ފޮޓޯ: ނޫން ގްރެފިކްސް ޓީމް
ބޯހިޔާވަހިކަމުގައި ސަރުކާރުތަކުން އަމަލުކުރިގޮތް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ 2018ގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި އެންމެ މުހިއްމު އެއްވަޢުދަކީ، މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމާއި، އަދި މާލޭގެ ރައްޔިތުންނަށް ޖެހިފައި އޮތް ގިލަންވެރިކަމުން ސަލާމަތްކޮށްދިނުމަށް ބަންޑާރަ ގޯތި ދޫކުރެއްވުމުގެ ވަޢުދެވެ. އެހެން ނަމަވެސް އެކަމާއި މެދު ރައްޔިތުންނަށް އޮތް އިތުބާރު ކުޑަވެފައި އޮތީ ކުރީގެ ސަރުކާރުތަކުން ކަންތައްތައްކޮށްފައި ވާގޮތުންނެވެ.
2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވައްޓާލިއިރު، ވެށިފަހިމާލެ ނަމުގައި އެސަރުކާރުން ދިޔައީ ބޯހިޔާވަހި ކަމުގެ މަޝްރޫޢެއް ހިންގަމުންނެވެ. މާލޭގެ ކުދި ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން 1000 އަކަފޫޓުގެ ގޯތި އެމްޑީޕީ ސަރުކާރުން ދިނެވެ. ސަރުކާރު ވައްޓާލި އިރު ގާކޮށްޓާއި އަރަބިއްޔާކޮށީގައި 10 ބުރީގެ ފްލެޓް އިމާރާތްތައް ދިޔައީ އަޅަމުންނެވެ. ގުޅިފަޅު ހިއްކައި ބައެއް ފްލެޓް އިމާރާތްތައްވެސް ދިޔައީ އަޅަމުންނެވެ. އަދި އޯޑިއޯން އާއި ނާދީ ހުރި ބިންވެސް އޮތީ ފްލެޓް އެޅުމަށް ދޫކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުގެ ވެރިކަން ވެއްޓުނު އިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބި އެތަންތަނުގެ އެގްރިމެންޓް ނުހެދި ތިބި މީހުންނަށް އެތަންތަން ލިބޭގޮތެއް ނުވިއެވެ. ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތައް ރައީސް ޔާމީނުގެ ދައުރުގައި ނިމިގެން ދިޔައިރު، އެތަންތަނުން ފްލެޓްދޭން ކަނޑައެޅި ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލައި އަދި ދެރަ ނިކަމެއްޗަކަށް އެއިންތަނަކާއި ގާތްވާން ނުކެރޭވަރަށް އަގު ބޮޑުކޮށްލީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. މިގޮތުން ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތަކުގެ ޖުމުލަ ކުއްޔަކީ ދެމިލިޔަން ރުފިޔާކަމަށް ކަނޑައަޅައި، ފަސްއަހަރު ދުވަހަށް ބަހާލައިގެން، މަހަކު 33,000ރ. ނުދައްކާނަމަ އެފްލެޓްތައް ނުލިބޭނެކަން މާލޭގެ ރައްޔިތުންނަށް އެންގީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. ޑައުންޕޭމެންޓާއި މަހުކުލި އިންތިހާއަށް ބޮޑުވުމުން އެމްޑީޕީ ސަރުކާރުން އެފްލެޓްތައް ދޭން ނިމި މާލޭގެ ނިކަމެތި ރައްޔިތުން ޖެހުނީ ހިމޭން ވާށެވެ.
އެމްޑީޕީ ސަރުކާރުން ގުޅިފަޅުން ދޫކުރި ގޯތިތަކާއި، ފްލެޓްތައް ރައީސް ޔާމީނުގެ ސަރުކާރުން އަތުލައި އެމަޝްރޫޢުވެސް ހުއްޓުވީ، ގުޅިފަޅަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫންކަމަށް ބުނެއެވެ. މިހާރުވެސް ގުޅިފަޅުގައި އޭރު އެމަސައްކަތް އެމްޑީޕީ ސަރުކާރުން ހަވާލުކުރި ކުންފުނިން ނިންމާފައިވާ ފްލެޓްތައް އެހެރީ ފެންނާށެވެ. އެހެން ނަމަވެސް އެތަންތަން ލިބުނު އަދި އެތަންތަނަށް ފައިސާދެއްކި މީހުންވެސް އެތަނުން ބޭރު ކުރީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ.
ރާއްޖޭގައި އެއްފަހަރާފެށި އެންމެ ބޮޑު ހައުސިން މަޝްރޫޢުއަކީ ރައީސް ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫޢެވެ. އެކަމަކު ރައީސް ޔާމީނުގެ ސަރުކާރުގައި، އެމަޝްރޫޢު ފެށީ ވެރިކަމުގެ ދައުރު ނިމެން އެންމެ އަހަރަކަށް ވީދުވަހު، 18 ނޮވެމްބަރު 2017 ގައެވެ. 17 ނޮވެމްބަރު 2018ގައި ރައީސް ޔާމީނުގެ ސަރުކާރު ނިމިގެން ދިޔައިރު، ހިޔާގެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުންތައް އެތައްހާސް ބަޔަކަށް ދޫކޮށްފައިވާއިރު، ހިޔާގެ ބައެއް ޓަވަރުތަކުގައި އޭރު އަދި ބިންގާވެސް ނޭޅެއެވެ. ނިމޭނެ ފްލެޓްތަކުގެ އަދަދުވެސް ކަށަވަރު ނުވެއެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުން އޭރު މާލެ ސަރަހައްދުން ގޯތި ދިނުމުގެ ގޮތުން، މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައި ގޯތި ދޫކުރާނެ އިއުލާނު ކުރީ، 1 އޮގަސްޓް 2018 ގައެވެ. މިގޮތުން 2018 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް 18 އަހަރު ފުރޭ ކޮންމެ މީހަކަށް ފުށިދިއްގަރުފަޅުން 1000 އަކަފޫޓުގެ ބިމެއް ދޭނެ ކަމުގައި ރައީސް ޔާމީނުގެ ސަރުކާރުން އޭރު އިއުލާނުކުރިއެވެ. އެހެން ނަމަވެސް "ވިލިމާލެ-2" ގެ ނަމުގައި ރައީސް ޔާމީނުގެ ސަރުކާރުން 2018 އޮގަސްޓް މަހު ފެށި އެ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ލިޔުންތައް ބަހާލި އިރު، ފުށި ދިއްގަރު ފަޅުގައި އެންމެ އިންޗިއެއްގެ ބިންވެސް ހިއްކިފައި ނެތެވެ. އެކަމަކު 7 އޮގަސްޓް 2018ގައި ރައީސް ޔާމީނުގެ ސަރުކާރުން ހުޅުވާލި ފުރުޞަތުގައި 33,000 ވުރެ ގިނަ މީހުން ފޯމްތައް ހުށައެޅިއެވެ.
2018 ވަނަ އަހަރު ހިޔާ ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ މަރުހަލާއެއްގެ ތެރެއިން، ފޮޓޯ: ޕީ.އެސް.އެމް. ނިއުސް
22 ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތީޚާބު އިބްރާހީމް މުޙައްމަދު ޞާލިޙް، ކާމިޔާބު ކުރެއްވުމަށްފަހުގައި، ވެރިކަމުގެ ބާރުތަކާއި ނޮވެމްބަރު 17، 2018ގައި ހަވާލުވެވަޑައިގެންނެވުމާއި ހަމައަށްވެސް، ވުޖޫދުގައި ނެތް ފްލެޓްތަކާއި ގޯތިތަކުގެ ލިޔުންތައް ހައުސިން މިނިސްޓްރީން ދިޔައީ ދޫކުރަމުންނެވެ. އިބްރާހީމް މުޙައްމަދު ޞޯލިޙް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިރުވެސް ހައުސިންގ މިނިސްޓްރީން ދިޔައީ އެލިޔުންތައް ދޫކުރަމުންނެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ދޫކުރެވި މީހުންނަށް ދިރިއުޅެން ފެށުނީ، އެމްޑީޕީ ސަރުކާރުގައި ދެކުނުގެ އަތޮޅުތަކުގައި އެޅުމަށް ހަމަޖެއްސި 1500 ހައުސިންގ ޔުނިޓްގެ ތެރެއިން 704 ޔުނިޓް މާލޭގައި އަޅާގޮތަށް ޑރ ވަހީދުގެ ސަރުކާރުގައި ހަމަޖައްސައި އަޅަންފެށި އެ ފްލެޓްތަކާއި، އަރަބިއްޔާ އާއި ގާކޮށީގެ ފްލެޓްތަކެވެ. އެ މަޝްރޫޢުތަކަކީވެސް ރައީސް ޔާމީނުގެ ސަރުކާރުގެ ކުރީގެ ސަރުކާރުތަކުގައި ހަމަޖެހިފައި ހުރި މަޝްރޫޢުތަކެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި، މާލެ ސަރަހައްދުގައި މީހުން އަލަށް ދިރިއުޅެން ދޫކުރެވުނީ، އެދެ މަޝްރޫޢުގައި ހިމެނޭ ޖުމުލަ 784 ފްލެޓެވެ. ފަސްއަހަރުގެ ދައުރުގެ ތެރޭގައި މާލެ ސަރަހައްދުގައި ރައީސް ޔާމީނުގެ ސަރުކާރަށް ސުމަކުން ފަށައިގެން ނިންމުނު އެއްވެސް ފްލެޓެއް ނެތެވެ.
ރައީސް ޔާމީނުގެ ސަރުކާރުގެ އެންމެ ފަހު އަހަރުގައި ފެށުނު ހިޔާ މަޝްރޫޢުގެ ޓަވަރުތައް ނިމި އެތަންތަނުގައި މީހުން ދިރިއުޅެން ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް ދިނުމަށް ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތް މިސަރުކާރުން ފަށައި، ގޯއްޗާއި ފްލެޓަށް ހުޅުވާލުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެއީ ނުވެސް ނެތް ބިމަކާއި ފްލެޓް ކަމަށެވެ.
އެހެން ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރާއި ޚިލާފަށް މިސަރުކާރުން ފްލެޓާއި ގޯތި ދޫކުރަން ހުޅުވާލައި އެމަސައްކަތްފެށިއިރުވެސް ފްލެޓް އިމާރާތްތަކާއި ހިއްކާފައިވާ ބިންތައް އެހުރީ ފެންނާށެވެ. ހުޅުމާލެ ފޭސް ދޭއްގައި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުން އަންނަ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް އެހުރީ ނިމިފައެވެ. ގުޅިފަޅުން ބޮޑު ބައެއް ވަނީ ހިއްކިފައެވެ. ގިރާވަރުފަޅުގެ އެތައް ހެކްޓަރެއްގެ ބިން އެވަނީ ހިއްކާފައެވެ. ހުޅުމާލެ ތިންވަނަ ފޭސް ހިއްކުމަށް މިހާރު އެއޮތީ ތައްޔާރުވެފައެވެ. ސަރުކާރުތަކުގެ ހައުސިން ސިޔާސަތުތަކަށް ރައްޔިތުންގެ އޮތް އިތުބާރު ނަގާލީ، ރައީސް ޔާމީނުގެ ސަރުކާރުންނެވެ. ނެތް ފްލެޓްތަކަކާއި ހިއްކާފައި ނެތް ބިންތަކަކުން އެތައް ބަޔަކަށް ގޯތި ލިބޭނެ ކަމުގެ ލިޔުންތައް ބަހާލީ، މިސަރުކާރަށް އުނދަގުލާއި ތަކުލީފް ޖެއްސުމުގެ ގޮތުންނެވެ.
ގިރާވަރުފަޅު ހިއްކުމުގެ ތެރެއިން، ފޮޓޯ: އެޓޯލް ޓައިމްސް
ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ، މިހާރު ފެށިފައި ހުރި ހައުސިން މަޝްރޫއުތަކަކާއި އެނޫން މަޝްރޫޢުތައްވެސް އޮމާންކޮށް ކުރިޔަށް ދިޔުމަށްޓަކައެވެ. ގެދޮރުވެރިޔާ ސްކީމަށާއި، ބިންވެރިޔާ ސްކީމަށް، އެމްޑީޕީ ސަރުކާރުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމަށް ވެގެން ދިޔަ ގޮތް ވިޔަ ނުދިނުމަށްޓަކައެވެ. ހުޅުމާލޭގައި ބިން އޮތް ނަމަވެސް ގުޅިފަޅުން ބައެއް ހިއްކާފައި އޮތް ނަމަވެސް، ސިޔާސީ ހައިޖާނުގަނޑެއް އުފައްދައި ބަޣާވާތަކުން ވެރިކަން ވައްޓާލި އިރު، ފްލެޓަށް ނުވަދެވި ތިބި މީހުންނަށް ގޯތި ލިބި އެގްރިމެންޓްތަކުގައި ސޮއެނުކުރެވި ތިބި މީހުންނަށް ރައީސް ޔާމީނުގެ ސަރުކާރުން އެތަންތަން ނުދިނުމުގެ ސަބަބުން މާލޭގެ އެތައް ރައްޔިތުންނަކަށް ޖެހުނު ގިލަންވެރިކަން އަލުން ތަކުރާރު ވިޔަ ނުދިނުމަށްޓަކައެވެ.