Advertisement

09 Jun 2023
ވާހަކަ

ނާކާ | އެފިސޯޑު - 5

ނާކާ | އެފިސޯޑު - 5

ފަތީންއާއި ފައުޒާ ޕޮލިސް ސްޓޭޝަނުން ނުކުމެ ގެއާދިމާއަށް ހިގައިގެން އިރު ތިނެއް ޖަހަނީއެވެ. ގެއާ ހަމައަށް ނުދެވެނީސް ފަތީންގެ ފޯނަށް މެސެޖެއް އައެވެ. ފަތީން ފޯނު ނަގާ ބަލައިލިއިރު އެއީ ނުދަންނަ ނަންބަރަކުން އައި މެސެކެވެ. "ކޮބާ ރަނގަޅަށް ވާހަކަ ދައްކައެއް ނުލެވުނު ދޯ.. މާ އަވަހަށޭ ތި ދިޔައީ ބަޔާން ދޭން. މިރޭ ހަނދާންކޮށް 9 ގަ އަންނާތި." މެސެޖުގައި ލިޔެވިފައިވާ އެއްޗެހި ކިޔާލުމާ އެކު ފަތީންއަށް ވަގުތުން އެއީ ކާކުކަން އެނގުނެވެ. އެ ވަގުތު ފަތީންގެ ފޯނަށް ކޯލެއް އައެވެ. ގުޅަނީ އާނިސް އެވެ.

ފަތީން: "ހަލޯ."

އާނިސް: "އޭ ކޮބާ ކޮން ކަމެއްގަ؟"

ފަތީން: "މި އަންނަނީ ޕޮލިސް ސްޓޭޝަނުން.. ބަޔާން ދީފަ. ކިހިނެއް ވީ؟"

އާނިސް: "ކޮބާތަ ފައުޒާ؟ އޭނަ ފޯނު އަދިވެސް އޮންނަނީ ނިވާލާފަ!"

ފަތީން: "އޭނަ އެބަހުރި މިތާ. ދޭންވީތަ؟"

ފަތީން މިހެން ބުނަމުން ފައުޒާއަށް ފޯނު ދިއްކޮށްލިއެވެ.

"ކާކު؟" ފައުޒާގެ މޫޑު އަދިވެސް ހުރީ އެހާ ރަނގަޅަކަށް ނޫނެވެ. "އާނިސް އޭ... ވާހަކަ ދައްކަބަލަ.." ފައުޒާގެ ކަންފަތުގައި ފޯނު ޖައްސަމުން ފަތީން ބުނެލިއެވެ. "ހަލޯ" ފައުޒާ ވާހަކަ ދެއްކިއެވެ. "ބޭބީ ކީއްވެގެންތަ ފޯނު ނިވާލާގެން ތި އުޅެނީ.. ނޭނގޭތަ މަ ހާސްވާނެ ވަރެއް؟" އާނިސް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. "ފޯނުގަ އަތެއް ނުލަން މިހާރު.." ފައުޒާ ވާހަކަ ދައްކަމުން ގެންދިޔައީ މަޑުމޮޅި ގޮތަކަށެވެ. އޭނާގެ ވާހަކަ އަޑު އަހާ މީހަކަށް އޭނާ އެ ވާހަކަ ދައްކަނީ ދައްކާ ހިތަކުން ނޫންކަން ވަރަށް ރަނގަޅަށް ދޭހަވާނެއެވެ. "އަހަރެން ބޭނުން މީޓް ކޮށްލަން.. ހަމަ މިހާރު.." އާނިސްގެ އެދުމަށް ފައުޒާ ދެކޮޅު ހެދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އާނިސް އެއްގޮތަކަށް ވެސް ގޮތް ދުލެއް ނުކުރިއެވެ. އެހެން ކަމުން ފައުޒާ އެންމެ ފަހުން އެއްބަސް ވިއެވެ.

އާނިސް: "އޯކޭ އެހެންވީމަ ދީބަލަ ފަތީން އަތަށް.."

ފަތީން: "ހަލޯ.. ކިޔާބަލަ.."

އާނިސް: "އޭ މަށާ ފައޫއާ މިއުޅެނީ މީޓް ވެލަން. ކަލޭ ވެސް ބުނީމެއްނު އޭނައަށް ޓައިމް ދޭށޭ.. ސަޕީޓިވް ވާށޭ.. އެހެންވީމަ ތި ގެޔަށް ވަދެލެވޭނެތަ؟ ދިސް އިޒް މީ ޓްރައިންގް ޓު ބީ ސަޕޯޓިވް"

ފަތީން: "އާނ އޯކޭވާނެ.. މަގޭ ރޫމްގަ ތިބޭނީ.. އޭރުން މަންމަމެން ހީކުރާނީ ކަލޭ މަކާރިއަށް އައީ ކަމަށް.."

އާނިސްގެ ފޯނު ކޯލް ނިމުނު އިރު އެ ކުދިންނަށް ވަނީ ގެއާ ހަމަޔަށް އާދެވިފައެވެ. ފައުޒާއާއި ފަތީން ގޮސް ވަނީ ފަތީންގެ ކޮޓަރިއަށެވެ. ގިނަ އިރުތަކެއް ނުވެ އާނިސް އަތުވެއްޖެއެވެ. އާނިސް ގެއިން ބޭރުގައި ހުރެފައި ފަތީންއަށް ގުޅުމުން ފަތީން ނުކުމެ އާނިސް ގޮވައިގެން ވަތްއިރު މާމަ ސިޓިން ރޫމްގައި ބަލަހައްޓައިގެން އިނެވެ.

އާނިސް ކޮޓަރިއަށް ވަނުމާއެކު ފައުޒާ ދުވެފައި އައިސް އާނިސް ގައިގައި ބައްދާލިއެވެ. "އަހާ މާބޮޑަށް ދެރަވީ ދޯ؟" އާނިސް މިހެން ބުނަމުން އޭނާގެ މޭމަތީ ބޯ އަޅައިގެން އޮތް ފައުޒާގެ މޫނަށް ބަލައިލިއެވެ. އެއިރު ފައުޒާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

"އޭ މަ މި ޖައްސާލަނީ ބޭރަށް.." އެ ދެކުދިންނަށް ވަގުތުކޮޅެއް ދިނުމުގެގޮތުން ފަތީން ކޮޓަރިން ނުކުންނަމުން ބުނެލިއެވެ

ފަތީން ނުކުމެ ބަދިގެއާ ދިމާއަށް ހިނގައިގަތް ވަގުތެވެ. "އޭއި ފާޑެއްގެ ސޮރެއް ގެނަސް ފައުޒާ ކޮޓަރީގަ އުޅެނިކޮށް ކޮޓަރިއަށް ލާފަ ދަރިފުޅު ތިދަނީ ކޮންތާކަށް؟" މާމަ އަނގަ ތަޅުވައި ގަތެވެ. "ޕިސްޕިސް.. މަ ނުދަމޭ ތާކަށް. އެއީ މަގޭ ކްލާސް ކުއްޖެއް. މާމަ ތި ކަހަލަ އެއްޗެހި ނުކިޔާ އިނދެބަލަ. އޭނައަށް އަޑުއިވިއްޖެޔާ އޭނަ ކިހާ ލަދު ގަންނާނެތަ." ފަތީން ވަރަށް ރުންކުރު ގޮތަކަށް މިހެން ބުނުމަށް ފަހު ގޮސް ބަދިގެއަށް ވަނެވެ.

އާނިސް ފައުޒާ ގޮވައިގެން އެނދުމަތީގައި އިށީނެވެ. ފައުޒާގެ ފިކުރުތައް އޭނާގެ ސިކުނޑިން ފުހެލަދޭން އާނިސް މަސައްކަތް ކުރިއެވެ. އާނިސް ފައުޒާއާ ގާތްވެލީ އެކަހެރި ތަނެއްގައި ތިބި ދެ ކުއްޖަކު ގާތްވެގެން ނުވާނެ މިންވަރަށެވެ. އެނދުގެ ފަޑިއާ ގާތުގައި އިށީނދެ އިން ފައުޒާގެ ކޮނޑުގައި ހިފާ އާނިސް އެނދުގެ ފަޑީގައި ޖައްސާލިއެވެ. އަދި މަޑުމަޑުން ފައުޒާގެ ކަރާއި ގާތްވެ ފައުޒާގެ ކަރަށް ބޮސްދިނެވެ. އެކަން ތަކުރާރުވާން ފެށުމުން އެކަންވީ ފައުޒާއަށް އުނދަގޫވިއެވެ. އޭނާ އާނިސްގެ މޭމަތީގައި އަތް އަޅުވާ، ގަޔާ ދުރުކޮށްލިއެވެ. އަދި އިންތަނުން ތެދުވިއެވެ. "ކިހިނެއްވީ؟" އާނިސް ސުވާލު ކޮށްލިއެވެ. ނަމަވެސް ފައުޒާގެ ޖަވާބެއް ނުލިބުނެވެ. ފައުޒާ ހުރީ އާނިސްއަށް ފުރަގަސްދީގެންނެވެ. ފައުޒާގެ ޖަވާބެއް ނުލިބުމުން އާނިސް ތެދުވެ ފައުޒާއާ ގާތްވެލިއެވެ. "ފައޫ... ބުނެބަލަ." އާނިސް ސުވާލުކޮށްލީ ފައުޒާގެ އެއްވެސް ޖަވާބެއް ނުލިބުމުން ކަންބޮޑުވެ ހުރެއެވެ. އެ ވަގުތު ފައުޒާ އެނބުރި އާނިސްއަށް ބަލައިލިއެވެ. އޭނާ ހުރީ ހާސް ވެފައެވެ. ހިތް ނުތަނަވަސްވެފައިވާކަން މޫނުމަތިން ދޭހަވެއެވެ. "ނޭނގެ." ފައުޒާ ބުނެލީ އެންމެ ޖުމްލައެކެވެ. އެ ޖަވާބުން އާނިސްގެ ހިތުގައި އުފެދުނީ ސުވާލު މާކެކެވެ. ފައުޒާއަށް ނޭނގޭކަމަށް އެ ބުނަނީ ކޮން އެއްޗެއް ބާއެވެ. ނަމަވެސް އާނިސްއަށް ޔަގީންވާ ކަމަކީ އާނިސް ގާތްވުމުން ފައުޒާއަށް އުނދަގޫވިކަމެވެ. "ފައޫއަށް އުނދަގޫވަންޔާ އަހަރެން އެ ގޮތަކަށް ނޫޅޭނަން." އާނިސް މިހެން ބުނެފައި އަނެއްކާވެސް ފައުޒާ ގޮވައިގެން އެނދުމަތީގައި އިށީނެވެ. ވާހަކަ ދައްކާލާށެވެ.

އާނިސް ވަރަށް ގިނަ ވާހަކަ ފައުޒާއާ ދެއްކިއެވެ. ފައުޒާއަށް ހިތްވަރުދީ ދިރިއުޅުމައިގެން ތެދުވުމަށް އާނިސް ވިސްނައިދިނެވެ. ވަރަށް ގިނައިރު އެ ދެކުދިން އެ ކޮޓަރީގައި ވާހަކަ ދައްކަން ތިއްބެވެ. އާނިސް ގެއަށް ދިޔައީ އިރު އޮއްސެން އުޅެނިކޮށެވެ.

އެ ރޭ ޓިއުޝަން ނިންމާލާފައި ނުކުތް ވަގުތެވެ. ފަތީންއާއި ޝިމާ ނުކުތީ އެކުއެކީގައެވެ.

ޝިމާ: "ކޮބާ އާނިސް.؟ ހަބަރެއްވިތަ؟"

ފަތީން: "އާނ މިއަދު ގެއަށް އައިސް ބުނި ދަމުން ގުޅާށޯ.."

ޝިމާ: "ތި ދެމީހުން އަންނަންވީނު 9 ޖަހަން ގާތްވީމަ އަހަރެމެންގެއަށް.. އަހަރެން މި ގަޑީގަ ގޮސް ބަލާނަން މަންމަ ކައިރިން މޮޅު ދޮގެއް ހަދާލެވޭތޯ.."

ގެއާ ދިމާއަށް މިސްރާބު ހުރި އެ ދެކުދިން ވާހަކަ ދައްކަމުން ދިޔައެވެ. އާނިސް ޓިއުޝަން ނަގަނީ ފަތީންއާއި ޝިމާ ޓިއުޝަން ނަގާ ގެއަކުންނޫނެވެ. އެހެންކަމުން ޓިއުޝަން ގަޑީގައި އެ ދެކުދިންނަށް އާނިސްއާ ދިމައެއް ނުވާނެއެވެ.

ފަތީން ގެޔަށް ދިއައީ ޝިމާ ގެއަށް ލާދީފައެވެ. ޝިމާ ގެއަށް ވަދެ އޭނާގެ މަންމަ މާރިޔާ ހޯދާލިއެވެ. މާރިޔާ އުޅުނީ ބަދިގޭގައެވެ. ޝިމާ ބަދިގެއަށް ވަނީ މަންމަ ކައިރިން ހަދާލާނެ މޮޅު ދޮގެއް ވިސްނާފައެވެ.

"މަންމާ.. އަހަރެން މިރޭ އެބަޖެހޭ އަދި ގްރޫޕު މަސައްކަތެއް ކުރަންދާން ފަތީންއާ އެއްކޮށް. އޯކޭތަ؟" ޝިމާ ހެދީ ދޮގެއްކަމެއް މާރިޔާއަކަށް ނޭނގޭނެއެވެ. "އާނ ދަރިފުޅާ މައްސަލައެއްނެތް. އެކަމަކު ފަތީންއާ އެކީ މާބޮޑަށް ސަކަރާތްޖަހާ ނުހަދާތި. އެގޭ އަނެއް ކުއްޖާ މަރުވީމަ އެ އާއިލާ މިހާރު އުޅޭނީ ވަރަށް ހިތްދަތިކޮށް." ޝިމާއަކީ ފަޒީން ދުނިޔޭގައި ހުރިއިރު ފަޒީންގެ ލޯބިވެރިޔާކަމެއް މާރިޔާ އަކަށް ނޭނގޭނެއެވެ

ފަތީން ގެއަށްގޮސް ވަގުތު ގުނަމުންދިޔައެވެ. ނުވައެއް ޖެހުމާ ގާތްވަމުން ދިޔަ ވަރަކަށް އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ފަތީން އާނިސްއަށް ގުޅީ ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވެފައި އޮއްވައެވެ

ފަތީން: "ކޮބާ ކަލޭ؟"

އާނިސް: "މަ މިހިރީ ރެޑީގަ. ކޮބާ ޝިމާ؟"

ފަތީން: "އޭނަ ބަލާ ދާންޖެހޭނީ.. އޭނަ ހުރީ ދާގޮތަށް. ކަލޭ ނުކުމޭ ބޭރަށް. މަ މި ކައިރި ކުރަނީ ތިގެއާ.."

ފާތީން ގެއިން ނުކުމެގެން އާނިސް މެންގެއާ ދިމާއަށް ހިނގަމުން އާނިސްއާއި ވާހަކަ ދެއްކިއެވެ. ފަތީންއާއި އާނިސް ޝިމާގެ ގެއަށް ދިޔައިރު އޭނާ ހުރީ އެ ދެ ކުދިންގެ އިންތިޒާރުގައެވެ. "މަ ބުނަންތަ ވާހަކައެއް.. އޭނަ ހުރެދާނެ ފާރަޔަށްވެސް.. އެހެންވީމަ އަހަރެން ދާނަން ކުރިން.. ކަލޭމެން އާދޭ އަހަރެންނަށްވުރެ ތަންކޮޅެއް ފަހަތުން." ޝިމާއާ އަރާ ހަމަވެފައި ފަތީން ބުންޔެވެ. މިހެން ބުނެފައި ފަތީން ކުރިއަށް ހިނގައިގަތް ވަގުތު ޝިމާ ފަތީންގެ އަތުގައި ހިފެހެއްޓިއެވެ. "ބިރު ނުގައްނައްޗެ! އޭނަ ކުރިމަތީ ބިރު ގަންނަކަން ނުދައްކަށްޗެ! ވަރަށް ކެރިފަ ހުންނާތި އިނގޭ.." ފަތީންއަށް ހިތްވަރެއް ދިނުމުގެ ނިޔަތުގައި ޝިމާ ބުނެލިއެވެ. "އެއީ ތެދެއް." އާނިސްވެސް ޝިމާގެ ވާހަކައަށް ބާރުދެމުން ބުނެލިއެވެ. އެ ވަގުތު ފަތީންގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. ޝިމާގެ ދުލުން ނުކުތް އެ ޖުމްލަތަކުން ފަތީންގެ ހިތްވަރު އާލާވެގެން ދިޔައެވެ. އެ ދެ އެކުވެރިން ފަތީންއާ މެދު ވިސްނާވަރު ފަތީންއަށް ހާމަވެގެން ދިޔައެވެ. ފަތީން ހިނގައިގަތީ ހިނިތުން ވެލާފައެވެ

ފަތީން ގޮސް އޭނާ ބުނި ބުރިޖު މަތީގައި ހުއްޓިލި އިރު ޝިމާއާއި އާނިސް ތިބީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ އެއްފަރާތަށް ވަދެ ފިލައެވެ. އެއީ ރަށުގެ އެންމެ އުތުރުފަރާތު މޫދުގައި އެޅިފައި ހުރި ބުރިޖެކެވެ. ބުރިޖު އެޅިފައިވަނީ ރަށާ ފަންސާސް ވަރަކަށް ފޫޓު ދުރުގައިއޮތް މީހުން ނޫޅޭ ފަޅު ސަރަހައްދާ ގުޅުވުމަށެވެ. މި ސަރަހައްދަކީ ރޭގަނޑު ގަޑީގައި ޅަޒުވާން އުމުރުގެ ކުދިން މާފޮޅުވަން އަންނަތަނެކެވެ. އެ ވަގުތު އެ މާހައުލުގައި ދިއްލާފައި ވަނީ ދޮންކުލައިގެ ނިދާބޮކިތަކެއް ފަދަ އަލިމަޑު ބައްތިތަކެކެވެ. ގަސްބޯކަމުން އެ ސަރަހައްދުން މާގިނަ ތަންތަނެއް ނުފެނެއެވެ. - އެޕިސޯޑް 5 ނިމުނީ -

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.