Advertisement

1948 ގައި ފަލަސްތީނުގެ އަރަބިން އެމީހުންގެ ވަޒަން ދޫކޮށް ދާ މަންޒަރު، އޮރިޖިނަލް ފޮޓޯ: ރޮއިޓަރސް / ގްރެފިކްސް: ނޫން

11 Oct 2023
ދުނިޔެ

ފަލަސްތީނުގެ ބިން ޔަހޫދީން ފޭރިގަންނަންފެށީ ކޮންއިރަކު؟

1948 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އިސްރާއީލަކީ ވަކި ދައުލަތެއްގެ ގޮތުގައި އޭރު ފަލަސްތީނަށް އަނިޔާވެރިކަމާއެކު ވެރިވެގަނެގެން އުޅުނު ޔަހޫދީން ކަނޑައެޅި ނަމަވެސް، އޭގެ މާކުރިން ވެސް ޔަހޫދީން ދިޔައީ އަނިޔާވެރިކަމާއެކު ފަލަސްތީނުގެ މީހުން އެމީހުންގެ ވަޒަނުން ފައްސާލާ، އެ ގައުމުގެ ޝަހަރުތައް ލޫޓުކޮށް، އެ ގައުމުގެ ރައްޔިތުންގެ އަތުން އެމީހުންގެ ބިންތައް ފޭރެމުންނެވެ

ޔަހޫދީންގެ އަނިޔާވެރިކަމުގެ އެންމެ ބިރުވެރި ދުވަސްތަކަކީ 1947 ވަނަ އަހަރާއި 1949 ވަނަ އަހަރާއި ދެމެދެވެ. މި މުއްދަތުގައި އޭރު ފަލަސްތީނުގެ 1.9 މިލިއަން އާބާދީގެ ތެރެއިން 750،000 މީހުން ވަނީ އެމީހުންގެ ވަޒަނުން ނެރި ރެފިއުޖީންނަށް ހަދާފައެވެ. އަދި ފަލަސްތީނުގެ އާސާރީ ބިންތަކުގެ %78 ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔައެވެ. މީގެ އިތުރުން އެ މުއްދަތުގައި ފަލަސްތީނުގެ 530 އެއްހާ އަވަށްތައް ސުންނާފަތިކޮށް، ޔަހޫދީން ހިންގި ގަތުލްއާންމުތަކުގައި ގާތްގަނޑަކަށް 15،000 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވެއެވެ.

ޒިއޮނިސްޓް މޫވްމެންޓް، ނުވަތަ ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމްކުރުމުގެ މަސައްކަތް 19 ވަނަ ގަރުނުން ފެށިގެން ކުރިޔަށްގެންގޮސް، އެކަން ޔަހޫދީން ކާމިޔާބު ކުރި ދުވަސް، ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރަނީ "ނަކްބާ" ދުވަހުގެ ގޮތުގައެވެ. އަރަބި ބަހުން ނަކްބާ އަކީ ކާރިސާއެވެ

Advertisement

އެހެންކަމުން ފަލަސްތީނުގެ "ނަކްބާ" އަކީ 1948 އަހަރުގެ ކުރިން ފެށި، އަދި މިއަދާ ހަމައަށް އައި އިރުވެސް އިޒްރޭލުގެ ޔަހޫދީން ކުރިޔަށްގެންދާ ލާއިންސާނީ އަމަލުތަކެކެވެ

"ނަކްބާ" ފެށުނީ ކީއްވެ؟

ތާރީހުގައި ލިޔެފައިވާ ގޮތުގައި އިރުމަތީ ޔޫރަޕާއި ރަޝީޔާގައި އުޅުނު ޔަހޫދީން، އެމީހުންގެ ޔަހޫދީ ފިކުރުތަކަށް އެ ގައުމުތަކުން ދެކޮޅު ހަދަން ފެށުމުން، އަމިއްލަ ވަޒަނެއް އޮންނަންޖެހޭކަމަށް އެމީހުން ގަބޫލުކުރިއެވެ. އަދި މި އަޒުމުގައި އެމީހުން 1882 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގައި ވަޒަންވެރިވާން ފެށިއެވެ. އެހެންކަމުން ނަކްބާގެ ފެށުމަކީ އެއީއެވެ. އެއީ ޔަހޫދީން އެމީހުންގެ އަމިއްލަ ވަޒަނެއް އޮންނަންޖެހޭކަމަށް ގަބޫލުކޮށް ފެށި ސިޔާސީ ހަރަކާތްތަކުގެ ނަތީޖާއެވެ.

މި ސިޔާސީ ހަރަކާތުގައި އިސްކޮށް އުޅުނު ބައެއް މީހުން، ޔަހޫދީންގެ ދައުލަތް ފުރަތަމަ ގާއިމު ކުރުމަށް ވިސްނީ ޔުގަންޑާ ނުވަތަ އާޖެންޓީނާގައެވެ. ނަމަވެސް މި މީހުން ފަލަސްތީނަށް އަމާޒު ހިފީ، ފަލަސްތީނުގެ މާތް ބިމަކީ ޔަހޫދީންގެ ބިމެއްކަމަށް އެމީހުންގެ ފޮތުގައި ވާތީކަމަށް ބުނެފައިވެއެވެ.

ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދައުލަތެއް ގާއިމްކުރުމަށް އެންމެ ބޮޑު ބާރަކަށްވީ އުސްމާނީ ދައުލަތް ނުވަތަ އޮއްޓޮމަން އެމްޕަޔަރ (1517 – 1914) ނެތި ދިއުމަށްފަހު، ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނާއި ފަރަންސޭސިވިލާތުން މެދުއިރުމަތި ބައިބައިކޮށްލުމުގެ މަގްސަދުގައި، ފަލަސްތީނު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް ނިންމި ހިސާބުންނެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް (1920 – 1947) ރަސްމީކޮށް ފަލަސްތީނު ދިއުމުގެކުރިން، ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި، 1917 ވަނަ އަހަރު، "ބަލްފޯރ ޑެކްލަރޭޝަން" ގެ ނަމުގައި ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދައުލަތެއް އުފައްދައިދޭނެކަމަށް އިނގިރޭސީން ވައުދުވިއެވެ. މިކަން އިނގިރޭސި ސަރުކާރުގައި ލޮބީކުރީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ރަޝިޔާގެ އިސް ޔަހޫދީއެއްކަމަށްވާ ޗައިމް ވީޒްމަންއެވެ. މީނާއަކީ ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސީ ހަނގުރާމަވެރިންނަށް އެހީތެރިވި މީހެއްގެ ހައިސިއްޔަތުން އިނގިރޭސި ސަރުކާރާ ގާތް ގުޅުމެއް އޮތް މީހެކެވެ

މި އެއްބަސްވުމުގައި އިނގިރޭސީންގެ ބޮޑު އެދުމެއްވެސް އޮތެވެ. މި އެއްބަސްވުމާއެކު އިނގިރޭސީންގެ އުއްމީދަކަށްވީ ދެވަނަ ބޮޑު ހަނގުރާމައިގައި ރަޝީއާ އަދި އެމެރިކާގައި އުޅޭ ޔަހޫދީން އެމީހުންނަށް ވާގިވެރިވުމެވެ. އަދި ހަނގުރާމައަށްފަހު ފަލަސްތީނުވެސް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމެވެ

އެހެންކަމުން މި އެއްބަސްވުމާއެކީ 1919 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ޔަހޫދީން ފަލަސްތީނަށް ހިޖުރަކުރަން ފެށިއެވެ. އަދި 1935 ވަނަ އަހަރަށް އައިއިރު ފަލަސްތީނުގައި ޔަހޫދީންގެ އާބާދީ %27 އަށް އިތުރުވިއެވެ.

މިކަން ނިމުމަކަށް ގެނައުމުގެ މަގުސަދުގައި 1936 ވަނަ އަހަރު އިނގިރޭސީންނަށް ރައްދު ދިނުމަށް ފަލަސްތީނުގެ އަރަބިން ނިކުތެވެ. ނަމަވެސް 3 އަހަރު ތެރޭގައި އިނގިރޭސީންގެ އަނިޔާވެރިކަމާ ލާއިންސާނީ އަމަލުތަކާއެކު ފަލަސްތީނުގެ މީހުން ފަހަތަށްޖައްސާލިއެވެ. އަދި އެ ހަނގުރާމާއިގައި ފަލަސްތީނުގެ ފިރިހެނުންގެ %10 މީހުން ޝަހީދު ވެސް ކޮށްލިއެވެ.

އަނެއްކޮޅުން އޭރު ފަލަސްތީނަށް އަރަމުން ދިޔަ ޔަހޫދީންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދިއުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނާއި ޔަހޫދީންނާއި ދެމެދު އަނިޔާވެރި ކުރިމަތިލުންތަކެއް ހިނގާފާނެކަމަށްބަލައި، އިނގިރޭސީން މަސައްކަތްކުރީ ޔަހޫދީން ފަލަސްތީނަށް އެރުން މަޑުޖައްސާލުމަށެވެ. މިކަމުގެ ނަތީޖާއަކަށްވީ އެންމެ ފަހުން ޔަހޫދީން އިނގިރޭސީންނަށް ހަމަލާދިނެވެ. އެއީ 1944 ވަނަ އަހަރުއެވެ.

ޔަހޫދީންގެ މި އަމަލާ ގުޅިގެން އިނގިރޭސީން ވެސް ދެން ބޭނުންވީ މި މައްސަލައިން ބޭރުވާށެވެ. އެގޮތުން 1947 ވަނަ އަހަރު އިނގިރޭސި ސަރުކާރުން އިއުލާންކުރީ، ފަލަސްތީނުގެ ބިމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް އ.ދ. އާ ހަވާލުކުރި ކަމަށެވެ. އަދި މި މައްސަލާގައި 1947 ވަނަ އަހަރުގެ ނޮވެމްބަރ 29 ގައި އ.ދ. އިން ނިންމީ ފަލަސްތީނުގެ ބިން ދެބައިކޮށް، ޔަހޫދީންނަށް އެއްބައި އަދި ފަލަސްތީނުގެ އަރަބިންނަށް އެއްބައި ހެދުމަށެވެ

އ.ދ. އަށް މި މައްސަލަ ހުށަހެޅިއިރު، ފަލަސްތީނުގެ އާބާދީގެ ތިން ބައި ކުޅަ އެއްބަޔަކީ ޔަހޫދީންނެވެ، އަދި އެމީހުން ވަޒަންވެރިވެގެން ތިބީ ފަލަސްތީނުގެ ބިމުގެ %6 އަށް ވުރެން ކުޑަ ސަރަހައްދެއްގައެވެ. ނަމަވެސް އ.ދ. އިން ނިންމީ ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގެ %55 އާއި ފަލަސްތީނުގެ ދަނޑުވެރިކަމުގެ ގިނަ ބިންތަކާއި ކަނޑުގެ ބަނދަރުތައް ހިމެނޭހެން މުހިންމު ސިޓީތަކެއް ދިނުމަށެވެ

މި ބޭއިންސާފު ނިންމުމަށް ފަލަސްތީނުގެ އަރަބިން ދެކޮޅުހެދިއެވެ. ފަލަސްތީނުން މިކަމަށް ދެކޮޅު ހެދުމާއެކު ޔަހޫދީންނާއި ފަލަސްތީނުގެ އަރަބިންނާއި ދެމެދު ހަނގުރާމަ ފެށިއެވެ. ހަނގުރާމަ ފެށިއިރު ޔަހޫދީންގެ ގިނަ މީހުންނަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީންނާއެކު ފަރިތަކުރުންތައް ހަދާ، ހަތިޔާރުތައް ގެންގުޅެން ފަރިތަބައެއްކަމުން، ހަނގުރާމައަށް އަރަބިންނަށް ވުރެން ބޮޑަށް ޔަހޫދީން ފަރިތައެވެ. ޔަހޫދީންގެ ހަނގުރާމަވެރި ޖަމާއަތްތަކުން އެމީހުންގެ ދައުލަތް ބިނާކުރުމަށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ރަށްތަކުން ގިނަ އަދަދަކަށް ފޮނުވާލުމުގެ މަގުސަދުގައި ވަރުގަދަ ހަމަލާތައް ދިނެވެ

ޖެހިގެން އައި 1948 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އިނގިރޭސި ސަރުކާރުން، އެމީހުން ފަލަސްތީނަށް ވެރިވެއޮތްއޮތުން ނިމުމަކަށް ގެނަސް، އިނގިރޭސި އިސްތިއުމާރުން އެ ގައުމު މިނިވަންކުރިކަން އިއުލާންކުރިއެވެ. ނަމަވެސް މި މިނިވަންކަންވީ، މެދުކެނޑުމެއް ނެތް އަނިޔާވެރިކަން އިހުނަށްވުރެން ވަރުގަދަކޮށް ގެންދިއުމަށް އެޅުނު ބިންގަލަކަށެވެ. އެގޮތުން ހަމަ އެ ދުވަހު، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގެ ޓެލް އަވީވްގައި އެމީހުންގެ އިސް ލީޑަރަކު އިއުލާން ކުރިއެވެ. އެއީ އިޒްރޭލުގެ ފެށުމެވެ

އިތުރު އާޓިކަލް
06 Dec 2023
ކުޅިވަރު
ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރެސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން އަންގައިފި
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އޯލްޑް-ޓްރެފަޑްގައި ނިކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
06 Dec 2023
ޚަބަރު
މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނުކުރެވުނު މީހުން: ރައީސް
ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.
05 Dec 2023
ޚަބަރު
މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.