ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބިދޭސީމީހާ.
ވޭޕްގެ ވިޔަފާރި ހިންގަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، ބަނގްލަދޭޝް (27އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ހިންގި މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި، ފުލުހުންގެ އިތުރުން ޞިއްޙީ ވުޒާރާއާއި އިޤުތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވިކަމަށާއި، މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.