Advertisement

22 Jan 2024
ރިޕޯޓް
ޢަލީ ސުލައިމާން

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތެއް ނެތިފައި، މިނިސްޓަރ ނާޒިމް ދޫފުޅުއޮޅިދާނެތީ ބިރުފުޅުގެންފައި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުޙިއްމު ވަޢުދުފުޅަކީ އެމަނިކުފާނުގެ ސަރުކާރަކީ، ދެފުށްފެންނަ ސަރުކާރަކަށް ހެއްދެވުމެވެ. ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުއްވެވުމެވެ. ނޫސްވެރިން މެދުވެރިކޮށް ސަރުކާރުގެ ސިޔާސަތުތަކާއި މައުލޫމާތުތަކާއި ރައްޔިތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން ހާމަކޮށްދެއްވުމެވެ. މީޑިއާތަކަށް ފަހި މާހައުލެއް ބިނާކޮށްދެއްވައި، މީޑިއާތަކަށް ޚާއްޞަ މީޑިއާ ވިލެޖެއް ޤާއިމްކޮށްދެއްވުމެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ދެމަސް ދުވަސް ނިމިގެން ދިޔައިރު ފެންނަ މަންޒަރު ތަފާތުވެއްޖެއެވެ.

މީޑިއާތަކަށް ޚާއްޞަ ވިލެޖެއް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ބާރަށް އެބަ ކުރިޔަށް ގެންދަވައެވެ. އެކަމާއި ގުޅުން ހުރި އިދާރާތަކުން އެކަމުގެ މަސައްކަތްތައް އެބަ ކުރައްވައެވެ. އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދުވަހެއް ދުވަހަކަށް މިއަންނަނީ ދަތިވަމުންނެވެ. ޖަވާބު ދޭނެ ބޭފުޅެއް ނެތީއެވެ. ނޫސްވެރިންނާއި ބައްދަލު ކުރައްވާ ހަމައެކަނި ބޭފުޅަކީ، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ކަމުގައި ވާއިރު، ނޫސްވެރިންގެ ސުވާލުތަކާއި ގުޅޭ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި ނެތީއެވެ. އަދި ދޫފުޅު އޮޅިގެން ގޯސް އެއްޗެއް ވިދާޅުވެވި ދާނެތީ އެސުވާލުތަކަށް ޖަވާބުދޭން އެމަނިކުފާނު ބޭނުންފުޅުވެވަޑައި ނުގެންނެވީއެވެ.

"އަޅުގަނޑު ވަރަށް އިޙްތިރާމް ކުރަން، ތިޔަ ބޭފުޅުން ގިނަ މައުލޫމާތު ތިޔަހުރި ޝައުޤުވެރިކަމަށް. އަޅުގަނޑުވެސް ވީހާވެސް ގިނަ މަޢުލޫމާތު ރައްޔިތުންނަށް، ލިބުން އެއީ އެންމެ ރަނގަޅު ގޮތް. އެކަމަކު ލިބޭއިރު، ސައްޙަ ރަނގަޅު މައުލޫމާތު އެ އޮންނަ ރަނގަޅު ޗެނަލްއިން ދިޔުން. އަޅުގަނޑު ހަމަ ތަކުރާރުކޮށް މިދަންނަވަނީ، މިއަދު އަޅުގަނޑު މި މަޤާމުގައި ހުއްޓި މިހުރީ، މައުލޫމާތުތައް ހިފައިގެނެއްވެސް ނޫން. އެ މައުލޫމާތު ހޯދައިގެނެއްވެސް ނޫން. އެހެންވީމާ އެމައުލޫގައި އަޅުގަނޑު ވާހަކަދައްކަން އުޅެ ދޫއޮޅި ވާނުވާ ނޭނގި އެހިސާބަށްދާކަން އަޅުގަނޑުވެސް ނޭދޭނެ. ތިބޭފުޅުންވެސް އެންމެ ތެދު މައުލޫމާތު ނޫންކަމަށް ވަންޏާއި އެމައުލޫމާތު އެގޮތުގައި ހިއްޞާ ކުރާކަށްވެސް ބޭނުމެއް ނުވާނެ."

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް --

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް --

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް، 25 ޑިސެމްބަރުން ފެށިގެން ނޫސްވެރިންނާއި ބައްދަލުކުރައްވަން ފެއްޓެވީ، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ މައުލޫމާތު ޙިއްޞާކުރެއްވުމަށެވެ. ކޮންމެ ނޫސް ކޮންފަރެންސެއް ފައްޓަވަމުންވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރެއްވުމަށް ނާޒިމް އެދިވަޑައިގަތް އެދިވަޑައިގަތުމަށް ނޫސްވެރިން އިޖާބަވެސް ދިނެވެ.

އިއްޔެ ބޭއްވި ނޫސްކޮންފަރެންސަކީވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ ގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއް ނަމަވެސް، ރާއްޖޭގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ޖަވާބެއްދޭނެ މީހަކު ފެންނަން ނެތުމާއި އެކު ނޫސްވެރިންގެ ސުވާލުތައް އޮއްސާލީ ނާޒިމަށެވެ. ނާޒިމްގެ ބަސްފުޅަކީ އެއީ އެމަނިކުފާނުގެ ދާއިރާ ނޫންކަމަށެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ، ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. އެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރި ހުރިހާ ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. ދެގަޑިއެއްހާއިރު ނޫސްވެރިންނާއިއެކު ހޭދަކުރެއްވުމުން، ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދީ، ނޫސްވެރިންނާއި ގާތްގުޅުމެއް އޮންނާނެ ސަރުކާރަކަށް މިސަރުކާރު ވާނެ ކަމުގެ އުއްމީދުަތައް އާވިއެވެ.

05 ޑިސެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަރުޖަމާނެއް ނެތި މަހެއްހާ ދުވަސް ވާން ކައިރިވެފައި އޮއްވައި، ނޫސްވެރިންނާއި މީޑިއާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާރސަންއަކަށް ހަމަޖެއްސެވީ، ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޝަހީބެވެ. 

ޝަހީބު ނޫސްވެރިންނާއި ބައްދަލުކުރައްވާފައި ވަނީ، 14 ޑިސެމްބަރުގަޔާއި، 28 ޑިސެމްބަރުގައެވެ. 28 ޑިސެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު 31 ޑިސެމްބަރުގައި، ޗީފް ސްޕޯކްސް ޕަރސަންގެ މަޤާމުން ޝަހީބު ވަކިކުރައްވައި، ފޮރިން މިނިސްޓްރީގެ މަޤާމަކަށް ހަމަޖެއްސެވިއެވެ. ނުރަސްމީ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުަގައި ރައީސުލްޖުމްހޫރިއްޔާ ޝަހީބު އެމަޤާމުން ދުރުކުރެއްވީ، ނޫސްވެރިންނާއި އެކު އޮންނަ ގުޅުން ކުޑަވުމާއި، އެންމެ ރަނގަޅު މައުލޫމާތު ނޫސްވެރިންނަށް ފޯރުކޮށް ނުދެވުމުގެ އިތުރުން، ނޫސްވެރިން ޝަހީބަށް ކުރި ތުހުމަތުތަކާއި ގުޅިގެންނެވެ.

ޝަހީބު މަޤާމުން ވަކިކުރެއްވިތާ 3 ހަފްތާ ވީ އިރު އަލުން އެމަޤާމަށް ބޭފުޅަކު އައްޔަނުކުރައްވާފައި ނެތުމާއިއެކު ނޫސްވެރިންނާއި އާއްމުން ސަރުކާރުގެ ފަރާތުން އޮޅުން ފިލުވަން ބޭނުން މުހިއްމު ސުވާލުތަކަށް އޮތީ ޖަވާބެއް ނުލިިބިއެވެ.

ޗީފް ސްޕޯކްސް ޕަރސަންގެ މަޤާމަށް މުޙައްމަދު ޝަހީބު އައްޔަނުކުރެއްވުމާއި ގުޅިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިންތިހާއަށް ގޯސްވުމާއި ގުޅިގެން ހިނގަމުން އަންނަ ކަންކަމާއި ޗައިނާ ދަތުރުފުޅުގައި ހިނގި ކަންކަމާއި ގުޅޭ ގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދޭނެ މީހަކު ސަރުކާރުގެ ތެރޭގައި ނެތެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިންތިހާއަށް ގޯސްވެފައި އޮއްވައި، ޖެނުއަރީ 7 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ފުރާވަޑައިގެންނެވީ މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޗައިނާ ދަތުރުފުޅުގެ ފުރާވަޑައިގަތުން ކަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުވަތަށް ވެލާނާ އެއާޕޯޓަށް ދިޔަ ނޫސްވެރިން ހީކޮށްގެން ތިބީ އޭރުގެ މަޝްރަޙް އޮތް ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ކޮންމެވެސް އެއްޗެއް ވިދާޅުވާނެ ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިން ދުރުގައި ތިބެ ދެތިން ހަތަރު ފޮޓޯގަނޑު ނަގާފައި އަންނާށެވެ. އެހެންވެ އެރޭ ބައެއް ނޫސްވެރިން އެކަމާއި މެދު ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ނުރުހުންވެސް ފާޅުކުރިއެވެ.

ޗައިނާ ދަތުރުފުޅު ނިންމަވާފައި، ރައީސް ޑރ. މުޢިއްޒު މާލެ ވަޑައިގެންނެވީ، މެންދުރުފަހު 3 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. އެދުވަހުވެސް އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުކުރައްވައި، ދެއްވީ ނޫސްބަޔާނެކެވެ. އެބަޔާނުގައި ޗައިނާ ދަތުރުފުޅުގެ ވަރަށް ގިނަ ތަފްސީލްތައް ހާމަކުރެއްވި ނަމަވެސް އެއްވެސް ނޫސްވެރިއަކަށް ސުވާލެއް ކުރާނެ ފުރުޞަތެއް ނުދެއްވައި އަވަސް އަވަހަށް އެމަނިކުފާނު ވަޑައިގެންނެވީ، އެދުވަހު ކުރިޔަށް ދިޔަ މާލޭ ސިޓީ ކައުންސިލް ގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ލައްވާށެވެ.

ޗައިނާ ދަތުރުފުޅަށްފަހު ނޫސްވެރިންނަށް ޕްރެސް ސްޓޭޓްމެންޓެއް ދެއްވާފައި ރައީސް އެއާޕޯޓުން ނުކުމެވަޑައިގަންނަވަނީ--

އެހެން ނަމަވެސް ޗައިނާ ދަތުރުފުޅުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، ތުރުކީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ކޮޕް-28ގައި ބައިވެރިވެޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވިއެވެ. އަދި ވަަކިވަކި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުވެސް ރައީސް ޑރ. މުޢިއްޒުދެއްވިއެވެ. އެހެން ނަމަވެސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ހަމައެކަނި ނޫސްބަޔާނެއް ދެއްވާފައި ނިންމަވާލެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ތުރުކީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ކޮޕް-28ގައި ބައިވެރިވެވަޑައިގެންވުމަށް ކުރައްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުން --

ސަރުކާރުގެ އިދާރާތަކާއި މިނިސްޓްރީތަކުން ކުރާ ކަންކަމުގެ މައުލޫމާތު ފަސޭހައިން ނޫސްވެރިންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށްޓަކައި، ރައީސް މައުމޫނުގެ ސަރުކާރުގައި ފަންސަވީސް މާލަމް ތައްޔާރު ކުރި ގޮތަށް، މިސަރުކާރުން އަޑުގެ ސެނެކޯ މާލަމް ތައްޔާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތައް އެތަނުގައި ބާއްވާނެކަން ހާމަކުރެއްވިއެވެ. އެހެން ނަމަވެސް ދެތިން ޕްރެސް ކޮންފަރެންސަށްފަހު އެމާލަންވެސް އޮތީ ފަޅަށެވެ. 

ނޫސްވެރިން މިއަދު ކުރަން ހުރި ސުވާލުތައް ބައިވަރެވެ. އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ސުވާލުތަކެވެ. އިންޑިއާގެ ވެރިންނަށް މިސަރުކާރުގެ އިސްވެރިން ކުރިމަލާމާތާއި ފުރައްސާރައިގެ ސަބަބުން ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކާއި ގުޅޭ ސުވާލެވެ. އިންޑިއާ މޯލްޑިވްސް ހައިލެވެލް ކޮމިޓީގެ ބައްދަލުވުންތަކާއި ގުޅޭ ސުވާލުތަކެވެ. ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބޭނުން ނުކުރުމުގެ ސުވާލުތަކެވެ. ޗައިނާ އާއި އެކު ހެދި ބައެއް އެގްރިމެންޓްތަކާއި ގުޅޭ ސުވާލުތަކެވެ. ކުޑަކުއްޖަކު މަރުވުމުގައި އިހުމާލުވުންތަކެއް ފާހަގަވެފައި ވާތީ އެކަމާއި ގުޅޭ ސުވާލުތަކެވެ. ނޫސްވެރިން ކުރާނެ ސުވާލުތައް އެބަހުއްޓެވެ. އެކަމަކު ސަރުކާރުގައި އެސުވާލުތަކަށް ޖަވާބުދޭނެ މީހަކު ހުރިކަމަކަށް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.