Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

09 Sep 2023
ލައިފްސްޓައިލް

އިޙްތިރާމް ބޭނުންނަމަ މި ކަންކަން ކުރާށެވެ.

އިޙްތިރާމް ކުރުމާއި އިޙްތިރާމް ހޯދުމަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި ވަރަށް މުހިންމު ކަމެކެވެ. އަނެކާއަކީ ކުޑަ ކުއްޖަކަށް ވުމުން، ނުވަތަ މުސްކުޅިއަކަށް ވުމުން، ނުވަތަ ނިކަމެއްޗަކަށް ވުމުން، ނުވަތަ ތިމާއަށް ވުރެން އާދައިގެ ވަޒީފާއެއް އަދާކުރަމުންދާ މީހަކަށްވުމުން ނުވަތަ ސިޔާސީ ގޮތުން ތިމާއާ ޚިޔާލު ތަފާތު މީހަކަށް ވުމުން އެމީހަކަށް އޮންނަ އިޙްތިރާމް ކުޑަކޮށްގެން ނުވާނެއެވެ. އިޙްތިރާމް ކުރުމުގެ ފަހަތުގައިވާ އެންމެ މުހިންމު އެއް ބޭނުމަކީ މުޖުތަމައެއްގެ އިޖްތިމާއީ ފޭރާމުގެ ސިއްޙަތު ރަގަޅު ކުރުމެވެ. އެކަކު އަނެކަކަށް އިހްތިރާމް ނުކުރާނަމަ އެކަމުގެ ނޭދެވެ އަސަރު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް މުޅި މުޖުތަމައަށް ކުރާނެއެވެ. އެހެންކަމުން، އިހްތިރާމް ކުރުމުގެ މާތް ސިފަ އަހަރެމެންގެ ތެރޭގައި އޮންނަންޖެހޭ ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ.

މިސާލަކަށް އަހަރެމެންގެ ގޭތެރެއަށް ބަލާނަމަ، މައިންބަފައިންނަށް އިހްތިރާމް ނުކޮށްފިނަމަ ގޭތެރޭގެ ހަމަޖެހުން އޮވޭހެއްޔެވެ؟ ނޯންނާނެއެވެ. ހަމައެގޮތަށް އަހަރެމެންގެ މަސައްކަތުގެ މާހައުލަށް ބަލާލިޔަސް، އެންމެންގެ ތެރޭގައި އޮންނަންޖެހޭ އިޙްތިރާމް ނެތިއްޖެނަމަ، ހާސިލްކުރަން ބޭނުންވާ ނަތީޖާއަށް ވާސިލްވުމުގައި އުފުލަން ނުޖެހޭ އެތައް ބުރައެއް އުފުލަންޖެހި، އެތައް ވަގުތެއް ބޭކާރު ވެގެންދާނެއެވެ.

ދިވެހި ބަހާއި، ބަހުގެ އަދަބުތައް ފެތުރުމަށް ނެރެމުންދިޔަ ފަތްތޫރަގައިގެ 57 ވަނަ އަދަދުގައި، ދިވެހި އަދަބީ ޤުލްޝަންގެ ޝާއިރުއްޝަބާބު އަލްއުސްތާޒު އަލްމަރްޙޫމް އިބްރާޙިމް ޝިހާބު ލިޔުއްވާފައިވާ ގޮތުގައި، އިޙްތިރާމްގެ މާތް ސިފައަކީ އެބައެއްގެ ޤައުމީ ޝަޙްސިއްޔަތުގެ ހަރުދަނާކަން ވެސް ދައްކުވައިދޭ ކަމެކެވެ. އެގޮތުން، އިޙްތިރާމް ކުރުމާއި ކަމޭހިތުން އާންމުވީ މިންވަރަކުން އެ މުޖުތަމައުގެ ބަދަހިކަން އިތުރުވެގެންދާ ކަމާއި، މި ބަދައިކަން އެހެން ބަޔަކަށް ފެނުމުން، އެމީހުންނަށް އެ ފެނިގެން ދަނީ ޤައުމެއްގެ އިޖްތިމާޢި ގުޅުމުގެ ހަރުދަނާކަމެވެ. އަދި އެ ލިޔުމުގައި އަލްމަރްޙޫމް އިބްރާޙިމް ޝިހާބު ލިޔުއްވާފައިވާ ގޮތުގައި، އަނެކަކަށް ކަމޭހިތުމާއި އިޙްތިރާމް ކުރުމުން އެ ކުރެވޭ ކަމަކީ ތިމާގެ އަމިއްލަ ނަފްސަށް ކެމޭހިތުމާއި އިޙްތިރާމް ކުރުމެވެ.

ސިޔާސީ ހަލަބޮލި ދުވަސްވަރެއްގައި، މި މާތް ސިފަ އަހަރެމެންގެ ތެރޭގައި ހިފެހެއްޓުމަކީ، ޤައުމު އިތުރު ހަލަބޮލިކަމަކަށް ނުދިއުމަށް ވެސް ވެދެވޭނެ އެހީއެކެވެ. ތިމާ ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް ބޭނުންވާ މީހާއަށް، އޭނާ ބޭނުންވާގޮތް ނުވިނަމަވެސް އެއީ އޭނާއަށް ކުރާ އިޙްތިރާމް ކުޑަކުރަން ޖެހޭ ސަބަބެއް ނޫނެވެ. އެކި މީހުންގެ ބުއްދި ޤަބޫލުކުރާނީ އެކި ހަމަތަކެވެ.

ތިމާއަކީ މުޖުތަމަޢުގައި އިޙްތިރާމް ލިބިގެންވާ މީހެއްނަމަ، އެމީހަކަށް އޭގެން ލިބޭނެ ފައިދާތައް ވެސް ވަރަށް ގިނަ ވާނެއެވެ. އެކަމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއާއި ހިންހަމަޖެހުމަކީ އެހެން މީހުންގެ އިތުބާރާއި އިހްތިރާމް ލިބުމެވެ. ބަސްނުވިކޭ އޮޑިއަކަށް އެރިއްޖެނަމަ މިކަން ވަރަށް ރަގަޅަށް އިޙްސާސް ކުރެވޭނެއެވެ.

އެހެންކަމުން ދެން މި ބަލާލަނީ އަހަރެމެންގެ މި މުޖުތަމަޢުގައި އިޙްތިރާމް ހޯދުމަށް ކުރެވިދާނެ ހަތް ކަމަކަށެވެ.

ތިމާގެ ޝަކުވާ އެހެން މީހުންނަށް އަޑު އިވުނަ ނުދޭށެވެ.

ތިމާއަކީ ކޮންމެ ކަމަކުން މައްސަލަ އުފައްދާ، ކޮންމެ ކަމެއްގެ ވެސް އޮތް ރަގަޅު ގޮތަށް ވުރެން ނުރަގަޅު ގޮތް ފެންނަ މީހަކަށް ނުވާށެވެ. އަހަރެމެން ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ، ދުނިޔޭގައި ހުރިހާ ކަމެއް އަހަރެމެން އެންމެ ބޭނުންވާ ގޮތަށް ނުދާނެކަމެވެ. އޭގެ މާނައަކި އެކަމާ އަބަދު ޝަކުވާ ކުރުމެއް ނޫނެވެ. އަދި ތިމާ ޝާމިލްވާ ކޮންމެ ކަމަކީ، ތިމާގެ ބަސް އެހާ މުހިންމު ކަމަކަށް ނުވެ ހިނގައިދާނެ ކަމެކެވެ. އެހެންކަމުން ކަންކަމުގައި އަމަލަށް ވުރެން ބަސް ގިނަ ނުކުރުން ބުއްދިވެރިއެވެ.

އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު ކުރާށެވެ.

ތިމާ ކުރަން ހިތުލާ، ނުވަތަ ބޭނުންވާކަމެއް ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އަމިއްލަ ނަފްސަށް ކުރާށެވެ. ފަހަރުގާ ކައިރީގައި ތިބި ބަޔަކު، އެއީ ތިމާއަށް ނުކުރެވޭނެ ކަމެކޭ ބުނެފާނެއެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭ ކަމަކީ، ތިމާއަށް ވުރެން ބޮޑަށް، ތިމާ ދަންނާނެ އިތުރު މީހަކު ނުހުންނާނެކަމެވެ. ބޭނުންވަނީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ.

ގޯހެއް ހެދިއްޖެނަމަ އެކަމަށް އިޢުތިރާފް ވާށެވެ.

ކޮންމެ އިންސާނަކީ ހުރިހާ ކަމެއް އެނގޭނެ މީހެއް ނޫނެވެ. އެހެންކަމުން ގޯހެއް ހެދިއްޖެނަމަ އެކަމަށް އިޢުތިރާފް ވާށެވެ. ދިރިއުޅުމުގައި ފިލާވަޅުލިބި، އެ ފިލާވަޅުގެ ބޭނުން އެހެން ހާލަތެއްގައި ހިފޭނީ ތިމާއަށް ހެދޭ ގޯސްތައް އަމިއްލައަށް ޤަބޫލު ކުރާނަމައެވެ. އެކަން ޤަބޫލު ނުކުރާނަމަ، އެ ގޯސް ދެވަނަ ފަހަރަށް ވެސް ހެދުމުގެ ފުރުސަތު ބޮޑު ވާނެއެވެ.

ކަމެއްކުރަން ބުނެފިނަމަ އެކަމަކަށް މަސައްކަތް ކުރާށެވެ.

ތިމާއަކީ ބުނާ ބަހުގައި ބަރުދަން ހުރި މީހަކަށް ވާށެވެ. އެގޮތުން، ކަމެއް ކުރަން، ނުވަތަ މީހަކަށް ކަމެއް ކޮށްދޭން ބުނެފިނަމަ އެކަމަކަށް މަސައްކަތް ކުރާށެވެ. ތިމާއަށް ކޮށްދެވެން ނެތްކަމެއް ކޮށްދޭނަމޭކިޔާ އެހެން މީހަކަށް އަވާމެންދުރު ދެއްކުމަކީ ތިމާގެ އަގު އެހެން މީހުންގެ ކުރިމަތީގައި ގެއްލޭނެކަމެކެވެ. އަދި ތިމާއަށް އޮތް އިތުބާރު ވެސް އެހެން މީހުންގެ ކުރިމަތީގައި ގެއްލޭނެ ކަމެކެވެ.

ތިމާގެ ނަފްސާއި ސަމާސާ ނުކުރާށެވެ.

ކޮންމެ މީހަކު ވެސް ޤަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކެއް ހުންނާނެއެވެ. އެ ހަމަތަކާއި އުސޫލުތަކަކީ އަބަދުވެސް ތިމާ އިޙްތިރާމްކުރާ ކަންކަމަށް ވާންވާނެއެވެ. ލިބިދާނެ ވަގުތީ ފައިދާއަކަށް ބަލައި އެކަން ގުރުބާންކޮށްފިނަމަ، ތިމާގެ ނަފްސުގެ އަގު ގެއްލިއްޖެއެވެ. ފަހުން އެކަމާ ހިތާމަކުރާނެއެވެ.

އިޙްސާސްތައް ކޮންޓްރޯލް ކުރާށެވެ.

ތިމާ ހިތް ނުރުހޭ ކަމެއް ހިނގިޔަސް އެކަމާ ވަގުތުން އަމަލު ނުކުރާށެވެ. ކޮންމެ ހާލަތަކީ ތިމާ ވަގުތުން އަމަލު ކުރަންޖެހޭ ހާލަތެއް ނޫނެވެ. މިސާލަކަށް ތިމާއަކީ ރުޅި އައުމުގައި ކޮންޓްރޯލް ކުރަން އުނދަގޫ މީހެއްނަމަ، ހަމަގައިމު ވެސް އެއީ އެހެން މީހުންނާއި ތިމާއާއި ދެމެދު ރޭނޭ ފާރެކެވެ. އެ ފާރުގެ ސަބަބުން ގުޅުންތައް ކެނޑޭނެއެވެ. އަދި ތިމާއަށް އޮންނަ އިހްތިރާމް ވެސް ކުޑަވެގެން ދާނެއެވެ. ނަމަވެސް މީގެ މާނައަކީ ދިމާވާ ކޮންމެ ކަމެއްގައި ހަނު ހުރުމެއް ނޫނެވެ. އަމަލު ކުރާށެވެ، ނަމަވެސް ތިމާގެ އިޙްސާސްތައް އެހެން މީހުނަށް ވަންހަނާކުރާށެވެ.

ހެޔޮބަދަލުތަކަށް އެހީތެރިވެދޭށެވެ.

ތިމާގެ ދިރިއުޅުމުގައި އެކި ދުވަހު އެކި ކަންކަން ދިމާވާހެން، ތިމާގެ ވަށައިގެންވާ މާހައުލުގައި ވެސް ވަރަށް ގިނަ ކަންކަން ހިނގާނެއެވެ. ވަށައިގެން ވާ މުޖުތަމަޢުގެ ހާލަތު ރަގަޅު ނަމަ ތިމާއަށް ވެސް އޭގެ ފައިދާ ކުރާނެއެވެ. އެހެންކަމުން، ދިރިއުޅުމުގެ މާނައެއް ނުފެނިގެން، ނުވަތަ އެކަށޭނަ ދިރިއުޅުމެއް އުޅެން ނޭންގޭ މީހަކު ކައިރީގައި އުޅޭނަމަ އޭނާއަށް ރަގަޅު ގޮތް ކިޔާދޭށެވެ. ދިރިއުޅުމުގެ ހަމަތަކާއި ދިރި ހުރުމުގެ ހަމަތައް ކިޔައިދޭށެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުން އެންމެ ރަގަޅަށް ބައްޓަން ކުރެވޭނެފަދަ މުހިންމު ނަސޭހަތް ދޭށެވެ. އެމީހާއަށް ހެޔޮ ވިސްނުމުން ތިމާގެ އެ ހެޔޮއަމަލު ބަލައިގަންނާނެކަން ޔަގީނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.