ރައީސުލްޖުމްހޫރިއްޔާއަށް މެލޭޝިއާއިން ހޫނު މަރުހަބާއެއް ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، މެލޭޝިއާ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން ކުރިއަށްދިޔައީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޕެރޑާނާ ޕުޓްރާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ބޮޑުވަޒީރުގެ އޮފީހަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. އެއަށްފަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި ގާޑު އޮފް އޮނަރއެއް އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑައިސަށް އަރާވަޑައިގަތުމުން ވަނީ ދެޤައުމުގެ ސަލާމް ކުޅުނެވެ. އެއަށްފަހު ވަނީ ދެޤައުމުގެ ވަފްދުގެ ބޭފުޅުން ތަޢާރަފްކޮށްއަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.