސް ދެއްކެވީ، ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުގެ މުހިއްމު ކަމުގެ ވާހަަކައެވެ.

"ރައީސް މިހާރު އެގެންދަވާ އިޤުތިޞާދީ އެޖެންޑާގައި ރައްޔިތުންނަށް ވަރަށް ބޮޑަށް، ފައިދާ ވެގެންދާނެ. ޚަރަދުތައް އެއްކޮށް ހުއްޓާަލައްވައިފި ކަމަށް ވެއްޖިއްޔާ ރައްޔިތުންނަށް އޭގެ އެންމެ ގެއްލުންވާނީ. އެހެންވީމާ ރައީސް އެގެންދަވާ އިޤުތިޞާދީ އެޖެންޑާއަކީ، އަޅުުގަނޑު ޤަބޫލުކުރާ ގޮތުގައި މިވަގުތު ރާއްޖެއަށް ވަރަށް މުހިއްމު އެއާ ނުލައި، އަޅުގަނޑުމެން ރައްޔިތުން ބަނޑަށް ޖެހޭނެ. އެހެން ނޫން ކަމަށް ވެއްޖިއްޔާ!" 

ފޮރިން މިނިސްޓަރ މޫސާ ޒަމީރު --

ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން މުހިއްމު މިންވަރު ރައްޔިތުންނަށް ހާމަކޮށްދެއްވީ، ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެރިކަމުން ސަލާމަތް ވުމަށެވެ. އެހެންވެ އެއަޑު އަހަން ތިބި ދޮށީ އުމުރުގެ މީހުންނާއި އެވާހަކަތައް ކާފަ މާމައިންނާއި، މައިންބަފައިންގެ ފުށުން އިވިފައިވާ މީހުންނަށް ކުރީ ނުތަނަވަސް އަސަރެކެވެ.

އިޤުތިޞާދީ ދަތިކަމުގެ ވާހަކަތައް އެއްރަށުގައި ދައްކަވާފައި ދެން ޖެހިގެން އޮތް ރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަޒީރުން ވިދާޅުވަނީ، ރަށްރަށުގެ ތަރައްޤީއަށް އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫޢުތައް ހިންގަވައި ދެއްވާނެ ވާހަކައެވެ. އެއާޕޯޓްތައް އެޅުމާއި ކޯޒްވޭތައް އެޅުން ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.