Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

11 Sep 2023
ރިޕޯޓް

ޤާނޫނު އަސާސީގައި މަޖިލީހުން ނުލިޔުނު މާއްދާއެއް ރައްޔިތުންގެ ހިތްތަކުގައި ލިޔެ ވަނީ ޢަމަލުކޮށްފައި

މިހާރު ޢަމަލުކުރަމުން އަންނަ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ (ފެހި ޤާނޫނު އަސާސީ) އަކީ، މިހާތަނަށް ދިވެހިންނަށް ލިބުނު އެންމެ ފުރިހަމަ ޤާނޫނު އަސާސީއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެވުނީ، ދިމިޤުރާތީ ފުރިހަމަ ހަމަތައް ލިބިފައި ނެތްއިރު، އަދި މިނިވަން އިންސާފުވެރި އިންތިޚާބަކުން ނޫން ނަމަވެސް ފެހި ޤާނޫނު އަސާސީ އެކުލަވާލުމުގައި، ގިނަ މެމްބަރުންތަކެއް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ފެހި ޤާނޫނު އަސާސީއަކީ ދިވެހިން އެދޭ ބަދަލުތައް ދިވެހި ވެރިކަމަށާއި، ދިވެހިން ގެ ކުރިމަގު ބައްޓަށް ކުރާނޭ ޗާޓުތައް ކުރެއްސެވިއެވެ. މިއަދު ދިވެހިން މިދެކޭ ސިޔާސީ މަލްޓިޕާޓީ ނިޒާމާއި މިނިވަން ނޫސްވެރިކަން ގެނެސްދިނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ބުރަ މަސައްކަތުންނެވެ. އެބުރަ މައްސައްކަތާއި ޤުރުބާނީތަކަކީ ވަކިފަރުދެއްގެ އެކަނި މަސައްކަތް ކަމުގައި ދައްކައި ލޭބަލްކޮށްގެން އޭނާއަށް އިނާމެއްގެ ގޮތުގައި ދައުލަތުގެ އެންމެ މަތީ ބާރުތައް ދޭންޖެހޭ ކަމަކަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. ވަކިމީހަކަށްޓަކައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުވާކަށް ނުޖެހެއެވެ.

2023 ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުނީ، ރިޔާސީ އިންތިޚާބަކީ، ދިވެހިޖުމްހޫރިއްޔާގެ ފެހި ޤާނޫނު އަސާސީ، ތަންފީޒްކުރެވެން ފެށުމަށްފަހު މިފާއިތުވި، 20 އަހަރުގެ ތެރޭގައި ބޭއްވުނު، 7 ވަަނަ ރިޔާސީ އިންތިޚާބެވެ. 2008 ވަނަ އަހަރު، ރިޔާސީ އިންތިޚާބުގެ ދެބުރެއް އޮތެވެ. 2013 ވަނަ އަހަރު، ރިޔާސީ އިންތިޚާބުގެ ވޯޓުލުން 3 ފަހަރަށް އޮތެވެ. އެއީ އެއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު، ދިވެހިރާއްޖެގެ ސްޕްރީމްކޯޓުން ބާޠިލް ކުރުމުންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ، ފެހި ޤާނޫނު އަސާސީގެ ދަށުން ބޭއްވުނު ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން އެއްބުރުން ނިމުނު ހަމައެކަނި އިންތިޚާބެވެ. 

ދިވެހިޖުމްހޫރިއްޔާގެ ފެހި ޤާނޫނު އަސާސީ، އެކުލަވާލުމުގައި، އޭރުގެ ޚާއްޞަ މަޖިލީހުން، ދިވެހިރާއްޖެ ޚުދުމުޚުތާރު ވެރިކަމަކަށް އަލުން ގެންދިޔަ ނުދިނުމަށްޓަކައި ވަރަށް މުހިންމު މާއްދާއެއް ޤާނޫނު އަސާސީގައި ހިމެނިއެވެ. އެމާއްދާއަކީ، ރިޔާސީ ދައުރުގެ އަދަދު ކަނޑައެޅުމުގެ މާއްދާއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ހ)

* ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ، 5 އަހަރު ދުވަހެވެ. އަދި މިޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ކުރެވޭ އެއްވެސް މީހަކަށް، ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށް ވުރެ ގިނަ ދައުރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމެއް ނުފުރޭނެއެވެ.

ޤާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ހ)

ޤާނޫނު އަސާސީއާ ޤާނޫނުތަކުގައި، ލިޔެފައި މާއްދާތަކެއް ހުއްޓަސް، ޤާނޫނުތަކުގައި ނުލިޔާ އަދި ރައްޔިތުން އެކަމެއްގެ މައްޗަށް ޢަމަލުކުރަމުން އަންނަ ގޮތްތަކަކީ، ޤާނޫނީ ބަހުރުވައިގައި، ލިޔެވިފައި ނެތް އެހެން ނަމަވެސް އޭގެ މައްޗަށް ރައްޔިތުން ޢަމަލުކުރާ ޤާނޫނެވެ. އެފަދަ މާއްދާއެއް، ފާއިތުވި 20 އަހަރު ތެރޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކުން ފެންނަމުން އެބަދާކަމަށް ޤާނޫނީ ދާއިރާގެ ބޭފުޅުން އެބަ ވިދާޅުވެއެވެ. އަދި ބައެއް އާއްމުންނާއި އެހެން ފަރާތްތަކުންވެސް އެކަން ފާހަގަކޮށްފައިވެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ލިޔެފައި ނެތް، އެކަމަކު ފާއިތުވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ރައްޔިތުން ޢަމަލުކުރި މާއްދާ:

"* ރައީސުލްޖުމްހޫެރިއްޔާގެ މަޤާމަށް އިންތިޚާބު ކުރެވޭ ކޮންމެ މީހަކަށްވެސް ހުރެވޭނީ، ގިނަވެގެން 5 އަހަރު ދުވަހުގެ އެއްދައުރުގައި"

ރިޔާސީ އިންތިޚާބުގައި ފެންނަމުން އަންނަ ނަތީޖާ

ފާއިތުވި 20 އަހަރުގެ ތެރޭގައި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް، ރާއްޖޭގެ ރައްޔިތުން ވަނީ، ވެރިކަން ބަދަލުކޮށްފައެވެ. އައު ޤާނޫނު އަސާސީގެ ދަށުން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވިފައެއް ނެތެވެ. ރައީސް މައުމޫނަށް އައު ޤާނޫނު އަސާސީގެ ދަށުން އެންމެ ދައުރެއްވެސް ލިބިވަޑައި ނުގަންނަވައެވެ. ރައީސް ނަޝީދަށާއި، ރައީސް ވަހީދަށް ވެސް ރައްޔިތުން ދެވަނަ ދައުރެއް ނުދިނެވެ. ރައީސް ޔާމީނަށްވެސް ދެވަނަ ދައުރެއް ނުދިނެވެ. 30 ސެޕްޓެމްބަރު 2023ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ލިޔެވިފައި ނެތިސް ރައްޔިތުން ޢަމަލުކުރަމުން އައި މިމާއްދާ އުވުނީއެވެ.

މީގެ އިތުރުން އެހެން ކަމެއްވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި، ފާހަގަވެފައި ވެއެވެ. އެއީ ކޮންމެ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި ދެވަނައަށްދާ ކެންޑިޑޭޓް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދާއި، ރައީސް މައުމޫނާއި ދެމެދު %20 ޕަސެންޓްގެ ފަރަޤެއް އޮތެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި، 11 ނޮވެމްބަރު 2008 ގައި ވެރިކަމުގެ ހުވާ ކުރެއްވީ ރައީސް ނަޝީދެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ފުރަތަމަ ބުރުގައި އެންމެ ކުރި ހޯއްދެވީ ރައީސް ޔާމީނާއި ރައީސް ނަޝީދެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، 11 ނޮވެމްބަރު 2013ގައި ވެރިކަމުގެ ހުވާކުރެއްވީ، ރައީސް ޔާމީނެވެ.

ޤާނޫނު އަސާސީގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ލިޔެ ޤަރާރުކޮށްފައި ވަނީ، އެކަކަށް ވެރިކަން ކުރެވޭނީ 5 އަހަރުގެ ދެ ދައުރުކަމަށް ކަމުގައި ވީނަމަވެސް، ރައްޔިތުން ވޯޓުދެމުން އައިސްފައި ވަނީ އެގޮތަކަށް ނޫނެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި، އެއްވެސް ވެރިއަކަށް ރައްޔިތުން ދެވަނަ ދައުރެއް ނުދިނުމުގެ ފަހަތުގައި ވަނީ، ރައްޔިތުންގެ އުއްމީދާއި އެދޭ ގޮތަށް ކަންކަން ނުދިޔުންކަމުގައި މުޅިން ބެލެވޭކަށްވެސް ނެތެވެ. އެގޮތަށް ދިމާވުމުގެ އެއްސަބަބަކީ، ރާއްޖޭގެ އިޤުތިޞާދީ ޙާލަތާއި ސިޔާސީ މަޝްރަޙް އޮތްގޮތަށް ވުރެ ރައްޔިތުންގެ އުއްމީދުތައް މާބޮޑަށް މަތިވުން ކަމުގައިވެސް ވެދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.