ވަޒީފާއަށް ފަރުވާ ކުޑަކުރުން ނިމުމަކަށް އަންނާނީ ކޮންއިރަކުން ބާ؟
ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއިއެކު މީހުންގެ ދިރިއުޅުމާއި, ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް އަންނަމުން އެބަދެއެވެ. އެއާއިއެކު މީހުންގެ ބޭނުންތައް ބަދަލުވެ, ކުރިން ހީނުކުރާފަދަ ކަންކަމުން އާމްދަނީ ލިބޭނެ މަގު ވެސް ވަނީ މިއަދު ފަހި ވެފައެވެ. މިސާލަކަށް ގްރެފިކް ޑިޒައިނަރުންނާއި, ވެބް ޑިވެލޮޕަރުންނާއި, ސޮފްޓްވެއަރ އިންޖިނިއަރުންނަށް އުފުލެމުންދާ ޑިމާންޑެވެ. މިއީ ކުރިން މި މުޖުތަމައުގައި އުޅުނު ބައެއް ނޫނެވެ. ނަމަވެސް ޒަމާނީ ވިސްނުމަކުން ވިސްނާނަމަ, މިފަދަ ހުނަރުވެރިންނާއި ނުލައި ސަރުކާރު އޮފީސްތަކުން ފެށިގެން އެކި ފަންތީގެ ވިޔަފާރިތަކަށް ބެލިޔަސް, އެ ތަންތަނުގެ ގުނަވަންތައް ހަމަ ކަމަކަށް މިހާރަކު ނުބެލެވޭނެއެވެ.
ބާރު ސްޕީޑެއްގައި ދުނިޔެ ކުރިއަރަމުން ގޮސް އަރޓިފިޝަލް އިންޓެލިޖެންސް ފަދަ އީޖާދީ ހޯދުންތަކާއިއެކު އެތައްކަމެއް ކޮންމެ ދުވަހަކު މި އަންނަނީ ބަދަލުވަމުންނެވެ. އަދި ދާދި މިދާކަށް ދުވަހު މި އަޑު އިވުނީ ޗެޓް-ޖީޕީޓީ, ނުވަތަ ކުޅަދާނަ ސިފަތަކެއް ލިބިގެންވާ ޗެޓްބޮޓެއް އުފަންކުރި ވާހަކައެވެ. ޗެޓް-ޖީޕީޓީ އާއި ބޭނުން ސުވާލެއް ކުރާށެވެ. ވަރަށް ތަފްސީލު ޖަވާބު ދޭނެއެވެ. މީގެ އަނެއް ތަފާތުކަމަކީ, ދެ މީހެއްގެ ދޭތެރޭގައި ކުރެވޭ މުއާމަލާތެއްހެން ޗެޓް ކުރިއަށް ގެންދެވި, ވާހަކަ މި ދެކެވެނީ މެޝިނަކާހެން އިހުސާސްނުވުމެވެ. އަދި ވަކި ސުރުހީއެއް ނުވަތަ ކަމެއް ބުނުމުން އެ ސުރުހީއެއް ނުވަތަ ކަމަކާއި ގުޅޭ ގިނަ މައުލޫމާތު އެއްކޮށް މަޒުމޫނުތައް ފަދަ ތަފްސީލު ލިޔުންތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތައްޔާރު ކޮށްދޭނެއެވެ.
ދިވެހިރާއްޖެއަކީ ކުޑަ ގައުމެކެވެ. އެހެން ނަމަވެސް އެއީ ދުނިޔެ އާއި އެއްފެންވަރަށް އަހަރެމެންގެ ސިކުނޑިތައް ތަރައްގީ ނުވެވެންވީ, ނުވަތަ އެފަދަ އީޖާދީ ހުނަރުތައް ދިވެހިންގެ ގައިގައި ނުހުންނަންވީ ސަބަބެއް ނޫނެވެ. ބޭނުންވަނީ ވިސްނުމުގެ ކުޅަދާނަކަމާއި, މިފަދަ ކަންކަމަށް އަދުގެ ޒުވާން ޖީލު ދީލާނެ ޝައުގުވެރިކަމެވެ. މިއީ އަހަރަކުން ނޫނީ ދެ އަހަރަކުން ވާނެ ކަންކަމެއް ނޫނެވެ. ނަމަވެސް ދުރު ރާސްތާ ވިސްނުމަކުން ވިސްނައި, ގައުމުގެ އެންމެ މަތީ ފަންތިއާއި ހަމައިން މަސައްކަތް ކޮށްގެން ގެނެވޭނެ ބޮޑެތި ބަދަލުތަކެވެ.
މިފަދަ އިންގިލާބީ ބަދަލެއްގެ ބިންގަލަކީ ތައުލީމާއި ހުނަރުކަން ޔަގީނެވެ. ތަފާތު ގިނަ ރޮނގުތަކުން, އެންމެ އުހަށް އުނގެނި, ތަހުޒީބީ ވިސްނުމުގެ ދަންމަރު ދިއްލާލަން ޖެހެއެވެ. މި މޭރުމުން ވިސްނާލާއިރު, މިކަމުގައި އޮތް އެންމެ ބޮޑު އުފަލަކީ ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު މިއަދު ތަނަވަސް ވެފައި އޮތުމެވެ. އެހެން ނަމަވެސް އަދި މިހާހިސާބުން މިކަން ނިންމޭކަށެއް ނެތެވެ. ވަޒީފާގެ މާހައުލުގައި ދިވެހިން ނެތް ގިނަ ޕްރޮފެޝަންތަކެއް މިއަދު އެބަހުއްޓެވެ. އެ ހިސާބުތަކަށް ދިއުމަށް ފުރަތަމަ ޑިގްރީއާ ހިސާބުން ނިންމޭކަށް ނެތެވެ. އެއަށްވުރެއް މައްޗަށް އުނގެނެން ޖެހެއެވެ.
ގިނަ ދިވެހިންނަށް ފުރަތަމަ ޑިގްރީއާއި ހިސާބުން ހުއްޓާނުލާ ކުރިއަށް ދިއުމުގެ މާބޮޑު ޝައުގުވެރިކަމެއް މީގެކުރިން ނެތުމަކީ އެކަށީގެންވާ ކަމަކެވެ. އެއީ ކިތަންމެ މައްޗަށް ކިޔެވި ނަމަވެސް, ވަޒީފާގެ ކުރިއެރުން ލިބޭނެ މަގު, ގިނަ އޮފީސްތަކުގައި ފަހިވެފައި ނެތުމުންނެވެ. ހާއްސަކޮށް ސަރުކާރު އޮފީސްތަކުގައެވެ. އަދި ކުރާ މަސައްކަތާއި އެކަށޭނަ އުޖޫރައެއް ނުލިބުމަކީ, މަސައްކަތުގެ 'ޕްރޮޑަކްޓިވިޓީ' ދަށްވެފައި އޮތް އެންމެ މައިގަނޑު ސަބަބެވެ. އަދި މިއީ ސަރުކާރު އޮފީސްތަކުން ދޭ ޚިދުމަތްތަކަށް އީޖާދީ ބަދަލުތައް ގެނައުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހެވެ. ނޫންނަމަ މިއީ ފިނިހަކަ ސްޕީޑުގައި ކުރިއެރުން ފެންނަމުންދާ މައިގަނޑު ސަބަބެވެ. މުހިންމު ބޮޑު ބަދަލެއް ގެނެވުނަސް, އެއް ފެންވަރެއްގައި ޚިދުމަތް ދިނުމަކީ ސަރުކާރު އޮފީސްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ސަރުކާރު އޮފީސްތަކުގެ ހިންގުން އެފަދަ ގޮތަކަށް ބައްޓަންވެފައި އޮތުމަކީ, މުވައްޒަފުން ފަރުވާ ކުޑަވުމުގެވެސް މައިގަނޑު ސަބަބެވެ.
އަހަރެން ދަންނަ އެކުވެރިއެކެވެ. ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު ދިހަ އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެއެވެ. އޭނާ އޮފީހަށް ވަނީ އޭލެވެލް ފާހެއް ހިފައިގެނެވެ. ނަމަވެސް މިހާރު މާސްޓާސް ޑިގްރީއެއް އޮވެއެވެ. އޭނާ އޮފީހަށް ވަދެ ދިހަ އަހަރަށް ވުރެން ގިނަ ދުވަސްވެފައި ވާއިރު, މި މުއްދަތުގައި ރާއްޖޭގެ އިންފްލޭޝަން އެތައް ގުނައެއް މައްޗަށް ގޮސްފިއެވެ. އަދި އަމިއްލަ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. މި މުއްދަތުގައި ކައިވެނިކޮށްފިއެވެ. ދަރިން ލިބިއްޖެއެވެ. މި ހުރިހާ ސަބަބުތަކާއި ހެދި ދިރިއުޅުމުގެ ހަރަދުތައް އެތައްގުނައަކުން މައްޗަށް ގޮސްފިއެވެ. ނަމަވެސް މުސާރައަކީ އޮފީހަށް ވަތްއިރު ވެސް ލިބުނު މުސާރައެވެ. ހޯދި ޑިގްރީއަކުން ވީ ފައިދާއެއް ނެތެވެ. ޝައުގުވެރިކަމާއިއެކު ކުރި މަސައްކަތުން ލިބުނީ ފަންނީ ހުނަރެވެ. ދިރިއުޅުމުގެ ހާލަތު ރަގަޅު ކުރުމަށް އެކަމުން އެއްވެސް ފައިދާއެއް ނުކުރިއެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ އޭނާގެ އެކުވެރިން މިހާރު ދިރިއުޅުމުގައި އެތައް ކާމިޔާބީތަކެއް ހޯދައިފިއެވެ. މި ދައްކަނީ ލިބޭ މިންވަރަށް ޝުކުރު ނުކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް, ޕްރޮފެޝަނަލް ގިންތީގައި ޕްބަލިކް ސެކްޓަރ އާއި ޕްރައިވެޓް ސެކްޓަރ އިން ފެންނަން އޮތް ބޮޑު ތަފާތެއްގެ ވާހަކައެވެ.
ޝައްކެއް ނެތެވެ. އިންސާނީ ވަސީލަތަކީ ގައުމެއްގެ އެންމެ އަގުހުރި ރައުސްމާލެވެ. އެ ވަސީލަތް ކުރިއެރުވުމަކީ އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއް ކަންތަކެވެ. ތައުލީމީ އަދި ހުނަރުވެރި ޖީލެއް ބިނާކުރުމަކީ, ގައުމުގެ މަލަމަތި ތަހުޒީބާއި ތަމައްދުންގެ ކުލަތަކުން ޒީނަތްތެރިވާނެ އެންމެ މުހިންމު މަސައްކަތެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތާއިއެކު, ކުރިން އެ ފުރުސަތު ނެތް އެތައް ކުދިންނަކަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެ, ކުރިން މި ދެންނެވުނު ބަދަލު ރާއްޖެއަށް ގެނައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ފުޅާ ދާއިރާއެއްގައި ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފައެވެ. ދެން އޮތީ އެއާއި ވިދިގެން އަންނަންޖެހޭ އިތުރު ކަންތައްތަކުގެ ވާހަކައެވެ. އާދެ, އުނގެނޭ ތައުލީމެއް ނުވަތަ މީހާގެ ގާބިލްކަމާއި އެކަށޭނަ އުޖޫރައެއް ލިއްބައިދިނުމުގެ ވާހަކައެވެ. އެހެން ނޫންނަމަ ކިޔެވުމުގެ ޝައުގުވެރިކަން ދަށެވެ. އަދި އެއީ ގާބިލް ޖީލެއް ބިނާކުރަން އޮތް އެންމެ ބޮޑު ހުރަހެވެ.
ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަން, ނުވަތަ ސަރުކާރު މުވައްޒަފުންގެ މުސާރަ އެއް ހަމައަކަށް ގެނަސް, މުވައްޒަފުން ކުރާ މަސައްކަތާއި އެކަށޭނަ މުސާރައެއް ދިނުމުގެ މަސައްކަތަކީ ގައުމު އާރާސްތުކޮށް, ތަހުޒީބީ އަދި ފުދުންތެރި ދިރިއުޅުމެއް ސަރުކާރު މުވައްޒަފުންނަށް ފަހިކޮށް ދިނުމަށް ކުރެވޭ އިންގިލާބީ މަސައްކަތެކެވެ. ނަމަވެސް މި މަސައްކަތާއިއެކު ފައިދާވާނީ ހަމައެކަނި ސިވިލް ސަރވަންޓުންނާއި އެމީހުންގެ އާއިލާތަކަށް ތޯ އެއީ އުފެދޭ ސުވާލެކެވެ. ނޫނެކެވެ. ސިވިލް ސަރވަންޓުންނާއި އެމީހުންގެ އާއިލާތަކައިއެކު މުޅި ދިވެހި ރައްޔިތުންނަށް ވެސް އެކަމުގެ ހެޔޮ ލާބަ އާއި މަންފާ ކުރާނެއެވެ. އެއީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި, މުޅި ސަރުކާރަކީ ވެސް ގައުމެއްގެ ހުރިހާ ރައްޔިތުންނާއި ގުޅުންހުރި, ގައުމުގެ އިޖުތިމާއީ ފޭރާން ރަގަޅުކޮށް, ގައުމުގެ އަމަން އަމާންކަން ބަލަހައްޓާ, ގައުމުގެ އިޤްތިޞާދު ރަގަޅުކޮށް, ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރި ކުރުމުން ފެށިގެން ގޮސް އެތައް ކަމެއް ކުރުމުގެ ޒިންމާ މަތިކުރެވިފައިއޮތް ފަރާތެވެ. އެހެންކަމުން ޕޭ ހާމަނައިޒޭޝަން އާއިއެކު އެޅިގެން މިދަނީ ގައުމީ ތަރައްގީގެ މުހިންމު ބިންގަލެއް ވެސް މެއެވެ.
އެންމެ ފުރަތަމަ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރާއާއި އޮނިގަނޑަށް 2022 ވަނަ އަހަރުގެ މެއި މަހު އައި ބަދަލަށް ބަލާލަމާ ހިނގާށެވެ. ޓީޗަރުންގެ މުސާރަ ބޮޑުކޮށް, ތައުލީމީ ދާއިރާއިން ކުރިއަށް ދެވޭނެ މަގުފަހިވާގޮތަށް އޮނިގަނޑު ބައްޓަން ކުރެވިގެން ދިއުމަކީ، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދިއުމަށް ކޮށާ ދެވުނު މަގެކެވެ. އަދި އެ ބަދަލުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުންނާއި ޓީޗަރުން ނުލިބުމުގެ އުނދަގޫ ނެތިގޮސް, ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ފެންވަރު ރަގަޅު ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވެއްޖެއެވެ. ފާއިތުމިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ފެނިއްޖެއެވެ. އަދި ހަމަ އެއާއިއެކު ޓީޗަރުން ކުރާ މަސައްކަތަށް ރަގަޅު އާމްދަނީއެއް ލިބެން ފަށައިފިއެވެ.
ދެން ސިއްހީ ދާއިރާއަށް ބަލާލާއިރު, އެ ދާއިރާގެ މުސާރައާއި އޮނިގަނޑަށް މި އައި ބަދަލާއެކު, ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރާނެ ދުވަހަކަށް ދެކެމުން އައި ހުވަފެން ވަރަށް ކައިރިވެއްޖެކަން ޔަގީން ކުރެވިއްޖެއެވެ. ކުރެވެމުންދަނީ އުއްމީދީ އިހުސާސްތަކެކެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް މުވައްޒަފުންނެއްގެ މުސާރަ ބޮޑުވެ, އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމަށް އެމީހުން ކުރަމުންދާ މަސައްކަތަށް މިކަމަކީ އިތުރު ބާރަކަށް ވެއްޖެއެވެ.
ސިއްހީ ދާއިރާގެ އޮނިގަނޑަށް ގެނަސްފައިވާ ބަދަލުން އިތުރުކަމެއް ވެސް ފާހަގަވިއެވެ. އެއީ ސިއްހީ ދާއިރާގެ މުސާރަތަކާއި އޮނިގަނޑު އާންމު ކުރިއިރު, ސިއްހީ ދާއިރާގެ ގިނަ ޕްރޮފެޝަންތަކެއްގައި ދިވެހިން ނެތްކަން ނުވަތަ މަދުކަމެވެ. ނަމަވެސް, އެ މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރަތަކަކީ, އެ ދާއިރާއިން ދިވެހިން ކުރިއަށް ދިއުމަށް އެޅުނު ބޮޑު ބާރަކަށް ވާނެކަން ކަށަވަރެވެ. ވަކި ހިސާބަކަށް ކިޔަވާ, ވަކި ފާސްތަކެއް ހޯދުމުން, ވަޒީފާގެ ކުރިއެރުމާއި, ކުރާ މަސައްކަތާއި އެކަށޭނަ މުސާރައެއް ލިބޭނެކަން މިހާރު ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ޔަގީން ކުރެވޭނެއެވެ. އެމީހުންނަށް ދެން އޮތީ, ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރުމެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިޢުލާނު ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
"ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް. މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި، ސަލާމަތީ ޚިދުމަތްތަކާއި، އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ."
އެހެންކަމުން, ސަރުކާރުގެ ދުރު ރާސްތާ ސިޔާސަތާއިއެކު އެޅެމުން މިދަނީ އުޖާލާ ކުރިމަގެއްގެ ބިންގާކަން ކަށަވަރެވެ.