Advertisement

16 Sep 2023
ރިޕޯޓް

ހެއްކާއި ބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކެއް ހިމެނުން ގޯހެއް ނޫންކަން އެބަ ސާބިތުވޭ!

ދިވެހިރާއްޖޭގައި ނޫސްވެރިކަން ފެށިގެން އައިތާ 80 އަހަރު ފުރިގެން ދިޔައިރު، ދިވެހި ނޫސްވެރިކަމުގެ އެންމެ މިނިވަން ދައުރަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މިދައުރެވެ. ދިވެހި ނޫސްވެރިކަން ދުށް އެންމެ އަނިޔާވެރި ދައުރަކީ، 2013އިން 2018އަށް ވެރިކަން ކުރެއްވި ރައީސް ޔާމީނުގެ ދައުރެވެ.

2008 ވަނަ އަހަރު އޮގަސްޓް މަހުގެ 7 ވަނަ ދުވަހު، ތަސްދީޤު ކުރެވުނު ފެހި ޤާނޫނު އަސާސީއަކީ، ޚިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން، ޑިމޮކްރެޓިކް އެހެން މުޖުތަމަޢުތަކުގައިވެސް ދީފައި އޮތް ވަރަށް ވުރެ މާފުޅާކޮށް މިނިވަންކަން ދީފައި އޮތް ޤާނޫނު އަސާސީއެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ ޚާއްސަކޮށްފައި ވަނީ އެކަމަށެވެ. އެހެން ނަމަވެސް އެއްވެސް މިނިވަންކަމަކީ އޭގައި ހުދޫދެއް ނެތް މިނިވަންކަމެއް ނޫނެވެ.

އަދި ނޫސްވެރިއެއްގެ ގޮތުގައި ގަލަން ހިންގާލާ ކޮންމެ ނޫސްވެރިއަކީ، ދީނަށް ވަފާތެރި ޤައުމަށް އިޚްލާސްތެރި ނޫސްވެރިއަކަށް ނުވެދާނެ ކަމީ ހަމަބުއްދި އެކަމަށް އިންކާރުކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޤާނޫނު އަސާސީން ލިބިދިން "ހައްދެއް ނެތް" މިނިވަން ކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މުޖުތަމަޢުގައި ފިތުނަވެރިކަން އުފައްދައި ބިރުވެރިކަން ފެތުރުމާއި، އަބުރުކަތިލައި މީހުންގެ ނަފްސުގެ އިއްޒަތާއި ކަރާމާތް ނަގާލުމުގައި، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުން ކުޑަވެސް ޖެހިލުމެއް ނެތި އެކަން އެދަނީ ކުރަމުންނެވެ.

އިއްޔެ ސިޔާސީ އެކްޓިވިސްޓަކަށް އުޅެފައި، މިއަދު ނޫސްވެރިކަމުގެ ކާޑު އަޅައިގެން ނުކުތުމަކުން އެމީހެއްގެ ވިސްނުމާއި ފިކުރާ ޚިޔާލާތު، މިނިވަން ބުއްދިއަކުން ވިސްނާ، ދީނާއި ޤައުމަށް ވަފާތެރިވުމުގެ ޠަބީޢީ ސިފައެއް ހުރި މީހަަކަށް ނުވެއެވެ. އެމަންޒަރު މިއަދު މިދަނީ ރާއްޖޭގެ ނޫސްމަޖައްލާތަކުން ފެންނަމުންނެވެ. ސިޔާސީ ޕާޓީތަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ބައެއް ނޫސްވެރިންނާއި ނޫސްތައް މިވަނީ ވެފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުނު ފަހުންވެސް، އިދިކޮޅު ޕާޓީއަށް ކެމްޕޭން ކުރުމަށް ހިންގާ ނޫހަކުން ދަނީ، ކަނޑައެޅިގެން ދޮގާއި ފިތުނަވެރި ވާހަކަތައް ފަތުރަމުންނެވެ. ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ސްލޫކާއި ޚިލާފް އެތައް ވާހަކަތަކެއް ރިޕޯޓް ކުރަމުންނެވެ. އެއަށް ނޫސްވެރިކަމޭ ނުކިޔޭނެކަން އެއީ ނޫސްވެރިކަމުގެ ޢިލްމް ކިތަންމެ ކުޑަކޮށް ނަމަވެސް ކިޔަވައިގެން ތިބި ދެމީހަކު ދެބަހެއް ނުވާނެއެވެ. 

"ރައީސް ޔާމީނުގެ ވެރިކަން ނަމަ، އެމީހުން މިހާރު ތިބޭނީ ޖަލުގައި އަނދަގޮނޑި ޖަހާފައި. ނޫނީ ނިޒާމުން ގެއްލުވާލާލާފައި" 

ކަނޑައެޅިގެން ދޮގުވާހަކަތައް ފަތުރަމުން އަންނަ ނޫހާއި އެނޫހުގެ ނޫސްވެރިޔާ އާއި މެދުު ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި މީހަކު ބުނެފައިވާ ބުނުމެއް

ރައީސް ޔާމީނުގެ ސަރުކާރުގައި ނޫސްވެރިންނަށް އެތައް އަނިޔާތަކެއް ކުރިއެވެ. ސަރުކާރު ނުރުހޭ ޚަބަރެއް ލިޔާ ނޫސްވެރިންނަށް ބިރުދައްކައި އިންޒާރު ދިނެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް އަހަރެއްހާ ދުވަހު ހިނގަމުން ދިޔައިރު، އެކަން ނޫސްތަކުން ރިޕޯޓް ކުރަންފެށީ ނޫސްވެރިންނަށްވެސް އެކަން އެނގޭތާ އެތައް ދުވަހެއް ފަހުންނެވެެ. ސަބަބަކަށްވީ، ރައީސް ޔާމީނުގެ ސަރުކާރުގެ ޚިޔާނާތުގެ ވާހަކައެއް ދައްކައިފި ކޮންމެ ނޫސްވެރިއެއްގެ ފުރާނައަށް ނުރައްކާކުރަމުން ދިޔުމެވެ. ރައީސް ވަހީދުގެ ވެރިކަމުގެ ފަހުކޮޅު، ނޫސްވެރިޔާ އަސްވާޑު މަރާލަން ދިން ހަމަލާ އާއި، ނޫސްވެރިޔާ ރިޟުވާނު ވަގަށް ނަގައި މަރާލުމާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލުމަކީ، ދިވެހި ނޫސްވެރިންނަށް އޮތް ބިރުވެރިކަން ހާމަވެގެން ދިޔަ ކަންކަމެވެ.

ރައީސް ޔާމީނުގެ ދައުރުގައި ޖަލަށް ލެވުނު ނޫސްވެރިންގެ އަދަދުވެސް ބުނާކަށް ނޭނގެއެވެ. ނޫސްވެރިންނާއި މީޑިއާތައް ހުއްޓުވުމަށް އަބުރުގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް ފާސްކޮށް މިލިއަނުން މިލިޔަނުން ޖޫރިމަނާކުރަމުން ދިޔައެވެ. މީޑިއާ ރެގިއުލޭޓް ކުރަން އޮތް ބްރޯޑްކާސްޓިންގ ކޮމިޝަނަށްލީ، ޕްރޮފެޝަނަށް ވުރެ، ސަރުކާރުން ބުނާކޮންމެ ގޮތަކަށް ކަންތައްކޮށްދޭނެ ކުދިންކޮޅެކެވެ.

2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމަށްފަހުގައި އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ، ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ރައީސް ޔާމީނުގެ ސަރުކާރުން ފާސްކުރި އަބުރުގެ ޤާނޫނު އުވައިލެއްވުމެވެ. ނޫސްވެރިކަމަށް ހުރި ހުރަސްތައް ނައްތާލެއްވުމެވެ.

"ދިވެހިރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަން ޔަޤީނެވެ. ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެކެވެ. ނަމަވެސް ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާ އިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްޤުތަކެއް ކަމެވެ."

ބައިނަލް އަޤުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބު

ރާއްޖޭގެ ބަދަލުވަމުން އަންނަ ހާލަތާއި ކުށުގެ ވެއްޓަށް އަންނަ ބަދަލަށް ބަލައި، ހެއްކާއި ބެހޭ ޤާނޫނު މަޖިލީހުން ފާސްކުރި އިރު އޭގައި މުހިއްމު މާދާއެއް އޮތީ ހިމަނާފައެވެ. އެކަމަކު އެބިލްގެ އިބްތިދާޢީ ބަހުސްފެށި މަޖިލިސް އިން ބިލް ފާސްކުރުމާއި ހަމައަށް ދާންދެންވެސް އަދި އޭގެ ފަހުންވެސް ނޫސްވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭނޭ ގޮތަށް ހެއްކާއި ބެހޭ ޤާނޫނުގައި މާއްދާއެއް ހިމަނާފައި އޮތުމުންނެވެ. އަދި އެމާއްދާ އުނިކޮށްދިނުމަށް އެދި 158 ނޫސްވެރިއަކު ސޮއެކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއްވެސް ހުށައެޅިއެވެ.

ހެއްކާއި ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭގޮތަށް ހިމަނައި އިޖުރާޢަތްތަކެއް ވަނީ ކަނޑައަޅާފައެވެ.

ސަރުކާރާއި ސަރުކާރުގެ ވެރިންނާއި މެދު ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށާއި، އާއްމުންގެ ތެރޭގައި ބިރުވެރިކަން ފެތުރުމަށް ނޫސްވެރިކަމުގެ އާންމު އަސާސީ މިންގަނޑާއި ސްލޫކީ މިންގަނޑުތަކާއި ޚިލާފަށް އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ޚަބަރާއި ދޮގު މައުލޫމާތުތައް ފަތުރަމުންނެވެ. މިގޮތުން މިދެތިން ދުވަހު ފެތުރި ޚަބަރަކީ، ސަރުކާރުން ރާވައިގެން ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށާއި، ބިދޭސީންނަށް ހަމަލާދީ ހަމަނުޖެހުންތައް ހިންގަން އުޅޭކަމަށާއި އެކަން ފުލުހުންނަށްވެސް އެނގޭކަމަށް ބުނާ ޚަބަރެވެ. އެހެން ނަމަވެސް އެޚަބަރު ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ހެއްކާއި ބެހޭ ޤާނޫނުގައި، ހިމަނާފައި އޮތް 136 ވަނަ މާއްދާގެ ބޭނުން ޖެހެނީ މިހެން ވުމުންނެވެ. ހެއްކާބެހޭ ޤާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ކުރިކަން ނުވަތަ ކުރަން އުޅޭކަން ހިމެނޭ މައުލޫމާތުތަކާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެކަމަށް ބަޔާންކޮށް އިޖުރާޢަތުތަކެއް ކަނޑައަޅާފައި ވަނީ މިފަދަ ޙާލަތަކަށް ޓަކައެވެ.

މިސަރުކާރުން ނޫސްވެރިކަމަށް ދީފައި އޮތް، މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ، ދިވެހި ނޫސްވެރިންނަށާއި ނޫސްވެރިކަމަށް އޮތް އިތުބާރާއި، ޤަދަރު ކެނޑިގެން ދާނެ ކަމެކެވެ. އަދި ފިތުނަތައް އުފެއްދުމަކީ ދީނީ ގޮތުންވެސް ނަހީ ކުރައްވާފައިވާ ކަމެކެވެ.

"ދޮގު ޚަބަރު ފަތުރާ މީހަކީ، މުޖުތަމަޢުގައި ވިހަ ގުނަވަނެކެވެ. އޭނާއަކީ އޭނާގެ ތަބީޢަތުގައި ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެކެވެ. އެއީ މުޖުތަމަޢުގެ އަމަން އަމާންކަމުގެ ޙައްޤުގައި ބޮޑު ޖަރީމާއެކެވެ."

15 ސެޕްޓެންބަރު 2023، ހުކުރު ޚުޠުބާ

މިއަދުގެ ޙާލަތަށް ބަލާއިރު، ދެންނެވެން އޮތީ، ދިވެހި ނޫސްވެރިއެއްގެ ގޮތުގައި ކާޑުއަޅައިގެން ނުކުންނަ ކޮންމެ ނޫސްވެރިއަކީ، ޤާނޫނު އަސާސީއާ ޤާނޫނުތަކުން ލިބިދީފައިވާ، ހުދޫދެއް ނެތް ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ނޫސްވެރިއަކަށް ނުވެދާނެކަމެވެ. ވީމާ، އެފަދަ ކަންކަމަށްވެސް ޤާނޫނީ ފަރުވާއެއް ލިބޭނެ މަގެއް އޮތުމަކީ ލާޒިމްވާނެ ކަމެކެވެ. ނޫސްވެރިޔާވެސް އޭނާ ދައްކާ ވާހަކައާ ފަތުރާ ޚަބަރުތަކުގެ މައްޗަށް ޒިންމާއުފުލަން ޖެހޭނެއެވެ. ކޮންމެ މިނިވަން ކަމެއް އަންނަނީ އޭގައި އެކުލެވިގެންވާ ޒިންމާތަކާއިވެސް އެކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.