ޑރ. މުޢިއްޒު ސިޓީކައުންސިލުން ހުޅުވި ނާސަރީގެ ތެރޭގައި
މާލޭ ސިޓީކައުންސިލްގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ އަޅަން ވައުދުވި ގާޑަން ޕްލާޒާއަށްވީ ކިހިނެއް؟
އިންތިޚާބުތަކަށް ނުކުމެ ކެމްޕޭންތައް ކުރާއިރު، ކެންޑިޑޭޓުންވާ ވަޢުދުތަކަކީ ރައްޔިތުންގެ އެއްކަންފަތުން ވަދެގެން އަދި އަނެއްކަންފަތުން ނުކުމެގެންދާ ވަޢުދުތަކެއް ނޫނެވެ. އެ ވަޢުދުތަކާއި ވަޢުދުތައް ފުއްދުނު މިންވަރަކާއި އެ ވާ ވަޢުދުތަކަކީ ފުއްދޭނެ ވަޢުދުތަކެއްތޯވެސް ރައްޔިތުން ބަލައެވެ. ސުވާލުކުރެއެވެ. އޭގެ މައްޗަށް ކެނޑިޑޭޓުން ޖަވާބުދާރީކުރުވައެވެ. ވޯޓުން ޖަވާބުވެސްދެއެވެ.
2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމަށް ނުކުންނެވީ ޕީޕީއެމްގެ ޓިކެޓްގައި، މާލޭގެ ރައްޔިތުންނަށް މުޙިއްމު ވަޢުދުތަކެއް ވިއްކަވައިގެންނެވެ. ރީތި ކުރެހުންތަކާއި މަންޒަރުތައް ދައްކަވައިގެންނެވެ. ޝިއާރަކަށް ޚިޔާރު ކުރެއްވީ، "ރައްޔިތުން އެދޭ ބަދަލަށް" މިޝިއާރެވެ. އެކަމަކު ސުވާލަކީ، މާލޭ ސިޓީކައުންސިލްގެ މޭޔަރުކަމުގެ މަޤާމަށް ވަޑައިގެންނެވުމަށްފަހުގައި، މާލޭގެ ރައްޔިތުން އެދޭ އެއްވެސް ބަދަލެއް އެމަނިކުފާނަށް ގެނެވިފައިވޭތޯއެވެ.
"ރާއްޖޭގެ އާބާދީއަކީ، 540،000. މީގެ ތެރެއިން 225،000 މީހުން ދިރި އުޅެނީ މި، ދެ އަަކަކިލޯމީޓަރު ހަމަނުވާ މާލޭ ސިޓީގައި. މި މާލޭ ސިޓީގައި ދިރިއުޅޭ ދެލައްކަ ފަންސަވީސް ހާސް ރައްޔިތުންގެ ތެރެއިން، ގާތްގަނޑަކަށް 45،000 ރައްޔިތުންނަކީ، ޒުވާނުން. މި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުންނަކީ އާމްދަނީ ހޯދާނެ ފަދަ ވަޞީލަތްތަކެއް ނެތި، އެހެން ފަރާތްތަކަށް ބަރޯސާވާންޖެހޭ ފަރާތްތައް" ޑރ މުއިއްޒު އޭނާގެ ކެމްޕޭން ވީޑިއޯއެއްގައި ވިދާޅުވެފައިވެއެވެ.
ޑރ މުޢިއްޒު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު މާލޭ ސިޓީގެ މޭޭޔަރުކަމުގެ މަޤާމަށް ވަޑައިގެންނެވި އިރު, އެމަނިކުފާނަށް މާލޭގެ ޙާލަތު އެނގެއެވެ. އަދި މާލޭ ސިޓީ ކައުންސިލަކީ، މާލޭގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ވާން ޖެހޭކަން އެމަނިކުފާނު ޤަބޫލު ކުރައްވައެވެ. މީގެ އިތުރުން އާމްދަނީ ހޯދޭނެ ގޮތެއް ނެތް 45،000 ޒުވާނުން ތިބިކަން އެނގިވަޑައިގަންނަވާ ކަމުގައިވެސް، ކެމްޕޭން މެސެޖުގައި ޑރ މުޢިއްޒު ވިދާޅުވެއެވެ. އެހެން ނަމަވެސް އެ 45،000 ޒުވާނުންގެ ތެރެއިން އެންމެ ޒުވާނަކަށްވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، މަސައްކަތެއް ކޮށްގެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި އެމަނިކުފާނު ވޭތުކުރަމުން މިދާ 3 އަހަރުގެ ތެރޭގައި ހޯދައިދެވުނު ހެއްޔެވެ؟
މާލޭ ސިޓީގެ ޒުވާނުންނަށް ވަޒީފާއާ މަސައްކަތުގެ ފުރުޞަތުތައް ހޯއްދަވައި ދެއްވާނެ ކަމުގެ ވަޢުދުގެ ތެރެއިން، ޑރ. މުޢިއްޒު އާއްމުންނަށް ދައްކަވައި ލެއްވީ، އެމަނިކުފާނު ކުރައްސަވާ ގާޑަން ޕްލާޒާގެ ޕްރޮޖެކްޓެވެ. އެޕްރޮޖެކްޓްގެ ތްރީޑީ ތަސްވީރުތަކެވެ.
"އަޅުގަނޑު މި ހުށައަޅަނީ ރަސްފަންނު ސަރަހައްދުގައި އޮތް، 60،000 އަކަމީޓަރުގެ ބިން، އެބިމުގައި ކުރިޔަށް ގެންދެވިދާނެ، ފުދުންތެރި ދިރިއުޅުމެއް ޒުވާނުންނާއި ކަނބަލުންނަށް ހޯދައި ދެވިދާނެ މަޝްރޫޢު، އާދެ! ގާޑަން ޕްލާޒާ ޕްރޮޖެކްޓްގެ ނަމުގައި އަޅުގަނޑު ހުށައަޅާ މަޝްރޫޢު" މާލޭ ސިޓީކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރެއްވި ކެމްޕޭންގައި ޑރ މުއިއްޒު އާއްމު ކުރެއްވި ވީޑިއޯގައި ވިދާޅުވެއެވެ. މިހާރުވެސް މޭޔަރ މުއިއްޒުގެ ނަމުގައި، ހަދާފައިވާ ޔޫޓިއުބް ޗެނަލްގައި މި ވީޑިއޯ ފެންނަން އެބައޮތެވެ.
"އާދެ މިމަޝްރޫޢަކީ އެތަނެއްގައި، ޒުވާނުންނާއި ކަނބަލުންނަށް، އަދި މުޅި މާލޭގެ ލޮބުވެތި ރައްޔިތުންނަށް، ވަޒީފާގެ ފުރުޞަތުތައް، އާމްދަނީ ހޯދޭނެ ވަޞީލަތްތައް، ޤާއިމްކުރެވިދާނެ އެމްބިޝަސް މަޝްރޫޢަކަށް ހެދިގެންދާނެ. އާދެ! އެތަނަށް ގެނެވޭ އިންވެސްޓްމެންޓްގެ ތެރެއިން އެތަނަކީ، އެތަނުގައި އެތައް ފިހާރަތަކަކާއި، އެތައް ރެސްޓޯރެންޓްތަކަކާއި، އާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެ ފަދަ ތަންތަން ޤާއިމްކުރެވިފައިވާ ޒަމާނީ ޢިމާރާތަކަށް ހެދިގެންދާނެ. އެތަނަކީ އެންވަޔަރަންމަންޓް ފްރެންޑްލީ، އެތަނުގައި، ވަޒީފާ އަދާކުރާ އާމްދަނީ ހޯދަން މަސައްކަތްކުރާ ޒުވާނުންނާ ކަނބަލުންނާ އާންމު ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް އެތަން ހެދިގެންދާނެ. އާދެ މިއީ އުއްމީދަކީ! މިއީ ދިރުން ލިބިގެންވާ ކަންކަމަކީ! މިފަދަ ކަންތައްތައް މާލޭގައި ކުރެވެން އެބަޖެހޭ! ސިޓީ ކައުންސިލަކީ، މިފަދަ ކަންކަން ކުރާ ބަޔަކަށް އެބަ ވާންޖެހޭ!" ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރެއްވި ކެމްޕޭން މެސެޖުގައި ވިދާޅުވިއެވެ.
ގާޑަން ޕްލާޒާގެ ހުވަފެނަކީ، ޑރ. މުޢިއްޒު މާލޭގެ ރައްޔިތުންނަށް ދެއްކެވި ރީތި ހުވަފެނެކެވެ. އެކަމަކު ގޫގުލްއިން ޑައުންލޯޑްކޮށްފައިވާ ހައެއްކަ ފޮޓޯއެއް ބޭނުންކުރައްވައިގެން ހެއްދެވި އެ މެސެޖު ފިޔަވައި އެކަމާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރެވުނުތަނެއް މާލޭ ސިޓީގެ ރައްޔިތުންނަކަށް ފެންނާކަށް ނެތެވެ. ރަސްފަންނުގައި އެވިދާޅުވި ގާޑަން ޕްލާޒާ އެޅުއްވުމަށް އެންމެ ގާބުރިއެއްވެސް ބޭއްވިފައެއް ނެތެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހިނގަމުން ދަނިކޮށް، އެމަނިކުފާނުގެ ކެމްޕޭންޓީމުން ޕްރޮމޯޓްކުރާތީ ފެނުނީ، މާލޭ ސިޓީ ކައުންސިލުން ހެދި ކޮކާ ބަގީޗާއަކާއި ނާސަރީއެކެވެ. ނާސަރީ ހުރީ ހުޅުމާލޭގެ ސަހަރާގެ ބައެއްގައެވެ. އެތަނުގައި ހުރީ ކަދުރު ރުއްކޮޅަކާއި، އާއްމުކޮށް ރާއްޖޭގައި ހެދޭ ބާވަތްބާވަތުގެ ގަސްގަހާއިގެއްސެވެ. މިދިޔަ ހޯމަ ދުވަހު އެތަން ހުޅުއްވައިދެއްވީވެސް ޕީއެންސީގެ ޓިކެޓްގައި، މިހާރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒެވެ. އެހެންކަމުން، ޑރ. މުއިއްޒު ވަޢުދުވެވަޑައިގެންނެވި ގާޑަން ޕްލާޒާ ޕްރޮޖެކްޓް މިވީ، ގަސްވިއްކާ ނާސަރީއަކަށްތޯވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.
ސިޓީ ކައުންސިލުން ހުޅުވި މި ނާސަރީގެ ޚަބަރުތައް ނޫސްތަކުގައި ޝާއިޢުކުރުމުން އާއްމުން އެކަން ބަލައެއް ނުގަތެވެ. އެއްބަޔަކު، ދުށީ އެއީ، ގަހުގެ ވިޔަފާރި ކުރަމުން އަންނަ ކާށިދޫ ރައްޔިތުންފަދަ އާދައިގެ ރައްޔިތުންގެ ވިޔަފާރިއަށް މާލޭ ސިޓީކައުންސިލުން ކުރިމަތިކުރުވާ ހުރަހެއްގެ ގޮތުގައެވެ. ސަބަބަކީ އެ ނާސަރީގައިވެސް ހުރީ، ކާށިދޫ ފަދަ ރަށްރަށުގައި ދަނޑުވެރިން ހައްދައި ބާޒާރަށް ނެރޭ ބާވަތުގެ ގަސްތަކަށްވުމެވެ. މާލޭ ސިޓީކައުންސިލްފަދަ ބަޖެޓާއި ބިމާއި ވަޞީލަތް އޮތް އިދާރާއަކާ، ވިޔަފާރީގައި އާންމު ރައްޔިތުންނަށް ވާދަކުރެވޭނެ ގޮތެއް ނެތުމުންނެވެ. މީގެ އިތުރުން ނާސަރީގެ އެ މަޝްރޫޢަކީ ވަކިބަޔަކަށް މާލީ މަންފާއެއް ލިބިދިނުމަށް ކޮށްފައިވާ ކަމެއް ކަމުގައިވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ޑރ. މުޢިއްޒު ވާދަކުރައްވާއިރު، ބޮޑެތި ވަޢުދުތައް ގެންދަނީ ވެވަޑައިގަންނަވަމުންނެވެ. ސިޓީކައުންސިލްގެ މޭޔަރުގެ ގޮނޑިހޯއްދެވުމަށް ވަޢުދުވެވަޑައިގެންނެވި ގާޑަން ޕްލާޒާ ޕްރޮޖެކްޓެކޭ އެއްފަދައިން، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ވަޢުދުތަކުގެ ތެރެއިން ބައެއް ވަޢުދުތަކަކީވެސް ފުއްދޭނެ ވަޢުދަށް ނުވާނެ ކަމުގައި އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ވޯޓުލުމުގެ ކުރިންވެސް ޑރ. މުޢިއްޒު ވަނީ އިޤުރާރުވެވަޑައިގެންފައެވެ. އޭގެ ތެރޭގައި، ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދު ހިމެނެއެވެ. ވީމާ، ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުތަކަކީ ކަރުދާހު ނަވެއްފަދަ، އަދި ކަނޑުގައި އަޅާލާ ރޮނގެއްފަދަ އެއްޗަކަށް ނޫނީ ވެދާނެ ކަމަކަށް ނުބެލެވެއެވެ.