Advertisement

01 May 2023
ވާހަކަ
ވިޝާމް

ވާހަކަ: ހިއްސު

ދެވަނަ ބައި

ކޮންމެގޮތެއްވިޔަސް އަހަރެން އަވަސް އަރުވާލާފައި ޑައިރީ ހުޅުވާ ކިޔަންފެށީމެވެ. 

މީގެ ތިން އަހަރު ކުރިއެވެ. ޒެނީޝާ ދިރިއުޅެމުން ދިޔައީ އޭނާގެ ފިރިމީހާއާއެކު މާލޭގައެވެ. ޒެނީޝާ އެ ދިރިއުޅުން ސިފަކުރަނީ ހިތްދަތި ދިރިއުޅުމެއްގެ ގޮތުގައެވެ. މައިންބަފައިންނާ ދެކޮޅަށް އޭނާ ފިލައިގެން ގޮސް ކުރި ކައިވެނި އޭނާ ސިފަކޮށްފައިވަނީ ހަޔާތަށް އައި ކަޅު ވިލާގަނޑެއްގެ ގޮތުގައެވެ. ވަރަށް ލޯބިން ކުރި ކައިވެނި ބަދަލުވީ ވޭންދެނިވި ހަޔާތަކަށެވެ. ޒެނީޝާ ދެލޯފަދައިން ދެކުނު އޭނާގެ ބައިވެރިޔާ ވާސިފް ވެގެންދިޔައީ ބޮޑު ބިރުވެރިކަމަކަށެވެ. ވާނީވެސް އެހެންތާއެވެ. ޒެނީޝާ ބުނާގޮތުންނަމަ އޭނަ ޖިންނި ޝައިތާނުންނަށްވުރެން އޭނާގެ އަމިއްލަ ފިރިމީހާދެކެ ބިރުގަންނަން ފެށިއެވެ. ވަޒީފާއިން ކަނޑާލިއެވެ. ގެއިން ބޭރަކަށް ނުނިކުމެވުނެވެ. މީހަކާ ވާހަކައެއް ނުދެއްކުނެވެ. ފޯނު އަތުލީއެވެ. ލޯބިވާއިރަކު އެހާ ލޯބިދެއެވެ. ރުޅިއަންނަ ފަހަރަކު އެހައި އަނިޔާ ކުރެއެވެ. މިވެސް ދިރިއުޅުމެކޭ އަނބުރާ ދެންވަކި ދާނޭތަނެއް ނެތޭ ހިތައި ޒެނީޝާ ކެތްކޮށްލައިގެން ހުރީއެވެ. މަންމަމެން ކައިރިއަށްވެސް ދެން ދާކަށް އޭނާއަކަށް ނުކެރުނެވެ.

ވާސިފް ވަނީ އަހަރެންދެކެ ލޯބިހެއްޔެވެ؟ މިވަރަށް ހިފަހައްޓައިގެން ގެންގުޅުމަށް ކިޔަނީ ލޯބިބާއެވެ؟ ނޫނީ އަހަރެންމީ އޭނަގެ ގައިދީއެއް ނޫންބާއެވެ؟ ޒެނީޝާ އޭނާގެ ޑައިރީގައި އަމިއްލަ ނަފްސާ މިކަހަލަ އެތައް ސުވާލެއް ކޮށްފައި ހުއްޓެވެ. ވާސިފްގެ އަނިޔާތައް ދިޔައީ ދުވަހުން ދުވަހަކަށް މައްޗަށެވެ. އެއްރޭ ކޮޓަރިން ނުނިކުމެ ލަސްވުމުން ކޮޓަރީ ދޮރުވެސް މިހާރު ނައްޓާލައިފިއެވެ. ކާއެއްޗެއް ނުބައިވެއްޖެއްޔާ އެ އެއްޗެއް އަހަންނަށް ގަދަކަމުން ކާންދެއެވެ. ގެއަށް ރައްޓެއްސަކު ގެނައުން އޮންނަނީ މަނާކޮށްފައެވެ. އަހަރެން ގެއިން ބޭރަށް ދިއުންވެސް އޮންނަނީ މަނާކޮށްފައެވެ. ދިޔަސް ދެވެނީ ވާސިފާ އެއްކޮށް އެކަންޏެވެ. އެވެސް ޑޮކްޓަރަށް ދައްކާ ކަމެއް ކޮށްލަން ޖެހިއްޖެއްޔާއެވެ. މިހެންގޮސް އަހަރެންގެ ހުރިހާ ރައްޓެހިންވެސް ގެއްލިއްޖެއެވެ. އަހަރެން މާލޭގެ މަގުތަކަށްވެސް މިހާރު އާވެފައި ވާކަހަލައެވެ. މިގޮތަށް އުޅޭތާ މިހާރު ހަތް މަސް ވަނީއެވެ. އަހަރެންނަކީ މި ދުނިޔެއަށް ބޭނުންނުވާފަދަ ބޭކާރު މީހެއްކަމަށް އިހުސާސް ވާންފަށައިފިއެވެ. ދުނިޔެމަތިން ފޫހިވެއްޖެއެވެ. އެތައް ފަހަރަކު ފުރާނަ ދުއްވާލަން ހިތަށް އަރައެވެ. އެރޭވެސް ވީ އެހެންނެވެ. ފާހާނާގައި އެތައް އިރަކު އަހަރެން ލޯގަނޑަށް ބަލަހައްޓައިގެން ގަނބުވެފައި ހުރީމެވެ. އަމިއްލަ ނަފްސު ދެކެ ފޫހިވެ ރުޅިއައިއްސައެވެ. ހިތަށް އަރައެވެ. ކަލޭހާ ބޮޑު މޮޔައެއް މިދުނިޔޭން ކޮބައިބާވައެވެ؟ އަމިއްލަ މައިންބަފައިންނާ ގެދޮރު ދޫކޮށް މިނިކާވަގެއްގެ ޝިކާރަޔަކަށް ވާން އާދެވުނީ އޭނަގެ ކިބައިން ކޮންކަމެއް ފެނިގެން ހެއްޔެވެ؟ އަހަންނަށް ހަމަ ވެވުނީ ލޯބި ބާވައެވެ؟ އެހެންނޫނީ އަހަރެންގެ ޅަހިތް މީހުންގެ އަސްލު ދެނެގަންނަން ނާޤާބިލްއީ ބާވައެވެ؟ މިހުރިހާ ސުވާލުތައް ބޮލުގައި އެނބުރެން ފެށުމުން ބަލާކަށް ނުހުރެ ފާހާނާގައި ހުރި ބްލީޗް ފުޅި ނަގައި ބޯލައިފީމެވެ.

ދެން ލޯހުޅުވާލިއިރު އަހަރެން އޮތީ އެނދެއްގައި ބާއްވާފައެވެ. ކައިރީގައި ޑޮކްޓަރަކާއި ނަރުހެއް ހުއްޓެވެ. އަވަސް އަވަހަށް ނަޒަރު ހިންގާލެވުނީ ވާސިފް އެއިން ހިސާބެއްގައި ފެންނަން ހުރިތޯއެވެ. ޑޮކްޓަރަށް އެކަން އެނގުނީ ކަންނޭނގެއެވެ. އަތުގެ އިޝާރާތުން ހަމަޖެހުމަށް ޑޮކްޓަރު އަހަންނަށް އަންގާލިއެވެ. ނަރުސް ބޭރަށް ނުކުތުމުން ޑޮކްޓަރު އައިސް އަހަރެން ކައިރީގައި އިށީނެވެ. ޑޮކްޓަރު އަހަރެންގެ އަތުގަ ހިފައި ފެންކަޅި ވެފައި " ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެކޭ " ބުންޏެވެ. އަހަރެންގެ ބަޑި ފަޅައިގެން ދިޔައީ އެގަޑީގައެވެ. ހިތް ފުރެންދެން ބާރުބާރަށް އަޑުން އަޑުނަގައި ރުއީމެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އަހަރެން ހަމަޔަކަށް އެޅުމުން ޑޮކްޓަރު ވާހަކަ ދައްކަން ފެށިއެވެ. " އެއްވެސް ވަރަކަށް ބިރު ގަންނާނެ ކަމެއް ނެތް. އަހަރެން މިހާރު ފުލުހުންނަށް ގުޅައިފިން އެމީހުން އައިސް ޒެނީޝާގެ ފިރިމީހާ ގެންދާނެ." ޑޮކްޓަރު މިހެން ބުނުމާއެކު އަހަރެން ބިރުގަތެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޮވެވުނީ ވާސިފް އަހަންނަށް ކޮށްލާނޭ ވަރު ހިތަށްއަރާފައެވެ. ރޮލާކައިވެސް ލާފާނެއެވެ. ފުލުހަށްގުޅީ އަހަރެން ކަމަށް އޭނާ ޝައްކު ކޮށްފާނެތީއެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑު ފެނިއްޖެ ކޮންމެ މީހަކަށް އަހަންނަށް ލިބިފައިވާ އަނިޔާތައް އެނގޭނެއެވެ. ފެންނާނެއެވެ. ކަންބޮޑުވެ ދެރަވާނެއެވެ. ޑޮކްޓަރަށްވެސް އެވީ އެހެންތާއެވެ.

ވާސިފް ފުލުހަށް ގެންދިޔަ ފަހުން އަހަރެން ކަމާބެހޭ ފަރާތްތަކާއި ހަވާލުކުރެވުނެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަންނަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާކުރެވުނެވެ. ވާސިފް ޖެހުނީ ޖަލުގެ ގޮޅިއަކަށްދާށެވެ. ކޯޓަށް ގޮސް އޭނަ ކައިރިން ވަރިވެވުނު ދުވަހަކީ އަހަރެންގެ ހިތަށް އެތައް ދުވަހަކަށް ފަހު ހަމަޖެހުމެއް ލިބުނު ދުވަހެވެ. ފެންކަޅިވެ ރޮވުނެވެ. އިރާދަކުރެއްވިއްޔާ އަދި އަހަރެންގެ ދިރިއުޅުން އާރާސްތުކުރެވޭނޭ ކަމުގެ އުއްމީދު ލިބުނީ އެދުވަހުއެވެ. އާ ހިތްވަރެއް ލިބުނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ދެވަނަފަހަރަށް އެކަހަލަ އަނިޔާވެރިއެއްގެ ޝިކާރައަކަށް ނުވާން އެތައް އަޒުމެއް ކަނޑައެޅީމެވެ. ރަނގަޅު ވަޒީފާއެއް ހޯދައި މާލެއިން ބަދަލުވީވެސް ވާސިފް އަށް ފިލާށެވެ. އަހަރެންގެ މާޒީ ހަނދާން ނައްތާލާށެވެ. ވެދިޔަ ކަންތައްތަކުން ރެކިގަނެ އާ ދިރިއުޅުމެއް ފެށުމުގެ އުއްމީދުގައެވެ.

ލ އަތޮޅަށް އައި ދަތުރު ވީ އުފާވެރި ދަތުރަކަށެވެ. މިކޮޅަށް ވަޒީފާއަކަށް އައުމީ ހަޔާތުގައި އަހަންނަށް ނެނގުނު އެންމެ ރަނގަޅު ނިންމުމޭ ހިތަށް އެރިއެވެ. ކޮޓަރި  ގަނޑެއްގެ ތެރޭގައި އެހާ ދުވަހު ގަނަ ތެޅުމަށްފަހު އަހަންނަށް އަލުން ދުނިޔެ ފެނުނު ކަހަލައެވެ. ހިތްގައިމުވެފައި އަރާމެވެ. ވަޒީފާގައި ބިޒީކޮށް އުޅެމުން ދިޔަވަރަކަށް އަހަރެން ދިޔައީ ކުރިއަރަމުންނެވެ. މާޒީ ހަނދާންނެތުމުންނެވެ. ނަމާދަށް އަރާ ކޮންމެފަހަރަކު އަހަރެން އެ މުސީބާތުން ސަލާމަތްކުރެއްވީތީ ހެއްދެވިފަރާތަށް ޝުކުރުކުރަމެވެ. އަލްހަމްދުލިﷲ އޭ ކިޔޭ ހާލު ލޮލުން ކަރުނަ އޮހޮރުނެވެ.

- ނުނިމޭ -

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.