Advertisement

14 May 2023
ވާހަކަ

ނާކާ | އެފިސޯޑު - 2

ނާކާ | އެފިސޯޑު - 2

ރަނގަބީލުގެ އަޑާއެކު ހުރިހާ ކުދިން އަމިއްލަ ގޮނޑިއަށް ދިއައެވެ. ދިވެހި ގަޑި ނަގައިދެއްވަން މިއަދު ދުރުވީ މުޅިން އާ ޓީޗަރެކެވެ. އެއީ ވަރަށް ޒުވާން ޓީޗަރެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ފަން އިސްތަށިގަނޑެއް ލިބިފައިވާ އޭނާ ހުރީ އާދައިގެ އިސްކޮޅެއްގައެވެ. އޭނާގެ ހަމުގެ ދޮންކަމާއި މޫނު މަތީގެ ރީތިކަމުގެ ޖާދޫގައި ކުލާހުގެ ހުރިހާ ފިރިހެން ކުދިން ތިބީ ޖެހި އާގަމަވެފައެވެ. އެ މުދައްރިސް ދުރުވެ ހުރިހާ ކުދިންނަށް އޭނާގެ ތަޢާރުފެއް ދިނެވެ. އޭނާގެ ނަމަކީ ޙަލީމަތު ޝައިހާއެވެ. ކުރުކޮށް ބުނާނަމަ ޝައިހާ މިސްއެވެ. މީގެފަހުން ގުރޭޑް 12ގެ ހުރިހާ ކުލާހަކަށްވެސް ދިވެހި ކިޔަވާ ދެއްވާނީ އޭނާ ކަމަށް އޭނާ ބުނެލީ އޭނާގެ ތައާރަފު އިތުރަށް ފުރިހަމަ ކޮށްލުމުގެ ގޮތުންނެވެ. އެއަށްފަހު ފަހަރަކު ކުއްޖެއްގެ ނަން އެ މުދައްރިސް އަހަމުން ދިޔައެވެ. ކުއްޖަކަށް ފަހު ކުއްޖަކު ތަޢާރުފުވަމުން އައިސް ފަތީންއާ ހަމަވި ވަގުތު ފަތީން އޭނާގެ ނަން ބުނި މަޑުމައިތިރި ގޮތުން މުދައްރިސްގެ މޫނު މަތީގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ފަތީންއަށް ކަމެއް ދިމާވެފައިވާކަން މުދައްރިސްއަށް އެނގުނު ފަދައެވެ.

ކޮންމެއަކަސް އެކުވެރި މާހައުލެއްގައި ސުކޫލުގެ ގަޑިތައް ނިންމާލެވުނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ސުކޫލުން ނިކުމެގެން ގެއަށްދާން ފަތީން ހިނގައިގަތީ އާދައެކޭ އެއްފަދައިން ޝިމާއާ އެކުގައެވެ. ބޮޑުމަގާ އަރާ ހަމަވިވަގުތު  އާނިސް އެ ކުދިންގެ ފަހަތުން ހިނގާފައި އައިސް އެ ކުދިންނާ ހަމަކުރިއެވެ.

Advertisement

"ހެއި ބޭބް ކިހިނެއް؟" އާނިސް އެ ކުދިންނާ އަރާ ހަމަވި ވަގުތު ފަހަތުން އިވުނު އަޑަށް ތިން ކުދިންނަށް އެއްފަހަރާ ފަހަތަށް އެނބުރިލެވުނެވެ. ފަހަތުގައި ހުރީ ނަޒީހުއެވެ. އޭނާގެ ބަސް އަމާޒުވީ ޝިމާއަށްކަން އެ ތިން ކުދިންނަށް ވެސް އެނގުނެވެ. އޭނާގެ މޫނު ފެނިފައި ޝިމާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. "ބޭބް މަތިން ހާދަ މިސް ވިޔޭ މި ތިން ދުވަހު. ނުވެސް ފެންނަމެއްނު؟" ފަތީންމެނާ ގާތަށް ޖެހިލަމުން ނަޒީހު ޝިމާއާ ވާހަކަ ދެއްކިއެވެ. ފަތީން އިސްދަށަށް ޖަހައިގެން ހުރީ ނަޒީހުއާ ދިމާއަށް އެއްޗެކޭ ނުބުނެ ކެތްކުރާނަމޭ ހިތާއެވެ. "މިއަދު ތި ތިބީ ހާދަ މޫނު ފުސް ކޮށްގެންނޭ! ނުވެސް ގުޅޭ.. ތީ މާގައްޑާ ބައެއްނު.." އެ ތިން ކުދިންގެ ކުރިމަތީ ހުރެ ނަޒީހު ވާހަކަ ދައްކަމުން ދިއަ އިރު ފަތީންއާއި ޝިމާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ނޭވާ ދިޔައީ ބާރު ވަމުންނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ކެތް ކޮށްގެން އެ ކުދިން ތިއްބެވެ. "ކިހިނެއް ވީހޭ ފަތީނޫ މާ މަޑުން ތި ހުންނަނީ؟ ކޮބާތަ ތިގުރޫޕު އެންމެ ބޮޑު ގައްޑާ؟ އޭނަ ކާރި ބުނެބެ މަ އެބަ ގެޅެއޭ ޝިމާއާ. އަންނާށޭ މަ ބުރުވާލަން." ނަޒީހްގެ އަނގައިން ފަޒީންގެ ވާހަކަ ފެށުމުން ފަތީންގެ ރުޅިގަނޑު ކޮންޓްރޯލް ނުވާ ހިސާބަށް ދިޔައެވެ. ފަތީން އިސްއުފުލާ ނަޒީހުއާ ދިމާއަށް ބަލާލިއެވެ. ފަތީންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެ ވަރުންވެސް ނަޒީހު ދުލެއް ނުކުރިއެވެ. "އޮއޯ.. އަދި މިހިރީ ހަނދާން ނެތިފައޭ. އޭނަ އޭނާގެ މަގާމަށް ގޮއްސިއެންނު ދޯ.. އެ ބަލާއިން ވެސް މި ސަލާމަތް ވީ.. ހަހަހަ..." އެއަޑު އަހާފައި ފަތީންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ކަލޭ ކީކޭ ކިޔަންތަ ތި އުޅެނީ؟؟ މަގޭ ބޭބެ މާރާލާފަ ހަޔާތް ކުޑަ އެބަ ހުއްޓެއްނު ހެވިފަ. ކަލޭ ހީކުރީ މަށަށް ނޭނގޭނެ ކަމަށްތަ.؟ މަގޭ ބޭބެ މަރާލާފަ ކަލޭ ތިހެން ހުއްޓަކަ ނުދޭނަން ހަނދާން ކުރާތި!" ނަޒީހުގެ ކަރުގައި ހިފައި ޖެހިގެން ހުރި ގޭގެ ބިތުގައި ބަންލާފައި ޖެއްސި އިރު ފަތީންއަށް އޭނާ ހުރީ މަގުމަތީގައި ކަންވެސް އިހުސާސް ނުކުރެވޭ ކަހަލައެވެ. ނަޒީހު ވެސް ދިފާއުގައި ފަތީންއަށް ހަމަލާ ދޭން ފެށިއެވެ. އެކަކު އަނެކަކަށް ހަމަލާ ދޭން ފެށީ ގޮށްމުށުގެ ބާރުންނެވެ. އެ މަންޒަރު ބަލަން ކައިރީގައި އާނިސްއާއި ޝިމާ އަކަށް ނުތިބެވުނެވެ. އެ ދެ ކުދިން ފަތީންއާއި ނަޒީހު ދުރުކުރުވިއެވެ. ނަމަވެސް އެ ދެމެދުގައި އުފެދިފައިއޮތް ކޯޅުން ގަނޑު ހުއްޓުނުއިރު ނަޒީހުގެ ނޭފަތުން ވަނީ ލޭ އައިސްފައެވެ. ފަތީންގެ ޔުނީފޯމުގެ ބާމަތިން ތަންގަނޑެއް ވަނީ އިރައިގެން ގޮސްފައެވެ. "ކަލޭ ހަނދާން ބަހައްޓާތި ކާކާކަން ތި ކުޅެވުނީ.." އެ ތަނުން ދުރަށް ދަމުން ނަޒީހު ދިޔައީ ފަތީންއަށް އިންޒާރެއް ދެމުންނެވެ.

ފަތީން ގެޔާ އަރާ ހަމަވިއިރު ގޭގެ ދޮރުމަތީގައި ދެ ފުލުހަކު ތިއްބެވެ. އެ މީހުން ތިބީ ފަތީންމެން ގޭގެ ދޮރުގައި ޓަކިތަޅާށެވެ. ފަތީން އެ މީހުނާ އަރާ ހަމަވި ވަގުތު އެ މީހުން ފަތީންގެ މަންމައާއި ބައްޕައަށް ގޮވައިދިނުމަށް އެދުނެވެ. ފަތީން ގެއަށް ވަދެ މަންމައާއި ބައްޕަ ހޯދާލިއެވެ. އެ މީހުން ތިބީ ކޮޓަރީގައެވެ. ފައުޒާ ކޮށްކޮވެސް މަންމަމެން ކޮޓަރީގައި އިނެވެ. ފަތީން ފެނުމާއެކު އެންމެ ފުރަތަމަވެސް މަންމަ ސުވާލު ކުރީ ފަތީންގެ ޔުނީފޯމަށް ވެފައި ހުރި ގޮތަކާ ބެހޭގޮތުންނެވެ. ފަތީންގެ އިސްތަށިގަނޑު ހޭވި، ޔުނީފޯމު އިރައިގެންގޮސް، މޫނުމަތި ރަތްވެފައި ހުރުމުން ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް ފާތުމާއަށް ވިއެވެ. ނަމަވެސް ފަތީން ބޭނުންވީ އެ ވާހަކަ ނުދައްކާ ހިންދާލާށެވެ. އެ ގޮތުން ފަތީން ފުލުހުންގެ ބަޔަކު ފާތުމާއާއި އިބުރާހިމް ހޯދަން އައިސް ތިބި ވާހަކަ ބުންޔެވެ. އެ ވަގުތު ފާތުމާއާއި އިބުރާހިމް ގޭގެ މައި ދޮރާ ދިމާއަށް ނުކުތެވެ. އެ ދެމީހުންގެ ފަހަތުން ފަތީންއާއި ފައުޒާވެސް ނުކުތެވެ.

"އަޅުގަނޑުމެން މި ތިބީ ފަޒީން އަލީ އިބްރާހިމްގެ މަރާ ބެހޭ ގޮތުން ތަހުގީގަށް ބޭނުންވާ ބައެއް މަޢުޟޫމާތު ސާފު ކުރަން ބޭނުންވާތީ ފަޒީން އަލީ އިބުރާހިމްގެ މަންމައާއި ބައްޕަ ހޯދަންވެގެން" ޕޮލިސް އޮފިސަރެއް ކަމުގައިވާ ސަމާހު އެ މީހުންގެ ބޭނުން އޮޅުން ފިލުވައިދިނެވެ. "މީ ފަޒީންގެ މަންމައާއި ބައްޕަ އަކީ.." އިބްރާހިމް އެމީހުނަށް ޖަވާބު ދިނެވެ

ފާތުމާއާއި އިބްރާހިމް ފުލުހުންގެ ޖިޕަށް އަރުވައިގެން ގެންގޮސް ބެއިތިއްބުނީ ފުލުސް އޮފީހުގެ މައިގޭތެރޭ ހުރި ސޯފާއެއްގައެވެ. އެ ތަނުއި ބައި ގަޑީރެއްހާއިރު ބެއިތިއްބުމަށް ފަހު އިބްރާހިމް ސުވާލު ކުރާ ކޮޓަރިއަށް ގެންދެވުނެވެ. އެއީ ފާރު ބިތެއްގައި ގާތްގަނޑަކަށް 6 ފޫޓެއްހާ ފުޅާމިން ހުރި ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ކުޑަ މޭޒެއް ބެހެއްޓިފައި ހުއްޓެވެ. އެ މޭޒުގެ ދެފަރާތުގައި ދެ ގޮނޑިވެސް ހުއްޓެވެ. އިބްރާހިމް ގޮވައިގެން އެ ކޮޓަރިއަށް ވަތް ފުލުސް މީހާ އޭނާ އިށީންނަންވީ ގޮނޑި ދެއްކިއެވެ. އިބުރާހިމް އެ ގޮނޑީގައި އިށީންދެ އިންއިރު އޭނާގެ މޫނާ ކުރިމަތި ވާގޮތަށް ކެމެރާ އެއްވެސް ބެހެއްޓިފައި ހުއްޓެވެ. ފުލުސް މީހާ އިބުރާހީމުގެ ކުރިމަތީ އިން ގޮނޑީގައި އިށީނދުނީ އެ ކެމެރާ އޮން ކޮށްފައެވެ.

"އަޅުގަނޑަށް ކިޔަނީ ސަމާހު އަބޫ ބަކުރު. ހީވާގޮތުން ބޭބެ އަޅުގަނޑު ދަންނާނެ. އަޅުގަނޑަކީ ބޭބެގެ ދަރިފުޅުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމާ މި އޮފީހުން ހަވާލު ވެގެން ހުރި އޮފިސަރ." ސަމާހު ވާހަކަ ދައްކަމުން ދިޔައިރު އިބުރާހިމް އޭނާގެ ވާހަކަތަކަށް ތަންދެމުން ބޯ ޖަހާލަޖަހާލަ އިނެވެ. "އިބްރަހިމްބެއަށް އެނގިގެން ފަޒީންއަށް އެވަރު އަނިޔާއެއް ދޭނެ މިހާކު، ވާހަކައަކީ ފަޒީންގެ އެވަރުގެ ހަތުރަކު ހުރޭތަ؟" ސަމާހު އޭނާގެ ފުރަތަމަ ސުވާލު ކޮށްލިއެވެ. "ނޫން. ނޭނގެ" އިބްރާހީމް ޖަވާބު ދިނީ ޝައްކެއްގައި އިނދެއެވެ. "ދެން އަޅުގަނޑު ބަލާލަން ބޭނުންވަނީ ފަޒީން ގެއްލުނުރޭ އޭނާ ދިޔައީ ކޮން ތަނަކަށް ކަން އިބްރާހިމްބެއަށް އެނގޭތޯ؟" ސަމާހު ކޮށްލީ އިބުރާހީމަށް ޖަވާބު ނޭނގޭ ސުވާލެކެވެ. "ނޫން. އޭނަ ފަހަށްފަހަށް އައިސް ސިނގިރޭޓު ބޯކަން އަޅުގަނޑަށް އެނގުނީމަ އަޅުގަނޑު އެ ކަމާ ހިތްހަމަ ނުޖެހިގެން އެ ދުވަހުގެ އިރު އޮއްސުން ވަފުތު އޭނަޔާ ދިމާއަށް ވަރަށް އެއްޗެހި ކީން. އޭނަ އިސްލާހު ކުރަން. އެކަމަކު އޭނަ އެ ކަމާ ހިތްހަމަ ނުޖެހިފަ ހުރީ އެރޭ. އެކަމާ އެރޭ އޭނަ އަޅުގަނޑާ އަނގައިން ނުބުނެ ހުރެފަ ގެއިން ނުކުމެގެން ދިޔައީ އެރޭ 9 ވެސް ޖެހި ފަހުން. އާންމުކޮށް އޭނަ ބޭރުގަ އުޅޭނެ 10 ޖަހަންދެންވެސް ރަށްޓެހިންނާއެކު. މީހަކަށް ގެއްލުމެއް ލިބޭވަރުގެ ގޯސް ކަމެއް ނުކުރާތީ އަޅުގަނޑު ނުވެސް ގުޅަން ރޭގަނޑު ބޭރުގަ އުޅޭ އިރު ގެޔަށް އަންނާށޭ ކިޔާގެނެއް. އެހެންވީމަ އެރޭވެސް އޭނަ ބޭރުގަ ކުރާ ކަމެއް ކޮށްލާފަ އަންނާނެ ކަމަށް އަޅުގަނޑު ނުވެސް ބަލަން ދިޔައީ ކޮން ތަނަކަށްތޯ ވެސް." މި ގޮތަށް އެތަށް ވާހަކައެއް އިބްރާހިމް ސަމާހު އާއި ހިއްސާކުރިއެވެ

އިބުރާހިމްގެ ފަރާތުން ކުރަން ހުރި ހުރިހާ ސުވާލެއް ކޮށް ނިމުމަށްފަހު ފާތުމާ އެ ކޮޓަރިއަށް ވެއްދުނެވެ. ފާތުމާގެ ފަރާތުންވެސް ސަމާހު އިބުރާހިމާ ކުރި ހުރިހާ ސުވާލެއް ކުރިއެވެ. ނަމަވެސް ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭފަދަ ޖަވާބުތަކެއް ފާތުމާގެ ފަރާތުންނެއް ނުލިބުނެވެ. ފާތުމާގެ ފަރާތުންވެސް ލިބުނީ ހަމަ އިބުރާހިމްގެ ފަރާތުން ވެސް ލިބުނު މަޢުޟޫމާތުތަކެވެ. ފަޒީން އެރޭ ގެއިން ނުކުމެގެން ދިޔައީ ބައްޕަދެކެ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ކަމަށް ފާތުމާ މަޢުޟޫމާތު ދިނެވެ. އަދި ފާތުމާ ބުނާ ގޮތުގައި ފަޒީން ރޭގަނޑު ބޭރަށް ދިޔަޔަސް 10 ޖަހާލީމަ ގެޔަށް އަންނާނެއެވެ. އެހެންކަމުން އިބުރާހިމާއި ފާތުމާގެ ވާހަކައަށް ބަލާފައި އެރޭ ފަޒީން ނުކުމެގެން ދިޔައީ ބައްޕަދެކެ ހިތްހަމަ ނުޖެހިފައި ހުރީމަ ކަމެއް ނޫނީ އާދައެކޭ އެއްގޮތަށް ނުކުމެލީ ކަމެއް އަދި ޔަގީން ކުރާކަށް ނޭނގެވެ. އެކަން ދެނެގަތުމަށްޓަކައި އެރޭ ބޭރުތެރެއިން ފަޒީނުއާ ދިމާވި މިހުނާ ސުވާލު ކުރަން ޖެހޭނެއެވެ. އަދި އެރޭ ފަޒީނު އުޅެފައި ހުރި ތަންތަންވެސް އޮޅުން ފިލުވަން ޖެހޭނެއެވެ.

*******************

ގަޑިން އިރު އޮއްސި ހަތެއްޖެހި އިރު ފަތީން އުޅުނީ ޓިއުޝަނަށްދާށެވެ. ގަޑިޖެހޭތީ އަވަސްކުރަން އޭނާ އުޅުނު ގޮތުން ހީވަނީ ފުލުގައި ރޯވެގެން އުޅުނުހެނެވެ. މި ރޭ ވެސް ފަތީންއަށް މި ދެވެނީ ގަޑި ޖެހިގެންނެވެ. އަލަމާރީގައި ގުޅަޔަކަށް ޖަހާފައިއޮތް ގަމީސް ނަގާ ގަޔަށް ލައިގެން ދަބަހުން އަތުޖެހުނު ފޮތެއް ނަގައިގެން ފަތީން ކޮޓަރިން ނުކުތީ އަވަސް ކޮށްފައި ޓިއުޝަނަށް ދިއުމަށެވެ. "މި ރޭ ވެސް ތި ދަނީ ގަޑިޖެހިގެންދޯ..؟ ދަރިފުޅުގެ ތި އާދަ ކެނޑޭނި ކޮން ދުވަހަކުންބާ!" ސިޓިންރޫމްގައި ޤުރުއާން ކިޔަވަން އިން މާމަ ފަތީން ފެނިފައި ބުންޔެވެ. މާމަ ކިތަންމެ މުސްކުޅި ވެފައި އިނަސް ފަތީން މެންގެ ހުރިހާ ކަމެއް މާމައަށް އެނގޭނެއެވެ. އަދި ފަތީންމެން އުޅޭނޫޅޭ ގޮތާ އަބަދުވެސް މާމަ އިންނާނީ ފާޑު ކިޔަކިޔައެވެ. އެކަމާ ބައެއް ފަހަރު ފަތީން ވަރަށް ހިތްހަމަ ނުޖެހެއެވެ. މާމަ ދެއްކި ވާހަކަ އަކަށް ސަމާލުކަމެއް ނުދީ ފަތީން ގެއިން ނުކުމެގެން ހިނގައިގަތެވެ.

ހަލުވި ހިނގުމެއްގައި ޓިއުޝަންދޭ ގެއާ ދިމާއަށް ހިނގާފައި ދިޔަ ފަތީންއަށް ހުއްޓެވުނީ އޭނާގެ ފަހަތުން ދުއްވާފައި އައި ތިން ސައިކަލެއް އޭނާގެ ވަށާލީމައެވެ. އެ ތަނުން އެއް ސައިކަލުގައި އިނީ ނަޒީހުއެވެ. ނަޒީހު ފެނުމާއެކު މިއީ ނަޒީހުގެ ރޭވުމެއްކަން ފަތީންއަށް އެނގުނެވެ. އެ ވަގުތު ފަތީން އޭނާ މަޑުކޮށްލައިގެން ހުރި މަގުގެ ދެފަރާތަށް ނަޒަރު ހިންގައިލިއެވެ. މަގުމަތީގައި އެ ކުދިން ފިޔަވައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މި ދަނޑިވަޅު ނަޒީހުއާއި ނަޒީހުގެ ރައްޓެހިން ފަތީންއަށް ކޮންމެ ފަދަ ކަމެއް ކުރިޔަސް ސަލާމަތް ކޮށްދޭނެ މީހަކު ނުހުންނާނެއެވެ.

"މާބާރަށް ދާނެ ކަމެއް ނެތް." ނަޒީހު އޭނާ އިށީނދެގެން އިން ސައިކަލު ޕާކު ކުރުމަށްފަހު ތެދުވަމުން ބުނެލިއެވެ. ފަތީން ގަނެފައި ހުރި ބިރުން އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. "މަ ބުނިން ދޯ ކަލޭ ކައިރީގަ ނުބައި މީހަކާ އޭ ކަލެޔަށް ތި ބެހެވުނީ. މަ އެބަ އުޅެންތަ ހޭބަލިވެގެން ކައޭ ބޭބެ މަރާލަން. ކަލޭ ނިކަން އަދި އެއްފަހަރު ބުނެބެ މަށޭ މަރާލީ.." ފަތީންއާ ހަތަރު ކަޅި ހަމަކޮށްގެން ހުރެ ނަޒީހު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމުގެ އިންތިހާއެވެ. ފަތީން ގެންފައި ހުރި ބިރު ބޮޑުވަމުންދިޔައެވެ. ނަޒީހުގެ ކޮންޓްރޯލުން ނައްޓަމުން ދިޔަ ރުޅިގަނޑުގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ފަތީންއަށް އެނގެއެވެ.

"ކަލޭ ނިކަން ބުނެބަލާށޭ އަދި އެއްފަހަރު މަށޭ ކަލޭ ބޭބެ މަރާލީ.." ނަޒީހު ހަޅޭލަވާގަތެވެ. ކައިރީ ހުރި 2 ސައިކަލުގައި އިން ދެ ފިރިހެނުން ހެމުން ގެންދިޔައެވެ. ފަތީން ބޭނުންވީ އޭނާ ބިރު ނުގަންނަކަން ބޭރުފުށުން ދައްކާށެވެ. "އާނ.. ކަލޭ މަގޭ ބޭބެ މަރާލީ.." ފަތީން ދިފާއުގައި ވާހަކަ ދެއްކި އިރު އޭނާގެ އަޑު ތުރުތުރުއަޅައެވެ. އެ ވާހަކަ އަޑުއިވިފައި ނަޒީހުގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ނަޒީހުގެ އަތުގެ އިޝާރާތަށް ސައިކަލުތަކުގައި އިށީނދެ ތިބި ދެ މީހުން ތެދުވެގެން އައެވެ. އެ ވަގުތު އެ ތިން މީހުން އެކީ ފަތީން ގައިގައި ތަޅަން ފެށިއެވެ. ދިފާއުގައި ފަތީންއަށް އެއްވެސް ހަމަލާއެއް ނުދެވުނެވެ. އެއަށްވުރެން އެމީހުންގެ ބާރު މާގަދައެވެ. "ދެންވެސް ކަލޭ މާ އަނގަ ދިޔާ ވެގެން ނޫޅެއްޗޭ.. ތިއީ ކާކުތަ މަ ކައިރިން ފުއްޕަން. ކަލޭ ބޭބެ މަރާލުން އެއީ ނެސެސަރީ ކަމެއްވެސް ނޫން މަ ޝިމާ ސެޓު ކުރަން. އެ ސޮޑު ގޮލާ ކައިރިން މަ ޝިމާ އަތުލައިގަތީސް ކަލޭ ބޭބެ ދުނިޔޭގަ ހުއްޓަސް. ދެން ކަލޭ ކޯޗެކޭ ތި ކިޔަނީ..؟" ފަތީންގެ ގައިގައި ތަޅަމުން ގެންދިޔައިރު ނަޒީހު އެތައް އެއްޗެއް ގޮވަމުން ގެންދިޔައެވެ. ފަތީންއަށް އޮތީ އެއްޗެއް ބުނާނެ ހިތްވަރުވެސް ނުލިބިފައެވެ. އެ މީހުން ދިޔައީ ފަތީން ބިންމަށްޗަށް ވައްޓާލާފައެވެ. ފަތީންގެ ގައިގެ އެތަންމިތާ ތަޅައި އެތަން އަނިޔާއެއް ކޮށްފައެވެ

އެ މީހުން ދިޔައިރު ފަތީންގެ ބޯ ވަނީ ދުޅަވަފައެވެ. ބޮލަށް ވަނީ ވަރަށް ބޮޑަށް އެނބުރުން އަރާފައެވެ. އޭނާ ތެދުވަން މަސައްކުރި ނަމަވެސް ތެދުވެވޭނެ ހިތްވަރެއް ހަށިގަނޑަކު ނެތެވެ. އޭނާގެ ދެ އަތް ވެސް ވަނީ ފުރަގަހަށް ލަންބާލެވި ވަރަށް ބޮޑަށް އަނިޔާވެފައެވެ.

***************** 

ފަތީންއަށް ދެލޯ ހުޅުވާލެވުނުއިރު އޭނާ އޮތީ ކޮޓަރިއެއްގައެވެ. ފަތީން ރަނގަޅަށް އެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއީ އަގުބޮޑު ޒަމާނީ ފަރުނީޗަރުން ޒީނަތް ކުރެވިފައިވާ ރީތި ކޮޓަރިއެކެވެ. އެ ކޮޓަރީގައި އޭނާގެ އިތުރުން އެއްވެސް މީހަކު ނެތެވެ. އޭނާ އޮށޯވެ އޮތް އެނދުގެ ބޯކޮޅުގައި ބެހެއްޓިފައި ހުރި މޭޒު މަތީގައި ގަނޑުފެންގަނޑަކާއި ރުމާލެއް ބޭއްވިފައިއޮތެވެ. އޭނާ މި އޮތީ ކޮންތާކުބާއޭ އޭނާ ހިތާހިތާ ސުވާލު ކޮށްލިއެވެ. އެ ވަގުތު އެ ކޮޓަރީގެ ފާޚާނާގެ ދޮރު ހުޅުވާލި އަޑު އޭނައަށް އިވުނެވެ. އޭނާ ވަގުތުން އެ ދިމާއަށް ބަލާލިއެވެ. އެ ދޮރުން ކޮޓަރިއަށް ނުކުތީ އަންހެނެކެވެ.

-ދެވަނަ އެޕިސޯޑް ނިމުނީ-

ކޮމެންޓް
އިތުރު އާޓިކަލް
08 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑޯޓުމަންޑުން ހޯދައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑުން ހޯދައިފިއެވެ. ފައިނަލުގެ މި ޖާގަ އެ ޓީމުން ކަށަވަރުކުރީ ސެމީ ފައިނަލުގެ ދެވަނަ ލެގު 1-0 އިން ކާމިޔާބުކުރުމަށްފަހުއެވެ.
07 May 2024
ޚަބަރު
އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ކްރިމިނަލް ކޯޓުން ނޫންކަމުގައި އެކޯޓުން ބުނެފި
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ ފަރާތުން ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެމީހާ ކޯޓަށް ހާޟިރުކުރުމުން، ޝަރުޠުތަކަަކާއި އެކު ކޯޓުން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާ ހާޟިރު ކުރީ ކޮން ކޯޓަކަށް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
07 May 2024
ޚަބަރު
އެމްއޭސީއެލްގެ އެމްޑީގެ ކާރުވަގަސް ނެގިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފި
އެވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އެކަމާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
07 May 2024
ޚަބަރު
ސަފީރުކަމުގެ މަޤާމަށް 9 ބޭފުޅަކު ޢައްޔަނުކުރައްވައިފި
މިބޭފުޅުން ސަފީރުންގެ މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.