ދެ އަހަރެއްހާ ދުވަހުން ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ ރޭޓު 15.42 އަށް ގެނެވޭނެ: މިނިސްޓަރ ސައީދު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ކަޅުބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގު 15.42ރ. އަށް ތިރިކުރެވޭނެ ކަމަށާއި، އެކަން ކުރައްވަން އެނގިވަޑައިގަންނަވާކަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް، އަލްފާޟިލް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހައްދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.