Advertisement

ހައްޔަރު ކުރި މީހުން ---

09 Sep 2024
ޚަބަރު

ބަރަހަނާ ފޮޓޯއާއި ވީޑީއޯ ޝެއާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހުއްޓުވައި 3 މީހުން ހައްޔަރުކޮށްފި

އެކި މީސް މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑީއޯ ޝެއާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހުއްޓުވައި 3 މީހުން ހައްޔަރުކޮށްފައިވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ) ކަމަށެވެ.

ފުުލުހުންގެ އިދާރާއިން ވިދާޅުވީ، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، އދ. މަހިބަދޫ / ބަހާރުގެ، ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއިވެެ. އަދި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ކ. ކާށިދޫ / ސިލިންކޯ، އިސްމާޢީލް ރަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ހުއްޓުވާފައި ވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ހުއްޓުވާފައިވާ ކަމަށެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ދެލައްކައަށް ވުރެ ގިނަ ފޮޓޯއާއި އަށްޑިހަ ހަހާހަށްވުތެ ގިނަ ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެވީޑިއޯތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ވީޑިއޯތައްވެސް ހިމެނޭ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އަދި އެ ތިން މީހުންވެގެން، އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމާ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާގެ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.