މޯދީ ލަކްޝަދީބުގެ ރަށެއްގެ ގޮނޑުދޮށުގައި --
ދިވެހިރާއްޖެއާ ގުޅުވައި އިންޑިއާގެ ރައްޔިތުންނަށް މޯދީ މިދެއްވަނީ ކޮން މެސެޖެއް!
ދިވެހިރާއްޖެއަކީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން އިންޑިއާގެ މައްޗަށް ބަރޯސާވެފައި އޮތް ޤައުމަކެވެ. އިޤުތިޞާދީ ގޮތުންނާއި ސިއްޙީގޮތުން ތަޢުލީމީ ގޮތުންނާއި ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ދިވެހިރާއްޖެއާ އިންޑިއާގެ މެދުގައި އޮތީ، އެއްްޤައުމު އަނެއް ޤައުމާއި ދުރު ނުވެވޭފަދަ ގާތްގުޅުމެކެވެ. އެހެން ނަމަވެސް ރާއްޖޭގައި މަލްޓިޕާޓީގެ ސިޔާސީ ނިޒާމް ތަޢާރަފްވެގެން އައުމާއެކު، އެހާތަނަށް ރާއްޖެއިން ގެންގުޅެމުން އައި ތިލަފަތް ހަމަ ޚާރިޖީ ސިޔާސަތު އެއްކޮޅަކަށް ބަރުވެ އެކަމުގެ ގެއްލުމާއި ވޭނާއި ތަކުލީފާއި ހިތްދަތިކަން އޮތީ ދިވެހިރައްޔިތުންނަށެވެ.
އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރެއްގައި، އިންޑިއާ ކޮޅަށް ޚާރިޖީ ސިޔާސަތުގެ ތިލަފަތް ބަރުވެ ޗައިނާ ހަތުރަކަށް ވެގެން ދެއެވެ. ޕީޕީއެމްއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު، ޗައިނާގެ ކޮޅަށް ޚާރިޖީ ސިޔާސަތުގެ ތިލަފަތް ބަރުވެ އިންޑިއާ ހަތުރަކަށް ވެގެންދެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރި އިރު، އެންމެ ބޮޑަށް ދެއްކީ ޗައިނާއިން ފަޤީރު ޤައުމުތަކަށް ފައިސާއާއި ބޮޑެތި މަޝްރޫޢުތައް ދީގެން އިޤުތިޞާދީ އަޅުވެތިކަމާއި ދަރަނިވެރިކަމުގެ ތެރެއަށް ގެންދާ ވާހަކައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން 5 އަހަރުގެ ދައުރެއް ނިންމާލި އިރު، ރާއްޖޭގެ އިޤުތިޞާދަށް ދަތިކޮށް ސަރުކާރަށް ފިއްތުންތައް ކުރިމަތިވާނޭ ކަމެއް ޗައިނާ ސަރުކާރުން ކުރި މަންޒަރެއް ނުފެނެއެވެ. 5 އަހަރުގެ ދައުރު ނިމިދާންދެން ޗައިނާ އޮތީ ހިމޭނުންނެވެ. އިންޑިއާކަނޑުގައި ޗައިނާގެ ބާރު ގަދަ ކުރުމަށް އެޤައުމަށް ލިބެން އޮތް ފުރުޞަތަކަށް ބަލަބަލައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް އައުމަށްޓަކައި އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ވާހަކައެވެ. އަދި އިންޑިއާ އާއެކު ދިވެހިރާއްޖެއިން ހަދާފައިވާ އެތައް ސަތޭކަ އެއްބަސްވުމެއްގެ ސަބަބުން ޤައުމުގެ ސިޔާަތާއި އިސްތިޤުލާލަށް ގެއްލުން ވެދާނެ ވާހަކައެވެ. އިންޑިއާ އައުޓް ކެމްޕޭނުގައި ސީދާ ރައީސް ޑރ. މުޙައްމަދުވެސް ކުރިން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން އިންޑިއާ އައުޓް ކެމްޕޭނުގައި ---
ރައީސް ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުވެސް ދެ ހެލިކޮޕްޓަރާއި ރާޑަރުތައް ބަލަހައްޓަން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އެންގިއެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެގެން ދިޔައިރުވެސް އެކަމެއް ނުހިނގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަވެސް މަސައްކަތް ކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެއްވުމަށެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާ ސަރުކާރަށް ދަންނަވާފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭ ގޮތުން ދެޤައުމުގެ މެދުގައި މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ވާހަކަ ބުނުން ފިޔަވައި، އެކަމާއި ގުޅޭ އެއްވެސް އިތުރު މަޢުލޫމާތެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ޑޯނިއާ މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ގްރައުންޑްކޮށް އެތަކެތި ބޭނުން ކުރުން ހުއްޓާލާފައިވާކަން ވަނީ ފާހަގަވެފައެވެ، ރައީސް ޔާމީނުގެ ދައުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހަރުކުރި ރާޑަރ ސިސްޓަމްތައް ނިވާލި އިރު، މިސަރުކާރުން އެސިސްޓަމްތަަކަށް ހެދި ގޮތެއް ނޭނގެއެވެ.
މިސަރުކާރަށް 53 ދުވަސް ވީއިރު، މިއީ މިހާތަނަށް ރާއްޖެއާ އިންޑިއާގެ ގުޅުން އެންމެ ބޮޑަށް ގޯސްވެފައި އޮތް ސަރުކާރެވެ. އަދި ސަރުކާރުން ގޮތްދޫނުކޮށް އިންޑިއާއާ ފެއަށް ޖެހިގެން ރާއްޖެއަށް ލިބެން އޮތް މޮޅަކަށްވުރެ ލިބެން އޮތް ދެރަ ބޮޑުކަން އެއީ ކޮންމެ މީހަކަށްވެސް އެނގެން އޮތް ޙަޤީގަތެކެވެ.
ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަންނަވާ ޤައުމަކަށް ޗައިނާ ހަމަޖައްސަވައި، އާދިއްތަ ދުވަހު ފުރާވަޑައިގަންނަވާއިރު އިންޑިއާގެ މީޑިއާތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ. ރާއްޖެއާ އެންމެގާތް އެންމެ ޒަމާންވީ އެކުވެރިޔާގެ ގޮތުގައި އަދި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިވި ޤައުމުގެ ގޮތުގައި އިންޑިއާ ހިމެނޭ އިރު އިންޑިއާއަށް ވުރެ ޗައިނާ އިސްވުމާއި މެދު އިންޑިއާގެ މީޑިއާތަކުން ސުވާލުވެސް އުފައްދައެވެ.
އެއަށްވުރެ ބޮޑު އަނެއް ކަމަކަކީ، ޚައްޞާސް މި ދަނޑިވަޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ލަކްޝަދީބުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތާއި އެޒިޔާރަތުގެ މަންަޒަރުތައް ސޯޝަލް މީިޑިއާއަށް ދޫކޮށްލެއްވި މާނަފުން ގޮތެވެ.
ލަކްޝަދީބަށް އިންޑިއާގެ ބޮޑުވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --
މަލިކާއިއެކު ލަކްޝަދީބުގެ ރަށްތަކަކީ އެއްޒަމާނެއްގައި ދިވެހިރާއްޖޭގެ ރަށްތަކެއްގެ ގޮތުގައި ހިމެނިފައި އޮތް ނަމަވެސް މިއަދު އެއީ އިންޑިއާގެ ބެލެހެއްޓުމުގައި ދަށުގައި އޮތް އިންޑިއާގެ ޓެރަޓަރީއެކެވެ. ލަކްޝަދީބުގެ ރަށްތަކަކީ ދިވެހިރާއްޖެއާ އެއްވެސް ތަފާތެއް ނެތް ރަށްތަކެކެވެ. ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގައި ޕްރޮމޯޓް ކުރާ ހުރިހާ އެއްޗެއް ހަމަ އެހުރިގޮތަށް ލަކްޝަދީބުގައި އެބަހުއްޓެވެ. އަދި ދިވެހިރާއްޖެއަށް ނެތް ޚާއްސިއްޔަތުތައްވެސް ލަކްޝަދީބުގައި އެބަހުއްޓެވެ.
ސާފު ހުދު ދޮންވެލީގެ ތުނޑިތަކާއި ގޮނޑުދޮށްތަކާއި، ސާފު އަލި ބިއްލޫރިފަދަ ގޮނޑުދޮށާއި، ކުލަކުލައިގެ ރީތި މުރަކަތަކާއި އެތައްހާސް ބާވަތެއްގެ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ފަރުތައް ލަކްޝަދީބުގައި އެބަހުއްޓެވެ. ކިރުދޫނިތަކާއި ވައްލަ މާރަނގަ ހޯގުޅާ ވަޒަންވެރިވެ ބިސްއަޅައި ދިރިއުޅޭ ފިނޮޅުތަކާއި ތުނޑިތައް އެބަހުއްޓެވެ. ރާއްޖެއެކޭ އެއްފަދައި އިރުއަރައި އޮއްސޭ ރީތި ހިތްގައިމު މަންޒަރު، ރާއްޖެއެކޭ އެއްގޮތަށް ލަކްޝަދީބުގެ ކޮންމެ ރަށެއްގައިވެސް ފެނެއެވެ. ހޫނާއި ފިނި އެއްވަރުވުމާއި އެރަށްތަކުގެ މީސްކޮޅު މަދުކަމާއި، އެރަށްތަކުގެ ހަމަހިމޭންކަމާއި ސުލުހަވެރިކަން ދިވެހިރާއްޖެއާ އެއްވެސް ތަފާތެއް ނެތެވެ.
އިންޑިއާގެ ބޮޑުވަޒީރ ނަރެންދުރަ މޯދީ، ލަކްޝަދީބުގެ ރަށެއްގެ ގޮނޑުދޮށުގައި --
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެން ދިޔައިރު އަދި ފަތުރުވެރިކަމުގެ މައްޗަށް މުޅިރާއްޖޭގެ އިޤުތިޞާދު ބަރޯސާވެފައި އޮތް އިރު، ލަކްޝަދީބުގައި ރާއްޖެއެކޭ އެއްފަދައިން ފަތުރުވެރިކަން ތަރައްޤި ނުކުރީ އެކަން އިންޑިއާ ސަރުކާރަށް ކުރެވެން ނެތިގެން ނޫންކަން އެއީ ޤަބޫލުކުރަން ދަތިކަމެކެވެ.
އިންޑިއާ ސަރުކާރުން ލަކްޝަދީބާއި މެދު ގެންގުޅޭ ވިސްނުން ބަދަލުވެ، ރާއްޖޭގެ މޮޑެލް އަސްލަކަށް ބަލައިގެން ލަކްޝަދީބުގައި ފަތުރުވެރިކަން މިހާރު ވަނީ ފަށާފައެވެ. އެހެންވެ ލަހެއް ނުވެ، އިންޑިއާގެ ޓެރިޓަރީގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި ގޮތަށް ލަގްޒަރީ ރިޒޯޓުތަކާއި ހޮޓާތައް ހުންނާނެއެވެ. އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައިސް ހޯދާ ގުދުރަތީ ހިތްގައިމުކަމުގެ އުފާތައް ލަކްޝަދީބު ރަށްތަކުން ހަމަ އެގޮތަށް ލިއްބައިދޭނެއެވެ.
ޖެނުއަރީ ދެވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައިވެސް، މައިގަނޑު އަމާޒަކަށް ހެއްދެވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އިންޑިއާގެ ޓެރިޓަރީގައި ރާއްޖެއާ އެއްފަދަ މާހައުލެއް އޮތްކަން އަންގައި ދިނުމެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --
"ލަކްޝަދީބުގެ ޗާލުކަމުގެ އިތުރުން، މިރަށްތަކުގެ ހަމަހިމޭންކަން ވެސް ވަރަށް ކަމުދޭ. އޭގެ ސަބަބުން އިންޑިއާގެ 140 ކްރޯޑް މީހުންގެ ހައްގުގައި އިތުރަށް މަސައްކަތް ކުރާނެ ގޮތަކާ މެދު ވިސްނާލަން ފުރުސަތު ލިބުނު"
ލަކްޝަދީބުގެ ރަށެއްގެ ގޮނޑުދޮށުގައި އެއްތެޔޮ ސޯފާގޮނޑިއެއްގައި އިންނަވާ ފޮޓޯގެ ތަޢާރަފެއްގެ ގޮތުގައި މޯދީ ލިޔުއްވާފައި ވެއެވެ.
މީގެ އިތުރުން، ސްނޯކްލިންގައި އުޅުއްވާ ފޮޓޯތަކުގެ ތަޢާރަފަަކަށް ލިޔުއްވާފައި ވަނީ، ގުދުރަތީ ރީތިކަން ބަލާލަން ބޭނުންވާ ކޮންމެ މީހެއްގެ ލިސްޓުގައި ލަކްޝަދީބު ހިމެނުއްވުމަށެވެ. އަދި ސްނޯކްލިންގައި މޯދީ ކުރެއްވި ތަޖުރިބާއަކީ ވަރަށް ތަފާތު ތަޖުރިބާއެއްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ބުރާސްފަތި ދުވަހު، ލަކްޝަދީބުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި ވަޑައިގެންނެވީ، އަގައްތީއަށާއި، ބަންގަރަމް އަދި ކަވަރައްޓިއަށެވެ. ހެލިކޮޕްޓަރުގައި އެރަށްތަކުގެ މަތިން ނަގާފައިވާ ފޮޓޯތައް މޯދީ ޓްވީޓްކުރައްވައި އެރަށްތަކާއި ގުޅޭގޮތުން އުއްމީދުތައް އާކޮށްދެއްވިއެވެ.
ލަކްޝަދީބުގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ޝާއިއުކޮށްފައިވާ ވީޑިއޯ --
ލަކްޝަދީބުގައި ރާއްޖެއެކޭ އެއްގޮތަށް ފަތުރުވެރިކަން ތަޢާރަފްކޮށް ހިނގައިގަތުން ވެގެންދާނީ ރާއްޖެއަށް ކުރިމަތިވާނޭ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މިހާރުވެސް ރަތްކަނޑުގައި ރާއްޖޭގެ މޮޑެލަށް ސަޢޫދީ އަރަބިއްޔާއިން ދަނީ، ރަށްތަކެއް ހަދައި ފަތުރުވެރިކަމަށް ތައްޔާރު ވަމުންނެވެ. ގަތަރުންވެސް ރާއްޖޭގެ މޮޑެލަށް ޕާސިއަން ގަލްފުގައި ރަށްތަކެއް ހިއްކައިގެން ދަނީ ރިޒޯޓުތައް ތަރައްޤީކުރަމުންެނެވެ. އެހެން ނަމަވެސް އެތަންތަނަށްވުރެވެސް ރާއްޖެއާ ހުރިހާ ގޮތަކުންވެސް އެއްގޮތްކަން ބޮޑީ ލަކްޝަދީބެވެ.
ކޯވިޑް-19ގެ އާލަމީ ވަބާގައި ދުނިޔެ އޮތް އިރު، ރާއްޖޭގެ އިޤުތިޞާދި ހިފެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އިންޑިއާގެ ފަތުރުވެރިންނެވެ. މި ނިމިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމަކީ އިންޑިޔާއެވެ. ރާއްޖެއަށް ހުސްވި އަހަރު، 1.8 މިލިއަން ފަތުރުވެރިން އައި އިރު، އޭގެތެރެއިން 205،278 ފަތުރުވެރިންނަކީ އިންޑިއާގެ ފަތުރުވެރިންނެވެ. އެއީ 11.2 އިންސައްތައެވެ.
ރާއްޖެއަށް އިންޑިއާގެ ޓޫރިސްޓުން އައުން މަދުކުރުމާއި ގުޅޭ ގޮތުން އިންޑިއާގެ ގުރޫޕަކުކޮށްފައިވާ ޓްވީޓެއް!
އިންޑިއާ އާއި ފެއަށް ސަރުކާރުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދާއިރު އިންޑިއާއިން ނުސީދާ ގޮތުން މިދޭ މެސެޖަކީ، އިންޑިއާއިން ދިވެހިރާއްޖެއާ މާދުރަށް ފިޔަވަޅެއް އަޅައިފާނެ ކަމުގެ ސިގްނަލެކެވެ. އިންޑިއާގެ ރައްޔިތުން ދިވެހިރާއްޖެއަށް އަންނަން ޖެހޭނޭ ބޭނުމެއް ނެތްކަމުގެ ސިގްނަލެކެވެ.
އިންޑިއާގެ އެހީތެރިކަން ބޭނުންވަނީ ދިވެހިންނަށެވެ. އިންޑިއާއަށް ދިވެހިރާއްޖެ މުހިއްމު ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށެވެ. އެކަމަކު ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ ކުރިމަގަށް މިދަނީ ބަނަ ވިލާގަނޑެއްގެ ހިޔަނި އެޅެމުންނެވެ.